ހަނދަކީ ކަލާ ކަމުގާވިޔަސް 5
ފޯނު ބޭއްވިތާ މާގިނައިރުތަކެއް ނުވަނީސް ރިންގުވާން ފެށުމުން ހަމްނާގެ ހިތް ތެޅިގަތީ ކުރިއަށްވުރެ ބާރަށެވެ. މަޑުމަޑުން ފޯނު ނަގާފައި ސްކްރީނަށް ބަލައިލިއިރު ވައިބާއިން އެ ގުޅަނީ ބައްޕައެވެ.
ބައްޕައާ އިރުކޮޅަކު ވާހަކަދައްކައިލަން އިނދެފައި ފޯނު ބޭއްވިއިރުވެސް އާޒާދުގެ އެއްވެސް ހަބަރެއް ނެތެވެ. ހަމްނާގެ ހިތަށް އެރިއެވެ. ޔަގީނުން ވިއްޔާ އޭނާ މިހާރު ހަމްނާގެ މަތިން ހަނދާނެއް ވެސް ނުހުންނާނެއެވެ. ކޯޓޭ ކިޔައިގެން މެސެޖުކުރިޔަސް ނުދަންނަ ނަންބަރަކަށްވުމުން އަޅާނުލީ ކަމަށްވުން އެކަށީގެންވެއެވެ.
އެކަމަކު ކީއްވެކަމެއް ނޭނގެއެވެ. ހަމްނާއަށް އިރުއިރުކޮޅާ ފޯނަށް ބެލެނީއެވެ. ކިތަންމެ ބޭނުންނުވިޔަސް އާޒާދުގެ ޖަވާބަކަށް އިންތިޒާރު ކުރެވެނީއެވެ. އެއީ ފަހަރުގައި އެ ކޯޓު އަނބުރާ ދޭން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނޭ ހިތަށް އަރުވައިގެން އަމިއްލަ ނަފްސު ހިތްހަމަޖައްސަމުން ހަމްނާ ދިޔައެވެ.
އާޒާދުގެ ރައްދު މެސެޖެއް އައީ އެރޭ ސަމަން އާ ދެމީހުން ކާމޭޒު ދޮށުގައި ކާންތިއްބައެވެ. އެވަގުތު ފޯނު ވައިބްރޭޓްވެގެން ބަލައިލިއިރު އެއީ އާޒާދުކަން އެނގިފައި ހަމްނާގެ ކަރުގައި ކާއެތިކޮޅެއް ވެސް އަޅައިގަތެވެ. ފެންފޮދެއް ބޯލުމަށްފަހު މެސެޖު ހުޅުވައިލިއެވެ.
“މާފަށް އެދެން. މިއަދު ހޮސްޕިޓަލުގައި މާ ބިޒީވެގެން ތި މެސެޖު ކުރިން ނުފެނުނީ. ކޯޓު ދޭންށާ އެކީ މާދަމާރޭ ޑިނާއަކަށް ދާން ކިހިނެއްވާނެ؟” އާޒާދުގެ މެސެޖުގައި ވިއެވެ.
ހަމްނާގެ މޫނަށް ހިނިތުންވުމެއް ވެރިވީ ބޭއިޚްތިޔާރުގައެވެ. އެ މަންޒަރު ސަމަން އަށް ނުފެނުނުކަން ނަސީބެކޭ ހިތައި ހަމްނާ އަވަސްއަވަހަށް އިސްޖަހައިލިއެވެ. ސަމަން އިނީ ވަށައިގެން ހިނގާ އެއްވެސް ކަމެއް ނޭނގޭހާ ބޮޑަށް ފޯނުން ކޮންމެވެސް އެނިމޭ ސީރީޒަކަށް ގެއްލިފައެވެ.
ޖެހިގެން އައިރޭ ހަމްނާ ރީތިވެލައިގެން ތިރިއަށް ފޭބިއިރު އާޒާދުގެ ކާރު އޮތީ އައިހެވެ. ހަމްނާ އައީ ހަނދާންކޮށްގެން އެ ކޯޓުވެސް ހިފައިގެނެވެ. ކާރުގެ ފަހަތު ސީޓުގެ ދޮރު ހުޅުވައިލިތަނާ އާޒާދު އެއްޗެކޭ ބުނަން އުޅެފައި ހިމޭންވެލިއެވެ. މިއަދުވެސް ހަމްނާ އެރީ ފަހަތު ސީޓަށެވެ.
ދެމީހުން ކާންތިބިއިރު އެކިއެކި ވާހަކަތައް ދެކެވެމުންދިޔައެވެ. ހައްތާވެސް ކިޔެވުމާއި، ހޮސްޕިޓަލާ ގުޅުންހުރި ވާހަކަތަކެވެ. ހަމްނާއަކީ ވެސް މުސްތަޤުބަލުގައި ޑޮކްޓަރަކަށްވާނެ މީހަކަށްވުމުން، އާޒާދު ހިއްސާކުރަމުންދިޔަ އޭނާގެ ތަޖުރިބާތައް ހަމްނާއަށް ވަރަށް ޝައުގުވެރިވިއެވެ. ނަމަވެސް އަމިއްލަ ދިރިއުޅުމާ ބެހޭ އެއްވެސް ވާހަކައެއް ދެމީހުންކުރެ އެކަކުވެސް ނުދައްކައެވެ.
އެރެއަށްފަހު އަނެއްކާވެސް ކެއުމަކަށް ދާން ހަމްނާއަށް ދަޢުވަތު ލިބުނެވެ. އާޒާދު ބުނީ އޭނާ ފުރަން އުޅޭތީ ދޭ ވަދާޢީ ކެއުމެއް ކަމުގައެވެ. އެހެންކަމުން އެ ދަޢުވަތަށް އިންކާރު ކުރާކަށް ހަމްނާއަކަށް ނުކެރުނެވެ.
އާޒާދު ފުރަން އުޅެނީ ކޮންތަނަކަށްތޯ ހަމްނާ އަހައިލީ އެ ސުވާލު ހިތަށް އުނދަގޫ ކުރުވަމުން ދިޔުމުންނެވެ. އޭރު ދެމީހުން ތިބީ ކާއެއްޗިއްސަށް އޯޑަރު ދީގެން ހަމަޖެހިލައިގެނެވެ. އެއީ ދެމީހުން އެކުގައި ބޭރަށް ކާން ދިޔަ ދެވަނަ ރެއެވެ.
“އިނގިރޭސިވިލާތަށް. ކުރިން ނުބުނެވި ދޯ އޮތީ، އަހަރެން ދިރިއުޅެނީ އެތާނގަ. މެލޭޝިއާއަށް މި އައީ މިތާ ކޮވިޑުގެ ހާލަތު ގޯސްވެގެން ބެކަޕް ޑޮކްޓަރުން ބޭނުންވެގެން ލަންޑަނުން މިކޮޅަށް ފޮނުވި ޓީމުގަ އަހަރެން ހިމެނުނީމަ. ތިންމަސް ވާނީ މިކޮޅުގަ އުޅޭތާ. މިހާރު ކޮވިޑް ކަންތައް ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިއްޖެ އެންނު” އާޒާދު ކިޔައިދިނެވެ.
“އަޅުގަނޑު ހީކުރީ ރާއްޖެއަށް ދަނީ ކަމަށް…” ހަމްނާ ބުންޏެވެ.
“އޯކޭ، ބުނަންތަ ވާހަކައެއް؟ މިހާރު އަޅުގަނޑު ކިޔައިގެން ވާހަކަދައްކަން ޖެހޭ ވަރަށްވުރެ އަހަރެމެން މާ ގާތެއްނު. ވީ އާ ފްރެންޑްސް. މިކޮޅަށް އައިފަހުން ދިމާވި ވަރަށް ރަނގަޅު ރަހުމަތްތެރިޔެއް ކަމަށް އަހަރެން ބަލަނީ”، އާޒާދު ސާފުކޮށްދިނެވެ.
އޭގެފަހުން އާދައިގެ ބަހުން ވާހަކަދެއްކޭތޯ ހަމްނާ ވަރަށް މަސައްކަތްކުރިއެވެ. އެކަމަކުވެސް ދޭތެރެދޭތެރެއިން “އަޅުގަނޑޭ” ބުނެލެވެއެވެ.
އެދެމީހުންގެ ގުޅުމަށް އާޒާދު ނަމެއް ދިނުމުން، އަމިއްލަ ދިރިއުޅުމާ ބެހޭ ވާހަކަތައް ދައްކަން ދެމީހުންނަށް ވެސް ފަސޭހަވެގެންދިޔައެވެ. އާޒާދު ހިއްސާކުރީ އޭނާގެ ޒަވާޖީ ހަޔާތުގެ ވާހަކައެވެ.
އުމުރުން 25 އަހަރުގައި ކުރި ކައިވެނި ނިމުނީ ވަރަށް ހިތިކޮށެވެ. އޭނާގެ އަންހެނުން މި ދުނިޔެއާ އަލްވަދާޢު ކިއީ ވަރަށް ވެސް ހިތާމަވެރި ހާދިސާއެއްގައެވެ. ކައިވެންޏަށް ކިރިޔާ އަހަރެއް ވެފައި ވަނިކޮށް ރާއްޖޭގެ ރަށަކަށް ކުރި ޗުއްޓީ ދަތުރެއްގައި މޫދަށް އެރި އުޅެނިކޮށް ގެނބިގެންނެވެ. އާޒާދު ބުނީ އެދުވަސް އަދިވެސް ހަނދާނުން ފިލައިނުދާ ކަމަށެވެ. ޔާސްމީން މަރަށް ތެޅުނުގޮތާއި، އޭނާގެ ފުރާނަ ސަލާމަތްކުރަން އާޒާދު ކުރި މަސައްކަތް އަބަދާއި އަބަދު ލޯކުރިމަތީގައި ސިފަވާ ކަމަށް ބުނިއިރު އާޒާދުގެ ދެލޯ ފެންކަޅިވިހެން ހަމްނާއަށް ހީވިއެވެ. އެއާއެކު އާޒާދު އޭނާގެ ވާހަކަ މެދުކަނޑާލަފައި ދުރަށް ބަލަހައްޓައިގެން އިނެވެ. އެ ވާހަކައިން ހަމްނާގެ ހިތަށްވެސް ވަރަށް އަސަރުކުރުވިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


