ދޮންމަންމަގެ އަނިޔާވެރިކަމުގައި ހިތްދަތި ދުވަސްތައް ފާއިތުވަމުންގޮސް ފަރީޝާ ފުރާވަރަށް އެރިއެވެ.އޭނާގެ އުމުރުގެ އެހެންކުދިން ހިޔާލެއް ފިކުރެއްނެތި ރައްޓެހިންނާއެކު ރަށުތެރޭގައި އުފާވެރި ވަގުތުތައް ހޭދަކޮށް ހެދިއިރު، ފަރީޝާއަށް ޖެހުނީ ދެއިރު ދެދަޅަށް އޭނާގެ އެއްބަފާ ދެކޮއްކޮމެން ގޮވައިގެން ސުކޫލުދޮށަށް ހިނގުމާއި ގޭތެެރޭގެ ހުރިހާ ކަމެއްގެ ޒިންމާ ނަގާށެވެ.ކުރުކޮށް ބުނާނަމަ އޭނާއަށް ޖެހުނީ މައެއްގެ ވަޒީފާ އަދާކުރާށެވެ.
ކުދިންބެލުމާއި ކެއްކުމާއި ގޭތެރޭގެ ހުރިހާކަމެއް ކުރަމުން ކޮއްކޮމެންނަށް ކިޔަވައިދެނީވެސް ފަރީޝާއެވެ.
ދޮންމަންމަ އެއްގޮތަކަށްވެސް ފަރީޝާ ސުކޫލަށް ފޮނުވާކަށް ބޭނުމެއްނުވެއެވެ.ނަމަވެސް ރަށުމީހުން އޭނައާ ދިމާލަށް ނުރުހުމުގެ އިނގިލި ދިއްކޮށްފާނެތީ އެކަން އެގޮތަށް ނުކުރީއެވެ.ރަށުމީހުންނަށްވެސް ހަގީގަތް ނޭނގޭތީއާއެކު އެންމެންވެސް ދެއްކީ ފަރީޝާގެ ދޮންމަންމަގެ ރަނގަޅު ވާހަކައެވެ.އެފަަދަ ރަނގަޅު ދޮންމަންމައަކު ލިބުމަކީ ފަރީޝާގެ ނަސީބުކަމުގައި އެތައް ފަހަރަކު ރަށުމީހުން ފަރީޝާއާ ދިމާލަށްވެސް ބުނެއެވެ.އެއިން ކޮންމެފަހަރަކު އެމީހުންނަށް ހަގީގަތް ކިޔައިދޭން ހިތަށްއެރިނަމަވެސް ފަރީޝާ ކެތްތެރިކަމާއެކު އެކަން ހިންދާލަނީއެވެ.
މީހުން ކުރިމަތީގައި ދޮންމަންމައަކީ ހަމަ ޖަވާހިރެކެވެ.ފިހާރައަށް އެއްޗެއް ގަންނަން ވަނަސް ނޫނީ މީހަކު އެއްޗެއް ދިނަސް އޭނާ އޭތި ދޭނީ ފަރީޝާއަށް ކަމަށްބުނެއެވެ.އަބަދުވެސް އޭނާ ދައްކަނީ ފަރީޝާގެ ރަނގަޅުވާހަކަ އާއި އޭނާ ފަރީޝާދެކެ ވާ ލޯބީގެ ވާހަކައެވެ.ހަގީގަތުގައި އެއްޗެއް ގަތަސް އޭނާގެ ދެދަރިންނަށް ދިނުން ފިޔަވައި ފަރީޝާއަކަށް އެންމެ އެއްޗެއްވެސް ދޮންމަންމަ ދިއްކޮށްނުލައެވެ.
ފަރީޝާ ކޮއްކޮމެން ގޮވައިގެން ސުކޫލަށް ހިނގާތަން ރަށުމީހުންނަށް ފެންނާތީ އޭނާގެ ދޮންމަންމަ އުޅެނީ ބަލިމީހަކަށް ހެދިގެންނެވެ.މީހަކު އެކަމާ ބެހޭގޮތުން ސުވާލެއްކޮށްފިނަމަ ދޮންމަންމަ އަކީ ބަލިމީހެއްކަމުން ފަރީޝާ ދޮންމަންމައަށް އެހީވެދެނީ ކަމުގައި ބުނުމަށް ދޮންމަންމަ ފަރީޝާއަށް އަމުރުކުރެއެވެ.ރަށުމީހުންވެސް ގަބޫލުކުރާ ގޮތުގައި ފަރީޝާ ދޮންމަންމައަށް އެހާ ހެޔޮވަނީ ދޮންމަންމަވެސް އޭނާއަށް ހެޔޮވާތީއެވެ.
ބުރަ މަސައްކަތްކޮށްގެން ބައްޕަ ފޮނުވާހާ ރުފިޔާތައް ދޮންމަންމަ ހޭދަކުރަނީ ދޮންމަންމައަށާއި އޭނާގެ ދެދަރިންނަށެވެ.ފަރީޝާއަށް އަންނައުނެއްވެސް ގަނެދެނީ ހާލަކުން ފަހަރަކުއެވެ.ގަންނަ ހެދުންތައް ވީދި ހަލާކުވަންދެން ފަރީޝާ ބޭނުންކުރަން ޖެހެއެެވެ.ނަމަވެސް ދޮންމަންމަގެ ދެދަރިންގެ އަންނައުނުތައް ފަސްމަހުން ހަމަހުން އާކުރެއެވެ.
ފަރީޝާގެ ސުކޫލު ޚަރަދުކުރަންޖެހޭތީ ދޮންމަންމަ ހުންނަނީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.އެހެންކަމުން ސުކޫލަށް އެއްޗެއް ގެންދަން ޖެހޭ ދުވަސްދުވަހު ފަރީޝާ ސުކޫލަކަށް ނުދެއެވެ.ފަރީޝާ ސުކޫލަށް ދާތީ އޭނާގެ ދޮންމަންމަ އޭނައަށް ޖެއްސުންވެސް ކުރެއެވެ.ފަރީޝާ ސުކޫލުން ގެއަށް އަންނައިރު ކުރަންޖެހޭ މަސައްކަތް ހުންނަނީ ދެގުނަ އިތުރުވެފައެވެ.
ދޮންމަންމަ އަތުންފައިން އެންމެ މަސައްކަތެއްވެސް ކޮށްނުލައެވެ.އޭނާގެ ކަމަކީ ޓީވީ ބެލުމާއި ފޯނާކުޅުމެވެ.ނޫނީ ދެފައިދަމާލައިގެން ކޮންމެވެސް އެއްޗެއް ކެއުމެވެ.ކުޑަމިނުން އޭނާ ލާ އަންނައުނެއްހާ ހިސާބުވެސް އަމިއްލަ އަތުން ދޮވެނުލައެވެ.
ދޮންމަންމަގެ އެއްޗިއްސާ ދޮންމަންމަގެ އަންހެން ދަރިންގެ އަންނައުނުތައްވެސް ދޮއްވަނީ ފަރީޝާ ލައްވައެވެ.އެންމެންގެ ކަންތައް ފަރީޝާ އެކަނި ކުރަންޖެހުމުން އޭނާއަށް ވަރަށް ބުރަވެއެވެ.އުޅެންޖެހޭ ބުރަކަމުން ގިނަފަހަރު ކާނެ ވަގުތުވެސް ނުވާއިރު ސުކޫލުންދޭ މަސައްކަތްތައް ކުރާނެ ވަގުތުވެސް ފަރީޝާއަކަށް ނުވެއެވެ.ނުނިމި ހުންނަ ގިނަ ފިލާވަޅުތައް އޭނާ ހަދަނީ ސުކޫލުން ލިބޭ ހުސް ވަގުތުތަކުގައި ސުކޫލުގައެވެ.
އެހާލުގައި ފަރީޝާ އުޅެން ޖެހުނަސް އޭނާ އެކަމާ ޝަކުވާއެއް ނުކުރެއެވެ.ހުރިހާ މަސައްކަތެއްވެސް ވަރަށް ފުރިހަމަ ކަމާއެކު ފަރީޝާ ކުރެއެވެ.
އެހެންނަމަވެސް ރަހުމުކުޑަކޮށް ކަންތައްކުރަން އޭނާއަށް ކުރެވުނީ ކޮންކުށެއްބާވައޭ ފަރީޝާގެ ހިތަށްއަރާ ކޮންމެ ފަހަރަކު، އެކަމާ ވިސްނި އޭނާއަށް ރޮވެއެވެ.ދޮންމަންމަގެ އުފަންދަރިއަކަށް ނުވުން އެއީ އޭނާ ކުރާނެ ކަމެއް ނޫނެވެ.
ފަރީޝާ ކުދިން ގޮވައިގެން ސުކޫލުތަކަށް ހިނގާ މަންޒަރާއި ގޭތެރޭގައި އަވަދިނެތި އުޅޭ މަންޒަރު ރަށަށް އަންނަ ފަހަރަކު އޭނާގެ ބައްޕައަށް ފެނެއެެވެ.ދޮންމަންމަ އުޅެނީ ބައްޕަ ކުރިމަތީގައިވެސް ބަލިކަމަށް ހެދިގެންނެވެ.ދޮންމަންމަގެ ހަގު ދަރިފުޅު ލިބުނުފަހުން މުޅިގަޔަށްވެސް ތަދުވާ ކަމަށްބުނެ ބައްޕައަށް ދޮންމަންމަ ދޮގުހަދައެވެ.
ފަރީޝާއަކީ ބޮޑުކުއްޖެއްކަމުން ގޭތެރޭގައި އަވަދިނެތި އުޅުން ބައްޕަ މާބޮޑުކަމަށް ނުހަދައެވެ.ކުދިންގޮވައިގެން ސުކޫލަށް ލާން ދާތަން ފެނުމުންވެސް ފަރީޝާގެ ބައްޕަގެ ނަޒަރުގައި އެއީ ބޮޑު ދައްތައެއްގެ ޒިންމާ ފަރީޝާ އަދާކުރަނީއެވެ.
*****
ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ދޮންމަންމަގެ ނުފޫޒު ދިޔައީ ގަދަވަމުންނެވެ.ފަރީޝާދެކެ ދޮންމަންމަ ހިތްހަމަނުޖެހޭ ފަހަރަކު ބައްޕަ ހުއްޓަސް ދޮންމަންމަ ފަރީޝާއާ ދިމާލަށް އެއްޗެހި ގޮވައެވެ.ފަރީޝާގެ ބައްޕަ އެކަމާ ދެކޮޅަށް އެއްޗެއް ބުނެފިނަމަ ކުދިން ގޮވައިގެން އޭނާ ގެއިން ނިކުންނާނަން ކަަމަށާއި ދިއުމަށްފަހު ދަރިން ބައްޕައަށް ދައްކާނުލާނެ ކަމުގައިބުނެ ބައްޕައަށް ބިރުދައްކައެވެ.އެހެންކަމުން ދަރިންގެ ހައްގުގައި ބައްޕަ ދޮންމަންމައާ ދިމާލަށް ފަހުން ފަހުން އައިސް އެއްޗެކޭ ނުބުނެއެވެ.
އެކަމާ ފަރީޝާ ވަރަށް ދެރަވިއެވެ.ކުރިން ބައްޕަ ހުރިނަމަ އޭނާއަށް ހިމާޔަތް ލިބޭނެކަމަށް ހީވެ ހިތްހަމަ ޖެހުނަސް، ފަހުން އައިސް އެހިތްހަމަ ޖެހުމެއް ފަރީޝާއަކަށް ނުލިބެއެވެ.
ބައްޕަގެ ހަގު ދެދަރިންނަށްޓަކާ ފަރީޝާ ދިފާއުކޮށް ދޮންމަންމައާ ދެކޮޅަށް ބަސްބުނަން ނުކުޅެދުމުން ފަރީޝާ ހިތުގައި ޖެހުނެވެ.ހަގު ދަރިންނަށްޓަކައޭ ކިޔާ ބައްޕައަށް އެގެއްލުވާލެވެނީ ފަރީޝާގެ ހައްގުތައްކަން ބައްޕައަށް ނުވިސްނޭތީ އޭނާ މާޔޫސްވެއެވެ.
******
ކޮއްކޮމެންގެ ކަންތައްތައް ކޮށްދިނުމުގައި ގިނަވަގުތު ކޮއްކޮމެންނާއެކު ހޭދަކުރަންޖެހުމުން ފަރީޝާގެ ހިތުގައި އެކުދިންނާ ދޭތެރޭގައި އޮތް ލޯބި ތަނަވަސްވިއެވެ.އެކުދިންވެސް ފަރީޝާ ދެކެ ނުހަނު ލޯބިވެއެވެ.އެހެންކަމުން އެކަމާ ދޮންމަންމަ ރުޅިއައެވެ.
ފަރިޝާއާއެކު ނޫޅުމަށް އެކުދިންނަށް ދޮންމަންމަ ނަސޭހަތްތެރިވިއެވެ.ނަތީޖާއަކަށްވެގެންދިޔައީ އެކުދިން އެކުދިންގެ މަންމަގެ ބަސް އަހައިގެން ފަރީޝާއަށް ޖެއްސުންކުރަން ފެށުމެވެ.
ފަރީޝާ ރީތިވާން ގެންގުޅޭ މަދު ސާމާނު ކޮޅުތައް އުކާލާ، ސުކޫލު ފޮތްތައް ވެސް ވީދާ އޭނާއަށް އެކުދިން ޖެއްސުން ކުރަންފެށިއެވެ.ބޯއަޅާ ބާލީހަށްވެސް ފެންއަޅާ ކަންތައް ކުރިއެެވެ.އެކުދިން އޭނާއަށް އެވަރަށް އުދަނގޫކުރި ކަމުގައިވިޔަސް ފަރީޝާ އެކުދިންނާ ދިމާލަށް ބާރަށް އެއްޗެކޭ ނުބުނެއެވެ.އޭގެ ބަދަލުގަ އޭނާ ބެލީ ކެތްތެރިކަމާ ލޯތްބާއެކު އެކުދިންނަށް ނަސޭހަތްދެވޭތޯއެވެ.ފަރީޝާ ގަބޫލުކުރާ ގޮތުގައި އެއީ ކުޑަކުދިން ކަމުން އެކުދިންނަށް އަދި ނުވިސްނެނީއެވެ.
******
ސުކޫލު ނިމި އުމުރުން އަށާރަ އަހަރު ފުރުނީ ހަމަ އެހިތްދަތި ދިރިއުޅުމުގައި ފަރީޝާ އުޅެމުންނެވެ.އެގޭ ހަތަރުފާރު އެތެރޭގައި ފަރީޝާގެ ހާލާމެދު ހަމްދަރުދީވާނެ ހަމައެކަކުވެސް ނުވެއެވެ.
އޭނާގެ މިދުނިޔޭގައި ހުރި ހަމައެކަނި މީހަކީ ބައްޕައެވެ.ނަމަަވެސް ބައްޕަ ހުންނަނީ ދޮންމަންމަގެ ދަށުވެފައެވެ.ހަގީގަތް ލޮލަށް ފެންނަ ނަމަވެސް ނުފެންނަކަމަށް ހަދައިގެންނެވެ.
*******
މިއަދުވެސް އާދައިގެމަތިން ކޮއްކޮމެން ސުކޫލަށް ލުމަށްފަހު ގެއަށް އެނބުރި ދިޔުމަށް ފަރީޝާ ހިނގައިގަތެވެ.ގެއަށް ވަނަސް ހިންދަމާލާނެ ވަގުތު ނުވާނެކަން އެނގޭތީ ގެއާ ދިމާލަށް ގޮސްފައިވެސް ފަރީޝާ މިސްރާބު ބަދަލުކޮށްލީ ރަށުގެ ގޮނޑުދޮށާ ދިމާލަށެވެ.ލަސްވެއްޖެނަމަ ދޮންމަންމަ ރުޅިއައިސް އެއްޗެހި ކިޔާނެކަން އެނގިހުރެވެސް މިއަދު ގޮނޑުދޮށުގައި ހުރެލަން އޭނާ ބޭނުމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






nice❤️
Wow mi part VX vrh vrh reethi
Hama obinex to the max ey bunevey ni
Waiting for the next part
Take care
Be safe ???