ހަނދަކީ ކަލާ ކަމުގާވިޔަސް 7
“ހަމް އަށްވުރެ ދޮށީ މީހެއް، ހަމަ ތަނަކުން ދިމާވެގެން ތިހާ ފްރެންޑްލީ ވީމަ އެއްޗެއް ފީލް އެއް ނުވޭތަ؟ އަހަންނަށް ވަރަށް ކްރީޕީ ތި ވާހަކަ…” އަރޫޝާ ދެކޭގޮތް އޭނާ ފާޅުކޮށްލިއެވެ. އެއާއެކު ހަމްނާގެ ސިކުނޑި އެސުވާލު ތަކުރާރުކޮށްލުމާއެކު އެކަމާމެދު ވިސްނައިލަން މަޖުބޫރުވިއެވެ.
“އާނ، އަނެއްހެން ބަލަންޏާ ވަރަށް ވިއާޑް ކަމެއް ދޯ. އެކަމަކު އޭނަގެ ކިބައިން ތިބުނާ އެއްވެސް ކްރީޕީ ކަމެއް ނުފެނޭ”، ވިސްނަން އިނދެފައި ހަމްނާ ބުންޏެވެ.
“ތިބުނީ އަދި ޑޮކްޓަރެކޭ. ޑޮކްޓަރުންނަކީ ނުލާހިކު ބިޒީ ބައެއް، އަނެއްކާ ވަރަށް ގޮތުގަ ތިބޭ ބައެއް. ތަނަކުން ފެންނަހާ ކުއްޖަކު ގޮވައިގެން ކާން ގޮސް…”، އަރޫޝާ އެއްޗެކޭ ބުނަން އުޅެފައި އެ ޖުމްލަ މެދުކަނޑައިލިއެވެ. ދެންވެސް ކޮށްލީ ސުވާލެކެވެ. “އޭނަގެ އުމުރު ހަމް އަށް އެނގޭތަ؟ އަނެއްކާ ހަމް ބައްޕަގެ އޭޖް މީހެއްތަ؟”
“އޭޖެއް ސީދާ ނާހަން. އެކަމަކު އޭނަ ކިޔައިދިން ވާހަކަތަކުން 30އަހަރު ވެފައިވާކަން އެނގޭ. އަހަންނަށް ލަފާކުރެވެނީ 32 ވަރުހެން. އެންޑް އެއީ ޑޮކްޓަރެއްކަން ޔަގީން”، ހަމްނާއަށް އެނގޭ މިންވަރުކަން އޭނާ ޖަވާބުދިނެވެ.
އެދުވަހު ފޯނު ބާއްވަމުން އަރޫޝާ ބުނީ އޭނާ އާޒާދުގެ ހަގީގަތް ހޯދާނެ ކަމަށެވެ. މީސްމީޑިއާ މެދުވެރިކޮށް ފީނެން އޮތް އެންމެ ފުނަކަށް ފީނާނެ ކަމަށްބުނެ ފޯނު ބޭއްވިގޮތަށް އަރޫޝާ އެކަމުގައި މަސްއޫލުވެގަތެވެ. އާޒާދުގެ ނަން ޖަހައިގެން ބެލިބެލުމުން ހަމްނާ ބުނި ސިފައާ ދިމާވާ ދެތިން މީހަކު ފެނުނެވެ. ހަމްނާއަށް ފޮޓޯ ފޮނުވައިގެން ޔަގީންކުރި އިރު، އާޒާދު ވީ އެތަނުން އެންމެ ރީތި މީހާއަށެވެ. ވަގުތުން އަރޫޝާގެ ހިތުގައިވެސް އެ ސޫރު ވިކައިލި ކަހަލައެވެ. ކުރިން ހަމްނާގެ ބައްޕަގެ އުމުރު މީހެއްކަމަށް އަރޫޝާއަށް ހީވި ހީވުމަކީ މުޅިން ގޯހެއްކަން އެނގުމުން ހިނިވެސް އައެވެ.
އެހެންނަމަވެސް މީސްމީޑިއާ ހާވައިގެން އަރޫޝާއަށް އާޒާދުގެ މާބޮޑު މަޢުލޫމާތެއް ނުލިބުނެވެ. ޕްރޮފައިލަށް ލާފައި ހުރި ފޮޓޯ ފިޔަވައި އެހެން ފޮޓޯއެއް ފެންނާކަށްވެސް ނެތެވެ. އުންމީދު ކަނޑައިނުލާންވެގެން އަރުޝާ އިޚުތިޔާރުކުރީ އެންމެފަހު ގޮތެވެ. އާޒާދަށް ފްރެންޑް ރިކުއެސްޓު ފޮނުވުމެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ހަމްނާގެ ހިތުން އާޒާދުގެ ހަނދާންތައް ފިލައި، އާންމު ދިރިއުޅުމަށް ރުޖޫޢަވިއެވެ. ހަގީގަތަށް ބަލާނަމަ، އޭނާއާމެދު ހަމްނާ އެވަރަށް ވިސްނަންޖެހޭ ސަބަބެއް ނެތެވެ. އެގޮތަށް ކިތަންމެ ރަހުމަތްތެރިންނަކާ ދިމާވާނެކަން އޭނާއަށް އެނގެއެވެ. އެކުގައި ދުވަސްކޮޅެއް ހޭދަކޮށްލާފައި ކޮންމެ މީހަކުވެސް އެމީހެއްގެ ރާސްތާއަށް އެނބުރި ދާނެއެވެ. އެ ހަނދާންތަކުގެ މައްޗަށް ހަމްނާގެ ހަޔާތެއް ބިނައެއް ނުކުރެވޭނެއެވެ.
ފުރަތަމަ ސެމިސްޓާ ނިމި، ލިބުނު ކުރު ޗުއްޓީއަށް ހަމްނާ އައީ ރާއްޖެއަށެވެ. މާލޭގައި އެއްދުވަސް މަޑުކޮށްފައި، ދެން ދިޔައީ އޭނާގެ އުފަން ރަށަށެވެ. މަންމައާއި ބައްޕަ ނުފެނި މާގިނަ ދުވަސް ވުމުން އެމީހުން ދެކިލާށެވެ. ޗުއްޓީގެ ބާކީ އޮތް ދުވަސްތައް ހަމްނާ ހޭދަކުރާނީ ރަށުގައެވެ.
ހަމްނާ ރާއްޖެ އައި ހަބަރު ރައްޔާންގެ ކަންފަތަށް ފޯރާކަށް މާ ގިނަ ދުވަހެއް ނުނެގިއެވެ. އެކަން ހަމަ އެނގުމާއެކު، އެކި ނަންބަރުތަކުން ހަމްނާއަށް ގުޅައި އުނދަގޫކުރަން ފެށިއެވެ. ރަށަށް އާދެވުނުކަން ނަސީބެކޭ ހަމްނާގެ ހިތަށް އެރީ އެހެންވެގެންނެވެ. ނޫންނަމަ އޭނާ ހޯދަން ގެއަށް އަންނާކަށް ވެސް ރައްޔާން ފަހެއް ނުޖެހޭނެއެވެ. އެކަމަކު އެ މޫނު ދެކޭކަށް ހަމްނާ މިހާރު ބޭނުމެއް ނޫނެވެ.
ނުދަންނަ ނަންބަރުތަކުން ގުޅުމުން ހަމްނާ ކުރާ ކަމަކީ ފޯނު ނުނަގައި، އެ ނަންބަރެއް ބްލޮކް ކޮށްލުމެވެ. އެހެން ގޮސް 15 ވަރަކަށް ނަންބަރު ބްލޮކް ކޮށްލެވުނެވެ. އެއްދުވަހަކު ގޭގެ ގޯތި ތެރޭގައި އިންދައި ހަމްނާގެ މަންމަ އައީ ހަމްނާއަށް ފޯނެއް އައިސްފި ކަމަށްބުނަމުންނެވެ. އޭރު މަންމަގެ އަތުގައި އޮތީ މަންމަގެ ފޯނެވެ. އެހެންކަމުން ހަމްނާއަށް ލިބުނީ ހައިރާންކަމެވެ. އޭނާ ހޯދަން މަންމަގެ ފޯނަށް ގުޅާނީ ކާކުހެއްޔެވެ؟
“ރައްޔާންތަ؟” ދެއަތުން ބޮލުގައި ހިފަހައްޓާލައިގެން އިނދެ ހަމްނާ ސުވާލުކޮށްލިއެވެ.
“ރައްޔާނެއް ނޫން، އަންހެން ކުއްޖެއް”، މަންމަ އެހެން ކިޔާފައި ފޯނު ދިއްކޮށްލުމުން ހަމްނާ ކަންފަތުގައި ޖައްސައިލިއެވެ. މަންމަ ވަނީ އެތެރެއަށެވެ.
“ހަލޯ! ހަމްނާ ދޯ؟ މިއީ…” އެކޮޅުން ވާހަކަދެއްކި އަންހެންކުއްޖާއަކީ ކާކުކަން އެނގޭވަރެއް ނުވިއެވެ. ހަމްނާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ދެން ވާހަކަދައްކަން ފެށީ އެހެން މީހެކެވެ. “މިއީ ރައްޔާން! ފޯނު ބާއްވަން ހިތަށް ވެސް ނާރުވާތި. އެހެންނޫނީ ހަމްގެ ހުރިހާ ފޮޓޯއެއް ލީކުކޮށްލާނަން!” ރައްޔާންގެ އިންޒާރު އިވުމުން ހަމްނާ ސިހުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


