Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހީވޭ ކަލާވޭހެން-38

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
February 14, 2022 6 Mins Read
1 Comment

” އެހަށް ރީއްޗަށް އޮށޯވެލައިގެން އޮވޭ އިނގޭ.. އައިސް ކްރީމް ބޮއެގެން އަދި ފެން ނުބޮމެންނު ދޯ.. ބައްޕަ އެބަ އަންނަން ވަރަށް އަވަހަށް..” ދަޔާން އަނެއްކާވެސް އެލީގެ ކޯތާފަތުގައި ބޮސްދެމުން އެނދުން ތެދުވެ ހިނގައިގަތީ ކާގެއާ ދިމާއަށެވެ. ފެންތައްޓެއް އަޅައިގެން އެނބުރުނު ވަޤުތު ލިލިއަންގެ މޫނު ފެނުމުން ދަޔާން ހުއްޓުން އެރިއެވެ.

ދަޔާން އިސްތިރިކޮއްލަމުން އަވަސް އަވަހަށް ފަހަތަށް އެނބުރި ހިނގައިގަންނަން އުޅުނެވެ. އެހެނަސް އޭނާގެ ފިޔަވަޅުތައް ހުއްޓުން އެރީ ލިލިއަން ވާހަކަ ދައްކަން ފެށުމުންނެވެ.

” މަންމަ ބުނީ އެލީއަށް ކޯއްޗެއްހޯ ކާން ހަދަންވީ..؟” ލިލިއަން މަޑުމަަޑުން އެހެނަސް ދަޔާން އަށް އަޑުއިވޭވަރަށް ސުވާލު ކޮއްލިއެވެ.

” އެލީ ކައިރި އަހާލާފަ އަހަރެން މަންމަ ކައިރި ބުނާނަން…” ދަޔާން ލިލިއަންގެ މޫނަށް ބެލުމެއްނެތި ބުނުމަށްފަހު ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ.

ކޮޓަރިއަށް ވަދެ ދޮރުޖެހުމާއެކު ދަޔާން އަށް ހުއްޓެވުނެވެ. ލިލިއަން އޭނާގެ ޢަމަލުތަކުން މާނަ ނަގާނެ ގޮތެއް ނޭނގެއެވެ . އޭނާގެ ކިބައިން ދަޔާން ފިލަން މަސައްކަތް ކުރަނީއޭވެސް ހިތަށް އަރާފާނެއެވެ. އެހެނަސް އެއީ މުޅިއަކުން ދޮގެއްވެސް ނޫނެވެ. ދަޔާން އެ މަސައްކަތް ކުރަނީ ލިލިއަން އާ ވީހާވެސް ދުރުގައި ހުންނާށެވެ. އެ އަންހެންކުއްޖާއާ ބައްދަލުވިތާ ދެތިން ދުވަސް ނުވަނީސް އޭނާގެ ސިކުނޑި ހަލަބޮލިވެގެން ހިނގައްޖެެއެވެ. ދަޔާން އަށް އޭނާގެ އަމިއްލަ ނަފްސުދެކެ ހިތްހަމައެއް ނުޖެހެވުނެވެ.

ޚިޔާލުތަކުން ނިކުންނަމުން ދަޔާން އަވަހަށް އައިސް އެލީއަށް ފެންތަށި ދިއްކޮއްލިއެވެ. ފެން ބޮއެ ނިމުމާއެކު މެންދުރު ކާނެ އެއްްޗަކާމެދު ދަޔާން ސުވާލު ކުރިއެވެ.

*******

ހަފްތާއެއްގެ ތެރޭގައި އެލީގެ ފައި ރަނގަޅުވިއިރު ދަޔާން ގިނަވަޤުތު އޮފީހުގައި ހަރަކާތްތެރި ވާންޖެހުނީ ކޮމްޕެނީގެ އަހަރީ ދުވަސް ކައިރިވެފައި ވުމުންނެވެ.  ކޮމްޕެނީގެ ތިރީސްވަނަ އަހަރީ ދުވަސްކަމުން ދުވަހާ ދިމާކޮށް ގިނަ ތައްޔާރީ ތަކެއް ވަމުން ދިޔައެވެ. ހަފްލާ ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ހަމްދޫން ވަނީ ރާވާފައެވެ. ޕްރޮމޯޝަން ތަކާއި މުވައްޒަފުންނަށް ދެވޭ އިނާޔަތްތައް އިތުރުވެގެންދާނެ އިރު ކުންފުނީގެ މަސައްކަތް އިތުރަށް ފުޅާކުރެވިގެން ދާނެެއެވެ.

އޮފީހުގައި ބުރަކޮށް އުޅުމަށްފަހު ދަޔާން އަށް ގެޔަށް އާދެވުނު އިރު ރޭގަނޑު ލަސްވެއްޖެއެވެ.  ކޮޓަރިއަށް ދިޔުމުގެ ކުރިން އެލީގެ ކޮޓަރީގެ ދޮރު މަޑު މަޑުން ދަޔާން ހުޅުވާލިއެވެ. އޭނާގެ ސަމާލުކަން ހުއްޓުނީ އެލީއާއެކު އިތުރު މީހެއް އެނދުގައި އޮތުމުންނެވެ. ފަނޑު އަލީގެ ތެރެއިންވެސް އެލީގެ މަގަތުގައި ނިދިފައި އޮތް ލިލިއަން ދަޔާން އަށް ފާހަގަވިއެވެ. ލުއި ފިޔަވަޅުތަކެއްގައި އެނދާކައިރިވެލަމުން ދަޔާން ހުއްޓުނެވެ. ލިލިއަންގެ އަތު ތެރޭގައި ހުޅުވިފައި އޮތް ކުޑަކުދިންގެ ވާހަކަ ފޮތް ދަޔާންގެ ލޮލުގައި އަޅައިގަތެވެ. 

 އެނދުގައި ނިދާފައި އޮތް ދެފަރާތުގެ މޫނަށް ވަކި ވަކިން ދަޔާން އަށް ބަލާލެވުނެވެ. ނިދީގައިވެސް އެލީގެ ތުންފަތައް ވެރިވެފައިވާ ލުއި ހިނިތުންވުނ ފެނުމުން ދަޔާންގެ ހިތުގައި ރިއްސާލިއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެލީ ވަނޯ ދުރުނުކުރެވޭހާ ބޮޑަށް ލިލިއަން އާ ގާތްވެފައެވެ.  އޭނާގެ ދަރިފުޅުވެސް މަންމައެއްގެ އަޅާލުމާ ލޯތްބަށް ބޭނުންވާނެކަން އޭނާ ހަނދާނެއް ނުނެތެއެވެ. އެ ހުސްކަން ފޫބެއްދުމަށް ދަޔާން އަށް ކުރެވެން ހުރި ހުރިހާ ކަމެއް އޭނާ ކުރެއެވެ. އެހެނަސް މަންމަގެ ޠަބީޢީ ހުނަރާއި އޭނާއަށް ވާދަނުކުރެވޭކަން ދަޔާން ޤަބޫލު ކުރެއެވެ.

ދަރިފުޅުގެ މޫނުން ލިލިއަންގެ މޫނަށް ދަޔާންގެ ނަޒަރު ހުއްޓުނެވެ. އެލީގެ ބުރަކަށީގައި އެއް އަތް އަޅުވާލައިގެން އޮތް އިރު ދެ ނިތްކުރި ވަނީ ޖެހިފައެވެ. ލިލިއަން ފެނުމުން އޭނާގެ ހިތަށްވެރިވުމުގައި ކާމިޔާބު ހޯދާ އެއްކަލަ ނުދަންނަ އިޙްސާސްތައް ހަށިގަނޑުގައި ދަަޢުރުވެގެން ދިޔައެވެ.  ބޭއިޙްތިޔާރުގައި ދަޔާން އަށް އޭނާގެ އަތް ލިލިއަންގެ މޫނާ ދިމާއަށް އުފުލާލެވުނެވެ. އެކޯތާފަތުގައި ފިރުމާލަން އެހިތް އެދި ގޮވީއެވެ. އެ ޙަރަކާތުން ބީރައްޓެހި ކަމެއް އޭނާއަކަށް އިޙްސާސެއް ނުކުރެވުނެވެ. އެތައް ފަހަރަކު އޭނާ ތަކުރާރު ކޮއްފައިވާ ޢަމަލެއް ފަދައެވެ. އެހެނަސް ކުރެވެން މިއުޅޭ ކަންތައް ރެޔަކާލުމާއެކު ދަޔާން އޭނާގެ އަތް އަވަސް އަވަހަށް ތިރިކޮއްލިއެވެ. ދެއަތް ގޮށް މުއްކެވިގެން ދިޔައިރު އެ ދެއަތައް އަނިޔާއެއް ދިނުމަށް ބޭނުންވިއެވެ. އޭނާއަށް މިވަނީ ކިހިނެއް ހެއްޔެވެ؟ އެހާ ދަށު ފެންވަރަކަށް އޭނާ ވެއްޓުނީ ކޮންއިރަކު ހެއްޔެވެ؟ އެއީ އޭނާގެ ކޮއްކޮގެ އަންހެނުންނެވެ. އޭނާގެ މައްޗަށް އެއްވެސް ހައްޤެއް ނުވާ އަންހެނެކެވެ. އެފަދަ ކަމެއް ކުރަން އޭނާގެ ހިތަށް އެރި ކަމައްޓަކާވެސް ދަޔާން ގާތަށް ރުޅި އާދެވުނެވެ. ދެވަނަ ސިކުންތެއްވެސް އެތާ މަޑުކުރެމެއްނެތި ދަޔާން ކޮޓަރިން ނިކުމެ ދޮރު ލައްޕާލިއެވެ. ދޮރުގެ އެއްފަރާތުން ފާރުގައި، ގައިހުރި ބާރެއްލާފައި ގޮށްމުށުން ޖަހާލެވުނެވެ. އިނގިލި ތަކުގެ ހުޅުތަކަށް ލިބުނު ޒަޙަމުންވީ ތަދުވެސް އޭނާއަށް އިޙްސާސްނުވާ ފަދައެވެ.  ދެތިން ފަހަރަކު ފުންނޭވާއެއް ދޫކޮއްލަމުން ދަޔާން އޭނާގެ ޖީބުގައި އޮތް ފޯނުނެގިއެވެ. ދިޔާން ވީތަނެއް އޭނާއަކަށް ނޭނގެއެވެ. ގޭގައި އުޅޭހެންނެއް ހިޔެއްނުވެއެވެ. ގެއަށް އައިސް ލިލިއަން ނުފެނިގެން އުޅެފާނެތީވެ ދަޔާން އޭނާގެ ކޮއްކޮއަށް މެސެޖެއް ކޮއްލިއެވެ.  މެސެޖު ފޮނުވިއްޖެކަމަށް ފޯނަށް އެރުމާއެކު ދަޔާން ފޯނު އޭނާގެ ޖީބަށް ކޮއްޕާލަމުން  އޭނާގެ އަމިއްލަ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

********

ކާރު އައިސް ދަރުބާރުގޭ މާލަމުގެ ބޭރުގައި މަޑުކޮށްލިއެވެ. ކާރުކައިރީ އައިސް ހުއްޓުނު މީހާ ދޮރު ހުޅުވާލަ ދިނުމާއެކު ލިލިއަން ކާރުން ފޭބިއެވެ. އޭނާއާއެކުހެން ކާރުގެ އަނެއް ދޮރުން ފޭބި ދިޔާންގެ ކައިރީ ލިލިއަން އައިސް ހުއްޓުނެވެ. ދިޔާންގެ މުލައްދަނޑީގައި އަތް އަޅުވާލަމުން ލިލިއަން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. އޭރު އެތައް ބައިވަރު ކެމެރާތަކެއްގެ ފްލޭޝްތައް އެ ޖޯޑުގެ މޫނަށް ކެނޑެމުންދިޔައެވެ. ރާއްޖޭގައި ހުރި އެންމެ ކާމިޔާބު އަދި މަޝްހޫރު އާކިޓެކްޗަރ ކުންފުންޏަށް ތިރީސް އަހަރު ފުރިގެން އައީ މީޑިއާތަކުގެ ސަމާލުކަންވެސް އެކަމަށް ހުއްޓިގެންނެވެ.  ހަފްލާގެ ކޮންމެ މަންޒަރެއް، ކޮންމެ ހަރަކާތެއް ، ކެމެރާތަކުގައި ދިޔައީ ރައްކާ ކުރެވެމުންނެވެ.  އެހެންކަމުން ކޮމްޕެނީގެ ވައިސް ޕްރެޒިޑެންޓް އަދި ސީއީއޯގެ ހަގު ދަރިފުޅާއި އޭނާގެ އަންހެނުން މާލަމަށް އައުމާގެ ތަނުގެ ހަލަބޮލިކަން އިތުރަށް ގަދަވެގެން ދިޔައެވެ.

ދިޔާން އާއި ލިލިއަންވެސް ދެމީހުން އެކުގައި ކެމެރާތަކަށް ހިނިތުންވަމުން އައިސް މާލަމަށް ވަދެގެން އައެވެ. ހަފްލާއަށް ލިލިއަން ލައިގެން ހުރީ ގަދަ ރަތްކުލައިގެ މަޑު ވިދުމެއްހުރި ފޮއްޗަކުން ފަހާފައިވާ މޮޅު ފެހުންތެރިއެއްގެ މަސައްކަތެވެ. އުނަގަނޑާއި ހިސާބުން ގަޔަށް ހިފާފައިވާ އެހެދުން އޭގެ ތިރިންވަނީ ގަޔަށް ނުހިފާނެހެން ފަސްބަޔަށް ދޫކޮށެވެ.  ދިޔާން އަށް ކަމުދާހެން ރާޅުބާނި ކުރެވިފައިވާ އޭނާގެ އުނަގަނޑާ ހިސާބަށް އަރާ ދިގު އިސްތަށިގަނޑުވަނީ މިނިވަންކޮއްލެވިފައެވެ. ކަނާއަތު ކޮނޑަށް އިސްތަށިގަނޑުން ބައެއް ލެވިފައިވާއިރު ކަންފަތުގައި އަތާއި ކަރުގައި އަޅާފައިވާ ގަހަނާއާ ގުޅޭނެހެން ހުދުކުލައިގެ ކަންފަތް މުންޖެއް ހަރުކުރެވިފައިވެއެވެ.  ލިލިއަން އާއެކު ހުރި ދިޔާން ހުރީ އަޅިކުލައިގެ ކޯޓު ފަޓުލޫނުގައެވެ.  ދަރުބާރުގޭގެ މާލަމަށް ވަދެވުމާއެކު ކުންފުނީގެ އިސްވެރިން ދިޔާން އާއި ލިލިއަން އާ ސަލާމް ކުރަން ފެށިއެވެ.

” މިސްޓަރ އެންޑް މިސިސް ޑަބްލިޔު.. ޕްލީސް ދިސް ވޭ..” ހަފްލާގެ ކަންކަމާ ހަވާލުވެ ހުރި ފަރާތް ޖޯޑަށް ކަނޑައެޅިފައިވާ މޭޒާ ދިމާއަށް އިޝާރާތް ކުރަމުން ތަންހަދައިދިނެވެ.

ކުއްލިއަކަށް ދެމީހުންނާ އަމާޒުވެފައިވާ ކެމެރާތައް ފަހަތައް އެނބުރިގެން ދިޔައެވެ. މީހުންގެ އަޑުފައްގަނޑު ގަދަވެގެން ދިޔައެވެ. އެކަކު އަނެކެއް ކޮއްޕަމުން ދުރުކުރުވަމުން ދޮރާ ދިމާއަށް މިސްރާބުޖެހިއެވެ.  އިމާރާތުގެ ދޮރުމަތީގައި މަޑުކޮއްލި ޝާހީ ކާރުން ފޭބި ދަޔާންގެ މޫނަށް ކެމެރާތައް ހުއްޓުނު އިރު ކެމެރާމަނުންތައް އޭނަަ ނޮޅާ ކާލަން މަސައްކަތް ކުރަމުން ދިޔަފަދައެވެ. ތަނުގެ ސެކިއުރިޓީ ބަލަހައްޓައިދޭ ފަރާތްތަކުން ކާރު ކައިރީ ދެފަރާތައް ހުއްޓި ދަޔާން އަށް ކުރިއަށް ދިޔުމަށް މަގު ހަދައިދޭން ޖެހުނެވެ. ލައިގެން ހުރި ކަޅު ކުލައިގެ ތްރީ ޕީސް ސޫޓްގައި ދަޔާން ފެންނަނީ އާދަޔާ ޚިލާފު ރީތި ފިރިހެން ވަންތަކަމެއް ލިބިފައިވަނިކޮށެވެ. ކޯޓުގެ ގޮށް އަޅުވާލަމުން ކެމެރާމަނުންނަށް މާ ބޮޑު ފަރުވާލެއްނެތި އެ ފިރިހެންވަންތަ ހިނގުމުގައި މާލަމާ ދިމާއަށް އޭނާ މިސްރާބުޖެހިއެވެ.

ދަޔާންގެ ފިޔަވަޅުތަކައް ލަސްކަންވެރިވީ އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރި ލިލިއަން ފެނުމުންނެވެ. ރަތްކުލައިން ޖަރީވެފައިވާ އެހެދުމުގައި ހުރި ލިލިއަން އޭނާއަށް ސިފަވީ ހަވާގެ ތެރެއިން ބިމަށް ތިރިކޮއްގެން ހުރި ޕަރީއެއްގެ ގޮތުގައެވެ. ދުނިޔެމަތިން އެފަދަ ރީތި ކަމެއް އޭނާއަށް ފެނިފައެއް ނުވެއެވެ. އެވަޤުތުކޮޅު  އެހެން ހުރިހާ ކަމެއްގެ މަތިން ދަޔާން ހަނދާން ނެތުނު ފަދައެވެ. އޭނާއަށް ހުއްޓިގެން ހުރެވުނު މާޙައުލުވެސް އިޙްސާސް ނުކުރެވޭ ކަހަލައެވެ. އެވަޤުތު އޭނާއަށް ބަލަހައްޓައިގެން ހުރި ލިލިއަންގެ މޫނުމަތިންވެސް އެ އިޙްސާަސްތައް ފެންނަހެން ދަޔާން އަށް ހީވިއެވެ. އެހެނަސް ލިލިއަންގެ ކައިރީ ހުއްޓިގެންހުރި ދިޔާން ފެނުމުން އެއީ ނުވާނެ ކަމެއްކަން އޭނާއަށް ޔަޤީންވިއެވެ. ސިކުނޑި އޭނާއަށް ނުބައި ވަސްވާސް ތަކެއް ދެނީކަން ޔަޤީނެވެ.

“ދިސް ވޭ މިސްޓަރ ކޭ..” ދަޔާން އަށް އޭނާގެ ޚިޔާލުގައި ކުރެހި އަމިއްލަ ދުނިޔެއިން ނިކުމެވުނީ އޭނާ އިށީންނަން ހަމަޖެހިފައިވާ ގޮނޑި ދައްކައިދިނުމުންނެވެ. ފުންނޭވާއެއް ދޫކޮއްލަމުން ދަޔާން އޭނާގެ ފަސް ފަހަތުން ހިނގައިގަތެވެ. 

ޖަލްސާ ތަޢާރަފް ކޮއްދިނުމާއެކު ހަފްލާގެ މެހެމާނުން ވާހަކަ ދައްކަމުން ދިޔައެވެ. ކުންފުނީގެ ކުރިއަށް އޮތް ފަަސް އަހަރުގެ ތަސައްވަރު ދައްކައިދީ އިތުރު އިނާޔަތްތައް އިފްތިތާހް ކުރެވިގެން ދިޔައެވެ. މަތީ މަޤާމުތަކަށް ހޮވުނު ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކޮށް މަރުޙަބާ ކިއިގެން ދިޔައެވެ.

ހަފްލާގައި ދަޔާންވެސް ވާހަކަ ދެއްކިއެވެ. އޭނާއަކީ ކުންފުނީގައި ހަމްދޫނުއާ ޖެހިގެން އެންމެ މަތީ މަޤާމުގައި ހުރި ފަރާތެވެ. ދިޔާން އަކީ ތަނުގެ ވައިސް ޕްރެޒިޑެންޓަށް ވީއިރު ދަޔާން އަކީ ސީނިއަރ ވައިސް ޕްރެޒިޑެންޓެވެ. ގިނަ އަހަރުތަކެއް ރާއްޖޭން ބޭރުގައި ހޭދަކުރުމަށްފަހު އައި ފުރަތަމަ ފަހަރުކަމުން ހަމްދޫން އެދުނީ ދަޔާން އިސްވެ ކުންފުނީގެ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދެއްކުމަށެވެ.

ދަޔާން ނުހަނު  ޤާބިލު ކަމާއެކު ހަފްލާގެ ބައިވެރިންނާ މުޚާތަބު ކުރިއެވެ. ވާހަކަ ދައްކާ ނިމުމާއެކު މުޅި މާހައުލުގައި މީހުންގެ އަތްތިލަބަޑީގެ އަޑު ގުގުމައިގެން ދިޔައެވެ. 

ވާހަކަ ދައްކާ ނިމިގެން ސްޓޭޖުން ފޭބުމާއެކު ކުރީބަރީގައި ތިބި ކުންފުނީގެ އިސްވެރިން ދަޔާން އާ ސަލާމް ކުރަމުން ދިޔައެވެ. ފެންނަ މަންޒަރުތަކަށް ފުންކޮށް ނަޒަރު ހުއްޓާލައިގެން އިން ލިލިއަން އޭނާގެ ކަނާއަތްފަޅީގައި އިން ދިޔާން އަށް ނަޒަރު ހިންގާލިއެވެ. އެމޫނުމަތިން އެއްވެސް އަސަރެއް ފާޅެއްނުވެއެވެ. އެއިން ނަގައިގަންނަންވީ މާނައެއް ލިލިއަން އަކަށް ނޭނގުނެވެ. އެހެނަސް އެއީ ރަނގަޅު އިޝާރާތެއްގެ ގޮތުގައި ލިލިއަން އަކަށް ޤަބޫލެއް ނުކުރެވުނެވެ. އެރޭ ނިމިގެން ދިޔައީ އެފަދަ ގޮތަކަށެވެ. ދިޔާންގެ ފަރާތުން ބަސްމަދުކަން ލިލިއަން އަށް ފާހަގަ ކުރެވުނެވެ. އޭނާ ކުރާ ސުވާލަކަށްވެސް ޖަވާބުދިނީ ބޮލުގެ އިޝާރާތުންނެވެ. ދެބެއިންގެ ދެމެދުގައި ނުފެންނަ ހަމަނުޖެހުމެއްވާހެން އޭނާއަށް ހީވާތާ ދުވަސްތަކެއް ވެއްޖެއެވެ. އެހެނަސް އެކަމާމެދު ލިލިއަން އަށް ދިޔާން އާ ސުވާލު ކުރާކަށް ނުކެރުނެވެ. ދެމަފިރިންނަމަވެސް އަދިވެސް ދެމެދުގައި ގިނައީ ހިއްސާނުކުރެވި ފަސްއަޅާ ފޮރުވާފައިވާ ވާހަކަތައްހެން ހީވާ ފަހަރުވެސް އާދެއެވެ. ދެން ހުރީ ދަޔާން އެވެ. އޭނާގެ ކުރިމައްޗަށް އަރަންވެސް ލިލިއަން އަށް ބޮޑު ތަކުލީފަކަށްވެފައިވާއިރު ދެބެއިންގެ ގުޅުމާމެދު ސުވާލު ކުރާކަށް އޭނާއަކަށް ނުކެރޭނެއެވެ.

ހަފްލާ ނިމި ބިލެއްމީރުކުރުން ކުރިއަށް ދިޔައެވެ. އެންމެން އައިސް ދަޔާން އާ ވާހަކަ ދެއްކިއިރުވެސް އޭނާގެ ކޮއްކޮ އޭނާ ފެންނަ ހިސާބަށްވެސް ނާރައެވެ. ހިތުގައި އުފެދުނު މާޔޫސްކަމާއެކު ޝަކުވާތައް ފުނިޖެހިގެން ދިޔައެވެ. ދިޔާން ހޯދާލުމުގެ ބޭނުމުގައި ދަޔާން މާހައުލުގެ ވަށައިގެން ނަޒަރު ހިންގާލިއެވެ. އެވަޤުތު އަންހެނަކާ ވާހަކަ ދައްކަން ތަންކޮޅެއް ދުރުގައި ހިނިތުންވެ ހުރި ލިލިއަން ދަޔާންގެ ލޮލުގައި އަޅައިގަތެވެ.  

” ކޯއްޗަކަށް ތިބަލަނީ..؟” ދަޔާން އަށް ސިހުންވެރިވީ އޭނާގެ އަޑާ ތަފާތެއްވެސް ނެތް އެ އަޑު ކަންފަތުގައި ޖެހުމުންނެވެ. އެއީ ދިޔާން ކަން ފަހަތައް ނޭނބުރެނީސް ދަޔާން ޔަޤީންވެއްްޖެއެވެ.

” ޑޭން މި ހޯދަނީ..” ދަޔާން ހެދީކީ ދޮގެއް ނޫނެވެ. އޭނާގެ މަޤްސަދަކީ އެއީއެވެ. 

” ލިލިއަންގެ މޫނުންތަ އަހަރެން ފެންނަނީ..؟”  ދިޔާންގެ އަޑުގައި އެއްވެސް އަސަރެއް ނުވެއެވެ. ކޮއްކޮގެ މޫނަށް ބަލާލަމުން ދަޔާން އަށް އެކި ފަރާތް ފަރާތައް ކަޅި އަޅާލެވުނެވެ. އެފަދަ މާޙައުލެއްގައި ޒުވާބެއް އުފައްދާކަށް އޭނާގެ އެއްވެސް ވިސްނުމެއްނެތެވެ. 

” ލުކް ޑޭން.. ތި ހީކުރަނީ ރަނގަޅަކަށް ނޫން.. އަހަރެން ޑޭން ހޯދަން އެފަރާތަށް އެނބުރުނު ގަޑީ ލިލިއަން ފެނުނީ.. ހަމަ އެވަޤުތު ޑޭން ތިއައީ..” ދަޔާން ލަސްލަހުން ކަންވީގޮތް އޮޅުންފިލުވައިދޭން މަސައްކަތް ކުރިއެވެ.  އޭނާގެ ސަބަބުން  އެދެމަފިރިންގެ ދެމެދުގައި މައްސަލަ ޖެހޭކަށް ދަޔާން ނޭދެއެވެ.  ލިލިއަންގެ ސަބަބުން އޭނާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި ޔަޤީންކަން ގެއްލިއްޖެއެވެ. އޭނާގެ ކޮއްކޮގެ ކުރިމަތީ ނުބައި މީހަކަށްވެ ފަޞީހަތް ވެއްޖެއެވެ. ނަފްސުގެ ބާރެއްނެތްކަމާމެދު ދަޔާން އަމިއްލަ ނަފްސަށް މަލާމާތްކޮށް ހަޅޭއްލަވަމުން ދިޔައެވެ.

” އަހަންނަށް އޮޅުވާނުލިޔަސް ހުރިހާ އެއްޗެއްވެސް ފެނޭ.. ދަޔާން ބޭނުންވަނީ އަހަރެންގެ ހުރިހާ އެއްޗެއް އަހަރެންގެ އަތުން ފޭރިގަންނަންތަ.؟ އެ ބޭނުމުގަތަ ރާއްޖެ ތިއައީ..؟ ” ދިޔާންގެ އަޑުގައިވީ ނަފްރަތެވެ. ކޮއްކޮގެ ކޮންމެ ޖުމްލައެއްގައިވީ ނަފްރަތު އިޙްސާސްކުރެވުނު ދަޔާންގެ މޭގައި މީހަކު ގޮށްމުށުން ޖެހިފަދައެވެ. ދުވަހަކުވެސް އޭނާގެ ކޮއްކޮ އޭނާއަށް އެފަދައިން ބަލާފާނެކަމަކަށް ދަޔާން  އުންމީދެއްނުކުރެއެވެ. އެފަދަ ދުވަހެއް ނުދައްކަވާ އޭނާގެ މަރުގެންނެވިނަމަވެސް މާރަނގަޅުވީހެވެ. ހިތަށްލިބުނު ވޭނާއެކު ދަޔާންގެ އަނގައިން ބަސްހުސްވިފަދައެވެ. ހިތުތެރޭގައި ބުނަން ބޭނުންވީ އެތައް ވާހަަކައެއްވީނަމަވެސް އެއިން އެއްވެސް ޖުމްލައެއް ދުލާ ހަމައަށް ގެންނާނެ ހިތްވަރެއް ދަޔާން އަކަށް ނުލިބުނެވެ. އޭނާގެ ކޮއްކޮގެ ކުރިމަތީ މިއަދު އޭނާ ހަތުރަކަށްވެ ނިމިއްޖެއެވެ.  ޖަޒުބާތުގައި ބީހެމުންދިޔަ ދަޔާންގެ މޫނުމަތިން ވެރިވަމުން ދިޔަ އަަަސަރުތަކަށް ފަރުވާލެއްނެތި ދިޔާން އޭނާއާ ފަސްދީ ހނގައިގަތެވެ.

********

 ކުންފުނީގެ  އަހަރީ ދުވަސް ނިމި އާ ދުވަހަކަށް އިރު ފެނުން ތޮޅެލައިފިއެވެ. ސައި މޭޒު ދޮށުގައި ގޭގެ އެންމެން ހަރަކާތްތެރިވަމުން ދިޔައެވެ.

ދަޔާންވެސް އެލީއަށް އެއްޗެއް ކާން ދެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. އެލީ ކެއުމާ ދުރުވުމަކީ ދަޔާން އަބަދުވެސް ކަންބޮޑުވާ ކަމެކެވެ. ގިނަ ޑޮންޓަރުންނަށް ދެއްކި އެކަމަށް ހައްލެއް ލިބޭތޯވެސް އޭނާއަށް މަސައްކަތް ކުރެވިއްޖެއެވެ. އެހެނަސް އެދެވޭ ނަތީޖާއެއް ނުފެނެއެވެ.

ދިރާޝާއަށް އޭނާގެ ދެދަރިންގެ ކިބައިން ކުރިން ނުފެންނަ ދުރުކަމެއްގެ އަސަރު އިޙްސާސްކުރެވުނެވެ. އެކަކު އަނެކަކާ ވާހަކަ ނުދައްކާތާ ބަލާވެސް ނުލައެވެ. ދެމީހުންވެސް އެމީހެއްގެ ކެއުން ނިންމައިގެން ސުފުރާދޮށުން ތެދުވެއްޖެއެވެ. ރަނގަޅު ވަގުތެއްގައި ދެބެއިންނާ ވާހަކަ ދައްކަން އެވަޤުތު ދިރާޝާ ނިންމިއެވެ.

ލިލިއަން ކައިގެން މިސްރާބުޖެހީ ބަގީޗާ ގަސްތަކާ ދިމާއަށެވެ. ވަޒީފާއަށް ނިކުންނަން ނުޖެހޭ ދުވަހެއް ނަމަ ހެނދުނު ސައިބޮއެގެން ގަސް އިންދާ އެ ތަކެއްޗަށް ފެން ދިނުމަކީ ލިލިއަންގެ އާދައެކެވެ.

ދަޔާންވެސް އެލީގެ  އެދުމުގެ މަތިން ހަމައެވަޤުތު ބަގީޗާ ދޮށަށް ނިކުތެވެ. ފައި ރަނގަޅުވިތާ ގިނަ ދުވަހެއް ނުވުމުން ބަލައިގެން މަޑުމަޑުން އުޅުމަށް ދަޔާން އެލީއަށް ހަނދާންކޮއްދެއެވެ.  ދަރިފުޅަށް ކަމެއް ވެދާނެކަމުގެ ބިރަށް ދަޔާން އަށް އެލީއާ ދުރަށް ދެފިޔަވަޅުވެސް އަޅާލަން ވަނީ ދަތި ކަމަކަށްވެފައެވެ. 

” ބައްޕި ބަލާ ލިލިއަން ދައްތި.. ހީވަނީ ލިލީ ފްލާވަރ އެއްހެން.. “ލިލީ މާގަސްތަކެއް އިންދަން އުޑަފައިން އިން ލިލިއަން އަށް ބަލާަމުން އެލީ ބުނެލިއެވެ. އެލީ ބުނެލި ވާހަކައާއެކު ދަޔާން އަށް ކުއްލިއަކަށް ލިލިއަންގެ މޫނަށް ބަލާލެވުނެވެ. 

” އޯކޭތަ އެލް ލިލީ ދައްތި ކިޔަސް..؟” އެލީ ލިލިއަން ކުރެން ސުވާލު ކޮއްލިއެވެ. ލިލިއަން އަށް ލަސްލަހުން ހިންދިރުވާލެވުނެވެ. އެއީ އެއް އިރެއްގައި ދިޔާން އޭނާއާ މުޚާތަބު ކޮށް އުޅުނު ނަމެވެ . އެހެނަސް ކުއްލިއަކަށް ދިޔާން އެނަން ކިޔުން ހުއްޓާލީ ކީއްވެކަމެއް ލިލިއަން އަކަށް ނުވިސްނުނެވެ. އެ ނަމުން ގޮވާލާ އަޑު އަހަން އެހިތް އެދުނު ނަމަވެސް އެކަމަށް އެދޭކަށް ލިލިއަން ބޭނުމެއްނޫނެވެ. ބުނެކިޔައިގެން ކުރުވާކަމަކުން ލިބެން އޮންނާނީ ކޮން އުފާވެރިކަމެއްހެއްޔެވެ؟”  ކަރުގައި އެއްޗެއް ތާށިވިފަދަ އިޙްސާސެއް އެވަޤުތު ލިލިއަން އަށް ކުރެވުނެވެ. ހިންދިރުވާލަން އުނދަގޫވެ އެ ހަންދާންތަކާއެކު ލޮލަށް ޖަމާވި ތެތްކަން އެސްފިޔަތައް ތަޅުވާލަމުން ފޮރުވާލިއެވެ. އެއަށްފަހު ހިނިތުންވުމާއެކު އެލީއަށް ބަލާލަމުން އާއެކޭ ބުނުމުގެ ގޮތުން ލިލިއަން ބޯ ޖަހާލިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ވީމޭ އިންތިޒާރުގައި – 17

Next

ލޯބި ވެވުމުން 7

Next
February 14, 2022

ލޯބި ވެވުމުން 7

Previews
February 13, 2022

ވީމޭ އިންތިޒާރުގައި – 17

One Comment

  1. shamma mohamed says:
    February 15, 2022 at 10:05 am

    Vaahaka varah furihama, ekamaku bai thah nereyleh las. Dhen oeh bai avahah kiyaalan libeyne kamah ummeedhu kuran

Comments are closed.

Next Episodeހީވޭ ކަލާވާހެން-39←


All Right Reserved!