” ޕިސް ޕިސް ސަދޫފްވެސް ދޯ ދެން.. ކިހާ ދުވަހެއް ފަހުން ދިޔާން މިފެނުނީ އަހަރެމެންނަށް.. އަނެއްކާ އެފަދަ ހިތާމަވެރިކަމެއް ކަޑައްތު ކުރި އިރު ހަށިގަނޑަށްވެސް ބަދަލު އަންނާނެދޯ.. ނުވިތާކަށް މިއަދު މީ އެމީހުންގެ ކައިވެނީގެ ހަފްލާ.. ހަފްލާގައި ތައްޔާރު ވެފަ ހުންނަ އިރު ފެންނަ ގޮތް އާދައިގެ ދުވަހަކާ ތަފާތުވާނެ އެންނު.. މިހާރު އަންހެނުން އެކަންޏެއް ނޫނޭ މޭކަޕް ބޭނުން ކުރަނީވެސް.. ދިޔާންވެސް ޔަޤީން ސެލޫން އަކަށް ގޮސްކަން ތައްޔާރުވާނީ.. އަނެއްކާ ރަށުގެ އަވީގަ އުޅޭ އިރު ހަންގަނޑު އެނދުމާ މިހުރިހާ ކަމެއްވެސް މާލެ އައީމަ ބަދަލުވާނެ އެންނު.. ދެންވެސް..” ސަދޫފްގެ ސުވާލާއެކު މާޔާ ބޮޑު ތަޤުރީރެއް ދޭން ފެށިއެވެ. އިނގިލިތަށް މުގުރަމުން މާޔާ ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ހުރި ސަދޫފް ގާތަށް ހިނިއަންނަ ގޮތްވިއެވެ. ދެފަރާތަށް ބޯ ހޫރުވާލަމުން ފަޒާގެ ތެރެއަށް ފުންނޭވާއެއް ދޫކޮށްލިއެވެ. ކަންކަމާމެދު މާ ބޮޑަށް ވިސްނެނީ ކަމުގައި އޭނާގެ ހިތް ބުނެލިއެވެ.
*******
” ކޮންތާކަށް މިހާރު މިދަނީ..؟” ކައިވެނި ޕާޓީ ނިންމާލުމަށްފަހު ކާރަށް އަރާ އިން ލިލިއަން ސުވާލު ކުރީ ގެއަށްދާ މަގު ނޫން އެހެން މަގަކުން ކާރުދާން ފެށުމުންނެވެ.
” މިދަނީ މިރޭ އަހަރެމެން ތިބެން ހަމެޖެހިފަވާ ހޮޓެލް އަށް..” ލިލިއަން އާ ޖެހިގެން އިން ސީޓުގައި އިށީނދެ އިން ދިޔާން ބުނެލިއެވެ.
” އެކަމަކު ޔާން ބުނީމެންނު މިރޭ ގޭގަ މަޑުކޮށްފަ މާދަމާ އޭ ބާލީއަށް ފުރަނީ… ” ކުރިން ކަންތައްތައް ރޭވިފައިވާ ގޮތް ލިލިއަން ހަނދާން އާ ކޮށްލިއެވެ. ކުއްލިއަކަށް ތާވަލަށް އައި ބަދަލުގެ ސިއްރެއް ލިލިއަން އަކަށް ނޭނގެއެވެ.
“އެ ކަން އަދިވެސް އޮތީ އެހެންނޭ.. މާދަން ހަމަ ބާލީއަށް ދާ ގޮތަށް.. މިއީ.. ބޭބެ ދިން ވެޑިންގް ގިފްޓެއް.. ” ދިޔާންގެ އަޑު ކުއްލިއަކަށް މަޑުވެގެން ދިޔައެވެ. ލިލިއަން އަށް ވިސްނާލެވުނެވެ. އެންމެ ފަހުވަޤުތު ދިޔާންގެ ބޭބެ އެމީހުންގެ ކައިވެންޏަކަށް ނާދެއެވެ. އެހެނަސް އެފަދަ ކައިވެނީގެ ހަދިޔާއެއް ދިނުމުންވެސް ދިޔާން އާއި އޭނާގެ ބޭބެއާ މެދު އޮންނަ ގުޅުން ލިލިއަން އަށް އަންދާޒާ ކޮށްލެވުނެވެ.
މާގިނަ އިރު ނުވަނީސް ކާރު އޭގެ މަންޒިލަށް އައިސް ހުއްޓުނެވެ. ދިޔާން ކާރުގެ ދޮރު ހުޅުވާލަމުން ލިލިއަން އަށް އަތް ދިއްކޮށްލިއެވެ. ލިލިއަން ދިޔާންގެ އަތުގައި ހިފައިގެން ކާރުން ފޭބުމަށްފަހު ކުރިމަތިން ފެންނަން ހުރި އުސް، ބިޔަ އިމާރާތައް ބަލައިލިއެވެ. ރޭގަނޑުވުމުން ބޮކިތަކުން ދިއްލާ އަޅާފައިވާ އެހޮޓެލްގެ ނަން ފުރަތަމަވެސް ލިލިއަންގެ ލޮލުގައި އަޅައިގަތެވެ.
” އުނިމާ ކޮމްޕްލެކްސް..” ލިލިއަން އަށް ވައި އަޑުން ކިޔާލެވުނެވެ.
” ލެޓްސް ގޯ.. ” ދިޔާން ލިލިއަންގެ އަތުގައި ހިފާ ދަމާލުމުން ހަމަހޭވެރިކަން ލިބި ލިލިއަންވެސް ދިޔާން އާއެކު ހިނގައިގަތެވެ.
ހޮޓެލްގެ ދޮރުމައްޗަށް އަރާ ހުއްޓުމާއެކު އެތަނުގެ މުވައްޒަފަކު ހިނިތުންވުމާއެކު ދޮރު ހުޅުވާލަ ދިނެވެ.
” ވެލްކަމް..” ހިނިތުންވެ ހުރެ އެތެރެއަށް އިޝާރާތް ކޮށްލަމުން އޭނާ ބުންޏެވެ.
” ދިސްވޭ ޕްލީސް..” އިތުރު މުވައްޒަފަކު ހުއްޓި ދިޔާން އަށާއި ލިލިއަން އަށް ދާންވީ ދިމާ ދައްކައިދެމުން ދިޔައެވެ. ހީވަނީ އެ މުވައްޒަފުންނަކީ އެ
ޖޯޑަށް ހާއްސަކުރެވިފައިވާ ބައެއް ހެންނެވެ.
ލިލިއަންމެން ތިބެން ހަމަޖެހިފައިވާ ފަންގިފިލާއަށް އާދެވުމާއެކު ވަންނަންވީ ދޮރު އޭނާ ދައްކާލަދިނެވެ. އެއަށްފަހު އެއްވެސް ކަމެއް ބޭނުންނަމަ އެކަމެއް އަންގާލަ ދިނުމަށް އެދެމުން ހިތް ހެޔޮ ހިނިތުންވުމެއް އޭނާ ރައްދުކުރިއެވެ.
” އެންޖޯއި ޔޯރ ސްޓޭ!” އޭނާ ފަހު ކަމަކަށް އެހެން ބުނެލުމާއެކު ލިލިއަންވެސް ބަދަލުގައި ހިނިތުންވެލިއެވެ. ދިޔާން އޭނާގެ ކުރިން ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. ދިޔާންގެ ފަސް ފަހަތުން އެތެރެއަށް ވަތް ލިލިއަންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
ލިލިއަން މެންނަށް ތިބެވުނީ ވީއައިޕީ ޕްރެޒިޑެންޓަލް ސުވީޓެއްގައެވެ. އެންމެ ރެޔަކަށްވެސް އެތަން ލިބޭނީ އާދައިގެ އަގަކަށް ނޫންކަން ޔަޤީނެވެ. އަނެއްކޮޅުން ތަނުގެ މުވައްޒަފުންވެސް އެމީހުންނަށް އިތުރު ސަމާލުކަމެއް ދިންހެން ހީވަނީ ކީއްވެހެއްޔެވެ؟ ސުވާލެއް ކުރާ ފަދައިން ލިލިއަން އަށް ދިޔާންގެ މޫނަށް ބަލާލެވުނެވެ. އޭނާގެ ބޭބެގެ ފަރާތުންވިޔަސް އެފަދަ އަގުބޮޑު ހަދިޔާއެއް ޤަބޫލުކުރަން ލިލިއަން އަށް އުނދަގޫވިއެވެ.
” ބޭބެއަކީ މި ހޮޓެލްގެ ޝެއަރ ހޯލްޑަރ އެެއް.. އެހެންވީމަ އެންމެންވެސް އަހަރެމެންނަށް ހާއްސަކަން އެދިނީ.. ” ލިލިއަންގެ ހިތުގައިވާ ސުވާލު އެނގިހުރެ ދިޔާން ޖަވާބުދިނެވެ. ލިލިއަން އަށް ކަންކަން ނަގައިގަނެވުނީ ދެނެވެ. އަދިވެސް ޝައުޤުވެރިކަމާއެކު މުޅި ސްވީޓުގެ ތަންތަން ލިލިއަން ރަނގަޅަށް ބެލެމުން ދިޔައެވެ. ސްވީޓުގެ އެއްފަރާތުން ބިއްލޫރި ދޮރުގެ ބޭރުން ހުޅުމާލޭގެ އުސް އިމާރާތްތައް ފެންނަހެން ހުރި އިރު އެތާނގައި ބޮޑު ޖަކޫޒީއެއްް ބެހެއްޓިފައި ހުއްޓެވެ. އެޕާޓްމެންޓުގެ ފޯޔަރއިން ވަދެވިގެން ދެވޭނެހެން ތަނުގެ ކާގެއާއި ބަދިގޭގެ އިތުރުން ލިވިންގް ރޫމް އަދި ލައުންޖް ހުއްޓެވެ. މާސްޓަރ ބެޑް ރޫމަކާއި މީޑިއަރ ރޫމެއްގެ އިތުރުން ޕްރެޒިޑެންޓަލް ސްވީޓް ސްޓޫޑިއޯރ އެއް އެތާނގައި ވެއެވެ. މާސްޓަރ ބާތް ރޫމް ވެސް އެހާމެ ފުރިހަމައެވެ. ސޯނާއެއްގެ އިތުރުން ވިޝީ ޝަވަރގެ ޚިދުމަތް ލިބޭނެހެން އެތަން ފަރުމާ ކުރެވިފައިވެއެވެ. ލިވިންގް ރޫމުން ނިކުމެގެން ދެވޭނޭހެން ފުޅާ ބެލްކަންޏެއް ހުރި އިރު އެތާ ހުއްޓި ހުންނައިރު ކަނޑުގެ ސަތަހަ ފެންނަން އޮވެއެވެ. އެ ހިތްގައުމު މާހައުލުން ލިލިއަންގެ ހިތަށް ހިތްހަމަ ޖެހުން ލިއްބައިދެމުން ދިޔައެވެ.
” އަދިވެސް ހިތްހަމަޖެހޭ ވަރަށް ތަންތަން ނުބެލޭތަ.. ؟” ފަހަތުން ދިޔާން އައިސް ލިލިއަންގެ ގައިގާ ބައްދާލަމުން ސުވާލު ކޮށްލިއެވެ. ދިޔާންގެ ހޫނު ނޭވާ ލިލިއަންގެ ކަރުދޮށުން އިޙްސާސްވުމާއެކު ގައިގެ ލޯލިތައް ކޮއްޅަށް ޖެހިގެން ދިޔައެވެެ.
” އަހަންނަށްވުރެ މިތަން މާކަމުދޭ ދޯ ލިން އަށް.” ދިޔާން ސަމާސާ ކޮށްލަމުން ބުނުމާއެކު ލިލިއަން އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރުވާލިއެވެ.
” އެހެންވިއްޔާ ދެން އިތުރަށް އަހަރެން ނުތަޅުވާ.. އައި ކާންޓް ވެއިޓް އެނީ ލޯންގާ..” ދިޔާންގެ އަޑު ކުއްލިއަކަށް ބަރުވެގެން ދިޔައިރު މަޑު މަޑުން ލިލިއަންގެ މޫނުގައި ފިރުމާލިއެވެ. އެއާއެކު ދެން ފެނުނީ ދިޔާން ލިލިއަން އޭނާގެ އަތް ދަނޑި މައްޗަށް އުފުލާލި ތަނެވެ.
“ފްރެޝް ވެލަން ބޭނުންް..” ލިލިއަން އަށް ކުއްލިއަކަށް ބުނެލެވުނެވެ.
” ލޭޓަރ..” ދިޔާން އެގޮތް ކަމުދިޔަ ހެނެއް ހިޔެއް ނުވިއެވެ. ލިލިއަން ގެނެސް ކޮޓަރީގައި ހުރި ފުޅާ އެނދުގައި ބާއްވާލިއެވެ. ލިލިއަންގެ މުޅި ހަށިގަނޑުގައި ދިޔާން ބޮސްދެމުން ދިޔައިރު ކައިވެނީގެ ހެދުންވެސް ގަޔާ ދިޔައީ ވަކިވަމުންނެވެ.
” ލިން.. ސޭ މައި ނޭމް..” ދިޔާން އޭނާގެ ފިރުމުންތަކުގެ ތެރެއިން ލިލިއަން އާ ވާހަކަ ދެއްކިއެވެ.
” ޔާން..” ލިލިއަން އޭނާގެ ތަގުޅިކޮށްލެވިފައިވާ ދެލޯ ހުލުވުމެއްނެތި ބުންޏެވެ.
“ނޮޓް ޔާން.. ސޭ ދިޔާން..” ދިޔާން އަމުރެއް ކޮށްލި ފަދައެވެ.
” ދި..ޔާން..” ލިލިއަންގެ ދެލޯ ކުއްލިއަކަށް ކަރުނައިން ފުރިގެން ދިޔައެވެ. ޚުދު އޭނާއަަކަށްވެސް އެވީ ގޮތެއް ނޭނގުނެވެ.
” ރޮނީތަ..؟”. ކަރުނައިގެ ތެތްކަން އިޙްސާސް ކުރެވުމާއެކު ދިޔާން އަށް ސުވާލު ކޮށްލެވުނެވެ.
” އަހަންނަށް ގޯސްކޮށް ކަމެއް ކުރެވުނީތަ..؟” ދިޔާންގެ ހަރަކާތްތައް މަޑުޖެހި ސުވާލުކޮށްލެވުނެވެ. ލިލިއަން އަވަސް އަވަހަށް ކަރުނަތައް ފޮހެލަމުން ދެފަރާތަށް ބޯ ހޫރުވާލިއެވެ. އޭނާއަށްވެސް އަމިއްލަ ނަފްސަށް އައި ބަދަލު ނުވިސްނުނުއިރު އެހެން މީހަކަށް އެކަން ވިސްނައިދޭނީ ކިހިނެއްހެއްޔެވެ؟ އޭނާގެ ލޮލުން އެއައި ކަރުނައިގެ ފަހަތުގައިވަނީ އުފާވެރިކަން ހެއްޔެވެ؟ ނުވަތަ ހިތާމަހެއްޔެވެ؟ ހިތާމައަށް ވަނީނަމަ އޭނާ އެހިތާމަ ކުރަނީ ކޮންކަމަކާ ހެއްޔެވެ؟ ނުރައްކާތެރި ކަމުގެ އިންޒާރެއް ފަދައިން މެދުކެނޑުމެއްނެތި އޭނާގެ ހިތުގައި އަޅަމުން ދިޔަ ރަނގަބީލުގެ އަޑު ކަނޑުވާލާނެ ގޮތެެއް ލިލިއަން އަކަށް ނޭނގުނެވެ.
” ނޫން.. އަހަރެން މިހުރީ އުފަލުން.. އަހަރެންނަށް ވުރެ ވަކި އުފާވެރި މީހެއް މިރެޔަކު ނުހުންނާނެ.. .” ލިލިއަން އޭނާގެ އަމިއްލަ ހިތާ ވާހަކަ ދައްކަމުން ދިޔައެވެ. ކައިވެންޏަކީ ކޮންމެ މީހެއްގެ ދިރިއުޅުމަށްވެސް އަންނާނެ ބޮޑު ބަދަލެކެވެ. އެއީ ޙަޔާތުގެ މުޅިން އާ ބާބެއް ފެށިގެންދާ މަރުހަލާއެކެވެ. އޭނާއަށް އިޙްސާސްކުރެވޭ ނުތަނަވަސްކަމާއި ބިރުވެރިކަމުގެ ފަހަތުގައިވާ ސަބަބަކީ އެއީކަމުގައި ލިލިއަން ނިންމިއެވެ. އެހުރިހާ ކަމަކަށް ނަފްސު ހޭނެއް ވަޤުތު ބޭނުންވާނެއެވެ. އެ ޚިޔާލުތަކާއެކު އޭނާ ދެލޯ މަރާލަމުން ދިޔާންގެ ތުންފަތުގައި ބޮސްދިނެވެ. އޭނާގެ ކަރުނަތަކުގެ ފަހަތުގައިވާ މާނަ ގޯސްގޮތަކަށް ދިޔާން ނަގާކަށް ލިލިއަން ބޭނުމެއްނޫނެވެ.
ލިލިއަންގެ ޢަމަލުގައި ދިޔާންވެސް ބައިވެރިވިއެވެ. އިތުރަށް އެ ސިކުނޑިއަށް އެއްވެސް ކަމަށް ވިސްނަން ފުރުސަތު ދިނުމެއްނެތި ލިލިއަން އޭނާގެ މުޅި ހަށިގަނޑު ދިޔާން އަށް ހިބައިން ދިނެވެ.
**************
ޖެހިގެން އައި ދުވަހު ދިޔާން އާއި ލިލިއަން އެމީހުންގެ މާމުއި ހަނދަށް ފުރިއެވެ. ބާލީގައި ހަފްތާއެއް ހާ ދުވަސް ދެމީހުން އެކުގައި ހޭދަކުރިއެވެ. ޤުދުރަތުގެ ހިތްގައިމުކަން ލިބިފައިވާ އެ މަންޒިލް ލިލިއަން އަށް ނުހަނު ކަމުދިޔައެވެ. ދިޔާންގެ ފަރާތުން ލިބެމުން ދިޔަ އުފާތަކާއި ހިތްހަމަޖެހުމަށް ނިމުމެއް ނެތެވެ. އަދިވެސް ގިނަ ދުވަހު އެތަނުގައި ދިޔާން މަޑުކުރަން ބޭނުންވީނަމަވެސް އޮފީހަށް ނުނިކުމެ ގިނަ ދުވަހު މަޑުކުރެވެން ނެތުމާއެކު އެނބުރި މާލެ އަންނަން ޖެހުނެވެ.
ލިލިއަން މެން މާލެ އައިތާ މާގިނަ ދުވަހެއް ނުވެ ދިރާޝާ އާއި ހަމްދޫންވެސް ސިންގަޕޯރ އަށް ފުރައިގެން ދިޔައެވެ. ނަމަވެސް ގޭގައި އެކަނި ފޫހިވެފައި ހުންނާކަށް ލިލިއަން އަކަަށް ވަޤުތެއް ނުލިބުނެވެ. އޭނާ ރަށުގައި ކިޔަވަމުން ދިޔަ ކޯސް މާލޭގެ ކޭމްޕަހުގައި ކުރިއަށް ގެންދިޔުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. ދިޔާންގެ ފަރާތުންވެސް އެކަމަށް އާބަސް ލިބުމުން ލިލިއަން އޭނާގެ ކިޔެވުމައިގެން ކުރިއަށް ދިޔައެވެ. އެ އަހަރު ނިމި އާއަހަރު ފެށިގެން ދިޔައީ ލިލިއަން ކޯސް ނިމި ވަޒީފާ ހަމަޖެހިގެންނެވެ.
**********
ކާރަށް އަރާ ހަމަޖެހިލަމުން ލިލިއަން ސީޓުގައި ލެނގިލިއެވެ. އެހެން ރޭރެއަށްވުރެ މިއަދު އޭނާގެ ކުލާސްތައް ނިމުނީ ލަހުންނެވެ. ޑިޕްލޮމާ ނިންމާ ވަޒީފާއަށް ދާން ފެށިނަމަވެސް އެހާ ހިސާބުން ކިޔެވުން ހުއްޓާލާކަށް ލިލިއަން ބޭނުމެއްނުވިއެވެ. އެހެންކަމުން ވަޒީފާއަށް ދިޔުމުގެ އިތުރުން އޭނާ މިހާރު އެއަންނަނީ ޑިގްރީއަށް ކިޔަވަމުންނެވެ. ވަޒީފާއަށް ދަމުން ކިޔެވުމަކީ އޭނާ ހީކުރި ވަރަށް ވުރެ ބުރަ، އުނދަގޫ މަސައްކަތެކެވެ. އޭގެ ސަބަބުން އޭނާއަށް ގޭގައި ހުރެވޭ ވަޤުތުވެސް ނުހަނު މަދެވެ. އެހެނަސް އޭނާއަށް މަސައްކަތުގެ ދާއިރާގައި ކުރިއެރުމެއް ލިބެން އޮތީ އިތުރަށް ކިޔަވައިގެންނެވެ.
ފުންނޭވާއެއް ދޫކޮށްލަމުން ލިލިއަން ފޯނު ނަގާ ހުޅުވާލިއެވެ. ދިޔާންގެ ފަރާތުން ކޯލެއް ނުވަތަ މެސެޖެއް ލިބިފައި އިންނާނެކަމަށް ކުރި އުންމީދު ފެނަށް ވެގެން ދިޔައެވެ. ހިތަށްވެރިވި މާޔޫސްކަން ދެލޮލުން ފާޅުވެގެން ދިޔައެެވެ. މަސައްކަތުގެ މާހައުލުގައި ބުރަކޮށް އުޅެން ޖެހިފައިވަނީ ހަމައެކަނި އޭނާއަކަށް ނޫނެވެ. ދިޔާން އަށްވެސް ގިނަ ދުވަސް ދުވަހު ގެެއަށް އާދެވޭއިރު ހުންނަނީ ރޭގަނޑު ދަންވެފައެވެ. ގިނަ ރޭރޭ ލިލިއަން ކޮލެޖު ނިމޭ ގަޑީގައި ބަލާ އަންނަންވެސް ދިޔާން އަކަށް ވަޤުތެއް ނުލިބެއެވެ. ގޭގައި ކާރެއް އޮންނަކަން ނަސީބެކޭ ލިލިއަން ހިތަށް އެރިއެވެ. ނޫންނަމަ މާލޭގައި ހުންނަ ކޮލެޖަކުން ކިޔަވާ ނިންމައިގެން ހުޅުމާލެ އާދެވޭއިރު ހުންނާނީ ނުހަނު ލަސްވެފައެވެ. އެހުރިހާ ކަމަކަށްވުރެ ލިލިއަން ދެރަވަނީ ދިޔާން އާއެކު ހޭދަކުރެވޭ ވަޤުތު މަދުވާތީއެވެ. ކިޔެވުން ނިމުމުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށް ނިންމަމުން ލިލިއަން އަށް އިންތިޒާރު ކުރެވެމުން ދިޔައީ އޭނާ ދަސްވެނިވާނޭ ދުވަހަށެވެ.
ގެއަށް އާދެވުމާއެކު ސޯފީ އާދައިގެ މަތިން ކާން ތައްޔާރުކުރަންވީތޯ ސުވާލު ކުރިއެވެ. ލިލިއަންގެ ހަނދާނަށް އައީ ދިޔާން އެވެ. ދިޔާން ގެއަށް އައުމުން ދެމީހުން އެކުގައި ކެއުމަށް އިންސާފުކުރަން ނިންމަމުން ސޯފީ ކައިރީ ކާން ތައްޔާރު ކުރާނެކަމެއް ނެތްކަމަށް ބުނެލިއެވެ. އެއަށްފަހު ސިޑިން މައްޗަށް އަރައިގެން އައިސް އޭނާގެ ކޮޓަރި ދޮރު ހުޅުވާލިއެވެ.
ކޮޓަރީގެ ބޮކިތައް ދިއްލައިލަމުން ލިލިއަން އޭނާގެ އަތްދަބަސް ސޯފާ ގޮނޑީގައި ބާއްވާލިއެވެ. އިސްތަށިގަނޑުގައި އަސްލާފައި އިން ވޫލުކޮޅު ނައްޓުވާލަމުން އޭނާގެ އިސްތަށިގަނޑު މިނިވަންކޮށްލިއެވެ. ވޫލުކޮޅު އަތަށް މަހާލަމުން އައިސް ލިލިއަން ލޯގަނޑު ކުރިމަތީ ހުއްޓުނެވެ. ވޭތުވެދިޔަ ދޮޅު ވަރަކަށް އަހަރު ތެރޭ އޭނާއަށް އައިސްފައިވާ ބަދަލުތަކަށް ބަލަހައްޓައިގެން ލިލިއަން އަށް ހުރެވުނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






