ބައްޕައަކަށް ވާންއުޅޭ ކަމުގެ އުފާވެރި ޚަބަރު ލިބުމުން އަހަންނަށް ހީވީ އަހަންނަކީ ދުނިޔޭގަހުރި އެންމެ ނަސީބުގަދަ މީހާއޭ…އައްކިޔުންނަށް ބަލިވެއިންކަން އެނގުނުފަހުން ކުރިއަށްވުރެ ބޮޑަށް އައްކިޔުންގެ މަންމައަށް އަހަރެންގެ ލޯތްބާއި އަޅާލުންދިނިން….އަހަރެންގެ ގިނަވަގުތު ހުސްކުރީ އައްކިޔުންގެ މަންމައަށް ޚިދުމަތްކޮށްދިނުމުގަ…
އޭނާ ކާހިތްވާ ކޮންމެއެއްޗެއް ހޯދައިދިނިން..އަހަރެން ނުކައި ހުއްޓަސް އެދެމައިން ތިބީ ކައިގެންތޯ އަހަރެން ޔަގީންކުރިން…
އައްކިޔުންނަށް ބަލިވެއިންފަހުން އައްކިޔުންގެ މަންމަ ބަލިވާންފެށި…އެކަމާ އަހަރެން ވަރަށް ދެރަވި…އެހެންކަމުން އަހަރެން ނިދަންފެށީ އޭނާގެ ކޮޓަރީގަ އޭނައާއެކު…އަހަރެން އެތާ ނިދާކަމެއް އޭނާގެ އާއިލާ މީހުންނަކަށް ނޭނގޭނެ، ނުވެސް ފެންނާނެ….ގިނަރޭރޭ އަހަންނަށް ނުވެސް ނިދޭ އޭނައަށާ އައްކިޔުންނަށް ކަމެއް ވެދާނެ ކަމަަށްހީކޮށް…
މާބަނޑު ދުވަސްވަރު ބަލިވުމަކީ ކޮންމެ އިންސާނަކަށްވެސް ކުރިމަތިވާކަމެއް ކަމެއް އޭރު އަހަންނަކަށް ނޭނގެ….އަހަރެމެން ޖިންނިން ކުދިން އުފަންކުރާއިރު އެހާ ތަކުލީފުތަކެއް އުފުލާކަށް ނުޖެހޭ އެހެންވީމަ ކަންނޭނގެ…
އައްކިޔުންގެ މަންމަ އުޅުނީ ބަނޑުބޮޑުވުމުން އެއްވެސްމީހަކަށް އެކަން ނާންގާ ސިއްރުކޮށްގެން….ވިހަން ވޭންވަރު އަރައިގެން ރޭ އަހަރެން އޭނަ ކައިރި ބުނިން ސިއްހީ މަރުކަޒަށްދާން ހިނގާށޭ… އެންމެނަށް މިކަން އަންގަން ހިނގާށޭ…އަހަރެން ދެމީހުންނަށްވެސް ލޯބިދީގެން ގެންގުޅޭނަމޭ…ނަމަވެސް އޭނާ އިންކާރުކުރީ އާއިލާ މިހުންނަށާ ރަށުމީހުންނަށް އެކަން އެނގިއްޖެއްޔާ އެމީހުން އޭނާ ބާކީކުރާނެ ކަމަށްބުނެ…
އަރާފައިވާ ރިހުންގަނޑަށްވުރެ އޭނަ އިސްކަންދިނީ އެކަން ފޮރުވޭތޯ…އޭނާގެ އެދުމުގެ މަތިން އަހަރެން އޭނާ ގޮވައިގެން އަނދިރި ގަސްގަނޑުތެރެއަށް ގެންދިޔައިން..ހަނދުވަރުގެ އަލިނޫން އެއްވެސް އަލިކަމެއް އެތަނަކު ނުވޭ….
ވަގުތަކީ ދަންވަރުގެ ވަގުތުކަމުން އެއްވެސް މީހެއްގެ ހިލަމެެއްވެސް އެރެއަކު ނެތް…އަހަރެންހުރީ އޭނާއަށް ކަމެއްވެދާނެތީ ވަރަށް ބިރުން..ހަދާނެ ނަހަދާނެގޮތެއްވެސް ނޭނގިފަ ހުރެވުނީ…ކުއްޖަކު ވިއްސުމުގެ އެއްވެސް ކަމެއް އަހަންނަކަށް ނޭނގޭ…އެހެންނަމަވެސް އެރޭ އައްކިޔުން ވިހެއީ އަހަރެންގެ އަތްމައްޗަށް…
އެތުއްތު ކުޑަކުޑަ ފުރާނަ ރޯލިއަޑު އަހަރެންގެ ކަންފަތުގައި ޖެހުމާއެކު އަހަރެންގެ ހިތަށް ބުނެދޭން ނޭނގޭ އުފަލެއް ލިބުނު..އައްކިޔުން އުރާލުމަށްފަހު އަހަރެންބެލީ އޭނާގެ މަންމަގެ ހާލަތު ރަނގަޅުތޯ…ﷲ އިރާދަފުޅުން ދެމައިންނަށްވެސް ގެއްލުމެއްނުވޭ…އައްކިޔުން ފެނުމުން އަހަރެން އުފާވިނަމަވެސް އައްކިޔުންގެ މަންމަގެ މޫނުމަތިން އުފާވެރިކަމެއް އަހަންނަކަށް ނުފެނުނު…ކުއްޖާ އުފަންވުމާއެކު އޭނާ ކުއްލިއަކަށް ބަދަލުވީ…އައްކިޔުން އުރާނުލާތާ އެކުއްޖާ ގައިގައި އިނގިލިކުރިވެސް ޖައްސާނުލާ…
އެތުއްތު ފުރާނަ ސާފުކުރީ އަހަންނަށް އެނގުނުގޮތަކަށް އަހަރެން…ކުއްޖާ ސާފުކޮށް ނިމުމުން އުރާލަން ކުއްޖާ އޭނާއަށް ދިއްކޮށްލިން…ނަމަވެސް އޭނާ އެކުއްޖާ ގައިގައި އަތެއްނުލި..އޭނާގެ ފަރާތުން އަހަންނަށް އަޑުއިވިގެންދިޔައީ އަހަރެން އުންމީދު ނުކުރާ ބަސްތަކެއް…
އޭނާ އަހަރެން ކައިރި ބުނީ ކުއްޖާ ގޮވައިގެން އޭނާގެ ހަޔާތުން މުޅިއުމުރަށް އަހަރެން އަލްވަދާއު ކިޔަން..ޖިންނިއެއްގެ ދަރިއެއް އޭނާ ބޭނުންނުވާކަމަށް…ކައިވެނިން ބޭރުން ލިބުނު ކުއްޖަކަށްވާތީއާއެކު ރަށުމީހުންވެސް މަލާމަތްކުރާނެ ކަމަށް..އައްކިޔުންނަކީ އޭނާ ބޭނުންނުވާ ކުއްޖެއްކަމާ ބަނޑުބޮޑުކަން އެނގުމުން ކުއްޖާ މަރާލަންވެސް އޭނާ އުޅުނުކަމަށް…ނަމަވެސް އެކަން ނުވުމުން ބަނޑުބޮޑުކަން އަހަންނަށް އެންގީކަމަށް…ވިހަންދެން އަަަހަންނާ ވަކިވާން މަޑުކުރީ، އަހަންނަށް ކުއްޖާ ހަވާލުކުރަން ކަމަށް..އެހެންނޫނީ ރަށުތެރެއަށް އޭނާގެ އަގު ވެއްޓިދާނެކަމަށް…
އަހަރެން އޭނާ ކައިރި ބުނިން އަހަރެންގެ ނަސްލު ސިއްރުކުރެވުން އެއީ އަަހަންނަށް ކުރެވުނު ކުށެކޭ…އަހަންނާ ވަކިވިއަސް، އަހަންނަށް މާފުނުކުރިއަސް، ތުއްތު ދަރިފުޅަށް އޯގާތެރިވާށޭ..އެކަމަކު އޭނާ އެކުއްޖާއާ ދިމާލަށް ބަލައިވެސް ނުލި..އޭނާ އަހަރެން ކައިރި ބުނިހާވެސް ވާހަކައަކީ އިންސާނަކަށްވުރެ އަހަރެންގެ ފަރާތުން އޭނާއަށް ލޯތްބާއި އަޅާލުން ލިބުނުކަމަށް އަދި އެކަމަށް ޝުކުރުވެރިވެސް ވާކަމަށް…ނަމަވެސް އޭނާއަކަށް އައްކިޔުން ނުގެންގުޅެވޭނެ ކަމަށް..ޖިންނިއެއްގެ ދަރިއެއްވީމަ އެނަސްލު އެކުއްޖާގެވެސް ހިނގާނެކަމަށް…
އޭނާ އަހަރެން ގެންގުޅުނީ އަމިއްލަ ފައިދާއަށް ކަމަށާއި..އިންސާނެއް ނަމަވެސް، ކައިވެނިން ބޭރުން ދަރިއަކު ލިބިއްޖެނަމަ ހަދާނީ ހަމަމިހެންކަމަށް…އެހެންބުނެ ގަސްގަނޑުގެ ތެރެއަށް އަހަންނާ އައްކިޔުން ދޫކޮށްލުމަށްފަހު އޭނާ އެތަނުން ދާން ހިނގައިގަތް..ގަސްގަނޑުތެރެއިން ނިކުންނަން އޭނާ ދިޔުމުން އޭނާގެ އަތުގައި ހިފާ ހުއްޓުވަން އަހަރެން ބޭނުންވި…ނަމަވެސް އެވަގުތު އައްކިޔުން އަހަރެންގެ އަތުތެރޭގަ އޮތުމުން އެކަމެއް ނުކުރެވުނު…
އަހަންނަށް ކުރެވުނުހާވެސް ކަމަކީ އައްކިޔުންގެ މަންމައަށް ގޮވާ ރޮއެ އާދޭސްކުރުން…އަަހަންނާ ދޭތެރޭ ނުވިސްނި ނަމަވެސް، އަހަންނަށް ކޮންމެ ގޮތެއް ހެދިކަމުގައިވިޔަސް، ތުއްތު ދަރިފުޅު މިގަސްގަނޑުތެރެއަށް ދޫކޮށްފައި ނުދިޔުމަށް އެދުނިން…. އަހަރެން އޭނާގެ ހަޔާތުން މުޅިއުމުރަށް އަލްވަދާއުވެސް ކިޔާފާނަން ކަމަށާއި އައްކިޔުން ބަލައިދިނުމަށް އަހަރެން އާދޭސްކުރިން…ނަމަވެސް އޭނާއަކަށް އަހަރެން ކުރި އާދޭސްތައް އަޑުނީވޭފަދަ…
އޭނަ ކުއްޖާ ނުގެންދާނެކަން އެނގުމުން އޭނާ ކައިރި އަހަރެން އެހީ ކިހިނެއްހޭ ކުއްޖާ ގެންގުޅޭނީ އަހަންނަކަށް ނޭނގެޔޭ ކުއްޖާއަށް ކާންދޭނެ އެއްޗެވެސް…އަހަރެން އެހެން ބުނީމަ ހުއްޓިލުމަށްފަހު، އަހަންނާ ދިމާލަށް އޭނާ ބުނި އެތި އިނގޭތަ؟” ކަރުނައިން ފުރިފައި އިނދެ އައްކިޔުންގެ ބައްޕަ ނައިޝާއަށް ސުވާލުކޮށްލިއެވެ.އައްކިޔުންގެ ބައްޕައަށް ނޫނެކޭ ބުނުމުގެ ގޮތުން ނައިޝާ ދެކޮޅަށް ބޯ ހޫރާލިއެވެ.
“އޭނާ އަހަންނާ ދިމާލަށް ބުނީ ފިހާރައިގަ ހުންނާނޭ ކިރުދަޅު ވިއްކަން…ކިރު ގިރާފަ ބުއްފުޅިއަށް އަޅާފަ ޖައްސާށޭ…ފިހާރައިގަ ހުންނާނޭ ނެޕީވެސް ވިއްކަން…ނެޕީގަނެ އެ ޖައްސުވާށޭ..ހަޑިވީމަ ތާހިރުކުރާށޭ…ނޫނީ މަރުވެއްޖެއްޔާ ވަޅުލާށޭ..ނޫނީ އެއަށްވުރެ މާފަސޭހަވާނޭ ތިތަނަށް ތިކުއްޖާ ދޫކޮށްލާފަ ކަލޭވެސް ދާށޭ…އެހެންބުނެ އޭނާ އެތަނުންދާން ހިނގައިގަތީ…އޭނާ އެބުނި ބަސްތައް އަހަރެން އަދިވެސް ހަނދާންހުރޭ..އެއީ އަހަރެންގެ ހިތަކުން ފިލައިގެން ނުދާނެ ބަސްތަކެއް…
އޭނާއަށް ރައްދު ދިނުމެއްނެތި އަހަންނަށް ކުރެވުނުހާވެސް ކަމަކީ އޭނާ ދާމަންޒަރު ބަލަން، ކަރުނައިން ފުރިގެންވާ ހާލު އައްކިޔުން އަތަށް ލައިގެން އެގަސްގަނޑުތެރޭގަ ހުރުން…އޭނާ ލޮލުގެ ކޮޅަށް އޮބާލުމުން މުޅިތަނަށް އަހަރެން ނަޒަރު ހިންގާލިން…އަނދިރި އެތަނުގައި ވަނީ ވަށައިގެން ގަސްތަކާއި ކަޅުވެލި ބިމެއް…
ގޮތްހުސްވެފައިވާ ހާލު އަހަރެން އައްކިޔުނަށް ބަލައިލިން…އެކުއްޖާ އެތަނަށް ދޫކޮށްލާފަ ދާން އަހަރެންގެ ހިތަށްވެސް އެރި…ނަމަވެސް އައްކިޔުންނަށް ބަލައިލުމަށްފަހު އަހަންނަށް އެހެން ހަދާކަށް ނުކެރުނު..ލޯބި ލޯބިކޮށް ނިދާލައިފައިވާ މައުސޫމު ފުރާނައަށް ބަލަހައްޓައިގެން އަހަންނަށް ވަރަށްއިރު ހުރެވުނު…އެހީއަށް އެދި ދާނީ ކާކުގެ ކައިރިއަށް ކަމެއް އަހަންނަކަށް ނޭނގުނު…
އަހަރެންގެ އާއިލާ މީހުންވެސް ގުޅުން ކަނޑާލައިފަވާތީ އެމީހުން ކައިރިއަށް ދާންވެސް ނުކެރިފަ ހުރެވުނީ…ކަރުނުން ފުރިފައިވާ ހާލު އަހަރެން އަނެއްކާވެސް ލޯބި ލޯބި އައްކިޔުންނަށް ބަލައިލިން…އެވަގުތު އަހަރެންގެ ލޮލުން ވެއްޓުނު ކަރުނަތިއްކެއް ގޮސް އައްކިޔުންގެ ކޯތާފަތް މަތީގައި ޖެހުނު…
ކަރުނަތިކި ޖެހުމާއެކު ނިދިފައި އޮތް އައްކިޔުން ލޯހުޅުވާލުމަށްފަހު އަހަންނާ ދިމާލަށް ލޯބޮޑުކޮށް ބަލައިލި…އެކުއްޖާ ބަލައިލިގޮތުން ހީވީ އޭނާއަށް އަހަރެން ފެންނަހެން…
ތުއްތު ދަރިފުޅުގެ ކޯތާފަތްމައްޗަށް ވެއްޓިފައިވާ ކަރުނަތިކި ފުހެލަންވެގެން އަހަރެން އަތް ހިއްލާލި ވަގުތު، އައްކިޔުން، އޭނާގެ ކުޑަކުޑަ ލޯބި އަތްތިލައިން އަހަރެންގެ އިނގިލީގައި ހިފާ ބާރުކޮށްލި…އެވަގުތު އަހަންނަށް ލިބިގެން ދިޔައީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް….ތުއްތުދަރިފުޅު އަހަރެންގެ އިނގިލީގައި ހިފާ ބާރުކޮށްލި ގޮތުން އަހަންނަށް އިހުސާސްވީ އޭނާ އެބުނަނީ އަހަރެންކައިރި އޭނާ ދޫނުކުރުމަށް ކަމަށް….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.






Waiting for the next part
Mi part VX vrh reethi
Obinex to the max
will upload as soon possible and thank you soooooo much 🙂
Masha Allah….Vrh salhi Mi part vx…. When next??Curiously waiting….. .
BTW Mi vaahakaigai jinninge vaahaka genesdheefai vaathy Vrh reethi.. N genesdheefai vaaleh Vrh furihama… Ehnve kanneynge ehaa kiyaahithun kiyenee mi vaahaka. ..N jinninge kanthahthakaky vrh engen beynun vaa kankan. . .. Ekm jinni vaahaka thakakee asleh noon dhw??
thank you sooooo much…will upload as soon as possible..
mi story mi alhugandu ge amilla hiyaalah liyefavaa story eh..mi storyga genesdheefavaa evves haadhisaa akee asleh noon 🙂
Wow wow just wow masha allah v curius v rythi , great job dear when nxt prt hope soon
thank you sooo much…will upload as soon as possible 🙂