ހިނިތުންވެލަށޭ ކަލާ 2
އިޒްހާއަށް ޖެހެވެން ފެށީ ފަހަތަށެވެ. ކުއްލިއަކަށް އައި ނައި ތަނެއް ނޭނގި ފެނުނީ ޖިޔާންގެ ކޮލަށް ބާރުގަދަ އަތަކުން އައި ހޫނު ހަމަލާއެއް އެރިތަނެވެ. އެއީ ކާކުކަން ފެނުމާއިއެކު އިޒްހާއަށް ޤަބޫލުކުރަން ދަތިވިއެވެ.
*****
އެތާ ހުރީ އިޒްއާން ނޫން ދެވަަނަ މީހެއް ނޫނެވެ!
“ބަލަ! ކަލޭ ތީ ކާކުތަ މި ދޭތެރެއަށް ވަންނާކަށް؟” ޖިޔާން ރުޅިއައިސްފައި ބުނެލިއެވެ.
“އަހަރެން؟ އަހަރެން މީ އިޒްހާގެ ދޮންބެ. ތީ އަހަރެން އަހަން ޖެހޭ ސުވާލެއް. އަހަރެންގެ ކޮއްކޮ އާއި ނުބެހި އެންމެ ފުރަތަމަ އަމިއްލަ މީހާއަށް ބަލައިލަބަލަ. ރަނގަޅަށް ލަވް ޕޮއެމްއެއް ކިޔާލަން ނޭނގޭ ތާކު ރަނގަޅަށް ކިޔަވާ ވައްތަރެއްވެސް ނުޖަހާ. ހަނދާންކުރާތި! ދެން މަގޭ ކޮއްކޮއާ ބެހިއްޖެނަމަ އޭނާ އާއި ދިމާއަށް ބަލައިލަންވެސް ނުކެރޭވަރު ކޮށްލާނަން.” އިޒްއާން ރުޅިވެރިކަމާއިއެކު ޖިޔާން އާއި ދިމާއަށް އެހެން ބުނުމަށްފަހު އިޒްހާގެ އަތުގައި ހިފައިގެން އެތަނުން ނިކުމެ ފިހާރަ ކައިރިއަށް ދިޔައެވެ.
“ބަލައިގެން އުޅޭތި!” މިހެން ބުނުމަށްފަހު އިޒްއާން ދިޔައީއެވެ.
އިޒްހާ އަދިވެސް ހުރީ ދެންމެ ވީ ކަންތައްތަކާއި މެދު ހައިރާންވެފައެވެ. ނަމަވެސް ރައިލީމެން މިހާރު ކަންބޮޑުވެފައި ތިބޭނެތީވެ އަވަހަށް ފިހާރައަށްވަދެ ދެ ފެންފުޅި ހިފައިގެން ދިޔައިރު ހަމަ ރަނގަޅަށްވެސް ރައިލީމެން ތިބީ ކަންބޮޑުވެފައެވެ.
“އިޒޫ! ކިހާއިރެއް ފިހާރައަށް ދިޔަތާ! އަދި ކިރިޔާތަ އާދެވުނީ. އިޒޫ.. ވީ ވާރ ސޯ ވޮރިޑް. ޝިއުނީ އަނެއްކާވެސް ދިމާކުރީތަ؟” ރަހޫލް އިޒްހާގެ އަތުގައި ހިފައިލަމުން އެހެން އަހައިލިއިރު އެ ދެލޮލުން ފެންނަމުން ދިޔައީ އިންތިހާ ކަންބޮޑުވުމާއި ލޯތްބެވެ.
“ނޫނޭ ދޮންތާ، މީ.. ދޮންބެ ފެނުނީމަ މިރެއަށް ކާން ހަދަންވީ ކޮންޗެއްކަން ބުނީމަ ގިނައިރުވީ. ހެހެހެ.” ރަހޫލް އިތުރަށް ނުތަޅުވަންވެގެން އިޒްހާ ދޮގެއް ހަދައިލިއެވެ.
“ނަސީބެއްނުން. މިހާރު އެ ހަޔެއް ޖެހީ. ހިނގާ ގެއަށް ދާން؟” ރައިލީ އެދެމީހުން ކައިރިއަށް ހުއްޓެމުން ބުނެލިއެވެ.
ދެން ތިން މީހުންވެސް މިސްރާބުޖެހީ ގެއާއި ދިމާއަށެވެ. ރަހޫލް އާއި ރައިލީ ގެއަށް ވަނުމާއިއެކު ބޭރު ޖޯލިފަތީގައި އިށީނދެއިން ރީމާއަށް ހަނާ އަޅައިލަމުން އިޒްހާވެސް މިސްރާބުޖެހީ ގެއާއި ދިމާއަށެވެ. ރައިލީމެން ގެއިން އިޒްހާމެންގެއަށް ދެވޭނީ ގާތްގަނޑަކަށް ހަތްވަރަކަށް މިނެޓު ތެރޭގައެވެ. އިޒްހާ އެހެން ހިނގަމުން ދަނިކޮށް ކުއްލިއަށް ދަންނަ ވައްތަރު ޖަހާ ޒުވާން ފިރިހެން ކުއްޖެއް އައިސް އިޒްހާ އާއި އެއްވަރުކޮށްލިއެވެ. އިޒްހާ ދެލޯބޮޑުކޮށްލަމުން ކުރިއަށް ހިނގައިގަތްތަނާހެން އެއްކަލަ ފިރިހެން ކުއްޖާ ފަހަތުން ގޮވައިލިއެވެ.
“އިޒްހާ، އަހަރެންނާ ވާހަކަވެސް ދައްކާނުލަންތަ ތި ދަނީ؟ އަހަރެން މީ ޒާކިން އޭ. އިޒްއާންގެ ރައްޓެއްސެއް. ނުބުނޭތަ؟” މިހެން ޒާކިން ބުނުމާއިއެކު އިޒްހާއަށް ހިނގުން މަޑުކޮށްލެވުނެވެ.
“އޮހް. ސޮރީ. ބުނި އެހެން. ފުރަތަމަ ހީވި ކުރިން ފެނުނު މީހެއްހެން. ސޮރީ އެބައުޓް ދެޓް.” އިޒްހާ އިސްޖަހައިލަމުން ބުނެލިއެވެ.
“ހަހަހަ.. އެ އޯކޭވަނެ. އެހެންނޫނަސް އެހާ ލަދުން ނުހުރެ ވާހަކަވެސް ދައްކަބަލަ ދޯ؟ އެއް ގެއެއްގަ އުޅެންޏާ ވާހަކަވެސް ދައްކަންވާނެއެއްނު؟” ޒާކިން ލާނެތްގޮތަކަށް އެހެން ބުނެލުމާއިއެކު އިޒްހާ އަދި އިތުރަށް ލަދުގަތެވެ.
“އިޒޫ ދޯ ކިޔަނީ ނިކްނޭމްއަކަށް؟ އޯކޭތަ އަހަރެން އެހެން ގޮވިޔަސް؟ ކޭން ވީ ބީ ފްރެންޑްސް؟” ޒާކިން އަނެއްކާވެސް އެހިމޭންކަން ނައްތައިލަމުން އެއްސެވެ.
“ޔެސް. ޝުއަރ. އައި ވުޑް ލަވް ޓު ޒާކިން..” އިޒްހާ އެހެން ބުނެވުނުއިރު ގެއަށްވެސް އާދެވިއްޖެއެވެ.
“ބަންގި ގޮވަނީ އެ. ދަނީ އިނގޭ. ބައި ދަ ވޭ އަހަރެންނަށް ކިން އޭ ކިޔައިފަ ގޮވިޔަސް މައްސަލައެެއް ނެތް.” ޒާކިން އޭނާގެ ކޮޓަރިއަށް ވަންނަމުން ބުންޏެވެ.
އިޒްހާވެސް ހަމައެކަނި ހިނިތުންވުމަކުން ފުއްދައިލަމުން ކޮޓަރިއަށްވަނެވެ. އެރޭ އިޝާ ނަމާދުކޮށްގެން އިޒްހާ ބަދިގެތެރޭގައި އަވަދިނެތި އުޅެމުން ދިޔައީ ‘ވައިޓް ޕާސްތާ’ ކެއްކުމުގައެވެ. އެހެން ފްރިޖް ކައިރިއަށްގޮސް ޗީޒްކޮޅެއް ނެގުމުގައި އުޅެނިކޮށް މީހަކު ބަދިގެ ދޮރު ކައިރީގައި ހުރިހެން ހީވިއެވެ.
“ދޮ.. ދޮންބެތަ؟ ލަސްވީ ދޮ.. ދޯ؟ މި.. މި ނިމެނީ އިނގޭ.” ބަދިގެ ދޮރު ކައިރީގައިހުރީ އިޒްއާންކަމަށް ހީކޮށް އިޒްހާ ބުނެލިއެވެ.
ނަމަވެސް އެމީހަކު އެއްޗެކޭ ނުބުނެ ކައިރިއަށް އަންނަން ފެށުމާއިއެކު އެއީ އިޒްއާން ނޫންކަން ޔަޤީންވިއެވެ. ނަމަވެސް ފަހަތަށް ނޭނބުރެނީސް އެ މީހަކު އައިސް އިޒްހާ ފްރިޖްގެ ދޮރު މަތީގައި ބާއްވައިފައި އޮތް އަތް މަތީގައި އެމީހެއްގެ އަތްވެސް ބާއްވައިލިއެވެ. އިޒްހާ މަޑުމަޑުން އެ މީހަކާއި ދިމާއަށް މޫނު އަނބުރައިލިއެވެ. ގަދަ މުށި ކުލައިގެ ރީތި އެ ތޫނު ދެލޯ އެހާ ކައިރިން ފެނުމާއިއެކު އިޒްހާގެ ގައިން ހީބިހި ނެގިފަދަ އިހުސާސެއް ކުރެވިގެން ދިޔައެވެ. އޭނާގެ ހިތުގެ ތެޅުން އިތުރަށް ބާރުވެގެން ދިޔައިރު އެ މޫނުމަތި ޖަންބެއްހައި ރަތްވެގެން ދިޔައެވެ.
“ހެއި ބިއުޓިފުލް.. އަހަރެންގެ މޫނުގަ ޖަވާހިރެއް އޮތީތަ އެހާ ވަރަކަށް ތި ބަލަނީ؟” އެ ޒުވާނާގެ ދުލުން ބޭރުވި އެ ބަސްކޮޅާއިއެކު އިޒްހާއަށް ސިހިފައި ފްރިޖްގައި ޖެހެވުނެވެ.
އެ ޒުވާނާ ދުރުވެލުމާއިއެކު އިޒްހާގޮސް އުދުން ކައިރީގައި ހުއްޓެލިއެވެ. އެ ޒުވާނާގެ ލާނެތް ހުނުމުގެ އަޑު ފަހަތުން އިވުނެވެ. އޭނާ ފްރިޖުން ފެންފުޅިނަގައި ފެންފޮދެއް ބޮއިލައިގެން އިޒްހާއަށް އަދި އެއްފަހަރު އެ ޒުވާނާ ބަލައިލުމަށްފަހު ދިޔައީއެވެ. އިޒްހާ އިރުކޮޅަކު ހިތާއި ދިމައިގައި އިރުކޮޅަކު އަތް އަޅައިލައިގެން ހުރުމަށްފަހު ހިތުގެ ތެޅުން ހަމައަކަށް އެޅުމާއިއެކު ކެއްކުމާއިގެން އުޅެން ފެށިއެވެ. ކައްކައި ނިމިގެން ތަށިތައް މޭޒު މަތީގައި އަތުރައިލުމަށްފަހު ސިޓިން ރޫމަށް ނިކުމެ ސޯފާގައި ޓީ.ވީ ބަލަންތިބި ތިން މީހުންނަށް ކާން އައުމަށް ގޮވައިލިއެވެ. އިޒްއާން އެއްވެސް އަސަރެއް މޫނުމަތިން ދެއްކުމެއްނެތި ކާން ވަތްއިރު ޒާކިން ހިނިތުންވުމެއް ހަދިޔާކޮށްލަމުން ވަނެވެ. ދެން އެހުރީ އިޒްހާ ކައްކަންހުރި އިރު ފްރިޖުން ފެން ބުއި ޒުވާނާއެވެ. ކަޔާންއެވެ. އޭނާ ވަނީ ލޮލުގެ ހިމަކޮޅުން އިޒްހާއަށް ބަލައިލަމުންނެވެ. އިޒްހާގޮސް ވަނީ ކޮޓަރިއަށެވެ. އަދި ފާޚާނާއަށް ވަދެ ކުޑަކޮށް ގައި ދޮވެލައިގެން ލީ ކަޅު ދޫ ޓީޝާޓަކާއި ކަޅު ޓައިޓެކެވެ. ހަމަ ފެންވަރައިގެން އެނދުގައި އޮށޯވެލިތަނާހެން އޭނާގެ ބައްޕަ، އިއްބާން ގުޅަން ފެށިއެވެ. އިޒްހާ އަވަހަށް ލަސްކުރަން ނުހަދައި ފޯނުނަގައި ކަންފަތުގައި ޖަހައިލިއެވެ.
“ދަރިފުޅާ؟ ހާލު ކިހިނެތް؟ ދޮންބެގެ ހާލު ކިހިނެތް؟” އިއްބާން ހަމަ ފޯނު ނެގުމާއިއެކު ސުވާލުބޮނޑި އޮއްސައިލިއެވެ.
“ހުރިހާ އެންމެންގެވެސް ހާލު ރަނގަޅު. އަލްޙަމްދުލިއްﷲ. ބައްޕައާ މަންމަގެ ޙާލު ކިހިނެތް؟” އިޒްހާ ބުނެލިއެވެ.
“ބައްޕަގެ ޙާލު ރަނގަޅު. މަންމަވެސް މިހާރު ކުރިއަށްވުރެ ރަނގަޅު. މަންމަ އަތަށް ފޯނު ދޭންވީތަ؟” އިއްބާން އެހެން ބުނުމަށްފަހު އިޒްހާއަށް އެއްޗެކޭ ނުބުނެވެނީސް އޭނާގެ މަންމަ ޒައިނާ އަތަށް ފޯނު ދީފައި ތާކަށް ދާން ޖެހޭކަމަށް ބުނެ އަވަހަށް ދިޔައީއެވެ.
“ހަ.. ހަލޯ..” އިޒްހާ މިފަހަރު ވާހަކަ ދެއްކިއިރު އެ އަޑުގައި މަޑު ތުރުތުރުވުމެއްވިއެވެ.
“ހަލޯ އެކޭ ކިޔާނެކަމެއް ނެތް! ކަލޭ ހިތަށް އެރީ ދޯ އަހަރެން ގޭގަ ނެތީމަ ބޭނުން ގޮތަކަށް އުޅެވޭނެޔޭ؟ ނޫޅެވޭނެ. މިފަހަރު ގޮސް ހުރެބަލަ! ލަނޑެއް ދޭނަން. ޝިއުނީވެސް ބުނެޔޭ ކޮންމެ ކޮންމެ ދުވަހަކު ބޭރުގައޭ އުޅެނީ. ހަމަ ހުވާ. އަހަރެން އިންޑިޔާއިން ރާއްޖެގޮސް އެންމެ ފުރަތަމަވެސް ކަލޭ މީހަކަށް ދެވާނީ.” މި ވިހަ ގަދަ ބަސްތައް އިޒްހާ އާއި ދިމާއަށް އަމުނައިލުމަށްފަހު އިޒްހާގެ ހިތް ފުނޑުފުނޑުކޮށްލަމުން ޒައިނާ ފޯނު ބޭއްވީއެވެ.
އިޒްހާގެ ލޮލުން ހޯސްލައިފައި ކަރުނަތައް ފައިބައިގަތެވެ. އެއީ އޭނާގެ ދިރިއުޅުމެވެ. ޒައިނާ އިޒްހާއަށް ވަރަށް ވިހަ ގަދަ ބަސްތައް ބުނެ ކަންތައްތައް ކުރުވަން ޖައްސައެވެ. އޭނާއަށް ކިރިޔާވެސް ނޭވައި އެ ލެވުނީ ޒައިނާ އަތް އޮޕަރޭޝަންކުރަން އިންޑިޔާއަށް ފުރީމައެވެ. އިޒްހާ ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން އޭނާ ކޮޓަރީގެ ކުޑަދޮރު ހުޅުވައިލުމަށްފަހު ބޭރަށް ފުންމައިލިއެވެ. އަދި ވަރަށް ބާރަށް ދުވެފައި ދިޔަގޮތަށްގޮސް ނިކުމެވުނީ ގޮނޑުދޮށަށެވެ. ރާޅު ބީއްސާ ހިސާބަށްވުރެ ކުޑަ ތަންކޮޅެއް ދުރުގައި އޭނާ އިށީނދެ އުޑު މައްޗަށް ނަޒަރު ހިންގައިލިއެވެ. ސާދަ ވިލޭރޭގެ ހަނދުން މުޅި ޖައްވު އަލިކޮށްލަދީފައިވާއިރު އަލި މުއްތަކެއްފަދަ ތަރިތަކުން އަދި އިތުރު ފުރިހަމަކަމެއް ގެނަސްދީފައިވެއެވެ. އެއްވެސް ވިލާކޮޅެއް ނެތް ސާފު ރީތި ރެއެކެވެ. އިޒްހާ އެހެން އޮއްވައު ސިހުނީ މީހަކު އޭނާގެ ކައިރީގައި އިށީނުމުންނެވެ. ބަލައިލިއިރު ފެނުނު ސޫރައިގެ ސަބަބުން އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ދުވަހަކުވެސް ފެނިފައި ނުވާ ފަދަ ރީތި ޒުވާނެކެވެ. ހަންގަނޑު އެހާ އަލިވެފައި ރީއްޗެވެ. ބައިމަތި ފުޅާވެފައި ދިގެވެ. އިސްތަށިގަނޑު ފަންވެފައި ކަޅެވެ. ދެލޮލުގެ ކަޅި ކަޅު ދެލިކޮޅެއްހާ ކަޅެވެ. ދުވަހަކުވެސް އަދި މިހާ ރީތި ފުރިހަމަ ޒުވާނެއް އިންޓަނެޓުގެ ޒަރިއްޔާއިންވެސް އިޒްހާއަށް ފެނިފައެއް ނުވެޔޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ.
“އިޒްހާ ދޯ؟” އެ ޒުވާނާ އެހެން ބުނުމާއިއެކު އިޒްހާއަށް ކޮޅަށް ތެދުވެވުނެވެ.
އިޒްހާ އެއްވެސް އެއްޗެކޭ ބުނުމަކާއިނުލައި ދާން އުޅެނިކޮށް އެ ޒުވާނާވެސް ތެދުވެފައި އިޒްހާގެ އަތުގައި ހިފިއެވެ. އިޒްހާއަށް ސިހިފައި ބަލައިލެވުނެވެ.
“ހާދަ އަވަހަށް ތި ދަނީ؟” އެ ޒުވާނާ ބުނެލިއެވެ.
“ތި.. ތީ ކާކު؟ ކިހިނެތް އަަހަރެންގެ ނަން އެނގުނީ؟” އިޒްހާއަށް އެހެން އެހުނީ ތުރުތުރުއަރާ އަޑަކުންނެވެ.
“ހެހެހެ.. މިއަދު އިރުއޮއްސުނު ގަޑީގައި ކޮންމެވެސް ފިރިހެން ކުއްޖަކު އިޒްހާއަށް އެނަމުން ގޮވާލި ގަޑީގަ ޔަޤީންވީ.” އެ ޒުވާނާ ހީލިއެވެ.
“އާދޭ މިތާ އިށީންނަން..” އޭނާ ތިރީގައި އިށީންނަމުން ބުންޏެވެ.
އިޒްހާވެސް ދެކޮޅުހެދުމެއްނެތި ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން ކައިރީގައި އިށީނެވެ.
“ކޮން ނަމެއް ކިޔަނީ؟” އިޒްހާއަށް އެހެން ބުނެވުނީ ދޫއޮޅިގެންކަމެއް ނޫނީ ބިރު ފިލައިގެން ދިއުމުންކަމެއް ނޭނގުނެވެ.
“ރުކައިން ކިޔަނީ. އަހަރެން އިއްޔެ މިރަށަށް ބަދަލުވީ މާލެއިން.” ރުކައިން ބުނެލިއެވެ.
“އޮހް. އެހެން؟ ކިހިނެތް ދެން އަހަރެން މި ތަނަށް އައިކަން އެނގުނީ؟ އާރ ޔޫ ސްޓޯކިން މީ؟!؟” އިޒްހާ އެހެން އެހުމާއިއެކު ރުކައިން ޖަހައިލީ ހިނިގަނޑެކެވެ.
“ނޯ. ކީތްވެ އަހަރެން އިޒޫ ސްޓޯކްކުރާނީ؟ އަހަރެން ހިތްހަމަ ޖައްސައިލަން ބީޗަށް އައިތަނާ ފެނުނީ އިޒޫ މިތާ އިށީނދެއިން ތަން. އެހެންވެ އިޒޫ އެކަނި އިނީމަ މިތަނަށް އައީ.” ރުކައިން ‘އިޒޫ’ އޭ ކިޔައިގެން ވާހަކަދެއްކުމުން އިޒްހާއަށް ހެވުނެވެ.
“އެހެން؟ ސޯ.. ރުކައިން އަހަންނަށް އިޒޫ ކިޔަންޏާ އަހަރެން ދެން ރުކައިންއަށް ގޮވާނީ ރުކް އޭ ކިޔާފަ. އެންމެ ރަނގަޅުތަ…؟” އިޒްހާ ބުނެލިއެވެ.
“އިޒޫ ބޭނުންގޮތެއް. އެން ކީތްވެ އަހަރެން މިތަނަށް އައި އިރު އެހާ މޫޑީވެފަ އިނީ؟” ރުކައިން އެއްސެވެ.
އިޒްހާގެ އުފާވެރިކަން ވެރިވެފައިވާ މޫނު މިލާ މޯޅިވާން ނެގީ ހަމަ އެންމެ ދެތިން ސިކުންތެވެ.
– ނުނިމޭ –
ވާރޑް ކައުންޓް: 1000+
ސަލާމް…. އަޅުގަނޑު މި ހަފްތާތެރޭ މި ވާހަކައިގެ ދެވަނަ ބައި އަޕް ނުކުރެވުނީ ތަންކޮޅެއް ބިޒީކޮށް އުޅުމުގެ ސަބަބުން. މިކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެން. އިންޝާ ﷲ ކޮންމެ ހަފްތާއަކު 2 ނުވަތަ 3 ޕާރޓް އަޕް ކުރެވޭތޯ ބަލާނަން. ☺️??
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

