” މި.. މިސްޓަރ ކޭ..؟؟” އޭނާއަށް އެތަނުން ދަޔާން އާ ދިޔާން ވަކިކުރާކަށް ނޭނގުނެވެ. ފަހަރަކު މީހެއްގެ މޫނަަސް ބަލަން ހުރި އެ ޒުވާނާގެ ނިއްކުރީގައި ދާތިކިތައް ވިދަން ފެށިއެވެ. މިނޫނަސް އޭނާއަށް ނިބޫއިން ފެނިފައި ވެއެވެ. އެހެނަސް ސޯފާގައި ތިބި ދެބެއިންގެ މޫނުން އޭނާއަށް ކުޑަވެސް ތަފާތެއް ނުފެންނަނީއެވެ. އިސްތަށިގަނޑުގެ ސްޓައިލް ކުރުމުން ފެށިގެން މޫނުމަތީގެ ކޮންމެ ތަފްސީލެއްގައިވެސް ވަނީ އެއްގޮތް ކަމެވެ.
އޮޅުން އަރާފައި ހުރި ޒުވާނާގެ ހަރަކާތްތަކަށް ބަލަން މަޖާވެފައި އިން ދިޔާންގެ ދެލޯ ވިދާލީ ސިކުނޑިއަށް އައި މޮޅު ޚިޔާލަކުންނެވެ.
**********
ޚިޔާލުތައް ކުރިފަޅާ މޫލާ ހެދިގެން ނުދަނީސް ދިޔާން އަށް ހަމަބިމަށް އާދެވުނީ ދޮރުގައި ޓަކި ޖަހާލުމާއެކުއެވެ. ގޮނޑީގައި ބުރަކަށި ސީދާކޮށްލަމުން އެތެރެއަށް ވަނުމަށް ހުއްދަދިނެވެ. އެޔާއެކު އެތެރެއަށް ވަދެގެން އައީ މިއަދު ކުރިޔަށް ގެންދަން ހަމަޖެހިފައިވާ އެއްބަސްވުމެއްގެ ކަންކަން ބެލެހެއްޓުމާ ހަވާލުވެ ހުރި މީޓިންގް ކޯޑިނޭޓަރ އެވެ.
” މިސްޓަރ ޑަބްލިޔު.. ދިމާވި ކުޑަ މައްސަލައަކާހުރެ، ހޮލޯ ކޮމްޕެނީގެ ރެޕްރެޒެންޓޭޓިވްސް އަށް ރާއްޖެ އާދެވޭ ގަޑި ކުޑަކޮށް ލަސްވެއްޖެ.. އެހެންވީމަ މީޓިންގް ލަސްކޮއްލަން ޖެހޭ.. ” ދިޔާން އާ ކުރިމަތިވާނެހެން ހުއްޓެމުން އޭނާ އަތުގައި އޮތް ޓެބްލެޓަށް ބަލާލަމުން ވާހަކަ ދެއްކިއެވެ. ތާވަލަށް އައި ކުއްލި ބަދަލާއެކު ދިޔާން އަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
” ކިހާ އިރަކު އެމީހުންނަށް އާދެވެނީ..؟” ބޮލުގައި އުފެދިފައިވާ ދިލަ ރިހުން ކުޑަކުރުމައްޓަކައި ނޭފަތާއި ނިތްކުރިއާ ދެމެދުގައި ދިޔާން އިނގިލިތައް ހިންގާލިއެވެ.
” އެރީވަލް ޓައިމްގެ ގޮތުގަ މިހާރު އިނީ އެއްގަޑި ފަނަރަ.” ދިޔާންގެ ސުވާލަށް އޭނާ ޖަވާބު ދިނެވެ. ލިބުނު ޖަވާބާއެކު ދިޔާންގެ މޫޑު އިތުރަށް ގޯސްވިއެވެ. އައި ބަދަލާއެކު އޭނާގެ ލަންޗް ބްރޭކް ކުޑަކުރަން ޖެހޭނެތީއެވެ.
” ބައްދަލުވުން އެއްގަޑި ބަޔަށް ހަމަޖައްސާ.. އެއަށްވުރެ ލަސްވެއްޖެނަމަ މީޓިންގް ކެންސަަލް ވާނެ ކަމުގަ އެމީހުންނަށް އަންގާ..” ދިޔާން އޭނާގެ ފަހުގެ ނިންމުން އެންގިއެވެ.
” އޯކޭ ސަރ..” ދިޔާންގެ ބަހަށް ކިޔަމަން ވަމުން އޭނާ ކެބިން އިން ނިކުންނަން ހިނގައިގަތެވެ. ދޮރު ޖަހާލުމާއެކު އޭނާ އިށީނދެ އިން ގޮނޑިއަށް ހަށިގަނޑުގެ ވަރު ދޫކޮށްލެވުނެވެ.
އެހެނަސް އެގޮތަށް ކަމެއްނުކޮށް ގިނައިރު ނީނދެވޭނެކަން ދިޔާން އަށް އެނގެއެވެ. އިރުކޮޅެއްގެ ތެރޭގައި ޝެއަރ ހޯލްޑަރުންނާއެކު ބޭއްވޭ ބޯޑް މީޓިންގް ފެށިގެން ދާނެއެވެ. މީޓިންގް ގައި ދަޔާންވެސް ބައިވެރިވާނެކަން ހަނދާންވުމާއެމު ދިޔާން އަށް އޭނާގެ ދެލޯ ތަގުޅި ކޮއްލެވުނެވެ. ބައްދަލުވުމުގެ ސަމާލުކަން އޭނާގެ ފަރާތުން ދަޔާން ނިގުޅައިގަންނާނެކަން ޔަޤީނެވެ. ދިގު ދުވަހަކަށް މިއަދު ވާނެކަން ޔަޤީންކުރަމުން ދިޔާން މޫނާއި ތުނބުޅިއާއެކު އަތް ހިންގާލިއެވެ.
**************
މީހަކު ބަލާހެން ހީވެ ލިލިއަން އަށް ފަހަތަށް އެނބުރެވުނެވެ. އެހެނަސް މަގުމަތިން ދިޔަ އެކަކުވެސް އޭނާއަށް ފަރުވާލެއް ދިން ހެނެއް ހިޔެއްނުވެއެވެ. ހިނގުން ބާރުކޮއްލެވުނީ އެއްވެސް އިޙްތިޔާރެއް ނެތިއެވެ. ހަވަނަ ހިއްސު އަންގައިދެމުން ދިޔަ ނުރައްކަލަށް އޭނާގެ ނަފްސު ކިޔަމަންވި ފަދައެވެ.
ބާރު ހިނގުމުގައި ގޮސް މަގު ހުރަސްކުރަމުން އައިސް ސުކޫލުގެ ގޭޓުގެ ދޮރުމަތީ ހުއްޓުނެވެ. ކަރުގައި އަޅުވާފައި އޮތް ކާޑު ޖަހާލުމާއެކު ދޮރު ހުޅުވެން ސިކުންތެއްވެސް ނުނެގިއެވެ. ދޮރު ހުޅުވުނުލެކަށްވުރެ އަވަހަށް އެ ދޭތެރެއިން ދެމިގަތުމަށްފަހު ލިލިއަން އަށް މައި ނޭވާއެއް ދޫކޮށްލެވުނެވެ.
އެއްވެސް އިޙްތިޔާރަކާ ނުލާ ގޭޓުގެ ތޭރިތަކުން ބޭރަށް ލިލިއަންގެ ދެލޯ ދަތުރު ކޮއްލިއެވެ. މަގުމަތިން ދުއްވާފައި ދިޔަ އުޅަނދުތަކާއި ދުވާރުމަތިން ހިނގަމުން ދިޔަ މީހުންގެ ސަބަބުން މާހައުލު ފެންނަނީ ބައިބޯކޮށެވެ. އެހެނަސް އެއިން އެއްވެސް މީހެއްގެ ކިބައިން ތަފާތުކަމެއް ލިލިއަން އަކަށް ނުފެނުނެވެ. ހީވި ކުށްހީ އެއްކަމަށް ނިންމަމުން އަތުގައި އޮތް ކޮތަޅަށް ލިލިއަންގެ ނަޒަރު ހުއްޓުނެވެ. ލިބުނު ހުސްގަޑީގައި އޭނާއެއައީ ސުކޫލާއި ކައިރީ ހުރި ބޭކަރީއަކުން ކާއެއްޗެހި ގަނެގެންނެވެ. ސުކޫލުގެ ކެންޓީނަށްވުރެ އެތާ ހުންނަ ކާއެއްޗެހި ލިލިއަން އަށް ކަމުދިޔުމުން އެ ބޭކަރީ ވެފައިވަނީ އޭނާގެ އާންމު މަންޒިލަކަށެވެ. ކާއެއްޗެހި ފެނުމާއެކު ލިލިއަންގެ ބަނޑުން އަޑުކިޔަން ފަށައިފިއެވެ. ޖެހިގެން އޮތް ގަޑި ފެށުމުގެ ކުރިން އަވަހަށް ކައި ނިންމާލުމައްޓަކައި ލިލިއަންގެ ހިނގުން އަވަސް ކޮއްލިއެވެ.
*********
ބޯޑު މީޓިން ފެށުމަށް ގިނައިރެއް ނެތެވެ. ދިޔާންވެސް އޭނާއަށް ހާއްސަކުރެވިފައިވާ ގޮނޑީގައި އިށީނދެ ހަމަޖެހިލަމުން އަޅައިގެން އިން ޓައީ ރީތި ކޮއްލިއެވެ. މީޓިންގް އަށް ވަންނަމުން ދިޔަ މީހުންތަކަށް ބަލައިލެވުނު ދިޔާން އަށް ނަޒަރެއް ދެވުނީ އޭނާގެ ބޭބެގެ ހުސްކޮށް އިން ގޮނޑިއަށެވެ.
ހުރިހާ ޝެއަރ ހޯލްޑަރުންހެން ބައްދަލުވުން ކުރިޔަށް ގެންދާ މާޙައުލަށްވަދެ ނިމިއްޖެއެވެ. އެއާއެކު ދިޔާން އޭނާގެ އަތުކުރީ އޮތް ގަޑިއަށް ބަލައިލިއެވެ. ވަޤުތު ޖެހެން އަދި އެއް މިނެޓު އެބައޮތެވެ. ކުއްލިއަކަށް އޭނާގެ ނަޒަރު ސީދާ ކޮއްލެވުނީ ތަނުގެ ހަމަހިމޭންކަން ގެއްލުމުންނެވެ. ގަޑިން ނަޒަރު ވަކި ކޮއްލުމާއެކު ވެރިވި ހަލަބޮލިކަމުގެ ފަހަތުގައިވީ ސިއްރު ފެނިގެން ދިޔައެވެ. ދޮރުން އެތެރެއަށް ވަދެގެން އައި ދަޔާން ފެނުމާއެކު ހުރިހާ ޝެއަރ ހޯލްޑަރުންހެން ކޮއްޅަށް ތެދުވެއްޖެއެވެ. އެމީހުންގެ މޫނުތަކުގައިވީ ހައިރާންކަން ކުޑަ ވަޤުތުކޮޅެއްގެ ތެރޭގައި އުފާވެރިކަމަށް ބަދަލުވެގެން ހިނގައްޖެއެވެ.
” މިސްޓަރ ކޭ.. ކޮން އިރަކުތޯ ދުރުވީ..؟” ބައެއް ޝެއަރ ހޯލްޑަރުން ދަޔާންގެ ކައިރިއަށް ޖެހިލަމުން ސަލާމަށް އަތް ދިއްކޮއްލުމަށްފަހު ސުވާލު ކުރިއެވެ. އެމީހުންގެ ދެލޯވެސް ވިދަމުން ދިޔަފަދައެވެ. ކޮންމެ ހަރަކާތަކުން ދަޔާން އަށް އެމީހުން ކުރާ ޤަދަރު ހާމަވަމުން ދިޔައެވެ.
” އިއްޔެ އައީ..” ދަޔާން ހިނިތުންވެލަމުން އެމީހުންނާ ސަލާމް ކޮއްލުމަށްފަހު ބުންޏެވެ. މުޅި ބައްދަލުވުން ކުރިޔަށް ދިޔައީ އެފަދަ ގޮތަކަށެވެ. ގިނަ ފަރާތްތަކުގެ ސަމާލުކަން ހުއްޓިފައިވީ ދަޔާން އަށެވެ. ބައްދަލުވުމުގައި މާގިނަ ވާހަކައެެއް ދަޔާން ނުދެއްކިނަމަވެސް އެމީހުން ތިބީ ދަޔާންގެ ފަރާތުން ކިތަންމެ ކުޑަ އިޝާރާތެއްވެސް ފެނޭތޯ އެކަމަށް ބަލަބަލައެވެ. ކުރެވުނު މަޝްވަރާތަކުގައި ލަފަޔަށްވެސް އެހުނީ ދަޔާންގެ ކިބައިންނެވެ. އެހެނަސް ދަޔާން އެހުރިހާކަމެއް ހަވާލު ކުރީ ދިޔާން އާއެވެ. އެކަމުން ދިޔާންގެ ލޭ އިތުރަށް ކެކޭ ގޮތްވިއެވެ. މީގެ ކުރިން އިޙްސާސް ކުރެވިފައިނުވާ ހަސަދަވެރިަކމެއްގެ ހުޅުކޮޅު ހިތުގައި ރޯވެއްޖެއެވެ. ދަޔާންގެ ސަބަބުން އެންމެންގެ ކުރިމަތީ އޭނާގެ އަގުވެއްޓި ލަދުގަންނަން ޖެހިއްޖެއެވެ.
މީޓިންގް ނިމި އެންމެން މާލަމުން ނިކުން އިރުވެސް ދިޔާން އިސް ޖަހާލައިގެން ގޮނޑީގައި އިށީނދެ އިނެވެ. ދަޔާން ގޮނޑިން ތެދުވަމުން އޭނާގެ ކޮއްކޮއަށް ނަޒަރެއް ދިނެވެ.
” ހިނގާ ކުޑަ ބްރޭކް އެއް ނަގަން.. އަހަރެމެން ދެމީހުން ކުރިން ރެގިއުލާކޮށް ދިޔަ ރެސްޓޯރެންޓަށް ޖައްސާލަން ހިނގާބަލަ.. ޑޭންވެސް ސައި ނުބޮއެންނު ގެއިން އައީ…” ދަޔާން ބުންޏެވެ.
ދިޔާން ފުންނޭވާއެއް ދޫކޮއްލަމުން ގޮނޑިން ތެދުވެ ދަޔާން އާ ހަތަރު ކަޅި ހަމަކޮއްލިއެވެ.
” މިގަޑީގަ އަހަންނަކަށް ނެތް ވަޤުތެއް.. އެހެންނޫނަސް ތިދައްކަނީ ޕާސްޓްގެ ވާހަކައެއްނު.. މިހާރާ އޭރާ ވަރަށް ތަފާތު.. ހުރިހާކަމެއް ބަދަލުވެއްޖެ.”
” ކިތަންމެ ބޭނުންވިޔަސް ގަޑި ނުއަތުބުރަކަށް ނޭނބުރޭނެ” ދިޔާން ލަސްފިޔަވަޅުތަކެއްގައި އައިސް ދަޔާންގެ ކޮނޑުގައި އަތް އަޅާލަމުން ކަންފަތްކައިރީ މަޑު މަޑުން ބުނެލިއެވެ. އެއަށްފަހު ހަށިގަނޑު ސީދާކޮއްލަމުން މަޑު ކުރުމެއްނެތި ދިޔާން ނިކުމެގެން ދިޔައެވެ.
ދަޔާން އަށް ހޭވެރިކަންވީ އޭނާގެ ފަހަތުން ދޮރު ލެއްޕުނު އަޑު އިވުމުންނެވެ. ދިޔާން ދެއްކި ވާހަކަތަކުން އޭނަަ ހީކުރި ވަރަށްވުރެ އަސަރު ކުރިކަން ދޭހަވީ އުނދަގުލާއެކު ދޫކޮއްލެވުނު ނޭވާތަކުންނެވެ. ދިޔާން އެންމެ ފަހަށް ބުނެލި ޖުމްލަ މެދުކެނޑުމެއްނެތި އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ.
**************
ގެއަށްވަދެވުމާއެކު ލިލިއަން އާ ބައްދަލު ކުރީ ގޭގެ ގޯތި ތެރޭގައި ދުވަމުން ދިޔަ އެލީއެެވެ. މާ ގަސްތައް ކައިރީ އުޅުނު ކޮކާލެއް ހިފުމަށް އެލީ މަސައްކަތް ކުރަމުންދިޔައެވެ. ދެއަތް އުފުލައިގެން ހުރެ ހެމުން ދުވަމުން ދިޔަ އެލީއަށް ބަލަހައްޓައިގެން ހުރި ލިލިއަންގެ ތުންފަތުގައިވަނީ ހިނިތުންވުމެކެވެ. ދަޔާންގެ ނަސީބު ހާދަގަދައޭ އޭނާގެ ހިތަށް އެރީ އެއްވެސް އިޙްތިޔާރަކާ ނުލައެވެ. އެހެނަސް ދެފަރާތަށް ބޯ ހޫރުވާލަމުން ދަޔާންގެ ޚިޔާލުތައް ސިކުނޑިން ނެރެލުމަށް ލިލިއަން މަސައްކަތް ކުރިއެވެ. ދަޔާން އާ މެދު ވިސްނޭ ކޮންމެ ފަހަރަކު އޭނާގެ ހިތަށް އުނދަގުވަނީއެވެ. ޖަވާބު ނުލިބޭ އަރަތްތައް ކުރިމަތިވަނީއެވެ.
ޚިޔާލުތަކަށް ގެއްލިފައިވާ ލިލިއަން އަށް ހޭވެރިކަންވީ ކުއްލިއަކަށް ބާރު އަޑެއް އިވުމުންނެވެ. ވިނަގަނޑު މައްޗަށް ވެއްޓުނު އެލީ ފެނުމާއެކު ލިލިއަންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ދުވެފައިގޮސް އެލީގެ ކައިރީ ކުޑަކަކޫ ޖަހާލަމުން ގެއްލުމެއްލިބުނުތޯ ބަލާލެވުނެވެ.
*******
ދުވަހުގެ ބާކީބައި މަސައްކަތްތަކަށް ސަމާލުކަން ދިނުމަށް ދަޔާން އަށް ވަނީ ނުކުޅެދިފައެވެ. ދިޔާން އާ މެދު މާ ބޮޑަށް ވިސްެނެނީއެވެ. އޭނާއަށް ރާއްޖެ އާދެވުމަކީ ކުރެވުނު ވަރަށް ބޮޑު މޮޔަކަމެކޭ ހިތް ބުނަނީއެވެ. ދެބެންގެ ދެމެދުގައިވީ ގުޅުން ރަނގަޅު ކުރުމަށް އޭނަަ ކުރަމުންދިޔަ މަސައްކަތުގެ ރަހަ ވަރަށް ހިތްޗެވެ. އެގުޅުން ބަދަހި ވުމުގެ ބަދަލުގައި އިތުރަށް ގުޅުން ހީނަރުވީއެވެ. ދެން ހަނދާނެ ގޮތެއް ނޭނގި ދަޔާން މުޅިން ގޮތް ހުސްވެއްޖެއެވެ.
މޭޒުގައި އޮތް ފޯނު ވައިބްރޭޓު ވާން ފެށުމާއެކު ދަޔާން ބަލައިލިއެވެ. ގުޅަނީ އޭނާގެ މަންމަ ކަމުން ފޯނު ނަގާ ކަންފަތުގައި ދަޔާން ޖައްސާލިއެވެ.
” ހެލޯ… އެލީ..؟ ކިހިނެއްވީ..؟ … އާން.މިދަނީ..” ދަޔާންގެ ނިތްކުރިއަށްވެރިވި ރޫތަކާއެކު ފޯނު ކޯލު ކުރުކޮއްލަމުން ގޮނޑިން ތެދުވިއެވެ. ގޮނޑީގައި އަޅުވާލާފައި އޮތް އޭނާގެ ކޯޓު އަތުގައި އަޅުވާލަމުން ދަޔާން އޭނާގެ ކެބިން އިން ނިކުންނަން ހިނގައިގަތެވެ.
ދޮރު ހުޅުވާލި ދަޔާން އާ ބައްދަލުކުރީ އޭނާގެ ކެބިން އަށް ވަންނަން އައި ދިޔާންގެ ޕީއޭ ހަމްޒާއެވެ. ހާސްކަމާއެކު ކެބިން އިން ނިކުން ދަޔާން ފެނުމުން ހަމްޒާގެ މޫނަށް ވެރިވީ ހައިރާންކަމެވެ.
” ސޮރީ ހަމްޒާ.. އައި ހޭވް ޓު ގޯ.. ޑޭން.. ދިޔާން ކައިރި ބުނެލަ ދެއްޗޭ.. ” ދަޔާން އަވަސް އަވަހަށް ބުނެލިއެވެ.
” ކަމެއްވީތޯ ސަރ..؟” ދަޔާންގެ ޠަބީޢަތަށް އައިސްފައިވާ ބަދަލު ފެނުމުން ހަމްޒާއަށް ސުވާލު ކޮއްލެވުނެވެ.
” ޔެސް.. އެލީ.. އަހަރެންގެ ދަރިފުޅު ވެއްޓިގެން ހޮސްޕިޓަލަށް ގެންދިޔައީމަ..” ދަޔާން އަށް ވާހަކަ ދައްކަންވެސް އުނދަގޫވެފައިވާ ކަހަލައެވެ. އެލީއަށް އަނިޔާވީ ކިހާ ދަރަޖައަކަށް ކަމެއްވެސް ދަޔާން އަކަށް ނޭނގެއެވެ. އޭނާއަށް ދަރިފުޅުގެ މޫނު ނުފެންނަނީސް ހިތްހަމައެއް ނުޖެހެވޭނެއެވެ.
ދަޔާންގެ ވާހަކައާއެކު ހަމްޒާގެ މޫނަށްވެސް ހާސްކަން ވެރިވިއެވެ. ދަޔާންގެ އިތުރު ވަޤުތު ބޭކާރު ކުރުމެއްނެތި ހަމްޒާ އެއްފަރާތަކަށް ޖެހިލީ ދިޔާން އަށް އޭނާގެ މެސެޖު ރައްދު ކޮއްދޭނެ ކަމަށް ބުނަމުންނެވެ.
*****
ބާރު ސްޕީޑުގައި އައި ކާރު ހޮސްޕިޓަލުގެ ޕާކިންގް އޭރިއާގައި ޕާކުކޮއްލުމަށްފަހު ދަޔާން ކާރުން ފޭބިއެވެ. އަވަސް ފިޔަވަޅުތަކުގައި ހޮސްޕިޓަލަށް ވަދެގެން އައިސް އޭނާގެ މަންމަ މެސެޖު ކުރި ފަންގިފިލާއަށް މިސްރާބުޖެހިއެވެ. ދޮރު ހުޅުވާލުމަށްފަހު ކޮޓަރިއަށް ވަތް ދަޔާން އަށް އެނދުގައި ބުރަކަށި ޖައްސާލައިގެން އިން އެލީ ލޮލުގައި އަޅައިގަތެވެ. އެލީގެ ކައިރީ ދިރާޝާ އާއި ލިލިއަން ހުއްޓިލައިގެން ތިއްބެވެ.
އެލީގެ ވާއަތު ފައިގާ އަޅާފައި އޮތް ބެންޑޭޖު ދަޔާންގެ ލޮލުގައި އަޅައިގަތީ ދެނެވެ. ދުރު ފިޔަވަޅުތަކުގައި އައިސް އެނދު ކުރިމަތީގައި ދަޔާން އަށް ހުއްޓެވުނެވެ.
އެލީއަށް އޭނާގެ ބައްޕަ ފެނުމާއެކު ތުންކޮޅު ބައްދާލެވުނެވެ. ރަތްވެގެން ދިޔަ މޫނާއެކު ބަޑި ފަޅައިގެން ހިނގައްޖެއެވެ. ދަޔާން އައިސް އެލީގައިގާ ބައްދާލަމުން ބައްޕަ މިއައީ ކަމުގައި ބުނެލިއެވެ.
ލިލިއަން އަށް ދެބަފައިންނަށް ނަޒަރު ހުއްޓާލައިގެން ހުރެވުނެވެ. ފައި ވިދިގެން ވެއްޓުމުންވެސް އެލީ ނުރޮއެވެ. ހޮސްޕިޓަލަށް ގެނެސް ބޭސް އެޅި އިރުވެސް އަނގައިން އަޑެއްވެސް ލައްވާނުލައެވެ. އެހެނަސް ދަޔާން ފެނުމުން މިހުރިހާއިރު އެކުއްޖާ ހިފަހައްޓައިގެންހުރި ހުރިހާ އުދާސްތަކެއް ބޭރުކޮއްލި ފަދައެވެ.
” ޑޮކްޓަރ ކީކޭ ބުނީ..؟ ފަޔަށް ނޫން އެހެން ތަނަކަށް ކަމެއްވިތަ..؟” ދަޔާންގެ ކައިރީ ހުއްޓުނު ދިރާޝާ ކުރެން އޭނާ ސުވާލު ކޮއްލިއެވެ.
” ޑޮކްޓަރު ބުނީ ފައި ވިދިފަޔޯ އޮތީ.. ކަށިގަނޑަށް ކަމެއް ވެފައެއް ނެތޯ.. އެހެން ތާކަށް ތަދުވާތީއެއް އެލީ ނޫޅެ..” ދިރާޝާ ކިޔައިދިނެވެ.
” ދަރިފުޅު އެހެން ތާކަށް ތަދުވޭތަ..؟ ބައްޕި ކައިރި ބުނައްޗޭ ތަދުވަންޏާ.. ” އެލީގެ ކަރުނަތައް ފޮހެލަދެމުން ދަޔާން ވާހަކަ ދެއްކިއެވެ. އެލީ އެެހެން ތާކަށް ތެދުނުވާކަމަށް ބުނަމުން ރުއިން ހުއްޓާލަން މަސައްކަތް ކުރިއެވެ.
ޑޮކްޓަރު ކޮޓަރިއަށް ވެދެގެން އައީ އެވަޤުތުއެވެ. ޑޮކްޓަރުގެ ވާހަކައިން ގިނަ ވެގެން ދެހަފްތާގެ ތެރޭގައި ފައި ރަނގަޅުވާނެ ކަމުގެ ޔަޤީންކަން ދިނެވެ. ދެންވެސް ފަޔާމެދު ކަންކުރަން ޖެހޭ ގޮތުގެ ލަފާ ހޯދުމަށްފަހު ދަޔާން އެލީ ގޮވައިގެން ގެއަށްދާން ކާރަށް އެެރިއެވެ. ދިރާޝާއާއި ލިލިއަން ހިނގައިގަތީ ގޭ ކާރާ ދިމާއަަށެވެ.
” އައިސް ކްރީމް ބޭނުންތަ..؟” އެލީގެ ފަޔަށް ތަދުނުވާނެހެން މަޑު މަޑުން ފަހަތު ސީޓުގައި އެލީ ބޭނދުމަށްފަހު ދަޔާން ސުވާލު ކުރިއެވެ. އެލީ ބޯ ޖަހާލުމުން ދަޔާން ފުރަތަމަ ދިޔައީ އައިސް ކްރީމް ވިއްކާ ފިހާރަޔަކަށެވެ. އެތަނުން އެލީއަށް އެންމެ ކަމުދާ ފްލޭވާގެ އައިސް ކްރީމް ގަނެގެން އައިސް ކާރަަށް އެރިއެވެ. ތަށީގެ މަތި ނެގުމަށްފަހު ސަމްސާ ލައިދެމުން ދަޔާން އެލީއަށް ތަށި ދިއްކޮއްލިއެވެ.
******
ގެއަށް އާދެވުމުން ދަޔާން އެލީ އުރާލައިގެން ގެންގޮސް އެނދުގައި ބާއްވާލިއެވެ. އަނިޔާވެފައިވާ ފައިގެ ދަށަށް ބާލީހެއް ލައްވާލަ ދެމުން އެލީގެ މަގަތުގައި އިށީނދެ އެ އިސްތަށިގަނޑުއި ދަޔާންގެ އަތް ހިންގާލިއެވެ.
” ފަޔަށް ވަރަށް ތަދުވޭތަ އެލް..؟” ދަޔާންގެ އަޑުގައި އަދިވެސް ވަނީ ކަންބޮޑުވުމެވެ. މަޑު މަޑުން އެލީގެ ބެންޑޭޖު ކުރެވިފައިވާ ފައިގާ އަތްޖައްސާލެވުނެވެ.
“އައިސް ކްރީމް ބުއިމަ ނުވޭ..” އެލީ ހުރިހާ ދަތްތަކެއް ދައްކާަލަމުން ބުނެލިއެވެ. އެއާއެކު ދަޔާން އަށްވެސް ހިނިތުންވެނުލާ ނުއިނދެވުނެވެ.
” އެހަށް ރީއްޗަށް އޮށޯވެލައިގެން އޮވޭ އިނގޭ.. އައިސް ކްރީމް ބޮއެގެން އަދި ފެން ނުބޮމެންނު ދޯ.. ބައްޕަ އެބަ އަންނަން ވަރަށް އަވަހަށް..” ދަޔާން އަނެއްކާވެސް އެލީގެ ކޯތާފަތުގައި ބޮސްދެމުން އެނދުން ތެދުވެ ހިނގައިގަތީ ކާގެއާ ދިމާއަށެވެ. ފެންތައްޓެއް އަޅައިގެން އެނބުރުނު ވަޤުތު ލިލިއަންގެ މޫނު ފެނުމުން ދަޔާން ހުއްޓުން އެރިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






