Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހިޖުރަ (ސޯޅަވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
August 19, 2015 15 Mins Read
41 Comments

މާ ގިނައިރެއްނުވެ ނަޞްރާ ޝައުޤުވެރިވީ ޞުރުޙީގެ ތަފްޞީލު ކިޔަން ފެށިއެވެ. ތަފްޞީލު ނިމުނުއިރު ނަޞްރާއަށް އެނގުނު ގޮތުގައި އެޗް.އެން ނިއުސް އިން ދޮގު ޚަބަރެއް ފެތުރި ފުރަތަމަ ފަހަރަކީ މިއީއެއްނޫނެވެ. އެ ވާހަކަ އިވިފައި ނަޞްރާ އުނދުން ނިއްވާލަމުން ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. ޔޫނުސް އެކަހަލަ ނޫހަކަށް މަސައްކަތްކޮށްދެނީ ކީއްވެބާއޭ ނަޞްރާގެ ހިތަށްއެރިއެވެ. ޔޫނުސްއަކީ އެހާ ގިނަގިނައިން ދޮގު ހަދާ މީހެއްކަމަށް ނަޞްރާއަށް އަދިވެސް ޤަބޫލެއް ނުކުރެވެއެވެ. މި ރޭޑިޔޯ ޗެނަލުން އަނެއްކާ “އެޗް.އެން ނިއުސް” އަށް ދޮގު ތުޚުމަތުތަކެއް ކުރަނީބާއޭ ނަޞްރާގެ ހިތް ސުވާލު ކުރިއެވެ. އެ ވާހަކަ ޔޫނުސްގާތު އަހާނީއޭ ހިތަށްއެރި ވަގުތު ޔޫނުސް ބަދިގޭގެ ދޮރުމައްޗަށް އަރައި ނަޞްރާއަށް ގޮވާލިއެވެ. ނަޞްރާއަށް ކުޑަ ސިހުމަކާއެކީ ފަސްއެނބުރި ބަލާލެވުނެވެ. ޔޫނުސް ހިނިތުންވުމަކާއެކީ ބަދިގެއަށް ވަންނަމުން އަވަހަށް ކާން އައުމަށް އެދުނީ ތިމަންނަ މި އުޅެނީ ވަރަށް ބަނޑުހައިވެގެން ކަމަށް ބުނަމުންނެވެ.

ކާމޭޒު ދޮށުގައި އިށީނދެ ނަޞްރާއާއި ޔޫނުސް ހިމޭންކަމާއެކީ ކަމުން ދިޔައިރު އާދައިގެ މަތިން ޔޫނުސް ނަޞްރާއާއި ހިނިތުންވަމުން ދިޔައެވެ. ނަޞްރާ ޖެހުނީ ގަދަކަމުން އޭނަގެ މޫނުމައްޗަށް ހިނިތުންވުންތަކެއް ފަތުރާށެވެ. ދެންމެ ޚަބަރުން އިވުނު ވާހަކަ އޭނަގެ ކަންފަތުގައި ގުގުމަމުން ދިޔައީ އޭނައަށް އެކަން ހަނދާން ނައްތާލެވޭނެ ވަރަކަށް ނޫނެވެ. އެންމެ ފަހަކަށް ނަޞްރާ ޔޫނުސްއާއި ސުވާލުކުރަން ނިންމިއެވެ.

“ޔޫނުސް.” ނަޞްރާ ޔޫނުސްއަށް ބަލާލަމުން ގޮވާލިއެވެ. ޔޫނުސް ހޫންލައްވާލަމުން އޭނައަށް ބަލާލިއެވެ.

“އަމް…..މިއަދު ޚަބަރުން އިވުނު އެޗް.އެން ނިއުސް އިން…..ކޮންމެވެސް……ދޮގު ޚަބަރެއް ފެތުރި ވާހަކަ. އެއީ ދޮގެއްދޯ؟ އޭރު ރޭޑިޔޯއިން ކިޔުނު ޚަބަރެއް އެއީ.” ނަޞްރާ ޖެހިލުންވުމަކާއެކީ ސީރިއަސް ނުވާން މަސައްކަތް ކުރަމުން ބުނެލިއެވެ. އޭނަ އެ ވާހަކަ ބުނަމުން ދިޔައިރު ޔޫނުސްގެ މޫނުމަތުގެ ކުލަވަރު ބަދަލުވަމުން ދިޔައެވެ. އެ ވާހަކަ ބުނެ ނިމުނުއިރު އެ މޫނުމައްޗަށް މުޅިން ވެސް ރުޅިވެރިކަން ވެރިވިއެވެ. އޭނަ ނުރުހުންވެފައި ކަހަލަ ގޮތަކަށް މޫނު އަނބުރައި ކުރިމައްޗަށް ނަޒަރު ހުއްޓާލުމުން ނަޞްރާގެ މެއަށް ފިނިވިއެވެ. އޭނައަށް ދެންމެ ދެކެވުނު ވާހަކައަކާމެދު ހިތާމަ ކުރެވުނެވެ. އެއަށްވުރެ ބޮޑަށް ހިތާމަ ކުރެވުނީ ޔޫނުސް ކައި ނުވެސް ނިމެނީސް ގޮނޑިން ތެދުވެ ކާގެއިން ނިކުމެގެން ދިޔުމުންނެވެ. ނަޞްރާ ދެރަވިއެވެ. ފުރަތަމަ ފަހަރަށް ޔޫނުސް އޭނައަށް ރުޅިވިހެން ހީވީތީވެއެވެ. އޭނައަށް ވެސް ދެކެވޭނީ އެކަހަލަ ވާހަކަތަކެވެ. ތިމާ މަސައްކަތް ކުރާ ކުންފުންޏަކީ ފަސާދަ އުފައްދާ ތަނެކޭ ބުނުމުން ނުރުހުން ނުވާނީ ކާކު ހެއްޔެވެ؟ ނަމަވެސް އެ ތަނަކީ ހަމަ ޙަޤީޤަތުގައި ވެސް މައްސަލަތައް ގިނަ ކުރުވާ ތަނަކަށް ވަންޏާ ޔޫނުސް ވެސް އަދި އެހެން މީހަކުވެސް އެ ތަނެއްގައި މަސައްކަތް ކޮށްގެނެއް ނުވާނެއެވެ. ޚުދު ޔޫނުސްގެ ވެސް ޚިޔާލު ހުންނާނީ މިހެންކަން ނަޞްރާއަށް ޔަޤީން ކުރެވެއެވެ. ވީއިރު ޔޫނުސް ޙަޤީޤަތް ފާޅުނުކޮށް ދިޔައީ ކީއްވެބާއޭ ނަޞްރާގެ ހިތަށްއެރިއެވެ. އޭނައަށް ޔޫނުސް ނިކުމެގެން ދިޔަ ދޮރާއި ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު އިނދެވުނެވެ. އެއަށްފަހު ފުން ނޭވައެއް ދޫކޮއްލެވުނެވެ.

ކާމޭޒު ދޮށުގައި ދެކެވުނު ވާހަކައަށްފަހު އެދުވަހު ޔޫނުސްއާއި ނަޞްރާގެ ދެމެދަށް ހިމޭންކަމެއް ވެރިވެފައިވިއެވެ. ނަޞްރާ ޔޫނުސްއާއި ވާހަކަ ދައްކަން ބޭނުންވިއެއްކަމަކު ޔޫނުސްގެ ބުމަގޮށްޖެހިފައިވި ގޮތުން ނަޞްރާއަށް ވާހަކައެއް ދައްކާކަށް ނުކެރުނެވެ. އެރޭ ދެމީހުން ރޭގަނޑުގެ ކެއުމަށް އިންސާފު ކުރީވެސް ހިމޭންކަމާއެކީގައެވެ. އެހެން ކާގަޑިތަކާ ޚިލާފަށް ޔޫނުސް މިފަހަރު އޭނައަށް ބަލާވެސް ނުލައި ކަމުން ދިޔަ ގޮތުން ނަޞްރާ އިތުރަށް ހިތްދަތިވިއެވެ. އޭނަ ވެފައިހުރި ދެރައެއްގެ ސަބަބުން އެރޭ ބައްޕަމެންގެ ގެއަށް ކާއެއްޗެހި ހިފައިގެން ދާންވެސް ހަނދާން ނެތުނެވެ. ބައްޕަމެންނަށް ވީ ކާއެއްޗެހި ހިފައިގެން އެގެއަށް ދިޔައީ ޔޫނުސްކަން ނަޞްރާއަށް އެނގުނީ އޭނަ ސިޓިންގް ރޫމުގައި އިންދާ ހުސް ތަށިތައްހުރި ކޮތަޅަކާއެކީ ޔޫނުސް ގެއަށް ވަދެގެން އައުމުންނެވެ.

ނަޞްރާ އެންމެ ފަހަކަށް ހިތްވަރުކޮށްފައި ޔޫނުސްގާތު އޭނައަށް ރުޅިތޯ އަހާލީ ދެމީހުން އެކީގައި އެނދަށް އަރަން އުޅުނު ވަގުތެވެ. ޔޫނުސް ނަޞްރާއަށް ބަލަހައްޓައިގެން ހުރެ މަޑުމަޑުން ބޯހޫރުވާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އެއަށްފަހު އޭނަ އެއްވެސް އެއްޗެކޭ ނުބުނެ އެނދަށް އަރައި އޮށޯވެ ދެލޯ މަރާލިއެވެ. ނަޞްރާއަށް ޔޫނުސްގެ ޖަވާބު ޤަބޫލު ކުރެވުނީ ދެލޯ މެރުމަށްފަހު ވެސް އެ މޫނުމަތިން ޔޫނުސް ވަނީ ފިކުރެއްގައިކަން އެނގުންވީތީވެއެވެ. ޔޫނުސްއަށް މިއަދު އޭނައާއި ވާހަކަ ނުދެކެވުނީ އެ ފިކުރުގެ ސަބަބުން ކަމަށްވެސް ވެދާނެ ކަމަށް ނަޞްރާގެ ހިތް ބުންޏެވެ. ނަމަވެސް ޔޫނުސްއަށް މާ ބޮޑަށް ވިސްނެނީ ކޮންކަމަކާމެދު ކަމެއް ނަޞްރާއަކަށް ނުވިސްނުނެވެ. އޭނަ ފުން ނޭވައެއް ދޫކޮއްލަމުން ޔޫނުސްއަށް ބަލަހައްޓައިގެން ހުރެ އެނދަށް އަރައި އޮށޯވެ ނިދޭތޯ ބެލިއެވެ.

އޭގެ އަނެއްދުވަހު އަފްރީން ސްކޫލަށް ދިޔައިރު އެދުވަހުވެސް ސިނާން ސްކޫލަކަށް ނާދެއެވެ. އަފްރީން އޭނަގެ ހިތުގައި ހިނގަމުން ދިޔަ ޖަޒުބާތުތަކާމެދު އަޅާނުލުމަށްޓަކައި ކިޔެވުމަށް ފަރުވާތެރިކަން ބަހައްޓަން ފެށިއެވެ. އެހެން ދުވަސް ދުވަހާ ޚިލާފަށް އަފްރީން ކުލާހުގައި ދެވޭ މަސައްކަތްތައް ކުލާހުގައި ނިންމަމުން ދިޔައެވެ. އެންމެ މިނެޓަކަށް ވެސް ހުހަށް ނުހުރެވޭތޯ ބެލިއެވެ. އިންޓަވަލް ގަޑީގައި ވެސް ޕާސްޓް ޕޭޕަރުތައް ހަދަން ނިންމައިފިއެވެ. ކޮންމެއަކަސް އިންޓަވަލް ގަޑިއަށް ބެލް ޖެހިތަނާ ކުލާހުގެ ދޮރުމައްޗަށް ސިނާން އައިސް ހުއްޓުނެވެ. އަފްރީންއަށް އެތަން ފެނުނީ އޭނައާއެކީ ގޮނޑިން ތެދުވެ ހުރި ނައުފާ ދެއްކުމުންނެވެ. ސިނާން ހިނިތުންވުމަކާއެކީ އޭނައަށް ބަލަހައްޓައިގެން ހުރިތަން ފެނިފައި މިއަދު އަފްރީންއަކަށް ހިނިތުންވާކަށް ނޭނގުނެވެ. އެކަން ސިނާންއަށް ފާހަގަވީހެނެއް ހިއެއްނުވެއެވެ. އޭނަ ފުރިހަމަ ހިނިތުންވުމެއްގައި ހުރެ އައިސް އަފްރީންގެ ކުރިމަތީގައި މަޑުކޮށްލައިފިއެވެ.

“ހާއި…..މިއަދު ކިހިނެއްވެފަތަ އަފޫ ތިހިރީ؟ އަނެއްކާވެސް ކްލާސް ޓެސްޓަކުން އަހަންނަށްވުރެ ދަށުން ލިބުނީތަ؟” ސިނާން ބުނެލިއެވެ. އަފްރީންއަށް ނޭނގި އޭނައަށް ހިނިތުންވެލެވުނެވެ. އެއަށްފަހު އޭނަ ނޫނެކޭ ބުނަމުން ބޯހޫރުވާލިއެވެ. އަފްރީން ހިނިތުންވީތަން ފެނިފައި އޭނަ ކައިރީގައި ހުރި ނައުފާ ވެސް ހިނިތުންވެލިއެވެ. އަދި ތިމަންނަ ދަނީއޭ ކިޔައި ކުލާހުން ނިކުންނަން ދިޔައެވެ. މާ ގިނައިރެއްނުވެ މުޅި ކުލާސް ހުސްވިއެވެ. ކުލާހުގައި މުދައްރިސަކު ވެސް ނެތެއެވެ. އަފްރީން އުޅުނީ ކެންޓީނަށްދާން ކަމަށްވިޔަސް އޭނަ ޚިޔާލު ބަދަލުކޮށްލަމުން ގޮނޑީގައި އިށީނެވެ. އަފްރީން އޭނަގެ ކަބަޑުން ޕާސްޓް ޕޭޕަރު ފައިލެއް ނަގައި ހުޅުވާލި ވަގުތު ސިނާން އައިސް އޭނަގެ ކައިރީގައި ހުރި ގޮނޑީގައި އިށީނެއެވެ. އަފްރީންގެ ހިތް އުފާވި ވަގުތު ހަމަ އެ ހިތް ދުރުވުމަށް ވެސް އަންގާލައިފިއެވެ. ކުއްލިއަކަށް މިތަނުގައި ތިންވަނަ މީހަކު ނެތްކަން އަފްރީންއަށް މާ ބޮޑަށް އިޙްޞާޞް ކުރެވުނެވެ.

“އައި ނޯ އަފޫ. ރޭގަ ނުގުޅީތީ އަޕްސެޓްވެފަދޯ ތިހިރީ؟ ރޭގަ ކުޑަކަމެއްގަ ބިޒީކޮށް އަހަރެން އުޅުނީ. މިރޭ ގުޅާނަން. އައި ޕްރޯމިސް.” ސިނާން އެހެން ބުނެލަމުން މޭޒުމަތީގައި އޮތް އަފްރީންގެ އަތްމަތީގައި އަތް އެޅިއެވެ. އަފްރީން އަތް ދަމައިގަންނަން ބޭނުންވިއެވެ. ނަމަވެސް އެހެން ހަދާކަށް ނުކެރުނެވެ. އޭނައާއި ސިނާންގެ ގުޅުމުގައި ކޫރުމެއް އެޅޭކަށް އޭނަ ނޭދުނެވެ.

މުޅި އިންޓަވަލް ގަޑި ނިމެންދެން ސިނާން އަފްރީންގެ ކައިރީގައި އޭނައާއި ވާހަކަ ދައްކަން އިނެވެ. ކުރީކޮޅު އަފްރީންގެ ހިތަށް އުދަގޫވަމުން ދިޔައެއްކަމަކު 5 މިނެޓް ފަހުން އެކަމާމެދު ހަނދާން ނެތުނެވެ. ނަމަވެސް އިންޓަވަލް ގަޑި ނިމުމަށްފަހު ސިނާން އޭނައާއި ދުރަށް ދިޔުމުން އަނެއްކާވެސް އޭނަގެ އަމިއްލަ ހިތް އޭނަގެ އަމިއްލަ ނަފްސު ކުށްވެރި ކުރިއެވެ.

އެދުވަހު ނަޞްރާ ސްކޫލުން ގެއަށް ދިޔައިރު ޔޫނުސްއެއް ނެތެވެ. ޔޫނުސްއަށް އާދެވޭނީ ލަހުން ކަމަށްބުނެ އޭނަ ނަޞްރާއަށް މެސެޖެއް ފޮނުވާފައި އޮތެވެ. ނަޞްރާ އެއަކަށް މާ ބޮޑު ފަރުވާލެއްނުދީ ކޮޓަރިއަށްވަދެ ހެދުން ބަދަލުކޮށްލިއެވެ. މިއަދަކީ ބުރާސްފަތި ދުވަހަށްވުމުން ނަޞްރާ ގޭގެ ތެރެ ސާފުކުރަން ނިންމިއެވެ. ބުރުހުން ގޭގެ ތެރޭގެ ކުނި ކަހަމުން ދަނިކޮށް ނަޞްރާ ގޭގެ ފޮތް ހަރުގަނޑު ހުންނަ ކޮޓަރިއާއި ހަމަވިއެވެ. އޭނަ އެތާނގެ ދޮރު ހުޅުވާލަމުން އެތެރެ ބަލާލިއެވެ. އެތާތެރޭގައި ފޮށިތައް އެހެން މިހެން ހުރި ގޮތުން ނަޞްރާއަކަށް ކަމަކު ނުދިޔައެވެ. މިއަދު އެތަންވެސް ސާފުކުރާނީއޭ ހިތައި ނަޞްރާ ގޭގެ ތެރެއިން އެއްވި ކުނިތައް އަތްގަނޑަށް އަރުވާލުމަށްފަހު އެ ކޮޓަރިއަށްވަނެވެ.

ނަޞްރާ އަތުކުރި އޮޅާލަމުން އެންމެ ފުރަތަމަ އެތާހުރި ފޮތް ހަރުގަނޑު ފޮހެން ފެށިއެވެ. މާ ގިނައިރެއްނުވެ އޭގައި ހުރި ފޮތްތަކުގައި ވެސް ހިރަފުސް ހުރިކަން އެނގި ނަޞްރާ އެ ފޮތްތައް ހަރުގަނޑުން ނަގަން ފެށިއެވެ. ނަޞްރާ އެކި ފޮތްތައް ނަގަމުން ދަނިކޮށް އޭގެ ތެރެއިން އެއްފޮތެއްގެ ތެރެއިން ފޮޓޯގަނޑެއް އުދުހިގެން ގޮސް ބިންމަތީގައި ޖެހުނެވެ. އެއްޗެއް ވެއްޓުނުހެން ހީވުމުން ނަޞްރާ އެ އެއްޗެއް ދިޔަ ދިމާލަށް ބަލާލިއެވެ. އޭރު ބިންމަތީގައި ފޮޓޯގަނޑު އޮތީ ބަންޑުންނެވެ. ނަޞްރާ އެއީ ކޮން ފޮޓޯގަނޑެއްތޯ ބަލަން ބޭނުންވެފައި އެއާއި ހަމައަށް ގޮސް ގުދުވެ އެ ފޮޓޯގަނޑު ނަގައި ހިންދެމިލަމުން އޭތި ބަލާލިއެވެ. އެ ފޮޓޯގައި ތިބީ ކުޑަ ފިރިހެން ކުއްޖަކާއި ބިޔަ ހަށިގަނޑެއްގެ ވެރި ފިރިހެނެކެވެ. ދެމީހުން ޖެހިޖެހިގެން ތިބިއިރު ފިރިހެން މީހާގެ އަތް ފިރިހެން ކުއްޖާގެ ކޮނޑުން ވައްޓާލެވިފައިވިއެވެ. ފިރިހެން ކުއްޖާ ފުރިހަމަ ހިނިތުންވުމެއްގައި ހުރިއިރު ފިރިހެން މީހާ ހުރީ ލުއި ހިނިތުންވުމެއްގައެވެ. ފިރިހެން ކުއްޖާ ޔުނިފޯމެއްގައި އަތުން ފޮތެއް ހިފައިގެން ބޮލުގައި ކަރުދާހުގެ ތާޖެއް އަޅައިގެން ހުރިގޮތުން މިއީ ރިޕޯޓު ދިން ދުވަހެއްގައި ނެގިފައިވާ ފޮޓޯއެއްހެން ހީވެއެވެ. ނަޞްރާ ރަނގަޅަށް އެ ފިރިހެން ކުއްޖާއަށް ބަލާލުމުން އެއީ ޔޫނުސްކަން ނަގައިގަނެވުނެވެ. ނަޞްރާއަށް އެކަނި ހުރެ ލުއި ގޮތަކަށް ހީލެވުނެވެ. ޔޫނުސް އޭރު ހާދަ ލޯތްބޭ ހިތަށްއެރިއެވެ. ނަޞްރާއަށް ދެން ބަލާލެވުނީ ޔޫނުސްގެ ކައިރީގައި ހުރި ފިރިހެން މީހާށެވެ. އެ މީހާއަކީ ނަޞްރާއަށް ފެނިފައި ހުރި މީހެއްހެން އޭނައަށް ހީވިއެވެ. އެއީ ކާކުކަން ހަނދާން ކުރުމަށްޓަކައި ނަޞްރާ ސިކުނޑިއަށް ބާރުލިއެވެ. މާ ގިނައިރެއްނުވެ އެއީ ޓީވީއާއި ރޭޑިޔޯއިން އަބަދުވެސް އެމީހެއްގެ ނަން އިވިއިވި ހުންނަ ނަވާޒްކަން ނަޞްރާއަށް ނަގައިގަނެވުނެވެ. ނަޞްރާގެ ނިތަށް ރޫގިނަވިއެވެ. ޔޫނުސް އެހާ ކުޑައިރު ނަވާޒްގެ ކައިރީގައި ހުއްޓި މިހިރީ ކީއްވެ ހެއްޔެވެ؟ ނަވާޒް ރިޕޯޓު ދިނުމުގެ ޙަފްލާއަށް ޚާއްޞަ މެހުމާނެއްގެ ގޮތުގައި ގޮސްފައި ހުރީ ހެއްޔެވެ؟ ނަމަވެސް އެހެންވާންވީ ސަބަބެއް ނަޞްރާއަކަށް ނުވިސްނުނެވެ. ނަވާޒްގެ ޕާޓީ އުފެދި އޭނަ މަޝްހޫރުވެގެން ދިޔައީ މީގެ 5 އަހަރު ކުރިންނެވެ. ވީއިރު ޚާއްސަ މެހުމާނަކަށް އޭރު ނަވާޒްއެއް ނުވާނެއެވެ. ނަވާޒް ޔޫނުސްގެ ކޮނޑަށް އަތް ވައްޓައިގެން ހުރި ގޮތުން އެއީ ޔޫނުސްގެ ވަރަށް ގާތް މީހެއްހެން ހީވިއެވެ. ނަވާޒްއާއި ޔޫނުސްއާ ދެމެދު އޮންނާނެ ގުޅުމަކީ ކޮބައިކަން ނަޞްރާގެ ހަވަނަ ޙިއްސު ބުނެލިއެއްކަމަކު އޭނައަށް އެކަން ޤަބޫލުކުރަން ދަތިވިއެވެ. ނަޞްރާ ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ހުއްޓާ ގޭގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. ނަޞްރާއަށް ތެޅިގެންފައި އެ ފޮޓޯގަނޑު ގޮސް ހަރުގަނޑުގައި ހުރި ފޮތެއްގެ ތެރެއަށް ކޮއްޕާލެވުނެވެ. ނަޞްރާ ފަސްއެނބުރި ބަލާލި ވަގުތު ޔޫނުސް އެ ކޮޓަރީގެ ދޮރުމައްޗަށް އަރައިފިއެވެ. އަދި މިތަން ވެސް ސާފު ކުރަނީތޯ އެހިއެވެ. ނަޞްރާ އޭނަގެ ނުތަނަވަސްކަން ފޮރުވަން މަސައްކަތް ކުރަމުން ހޫންލައްވާލިއެވެ. ޔޫނުސް ތިމަންނަ އެބަ އަންނަމޭ ބުނެ ދާން ހިނގައިގަތެވެ. ނަޞްރާއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮއްލެވުނެވެ. އޭނަ މަސައްކަތަށް އަނބުރާ ދިޔައެއްކަމަކު ދެންވެސް އެ ފޮޓޯގަނޑާއިމެދު ވިސްނުނެވެ. ނަޞްރާ ޔޫނުސްގާތު އެއާއިމެދު ސުވާލުކުރަން ބޭނުންވިއެވެ. ނަމަވެސް އޭނަ ޚިޔާލު ބަދަލުކޮއްލީ އޭގެ ޖަވާބަކަށް ޔޫނުސް ވަރަށް ދިގު، ހިތްދަތި ވާހަކައެއް ކިޔައިދޭންޖެހޭނެހެން ހީވީތީވެއެވެ. ޔޫނުސް އަމިއްލައަށް އެ ވާހަކަތައް ކިޔައިދެން ދެން އިންތިޒާރުކުރުން ބުއްދިވެރިވާނެކަމަށް ނަޞްރާ ދެކުނެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އަފްރީންއަށް ތަޖުރިބާ ކުރެވެމުން ދިޔަ އުދަގޫތައް އިތުރުވަމުން ދިޔައެވެ. ފަހަކަށް އައިސް އޭނައަށް އަބަދުވެސް ހުރެވެނީ ދެ ޚިޔާލެއްގެ މަތީގައެވެ. ބައެއް ދުވަސް ދުވަހު ސިނާންއަށް އެއްގޮތަކަށް ވެސް ނުގުޅަން ނިންމައިގެން ހުންނައިރު އަނެއްބައި ދުވަސްދުވަހު އޭނަ މުޅިން ވެސް ހުންނަން ބޭނުންވަނީ ސިނާންއަށް ގުޅައިގެންނެވެ. ސިނާންއާއެކީ ވަގުތު ހޭދަކުރާއިރު އޭނަގެ ހިތަށް ހަމަޖެހުމެއް ލިބޭހެން އަފްރީންއަށް ހީވެއެވެ. ނަމަވެސް ސިނާންއާއި ވަކިވާއިރަށް އެ ހަމަޖެހުން ގެއްލިދެއެވެ. މިކަން ފާހަގަވުމުން އަފްރީން އަބަދުވެސް ސިނާންއާއެކީ ހުންނަން ބޭނުންވިއެވެ. އެހެނަސް އެއީ ވާނެކަމެއް ނޫންކަން އެނގި އަފްރީން ދެންވެސް ސިނާންއާއި ދުރުވޭތޯ ބެލިއެވެ. ހުކުރު ދުވަހެއްގައި ސިނާން އެތައް ފަހަރަކު ގުޅުމުން ވެސް ފޯނު ނުނަގައި ހުރެފައި އެންމެ ފަހަކަށް އެ ދުވަހުގެ ރޭ ކެތްނުވެގެން އަފްރީންއަށް ފޯނު ނެގުނެވެ. ސިނާން ކިހިނެއްވީތޯ ސުވާލު ކުރުމުން އަފްރީން ސިނާންއަށް ބަހަނާއެއް ދެއްކިއެވެ. އަފްރީން ކިތަންމެ ފޮރުވަން އުޅުނެއްކަމަކު އަފްރީންއަށް އައި ބަދަލުތައް ސިނާންއަށް ފާހަގަ ކުރެވެން ފެށިއެވެ. އޭނަ އެކަމާމެދު ނައުފާއާއި ސުވާލުކުރިކަން އަފްރީންއަށް އެނގުނީ ސިނާން އެއްރެއަކު ގުޅާފައި ދެއްކި ވާހަކައަކުންނެވެ.

“އަފޫ ތިހިރީ ބްރެއިންވޮޝްވެފަ.” އަފްރީން އެރޭ ފޯނު ނަގައި އެއްވެސް ވާހަކައެއް ނުދައްކައި ހުންނަން ފެށުމުން ސިނާން ބުނެލިއެވެ. ސިނާން ދެން ބުނީ ދަރުހުގައި ދެއްކި ވާހަކަތައް ހަނދާން ނައްތާލުމަށެވެ. އަދި ދެމީހުންގެ ގުޅުން ބަރުބާދުކޮށްލަން ނުއުޅުމަށެވެ. އެ ވާހަކަ އަޑުއަހާފައި އަފްރީންއަށް ރޮވެން އުޅުނެވެ. ސިނާން އެ ބުނި ގޮތަށް ކަންތައް ކުރެވޭނެނަމަ އޭނަ އެކަން ކުރިތާ އެތައް ދުވަހެކެވެ. ސިނާން އެ ބުނީ ތެދެއްބާއޭ އަފްރީންގެ ހިތަށްއެރިއެވެ. އޭނަގެ ސިކުނޑި ދޮވުނީ ހެއްޔެވެ؟ އޭނަ މޮޔަވަނީ ހެއްޔެވެ؟ އަފްރީންއަށް އެރޭ ފޯނު ބޭއްވުމަށްފަހު ރަނގަޅަށް ރޮވުނެވެ. އޭނަގެ އިޙްޞާޞްތައް ޙިއްޞާ ކުރެވޭނެ މީހަކު ހުރިނަމައޭ ހިތަށްއެރިއެވެ. ސިނާންއާއި ޙިއްސާ ކުރިއްޔާ އޭނަ ދޭނެ ޖަވާބު އަފްރީންއަށް އިވިއްޖެއެވެ. ދޮންތައާ ވާހަކަ ދައްކާނީއޭ ހިތް ބުންޏެއްކަމަކު އޭނަގެ ލޯބިވެރިއެއް ހުންނަ ވާހަކަ ދޮންތައަށް އަންގާކަށް އަފްރީންއަކަށް ނުކެރުނެވެ. ބައްޕައާ ދޮންބެ ގާތު ދައްކާކަށް އަމުދުންނެއް ނުކެރޭނެއެވެ. އަފްރީންއަށް މުޅި އެރޭ ހުއްޓުމެއްނެތި ރޯން އެނދުމަތީގައި އިނދެވުނެވެ. ފަތިސް ނަމާދަށް ބަންގި ގޮވީ ވެސް އަފްރީން ރޯން އިންދައެވެ. އަފްރީން އޭނަގެ ކަރުނަތައް ފޮހެމުން އެނދުން ތެދުވެގެން ގޮސް މޫނުދޮވެ ވުޟޫކޮށްލައިގެން ނަމާދަށް މުސައްލަ މައްޗަށް އެރިއެވެ. އާދައިގެ މަތިން ނަމާދު ކުރިއިރު އަފްރީންއަށް ވިސްނެމުން ދިޔައީ ދުނިޔޭގެ އެހެނިހެން ކަންކަމާއި މެދުގައެވެ. ނަމަވެސް ސަލާމް ދީފައި އަވަސްއަވަހަށް ޛިކުރު ތަޞްބީޙަ ކިޔައި ނިންމުމަށްފަހު މުސައްލަ އޮޅާލަން އުޅުނު ވަގުތު ނޭނގޭ ސަބަބަކާހުރެ އަފްރީންއަށް މަޑުކޮށްލެވުނެވެ. އެދުވަހު އިވުނު ދަރުހުގައި މައިގަނޑު ގޮތެއްގަ ދެކެވުނު ވާހަކަތަކުގެ މަތިން ހަނދާންވިއެވެ. ﷲ ގެ ލޯބިފުޅުގެ ވާހަކައެވެ. އަހަރުމެންގެ އިޙްޞާޞްތައް އެންމެ ބޮޑަށް ދެނެވޮޑިގެންވާނީ ﷲ ކަމުގެ ވާހަކައެވެ. ﷲ އާއި އޭނަގެ އިޙްޞާޞްތައް ޙިއްޞާ ކުރަންވީ ކަމުގައި އަފްރީންގެ ހިތް ބުނެލިއެވެ. ﷲ އަކީ ހުރިހާ ކަމެއް އައްސަވާވޮޑިގެންވާ އަދި ބައްލަވާވޮޑިގެންވާ ރަސްކަލާނގެކަން ވެސް އަފްރީންގެ ހިތް އޭނައަށް ހަނދާންކޮށްދިނެވެ. އަފްރީން ޖެހިލުންވުމަކާއެކީ އޭނަގެ ދެއަތް އުފުލާލިއެވެ. އޭނަ އެއްޗެކޭ ކިޔަން އަނގަ ހުޅުވާލިއެއްކަމަކު އަނގަ ލައްޕާލެވުނީ މިއީ ހާދަ މޮޔަކަމެކޭ ސިކުނޑި ބުނީތީވެއެވެ. އަފްރީން ޚިޔާލު ބަދަލުކޮށް އަތް ތިރި ކޮއްލަމުން މުސައްލަ އޮޅާލިއެވެ.

ސެޕްޓެމްބަރު މަސް ފެށި އަފްރީންމެންގެ ސްކޫލްގައި އޯ ލެވެލްގެ ކުރިން އެންމެ ފަހަކަށް ނެގޭނެ އިމްތިޙާން ފެށުނެވެ. އިމްތިޙާނަށް ތައްޔާރުވަމުން ދިޔަ ދުވަސްވަރު އަފްރީން އުޅެންޖެހުނު ޙާލުގެ ސަބަބުން އަފްރީން ބޭނުންވި ވަރަކަށް އިމްތިޙާނަށް ތައްޔާރު ނުވެވުނެވެ. ނަމަވެސް އިމްތިޙާންތައް ރަނގަޅަށް ހެދޭނެ ކަމުގެ އުއްމީދު އޮތީ މީގެ ކުރިން އޭނަ އެއްވެސް ވަރަކަށް ދަސްނުކޮށް ދާ އިމްތިޙާންތަކުން ވެސް އޭނައަށް “އޭ” ލިބިފައި ހުންނާތީވެއެވެ. އަފްރީން އިމްތިޙާންތަކުގެ ތެރެއިން ވެސް ދެ ޚިޔާލެއްގެ މަތީގައި ހުރެ ސިނާންއާއި ވާހަކަ ދައްކަމުން ދިޔައެވެ.

އިމްތިޙާންތައް ނިމި އަފްރީންމެން ޕޭޕަރު ބަލަންދާ ދުވަސްޖެހުނެވެ. އަފްރީން ސްކޫލަށް ދިޔައީ އާދައިގެ މަތިން ހުރިހާ އިމްތިޙާނަކުން “އޭ” ނުވަތަ “އޭ ސްޓާރ” ލިބޭނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް އޭނައަށް ފުރަތަމަ ޕޭޕަރު ފެނުނު ވަގުތުވެސް ދެލޯ ބޮޑުވިއެވެ. ފުލް މާކްސްގެ ދެބައިކުޅަ އެއްބަޔަށްވެސް ލިބިފައި ނެތީތީވެއެވެ. ޕޭޕަރުތައް ލިބެމުން ދިޔަ ވަރަކަށް އޭނަގެ ހިތް ގެނބެމުން ދިޔައެވެ. އަފްރީންއަށް ހާސްވެފައިވާ ހިތަކާއެކީ ނައުފާގެ ކަލްކިއުލޭޓަރު ނަގައި އޭނަގެ މާކްސްތައް އެއްކުރެވެން ފެށިއެވެ. އަފްރީންއަކީ މީގެ ކުރިން ޕޭޕަރު ބަލަން އައިސް ކަލްކިއުލޭޓަރަކަށް ބޭނުންވާ ކުއްޖެއް ވެސް ނޫނެވެ. ޕޭޕަރުގައި ލިބިފައި ހުންނަ މާކްސްތަކުން އެކަނިވެސް މިއީ ރަނގަޅު ނަތީޖާއެއްކަން ނަގައިގަނެވޭތީވެއެވެ. ނަމަވެސް މިއަދު މިވީ ކިހިނެއް ހެއްޔެވެ؟ ކުލާހަށް ވަންނަމުން ދިޔަ މުދައްރިސުން ވެސް އަފްރީންއަށް ބަލަމުން ދިޔައިރު މުދައްރިސުންގެ މޫނުތަކުގައި ވެސް ވީ އެ ސުވާލެވެ. ކުލާހުގައި ތިބި ކުދިން ވެސް އަފްރީންއަށް ބަލަމުން ދިޔައީ ޙައިރާންކަމާއި އެކީގައެވެ. އަފްރީން އެ ނަޒަރުތަކުން ދުރަށްދާން ބޭނުންވިއެވެ. އެންމެ ފަހު ޕޭޕަރުތައް ދައްކައި ނިމުނުތަނާ އަފްރީން ކޮޅަށް ތެދުވެ ކުލާހުން ނިކުމެގެން ދިޔައެވެ. ފަހަތުން ސިނާންއާއި ނައުފާ ގޮވުމުން ވެސް އަފްރީން މަޑެއް ނުކުރިއެވެ.

އަފްރީން ގެއަށް އައިއިރު ޝަރީފް އަފްރީންގެ ނަތީޖާ ބަލަން ބޭނުންވެފައި އޮފީހުން ގެއަށް އައިސް ސިޓިންގް ރޫމުގައި އިނެވެ. އަފްރީން ގޭގެ ހުޅުވިފައިވާ ދޮރުމައްޗަށް އެރިތަނާ ޝަރީފް ހިނިތުންވުމަކާއެކީ ކޮޅަށް ތެދުވެ ކިހިނެއްތޯ ސުވާލުކުރިއެވެ. އަފްރީން ބަނަވެފައިވާ މޫނަކާއެކީ ބާރަށް ހިނގާފައި އައިސް އޭނަގެ އަތުގައި އޮތް ގަނޑުކޮޅު މޭޒުމަތީގައި ބޭއްވުމަށްފަހު ހަމަ އެ ބާރު މިނުގައި ގޮސް ކޮޓަރިއަށް ވަދެ ހަރު އަޑަކާއެކީ ދޮރު ލައްޕާލިއެވެ. އަފްރީން ކަންތައް ކުރި ގޮތުން ޝަރީފްގެ ބުމަގޮށްޖެހުނެވެ. އޭނަ މޭޒުމަތީގައި އޮތް ގަނޑުކޮޅު ނަގައި ބަލާލިއެވެ. އެއާއެކު އަފްރީންހެން ޝަރީފްގެ ވެސް ދެލޯ ބޮޑުވިއެވެ. ކޮންމެ މާއްދާއަކުން މާކްސްތައް އެއްކޮށް ލިބުނު ގްރޭޑް ޖަހާފައި ހުރިއިރު “އޭ” ލިބިފައި ހުރީ އެންމެ މާއްދާއަކުންނެވެ. ޝަރީފަށް އަނެއްކާވެސް އަފްރީންގެ ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލެވުނެވެ. އޭނައަށް މި ނަތީޖާއާމެދު ބުނާނެ އެއްޗެއްވެސް ނޭނގެއެވެ. އަފްރީންއަކީ ދުވަހަކު ވެސް މިހާ ދަށް ނަތީޖާއެއް ގެއަށް ގެނައި ކުއްޖެއްނޫނެވެ. އަފްރީން އުޅެނީ ވަރަށް ބޮޑު ކަމެއް ދިމާވެގެން ކަމުގެ އިންޒާރު ޝަރީފްގެ ސިކުނޑި އޭނައަށް ދިނެވެ. އޭނަ ގޮސް އަފްރީންގެ ކޮޓަރީގެ ދޮރު ހުޅުވާލަން އުޅުނެވެ. ދޮރު ތަޅުލެވިފައިވުމުން ޝަރީފް ދޮރުގައި ޓަކިދެމުން އަފްރީންއަށް ގޮވަން ފެށިއެވެ.

ކޮޓަރީގެ އެނދުމަތީގައި އިން އަފްރީންގެ ހިތް ހިތާމައާއެކު ބިރުވެރިކަމުންވެސް ފުރިފައިވިއެވެ. ހިތާމަ ކުރަނީ މިއަދު ފެނުނު ޕޭޕަރުތަކުގެ ސަބަބުންނެވެ. އިންތިހާއަށް ބިރުގަންނަމުން ދިޔައީ މީގެ ދެ ހަފްތާ ފަހުން ފެށެން އޮތް އޯ ލެވެލް އިމްތިޙާނާއި މެދުގައެވެ. މި ހުރިހާ ދުވަހު އޭނައަށް އޯ ލެވެލް ޓޮޕް ޓެން ގެ އެއްވަނަ ލިބޭނެ ކަމުގެ އުއްމީދު އަފްރީންގެ ހިތުގައިވިއެވެ. ނަމަވެސް މިހާރު ޓޮޕް ޓެންއަށް ދެވޭނެ ކަމުގެ ވެސް ޔަޤީންކަމެއްނެތެވެ. ކޮޓަރީގެ ބޭރުން ބައްޕަ ގޮވާ އަޑު އިވުމުން އަފްރީންގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ބައްޕަ އޭނަގެ ފަރާތުން ހާދަ އުއްމީދެއް ކުރާނެއޭ ހިތަށްއެރިއެވެ. އެ އުއްމީދުތައް ފުރިހަމަ ނުކުރެވިދާނެއޭ ހިތަށްއެރި ވަގުތު އަފްރީންގެ ލޮލުން ކަރުނަ ފައިބައިގެން އައެވެ. އޭނަ ބައްޕައަށާއި އޭނަގެ މުދައްރިސުންނަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ މިއީ އޭނައެއް ނޫނެވެ. މިއަދު އޭނަ މިވަނީ އެހެން މީހަކަށްވެފައޭ ހިތަށްއެރިއެވެ. އެހެނަސް އޭނައަށް މިހެންނެއް ކުރިއަކަށް ނުދެވޭނެއެވެ. އޭނަ ޖެހޭނީ މި ޙާލަތް ބަދަލުކުރެވޭތޯ ބަލާށެވެ. އަދި ހުރިހާ ކަމެއް ނުނިމެއެވެ. ކުއްލިއަކަށް އަފްރީންގެ ހިތުގައި ކިޔެވުމަށް ވަރުގަދަ ޢަޒުމެއް ކަނޑައެޅުނެވެ. އަފްރީން ޝަރީފްގެ އަޑަށް ފަރުވާލެއްނުދީ އޭނަގެ ޔުނިފޯމްވެސް ބަދަލުނުކޮށް ކިޔަވާ މޭޒުދޮށުގައި އިށީނެވެ. މާ ގިނައިރެއްނުވެ ޝަރީފްގެ އަޑު ކެނޑުމުން ޝަރީފް ގޮއްސިކަން އަފްރީންއަށް އެނގުނެވެ. އަފްރީން މޭޒުގެ ވަތްގަނޑު ހުޅުވާލަމުން ވަތްގަނޑުގައި އޮތް އޭފޯ ރީމުން އޭފޯ ސައިޒް ގަނޑެއް ނެގިއެވެ. އަދި ކުލަކުލައިގެ ގަލަން ތަކުން އޭނަ ކުރިއަށް އޮތް ދެ ހަފްތާގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ކުރާނެ ގޮތުގެ ތާވަލެއް ތައްޔާރު ކޮށްލިއެވެ. ތާވަލު ނިންމުމަށްފަހު އެއަށް ބަލާލި ވަގުތު އަފްރީން އެއާމެދު ހިތްހަމަޖެހުނެވެ. އެއާއި އެއްގޮތަށް ކަންތައް ކޮށްފިއްޔާ އޭނައަށް އަދިވެސް އެއްވަނަ ލިބުމުގެ ފުރުޞަތު އެބައޮތް ކަމާމެދު އަފްރީންގެ ސިކުނޑި އެއްބަސްވިއެވެ. އޭނަ އެ ތާވަލު ކިޔަވާ މޭޒުގެ ކުރިމައްޗަށްވާ ގޮތަށް ފާރުގައި ތަތްކޮއްލިއެވެ. އެއަށްފަހު ފެންވަރާލަން ދިޔައެވެ.

އަފްރީން ފެންވަރައި ތާޒާވެ ކިޔަވަން ތައްޔާރުވެގެން ގޮސް ކިޔަވާ މޭޒުދޮށުގައި އިށީނެވެ. މާ ގިނައިރެއްނުވެ ކައިރީގައި އޮތް ފޯނަށް މެސެޖެއް އައި އަޑަށް އަފްރީން އޭގެ ސްކްރީނަށް ބަލާލިއެވެ. އެއީ ސިނާންގެ މެސެޖެކެވެ. އޭގައި އޮތީ އަފްރީން ރަނގަޅުތޯއެވެ. އަފްރީން އެއަކަށް ޖަވާބެއްދޭކަށް ބޭނުމެއް ނުވިއެވެ. އޭނައަށް މިވަގުތު އެއަށްވުރެ މުހިއްމީ އޭނަގެ މުސްތަޤްބަލް ސަލާމަތް ކުރުމެވެ. އަފްރީން ފޯނު ދުރުގައި ބާއްވާފައި މޭޒުގެ ކަނެއްގައި އޮތް ފޮތެއް ނަގައި އެ ކިޔަން ފެށިއެވެ. މާ ދުރަށް ނުކިޔެނީސް އަފްރީންގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނުން ސިނާންގެ ނަން ފެނުމުން ވެސް މިފަހަރު އަފްރީން ނަގާ ހިތެއްނުވިއެވެ. އޭނަ ފޯނު ބިޒީކޮށްލަމުން ކިޔެވުމަށް އަނބުރާ ދިޔައެވެ. ދެވަނަ ފަހަރު ސިނާން ގުޅުމުން ވެސް އަފްރީން ހެދީ އެހެންނެވެ. ތިންވަނަ ފަހަރު ގުޅުމުން އަފްރީން އައި ރުޅީގައި ފޯނު ނިވާލަން އުޅުނެވެ. ނަމަވެސް ސިނާންއަށް އޭނަ ބޭނުންވާ ގޮތް ސާފުކޮށް އަންގާލަން ބޭނުންވިއެވެ.

“ސިނާން ޑޯންޓް ޑިސްޓާބް މީ އޯކޭ؟” ފޯނު ނަގައި ކަންފަތުގައި ޖައްސާލަމުން އަފްރީންއަށް އެހެން ބުނެލެވުނީ ނުރުހުމުގެ ރާގަކަށެވެ. އެއާއެކު އޭނައަށް ބުނެވުނު އެއްޗަކާމެދު ހިތާމަ ކުރެވުނެވެ. އޭނަގެ ނަތީޖާ ދަށްވީ ވަކި ސިނާންއަކާހެދި ނޫނެއްނޫންހެއްޔޭ ހިތް ބުންޏެވެ.

“އަފޫ….” ސިނާން ގޮވާލި ގޮތުން އަފްރީން އިތުރަށް ދެރަވިއެވެ. އޭނައަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.

“ސިނާން…..އަހަރެން ބޭނުން ވަގުތު…އަހަރެން ކިޔަވަން ބޭނުން. ޕްލީޒް، އޯ ލެވެލްސް ނިމެންދެން ސިނާންއަށް އަހަންނަށް ނުގުޅައި ހުރެވިދާނެތަ؟ ދިސް އިޒް ނޮޓް އަ ބްރޭކް އަޕް. ޓެސްޓަށްފަހު ސިނާން……އަހަރެން ސިނާންއަށް ގުޅާނަން.” އަފްރީން ކެނޑިކެނޑިގެން ބުނެލައިފިއެވެ. ދިގު ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ސިނާން އޯކޭއޭ ބުނެލަމުން ފޯނު ބޭއްވިއެވެ. އަފްރީންއަށް ފޯނު ކަންފަތުން ވަކިކޮށްލަމުން ދެލޯ މަރާލެވުނެވެ. ދެލޯ ހުޅުވާލި ވަގުތު ކުރިމަތިން ފޮތް ފެނުމުން އަފްރީން އަނެއްކާވެސް ކިޔެވުމަށް ސަމާލުކަން ދިނެވެ.

އެދުވަހަށްފަހު އަފްރީން އޭނަގެ ހުރިހާ ވަގުތެއް ހޭދަކުރީ އޭނަގެ ފޮތްތަކާ އެކީގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކާން ސުފުރާ ދޮށަށް އޭނަ ދަނީ ވެސް ފޮތް ހިފައިގެންނެވެ. އޭނަ އެއްވެސް މީހަކާ ވާހަކަ ދައްކާކަށް ނުއުޅެއެވެ. ޝަރީފްގެ އެދުމަށް ނަޞްރާ އަފްރީންއާއި ވާހަކަ ދައްކަން އުޅުމުން ވެސް އަފްރީން އެ ފުރުޞަތެއް ނުދެއެވެ. ކޮންމެއަކަސް އެއްރެއަކު ނަޞްރާ އެ ގެއަށް ދިޔައިރު އަފްރީން އިނީ ސިޓިންގް ރޫމުގެ ސޯފާގައި ޓީވީ ބަލާށެވެ. އޭނަ ބަލަން އިނީ ކޮންމެވެސް އިނގިރޭސި ފިލްމެކެވެ. ނަޞްރާ ވެސް އަފްރީންގެ ކައިރީގައި އިށީނެވެ. އަފްރީން ހީކުރި ގޮތާއި ޚިލާފަށް ނަޞްރާ އެއާއިމެދު ލެކްޗަރެއްދޭކަށް ނުއުޅުނެވެ. އަފްރީން އެއްފަހަރު ޓީވީއަށް އަނެއްފަހަރު ނަޞްރާއަށް ބަލަމުން ދަނިކޮށް ޝަރީފް އަފްރީންއަށް ގޮވާލި އަޑު އިވިގެން އަފްރީން ސޯފާއިން ތެދުވެގެން ދިޔައެވެ.

ޝަރީފް ބުނި ކަމެއް ކުރުމަށްފަހު އަފްރީން ސިޓިންގް ރޫމަށް ދިޔަ މަގުމަތީގައި ޤުރުއާނުގެ އަޑު އިވިފައި އަފްރީން ފޫހިވިއެވެ. އެއަށްވުރެ ބޮޑަށް ފޫހިވީ ދޮންތަ ސިޓިންގް ރޫމުގެ ސޯފާގައި އިނދެ ޓީވީއިން އަބަދު ޤުރުއާން ޖަހާފައި ހުންނަ ޗެނަލެއް ޖައްސައިގެން އިންތަން ފެނުމުންނެވެ. އަފްރީން ތުން ދިގުވެފައި ހުރެ ބަރު ފިޔަވަޅުތަކެއްގައި ސިޓިންގް ރޫމަށްއައެވެ. އޭނަ ސިކުނޑި ހަމަޖެއްސުމަށްޓަކައި ކަނޑައަޅާފައި އޮންނަ ހަމައެކަނި ވަގުތަކީ މިއީއެވެ. ދޮންތަ އެ ނަގަނީ އެ ވަގުތުކޮޅެވެ. އަފްރީން ނުރުހުންވެފައިހުރެ ގޮސް ނަޞްރާގެ ކައިރިއަށް ސޯފާއަށް ވެއްޓިގަތެވެ. ނަޞްރާ އަފްރީންއަށް ބަލާވެސް ނުލިއެވެ. އަފްރީން ނަޞްރާއަށް ބަލަން އިނދެފައި ޓީވީއަށް ނަޒަރު ހުއްޓާލީ ބިސްމި ކިޔާ އަޑަށެވެ. މި ފެށެން އުޅެނީ ޔޫސުފް ސޫރަތްކަން ސްކްރީނުގެ ތިރިއަށް އަރާފައި އޮތެވެ. ސޫރަތް ފެށި ޓީވީގެ ސްކްރީނުން ފުރަތަމަ އާޔަތާއިއެކު އޭގެ އިނގިރޭސި މާނަ ވެސް އެރިއެވެ. އަފްރީންއަށް އެ މާނަ ކިޔެން ފެށިއެވެ. އެއާއެކު މިއީ ވަރަށް ފަސޭހަ ތަރުޖަމާއެއްކަން އަފްރީންއަށް ނަގައިގަނެވުނެވެ. ތިންވަނަ އާޔަތާއި ހަމަވުމުން މި ސޫރަތުގައި ވާހަކައެއް ވާނެކަން އަފްރީންއަށް އެނގުނެވެ. އަފްރީން ހިސާބަކަށް ޝައުޤުވެރިވިއެވެ. ވާހަކަ ފެށިގެން ދިޔުމުން އަފްރީންގެ ހުރިހާ އެ ވާހަކައަށް ދެވުނެވެ. ވާހަކައިގެ ވަކި ހިސާބަކުން އަފްރީންއަށް ހީވަމުން ދިޔައީ އޭނަ ހުރީ ވާހަކައިގެ ތެރޭގައި ހެންނެވެ. އޭނައަށް މި ހުރެވުނީ ގޭގެ ސިޓިންގް ރޫމުގައި ޤުރުއާން އަޑުއަހަންކަން އެނގުންވީ ވާހަކަ ނިމި ސޫރަތް އިތުރަށް ކުރިއަށް ދިޔުމުންނެވެ. އަފްރީންއަށް ކުރިމަތީގައި ހުރި ސިޓިންގް ރޫމުގެ ގަޑިއަށް ބަލާލެވުނެވެ. އޭރު 10 ޖަހައިފިއެވެ. އޭނައަށް ޤުރުއާން އަޑުއެހޭތާ ބައިގަޑިއިރަށްވުރެ ގިނައިރު ވެއްޖެކަން އަފްރީންއަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. އޭނަ ކައިރީގައި ދޮންތަ އިންތޯ ބެލިއިރު ދޮންތައެއް ވެސް ނެތެވެ. ދޮންތަ ވެސް ލަސްވެގެން ދިޔައީކަން އަފްރީންއަށް އެނގުނެވެ.

އޭގެ އަނެއް ރޭ ވެސް ނަޞްރާ އަފްރީން “ސިކުނޑި ހަމަޖައްސާ” ގަޑީގައި އެ ގެއަށް ގޮސް އަފްރީންއަށް ވުރެ ކުރިން ގޮސް ޓީވީ ހުޅުވައި އެއްކަލަ ޗެނަލް ޖައްސާލިއެވެ. އަފްރީން އެރޭ ވެސް ފޫހިވިއެވެ. އޭނަ ކޮޓަރިއަށް ދާން އުޅެފަވެސް ނޭނގޭ ސަބަބަކާހުރެ ކަހަފް ސޫރަތް ފެށުމުން އެ އަޑުއަހަން ބޭނުންވިއެވެ. ކޮންމެ ހުކުރު ދުވަހަކު ދޮންތަ ބުނެގެން އޭނަ އަވަސް އަރުވާލައިގެން ކިޔަވާލާ ސޫރަތުން ބުނަނީ ކީކޭކަން ދެނެގަންނާނީއޭ ހިތައި އަފްރީން ނަޞްރާގެ ކައިރީގައި އިށީނެވެ. ކަހަފް ސޫރަތުގެ ވަކި ހިސާބަކުން ކޮންމެވެސް ޒުވާނުންނެއްގެ ވާހަކަ ފެށުނެވެ. ނަމަވެސް ތަރުޖަމާ ކިޔަމުން ދިޔައިރު އެ ވާހަކައިގެ މަންޒަރުތައް ސިފަކޮށްގަންނަން މިފަހަރު އަފްރީންއަށް ދަތިވިއެވެ. މި ވާހަކައަކީ ވަރަށް ގިނަ އަހަރު ވަންދެން ނިދާފައި ތިބި ބައެއްގެ ވާހަކަކަން އަފްރީންއަށް އެނގުނެވެ. ވާހަކަ ނިމި ދިޔުމުން އަފްރީންގެ ޝައުޤުވެރިކަން ނެތެން އުޅެނިކޮށް އަނެއްކާވެސް އެހެން ވާހަކައެއް ފެށުނެވެ. އެ ވާހަކަ ނިމުމުން ވަރަށް ގިނައިރު ވަންދެން ވާހަކައެއް ނެތި ދިޔުމުން އަފްރީން ދާން އުޅުނު ވަގުތު އަނެއްކާވެސް ވާހަކައެއް ފެށުނެވެ. އަފްރީންއަށް އެރޭ ކަހަފް ސޫރަތް ނިމެންދެން އަޑު އެހުނެވެ.

ނަޞްރާ ރޭގަނޑުގައި ޝަރީފްގެ ގެއަށް އަންނަތާ ހަފްތާއެއްވި ފަހުން އަފްރީން ޤުރުއާން އަޑު އަހަން ފެށީ އަހާ ހިތުންނެވެ. ޤުރުއާނުގައި ދެކެވިފައިވަނީ ކޮން ވާހަކަތަކެއްކަން ދެނެގަންނަން އަފްރީން ބޭނުންވިއެވެ. ފަހަކަށް އައިސް ނަޞްރާ އެ ގެއަށް ނަޔަސް އަފްރީން ކިޔެވުމުގެ ތެރެއިން ފޫހިވާ ކޮންމެ ވަގުތަކު ޓީވީ ހުޅުވައި އެ ޗެނަލް ޖައްސާލައެވެ. ސުވަރުގޭގެ ވާހަކަތައް އިވޭ ކޮންމެ ފަހަރަކު އަފްރީންގެ ހަނދާނަށް އަންނަނީ އޭނައަށް ސުވަރުގެއަށް ނުވަދެވޭނެ ސަބަބުތަކެވެ. ނަރަކައިގެ ވާހަކަ އަންނަ ކޮންމެ ފަހަރަކު އަފްރީންގެ ހިތަށް ބިރުވެރިކަމެއް ވަދެއެވެ. އަދި އޭނަ ނަރަކަވެރިއަކަށްވާނީ މިވެނި ކަންތައްތަކެއްގެ ސަބަބުންކަމަށް އަފްރީންގެ ސިކުނޑި ބުނެއެވެ. އަފްރީންގެ ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ރޯވެގެން ދަނީ ތައުބާވުމުގެ ވާހަކަ އައުމުންނެވެ. އެ ވާހަކަ އައުމުން އަފްރީން ތައުބާވާން ބޭނުންވެއެވެ. އޭނަ ނަރަކަވެރިއަކަށްވާން ބޭނުން ނުވާތީވެއެވެ. އަދި ސުވަރުގެއަށްދާން ބޭނުންވާތީވެއެވެ.

އޯ ލެވެލް އިމްތިޙާންތައް އަފްރީންއަށް ފެށިގެން ދިޔައީ އޮމާންކަމާއެކީގައެވެ. އޭނައަށް ހުރިހާ ޕޭޕަރެއްހެން ފަސޭހައިން ހެދެމުން ދިޔައެވެ. ނަމަވެސް ސްކޫލްގެ އިމްތިޙާން ވެސް ހެދިއިރު ފަސޭހަހެން ހީވީތީ މި އިމްތިޙާނުން ވަކި ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް އަފްރީންއަށް ޔަޤީނެއް ނުކުރެވެއެވެ. އޭނަ ކުޑަކޮށް ކަންބޮޑު ވިޔަސް އެހެން ކަމަކާމެދު ނުވިސްނޭ ވަރަކަށް ހާހެއްނުވެއެވެ.

އިމްތިޙާންތަކަށް ސްކޫލަށް ދިޔުމުން އަފްރީންއަށް ސިނާން ފެނެއެވެ. އެންމެ ފުރަތަމަ އިމްތިޙާނަށް ދިޔައިރު ވެސް ސިނާން ދުރުގައި ހުރެ ހިނިތުންވެލީ ގޮތުން އަފްރީން އޭނަ ގާތަށްދާން ބޭނުންވިއެވެ. ނަމަވެސް ދާން ނުކުޅެދުނީ މިއީ އޭނަ ނުބައި މީހަކަށްވުމުގެ ސަބަބަކަށް ވެދާނެއޭ ހިތް ބުނީތީވެއެވެ. އޭނަ ނުބައި މީހަކަށް ވާކަށް މިހާރަކު ބޭނުމެއްނޫނެވެ. އެހެނަސް ސިނާން އެއްކޮއް ދޫކޮއްލުމުގެ ހިތްވަރެއް ވެސް އަފްރީންގެ ގައަކު ނެތެވެ. ބައެއް ދުވަސްދުވަހު ސިނާންއާ އަނެއްކާވެސް ގުޅޭނެ ދުވަހަކަށް އަފްރީންއަށް ކެތްކުރެވެނީއެއްވެސް ނޫނެވެ.

އެންމެ ފަހު އިމްތިޙާން އޮތް ދުވަހުގެ ރޭ ސިނާން އަފްރީންއަށް ގުޅިއެވެ. އަދި އޭނަ އަފްރީން މަތިން ހަނދާންވި މިންވަރު ފަށުވި ބަސްތަކުން އަންގަން ފެށިއެވެ. އަފްރީންއަށް ވެސް އޭނަ ސިނާން މަތިން ހަނދާންވި މިންވަރު ސިފަކޮށްދެވެން ފެށީ ކޮންޓްރޯލް ނުކުރެވުނު އިޙްޞާޞްތަކެއްގެ ސަބަބުންނެވެ. އޭނަ އަސްލުވެސް ސިނާން ކިހާ ވަރަކަށް ހަނދާންވިކަން އެނގުންވީ ސިނާންގެ އަޑު އޭނަގެ ކަންފަތުގައި ޖެހުމުންނެވެ. އަފްރީން އެރޭ ވަރަށް ގިނައިރު ވަންދެން ސިނާންއާއި ވާހަކަ ދައްކަން އިނީ މިއީ އެހާ ނުބައި ކަމަކަށް ނުވާނެކަމަށް އޭނަގެ ހިތަށް ވިސްނައިދީގެންނެވެ. ދެކެވުނު އެކިއެކި ވާހަކަތަކުގެ ތެރެއިން ސިނާން އޭނަގެ ގޭގައި އޮތް ބާބަކިއުއަކަށް ދަޢުވަތު އެރުވުމުން ވެސް އަފްރީންއަށް ވަގުތުން އެއްބަސްވެވުނީ މިއީ އޭނައާއި ސިނާންއާއި ދެމީހުން އެކަހެރިކޮށް ބާއްވާނެ ކަމެއް ނޫންކަމަށް އަމިއްލަ ނަފްސު ގާތު ބުނަމުންނެވެ.

ޝަރީފް އޭނަގެ ޖިޕުގައި އަފްރީން ގޮވައިގެން އެއްރެއެއްގައި 8:30 ވީ ވަގުތު ސިނާންމެންގެ ގެއަށް ގެންދިޔައީ ސިނާންގެ ޢާއިލާ މީހުން ޝަރީފްއަށް އެނގޭތީވެއެވެ. އެ މީހުންނަކީ ވަރަށް ޤަދަރުވެރި އުޅުމެއް އުޅޭ ބައެއްހެން ޝަރީފަށް ހީވާތީވެއެވެ. ކޮންމެއަކަސް އަފްރީން ކާރުން ފައިބަން އުޅުނު ވަގުތު ޝަރީފް ކަންބޮޑުވިއެވެ. އަދި އަފްރީންގާތު 9:30 ވާއިރު ބަލައި އަންނާނަމޭ ބުނެލެވުނެވެ. އަފްރީން އެއަށް އެއްބަސް ނުވިއެވެ. އަދި 10 ޖަހާއިރު ހޯދަން އައުމަށް ބުނެލީ މިއީ މުޅި ކުލާސް ކުދިން އެކީގައި ބާއްވާ ބާބަކިއުއެއް ކަމަށް ބުނަމުންނެވެ. ޝަރީފް ޖެހުނީ އެއަށް އެއްބަސްވާށެވެ. އަފްރީން ކާރުން ފައިބައިގެން ގޮސް އެގޭގެ ގޭޓުން ވަންނަން ދިޔައިރު އަފްރީން އޭނަގެ ކުލާހުގައި އުޅޭ އަންހެން ކުދިބަޔަކާ ދިމާވިތަން ފެނިފައި ޝަރީފަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ. އޭނަ ކުރިމައްޗަށް ނަޒަރު ހުއްޓާލަމުން ޖިޕު ދުއްވާލިއެވެ.

އަފްރީންގެ އެކުވެރިން އޭނަ ގޮވައިގެން ދިޔައީ އެގޭގެ ބޮޑު ބަދިގެއަށެވެ. ބަދިގެއަށް ގޮސް ވަންއިރު ސިނާންއާއި ނައުފާއާއި އެހެނިހެން އެންމެން ވެސް ބާބަކިއުއަށް އެއްޗެހި ތައްޔާރުކުރަމުން ދިޔައެވެ. އަފްރީން ފެނުމާއެކު އެންމެން އެކީގައި އޭނައަށް ހާއިއޭ ބުނެލައިފިއެވެ. އަފްރީން ވެސް ފުރިހަމަ ހިނިތުންވުމެއްގައި ހުރެ ހާއިއޭ ބުނެލީ ވަގުތު ސިނާން އާދައިގެ ހިނގުމެއްގައި އަފްރީންގެ ގާތަށް އައިސް އޭނަގެ ގައިގައި ބައްދާލިއެވެ. އަފްރީންގެ ދެލޯ ބޮޑުވި ވަގުތު އޭނަގެ ހިތް ގޯހޭ ކިޔައި ހަޅޭއްލަވައިގަތެވެ. އަފްރީންއަށް ވަގުތުން ސިނާން ކޮއްޕާލަމުން ދުރަށް ޖެހިލެވުނެވެ.

“ވަޓް؟ ގޭގަ އަހަރުމެން ފިޔަވައި އެހެން މީހަކު ނެތޭ. މޯމް އެންޑް ޑޭޑް ތިބީ އެހެން ރަށަކަށް ގޮއްސަ.” ސިނާން އެހެން ބުނެލީ ލާނެތް ހިނިތުންވުމެއްގައި ހުރެއެވެ. އަފްރީންއަށް ސިނާންއަށް ބަލަހައްޓައިގެން ހުރެވުނީ ޤަބޫލުވެސް ނުކުރެވިފައެވެ. އޭނަ އިތުރަށް މޭނުބައި ކުރީ ފަހަތުގައި ތިބި އޭނަގެ އެކުވެރިން ހޭން ފެށުމުންނެވެ. އޭނައަށް މި ވަދެވިގެން އުޅެނީ އޭނަގެ ދުޝްމިނުންގެ ތެރެއަށްހެން އަފްރީންއަށް ހީވިއެވެ.

“އަފޫ ޗިލް. އެއީ ސަމާސާއަކަށް ދެއްކި ވާހަކައެއް. އެނގެއެއްނު އަހަރެން އެކަހަލަ ކަމެއް ނުކުރާނެކަން؟” ސިނާން އޭނަގެ ޖީބަށް އަތްޖަހައިގެން ހުރެ ބުނެލިއެވެ. ސިނާން އެންމެ ފަހަކަށް ކުރި ސުވާލަށް ދޭނެ ޖަވާބަކާމެދު ޔަޤީން ނުވިއެއްކަމަކު އަފްރީން ހިނިތުންވާން މަސައްކަތް ކުރަމުން ބޯޖަހާލިއެވެ.

ހުރިހާ އެކުވެރިން ވެގެން ބާބަކިއުއަށް ބޭނުންވާނެ އެއްޗެހި ހިފައިގެން ދިޔައީ ސިނާންގެ ގޭގެ ބިއްދޮށުން ގޮސް ދެވެން އޮތް އަތިރިމައްޗަށެވެ. ބާބަކިއު ގްރިލް ކައިރިއަށް ދެތިން ބަޔަކު އެއްވެ ހުޅުޖަހަން ތައްޔާރު ވަމުން ދިޔައިރު އަފްރީން މަޑުމަޑުން ފަހަތަށް ޖެހެމުން ދިޔައެވެ. އޭނަ ދުރުގައި ދެއަތް އުރައިގެން ހުއްޓާ ގްރިލްއިން ކުއްލިއަކަށް އަލިފާން ގަނޑު އަރައިގެން އައިތަން ފެނިފައި އަފްރީން ސިއްސައިގެން ދިޔައެވެ. އޭނަގެ ހިތް ބިރުވެރިކަމުން ވަށާލެވިގެން ދިޔައެވެ. ނަމަވެސް ގްރިލްގެ ކައިރީގައި ތިބި މީހުން އަލިފާންގަނޑު މައިތިރިކުރަމުން ހީ ސަމާސާކުރަމުން ދިޔައެވެ. އެމީހުންނަށް އޭގެ ކައިރީގައި އެހެން ތިބެވެނީ ކިހިނެއްބާއޭ އަފްރީންގެ ހިތަށްއެރިއެވެ. އަލިފާނަކީ އޭނަ އަބަދުވެސް ބިރުގަންނަ އެއްޗެކެވެ. އަލިފާންގަނޑަކަށް ބަލަން ދުރުގައި ހުންނައިރު ވެސް އަލިފާންކޮޅެއް އައިސް އޭނަ ގައިގައި ޖެހިދާނެތީ އަފްރީންގެ ހިތް އޮންނަނީ ތެޅިތެޅިއެވެ. ކަން މިހެން އޮތްއިރު އާޚިރަތުގައި ކަންތައްވާނީ ކިހިނެއްބާއޭ އަފްރީންގެ ހިތް ސުވާލުކުރިއެވެ. ޤުރުއާނުގައި ނަރަކަ ސިފަކުރައްވާފައިވާ ހުރިހާ ގޮތްތަކެއް އަފްރީންގެ ހަނދާނަށް އަންނަން ފެށިއެވެ. ކުޑަ ހިނދުކޮޅަކަށް ވެސް އޭނައަށް އެތާ މަޑުކުރެވޭނީ ކިހިނެއްބާއޭ އަފްރީންގެ ހިތަށްއެރިއެވެ. އަފްރީން ނުތަނަވަސްވީ ވަރުން އޭނަގެ ނިތުން ދާ ތިކިތައް ހިއްލަން ފެށިއެވެ. އޭނަ ގްރިލްއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓާ ދުރުން ހެވިފައި ހުރި ސިނާން ތަށިތަކާއެކީ އަތިރިމައްޗަށް އައިތަން ފެނުނެވެ. ސިނާން ހިނިތުންވުމަކާއެކީ އެހެން މީހުންނާ ވާހަކަ ދައްކަމުން ދިޔަތަން ބަލަން ހުރި އަފްރީންއަށް ސިނާންއާއި މެދު ވިސްނެން ފެށިއެވެ. އޭނައަށް ސިނާންއާއެކީ މި ކުރެވެނީ ނުބައި ކަމަކަށްވާނަމަ ސިނާންއަށް ވެސް އޭގެ ޢަޛާބު ލިބޭނެއެވެ. ސިނާން އޭނަ ގާތު ދަރުސް މަތިން ހަނދާން ނައްތާލުމަށް އެންގީ ސިނާންއަށް މިކަން ނޭނގޭތީވެ ކަމަށްވެދާނެއެވެ. ނަމަވެސް އޭނައަށް އެނގިހުރެ ވެސް ސިނާންއާއެކީ ހުރެގެން އޭނައަށް ސިނާންދެކެ ވެވޭނީ ލޯތްބެއް ހެއްޔެވެ؟ އަފްރީންގެ ހިތަށް އެ ސުވާލު ވެރިވީ ވަގުތު ދުރުގައި ހުރި ސިނާން އޭނައަށް ބަލާލިއެވެ. އަދި އަފޫއޭ ކިޔާލަމުން އޭނަ ގާތަށް އަންނަން ފެށިއެވެ.

“އެއްކަލަ ކުއްޖާ އަލިފާނަށް ބިރުގެންފަތަ މިހިރީ؟” ސިނާން ހިނިތުންވުމެއްގައި ހުރެ އަފްރީންގެ ކުރިމައްޗަށް އައިސް ހުއްޓުނެވެ. އަފްރީން ސިނާންއަށް ބަލަން ހުރެފައި އިސްޖަހާލި ވަގުތު އޭނަގެ އަރުތެރެ ބެދުނެވެ. އަފްރީންއަށް ވީގޮތް ފެނިފައި ސިނާންގެ ހިނިތުންވުން ފަނޑުވިއެވެ.

“ވަޓްސް ރޯންގް؟ އޭރު ކުރެވުނު ކަމަކާހެދި އަދިވެސް ރުޅި އައިސްފަތަ ތިހިރީ؟ އޯކޭ…..ސޮރީ.” ސިނާން އޭނަގެ ދެކަންފަތުގައި ދެއަތުން ހިފާލަމުން ބުނެލިއެވެ. އަފްރީން އިސްއުފުލާލި ވަގުތު އެ ދެލޮލުން ކަރުނަ ފެނިފައި ސިނާންއަށް މަޑުމަޑުން އޭނަގެ އަތް ތިރިކޮއްލެވުނެވެ. ސިނާން ދެންވެސް ކަންބޮޑުވުމަކާއެކީ އެއްޗެކޭ ބުނަން އުޅުނު ވަގުތު އަފްރީން ވާހަކަ ދެއްކިއެވެ.

“ސިނާން……އައި….” އަފްރީންއަށް ބުނެވުނީ ހަމައެކަނި އެހާ ވަރަށެވެ. ސިނާން އަފްރީންގެ ވާހަކަ ކުރިއަށް ގެންދާނެ އިރަކަށް އިންތިޒާރު ކުރިއެވެ.

“ސިނާން……އައި ވޯންޓް ޓު ބްރޭކް އަޕް.” އަފްރީންއަށް އެހެން ބުނެލެވުނީ އިވޭ ނުއިވޭ އަޑަކުންނެވެ.

“ވަޓް؟!” ސިނާން އެހެން އެހިލެއް ބާރުކަމުން ފުރަގަހުގައި ތިބި އެންމެންގެ ނަޒަރު އެ ދެމީހުންނަށް އަމާޒުވިއެވެ. ސިނާން ދެ ބުމަ ކައިރިކޮށްގެން ބަލަހައްޓައިގެން ހުރިގޮތުން އަފްރީންގެ ހިތް ނުތަނަވަސްވިއެވެ. ނަމަވެސް އޭނަ ފުން ނޭވައެއް އެތެރެއަށް ދަމަމުން ވާހަކަ ދެއްކިއެވެ.

“އަހަރެން ބޭނުމީ ސިނާންއާއި ވަކިވާން. މިއަދަށްފަހު އަހަންނަށް ނުގުޅާތި.” އަފްރީން އޭނަގެ ލޮލަށް އައި ކަރުނަތައް ހިންދަން އެސްފިޔަ ޖަހަމުން ބުނެލިއެވެ.

“ބަޓް ވާއި؟ މިއީ އެއްކަލަ ދަރުހުގެ މައްސަލަތަ އަނެއްކާ؟” ސިނާން ރުޅިވެރި އަޑަކުން އަހާލިއެވެ.

“ވެދާނެ. ކޮންމެ ސަބަބެއް އޮތަސް އަހަރެން ބޭނުމީ ސިނާންއާއި ވަކިވާން.” އަފްރީން ބުނެލިއެވެ.

“އޯ ކަމް އޯން އަފޫ. އައި ނޯ ޔޫ ލަވް މީ!” ސިނާން މޭމަތީގައި އެއްއަތް އަޅާލަމުން ހަރު އަޑުން އަންގާލިއެވެ. އަފްރީން ހުއްޓުން އެރިއެވެ. ސިނާންއަށް ބަލަހައްޓައިގެން ހުއްޓާ އޭނަގެ ކޯތާފަތް ތެމުމުން އަފްރީންއަށް ކަމަކު ނުދިޔައެވެ. އޭނަގެ ހިތް މޭތެރޭގައި އޮވެ ރޫރޫއަޅަމުން ދިޔަކަން އޭނަ އެކަކަށްވެސް އަންގާކަށް ބޭނުމެއް ނުވިއެވެ. ސިނާންއަށް އަމުދުންނެއްނޫނެވެ. އަފްރީން ކުއްލިއަކަށް ސިނާންއަށް ފަސްދީފައި ދުރަށް ދާން ހިނގައިގަތެވެ.

“އަފޫ!” ސިނާން ބާރަށް ގޮވާލަމުން އަފްރީން ފަހަތުން އަންނަން ފެށިއެވެ. އަފްރީންއަށް އެކަން އެނގި އޭނަ ފަސްއެނބުރި ބަލާލިއެވެ.

“ސިނާން ޕްލީޒް! ޕްލީޒް އަހަރެން ދޫކޮއްލާ.” އަފްރީންއަށް އެހެން ބުނެލެވުނީ ރޮވިފައިވާ އަޑަކުންނެވެ. ސިނާން އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލަމުން އަފްރީންއަށް ނަޒަރު ހުއްޓާލިއެވެ. އަފްރީންއަށް ވެސް އިރުކޮޅެއް ވަންދެން ސިނާންއަށް ބަލަން ހުރެވުނެވެ. ސިނާންގެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވެފައި ވިތަން ފެނިފައި އަފްރީންގެ ހިތަށް ތަދުވިއެވެ. ސިނާން ވައި އަޑަކުން އަފޫއޭ ކިޔާލުމުން އަފްރީންއަށް ރޮވެން އުޅުނެވެ. ނަމަވެސް އޭގެ ކުރިން އޭނަ ސިނާންއަށް އަނެއްކާވެސް ފަސްދީފައި ދާން ހިނގައިގަތެވެ. ސިނާން މިފަހަރު ހުރިތާ ހުރީއެވެ.

އަފްރީން ހިނގަމުން ގޮސް ތާރު މަގަށް ނިކުތްއިރު އޭނައަށް ރަނގަޅަށް ރޮވިއްޖެއެވެ. އޭނަގެ މެއަށް ދުވަހަކުވެސް ތަދު ނުވާވަރަށް ތަދުވިއެވެ. ސިނާންއާއި ދުރަށް އާދެވުނެއްކަމަކު ސިނާންގެ މޫނުމަތިން އެންމެ ފަހަކަށް ފެނުނު ކުލަވަރު އަފްރީންގެ ލޮލަށް ސިފަވަމުން ދިޔައެވެ. ތާރު މަގުގެ އެއްފަރާތުން ހިނގާފައި ދިޔައިރު އޭނަ ގިސްލަމުން ލޯ ފޮހެމުން ދިޔަ ގޮތުން މަގުން ހިނގާފައި ދާ މީހުންނާއި ކައިރީގައި ހުރި ގެތަކުގައި ތިބި މީހުންގެ ނަޒަރުތައް ވެސް އަފްރީންއަށް އަމާޒުވަމުން ދިޔައެވެ. ނަމަވެސް އަފްރީންއަށް އެ މީހުން ނުވެސް ފެންނަ ފަދައެވެ. އަފްރީންއަށް އޭނައަށް ހިނގޭ ނުހިނގޭ ދިމާލެއް ވެސް ނޭނގެއެވެ. އަފްރީންއަށް ނޭނގި އޭނައަށް ތާރު މަގުގެ މެދާއި ހިސާބުން ކުރިއަށް ހިނގެން ފެށިއެވެ. ސައިކަލުން ދަމުން ދިޔަ ބަޔަކު އަފްރީންއަށް ގޮވައިވެސް ހެދިއެވެ. އަފްރީންއަކަށް އެ އަޑެއްވެސް ނުއިވުނު ފަދައެވެ. އޭނައަށް ހަމަހޭވެރިކަމެއް ލިބުނީ ވަރަށް ބާރު ސްޕީޑެއްގައި އަންނަމުން ދިޔަ ކާރެއްގެ އަޑަށެވެ. އަފްރީން ކުރިމައްޗަށް ނަޒަރު ހުއްޓާލި ވަގުތު އޭނައާއި ދިމާލަށް އަންނަމުން ދިޔަ ކާރުގެ ހެޑްލައިޓްތައް ފެނުނެވެ. އަފްރީން އޭނަގެ މޫނާއި ދިމާލުން ދެއަތް ހުރަސްކޮއްލިއިރު ބުރަކި ޖައްސަމުން އައި ކާރު އަފްރީންގެ ގައިގައި ޖެހި އޭނަ މަގުގެ އެއްފަރާތަށް އެއްލިގެން ދިޔައެވެ. އަފްރީން ބިމުގައި ޖެހި އެނބުރެމުން އެނބުރެމުން ގޮސް މަޑުވި ވަގުތު އޭނަގެ ހެއެއްނެތެވެ. އެވަގުތު އެތާ ތަންކޮޅެއް ދުރުގައި އަފްރީންގެ ގައިގައި ޖެހުނު ކާރު މަޑުވެއްޖެއެވެ. އަފްރީންގެ ވަށައިގެން މީހުން އެއްވެގަތް ހިނދު އެ ކާރުގެ ދޮރު ހުޅުވުނެވެ. އެ ހުޅުވުނު ދޮރުން ނިކުމެ ބިމުގައި ދެ ފައި ޖައްސާލަމުން ކާރުގެ ދޮރު ލައްޕާލީ ނަވާޒްއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ހަތަރު އުދަރެސް (19)

Next

އަލްމާޝް 11

Next
August 20, 2015

އަލްމާޝް 11

Previews
August 19, 2015

ހަތަރު އުދަރެސް (19)

41 Comments!

  1. shyn says:
    August 19, 2015 at 5:11 pm

    Thanks avahah up kohdhinyma ..mibai ves vrh salhi

    1. jana says:
      August 19, 2015 at 10:26 pm

      Alhamdhulillah! 😀

  2. Anonymous says:
    August 19, 2015 at 6:08 pm

    Who is navaax

    1. zee says:
      August 20, 2015 at 6:06 am

      navaax akee yoonus menge news ge bodhumyha

  3. Een says:
    August 19, 2015 at 6:11 pm

    V Reethi mi bai ves. .. dhen konirakun tha next part up kuranee. .? V kiyaahi vane. .

    1. jana says:
      August 19, 2015 at 10:29 pm

      Alhamdhulillah! 😀
      Next part….neynge mifaharu bunaakah. jana athuga mihaaru mi huri laptop ga adhi dhivehi fontehves neh hen jana ah heevany. ekamaku maa gina dhuvas nukoh genesdheveytho balaanan In Sha Allah 🙂

  4. Anonymous says:
    August 19, 2015 at 6:16 pm

    Navaazaky Ehkala siyaasee leader.. Anekka eyna gasdhuga tha jehsy? V nice mi bai

    1. jana says:
      August 19, 2015 at 10:30 pm

      gasdhuga kameh nuvatha noon kameh neynge dho? dhen balamaa hinga In Sha Allah. Alhamdhulillah! 😀

  5. amie says:
    August 19, 2015 at 8:42 pm

    Aan mi part salhi bt nasra menge bai thankolheh ithurukohlinama dhw…

    1. jana says:
      August 19, 2015 at 10:33 pm

      hmm amie. mihaaru mi dhany Afreen ge bai fast forward ah lamun. jana buneemennu dho afreen ge vaahaka vaki hisaabakah dhiyaima ey Nasra menge vaahaka rangalhah fesheyny? dhen anna bayakun feshigen jana ah link thah post kureven fashaanehen heevany In Sha Allah. eyrun vaahaka varah baarah kuriah dhaane In Sha Allah 😀 mi buny vaahakaige kanthah avahah hingaane vaahaka ingey? jana ah up kurevumaa nukurevun depend vaany haalathah 😛

  6. Shabee says:
    August 19, 2015 at 9:21 pm

    JANA mummy mibaivexx vrh vrh vrh loabi… Jazakillah khairan.. 🙂 good luck!!! Love u soooooooo much 😉 ummmmmmwah

    1. jana says:
      August 19, 2015 at 10:34 pm

      Alhamdhulillah! Jazakillah Khairan sissy. 😉 Love you too. ummmmmmwah!

  7. Saamee says:
    August 19, 2015 at 10:49 pm

    Wow jana..urda best..last part ah vee foohi handhaan ves nahthaa levihje mi part kiyaafa..n afreen ge part varah salhi..nasra ah vuren afu ge part kiyaa hihvei now..heheh..waiting for da next part..bt afu ah dhera gotheh nahadhachey…hehe..ol da best jana

    1. jana says:
      August 20, 2015 at 1:45 pm

      hehe….Alhamdhulillah! 😀 if i have improved its only because Allah put barakah in my effort. And i know for a fact that its only Him Who would pick me up whenever i fall. so all the credit goes to Allah. 🙂
      varah ufaavejje Afu ge part reechey buneema. Alhamdhulillah. Afu ah dhen vaane gotheh balamaa hinga In Sha Allah. Jazakallah Khairan 😀

  8. Hajja says:
    August 19, 2015 at 11:58 pm

    Reeethi vv yoonusge bappa dhw navaz akee

    1. jana says:
      August 20, 2015 at 1:45 pm

      haha….lets see! 😀 Alhamdhulillah!

  9. *** says:
    August 20, 2015 at 12:06 am

    Navaz aky yoonus ge bappa dhw!!

    1. jana says:
      August 20, 2015 at 1:47 pm

      *cough cough* 😛

  10. Maal says:
    August 20, 2015 at 1:16 am

    Masha Allah reethi mi part vx..ekm “emme fahakah” nd “hussah” mi bahuge rangalhu gothakimieh nun hen heevany. “emme fahun” nd “huhah” maal ah hyvany mi hen rangalhu gothaki

    1. jana says:
      August 20, 2015 at 1:48 pm

      hmm Maal. jana ahves heevejje thee hen rangalhu gothaky. ekamaku dhen edit ves kureveyny lap ah dhivehi font elhunyma….Alhamdhulillah! Jazakillah Khairan 😀

  11. zai says:
    August 20, 2015 at 2:00 am

    V nice mi partvex..n afoo aa sinaan aa break up nukihlahchey plx..

    1. jana says:
      August 20, 2015 at 1:49 pm

      Alhamdhulillah 😀
      Nukihlahchey ge maana aky kobaiha zai?

  12. jana says:
    August 20, 2015 at 3:06 pm

    After reading Part 16, if you have any interest AT ALL to know what the Quran says, the one below is an awesome site. You could listen to the Quran while reading its translation. And its the simplest english translation i have ever come across Alhamdhulillah! May Allah bless the sister who shared that site with me. Ameen.
    If you dont have any interest in the Quran YET, no need to rush. As i said before, my aim is to make you fall in love with the Quran through the story and this page. And when you do fall in love with the Quran by the Will of Allah, i wouldnt have to tell you to do anything In Sha Allah grin emoticon
    http://tanzil.net/#trans/en.sahih/12:1

  13. Chup says:
    August 20, 2015 at 4:11 pm

    Foohii. Bas thah ran’galhah beynun kohbala

    1. jana says:
      August 20, 2015 at 4:36 pm

      hmm Chup. Jana ah ves faahanga kurevunu. fahakah aissa part thah rangalhah check nukoh mi up kureveny. kuriah oiy thanuga rangalhu kureveytho balaanan In Sha Allah. Jazakallah Khairan 😀 ekamaku kureega bunihen dhen edit kureveyny dhivehi font libunyma In Sha Allah

  14. Aishaa says:
    August 20, 2015 at 11:26 pm

    Al-hamdhulillaah!
    Varah varah salhi mi part vs Jana…
    Afu ah dhera gotheh nahadhahchey Jana….Afu n Shinaan break up vy dho…adhi fahun Afu n Shinaan gulhey netha Jana??
    N ey Navaaz aky Yoonus aa kihaa gaai gulhumeh onna meeheh baa?!….Navaaz aky Yoonus ge bahpa eh nun dho Jana??
    Aishaa akah hieh nuvey ey Navaaz aky Yoonus ge bahpa heneh……
    Anyway….Maashaa Allah mi bai vs v v reethi 🙂

    Dhn kihineh baa vaahakai ge dhn anna bai ga vaany?!
    Waiting for the nxt part……….

    Jana…Aishaa ge mi comment ah reply kurahchey….pls Jana

    1. jana says:
      August 21, 2015 at 10:00 am

      Alhamdhulillah! 😀
      hmm Afu and Sinaan break up vy. Afu kithamme beynunviyas eyna ah kureveny nubai kameh hen abadhu heevaa iru dheveyne ba? haqeeqathuga varah udhagoo haalathehgga dho Afu ehery? dhen eyna ah vaagotheh balamaa In Sha Allah.
      Mihaaru eba inge ennu hama gaimuves Yunus ah meege kurinves Nawaz engeykan dho? dhen egothah report dhey dhuvahuge foto akun fenidhaane dho bappa kairinves nuvatha ‘aailaage ehen meeheh kairinves nuvatha mudharrisaku kairinves? hehe….
      Anebbai honihiru nuvatha aadhihtha dhuvahu. dhivehi font libijje Alhamdhulillah! Jana ves mihiry varah liyaa hithun 😀
      Jana aslu varah dheravey baeh comment thakah reply nukurevunyma. haqeeqathuga kiyuntheringe khidhumathuga jana mihury. comment thakuge zariyyain ves jana ah heyo ehcheh bunedhevidhaane. ekamaku comment thah gina veema jana ah rangalhah time manage nukureveythy vaahaka liyumah bodah samaalukan dheveny. masakkaiy kuraanan hurihaa commentakah reply kureveytho In Sha Allah 🙂

  15. Maria says:
    August 20, 2015 at 11:28 pm

    Gud work!!! Den vahaka up va duvahe buneba eyra intizaar kuran faseyha vany jana. Hehe

    1. jana says:
      August 21, 2015 at 10:00 am

      hehe…dhen up vaany saturday noony sunday ga In Sha Allah. Alhamdhulillah 😀

  16. Aishaa says:
    August 20, 2015 at 11:34 pm

    Kobaa Elsa????
    Elsa nufeney mi bayakun…

    1. jana says:
      August 21, 2015 at 10:01 am

      hmm janage ves hithah eri thihen…

  17. Anonymous says:
    August 20, 2015 at 11:37 pm

    Nice

    1. jana says:
      August 21, 2015 at 10:02 am

      Anonymous anekka? Alhamdhulillah 🙂

  18. Anonymous says:
    August 21, 2015 at 2:19 pm

    Avahah genesdhy aneh bai.. Kiyaa hithun kei madhu vefa.. Ekamaku mashakah ehaa kamaku nudhey maa siyaasee kuranyaa.. ehaa siyaasee nukurahchey igey.. Afreen ge bai bodah genesdheythi.. Bf Gf gulhun nubeyveny keehve kanves bunedhehchey igey.. Good luck Jana.. May god bless you

    1. jana says:
      August 21, 2015 at 8:46 pm

      siyaasy kanakamaky jana ves varah foohivaa kanthahthakeh. mi vaahakaiga siyaasathu kommeves varakah hunnaane. ekamaku jana foohiva kahala gothakah noon adhi evarakah noon. Anonymous ah ves kamudhaane kamah ummeedhu kuran In Sha Allah. 😀 Bf gf gulhun nubeyvvey sababuthah migothah bunedhinumahvure maa rangalhu gotheh eba oiy hen jana ah heevany. jana mi bunamun anna link thah share kuran fashaanan dhen anna bayakun In Sha Allah. eyrun hurihaa kameh saafu vamun dhaane madu madun In Sha Allah 😀

  19. Faryluvs says:
    August 21, 2015 at 2:55 pm

    V v v… Reethi mibai ves

    1. jana says:
      August 21, 2015 at 8:46 pm

      Alhamdhulillah! 😀

  20. Shabee says:
    August 21, 2015 at 9:18 pm

    Ey JANA bf eh hurumakee goas kameh dhw??? But vrh rangalhu kujjeh propose khffi shabee ah… Shabee vex vrh lyk vey.. DHEN alhe EYEE goas kamehtha??? Rahtehivegen vess RANGALHAH ulhuneema ok vane dhw.. Seeedhaa marriage ah dhiyumuge KURIN emeehaku dhaathy vex KURAN jeheynehnoontha??? Alhe Plx Plx reply this.. This is the 1st time tht I take the most difficult decision …. Alley Plx JANA reply this 🙁 🙁 🙁

    1. Shabee says:
      August 21, 2015 at 9:23 pm

      Dhaathy ehnoon ingey dhas vex KURAN jeheynehnoonhey… EHN ingey it was a spelling mistake 🙂

    2. jana says:
      August 21, 2015 at 10:05 pm

      Shabee, bahdhalu kuranyaaves ‘aailaa meehaka eky bahdhalu kurun rangalhy. ey dhemeehun ekaku anekaku dhenegannan kamah viyas. its not wrong to like someone. but you should do things the right way. 🙂

  21. Shabee says:
    August 21, 2015 at 10:29 pm

    Thee aslu JANA tha??? Green kosheh noon ineekeee… Y??? Ok I’ll NVR do things in the wrong way… Ehn v maa m goin to say yes to him.. Yahoooooo… Heheee thanks JANA…. I mean jazakillah khairan kuda mummy 😉

Comments are closed.

Next Episodeހިޖުރަ (ސަތާރަވަނަ ބައި)←


All Right Reserved!