އަނެއްދުވަހު އިރުއެރުމާއެކު ފަރީޝާ ތެދުވިއެވެ.ވިޔާމާ އަދި ކައިވެނި ނުކުރާތީ ދެމީހުންވެސް ނިދީ ވަކިން ކޮޓަރިއެއްގައެވެ.އެގޮތުން ފަރީޝާ ނިދީ އެގޭގައި މެހެމާނުންނަށް ހާއްސަކޮށްފައި ހުންނަ ކޮޓަރީގައެވެ.އެނދުމަތި ރީތިކޮށްލުމަށްފަހު ފަރީޝާ ފެންވަރައިގެން ކޮޓަރިން ނިކުތެވެ.ގޯތިތެރެއަށް ނިކުތުމުގެ ކުރިއަށް ފަރީޝާ ފުރަތަމަ މިސްރާބުޖެހީ ވިޔާމްގެ ކޮޓަރިއަށެވެ.ކޮޓަރިދޮރުމައްޗަށް ހުއްޓިލުމަށްފަހު މަޑުމަޑުން ދޮރުގައި ފަރީޝާ ޓަކިޖަހާލިއެވެ.ދެފަހަރު ޓަކިޖެހުމުންވެސް ދޮރުނުހުޅުވުމުން މަޑުމަޑުން ތަޅުގައި ފަރީޝާ ހިފާލިއެެވެ.ކޮޓަރިތަޅުނުލާ ހުރުމުން ދޮރު ހުޅުވުނެވެ.އެވަގުތު ނިދާފައި އޮތް ވިޔާމްފެނި ފަރީޝާއަށް ހިނިތުންވެވުނެވެ.އަދި ވިޔާމް ނިދާފައި އޮތުމުން އޭނާއަށް ނުގޮވާ ގޯތިތެރެއަށް ފަރީޝާ ނިކުތެވެ.
ފަރީޝާ މުޅި ގޯތިތެރެ ކުނިކަހާ ނިންމާލިއެވެ.އަދި ބަދިގެއަށް ސައިހަދަން ވަންނަން އުޅެނިކޮށް ވިޔާމްގެ މަންމަ އައެެވެ. “އަހަނ ދަރިފުޅު މިތަން ސާފުކޮށް ބަދިގެއަށް ވަންނަނީތަ؟” ހޭލައިގެން އައި ވިޔާމްގެ މަންމައަށް ފަރީޝާ ފެނުމުން އަހާލިއެވެ. “އާނ ސައިހަދަންކަމަށް…” ފަރީޝާ ބުނެލިއެވެ. “އުހުނ..ދަރިފުޅު ސައިހަދާނެކަމެއްނެތް..އަދި ދަރިފުޅު ވިޔާމަކާ ކައިވެންޏެއްވެސް ނުކުރަމެއްނު..އެހެންވީމަ ދަރިފުޅު އަދިވާނީ މަންމަމެންގެ މެހެމާނަކަށް..ދޭ ޖޯލީގަ އިންނަން މަންމަ ސައިހަދާނަން” ފަރީޝާއަށް ވިޔާމްގެ މަންމަ ބުނެލިއެވެ.ވިޔާމްގެ މަންމަ އެހެންބުނުމުން ފަރީޝާ ޖޯލީގައި އިށީނެވެ.
ވިޔާމްގެ މަންމަ ސައިހަދާ ނިމުނުތަނާ ވިޔާމްގެ ދައްތަ، ވަރުދާ ގޮވައިގެން އައެވެ.ކުއްޖާއަށް ބަކުންހަދަން އޭނާ ބަދިގެއަށް ވަންނަން އުޅުނުވަގުތު ފަރީޝާ ވަރުދާ އުރާލިއެވެ.އަދި ކުއްޖާ ގޮވައިގެން ޖޯލީގައި އިނެެވެ.ވަރުދާއަށް ސަމާސަކުރަން ފަރީޝާ އިންދާ ވިޔާމް ނިކުތެވެ.އަދި ވަރަށް އަވަސްއަވަހަށް ގޯތިން ނިކުތެވެ.ވިޔާމްގެ އެއަމަލުން ފަރީޝާ ވަރަށް ހައިރާންވިއެވެ.ފަރީޝާ ފެންނަން އިންއިރު ގޮވާވެސްނުލާ ސައިވެސްނުބޮއެ މާއަވަަހަކަށް ވިޔާމް އެދިޔައީ ކޮންތަނަކަށްބާއޭ ފަރީޝާގެ ހިތަށްއެރިއެވެ.
ސައިހެދި އެންމެންވެސް މޭޒުދޮށަށް ޖަމާވިވަގުތު ވިޔާމް ގޯތިތެރެއަށް ވަނެވެ. “ދަރިފުޅު އާދޭ ސައިބޯން..ދަރިފުޅު ނައިސްގެން ނުފެށިފަ މިތިބީ” ވިޔާމް ވަތްތަން ފެނުމުން އޭނާގެ ބައްޕަ ބުނެލިއެވެ. “މިއަންނަނީ ކޮޓަރިއަށްވަދެލާފަ” އެހެންބުނެ ފަރީޝާގެ މޫނަށް ބަލައިލުމަށްފަހު ވިޔާމް އަވަހަށް ކޮޓަރިއާދިމަލާށް ދިޔައެވެ.ވިޔާމްގެ މިއަދުގެ އަމަލުތަކުން ފަރީޝާ އިނީ ވަރަށް ހައިރާންވެފައެވެ.ނަމަވެސް ރަށަށް އައި ދެވަނަދުވަަހަށްވެފައި އަދި ވިޔާމާ ކައިވެނިވެސް ނުކޮށްހުއްޓާ އެކަހަލަ ހީތައްކުރުން އެއީ ރަނގަޅުކަމެއްނޫންކަމަށް އަމިއްލަ ހިތަށް ފަރީޝާ ވިސްނައިދިނެވެ. ވިޔާމް އައުމުން އެންމެންވެސް ސައިބޯންފެށިއެވެެ.
“ކޮންއިރަކުން ތިދެކުދިން ކައިވެނިކުރަނީ؟” ވިޔާމްގެ ބައްޕަ ބުނެލިއެވެ. “އެކަމާ މިއުޅެނީ ވީހާވެސް އަވަހަކަށް ކައިވެނިކުރަން ބޭނުންވަނީ” ވިޔާމް ބުނެލިއެވެ. “އާނ..އެކަންތައް ފަސްނުކޮށް އަވަހަށް ކުރުން ބައްްޕައަށް ފެންނަނީ” ވިޔާމަށް އޭނާގެ ބައްޕަ ބުނެލިއެވެ.
ކައިނިމިގެން ފަރީޝާ އޭނާގެ ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ.އެވަގުތު ވިޔާމްވެސް އޭނާގެ ފަހަތުން ދިޔައެވެ.ކޮޓަރީގެ ދޮރުހުޅުވާލި ފަރީޝާގެ ލޮލުގައި އަޅައިގަތީ ޑުރެސިން ޓޭބަލްމަތީގައި އޮތް ފޯނުފޮށިގަނޑެވެ.އެފެނުމާއެކު އެޔާދިމާލަށް ބަލަން ދޮރުމަތީގައި ހުރިގޮތަށް ފަރީޝާއަށް ހުރެވުނެވެ. “ސަޕްރައިޒް!” ފަރީޝާގެ ކަންފަތްބުޑުގައި ވިޔާމް އެހެންބުނެލުމާއެކު ފަރީޝާ ދިޔައީ ސިއްސައިގެންނެވެ. “ކަމުދާނެކަމަށް އުންމީދުކުރަން” ވިޔާމް ބުނެލިއެވެ.
“މިހެންވެދޯ މާ އަވަހަކަށް ގެއިންނިކުމެގެން އެދިޔައީ” ހެވިލާފައި ފަރީޝާ ބުނެލިއެވެ.ފަރީޝާގެ އެބަހަށް ވިޔާމް ބޯޖަހާލިއެެވެ.ޑުރެސިން ޓޭބަލްމަތީގައި އޮތްފޯނު ފޮށިގަނޑު ނަގާ ފަރީޝާ ހުޅުވާލިއެވެ.އޭގެތެރޭގައި އޮތް ޓަޗްފޯނުފެނި ފަރީޝާ ވަރަށް އުފާވިއެވެ. “ފަރީޝާއަކަށް ނޭނގޭނެ މިއާކުޅޭކަށް” ފަރީޝާ ބުނެލިއެވެ. “ދަސްކުރާނީއޭ..ކުރިން ވިޔާމްދިން ބައްތިފޯނާވެސް ކުޅެންދަސްވީނު..މީއެހާ އުދަނގުލެއްނުވާނެ..ބައި ދަ ވޭ ސިމްކާޑެއްވެސް އިންނާނެ…ފަރީ ބޭނުންވަންޏާ އެހެން ސިމެއްވެސް ނެގިދާނެ ފޯނުވެސް ބަދަލުކުރެވިދާނެ” ވިޔާމް ބުނެލިއެެވެ. “އުހުނ..ރަނގަޅުވާނެ…ވަރަށް ހެޕީވެއްޖެ ތެންކިޔޫ” ފަރީޝާ އުފާވެލާފައި ބުނެލިއެވެ.
ވިޔާމް އޭނާއަށް ފޯނާކުޅޭގޮތް ދަސްކޮށްދިނުމަށްފަހު އެތަނުން ނިކުތެވެ.ވިޔާމް ނިކުތުމާއެކު ފަރީޝާ އަވަހަށް ގުޅާލީ އޭނާގެ ބައްޕައަށެވެ. “ހަލޯ” ފޯނު ރިންގުވިތާ އިރުކޮޅެއްނުވެ އެކޮޅުން އޭނާގެ ބައްޕަ ފޯނުނެގިއެވެ. ބައްޕަގެ އަޑުޖެހުމާއެކު ފަރީޝާ ފެންކަޅިވިއެވެ. “ހަލޯ ހަލޯ…ކާކުބާ؟…ހަލޯ” ފަރީޝާ އަނގައިން ނުބުނެއިނުމުން އޭނާގެ ބައްޕަ ގޮވަންފެށިއެވެ.
ވަރަށް ހިތްވަރުކޮށްލާފައި ފަރީޝާ ބައްޕާއޭ ކިޔާފައި ގޮވާލިއެވެ.ފަރީޝާގެ އަޑުޖެހުމާއެކު ހަލޯ ކިޔަމުންދިޔަ ފަރީޝާގެ ބައްޕަގެ އަޑު މުޅިން ކެނޑުނެވެ.އަދި އިރުކޮޅަކުން އިވުނީ އެކޮޅުން ފޯނު ކަނޑާލި އަޑެވެ. “ހަލޯ..ބައްޕާ ހަލޯ” ލޯފުހެލުމަށްފަހު އަނެއްކާވެސް ފަރީޝާ ބައްޕަގެ ނަންބަރަށް ގުޅާލިއެވެ. “ކިހިނެއްވީ؟” ފޯނުނެގުމާއެކު ބައްޕަ އަހާލީ ވަރަށް ހަރުކަށިކޮށެވެ. “ބައްޕާ” އަނެއްކާވެސް ފަރީޝާ މަޑުމަޑުން ގޮވާލިއެވެ. “ތީކާކު؟” އެކޮޅުން ބުނެލިއެވެ. “މީ ފަރީޝާއެއްނު ބައްޕަގެ ދޮށީ ދަރިފުޅެއްނު” ފަރީޝާ ބުނެލިއެވެ. “އަހަރެންގެ ތިނަން ކިޔާ ދަރިއަކު ނުހުންނާނެ..މިގެއިން އޭނާ ދިޔަފަހުން އަހަންނަށް އޭނަ މަރުވެއްޖެ..އަހަންނަށް ދެން ނުގުޅާތި” ފަރީޝާއަށް ވާހަކަދައްކާލުމުގެ ފުރުސަތުނުދީ އެއްނޭވާއިން އެހެންބުނެ ބައްޕަ ފޯނުކަނޑާލިއެވެ.ބައްޕަގެ އެބަސްތަކުން ފަރީޝާ ވަރަށް ދެރަވިއެވެ.އޭނާގެ މިދުނިޔޭގައި ހުރި ހަމައެކަނި މީހާ މިއަދު އޭނާ ދޫކޮށްލުމުން ހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ.
***********
ދުވަސްތައް ހިނގަމުންދިޔައެވެ.ކޮންމެދުވަހަކުވެސް ފަރީޝާ އޭނާގެ ބައްޕައަށް ގުޅައެވެ.ބައްޕަ އޭނާއާ ވާހަކަދައްކަން ބޭނުންނުވިޔަސް ފަރީޝާގެ ހުރި ހަމައެކަނި އާއިލީ މީހާ ދޫކޮށްލާކަށް އޭނާ ބޭނުމެއްނުވެއެވެ.ފަރީޝާ ގަބޫލުކުރާ ގޮތުގައި ބައްޕަ އެހެން އޭނާއާ ދިމާލަށް ބުނީ އައިސްފައިވާ ރުޅީގެ ސަބަބުންނެވެ.ހަގީގަތުގައި ފަރީޝާ ހިތުންނެރެ އެއްލާލަން ބައްޕައަކަށްވެސް ފަސޭހައެއްނުވާނެކަމެވެ.ދުވަސްތައް ދާވަރަކަށް ބައްޕަ ފަރީޝާދެކެ އައިސްފައިހުރި ރުޅި ހިނދި އޭނާއާ ވާހަކަދައްކާނެކަމަށެވެ.އެހެންކަމުން ކޮންމެދުވަހަކުވެސް ފަރީޝާ ގުޅައެވެ.ނަމަވެސް އޭނާގެ ބައްޕަ ފޯނެއް ނުނަގައެވެ.ބައްޕަ ފޯނު ނުނެގިއަސް ފަރީޝާ އުންމީދު ގެއްލުވައެއްނުލައެވެ.ޖެހިގެން އަންނަ ދުވަހުވެސް ގުޅައެވެ.އެދުވަހު ނުނަގައިފިނަމަ ދެން އަންނަ ދުވަހުވެސް ގުޅައެވެ.ހަފްތާއެއް ނިމިގެންދިޔައީ ބައްޕަ ފޯނުނަގާނެކަމަށް ފަރީޝާ ގުޅަމުންދަނިކޮށެވެ.
************
(އެއް ހަފްތާ ފަސް)
މިއަދަކީ ފަރީޝާގެ ހަޔާތަށް އައި އެންމެ ބޮޑު އަދި އުފާވެރި ދުވަހެވެ.އެއީ ފަރީޝާ ޒަވާޖީ ހަޔާތެއް ފަށާ ދުވަހެވެ.ފަރީޝާއާއި ވިޔާމްގެ ޒަވާޖީ ހަޔާތް ފެށުމަށް ކުލަގަދަ ޕާޓީއެއް ބޭއްވުމުގެ ފަހުގެ ތައްޔާރީތައް ވަމުންދިޔައެވެ.ވިޔާމްގެ މޫނުމަތިން އެންމެ ސިކުންތަކަށްވެސް ހިނިތުންވުން ނުކެނޑެއެވެ.ފަރީޝާވެސް އުފާވާން ބޭނުމެވެ.ނަމަވެސް އޭނާގެ ހިތުގައި ރިހެނީ ބައްޕައާ ނުލާ މިއުފާވެރިދުވަސް ފަށަން ޖެހުނީމައެވެެ.ބައްޕަގެ ވަލީ ނުލިބުމާއެކު ފަރީޝާމެން ކައިވެނިކޮށްދިނީ ގާޒީއަށް ލިބިދީފައިވާ ބާރުން ގާޒީއެވެ.އެކަމާ ފަރީޝާ ވަރަށް ދެރަވިއެވެ.ނަމަވެސް ފަރީޝާ ހިތްއުފާކޮށްދިނުމަށް ވިޔާމްކުރާހާ މަސައްކަތްފެނި ވިޔާމަށްޓަކާ އޭނާ އެހިތާމަ ސިއްރުކުރިއެވެ.
ރޭގަނޑު އަށެއްޖެހިއިރު ޕާޓީ ބާއްވަން ހަމަޖެހިފައިވާ މަންޒިލަށް ފަރީޝާމެން ދިޔައެވެ.މިރޭ އެންމެންވެސް ފަރީޝާއަށް ތައުރީފުކުރިއެވެ.ހުދު ވެޑިންޑުރެސް އޭނާގެ ފަތިހަށިގަނޑާ ގުޅޭކަމަށް އެންމެންވެސް ބުންޏެވެ.ފަރީޝާމެނާ އެއްވަރަށް ކައިވެނި ޕާޓީ ބާއްވާމަންޒިލްވެސް ވަނީ ޒީނަތްތެރިކޮށްލާފައެވެ.އެޕާޓީގައި ވިޔާމް ކައިރި ކޮޅަށް ފަރީޝާ ހުއްޓެވެ.އެ ހަފްލާގައި ފަރީޝާގެ ފަރާތުން އެކަކުވެސް ނެތުމުން އޭނާ ވަރަށް ދެރަވިއެވެ.އެހެންނަމަވެސް އެކަން ފޮރުވާލުމަށްފަހު އެންމެނާ އެއްވަރަށް އޭނާވެސް ހުރީ ހިނިތުންވެލައިގެންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






Wooooooow finally fareesha married vishaam yay yay
Hithah arani dhen kihineh ba ey vaani
BTW mi part VX reethi
Sorry last part thakah comments nukurevuni ma
its ok dear thank you so much ?