ކޮޓަރީގެ ބޮކިތައް ދިއްލައިލަމުން ލިލިއަން އޭނާގެ އަތްދަބަސް ސޯފާ ގޮނޑީގައި ބާއްވާލިއެވެ. އިސްތަށިގަނޑުގައި އަސްލާފައި އިން ވޫލުކޮޅު ނައްޓުވާލަމުން އޭނާގެ އިސްތަށިގަނޑު މިނިވަންކޮށްލިއެވެ. ވޫލުކޮޅު އަތަށް މަހާލަމުން އައިސް ލިލިއަން ލޯގަނޑު ކުރިމަތީ ހުއްޓުނެވެ. ވޭތުވެދިޔަ ދޮޅު ވަރަކަށް އަހަރު ތެރޭ  އޭނާއަށް އައިސްފައިވާ ބަދަލުތަކަށް ބަލަހައްޓައިގެން ލިލިއަން އަށް ހުރެވުނެވެ.

އޭނާގެ ދިގު އިސްތަށިގަނޑުގައި ގަދަ މުށިކުލައެއް ޖައްސާފައިވާއިރު ކުރީގެ ފަށުއިކޮޅެއް ފަދަ ފަން އިސްތަށިގަނޑުގައި މިހާރު ވަނީ ރާޅު ބާނި ކަމެވެ. ކުރިން އޭނާއަކީ ހާއްސަ ހަފްލާއަކަށް މެނުވީ އެއްވެސް ވަރަކަށް މޭކްއަޕް ކޮށް އުޅޭ މީހެއް ނޫނެވެ. ނަމަވެސް މިހާރު އެކަން ތަފާތެވެ. ދެލޮލުގައި އައިލައިނާ ބޭނުން ކޮށްފައިވާއިރު ތުންފަތުގައިވެސް ލިޕްސްޓިކް ޖައްސާފައިވެއެވެ. ކުރިއާ މިހާރު އޭނާގެ ހެދުން އެޅުމުގެ ވައްޓަފާޅިވެސް ބަދަލުވެއްޖެއެވެ. މިހާރުގެ ފެށެން ޓްރެންޑް ތަކުގެ އަސަރު ލިލިއަންގެ ހެދުން ތަކުން ފެންނަން ހުރެެއެވެ. އެހެނަސް އޭނާ އަދިވެސް ހާމަކަން ބޮޑު ހެދުން ލައެއް ނޫޅެއެވެ. އެއީ އޭނާއަށް ބަދަލު ނުކުރެވޭނެ ކަމެކެވެ. 

ފުންނޭވާއެއް ދޫކޮށްލަމުން ލިލިއަން އޭނާގެ މިނިވަންކޮށްލެވިފައިވާ އިސްތަށިގަނޑުގައި ހުޅިއެއްް ޖެހިއެެވެ. ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލަމުން ލިލިއަން ހިނިތުންވެލިއެވެ. ފުރަތަމަ ކޮޅު އޭނާއަށް އެބަދަލުތައް އަމިއްލަ ހަށިގަނޑުން ބަލައިގަންނަން އުނދަގޫވިއެވެ. އެހެނަސް އޭނާގެ ލޯބިވާ ފިރިމީހާގެ ހިތް ރުއްސަން ލިލިއަން ބޭނުންވިއެވެ. މިހާރު ލޯގަނޑުން ފެންނަމުން އެދަނީ ދިޔާން އަށް އޭނާ ކަމުދާ ގޮތެވެ. ބަދަލުތަކަށް ހޭނުމާއެކު ލިލިއަން އަށްވެސް އެކަންކަން މާބޮޑު ކަމަކަށް ނުވިއެވެ.  އެބަދަލުތަކާއެކު ދިރިއުޅެން އޭނާއަށް ފަރިތަވެއްޖެއެވެ.

ލިލިއަން ފެންވަރާލައިގެން ނިކުމެ ސިޓިންގް ރޫމް ސޯފާގައި ޖައްސާލިއެވެ. ސޯފާގެ ކުރިމަތީ ހުރި ތިރީ ބިއްލޫރި މޭޒުގައި ބާއްވާފައި އޮތް ރިމޯޓު ނަގާ ޓީވީ ހުޅުވާލިއެވެ. އެކި ޗެނަލް ތައް ބަދަލުކުރަމުން ދިޔަ ލިލިއަން އަށް ސިޓިންގް ރޫމުގެ ދޮރު ހުޅުވާލި އަޑު އިވިގެން ދިޔައެވެ. ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެގެން އައި ދިޔާން ފެނުމުން މޭޒުގައި ރިމޯޓު ބާއްވަމުން ސޯފާއިން ލިލިއަން  ތެދުވިއެވެ.

” ލިން ކައިރި ބުނީމެންނު ކޮންމެ ރެޔަކު އަހަރެން އަންނަންދެން ނުނިދަ ނީންނާށޭ..” ރޭގަނޑު ލަސްވެފައިވާއިރުވެސް އޭނާ އެނބުރި ގެއަށް އަންނަންދެން ލިލިއަން ނުނިދަ އިންނާތީ ދިޔާން ބުނެލިއެވެ.

” ނިދި ނާންނާތީއޭ މީނީ.. އަހަރެން ބުނީމެންނު ޔާން ނެތިއްޔާ ނިދަން ވަރަށް އުނދަގުލޭ..” ދިޔާން ބޭލި ކޯޓުގައި ހިފަމުން ލިލިއަން ވާހަކަ ދެއްކިއެވެ. އޭނާއަށް ދިޔާން އާއެކުގައި ނިދަން އާދަވިފަހުން އަތް ޖެހޭ ހިސާބުގައި ދިޔާން ނެތިސް ނިދަން ނުހަނު އުނދަގުލެވެ.

” އައި މިސްޑް ޔޫ..” ލިލިއަން ހިނިތުންވެލަމުން ދިޔާންގެ ގައިގާ ބައްދާލިއެވެ. ބަދަލުގައި އޭނާވެސް ވަރަށް ހަނދާންވި ކަމަށް ބުނަމުން ދިޔާންގެ ދެއަތް ލިލިއަންގެ އުނަގަނޑުގައި ވަށާލިއެވެ.

” ފެންވަރައިގެން އަންނަ އިރަށް ކާން ހަދަންވީދޯ..؟” ދިޔާން ކޮޓަރިއަށް މިސްރާބުޖެހުމުން ލިލިއަން އެއްސެވެ.

” ނޫން.. އޮފީސް ބަޔަކާއެކު ކައިގެން މިއައީ..ވަރަށް ވަރުބަލި.. ދެން ނިދާލަން ބޭނުމީ..” ދިޔާންގެ ވާހަކައާއެކު ލިލިއަންގެ ފިޔަވަޅުތައް ހުއްޓުނެވެ. އޭނާ އުންމީދުކޮށްގެން ހުރީ އެންމެ ކުޑަ މިނުން ރޭގަނޑު ކެއުމުގެ ތެރެއިން ދެމީހުންނަށް އެކުގައި ހޭދަކޮށްލަން ވަޤުތު ކޮޅެއް ލިބޭނެ ކަމަށެވެ. ނަމަވެސް އެ ހުވަފެންވެސް ބިލާހަކަށް ވެގެން ދިޔައީއެވެ. އެކަނި ކާންދާކަށް ލިލިއަން ބޭނުމެއްނޫނެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އިޙްސާސް ކުރެވުނު ބަނޑުހައިކަންވެސް ފިލައިގެން ދިޔަފަދައެވެ.

ކޮޓަރިއަށް ވަދެ ލިލިއަން އެނދުގައި ޖައްސާލިއެވެ. ފޯނު ހުޅުވާލަމުން ބަލައިލި އިރު ވައިބަރ އިން ނޮޓިފިކޭޝަން އެއް ލިބިފައި އިނެވެ. އެއީ ދިރާޝާ ފޮނުވައިފާ އިން ވީޑިއޯރ އެކެވެ. ވީޑިއޯ ޕްލޭ ކޮށްލުމަށްފަހު ލިލިއަން އެނދުގެ ފަޑީގައި ލެނގިލަމުން ހަމަޖެހިލިއެވެ. ވީޑިއޯރ އިން ފެންނަމުން ދިޔަ ތުއްތު ކުއްޖާގެ ހަރަކާތްތައް ފެނި ލިލިއަންގެ މޫނު އަލިވެގެން ދިޔައެވެ. ދިޔާންގެ ބޭބެއަށް ދަރިއަކު ލިބުނީ ދާދި މިދާކަށް ދުވަހުއެވެ. ލިލިއަން މެންނަށްވުރެ ފަހުން އެމީހުން ކައިވެނި ކުރިނަމަވެސް އާއިލާއަށް މެންބަރަކު އިތުރުވިލެއް އަވަހަވެ. ލިލިއަން ހުރީ އެކުއްޖާ ދެކިލާހިތުން ސިންގަޕޯރ އަށް ދާން ބޭނުން ވެފައެވެ. ނަމަވެސް އޭނާގެ ޓެސްޓުތައް މިދުވަސްކޮޅު އޮތުމާއެކު ދިޔާންވެސް އޮފީހުގައި އުޅެންޖެހޭ ބުރަކަމުން އަދި އެެ އާއިލާއާ ބައްދަލުކޮށްލަން ދެވޭ ގޮތެއް ނުވެއެވެ. 

***********

ދިޔާން ފެންވަރައިގެން ފާޚާނާއިން ނިކުތީވެސް ލިލިއަން އެވީޑިއޯރ އަދަދު ނުކުރެވޭހާ ގިނައިން ރީޕްލޭ ކުރަން އޮއްވައެވެ. ބޮލުން ފެންތައް ހިއްކުމަށްފަހު ތުވާލި ބާއްވަމުން ދިޔާން ލިލިއަންގެ މަގަތުންް އެނދުގައި އިށީނދެ ދެފައި ދަމާލިއެވެ. އެނދާއި ޖެހިގެން ހުރި ތިރީ ސައިޑް ޓޭބަލްގައި އޮތް ޓެބްލެޓް ހުޅުވާލަމުން ދިޔާން އެއަށް ނަޒަރެއް ދިނެވެ.

” ބަލާބަ ޔާން.. މަންމަ އެބައޮތް ބޭބީގެ ވީޑިއޯރ އެއް ފޮނުވާފަ.. ދެލޯ ބޮޑުކޮށްލައިގެން އޮތީވެސް.. ކުރިން ދުވަހު ވީޑިއޯރ ކޯލް ހެދި އިރުވެސް ނިދާފަ އެންނު އޮތީ..” ލިލިއަން ޖޯޝާއެކު ވާހަކަ ދައްކަމުން ދިޔާން އަށް އެވީޑިއޯރ ދައްކާލިއެވެ.

” ހޫމް.. ލޯބި..” ދިޔާންގެ ނަޒަރު ލިލިއަންގެ ފޯނަށް ހުއްޓުނުލެެކަށްވުރެ އަވަހަށް އެނަޒަރު އޭނާގެ ޓެބަށް އަނބުރާލިއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ލިލިއަންގެ މޫނުގައިވީ ފޯރި ފިލައިގެން ދިޔައިރު ފޯނު އަނބުރާ އޭނާގެ ގަޔާ ކައިރި ކޮށްލިއެވެ. ދިޔާން މަސައްކަތެއް ކުރަމުންދިޔަ ގަޑިއެއްގައި އުނދަގޫ ކުރެވުނުފަދަ އިޙްސާސެއް ކުރެވިގެން ދިޔައެވެ. އިތުރަށް ދިޔާން އަށް އުނދަގޫ ކުރަން ނަހަދާ ފޯނު އެނދުގައި ބާއްވާލަމުން ލިލިއަން ނިދަން ތައްޔާރުވެލިއެވެ. ލައިގެން ހުރި އެއްޗެހި ނިދާ ހެދުމަށް ބަދަލުކުރަމުން ލިލިއަން އެނދަށް އަރާ ހަމަޖެހިލިއެވެ.

” ގުޑް ނައިޓް..” އަދިވެސް ޓެބުން މަސައްކަތެއް ކުރަން އިން ދިޔާން އަށް ބަލާލަމުން ލިލިއަން ބުންޏެވެ. ސްކްރީނުން ލޯ ވަކިކޮށްލަމުން ދިޔާން ލިލިއަން އަށް ބަލައިލީ ދިނެވެ. 

” ގުޑް ނައިޓް.. ” ދިޔާން ލިލިއަންގެ ކޯތާފަތުގައި ހިފަހައްޓާލަމުން ލުއި ގޮތަކަށް އެތުންތަށް ބޮސްދިނެވެ. ލިލިއަން އެނދުގައި އޮށޯވެލަމުން ދިޔާންގެ ފައިމަތީ އެއް އަތް ބާއްވާލިއެވެ. ދެލޯ މަރާލަމުން ނިދީގެ ތެރެއަށް ފީނައި ގަންނަން ލިލިއަން މަސައްކަތް ކުރިއެވެ.

********

ކެޓަރިންގައި ހަރަކާތް ތެރިވަމުންދާ މީހުންގެ މަސައްކަތްތައް ބަލަން ލިލިއަން އަށް ހުރެވުނެވެ. މުޅި މާހައުލު ފެންނަނީ ހަލަބޮލިކޮށެވެ. އަތަށް ނަގައިގެން ހުރި ޖޫސްތަށިން އެތިފޮދެއް ބޯލަމުން ލިލިއަން ނަޒަރު ހިންގާލީ ދިޔާން ހުއްޓި ހުރި ދިމާއަށެވެ. އެއް ޖީބަށް އަތް ޖަހާލައިގެން އަނެއް އަތުން ބުއިމެއް ހިފައިގެން ހުރި ދިޔާން އޮފީހުގެ މުވައްޒަފުންނާ ވާހަކަ ދައްކަމުން ދިޔައެވެ. މިރެއަކީ އާހަރު ފާހަގަ ކުރުމުގެ ގޮތުން ކޭ ޑަބްލިޔު ކޮމްޕެނީގެ ފަރާތުން ހަފްލާއެއް ބޭއްވުނު ރެއެވެ. ވޭތުވެ ދިޔަ އަހަރު ކޮމްޕެނީގެ މަސައްކަތްތަކާއި އައިސްފައިވާ ކުރިއެރުމަށް ހުރިހާ މުވައްޒަފުންނަށް ހަމްދޫން ޝުކުރު އަދާކުރިއެވެ. އެއަށްފަހު ދެން އޮތީ ބޮޑުބެރުގެ ހަރަކާތްތަކާއި ކެއުމަށް އިންސާފު ކުރުމެވެ.  މީގެ ކުރިންވެސް ދެ ފަހަރަކު ކޮމްޕެނީގެ ހަފްލާތަކުގައި ބައިވެރި ވެފައިވީނަމަވެސް ލިލިއަން އަށް އަދިވެސް އެފަދަ ކަންކަމަށް ހޭނޭގޮތެއް ނުވެއެވެ. ނޭނގޭ ނުތަނަވަސްކަމަކާއި ބީރައްޓެހި އިޙްސާސެއް ކުރެވެމުން ދެއެވެ. އޭނާއަށް ކޮމްޕެނީގެ ބައެއް މުވައްޒަފުންގެ މޫނުތައް އެނގުންފިޔަވާ އެއްވެސް އިތުރު މަޢުލޫމާތެއް ނޭނގެއެވެ. ދިޔާންވެސް ގިނަ ވަޤުތު އުޅެންޖެހެނީ އޭނާގެ މުވައްޒަފުންނާ އެކުއެވެ. 

” އޯހް ސޮރީ..!” ލިލިއަން އަށް ޚިޔާލުތަކުން ނިކުމެވުނީ ކޮންމެވެސް މީހަކު ލިލިއަންގެ ކޮނޑުގައި ޖެހުމުންނެވެ. 

” ވަރަށް ބޮޑަށް ސޮރީ.. އަނެއްކާ ޖޫސްތަށި ވެރުންތަ..؟ މިކޮޅުން މީހަކު ހުރަސްކުރީމަ ނުބަލައިލަ ފަހަތައް ޖެހެލެވުނީ..” ލިލިއަން ކައިރީ ހުއްޓުނު ޒުވާން އަންހެނާގެ މޫނުމަތިން ފެންނަމުންދިޔައީ ކަންބޮޑުވުމެވެ.

” ނޫން.. އޯކޭ..” ލިލިއަން ހަމަޖެހިލަމުން ހިނިތުންވެލިއެވެ.

” އައިމް ރައިހާ.. ” ހިތް ހެޔޮ ރީތި ހިނިތުންވުމެއް ރައްދުކުރަމުން އޭނާ ސަލާމަށް އަތް ދިއްކޮއްލިއެވެ.

” ލިލިއަން..” ލިލިއަން ވެސް ހިނިތުންވެލަމުން ރައިހާގެ ސަލާމް ބަލައިގަތެވެ.

” މީގެ ކުރިން ދެކުން ހަނދާނެއް ނުވޭ.. ކޮމްޕެނީގެ މުވައްޒަފެއްތަ..؟” އޭނާ އިތުރަށް ސުވާލު ކޮށްލިއެވެ. ފެންނަ ފެނުމަށް އެންމެނާ ގުޅޭ މިޒާޖެއްގެ އަންހެނެކެވެ.

” ނޫން.. އަޅުގަނޑަކީ މިސްޓަރ ޑަބްލިޔުގެ އަންހެނުން..” ކޮމްޕެނީގެ އެންމެންވެސް ދިޔާން އާ މުޚާތަބު ކުރާ ނަން ބޭނުން ކުރަމުން ލިލިއަން ބުނެލިއެވެެ.

” އޯހް.. ވަރަށް އުފާވެއްޖެ ބައްދަލުވީމަ.. އަޅުގަނޑުގެވެސް ފިރިމީހާ މަސައްކަތް ކުރަނީ މިތާ..” ރައިހާގެ ފަރާތުން ފެންނަމުންދިޔައީ އެކުވެރިކަމެވެ. އެހެނަސް އޭނާއާ މުޙާތަބު ކުރާއިރު ރައިހާ ފަރުވާތެރިވާކަން ލިލިއަން އަށް އެނގެއެވެ. ކޮންމެ ގޮތެއްވިޔަސް އޭނާއަކީ ކޮމްޕެނީގެ ވައިސް ޕްރެޒިޑެންޓްގެ އަންހެނުންނެވެ. އެބަދަލަކީ އޭނާއަށް ހުއްޓުވޭނޭ ކަމެއް ނޫނެވެ.

“ރައި..” ކުއްލިއަކަށް ފިރިހެނެއް ގޮވާލުމާއެކު އެދިމާއަށް ލިލިއަން އަށް ނަޒަރު ހިންގާލެވުނެވެ.

“ގޯޑް.. ޔޫ ސްކެއަރޑް މީ..” ފުންނޭވާއެއް ދޫކޮށްލަމުން ރައިހާގެ އަތުގައި އެ ޒުވާނާ ހިފާލިއެވެ. ދެމީހުން ގާތުގައި ތިބޭއިރު ފެންްނަލެއް ފުރިހަމަކަމަށް ލިލިއަންގެ ހިތް ތަޢުރީފް ކޮށްލިއެވެ.

” އެހާ އަވަހަށް ބަލައިލިއިރު ނޭނގުންވިއްޔަ ދިޔަތަނެއް..” ރައިހާގެ ލޮލަށް ބަލާލިއިރު އެ ޒުވާނާގެ ނަޒަރު ފިނިވެގެންދިޔަތަން ލިލިއަން އަށް ފެނުނެވެ.

” ހެހެ.. ސޮރީ.. ޑްރިންކެއް ބަލާ އާދެވުނީ.. ކައި އެހެންމީހަކާ ވާހަކަ ދައްކަން ހުރީމަ ނުބުނީ ” ރައިހާ ބުންޏެވެ. އެހިނދު އެމީހުންގެ ކައިރީ ހުރި ލިލިއަން އަށް އޭނާގެ ނަަޒަރު ހުއްޓިގެން ދިޔައެވެ.

” އޯހް.. ހެލޯ މިސިސް ޑަބްލިޔު.. ” ކައިލް ހިނިތުންވެލަމުން ސަލާމަށް އަތް ދިއްކޮށްލިއެވެ. 

ލިލިއަން އަށްވެސް މީގެ ކުރިން ކައިލް ވަނީ ފެނިފައެވެ. ކޮމްޕެނީގެ އިސް މުވައްޒަފުންގެ ތެރޭގައި ކައިލް ހިމެނޭކަން އޭނާއަށް އެނގެއެވެ.

” ވީ ހޭވް ޓު ގޯ ލަވް..” ލިލިއަން އާ ސަލާމް ކޮށްލުމަށްފަހު އަވަސް އަވަހަަށް ކަމެއް ހަނދާންވީ ފަދައިން ރައިހާގެ ކައިރީ ކައިލް ބުނެލިއެވެ.

” ދެންމެ ސިޓަރ ގުޅާފަ އެބުނީ ބޭބީ ހޭލި ވާހަކަ.. “. ކައިލް އިތުރު ކޮށްލިއެވެ.

” ވަޓް..! ކައިލްލް!! އަދި ކިރިޔާތަ ތިބުނެވުނީ.. ކީއްވެ ސިޓަރ އަހަންނަށް ނުގުޅީ..”  ކުއްލިއަކަށް ރައިހާގެ މޫނުގެ ކުލަވަރު ކަންބޮޑުވުމަށް ބަދަލުވެ ހަރަކާތްތައް އަވަސްވިއެވެ.

” ރައި ފޯނު ނުނެގީމައޭ އަހަންނަށް ގުޅީ.. ރިލެކްސް.. ގެ އެހާ ދުރެއްވެސް ނޫނެންނު ” ރައިހާ ހަމައަކަށް އެޅުވުމަށް ކައިލް މަސައްކަތް ކުރިއެވެ.

 ކްލަޗުން ނެގި ފޯނު ހުޅުވާލަމުން ރައިހާ ނިތްކުރީގައި ޖަހާލެވުނެވެ.

” ފޯނު ނިއްވާލެވިފަ އޮތީ.. އަހް.. އަމް.. އިޓް ވޯޒް ވެރީ ނައިސް ޓު މީޓް ޔޫ.. އަދި ދިމާވާނެ ކަމަށް އުންމީދު ކުރަން.. ވީ ހޭވް ޓު ގޯ.. ” ރައިހާ އެއް ނޭވާއިން ހުރިހާ ވާހަކައެއް ދައްކަމުން ލިލިއަން އަށް ބަލައިލިއެވެ.

ލިލިއަން ހިނިތުންވެލަމުން އަވަސް އަވަހަށް ބޯ ޖަހާލިއެވެ. އެއާއެކު ރައިހާ އަވަސް އަވަހަށް ކައިލް އާއެކު ހަފްލާއިން ނިކުންނަން ހިނގައިގަތެވެ. އެ ޖޯޑު ނިކުމެގެން ދިޔަ ދިމާއަށް ބަލަން ލިލިއަން އަށް ހުރެވުނެވެ. ދެމީހުންގެ ފަރާތުން ފެނުނީ ޤުދުރަތީ ސާފު، ދެއްކުންތެރި ކަމެއް ނެތް ގުޅުމެކެވެ. އެކަކު އަނެކަކަށް ބަދަލު ކުރާ ބަލާލުންތަކާއި ވާހަކަ ދެއްކުމުގައިވާ ކުލުނު ލިލިއަން އަކަަށްވެސް ސިއްރެއް ނުވެއެވެ. ކީއްވެކަމެއް ނޭނގި އެހިތް އެފަދަ ގުޅުމަކަށް ހަސަދަވެރިވިއެވެ.

” ލިން..” ލިލިއަން ސިއްސައިގެން ދިޔައީ ފަހަތުން މީހަކު ގޮވާލުމުންނެވެ. ދިޔާންގެ މޫނު ފެނުމުން ލިލިއަންގެ އިޙްސާސްތައް ލުއިވެގެން ދިޔައެވެ.

” ހިނގާ ދަމާ.. “ ހަފްލާ ނިމުމަކަށް އައުމުން ދިޔާން ބުނެލިއެވެ. ލިލިއަންވެސް ބޯ ޖަހާލަމުން ދިޔާން އާއެކު ހިނގައިގަތެވެ. ބައެއް މުވައްޒަފުންގެ ސަލާމްތައް ބަލައިގަންނަމުން ހަފްލާއިން ނިކުމެ ކާރަށް އެރުނު އިރު ލިލިއަންގެ ނަފްސަށް ވަރުބަލިކަން އިޙްސާސް ކުރެވެމުން ދިޔައެވެ.

-ނުނިމޭ-

88