ހެނދުނު އަށެއް ޖަހައިފިއެވެ. މަޑު ނޫކުލައިގެ ދެބުރިއަށް ނަގައިފައިހުރި ގެއެއްގެ ކުރިމަތީގައި ހުރި ޖޯލިފައްޗެއްގައި އިން 23 އަހަރުގެ އިޒްހާ އިނީ އިނގިރޭސި ބޯ ވާހަކަ ފޮތެއް ކިޔާށެވެ. ފެންނަ ފެނުމަށް ވަރަށްވެސް ރީއްޗެވެ. ދިގު ބޯ އެސްފިޔަތަކެއްގެ ދަށުގައިވާ މަޑު، މުށިކުލައިގެ ދެލޮލާއި އުނަގަނޑާއި  ހިސާބަށް އަރާ ފަން، ގަދަ މުށިކުލައިގެ، ބޯ އިސްތަށިގަނޑަކީ ގިނަ މީހުންގެ ސަމާލުކަން އެންމެ ފަސޭހައިން ދަމައިގަންނަ ކަންކަމެވެ. ލިބިފައިފާ ކުރު އިސްކޮޅުންނާއި ބައްޓަން ރީތި ތުނި ދޮން  ހަށިގަނޑުން ބޮޑަށް ވައްތަރީ ދެކުނު ކޮރެއާގެ ކުއްޖަކާއޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. އިޒްހާ އެހެން އިންދައި ސިހުނީ ކޮންމެވެސް މީހަކު އޭނާގެ ފޯނަށް ގުޅަން ފެށި އަޑަށެވެ. ވާހަކަ ފޮތް ލައްޕައިލަމުން ފޯނަށް ބަލައިލިއެވެ. ގުޅަނީ އޭނާގެ ދޮންބެ، އިޒްއާންއެވެ. އޭނާ މަޑުމަޑުން ފޯނުނަގައި ކަންފަތުގައި ޖަހައިލިއެވެ.

“ހަލޯ..؟” އިޒްހާ މަޑުމަޑުން ބުނެލިއިރު ރަނގަޅަށް އަޑުއަހާ މީހަކަށް އެ އަޑުގައިހުރި ތުރުތުރުވުން ފާޅުނުވެއެއް ނުދާނެއެވެ.

“އިޒްހާ! މިއަދު މެންދުރު ދޭއް ޖެހުމުގެ ކުރިން ދެ މީހުންނަށްވާވަރަށް ކޮންމެހެން  ހަދައިފައިވެސް ކާން ހަދައިފަ ބަހައްޓާތި!” ހަރުކަށިކަން އެކުލެވިފައިވީ އެ އަޑުން އެއްނޭވާއިން އެހެން ބުނެލުމަށްފަހު އިޒްހާއަށް ވާހަކަ ދައްކަން ފުރުސަތެއް ދިނުމެއްނެތި އިޒްއާން އަވަހަށް ފޯނު ބޭއްވިއެވެ.

އިޒްހާ  ހައިރާންވިނަމަވެސް އަޅައިނުލީ އެއީ އިޒްއާންގެ ގޮތްކަމުގައި ވާތީއެވެ. ދެމީހުންނަކީވެސް އެއްބަނޑުއެއްބަފާ ދެމީހުން ނަމަވެސް ވާހަކަ ދައްކަނީ ދައްކަން މަޖުބޫރުވެގެންނެވެ. އިޒްހާ އިޒްއާން އާއި ވާހަކަ ދައްކަން އެންމެ ޖެހިލުންވަނީ މި ސަބަބައް އެކަންޏެއްނޫނެވެ. އިޒްއާންގެ އެހުންނަ  ހަރުކަށިކަމުންނާއި ނުރައްކާތެރިކަމުންވެސް އިޒްހާ ޖެހިލުންވެއެވެ. ނަމަވެސް އަދި މިއަދާއި ހަމައަށްވެސް އިޒްއާން އިޒްހާއަށް ގޯސްގޮތަކަށް ކަމެއް ކޮއްފައެއްނެތެވެ.

މެންދުރު ދޭއްޖެހީ އިޒްހާ ސިޓިންރޫމުގައި ޓީ.ވީ ބަލަން އިންދައެވެ. ނަމަވެސް ދެތިން މިނެޓެއް ނުވެ ބޭރުން ބަޔަކު ވާހަކަދައްކާ އަޑު އިވުނެވެ. އިޒްހާ ވަގުވަގަށްގޮސް ބޭރު ބަލައިލިއިރު ފެނުނީ އިޒްއާން އާއި އޭނާގެ ދެކޮޅުގައި ތިބި ދެ ޒުވާނުން އެ ދިމާއަށް އަންނަ ތަނެއެވެ. އެދެ ޒުވާނުންގެ މޫނަށް ބަލަެިލައިފައިވެސް އެއީ ހަމަ އިޒްއާންއެކޭ އެއްފަދައިން 26 އަހަރުގެ ޒުވާނުންކަން ޔަޤީންވިއެވެ. އިޒްހާ އަވަހަށް އެމީހުންނަށް ފެންނަންވާއިރަށްގޮސް ކޮޓަރިއަށްވަނެވެ. ނަމަވެސް އެހެނެއް މާކަ ގިނައިރަކު ނޯވެވުނެވެ. މީހަކު ދޮރުގައި ޓަކި ތަޅަން ފެށި އަޑަށް އިޒްހާގޮސް ދޮރު ހުޅުވައިލިއިރު ކުރިމަތީގައި އޮފީސް ޔުނީފޯމްގައި ލައިގެންހުރި ފަޓުލޫނުގެ ދަށަށް އަތް ޖަހަެިލައިގެންހުރި މީހަކީ އިޒްއާން ނޫން އެހެން މީހަކު ނޫނެވެ. ހަމަ އެ ހަރުކަށި ނުރައްކާތެރި ބެލުމެވެ. ހަމަ އެ ބައިމަތި ފުޅާކަމާއި ޝަޚުސިއްޔަތު ވަރުގަދަކަމެވެ. އިޒްއަން އާއި އިޒްހާ އިސްކޮޅު ޖައްސައިގެން ބަލައިލާއިރަށް ޔަޤީނުންވެސް އިޒްހާ އަރާނީ އިޒްއާންގެ މޭމައްޗާއި ހަމައަށެވެ. އެހާވެސް އޭނާ ދިގެވެ.

“ދޮ..ދޮންބޭ؟” އިޒްހާއަށް ހައިރާންވިވަރުން ބުނެވުނެވެ.

އިޒްއާން ދެކޮޅު ބަލައިލުމަށްފަހު އިޒްހާގެ މޭގައި އަޅައި މަޑުމަޑުން ކޮޓަރިއަށް ކޮއްޕައޮލަމުން އިޒްއާންވެސް ވަދެ ދޮރު ލައްޕައި ތަޅުލިއެވެ. އިޒްހާގޮސް ޖެހުނީ ކައިރީގައި ހުރި އަލަމާރީގައެވެ. އެއާއިއެކު އަލަމާރިމަތިން އޭނާ އިސްކޫލު ދައުރުގައި ލިބުނު ބަރު ޓްރޮފީއެއް އޭނާގެ ބޮލާއި ދިމާއަށް ވެއްޓެންއައެވެ. އިޒްއާން ހުށިޔާރުކަމާއިއެކު އަވަހަށްގޮސް ޓްރޮފީ ހިފިއެވެ. އަޒްހާއަށް އެއިރު ހުރެވުނީ ބޯމަތީގައި އަތް އަޅައިގެން ލޯވެސް މަރައިގެންނެވެ.

“އިޒްހާ.. ސޮރީ އެބައުޓް ދެޓް ސަޑަން މޫވް.” އިޒްއާންގެ މަޑުމައިތިރި ފިރިހެންވަންތަ އަޑު އޭނާގެ ކަންފަތުގައި ޖެހުމާއިއެކު ޤަބޫލުނުކުރެވިފައި ދެލޯ ހުޅުވައިލައި ބަލައިލިއެވެ.

އިސްޖަހައިގެން ހުރުމުގެ ސަބަބުން އެ މޫނުގައިވި ކުލަވަރެއް އިޒްހާއަށް ފާހަގަކުރަން އުނދަގޫވިއެވެ. އިޒްހާވެސް އެއްވެސް އެއްޗެކޭ ބުނުމެއްނެތި އަނެއް ކޮޅަށް މޫނު އަނބުރައިލިއެވެ.

“އިޒްހަ.. މީ.. މިގޭގެ ގެސްޓް ރޫމްގަ އެދެމީހުން މަޑުކުރާނެ ދެތިން މަސް ވަންދެން. އެހެންވީމަ ކާން  ހަދާނީ އެ ދެމީހުނަށް ލައިގެން. އެތާ އަހަރެންނާއި އެއްވަރަށް ދިގުކޮށް  ހުންނާނީ ކަޔާން. ދެން ހުންނާނީ ޒާއިކް. އަހަރެން އުންމީދުކުރަން އަހަރެންގެ އަގުވެއްޓޭފަދަ އެއްވެސް ކަމެއް ނުކުރާނޭކަމަށް.” އިޒްއާން އެހެން ބުނުމަށްފަހު ނިކުމެގެން ދިޔައީއެވެ.

“ކަޔާން.. އާއި.. ޒާއިކް؟” އިޒްހާއަށް އަމިއްލަ ނަފްސަށް ސުވާލުކޮށްލެވުނެވެ.

ހަވީރު ހަތަރެއް ޖަހައިފިއެވެ. އިޒްހާ ރީތިވެގެން ދިޔައީ އޭނާގެ އެންމެ ގާތް އެކުވެރިޔާ، ރައިލީމެން ގެއަށެވެ. އެގެއަށް ދިޔައިރު ރައިލީގެ މަންމަ، ރީމާ ބޭރުގައިހުރި ގަސްތަކަށް ފެންދިނުމުގައި އަވަދިނެތި އުޅެމުން ދިޔައެވެ. ރީމާއަށް އިޒްހާ ފެނުމާއިއެކު ހިނިތުންވެލީ މަޔަކު ގިނަ ދުވަސްތަކަކަށްފަހު ދަރިޔަކު ފެނުމުން ހީލާވަރަށެވެ.

“އަނހަ؟ ދަރިފުޅާ، އިޒްހާ. ހާލު ކިހިނެތްތަ ދަރިޔާ؟” ރީމާ އެއްސެވެ.

“އިރާދަކުރެއްވީތީ އަޅުގަނޑު ރަނގަޅު. ދައްތަ ކިހިނެތް؟ ދޮންތަގެ ހާލު ކިހިނެތް؟” އިޒްހާވެސް ހިނިތުންވެލަމުން ސުވާލުކޮށްލިއެވެ.

“ދައްތަވެސް އަދި ދޮންތަވެސް ރަނގަޅު. އަލްޙަމްދުލިއްﷲ. ރައި ހޯދަންދޯ ތިއައީ؟ އެތެރެއަށް ވަދޭ. ރައި އެބަ އުޅޭ ކޮޓަރީގަ.” ރީމާ ގޭތެރެއަށް އިޝާރާތްކޮށްލަމުން ބުންޏެވެ.

އިޒްހާ ޝުކުރު އަދާކުރަމުންގޮސް ގޭތެރެއަށްވަނެވެ. އަދި ގޮސް ކޮޓަރިއަކަށްވަނެވެ. އެތެރޭގައި ރައިލީ އާއި އޭނާގެ ދޮންތަ ރަހޫލް އެނދުގައި އިށީނދެ އިނދެގެން ކޮންމެވެސް ކޮމެޑީއެއް ލެޕްޓޮޕުން އަޅުވައިގެން ބަލަންއިނެވެ. އެދެމީހުންނަށް އިޒްހާ އައިކަން އިނގުނީވެސް ދެތިން ފަހަރު އެދެމީހުންގެ ނަމުން ގޮވައިލުމުންނެވެ.

“ޕިސް ޕިސް. ތީތި ތިވަރަކަށް ބަލައިގެން ހޭކަށް ނުވާނެޔޭ. ތަންމައްޗަށް ހީސްލެވިދާނެއެއްނު؟” އިޒްހާ ލާނެތްގޮތަކަށް އެހެން ބުނެލަމުންގޮސް އެދެމީހުންގެ ކައިރީގައި އިށީނެވެ.

“އޭތް! އެ ތެދެއްތަ؟ ދޮންތަ ބުނީ ތިގެއަށް ދެ ބޯއިޒް އަންނަ ވާހަކަ މިއަދު.” ރައިލީ ލެޕްޓޮޕް ލައްޕައިލަމުން އެއްސެވެ.

“އާނ. ދޮންބެގެ ފްރެންޑްސްތަކެކޯ. އެހެން ބުނީ. ކިހިނެތް އިނގުނީ ދޮންތާ؟” އިޒްހާ ރަހޫލްއަށް ބަލައިލިއެވެ.

“ހެހެހެ… ހަނދާންނެތުނީތަ؟ ދޮންބެ މަސައްކަތްކުރަނީ އިޒޫގެ ދޮންބެ އާ އެއްކޮމްޕެނީއެއްގަ ނުން؟ އެންޑް އައި އޭމް ހިޒް ކްލައެންޓް. ރިމެމްބާރ؟؟؟” ރަހޫލް ހީލައިފައި ބުންޏެވެ.

“އޯހް! ޔެސް. ސޮރީ.. ހަނދާންނެތުނީ..” އިޒްހާ ކުޑަކޮށް ލަދުގަތެވެ.

“އޭތް! ވަރަށް ހޮޓްތަ އެ ދެ ބޯއިޒް؟ ކޮން ނަމެއްތަ އެ މީހުންނަށް ކިޔަނީ؟” ރައިލީ އެހެން އެހުމާއިއެކު އިޒްހާގެ އިތުރުން ރަހޫލްއަށްވެސް ހެވުނެވެ.

“އަހަރެންނަކަށް ނޭނގެ އެ ދެމީހުން ހުންނަ ގޮތެއް. އެކަމް ފެނުނު. އެކަކަށް ކިޔަނީ ކަޔާން އެކޯ. ވަރަށް ދިގުކޮށޯ އޭނަ ހުންނަނީ ދޮންބެ އާ އެއްވަރަށް..” “އޭނާގެ ނަމުންވެސް ހީވޭ ވަރަށް ހޮޓް ސޮރެއްހެން.” އިޒްހާއަށް އެހިސާބަށް ބުނެވުނުތަނާ ރައިލީ ހުވަފެނީ ގޮތަކަށް ބުނެލިއެވެ.

“ޕިސް ޕިސް. ރައި ލެޓް ހާރ ކޮމްޕްލޮލީޓް.” ރަހޫލް ދެފަރާތަށް ބޯ ހަލުވައިލަމުން ބުންޏެވެ.

“އަޅޭ. ސޮރީ.. ސޮރީ..” ރައިލީ އެހެން ބުނެލުމާއިއެކު އިޒްހާއަށް ހެވުނެވެ.

“އޯކޭ.. ދެން ހުންނަނީ އެދެމީހުންނަށްވުރެ ތަންކޮޅެއް ކުރުކޮށް ހުންނަ ބޯއީއެކޯ. އޭނާއަށް ކިޔަނީވެސް ޒާއިކްއެކޯ.” އިޒްހާ ބުނެލިއެވެ.

“އަޅޭ! އެއޮތް ހަތަރު ގަޑި ބައިވަނީ. އަހަރެން އުޅުނީ އަދި ތި ދެމީހުން ގޮވައިގެން އައިސްކޯން ބޯން ދާން. އަވަހަށް ރެޑީވެގެން އާދޭ. އަހަރެން ހުންނާނަން ބޭރު ޖޯލިފަތީގަ ތި ދެމީހުން ނިމެންދެން.” އިޒްހާ އެހެން ބުނުމަށްފަހު އެދެމީހުން ރީތިވެ ނިމެންދެން ބޭރުގައިހުރި ޖޯލިފަތީގައި އިށީނެވެ.

އެއިރު ރީމާ ފެންނަ ހިސާބަކުނެތެވެ. ހީވާގޮތުންނަމަ ފިހާރައަކަށް ނުވަތަ އަތިރިމައްޗަށް ފިނިކޮށްލަން ދިޔައީއެވެ. އިޒްހާ ފޯނު ހުޅުވައިލުމަށްފަހު އިންސްޓާ ހުޅުވައިލިއެވެ. އެހެން އިނދެވުނީ އެންމެ ދިހަވަރަކަށް މިނެޓުވަންދެނެވެ. ކުއްލިއަކަށް ކޮންމެވެސް މީހަކު އޭނާގެ ކައިރީގައި އިށީން ގަޑީގައި ސިހިފައި ބަލައިލެވުނެވެ. ފެނުނު ސޫރައިގެ ސަބަބުން އޭނާގެ ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. އެތާ އެއިނީ ޝިއުނީއެވެ. ޝިއުނީއަކީ އިސްކޫލު ދައުރުއްސުރެ އިޒްހާއަށް މަލާމާތް ކުރާ ފޮނި ކުއްޖެކެވެ.

“އިޒްހާ! އަޑުއެހިން ވަރަށް ހޭންޑްސަމް ދެ ފިރިހެން ކުދިން ތިގެއަށް އައި ވާހަކަ. އެ ތެދެއްތަ؟” ޝިއުނީ އޭނާގެ ‘މެރޫން’ ކުލަ ޖައްސައިލައިފައިވި ފަން އިސްތަށިގަނޑާއި ކުޅެލަމުން އެއްސެވެ.

“އާނ! ޝިއުނީ އާއި ބެހޭކަމެއްތަ؟” އިޒްހާ އަނެއް ފަރާތައް މޫނު އަނބުރައިލިއެވެ.

“ހާދަ ފޮންޏެކޭ ތިވަނީ އެދެމީހުން ތިގެއަށް އައިމަ. ޔަޤީނޭ ދެން ފެންނާނީ އެތަނުން މީހަކާ ރައްޓެހިވެގެން އުޅޭތަން. މީހުން ކުރިމަތީގަ މާ މޮޅުކޮށްލައިގެން އުޅުނަސް ތިކަހަލަ މީހުންގެ ގޮތް އަހަންނަށް އިނގޭ.” ޝިއުނީ އެހެން ބުނުމާއިއެކު އިޒްހާގެ ދެބުމަ ކައިރިވިއެވެ.

“އިޒްހާ ވާހަކަ ދައްކާކަށް ކަލޭ ތީ ވަކި މޮޅު މީހެއް ނޫނޭ. ދާން އުޅޭ މިތަނުން.” އިޒްހާވެސް އަދި ޝިއުނީވެސް ސިހުނީ ގޭ ފޮރުމަތިން މީހަކު ވަރަށް ބާރަށް އެހެން ބުނެލި އަޑަށެވެ.

ބަލައިލިއިރު ރުޅިއައިސް ރަތްވެފައި އެ ހުރީ ރަހޫލްއެވެ. އޭނާގެ ފަހަތުގައި ހުރި ރައިލީވެސް ވަކި ރުޅި މަޑެއް ނޫނެވެ. ޝިއުނީ ދަތްކުނޑި ވިކައިލަމުން އިޒްހާއަށް ލޯ އަޅައިލުމަށްފަހު އިތުރު އެއްޗެކޭ ބުނުމެއްނެތި އެތަނުން ތެދުވެގެން ދިޔައެވެ. އިޒްހާ ޝުކުރުން ފުރިގެންވީ ނަޒަރަކުން އެދެމީހުންނަށް ބަލައިލިއެވެ. އެ ދެމީހުންވެސް ހީލަމުން ދާން ހިނގާށޭ ބުނެލިއެވެ. އިޒްހާ ބޯޖަހައިލަމުން އެތަނުން ތެދުވެގެންދިޔައީ އަތިރިމައްޗާއި ކައިރީގައިހުރި އައިސްކޯންވިއްކާ ތަނަކަށެވެ. ތިން މީހުންވެސް އައިސްކޯން ގަނެގެން ހީސަކަރާތްޖަހަމުންގޮސް އަތިރިމަތީގައިހުރި އުނދޯއްޔެއްގައި އިށީނެވެ.

“އޭތް! އިޒޫ ނުވިސްނަންތަ އަދިވެސް ޖޮބަކަށް ދާކަށް؟” ރަހޫލް އެއްސެވެ.

“ޕިސް ނޫން. އެބަ ވިސްނަން ތިކަމަށްވެސް. ބޭނުމެއްނޫން ދޮންބެ އުޅޭ ކޮމްޕަނީގަ މަސައްކަތް ކުރާކަށް. އަހަރެން މި ވިސްނަނީ ޓީޗަރަކަށްވާން އިސްކޫލުގެ. އެކައުންޓް ކިޔަވަދޭން.” އިޒްހާ އޭނާގެ ޚިޔާލި ޚިއްސާކޮށްލިއެވެ.

“އާނ! ރަނގަޅެއްނުން. ޒަކްވާންވެސް ސްކޫލް ސުޕަވައިޒަރަކަށް އުޅެނީ. ފޯމްނަގަނީ ދެން ކޮން ދުވަހަކުން؟” ރައިލީ އުފާވެލައިފައި އެއްސެވެ.

“ދެން ނަގަންވީ ހަމަ. ދުވަސްތައް ބޭކާރުކުރާނެ ކަމެއް ނެތެއްނު. މާދަން ތިނެއް ޖެނުއަރީ. މާދަމާ ނަގާނީ.” އިޒްހާ ބުންޏެވެ.

“ޕިސް. ފެން ފުޅިއެއްވެސް ނުގަނެވޭ. އެބަ އަންނަން ފެން ފުޅިއެއް ގަނެގެން.” އިޒްހާ އެހެން ބުނުމަށްފަހު އެތަނާއި ކައިރީގައިހުރި ފިހާރައަކާއި ދިމާއަސް މިސްރާބުޖެހިއެވެ.

އިރުއޮއްސެއް ކައިރިވުމާއިއެކު އެއްވެސް މީހަކުވެސް ނުފެނެއެވެ. ފިހާރަ އާއި ހިސާބަށް ދެވުމާއިއެކު ކުއްލިއަކަށް ކޮންމެވެސް މީހަކު އިޒްހާގެ އުޅަނބޮށީގައި ހިފައި ގޯޅިގަނޑަކަށް ވެއްދިއެވެ. އިޒްހާ ރަނގަޅަށް ބަލައިލިއިރު ހުރީ ޖިޔާންއެވެ. އެއީ އިޒްހާ އާއި ހެދި މޮޔަވެފައި ހުންނަ މީހެކޭ ބުންޏަކަސް ދޮގަކަށް ނުވަނެއެވެ.

“ކިތަންމެ ދޔވަހެއް ވެއްޖެ. ކެތް ކުރެވިއްޖެ. ދެން ކެތެއް ނުވާނެ. އަހަރެން ކޮންމެހެން ހަދާފަވެސް އިޒްހާ ބޭނުން. ތިޔަ ރީތިކަމުގެ ޖާދޫގައި އަހަރެން ޖެހުނީ ކަލާ ފެނުނު ފުރަތަމަ ދުވަހުން.” މިހެން ބުނެ ޖިޔާން ކައިރިއަށް އަންނަން ފެށިއެވެ.

އިޒްހާއަށް ޖެހެވެން ފެށީ ފަހަތަށެވެ. ކުއްލިއަކަށް އައު ނައި ތަނެއް ނޭނގި ފެނުނީ ޖިޔާންގެ ކޮލަށް ބާރުގަދަ އަތަކުން އައި ހޫނު ހަމަލާއެއް އެރިތަނެވެ. އެއީ ކާކުކަން ފެނުމާއިއެކު އިޒްހާއަށް ޤަބޫލުކުރަން ދަތިވިއެވެ.

– ނުނިމޭ –

 

ވާރޑް ކައުންޓް:- 1000+

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!