Skip to content
އެސްފިޔަ

ދިމްޔާ ( 2 ވަނަ ބައި )

“ހުއްޓާލާ ރާކިން… އިތުރަށް އެންމެ ބަހެއްވެސް ނުބުނާތި…!!!” ރާކިން ވާހަކަ ދައްކަން އުޅުމުން ދިމްޔާ އޭނާގެ އަތް ފޮޅުވާލަމުން މިހެން ބުނެލިއިރު އޭނާގެ މޫނުމަތީގައިވެސް ވަނީ ރުޅިވެރިކަމެވެ. ހައިރާންވީވަރުން ރާކިންއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ރާކިން ދިމްޔާ ދަންނަތާ މިހާރު ދެއަހަރު ވެއްޖެއެވެ. މިވީ ދެއަހަރު ދުވަހުގެ ތެރޭގައި އެކިގޮތްގޮތަށް އެކިހާދިސާތަކުގައި ރާކިންއާއި ދިމްޔާވަނީ ދިމާވެފައެވެ. އެހެނަސް ރާކިންގެ ކުރިމަތީގައި ދިމްޔާ ބަހެއް ބުނި މީ ފުރަތަމަ ފަހަރެވެ. އެވެސް ހަރުކަށިކޮށެވެ.
“ރާކިން އަށް ހީވަނީތަ އަހަރެން މިއުޅެނީ ކުރާނެ ކަމެއް ނެތިގެން އަބަދު ރާކިންއަށް އުނދަގޫކުރަމުން ރާކިންގެ ފަހަތުން ދުވާށޭ، އޭނ…؟؟؟ އެހެންވެއްޖާ ތިއުޅެނީ ކުށްހީއެއް ކުރެވިގެން… ރާކިންގެ މޫނު ފެންނަ ހިސާބަށްވެސް އަންނާކަށް އަހަރެން ބޭނުމެއް ނޫން… އަހަންނާ ރާކިން މިވީހާ ތަނަށް ދިމާވެފަ އޮތީ އިއްތިފާގުން… އަހަރެން ގަސްތަކު ރާކިންއަކަށް އެއްވެސް ކަމެއް ކުރިމައްޗެއް ނުކުރުވަން… އެކަމަކު، އަބަދު އަހަންނަކީ މުސީބާތެކޭ ކިޔައިގެން ވާހަކަ ދައްކާއިރު އެއްފަހަރުވެސް ހިތަށް އަރާތަ އަހަރެން ދެރަވާނެ ވަރު… އަހަރެންގެވެސް ހިތެއް އޮވެޔޭ…. އެކަމަކު، މިއަދު އަހަންނަށް ހަމަރަނގަޅަށްވެސް އެނގިއްޖެ ތީ ރީތި ސިފައެއް ލިބިފަހުއްޓަސް ސިކުނޑީގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފައި މީހެއް ނޫންކަން… ތިހަށިގަނޑުގެ ތެރޭގައިވާ ހިތަކީ ދެލިގަނޑެއްހާ ކަޅު އެއްޗެއްކަން މިއަދު އަހަންނަށް ވިސްނިއްޖެ… ތިކަހަލަ ދަށުދަރަޖައިގެ މީހެއްގެ ދުލުން ނުކުންނަ ވިހަ ބަސްތަކަށް ދެން އަހަރެންގެ އެއްވެސް ފަރުވާލެއް ނެތް…” ހިތުގައި އުފެދިފައިވާ ހުރިހާ ރުޅިވެރިކަމެއް ރާކިންގެ ކުރިމަތީ ބަންޑުންކޮށްލުމަށްފަހު އެންމެ ހިނދުކޮޅަކުވެސް އެތާ މަޑުނުކޮށް ދިމްޔާ އެތަނުން ދިޔައެވެ.
ދިމްޔާ އެހުރިހާ ވާހަކައެއް ދައްކާފައި ދިޔައިރުވެސް ރާކިންއަށް އެހުރިގޮތަށް ހުރެވުނީއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ.؟ އެއީ ދިމްޔާގެ ކިބައިން ދުވަހަކުވެސް ފެނިފައިވާ އަދި ފެނިދާނެކަމަށް ރާކިން ހީވެސްކުރި ސިފައެއް ނޫނެވެ. މިއަދު ދިމްޔާގެ ކުރިމަތީ ބަހެއް ބުނާނެ ހިތްވަރެއްވެސް ރާކިން އަކަށް ނުލިބުނެވެ. ދިމްޔާ ގޮސް ލޮލުކޮޅަށް ގެއްލެންދެން ބަލަން ހުރުމަށްފަހު ރާކިން ސައިކަލަށް އަރާ ދުއްވާލިއެވެ.

ގޭތެރެއަށް ވަދެގެން އައި ގޮތަށް ރާކިން ސިޓިންރޫމްގައި ހުރި ސޯފާއަށް ވެއްޓިގަތެވެ. އެއަށްފަހު ނިއްކުރިމަތީ އަތް ބާއްވާލަމުން ދެލޯމަރާލިއެވެ. އޭރު އަނެއް ސޯފާގައި ޓީވީ ބަލަން އީމަން އޮތެވެ.
“ކޮންކަމަކާ މާ މޫޑީވެފަ..؟؟” ރާކިންގެ ހަރަކާތްތަށް ފެނި އީމަންއަށް އަހާލެވުނެވެ. އީމަން އެތާގައި އޮތްކަންވެސް ރާކިންއަށް އެނގުނީ އީމަން ވާހަކަ ދެއްކުމުންނެވެ.
“ކަމެއް ނުވެ… އަވިބާރުކަމުން ބޮލަށް ގޮތްވީ….” ރާކިން ދޮގެއް ހަދާލިއެވެ.
“ކޮންތާކުން ތިއައީ….؟؟؟ ކޮބާ ފޯނު…؟؟؟ ވަރަށް އިރުވަންދެން މިތާ އިނދެފަ ނާޔާ އެދިޔައީ… ވަރަށް ގުޅި ރެކްއަށް… ކީއްވެ ފޯނު ނުނެގީ….” އީމަން މިހެން ބުނުމުން ރާކިން ޖީބުގައިވަ ފޯނު ނަގާ ބަލާލިއެވެ. ތެދެކެވެ. ނާޔާގެ ވަރަށް ބައިވަރު ކޯލްތަކެއް މިސްވެފައި ހުއްޓެވެ.
“މިސްކިތަށް އަރަމުން ފޯން ސައިލެންޓް އަށް ލީ ގޮތަށް ރިންގަށް ލާން ހަނދާން ނެތިފަ…. އެހެންވެ ގުޅިކަން ނޭނގުނީ…..” ނާޔާގެ ނަންބަރަށް ޑައިލް ކޮށްލަމުން އެތެރެއަށް ހިނގައިގަންނަމުން ރާކިން ބުނެލިއެވެ. ރާކިން ދެތިން ފަހަރު ގުޅިއިރުވެސް ނާޔާގެ ފޯނު ހުންނަނީ ވެއިޓިންގް ގައެވެ. މިހާ އިރުވަންދެން ނާޔާ ވާހަކަ ދައްކަނީ ކާކާބާވައޭ ރާކިންގެ ހިތަށް އެރިއެވެ. އެހެން ނޫނަކަސް މިހާރަކަށް އައިސް ރާކިން ގުޅާއިރު ވަރަށް ގިނައިން ނާޔާގެ ފޯނު ވެއިޓިންގައި ހުރެއެވެ. ރާކިންގެ ގާތުގައި ހުންނައިރުވެސް ނާޔާއަށް ފޯނު އަންނަލެއް މަދެއް ނޫނެވެ. ރާކިން އަށް މިކަންތައް ފާހަގަ ކުރެވުނު ކަމުގައި ވިޔަސް މިކަމާ ބެހޭގޮތުން ނާޔާއާއި ސުވާލު ނުކުރަނީ ނާޔާއަށް ކުރެވޭ އިތުބާރެއްގެ ބޮޑުކަމުންނެވެ. ދެމީހުން ދޭތެރޭގައި މައްސަލަ ޖެހެން ބޭނުން ނުވާތީއެވެ.

ރޭގަނޑުގެ ވަގުތެވެ. ރާކިންއާއި ނާޔާ ތިބީ އާދައިގެ މަތިން ރާކިންމެންގޭ ބަގީޗާގެ ތެރޭގައެވެ. ނާޔާ ހީހީފައި މަޖާ ވާހަކައެއް ދައްކަމުން ދިޔައިރު ރާކިންއަކަށް މާބޮޑަކަށް ނާޔާގެ ވާހަކަތަކަށް ސަމާލުކަމެއް ނުދެވުނެވެ. އޭނާއަށް ވިސްނެމުން ދިޔައީ ދިމްޔާއާއި ދޭތެރޭގައެވެ. ދިމްޔާ ދެއްކި ވާހަކަތަކާ ދޭތެރޭގައެވެ. ދިމްޔާ އެދެއްކީ ތެދު ވާހަކަތަކެކޭ ރާކިންގެ ހިތަށް އެރިއެވެ. ރާކިން އޭނާއަށް ނަފުރަތު ކުރަމުން ދިޔައީ ހައްގުން ކަމަކާ ލައިގެނެއްނޫނެވެ. ކިތަންމެ ކުޑަކަމަކާވެސް އޭނާއަށް މާއަވަހަށް ރުޅިއާދެވުނީއެވެ. ކިޔަން ނުވާ ވަރުގެ އެއްޗެހިވެސް ދިމްޔާއާއި ދިމާއަށް ކިޔުނީއެވެ. ނަމަވެސް ހަގީގަތަކީ އެކަމުގެ ސަބަބުން ތަދުވީ ހަމައެކަނި ދިމްޔާގެ ހިތަށް ނޫންކަމެވެ. އެކަމާ ދެރަވީ ދިމްޔާ އެކަނި ނޫންކަމެވެ. ދިމްޔާއާއި ދޭތެރޭ އެގޮތަށް ކަންތައް ކުރެވޭ ކޮންމެފަހަރަކު އޭނާގެ ހިތަށް ވެސް ތަދުވެއެވެ. އެހެން ކަންތައް ކުރެވޭތީ އޭނާވެސް ދެރަވެއެވެ. ނަމަވެސް ދިމްޔާ ފެނުނީމަ އޭނާގެ ހިތަށް ގޮތްތަކެއް ވަނީއެވެ. ދިމްޔާއަށް ނޭނގުނު ކަމުގައި ވިޔަސް އޭނާއަށް ދިމްޔާގެ ހަރަކާތްތަކަށް ބެލެވެއެވެ. އެގޮތަށް ކަންތައް ކުރެވޭތީ އެއީ ނާޔާއަށް ވެވޭ ބޭވަފާތެރިކަމެއް ކަމަށް ހީކޮށް އަމިއްލަ ނަފުސު ދެކެ ރުޅިއާދެވެއެވެ. އެހުރިހާ ރުޅިއެއް އެންމެ ފަހުން ބޭލެނީ ދިމްޔާއަށެވެ. ދިމްޔާ ބުނީ ތެދެކެވެ. އެދެމީހުން އެކި ހާދިސާތަކުގައި ދިމާވުން އެއީ ހަމަ އިއްތިފާގެކެވެ. އެންމެ ފަހަރަކު ނޫނެވެ. އެތައް ފަހަރަކު ދިމާވަނީއެވެ. އެހެނަސް އެކަމުގައި ދިމްޔާ ކުށްވެރި ކުރެވުނުކަން އެއީ ރާކިންއަށް ކުރެވުނު ވަރަށް ބޮޑު ކުށެކެވެ. ޚިޔާލަށް ގެއްލިފައި އިން ރާކިން ސިހުނީ ނާޔާ އޭނާގެ ކޮލުގައި އަތުން ޖަހާލަމުން ކޮން ޚިޔާލަކަށް ގެއްލިފައިތޯ އަހާލުމުންނެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ރާކިން ގަދަކަމުން ހިނިތުންވެލަމުން ދެފަރާތަށް ބޯހޫރާލިއެވެ.
“ބުނެބަލަ ކިހިނެއްވެފައިތަ ތިއިނީ…؟؟؟” ރާކިންގެ މޫނަށް ބަލަން އިނދެ ނާޔާ އަހާލިއެވެ.
“ކަމެއް ނުވެ ކުޑަކޮށް ބޮލުގަ ރިއްސަނީ…” ރާކިން ފުރަތަމަ ފަހަރަށް ނާޔާއަށް ދޮގުހެދިއެވެ.
“އެހެންތަ..؟؟ އެހެންވީއިރު ދޭ ނިދާލަން.. ނާޔާވެސް އެބަޖެހޭ މިރޭ ފުރެންޑަކާއެކީ ޝޮޕިންއަށް ދާން… ބޭސްކައިގެން ނިދައްޗޭ… ދަނީ….” ރާކިންގެ ފަން އިސްތަށިގަނޑާ ކުޅެލަމުން މިހެން ބުނެފައި ނާޔާ ދިޔައީއެވެ.

ޖެހިގެން އައި ދުވަހެވެ. ކަންދިމާކުރި ގޮތުން ރާކިން ކުލާހަށް ވަންނަން ދިޔަ ވަގުތުވީ ދިމްޔާވެސް ކުލާހަށް ވަންނަން އައި ވަގުތަށެވެ. ދިމްޔާ އޭނާގެ ފިޔަވަޅުތައް މަޑު ޖައްސާލަމުން ރާކިން ވަންނަން ތަންދެއްކިއެވެ. ރާކިން މަސައްކަތްކުރަމުން ދިޔައީ އާދައިގެ މަތިން އޭނާ ދިމްޔާއާއި ދޭތެރޭ ކަންތައް ކުރާ ގޮތަށް ކަންތައް ކުރެވޭތޯއެވެ. ނަމަވެސް ދިމްޔާއާއި ދިމާއަށް ބުނާނެ އެއްޗެއް މިޔަދު އޭނާގެ ދުލާ ހަމައަކަށް ނައެވެ. އެހެންކަމުން ރުޅިއައިއްސަ ހުރިކަމަށް ހަދާލަމުން ދިމްޔާއަށް ލޯހަނިކޮށްލަމުން ބަލާލިއެވެ. ނަމަވެސް އެބަލާލުމުން މިއަދު ދިމްޔާއަކަށް އަސަރެއް ނުކުރިއެވެ. އެހެންޏާ އެމޫނުމަތިން ފެންނަ ޖެހިލުންވުމުގެ އެއްވެސް ކުލަވަރެއް މިޔަދު އެމޫނު މައްޗަކު ނުވެއެވެ. އޭގެ ބަދަލުގައި އޭނާގެ މޫނުމަތީގައިވެސް ވަނީ ރުޅިވެރިކަމެވެ. ރާކިން ގޮސް ގޮނޑީގައި އިށީނުމުން ދިމްޔާވެސް ކުލާހަށް ވަދެ ގޮނޑީގައި އިށީނދެ ހަމަޖެހިލިއެވެ.

ކުޑަދޮރުން ބޭރު ބަލަން އިން ކަމުގައިވީނަމަވެސް ދިމްޔާ އިނީ މުދައްރިސް ނަގައިދެމުން ދިޔަ ފިލާވަޅު ކަނުލާ އަޑުއަހާށެވެ. މުދައްރިސްއާއި ދިމާ ކުރިމައްޗަށް ހުންނަ މޭޒުގެ ކައިރީގައި ރާކިން އިންނާތީ މުދައްރިސް ފިލާވަޅު ނަގައިދޭ ވަގުތު ދިމްޔާ މުދައްރިސަކަށް ނުބަލައެވެ. ރާކިން ފެންނަން ވެސް އޭނާ ބޭނުން ނުވަނީއެވެ. އެކަމާހެދި ކޮންމެދުވަހަކު ކަހަލަ ގޮތަކަށް މިހާރު ދިމްޔާއަށް ޖެހެނީ ކުލާހުން ނުކުންނާށެވެ. ފިލާވަޅު އަޑުނޭހުމުގެ އަދަބެއްގެ ގޮތުންނެވެ. އާދައިގެ މަތިން މިއަދުވެސް ދިމްޔާއަށް ޖެހުނީ ކުލާހުން ބޭރަށް ނުކުންނާށެވެ. ދިމްޔާ ބޭރަށް ނުކުތް މަންޒަރު ބަލަން ރާކިން އިންއިރު އޭނާއަށް އުނދަގޫވަމުން ދިޔައެވެ. އެއީ ކޮންމެ ދުވަހެއްގެވެސް ހާލެވެ. ދިމްޔާ ކުލާހުން ބޭރަށްދާފަހުން އޭނާވެސް ކުލާހުގައި އިންނަ ހިތެއް ނުވެއެވެ. ނަމަވެސް އޭނާ ކިޔަވަން ވެސް ބޭނުމެވެ. އެހެންކަމުން ކިތަންމެ ފޫހިވިކަމުގައި ވިޔަސް ކެތްކޮށްލައިގެން އިންނަނީއެވެ.

ކުލާސް ނިމުމުން ރާކިން ލައިބްރަރީއަށް ދިޔައީ ފޮތެއް ހަވާލުކުރާށެވެ. ފޮތް ހަވާލުކުރުމަށްފަހު ދާން ނުކުތްވަގުތު ރާކިންގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް އެތެރޭގައި ހުރި މޭޒެއްގެ ދޮށުގައި އިން ދިމްޔާއެވެ. ދިމްޔާ ފެނުމުން ރާކިންގެ ޚިޔާލު ބަދަލުވިއެވެ. މަޑުމަޑުން ހިނގާލާފައި ގޮސް އޭނާ ހުއްޓުނީ ފޮތް ހަރުގަނޑެއްގެ ބިތް ދޮށުގައެވެ. އެތާހުރެފައި ބޯދިއްކޮށްލުމުން އޭނާއަށް ރީތިކޮށް ދިމްޔާ ފެނެއެވެ. ރާކިން ނިކަން ފަރުވާތެރިކަމާއިއެކު ދިމްޔާއަށް ބަލަން ހުއްޓެވެ. ދިމްޔާއިނީ ކުރިމަތީގައި ހުރި މޭޒުމަތީގައި ހުޅުވާލާފައިވާ ފޮތަށް ނަޒަރު ހުއްޓާލައިގެން ކަމުން ދިމްޔާގެ މޫނު ރީތިކޮށް ފެންނަވަރެއް ނުވިއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ދެން ފެނުނީ ދިމްޔާ އޭނާގެ ދެލޯ ފުހެލިތަނެވެ. ރާކިން ހައިރާންވިއެވެ. އާނއެކެވެ. ދިމްޔާ ރޮނީއެވެ. ލޮލުގައިވާ ކަރުނަތައް ފުހެލަމުން ދިމްޔާ ވަށައިގެން ބަލާލީ އެހެންމީހަކަށް އެމަންޒަރު ފެނުންތޯ ޔަގީން ކޮށްލުމަށެވެ. ދިމްޔާ ބަލާލުމުން ރާކިން ފޮތްހަރުގަނޑާ ބޮޑަށް ނިވާވާން އުޅުމުގެ ތެރޭން އޭނާގެ އަތުން ޖެހި ފޮތްހަރުގަނޑުން ފޮތެއް ވެއްޓުނެވެ. ފޮތް ނެގުމުގެ ބަދަލުގައި ރާކިން ދެންވެސް ބެލީ އަވަހަށް ފިލޭތޯއެވެ. ފޮތް ވެއްޓުން އަޑަށް ލައިބްރޭރިއަންގެ އިތުރުން ދިމްޔާއާއި އަދިވެސް ލައިބްރަރީގައި ތިބި ދެތިން ކުއްޖަކު އެދިމާއަށް ބަލާލިއެވެ. ރާކިންގެ ނަސީބު ރަނގަޅުކަމުން ކަމަށްވެދާނެއެވެ. ދިމްޔާއަކަށް ރާކިންއެއް ނުފެނެއެވެ. އެކަމަށް މާބޮޑު ސަމާލުކަމެއްނުދީ ދިމްޔާ އަނެއްކާވެސް އޭނާގެ ކުރިމަތީގައި އޮތް ފޮތަށް ނަޒަރު ހުއްޓާލިއެވެ.
ރާކިން ހަށިފުރާނޭވާއެއް ދޫކޮށްލަމުން ދިމްޔާއަށް ނުފެނުންކަމަށްޓަކައި މާތްﷲ އަށް ޝުކުރުކުރަމުން ވެއްޓިފައި އޮތް ފޮތްނަގައި ހަރުގަނޑަށްލަމުން އަނެއްކާވެސް އޭނާގެ ސަމާލުކަން ދިމްޔާއަށް ދިނެވެ.
ފޮތަށް ބަލަހައްޓައިގެން އިންނަމަވެސް ދިމްޔާ އިރުއިރުކޮޅާ ދެލޯ ފުހެލައެވެ. ދިމްޔާއަކީ އަޖައިބެއްކަހަލަ ކުއްޖެކޭ ރާކިންގެ ހިތަށް އެރިއެވެ. އެހެން އަންހެންކުދިންނާ ދިމްޔާއާއި ހާސްބައި ތަފާތެވެ. ދިމްޔާގެ މޫނުމަތިން އުފާވެރިކަމުގެ އަސަރެއް ދުށް ހަނދާނެއް އޭނާ ނުވެއެވެ. ނަމަވެސް މިހާރަކަށް އައިސް ދިމްޔާގެ ފަރާތުން ކުރިން ނުފެންނަ އެތައް ކަމެއް ފެންނަމުން އެބަދެއެވެ. މީގެ ކުރިން ދިމްޔާ އެގޮތަށް ރޯތަނެއް ރާކިން ނުދެކެއެވެ. އަނެއްކާ އޭނާ އެރޮނީ ރާކިންގެ ސަބަބުންބާވައޭ ރާކިންގެ ހިތަށް އެރިއެވެ. “ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އަހަރެންގެ ސަބަބުން އޭނާ ރޯންވީ ކީއްވެ ހެއްޔެވެ.؟ އޭނާ ހުރީ އެއަށްވުރެބޮޑަށް އަހަރެން ދެކެ ރުޅިއައިސްފައެވެ.” ރާކިންގެ ހިތަށް އަރާ ފައިބަމުންދާ އެއްޗެހި މަދެއް ނޫނެވެ. އޭގެންވެސްއެނގެނީ އޭނާ ދިމްޔާއާއި ދޭތެރޭ ވިސްނާވަރެވެ.
އޭގެ އިރުކޮޅެއް ފަހުން ދެން ފެނުނީ ރުހާ އާއި ޖަޒްލީ އައިސް ދިމްޔާގެ ގާތުގައި އިށީންތަނެވެ. ރާކިން ކުރިއަށްވުރެ ބޮޑަށް ސަމާލުވެލިއެވެ. އެމީހުން ދައްކާ ވާހަކަ އަޑުއަހާލުމުގެ ޝައުގުވެރިކަން ހިތުގައި އޮތީމައެވެ.
“ދިމް މިޔަދުވެސް ރޮނީތަ…؟؟” ރުހާ ދިމްޔާގެ މޫނަށް ބަލާލަމުން އަހާލިއެވެ. ދިމްޔާ ގަދަކަމުން ހިނިތުންވެލަމުން ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެލިއެވެ.
“ކޮބާ ފޮތް… އަވަހަށް ގެނޭ އަހަރެން ފިލާވަޅުތައް ނަގާލަން…” ދިމްޔާ ބޭނުންވީ މައުޟޫ އޮޅުވާލާށެވެ. ރުހާ އޭނާގެ ފޮތް ދިމްޔާއަށް ދިއްކޮށްލިއެވެ. ދިމްޔާ ފޮތް ހުޅުވާލުމަށްފަހު ފިލާވަޅުތައް އޭނާގެ ފޮތަށް ނަގަން ފެށިއެވެ.
“ދިމް… ކޮންމެ ދުވަހަކު ކުލާހުން ބޭރަށްލާއިރު ދިމް ވެއްޖެއްނު ދެން ފިލާވަޅަށް ސަމާލުކަން ދޭން….” އިރުކޮޅަކު ދިމްޔާގެ ހަރަކާތްތަކަށް ބަލަން އިނދެފައި ޖަޒްލީ ބުނެލިއެވެ. ދިމްޔާ ލިޔުން ހުއްޓާލަމުން ޖަޒްލީއަށް ބަލާލިއެވެ. އެއަށްފަހު ފުން ނޭވާއެއް ލިއެވެ.
“އަހަރެން އަސްލު މުދައްރިސަށް ނުބެލިކަމުގައި ވިޔަސް ފިލާވަޅަށް ސަމާލުކަން ދެން…. މުދައްރިސަށް ބަލާލާ ކޮންމެފަހަރަކު އޭނާގެ ކުރިމަތީ އެއިންނަ ބޮޑާ ރާކިންފެނޭ… އޭނާ އަހަރެންދެކެ އެއަންނަ ރުޅިއެއްގެ ސަބަބުން އަހަރެން އޭނާއާއި ދިމާއަށް ބަލަންވެސް ފޫހިވޭ… އެހެންވެ ބޭރަށް ބެލެނީ… އެ ރާކިންގަނޑަކާހެދި އަހަންނަށް ޖެހެނީ ކޮންމެ ދުވަހަކު މިހާރު ކުލާހުން ބޭރަށް ނުކުންނަން….” ދިމްޔާ އޭނާގެ ހިތުގައި ރާކިންއަށްޓަކައި އުފެދިފައިވާ ހުރިހާ ރުޅިވެރިކަމެއް ބޭރުކުރަމުން ދިޔައިރު އޭނާއަށް ނޭނގޭކަމަކީ އެހުރިހާ އެއްޗެއް ރާކިންއަށް އަޑު އިވުނުކަމެވެ.
ދިމްޔާމެންގެ ވާހަކަތައް ސިއްރުން އަޑުއަހަން ހުރި ރާކިންއަށް އިތުރު ހައިރާންކަމެއް ލިބުނީ ދިމްޔާ ކޮންމެދުވަހަކު ކުލާހުން ބޭރަށް ނުކުންނަން ޖެހޭ ސަބަބަކީ އޭނާ ކަމުގައި ބުނުމުންނެވެ. ދިމްޔާގެ ވާހަކައިން ދިމްޔާ އޭނާއަށް ނަފުރަތު ކުރާވަރު މިއަދު ރާކިންއަށް އަންދާޒާކޮށްލެވުނެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. ދިމްޔާ ރާކިންއަށް ނަފްރަތު ކުރުން ހައްޤެވެ. އޭނާ ދިމްޔާއާއި ދިމާއަށް ކީއެއްޗިއްސާ ބަލާފާ ދިމްޔާ އޭނާއަށް ކުރާ ނަފްރަތު އަދި ކުޑައެވެ. ނަމަވެސް މިޔަދު ދިމްޔާގެ ދުލުން ނުކުތް ބަސްތަކުގެ ސަބަބުން އޭނާގެ ހިތަށް ތަދުވެއްޖެއެވެ. ދެރަވެއްޖެއެވެ. ދިމްޔާ އޭނާއަށް ނަފްރަތު ކުރާކަށް ރާކިން ނޭދެއެވެ. ރާކިން އެތަނުން ދިޔުމަށްޓަކައި ހިނގައިގަތީ ހިތުގައި ކަންތައްތަކެއް ރާވާލަމުންނެވެ.

ރާކިން އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ހަމައެކަނި ޖީންސް ލައިގެން އޮތްއިރު އޭނާގެ ފިރިހެންވަންތަކަމަށް އެއްވަނަދެވޭހާވެއެވެ. ރާކިންއަކީ ހަމުގެ ކުލައަލި ޒުވާނެކެވެ. އިސްކޮޅުގައި ހަފޫޓުވަރު ހުރިއިރު އޭނާއަށް ލިބިފައިވަނީ ބާމަތި ފުޅާހަށިގަނޑެކެވެ. އަބަދުހެން ޖެލްލައިގެން ތަތްކޮށް ކޮޅަށް ނަގާފައި ހުންނަ އިސްތަށިގަނޑު އޮތީ އެއްވެސް ތަރުތީބެއް ނެތި ހޭވިފައެވެ. ނިއްކުރިމައްޗަށް ބައެއް އިސްތަށިތައް ވެރިފައި ހުރިއިރު ބަލާލަން ރީއްޗެވެ. ތުނިކޮށް ފަޅާފައިވާ ތުނބުޅިއާއި މަތިމަސް ރީތި ޑިޒައިނަކަށް ކޮށާލާފައި ހުރިއިރު އޭނާގެ ފިރިހެންވަންތަކަމަށާއި ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ނިއްކުރިމަތީގައި އެއްއަތް ބާއްވާލައިގެން އޮތްއިރު އޭނާގެ ތޫނު ދެލޯވަނީ މަރާލެވިފައެވެ. މޫނުމަތީގައިވަނީ ނުތަނަވަސްކަމެވެ. ބަލާލި ކޮންމެ މީހަކަށްވެސް އޭނާ ކޮންމެވެސް ކަމަކާ ފިކުރު ކުރަމުންދާކަން ޔަގީންވާނެއެވެ.
މީހަކު ރާކިންގެ މޫނުގައި ފިރުމާލުމުން ރާކިން ދެލޯހުޅުވާ ބަލާލިއިރު އެނދުގެ މަގަތުގައި އިށީނދެލައިގެން ނާޔާއިނެވެ. ރާކިން ނާޔާއަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލަމުން ތެދުވެ ހެޑްބޯޑްމަތީގައި ބާއްވާފައި އޮތް ޓީޝާޓް ނަގާ ގަޔަށް މަހާލިއެވެ. އެއަށްފަހު ހެޑްބޯޑުގައި ލެނގިލާ ހަމަޖެހިލިއެވެ. ރާކިންގެ ނިއްކުރީގައި އަތް ޖައްސާލަމުން އަދިވެސް ބޮލުގައި ރިއްސަނީތޯ ނާޔާ އަހާލިއެވެ. ރާކިން ހިނިތުންވެލަމުން ނޫނެކޭ ބުނެލިއެވެ.
” ދެން ކިހިނެއް ވެފައި ތިއޮތީ…؟؟؟” ގާތްގޮތަކަށް ނާޔާ އަހާލިއެވެ. ރާކިން އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު ދޮރުގައި ޓަކި ޖަހާލުމަށްފަހު އެތެރެއަށް ވަދެގެން އައީ އީމަންއެވެ.
“އަހަންނަށް އޭރުވެސް ހީވިޔޭ ނާޔާ ފޮނުވައިފިއްޔާ ވާނީ މިވަރޭ….” ސައިޑް ޓޭބަލް ކައިރީގައި ހުރި ގޮނޑީގައި އިށީންނަމުން އީމަން ބުނެލިއެވެ.
“ކީއްތަވީ…؟؟؟” އަނގަޔަށް ގޮތެއް ހަދާލުމަށްފަހު އީމަންއާއި ދިމާއަށް ލޯއަޅާލަމުން ނާޔާ އަހާލިއެވެ.
“ކީއްހޭވީ…؟؟؟ ބަލަތިއީ ދައްތަ ބުނެގެން ރެކް ބަލާ އައި މީހާއެއް ނޫންތަ…؟؟؟ އެކަމަކު ދެމީހުން ތިތިބީ މިތާ ބޮޑުތަކުރުފާނު ވާހަކައިގައި…. ކާގޭގައި ދައްތައާއި ބޭބެ އެތިބީ ތިމީހުން ނައިސްގެން ކާން ނުފެށިފައި… އެންމެފަހުން ގައިން ހަކަތަކޮޅެއް ދޫކޮށްލައިގެން އަހަންނަކަށްނު މިޖެހުނީ ތިމީހުން ބަލައި އަންނަން….” ނާޔާގެ ބޮލުގައި ޖަހާލަމުން އީމަން ބުނެލިއެވެ.
“އިމޫގަނޑާ…. އަހަރެން މިތަނަށް އައި ފަހުން އަދި ދެ މިނެޓްވެސް ނުވޭ… އަހަންނަށް ޔަޤީން އަދި ބޭބެވެސް ނާންނާނެކަން….” އީމަންގެ ގައިގައި ބޮނޑިއެއް އަޅާލަމުން ނާޔާ ބުނެލިއެވެ. އީމަން ނާޔާއާއި ދިމާއަށް ދޫނެރެ ވައްތަރު ޖައްސާލުމުން ނާޔާ އަތް މަޅާލީ ދެވަނަ ފަހަރަށްވެސް އީމަން ގެ ގައިގައި ޖަހާށެވެ. ނަމަވެސް އޭގެ ކުރިން ރާކިންގާތު އަވަހަށް އަންނަން ބުނެފައި އީމަން ދުއްވައިގަތީ ބޭރަށެވެ. އޭނާގެ ފަހަތުން ނާޔާވެސް ދުއްވައިގަތެވެ. ދެމީހުން ދިޔަ ދިމާއަށް ބަލަން ހެވިފައި އިން ރާކިންވެސް އެމީހުންގެ ފަހަތުން ބޭރަށް ނުކުތެވެ.

ކްލާހަށް ވަދެގެން އައި ދިމްޔާއަށް ހައިރާންކަން ލިބުނީ ރާކިން އެހެންޏާ އިންނަތަން ނޫން އެހެން ތަނެއްގައި އިށީނދެގެން އިނުމުންނެވެ. ރާކިން އިނީ ކްލާހުގެ އެންމެ ފަހަތު ބަރީގެ ގޮނޑިއެއްގައި އިށީނދެގެންނެވެ. އިށީންނަން ދަމުންވެސް ދިމްޔާއަށް ރާކިންއަށް ބެލެނީއެވެ. އޭރު ރާކިން އިނީ ފަންސުރުން ފޮތުގައި ކޮންމެވެސް އެއްޗެއް ކުރަހާށެވެ. ރާކިންއަކަށް ދިމްޔާ ބަލާކަމެއް ނޭނގޭނެއެވެ. ނޫނެކެވެ. އެއީ ދިމްޔާއަށް ހީވާ ގޮތެވެ. ހަގީގަތުގައި ސީދާ ސީދަލަށް ނުބެލިކަމުގައިވިޔަސް ރާކިން ދިޔައީ ވަށްކަޅިން ދިމްޔާއަށް ބަލަމުންނެވެ.
” ދިމް ކޯއްޗެއްތަ މާވަރަކަށް ތިބަލަނީ…؟؟؟” ދިމްޔާ އެގޮތަށް ބަލަހައްޓައިގެން ހުއްޓާ އޭނާގެ އަތުގައި ކޮށްޓާލަމުން ރުހާ އަހާލިއެވެ. ދިމްޔާ ލޮލުގެ އިޝާރާތުން ރުހާއަށް ރާކިން ދައްކާލިއެވެ. “އޭނަ ކީއްވެ މިޔަދު އެތާ އެއިނީ…؟؟؟” ރުހާވެސް ރާކިންއަށް ބަލާލަމުން ދިމްޔާގެ ގާތުގައި އަހާލިއެވެ.
“ނޭނގެ އަހަންނަކަށް… ކޮންމެ ސަބަބަކާ ލައިގެން ވިޔަސް އޭނަ އެކުރި ކަމަކުން މިޔަދު އަހަންނަށް ހަމަޖެހިލައިގެން ކުލާހުގައި އިނދެގެން ކިޔަވާލެވޭނެ….” ކޮނޑު އަރުވާލަމުން މިހެން ބުނެފައި ދިމްޔާ އިށީނެވެ.
އޭގެ އިރުކޮޅެއްފަހުން ޓީޗަރު އައިސް ކިޔަވައިދޭން ފެށިއެވެ. ރާކިން އިރުއިރުކޮޅާ ދިމްޔާއަށް ބަލާލައެވެ. ޝައުގުވެރިކަމާއިއެކު ދިމްޔާ ފިލާވަޅަށް ސަމާލުކަން ދީގެން އިންތަން ފެނުމުން ރާކިންއަށް ހިނިތުންވެލެވުނީ ބޭއިޚުތިޔާރުގައެވެ. މިޔަދު އޭނާގެ ހިތަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެން ހިނގައްޖެއެވެ. މިކަމާ ރާކިން ހައިރާންވެސް ވެއެވެ. ނާޔާއާއި ރައްޓެހިވެގެން އުޅޭއިރު ދިމްޔާއާއި ދޭތެރޭ އޭނާއަށް އެހާވަރަށް ވިސްނެނީ ކީއްވެބާއޭ އޭނާގެ ހިތަށް އެރީ މަދުފަހަރަކު ނޫނެވެ. ފުރަތަމަ ދިމްޔާ ފެނުން ދުވަހުއްސުރެ ދިމްޔާގެ ރީތި ސޫރަވަނީ ރާކިންގެ ހިތުގައި ކަނޑާ ބިންވަޅު ނެގިފައެވެ. ބްރައުން ކުލައިގެ އެ ބޮޑު ދެލޮލާއި ދިގު އެސްފިޔަތެކެވެ. ކުޑަ ނޭފަތާއި ރޯސްޕިންކް ކުލައިގެ ތުންފަތެވެ. ވަށްމޫނު ވަށައިގެން ވިހުރާލެވިފައިވާ ޗޮކްލެޓް ބުރައުން ކުލައިގެ ފަން ދިގު އިސްތަށިގަނޑެވެ. ބުރުސޫރަ ރީތި ލޫޅާފަތި ހަށިގަނޑެއް ލިބިފައިވާއިރު އެހަށިގަނޑަށް މަހާލާފައި ހުންނަ އިންޑިއަން ސްޓައިލްގެ ދޯބައްޓާ ހެދުން އޭނާއާއި ނުހަނު ގުޅެއެވެ. އެހުރިހާ ކަމަކަށްވުރެވެސް ބޮޑަށް ރާކިންގެ ސަމާލުކަން ބޮޑަށް ދެވުނީ ދިމްޔާގެ މައުސޫމްކަން އެކުލެވިގެންވާ މޫނަށާއި އެމޫނުމަތީގައިވާ ހިތާމައާއި މޮޅިވެރިކަމުގެ އިތުރުން ދިމްޔާގެ މަޑުމައިތިރި މިޒާޖަށެވެ.
“އަނެއްކާ އަހަންނަށް ދިމްޔާދެކެ ލޯބިވެވުނީބާ…” ދިމްޔާގެ ޚިޔާލަށް ގެއްލިފައި އިން ރާކިންގެ ހިތަށް ކުއްލިއަކަށް އެރި އެއްޗަކުން އޭނާ ހާސްވާ ގޮތްވިއެވެ. އެގޮތަށް އެކަން ވެއްޖެއްޔާ ދެން ނާޔާއަށް ވާނީ ކިހިނަކުން ބާވައޭ އޭނާގެ ހިތަށް އެރިއެވެ. ރާކިންގެ ހިތުތެރޭގައި އުތުރި އަރައިގަތް ހައިޖާނުގަނޑު ހަމަޔަކަށް އަޅުވާލަމުން ރާކިން ބެލީ ފިލާވަޅަށް ސަމާލުކަން ދެވޭތޯއެވެ.

ރޭގަނޑުގެ ވަގުތެވެ. ރާކިން އިނީ ބަގީޗާ ތެރޭގައި ހުރި މޭޒުދޮށުގައެވެ. އޭނާގެ ކުރިމަތީހުރި މޭޒުމަތީގައި ރާޒުވާ ކުޅިބައެއްވެސް ހުއްޓެވެ. އަތުގައި އޮތް ފޯނާ ކުޅެލަކުޅެލާ އެއިންނަނީ އީމަން ނައިސްގެންނެވެ. މީހެއްގެ ހިލަންވެގެން ރާކިން ފަހަތް ބަލާލިއިރު ނާޔާ އެދިމާއަށް އަންނަނީއެވެ. ނާޔާ އައިސް އިށީނީ ރާކިން އާއި ޖެހިގެން ހުރި ގޮނޑީގައެވެ.
“އަހަރެން ގުޅިން… ފޯނު އޮތީ ނިވާލާފައި….” ނާޔާއަށް ބަލާލަމުން ރާކިން ބުނެލިއެވެ.
“ބެޓްރި ލޯވ ވެގެން ނިވުނީ…” ނާޔާގެ ޖަވާބު ކުރެވެ. އޭނާ ޖަވާބުދިނީ އިސްޖަހާލައިގެން އިނދެއެވެ. ނާޔާއަށް ބަދަލެއް އައިސްފައިވާކަން ރާކިންއަށް ފާހަގަކުރެވުނެވެ. އޭނާ މަޑުމަޑުން މޭޒުމަތީގައި އޮތް ނާޔާގެ އަތުގައި ހިފާލަމުން ކަމެއްވެފައިތޯ އަހާލިއެވެ. ނާޔާ ރާކިންއަށް ބަލާލުމަށްފަހު ދެފަރާތަށް ބޯހޫރާލަމުން ހިނިތުންވެލިއެވެ. ދެން ވޭތުވެގެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ. ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ދައްކާނެ ވާހަކައެއް ނެތީ ކަމަށްވެސް ވެދާނެއެވެ. ނޫނީ ދައްކަން ބޭނުން ވާހަކަތަކެއް ހުރިނަމަވެސް ދައްކަން ނުކެރިފައިކަމަށްވެސް ވެދާނެއެވެ. އެންމެފަހުން ނާޔާ ފުން ނޭވާއެއް ދޫކޮށްލަމުން ރާކިންއަށް ބަލާލިއެވެ.
“ރެކް… އަހަރެން ވާހަކައެއް ބުނަން ބޭނުން….” ރާކިން ނާޔާއަށް ބަލާލަމުން ކުރިއަށް ގެންދިޔުމަށް ބުންޏެވެ. ނާޔާ އަނެއްކާވެސް ފުން ނޭވާއެއްލިއެވެ.
“ރެކް….” ނާޔާ ރާކިންއަށް ގޮވާލިއެވެ. ރާކިން އިނީ ނާޔާ ދައްކަން އުޅޭ ވާހަކައަށް ސަމާލުވެގެންނެވެ.
“ލަވް ބާޑްސް …. ކޮންވާހަކައެއްގައި….” އެވަގުތު އެތަނަށް އައި އީމަންއަށް ރާކިންގާތު ނާޔާ އިންތަން ފެނުމުން ބުނެލިއެވެ. އީމަން އައިސް އިށީނީ ރާކިންގެ ކުރިމަތީގައި ހުރި ގޮނޑީގައެވެ.
“ކޮބާތަ ދައްތަ… އަހަރެން މިދަނީ ދައްތަ ކައިރިއަށް އެތެރެއަށް….” މިހެން ބުނެފައި ނާޔާ ތެދުވުމުން ރާކިން ނާޔާގެ އަތުގައި ހިފައި ހުއްޓުވިއެވެ.
“ނާޔާ އުޅުނީ ވާހަކައެއް ބުނާކަންނު….” ނާޔާގެ މޫނަށް ބަލާލަމުން ރާކިން އަހާލިއެވެ.
“ފަހުން…” ލުއި ހިނިތުންވުމަކާއިއެކު މިހެން ބުނެފައި ނާޔާ ހިނގައިގަތެވެ.

ހުކުރު ދުވަހުގެ ރެއެވެ. އީމަންއާއި ރާކިން ސައިކަލްގައި މިސްރާބު ޖަހާފައިވަނީ ގެއާއިވީ ދިމާއަށެވެ. އެމީހުން އެއަންނަނީ ނަސަންދުރައިގައި އޮތް ތިމާގެ ކުއްޖެއްގެ ކައިވެނި ޕާޓީއަށް ގޮސްފައެވެ.
“ކިހިނެއްވީ އިމޫ…؟؟؟” ބޮޑުތަކުރުފާނު މަގުން ދުއްވަމުންގޮސް ކުއްލިއަކަށް އީމަން ސައިކަލް ހުއްޓުމުން ރާކިން އަހާލިއެވެ. އީމަން ޖަވާބެއް ނުދެއެވެ. ރާޅުގަނޑު ސަރަހައްދާ ދިމާއަށް އިނގިލި ދިއްކޮށްލީ އެއްޗެއް ދައްކާލާ ފަދައިންނެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތި ރާކިން އެދިމާއަށް ބަލާލިއެވެ. ފެނުނު މަންޒަރުން އޭނާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (40)

  1. Anonymous

    Brown kula ah dhivehin kiyany mushi kula.. dhivehi bas iskurehvun edhen

    1. eemiyaa
      Anonymous

      oops sorry.. baeh faharu use kureveny hama… next time i’ll remember.. 🙂

    2. Saamiya
      Anonymous

      Reethi vaahaka eh… Kunnu vara furihama..
      Waiting for next part

  2. Shabee

    Wow vrh salhi mi prt vexx… jazakillah khairan for uploading it 😀 but maa lahee up kuraaleh… nxt prt avahah up khdhehchey 😛

  3. arsy

    Varah salhi…

  4. eemiyaa

    thanks shabee n arsy 🙂

  5. Aanaa

    nice.. waiting for the next part..

  6. Shabee

    Eemiyaa ah inbeytha? Elsa kanneynge kommes meeheh kurin prt ehgg comment ga liyefa inee eleeshaa e story emme reethee…ehnve shabee mirey e story ehkh kiyaalee. Vrh reethi but aslu adhi maa furihama vees emeehunah baby eh libi life ehkh ehn furihama khllinama…Anyways ur grt..masha allah!! 🙂

    1. Eemiyaa
      Shabee

      Yaa shabee thi bunihen ninmaalevun nama reethi vees bt edhuvaskolhu kanthah huri gothun liyeven nethyma ehisaabun ninmaalee

  7. aily

    V reethi

  8. ken?

    V reethi….ekam “miyadhu” ei noon “miadhu”..next time rangalhu kohlaathi…avahah up kohdheythi ingey ☺

    1. Eemiyaa
      ken?

      Ken ehn bunyma v visnaigen liyuny ekm baeh thankolhuga “miyadhu” liyevifa ehury.. bt next time rangalhu kohlaanan.. 🙂

  9. suha

    V v v reethi mivaahaka ingey eemiyaa.

  10. fathun

    V loabi mi vaahaka… <3

  11. zai

    V nice mi part vex love it?

  12. Eemiyaa

    Thanks all 🙂 🙂 🙂

  13. aish

    Eleeshaa ae kon site egga liyefa in vaahaka eththe.reply kolladhi avaha

    1. Eemiyaa
      aish

      Hama esfiya ga

  14. Nahthu

    Eleeshaa rip kohbala n mi vaahka v nice n I mam waiting for the next part plx up soon……

  15. Saamiya

    Reethi vaahaka eh… Kunnu vara furihama..
    Waiting for next part

  16. Princess Noddy

    Nice…waiting 4 next part

  17. Crazi

    Ahcaha up date

  18. marsha

    Nice, waiting for pt 3. Ninmaalaafa next ep up vaane dhuvas bubela dheynama varah ufaa vaane, mihaaru marsha ves eleesha kiyaa hiy vejje, mi vaahaka varah reethi…

    1. jennifer
      marsha

      Thyna adhi eleesha vaaahaka nukiyan thr

    2. marsha
      marsha

      Nukiyan adhi,,, couldnt find it,, cwn u plz share the link?????

  19. raaya

    ge full story save kohfa eba oiy tha ehvess kujeh athuga ??? e ee salaa ge story eh .. if anyone have it plz let me know ingey .. ” އަހަރެން ނެތި ދިޔަޔަސް ތި ޙަޔާތުން “

  20. elyshaa

    vr salhi mi story ,

  21. reeshaa

    Kn irakun tha part 3 up kohdheyny…:-)

  22. Hajja

    Nyc n hope u ll’ upload nextpart sooon☺☺

  23. nuhnu

    Vaahaka vrh salhi part 3 avahah up kohdhyba

  24. eemiyaa

    thanks all 🙂 🙂

  25. xima

    Woww haadha salhi vhk eh waitn 4 prt 3 ?

  26. marsha

    @jennifer, nukiyan adhi, hoadhan ulhe nuves fenunu… sad… can u share the link plzzz???

    1. ryn
      marsha

      esfiya.com/author/dhaamiyaa/page/4
      here it is 🙂

    2. marsha
      marsha

      Thnx ryn. 🙂

  27. neesh

    vv nice next epidod genes deni koan dhuvahakun plz

  28. reen

    Part 3 kiyaa hithun keiy madhuvefaaa…

  29. eemiyaa

    thanks all 🙂

  30. jill

    Nce

Comments are closed.