ޕާޓީ ނިންމާލުމާއެކު ފަރީޝާމެން މިސްރާބުޖެހީ ގެއާ ދިމާލަށެވެ.ކައިވެނީގެ ފުރަތަމަރޭ ދެމީހުންވެސް ނިންމާލީ އުފަލާ އަރާމު ހާސިލުކުރުމަށްފަހުގައެވެ.
************
މީހަކާއެކު ނިދަން ފަރީޝާއަށް ވަރަށް އުދަނގޫވިއެވެ.ނަމަވެސް ހަޔާތެއް ފެށުމާއެކު ކުރިން ތަޖުރިބާ ކޮށްފައިނުވާ އެތައްކަމެއް ދެން އޭނާ ތަޖުރިބާ ކުރަންޖެހޭނެކަން ފަރީޝާއަށް އެނގެއެވެ.އުމުރުގެ ގޮތުން ވިޔާމް ފަރީޝާއަށް ވުރެ ހަތްއަހަރު ދޮށްޓަސް އެދެމީހުންެ އުޅޭ ލޯބި ދިރިއުޅުމުން އެފަރަގު އޮތްހެނެއް ހިއެއްނުވެއެވެ.ފަރީޝާ ހީކުރިވަަރަށް ވުރެވެސް ވިޔާމްގެ ލޯތްބާއި އަޅާލުން އޭނާއަށް ލިބެމުންދިޔައީ މާފުރިހަމަކޮށެވެ.
ދުވަސްތައް ހިނގަމުންދިޔައެވެ.ވިޔާމެކޭ އެއްފަދައިން އޭނާގެ އާއިލާގެ ފަރާތުންވެސް ފަރީޝާއަށް ލޯބި ލިބެމުންދިޔައެވެ.ވިޔާމާއި ވިޔާމްގެ އާއިލާގެ ފަރާތުން ފަރީޝާއަށް ލޯތްބާއި އަޅާލުން ލިބުނުކަމުގައިވިޔަސް ފަރީޝާ، އޭނާގެ ބައްޕަ މަތިން އެންމެ ސިކުންތަކަށްވެސް ހަނދާން ނައްތައެއްނުލައެވެ.އެމީހުން ކިތަންމެ އޯގާތެރިވިއަސް ބައްޕަގެ މަގާމެއް އިތުރުބަޔަކަށް ނުދެވޭނެތާއެވެ.ކަންމިހެން އޮތަސް ފަރީޝާވެސް ވިޔާމްގެ މައިންބަފައިންދެކެ ލޯބިވެއެވެ.
މިއަދުވެސް އާދައިގެމަތިން ފަރީޝާ އޭނާގެ ބައްޕައަށް ގުޅާލިއެވެ.ކުރީ ފަހަރުތަކާ ޚިލާފަށް މިފަހަރު އެކޮޅުން ފޯނު ނެގިއެވެ. ފޯނު ނެގުމާއެކު ފަރީޝާ ވަގުތުން ބައްޕާއޭ ކިޔާ ގޮވާލިއެވެ. “އާނ” ބައްޕަގެ ރާގު މިއަދުހުރީ ތަންކޮޅެއް ރަނގަޅަށެވެ.އެހެންކަމުން ފަރީޝާ އޭނާގެ ބައްޕައާ ކޮއްކޮމެންގެ ހާލުއޮޅުންފިލުވާ ވާހަކަދައްކަން ފެށިއެވެ.ފަރީޝާގެ ކޮންމެ ސުވާލަކަށް އޭނާގެ ބައްޕަ ޖަވާބުދެމުންދިޔައެވެ.އެކަމާ ފަރީޝާ ވަރަށް އުފާކުރިއެވެ.”ދަރިފުޅު ކައިފިންތަ މިހާރު؟” ދަރިފުޅާއޭ ބައްޕަ ބުނުމުން ފަރީޝާ ވަރަށް އުފާވިއެެވެ.އަދި އެދެލޯ އުފާވެރި ކަރުނައިން ތެންމާލިއެވެ
“އާނ ކައިފިން ބައްޕަ ކައިފިންތަ؟” ފަރީޝާ އަހާލިއެވެ.”އާނ ކައިފިން…ކަމެއް ބޭނުންވަންޏާ ބައްޕަ ކައިރިބުނާތި އިނގޭ…ތިގޭމީހުން ރަނގަޅުތަ؟”ފަރީޝާގެ ބައްޕަ އަހާލިއެވެ.ބައްޕަގެ ސުވާލަށް ޖަވާބުދިީ ނިމުނުތަނާ ދޮންމަންމަ އައި އަޑު ފަރީޝާއަށް އިވުނެވެ.ދޮންމަންމަ އައުމާއެކު ބައްޕަގެ އަޑު މަޑުވިއެވެ.
“ހާދަ ސިއްރުން ކާކަށް ގުޅާލައިގެން؟” ދޮންމަންމަ އެހީ އާދައިގެރާގަކަށެވެ.”ފަރީޝާއަށް” އޭނާގެ ބައްޕަ ބުނެލިއަޑު ފަރީޝާއަށް އިވުނެވެ. “ކީއްކުރަން؟…އަހަރެމެން ބޭނުންނުވާތީދޯ އަހަރެމެންގެ ބަހަށް ތަބާނުވެ އެވިޔާމާއެކު ފިލައިގެން އޭނަ ދިޔައީ…ހަކީމް ހަނދާންނެތުނީތަ މިހާރު؟…އަހަރެން ގަބޫލެއްނޫން ހަކީމް އޭނައާ ވާހަކަދައްކާކަށް…ފަރީޝާވެއްޖިޔާ އޭނަ އަހަރެމެން ވެއްޖިޔާ އަހަރެެމެން ކޮންމެވެސް އެއް އިޚްތިޔާރެއް ހަކީމަށް ލިބޭނީ…ފަރީޝާ އިޚްތިޔާރުކުރާނަމަ އަހަރެން އަހަރެންގެ ދެކުދިން ގޮވައިގެން މަންމަގެ ފަޅުގެއަށް ބަދަލުވާނަން” ފަރީޝާގެ ދޮންމަންމަގެ އަނގަމަތީ އިންޒާރުގެ އަޑު ފަރީޝާއަށް އިވުނެވެ.އެއާއެކު އެކޮޅުން ފޯނުކަނޑާލިއެވ.ެއެދުވަހަށްފަހު ދޮންމަންމަ ހުންނަތަންތާ ބައްޕަ ފަރީޝާ ގުޅިއަސް ފޯނެއްނުނަގައެވެ.
*****
(މިހާރު)
ލޯ ކަރުނައިން ތެމިފައިވާ ފަރީޝާ ލޯ ފުހެލިއެވެ.އަދި އަތުގައިއޮތް ފޯނުން ބައްފަގެ ނަންބަރަށް ގުޅާލަން އުޅުނެވެ.އެނަންބަރަށް ގުޅާލުމަށްފަހުވެސް ފަރީޝާ އެކޯލު ކަނޑާލިއެވެ.އެއީ އޭނައާ ހެދި ބައްޕަގެ ހަޔާތް ރޫޅޭކަށް އޭނާ ބޭނުންނުވާތީއެވެ.ފޯނު ހޭންޑްބޭގަށްލުމަށްފަހު ޕާކުތެރޭގައި ކުޅެމުންދިޔަ ކުދިންތަކަށް ފަރީޝާ ބަލައިލިއެވެ.އަދި މަޑުމަޑުން އަނެއްކާވެސް މާޒީއަށް ގެނބެމުންދިޔައެވެ.
*************
ފަރީޝާއާ ވިޔާމް ވަރަށް ލޯބިން އުޅެމުންދިޔައެވެ.އެދެމީހުން އުޅޭ ލޯބިކަމުން އެއީ ހަގީގީ ދެލޯބިވެރިންނޭ އެދެމީހުން ފެންނަ ބަޔަކުނަމަ ހިތަށްއަރާނެއެވެ.ދުވަސްތައް ފާއިތުވަމުން ގޮސް ކައިވެންޏަށް އެެއްއަހަރު ފުރުނެވެ.ވިޔާމާ ފަރީޝާގެ ލޯބި ހަޔާތަށް ހިތާމަވެރިކަމެއް އައީ، އެއްއަހަރު ވީއިރުވެސް އެދެމަފިރިން ދަރިއަކު ހޯދަން ކުރި މަސައްކަތް ކާމިޔާބުނުވުމުންނެވެ.އެހެންކަމުން އެދެމަފިރިން ޓެސްޓް ކުރަން ނިންމިއެވެ.ހެދި ޓެސްޓުތަކުގެ ނަތީޖާއިން ބުނާގޮތުގައި، ބަނޑުގައި ސިސްޓެއް އިނުމުގެ ސަބަބުން ދަރިމައިވުމަށް ހުރަސްއެޅި މައްސަލަހުރީ ފަރީޝާގެއެވެ.އެކަމާ ފަރީޝާ ވަރަށް ދެރަވިއެވެ.އެހެންނަމަވެސް އެސިސްޓް ވިރުވާލެވިއްޖެނަމަ އޭނާއަށް ދަރިންލިބޭނެކަމަށް ޑަކުޓަރުން ބުނުމުން އެކަމަށް ފަރުވާކުރަން ފެށިއެވެ.ޑަކުޓަރުގެ އިރުޝާދުގެމަތިން ފަރީޝާ ކަންތައްކުރުމުން ބަނޑުގައިވާ ސިސްޓް ވިރުނެވެ.ނަމަވެސް ދެން އޭނާއަށް ކުރިމަތިވީ އަނެއްކަމާއެވެ.ދަރިމައިވުމަށް ބޭނުންކުރި ބޭސްތަކެއްގެ ސަބަބުން، ހިކިކޮށްހުރި ފަރީޝާ ފަލަވެ ހަށިގަނޑު ބަރުވީއެވެ.އެހެންކަމުން އަނެއްކާވެސް ދަރިމައިވުމަށް ހުރަސްއެޅުނީއެވެ
ދަރިއަކު ހޯދުމަށް ފަރީޝާމެން ވަރަށް މަސައްކަތްކުރިއެވެ.އެތައް ޑަކުޓަރުންނަކަށް ދެއްކިއެވެ.އެތައް ބޭހެއްވެސް ބޭނުންކުރިއެވެ.އެތައްފަހަރަކު ހިޖާމާވެސް ޖެހިއެވެ.ކުރުކޮށް ބުނާނަމަ ދަރިމައިވުމަށް ކުރަންޖެހޭ ހުރިހާ ފަރުވާއެއް ކުރިއެވެ.ނަމަވެސް ކާމިޔާބުވާގޮތެއްނުވިއެވެ.
ކުރި ބުރަމަސައްކަތާ އަޅާބަލާއިރު އެދެވޭ ނަތިޖާއެއް ނުލިބުމުން ފަރީޝާ އިތުރަށް މާޔޫސްވިއެވެ. ކައިވެންޏަށް ދެއަހަރުފުރި ތިންއަހަރުވީ އެމީހުންގެ އެއުންމީދުގައި ކުލަނުޖެހި ވަނިކޮށެވެ.މިހާރު ފަރީޝާގެ ކަމަކީ ކޮޓަރިތެރޭގައި ހަތަރުދަމު އޮވެ ރުއިމެވެ.ނޫނީ ދަރިއަކު ދެއްވާތޯ ހެއްދެވި ފަރާތަށް ދުއާކޮށް އާދޭސް ދެންނެވުމެވެ.
ހަށިގަނޑު ފަލަވުމުގެ ސަބަބުން ފަރީޝާ ދެއްކި ހުރިހާ ޑަކުޓަރުންވެސް އޭނާ ކައިރިބުނީ އެއްވާހަކައެވެ.ބަރުދަން ލުއިކުރުމަށެވެ.އެހެންކަމުން ދުވާލުދެއިރަށް ފަރީޝާ ހިނގަންދިޔައެވެ.އެއްމަސް ފާއިތުވިއިރުވެސް ހަށިގަނޑަށް ބަދަލުއަންނަ ހެނެއް ހިއެއްނުވެއެވެ.އެއާއެކު ފަރީޝާ އިތުރަށް މާޔޫސްވިއެވެ.
ހަށިގަނޑު ބަރުވެ ފަރީޝާގެ ކުރީގެ ރީތި ސިފަ ގެއްލުމުން ވިޔާމްގެ ލޯތްބާއި އަޅާލުންވެސް ދިޔައީ ފަނޑުވަމުންނެވެ.ކުރިން ފަރީޝާއާ ދިމާލަށް ލޯބިން ބެލިއަސް މިހާރު އެއްގޮތަކަށްވެސް ވިޔާމް ފަރީޝާއާ ދިމާލަށް ބަލައިނުލައެވެ.ފަރިޝާ ވަރަށް ފަލަވެއްޖެކަން އިރުއިރުކޮޅާ ވިޔާމް އޭނާއަށް ހަނދާންކޮށްދެނީ މަލާމާތުގެ ޒާތަކަށެވެ.ވިޔާމްގެ އެއަމަލުތަކުން ފަރީޝާ އިތުރަށް ދެރަވިއެވެ.އެއްކޮޅުން ދަރިން ނުލިބޭތީ އެހިތާމަ ކުރާއިރު އަނެއްކޮޅުން ވިޔާމަށް އަންނަމުންދާ ހެޔޮނޫން ބަދަލުގެ ސަބަބުން ފަރީޝާ ފިކުރުބޮޑުވާން ފެށިއެވެ.އެއާއެކު ހިކެން އޭނާ ކުރަމުންދިޔަ މަސައްކަތް މުޅިންހެން ހުއްޓުނެވެ.
ފަރީޝާމެންނެކޭ އެއްފަދައިން ވިޔާމްގެ އާއިލާއިންވެސް އިންތިޒާރުކުރަމުންދިޔައީ ވިޔާމްމެނަށް ދަރިއަކު ލިބޭނެ ދުވަހަކަށެވެ.ނަމަވެސް ފަރީޝާ ދުވަން ނުދާންފެށުމުން އެމީހުން ފަރީޝާދެކެ ނުރުހުންވިއެވެ.އެމީހުންގެ ނަޒަރުގައި ފަރީޝާ ދަރިއަކު ހޯދަން އެހާ ބޭނުމެއް ނުވެއެވެ.އެކަމާ އެހާ މަސައްކަތެއްވެސް ނުކުރެއެވެ.ނަމަވެސް ފަރީޝާ ކުރަމުންދާ ހިތާމަޔާ ދަރިއަކު ބޭނުންވާވަރު އިނގޭނީ ހަމަ ފަރީޝާއަށެވެ.
“މިއަދުވެސް ނުދަންދޯ ދުވާކަށް؟” ފަރީޝާ ބަދިގެ ތެރޭގައި ހުއްޓާ މައިދައިތަ އައިސް ބުނެލިއެވެ.މައިދައިތަގެ އެސުވާލަށް ފަރީޝާ އަނގައަކުން ނުބުންޏެވެ.
“ފަރީޝާ ދަރިން ބޭނުންނުވިއަސް ވިޔާމާ ދޭތެރޭގަ ވިސްނާލަންވާނެެއެއްނު…އޭނަގެ ހަޔާތް ބޭކާރުވެ ޒުވާން އުމުރު އެހެރަ ނިމެނީ އެފަކީރަށް ބައްޕާއޭ ކިޔާލާނެ ދަރިއަކު ނުލިބި….ތިހާ އަމިއްލަ އެދުން ބޮޑުވާކަށް ނުވާނެ ފަރީޝާ” ވަރަށް ނުރުހުންތެރިކަމާއެކު މައިދައިތަ ބުނެލިއެވެ.
މައިދައިތަގެ އެބަސްތަކުން ފަރީޝާ ފެންކަޅިވިއެވެ.މައިދައިތައަށް ނުވިސްނޭތީ ފަރީޝާ ހައިރާންވިއެވެ. “ފަރީޝާވެސް ބޭނުންވޭ ދަރިއެއް މަންމާ…އެކަމަކު މީ އެއްވެސް އިންސާނެއްގެ ބާރުގަވާ ކަމެއްނޫން” ފަރީޝާ އޭނާގެ ދިފާއުގައި ބުނެލިއެވެ. “ތީ ފަރީޝާ އަމިއްލައަށް ކުރާކަމެއް މިދޭތެރެއިން ދުވަންގޮސް މިހާރު ތިހުއްޓާލީ…ޑަކުޓަރުވެސް ބުންޏެއްނޫންތަ ހިކޭށޭ…ފަރީޝާ ހިކުނީމަ ދަރިން ލިބޭނެ” މައިދައިތަ ބުނެލީ ނުރުހުމުގެ ރާގަކަށެވެ.
“މިހިރަ ފެންނަގޭ ވާގިއާގެ ދަރި ރަހުމާް އެއީ ކުރިން ފަރީޝާއަށްވުރެވެސް ފަލަކޮށް ހުރިކުއްޖެއް..އޭނައަށްވެސް ދަރިން ނުލިބިގެން ޑަކުޓަރަށް ދެއްކީމަ އޭނަ ކައިރިވެސް އެމީހުން ބުނީ ހިކެންަ..އޭނަ އެމީހުންބުނި ގޮތަށް ކަންތައްކޮށް ހިކުނީމަ ބަލަ އެއޮތީ އޭނައަށްވެސް ދަރިއަކުލިބިފަ” މައިދައިތަ ބުނެލިއެވެ.ފަރީޝާ ކުށްވެރިކޮށް މައިދައިތަ ވާހަކަދެއްކުމުން އޭނާ ވަރަށްދެރަވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.






Poor fareesha alhe fareesha ah baby eh libeyne Nama ????
BTW mi part VX vrh reethi Hama obinex to the max