Skip to content
އެސްފިޔަ

ދިމްޔާ (ފުރަތަމަ ބައި)

“ދިމްޔާ….” “ދިމްޔާ…” ޚިޔާލަކަށް ގެއްލިފައި އިން ދިމްޔާ ސިހިގެން ދިޔައީ މުދައްރިސް ތަންކޮޅެއް ބާރަށް ދެފަހަރު އޭނާއަށް ގޮވާލުމުންނެވެ. ދިމްޔާ ޖެހިލުންވެފައި އިނދެ މުދައްރިސަށް ބަލާލިއެވެ. އެއަށްފަހު ކައިރީގައި އިން އޭނާގެ އެކުވެރި ރުހާއަށް ބަލާލިއެވެ. އޭނާގެ މޫނުމަތީގެ ކުލަވަރުތަކުން މިޔަދުގެވެސް ދުވަސް ދިޔައީކަން ދިމްޔާއަށް ޔަގީންވިއެވެ. ދެލޯހަނިކޮށްލައިގެން މުދައްރިސް ދިމްޔާއަށް ބަލަން ހުރިއިރު އޭނާގެ ނިއްކުރިއަށް ކުދިރޫތަކެއް އަރާފައިވެއެވެ. އުނަގަނޑުގައި ދެއަތް ވިއްދާލައިގެން ހުރިއިރު އޭނާގެ މޫނުމަތީގައިވަނީ ރުޅިވެރިކަމެވެ. ދިމްޔާ ހިންދިރުވާލަމުން ލޮލުގެ ކޮޅުން ކުލާހުގައި ތިބި ކުދިންނަށް ނަޒަރު ހިންގާލަމުން ކޮޅަށް ތެދުވިއެވެ. ހުރިހާ ކުދިންގެ ލޯތަށްވެސް އަމާޒުވެފައި ވަނީ އޭނާއަށެވެ.
“މީ ކިޔަވަން އަންނަތަނެއް…. ޚިޔާލީ ފޮލާ ކައްކައިގެން ހުވަފެނީ ދުނިޔެއެއްގައި އުޅެން އަންނަ ތަނެއް ނޫން…. ހަމަމިހާރު ކުލާހުން ނުކުމޭ….” އިވިގެން ދިޔައީ މުދައްރިސްގެ ހަރުކަށި އިންޒާރުގެ އަޑެވެ. މިއަޑަށް ކުލާހުގެ ބައެއް ކުދިން ހޭން ފެށިއެވެ. ދިމްޔާ އިސްއުފުލާލާ މުދައްރިސަށް ބަލާލިއިރު އޭނާގެ ބޮޑު ދެލޮލަށް ހޫނު ކަރުނަތައް ޖަމާވެގަތީ އެއްވެސް އިޚުތިޔާރަކާ ނުލައެވެ.
“ސަރ… އަޅުގަނޑު އިނީ ޚިޔާލީ ދުނިޔެއަކު ނޫން…. އަޅުގަނޑު…..” ދިމްޔާ އުޅުނީ އޭނާގެ ދިފާއުގައި އެއްޗެކޭ ބުނެވޭތޯއެވެ. ނަމަވެސް މުދައްރިސް އަތުގެ އިޝާރާތުން އެކަން ހުއްޓުވިއެވެ.
“ބޭކާރު ވާހަކަ އަޑުއަހާކަށް އަހަންނަކަށް ވަގުތެއް ނެތް… ކިޔަވަން އައިސް ތިބި ކުދިންނަށް އަހަރެން އެބަޖެހޭ ކިޔަވައިދެން…..” ރުންކުރު ގޮތަކަށް މިހެން ބުނެފައި އަތުގެ އިޝާރާތުން ކުލާހުން ބޭރަށް ދިޔުމަށް މުދައްރިސް އަނެއްކާވެސް ދިމްޔާގެ ގާތުގައި ބުންޏެވެ.
އަތުގެ ނުފުށުން ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލަމުން ފޮތްތައް ހިފައިގެން ދިމްޔާ ހިނގައިގަތީ ބޭރަށް ދިޔުމަށްޓަކައެވެ. އެވަގުތު ކުއްލިއަކަށް އޭނާއަށް ހުއްޓުން އެރީ އޭނާގެ ކަރުގައި އަޅާފައިވާ ދޯބައްޓާއަށް ވާންވުމުންނެވެ. ފަސްއެނބުރި ބަލާލި ވަގުތު ކުރިމަތިން ފެނުނު މަންޒަރުން އޭނާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އޭރު ކުރިމަތީގައި އިން ރާކިން އޭނާގެ ބޮލުގައި އެޅިފައި އޮތް ދިމްޔާގެ ދޯބައްޓާ ނައްޓަނީއެވެ. އެއްވެސް ހަރަކާތެއް ނުކޮށް ރާކިންއަށް ބަލަހައްޓައިގެން ދިމްޔާއަށް ހުރެވުނީއެވެ. ރާކިން އޭނާގެ ބޮލުގައި އެޅިފައި އޮތް ދޯބައްޓާ ނެގުމަށްފަހު ދިމްޔާއަށް ބަލާލި ވަގުތު ދިމްޔާގެ ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. ރާކިންގެ މޫނުމަތީގައިވަނީ ރުޅިވެރިކަމެވެ. އަތުގައި އޮތް ދޯބައްޓާ ބޮނޑިކޮށްލުމަށްފަހު ދިމްޔާގެ މޫނާ ދިމާއަށް އެއްލިއިރު ރުޅިއައިސްގެން ގޮސް ހީވަނީ އޭނާގެ ލޮލުން އަލިފާންކަނި ބުރާހެންނެވެ.
“އިޑިއަޓް…” ދެލޯވަށްކޮށްގެން އިނދެ ދިމްޔާއާއި ދިމާއަށް މިހެން ބުނިއިރު ރާކިންގެ ތޫނު ނަޒަރު ސީދާވެފައިވަނީ ދިމްޔާއަށެވެ. ރާކިންގެ ދުލުން ނިކުތް މިބަސް ވެގެން ދިޔައީ ދިމްޔާގެ ހިތަށް ހަރާލެވުނު ތީރަކަށެވެ. އޭނާގެ ހިތުގެ އެންމެ ފުންމިނަށް އަސަރުކުރިއެވެ. އެންމެ ހިނދުކޮޅަކުވެސް އެތާ މަޑުނުކޮށް އަވަސް ހިނގުމެއްގައި ހިނގާފައި ގޮސް ދިމްޔާ ކުލާހުން ބޭރަށް ނުކުތެވެ. ކުލާހުން ބޭރުވެވުމާއިއެކު ރާކިންގެ ކުރިމަތީގައި ހިފަހައްޓައިގެން ހުރި ކަރުނަތައް އެސްފިޔަތައް ފޫއަޅުވާލުމަށްފަހު ކޯތާފަތްމައްޗަށް ފައިބައިގަތެވެ. އަޑުބޭރުވެދާނެތީ އަނގަމަތީގައި އަތް އަޅާލަމުން އޭނާ މިސްރާބުޖެހީ ލައިބްރަރިއާއި ދިމާއަށެވެ.

“ރެކް ކީއްވެތަ ދިމްޔާދެކެ އެހާ ރުޅިއަންނަނީ…..؟؟؟” ކުލާސް ނިމުމުން ރާކިންގެ އެކުވެރި އާހިލް އަހާލިއެވެ. އާހިލް ފެށި ވާހަކައަކުން ރާކިންގެ މޫޑު އިތުރަށް ގޯސްވިއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ހިނގާދިޔަ ހާދިސާގެ ސަބަބުން އޭނާ އިނީ މޫޑު ސަކަރާތްވެފައެވެ. ރާކިން ވަކިއެއްޗެއް ނުބުނެ ފޯނާ ކުޅެމުން ދިޔައެވެ.
“ރެކް ދެން ބުނެބަލަ… ކީއްވެތަ އޭނަ ދެކެއެހާ ރުޅިއަންނަނީ…؟؟؟” އާހިލް އަނެއްކާވެސް އަހާލިއެވެ.
“އާލް ޕްލީޒް… އަހަރެންގެ ގާތުގައި އޭނާގެ ވާހަކަ ނުދައްކަބަލަ….” ރާކިން ހިތްހަމަ ނުޖެހޭކަން އެނގުމުން އާހިލްވެސް އިތުރަކަށް ސުވާލެއް ނުކުރެއެވެ. އާހިލްގެ ސުވާލަށް ޖަވާބު ނުދިން ކަމުގައި ވިޔަސް ރާކިންއަށް އާހިލްގެ ސުވާލާ ދޭތެރޭ ވިސްނާލެވުނެވެ. އޭނާގެ އަމިއްލަ ނަފްސަށްވެސް އެސުވާލު ކޮށްލެވުނެވެ. ނަމަވެސް އެސުވާލުގެ ޖަވާބު ޚުދު އޭނާއަކަށްވެސް ނޭނގެއެވެ.

ކޮލެޖުން ނިމިގެން ރާކިންއަށް ގެއަށް އާދެވުނު ވަގުތަކީ އޮފީސް ނިންމާލުމަށްފަހު އީމަންވެސް ގެއަށް އައިވަގުތެވެ. ދެމީހުން ބައްދަލްވީ ގޭގެ ދޮރާށި ކައިރިންނެވެ. އީމަންއަކީ ރާކިންގެ ކަޒިންއެކެވެ. އީމަންގެ މަންމައަށް އީމަންބެލެން ނެތުމުގެ ސަބަބުން އޭނާގެ އުމުރުން ހަތަރުއަހަރުން ފެށިގެން ބަލަމުން ދިޔައީ ރާކިންގެ މަންމައެވެ. އެއީ އީމަންގެ ބޮޑުދައިތައެވެ.
އެހެން ދުވަސްދުވަހާ ޚިލާފަށް މިޔަދު އީމަން އަވަހަށް ގެއަށް އައީތީ ރާކިން ހުރީ ކޮންމެވެސް ވަރަކަށް ހައިރާންވެފައެވެ.
“ރެކް.. ކީއްވެ މާވަރަކަށް ތިބަލަނީ..؟؟ އަހަރެން މިޔަދު މާރީތީތަ….؟؟؟” ކުރުކޮށް ކޮށާލާފައިވާ އިސްތަށިގަނޑުގައި އަތްފުނާއަޅާލަމުން ލާނެއް ގޮތަކަށް ހެވިފައިހުރެ އީމަން އަހާލިއެވެ. އީމަން ހަދާލި ގޮތަކުން ރާކިންގެ ގާތަށް ހިނިއައެވެ.
“އަހަރެން މިހިތަށް އަރަނީ އަހަންނަށް މިފެންނަނީ ހުވަފެނެއްބާއޭ… އެހެންނޫނީ އިރުއޮއްސުމުގެ ކުރިން ގެއަށް އަންނަމީހެއް ނޫން… މިޔަދު ކީއްވެ މާއަވަހަކަށް ގެއަށް އާދެވުނީ….؟؟؟” ގޭގެ ބޮޑު ދޮރޯށި ހުޅުވާލަމުން ރާކިން އަހާލިއެވެ. ރާކިންގެ ފަހަތުން އީމަންވެސް ގެއަށްވަނެވެ.
“ރެކްއާއި ހެދިއޭ އަވަހަށް އަންނަން ޖެހުނީ…” އީމަން މިހެން ބުނުމުން ރާކިންގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. އަދި ސުވާލުގެ ނަޒަރަކުން އީމަންއަށް ބަލަހައްޓައިގެން ހުއްޓެވެ.
“މާވަރަކަށް ބަލާނެކަމެއް ނެތް… އެތެރެއަށް ވަދެބަލަ… އޭރުން ސަޕްރައިޒެއް ލިބޭނެ….” ހިނިތުންވެލަމުން އީމަން މިހެން ބުނުމުން ރާކިންވެސް ދެފަރާތަށް ބޯހޫރާލަމުން އެތެރެއަށް ވަނެވެ. ގެއަށް ވަންއިރު ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ފެންނާކަށް ނެތެވެ. އެހެންކަމުން މަންމައަށް ގޮވަމުން ރާކިން މިސްރާބުޖެހީ ކާގެއާއި ދިމާއަށެވެ. ކާގެއަށް ދިޔައިރު ރާކިންގެ މަންމަ ރާނިޔާ ހަވީރު ސަޔަށް ކާމޭޒުމަތީ ހެދިކާތަށިތައް އަތުރަނީއެވެ. ހެދިކާތަކުން ދުވި މީރުވަހުން ރާކިންއަށް ނޭވާ އެތެރެއަށް ދަމާލެވުނެވެ.
“މަންމާ… މިޔަދު މީ މާޚާއްސަ ދުވަހަކީތަ…؟؟ ހާދަ ގިނަ ވައްތަރެއްގެ ހެދިކާއެއް ހަދާލައިގެން ތިއުޅެނީ….؟؟؟” މޭޒުގައި އަތް އަޅާލަމުން ރާކިން އަހާލިއެވެ. ރާނިޔާ ވަކި އެއްޗެއް ނުބުނެ ހިނިތުންވުމަކުން ފުއްދާލީއެވެ. އެވަގުތު ރާކިންގެ ފަހަތުން މީހަކު އައިސް އޭނާގެ ދެލޯމަތީ އަތް އެޅިއެވެ. ކާކުހޭ އަހާލަމުން ރާކިން އެދެއަތުގައި ހިފަހައްޓާލިއެވެ. އެއަތުގެ މަޑުކަމުން އެއީ އަންހެން ކުއްޖެއްކަން ރާކިންއަށް ޔަގީންވިއެވެ. ނަމަވެސް އެއީ ކާކުބާވައޭ ރާކިންގެ ހިތަށް އެރިއެވެ. އެގެއަކީ ރާނިޔާ ނޫނީ އެހެން އަންހެނަކު އުޅޭ ގެއެއް ނޫނެވެ.
“ދެން އެންމެ ރަނގަޅޭ.. އަހަންނަކަށް ނޭނގުން ތީ ކާކުކަމެއް… ދެން ދޫކޮށްލަންވީނު….” ކާކުކަން ނޭނގުމުން އެންމެ ފަހުން ރާކިން ބުނެލިއެވެ.
“އަހަންނަށް ޗޮކްލެޓެއް ދޭމަތިން ދޫކޮށްލާނީ…..” މިއަޑު ރާކިންގެ ކަންފަތުގައި ޖެހުމުން އޭނާގެ މޫނުމަތީގައިވި ހިނިތުންވުން ފުޅާވެގެން ދިޔައެވެ. އަދި އޭނާގެ ދެލޯމަތީގައި އަޅާފައި އޮތް ދެއަތުގައި ހިފާ ދުރުކޮށްލަމުން އެއަންހެންކުއްޖާއާއި ކުރިމަތިލިއެވެ.
“ނާޔާ…..” ރާކިން އޭނާގެ ކުރިމަތީގައި ހުރި ނާޔާއަށް ގޮވާލިއެވެ. އޭރު ނާޔާވެސް ހެވިފައި ރާކިންއަށް ބަލަން ހުއްޓެވެ.
“ސަޕްރައިޒް ކިހިނެއްވަނީ…؟؟؟” ކާގޭގެ ދޮރުކަނީގައި ލެނގިލައިގެން ހުރެ ހަށަން ބަނދެލަމުން އީމަން އަހާލިއެވެ. ރާނިޔާވެސް ހެވިފައި ރާކިން ދޭނެ ޖަވާބެއްގެ އިންތިޒާރުގައި ހުއްޓެވެ.
“ވަރަށް ފުރިހަމަ… ވަރަށް އުފާވެއްޖެ އެހާ ގިނަ ދުވަސްކޮށްލާފަ ނާޔާ ފެނުނީމަ…. މިހާރު ނުފެންނަތާ 2 އަހަރުވީވިއްޔަ…. އެކަމް ކީއްވެ އަންގާނުލާ ތިއައީ…؟؟؟” ރާކިން ވާހަކަ ދެއްކީ ޖޯޝާއި އެކީގައެވެ. އޭނާގެ ވާހަކަ ދެއްކުމުގެ ރާގުންވެސް އޭނާ އުފާވެފައި ހުރި މިންވަރު ހާމަވެއެވެ.
“ރެކްއަށް ސަޕްރައިޒް ދޭން ވެގެން ނުބުނީ….” ހީލަމުން ނާޔާ ބުނެލިއެވެ.
“އޯހް.. މިހާރު އެނގިއްޖެ… އެއްބަޔަކަށް މިޔަދު މާއަވަހަކަށް އޮފީސް ނިންމާފަ އާދެވުމާއި، މިޔަދު ހަވީރު ސަޔަށް އައިޓަމްސް އިތުރުވީ ސަބަބަކީ މިއީތާ…. އެހެންވީމަ އަހަރެން ނޫން އެންމެންނަށް އެނގޭ ދޯ ނާޔާ އަންނަކަން…. ވަރަށް ގޯސް….” އުނަގަނޑުގައި ދެއަތް ވިއްދާލަމުން ރާކިން ރުޅިއަންނަކަމަށް ހަދާލުމުން އެންމެން ހޭން ފެށިއެވެ.
” ދެން މާ ބޭބީވާނެ ކަމެއް ނެތް… ދެންވެސް ހިނގާބަލަ އަވަހަށް ސައިބޯން އަހަރެން ވަރަށް ބަނޑުހައި…..” ރާކިންގެ ބަނޑުގައި އަތުން ޖަހާލަމުން ނާޔާ މިހެން ބުނުމުން އީމަންވެސް ނާޔާއާއި އެއްބައިވެލިއެވެ. އެވަގުތު އެތަނަށް ރާކިންގެ ބައްޕަ ރީހާން އައުމުން އެންމެން އެކީ ހަވީރުގެ ސަޔަށް އިންސާފު ކުރަން ފެށިއެވެ.

ޖެހިގެން އައި ދުވަހެވެ. ދުވަހަކީ ވިއްސާރަ ވައްތަރަކަށް އޮތް ދުވަހެއްކަމުން އަވި އޮތީ ނިވާލާފައެވެ. ހެނދުނު ވާރޭ ވެހުމުގެ ސަބަބުންނާއި ޖެހެމުންދާބާރު ވައިރޯޅިތަކުގެ ސަބަބުން ޖައްވުގައި ވަނީ ތެތް ފިނިކަމެއް ހިފާލާފައެވެ. މަޑު ހިނގުމެއްގައި ހިނގަމުން ދިޔަ ދިމްޔާ މިސްރާބު ޖަހާފައިވަނީ ކުލާހާ ދިމާއަށެވެ. ޖެހެމުންދިޔަ ވައިރޯޅީގެ ސަބަބުން އުނަގަނޑާ ހަމައަށް އަރާ އޭނާގެފަން އިސްތަށިގަނޑު ވިހުރެމުން ދިޔައީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ.ކަރުގައި އަޅާފައިވާ ދޯބައްޓާވެސް ހީވަނީ ދެންމެ ދެންމެ އުދުހިގެން ހިނގައިދާނެހެންނެވެ. ނަމަވެސް މިއިން އެއްވެސް ކަމަކުން އޭނާއަށް އުނދަގޫވާހެނެއް ހިޔެއް ނުވެއެވެ. ޚިޔާލަކަށް ގެއްލިފައިހުރެ އަތުގައި އޮތް ދެތިން ފޮތް މޭގައި ލައްކޮށްލައިގެން ކުރިއަށްދިޔައިރު އޭނާގެ މޫނު މަތީގައިވަނީ ހިތާމަވެރިކަމެވެ.
“ދިމް…” ދިމްޔާ ސިއްސައިގެން ދިޔައީ ރުހާ ވަރަށް ބާރަށް އޭނާއަށް ގޮވާލުމުންނެވެ. ފަސް އެނބުރި ބަލާލިއިރު ދުވެފައިކަހަލަ ގޮތަކަށް ރުހާ އެދިމާއަށް އަންނަނީއެވެ.
“ދިމް ކިހިނެއްވެފަތަ ތިހުންނަނީ….؟؟؟ އަބަދު ކޮންމެވެސް ޚިޔާލަކަށް ގެއްލިފަ… ކިރިޔާއެއްނު މި ފެންގަނޑަށް ނޭރެވުނީ….؟؟؟” ދިމްޔާއާއި އަރާ ހަމަކޮށް މާނޭވާލަމުން ރުހާ ބުނެލީ ހެނދުނު ވާރޭ ވެހުމުގެ ސަބަބުން ހެދިފައި އޮތް ފެންގަނޑު ދިމްޔާއަށް ދައްކާލަމުންނެވެ. ތެދެކެވެ. އެންމެ ފިޔަވަޅެއް ކުރިޔަށް އަޅާލާއިރަށް ދިމްޔާއަށް އެރެވޭނީ އެފެންގަނޑަށެވެ. ދިމްޔާ އެފެންގަނޑަށް ބަލާލުމަށްފަހު ރުހާއަށް ބަލާލަމުން ހީލިއެވެ. އަދި ރުހާއާއިއެކު ފެންގަނޑުގެ އެއްފަރާތުންލާފައި ކުރިއަށް ހިނގައިގަތެވެ.
“ދިމް…އަބަދު ތިވިސްނަނީ ކޮންކަމަކާތަ…؟؟؟ އަޅެ އަހަރެން ގާތު ބުނެބަލަ…” އާދައިގެ މަތިން ދިމްޔާއާއި ކުރާ ސުވާލު ރުހާ މިޔަދުވެސް ކޮށްލިއެވެ. ކަންތައްވީ ރުހާ ހީކުރި ގޮތަށެވެ. ދިމްޔާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ރުހާ ދިމްޔާއަށް ބަލާލިއެވެ. އެމޫނުމަތިން ފެންނަ ހިތާމަވެރި އަސަރުތަކުން ރުހާ ދެރަވެއެވެ. ދިމްޔާއަށް އެހީވާން އޭނާ ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް އެހީއެއް ވެވޭނީ ވެގެން އުޅޭގޮތެއްވެސް ބުނީމަ ނޫންހެއްޔެވެ. ކިތަންމެ ވަރަކަށް ސުވާލުކުރިޔަސް ދިމްޔާގެ ފަރާތުން އެސުވާލުތަކުގެ ޖަވާބު މިވީހާތަނަށް ލިބިފައެއް ނެތެވެ. ކުރިޔަށް ދަމުން ގޮސް ކުއްލިއަކަށް ދިމްޔާ ރުހާގެ އަތުގެ މުލައްދަނޑީގައި ހިފާލިއެވެ. ރުހާ ސިހިފައި ދިމްޔާގެ އަތުތެރޭން އޭނާގެ އަތް ދަމައިގަނެވުނެވެ.
“ދިމްގެ އަތް ހާދަ ފިންޏޭ….” މުލައްދަނޑީގައި އަތްތިލަ ކާއްތާލަމުން ރުހާ ބުނެލިއެވެ.
“ފިނިތަ…؟؟؟” ދިމްޔާ މިހެން އަހާލުމުން ރުހާ ބޯޖަހާލީ އާނ އެކޭ ބުނުމަށެވެ.
“މިޔަދު ފިނިދުވަހެއް ވީމަކަންނޭނގެ….”
“ރޫ…. އަހަންނަށް ވަރަށް އުނދަގޫ މިހާރަކަށް އައިސް ކުލާހުގައި އިންނަން…. ކުލާހާއި ހަމައަށް އަންނައިރަށް އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅޭ…”ދިމްޔާ ބުނެލިއެވެ.
“އެހެންވެ ދޯ މާފިނިވެފަ ތިހުރީ… އަހަންނަށްވެސް ވަރަށް ފާހަގަ ކުރެވޭ މިހާރަކަށް އައިސް ކުލާހުގައި އިންނައިރު ދިމް ތަފާތުކަން… އެހެންނޫނީ ފިލާވަޅަށް ދޭ ޝައުގުވެރިކަމެއް ދިމްގެ ފަރާތަކުން މިހާރަކު ނުފެނޭ… އޭގެ ބަދަލުގައި ގިނަދުވަހު ދިމް ޖެހެނީ ބޭރަށް ނުކުންނަން… އެއީ ކީއްވެތަ…؟؟؟” ރުހާވެސް އޭނާއަށް ފާހަގަކުރެވިފައިހުރި ކަންތައް ހާމަކޮށްލިއެވެ. ދިމްޔާ ވަކި އެއްޗެއް ނުބުނެ ހުރީއެވެ. ދިމްޔާ އެހެން ހުރުމުން ރުހާ އެއްޗެއް ބުނަން އުޅުން ވަގުތު ދުރުގައި ހުރި ކުއްޖަކު ގޮވާލުމުން އެބަ އަންނަމޭ ބުނުމަށްފަހު ރުހާ އެކުއްޖާ ހުރި ދިމާއަށް ދިޔައެވެ. ރުހާ ދިޔުމުން ދިމްޔާވެސް ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ކުލާހަށް ވަންނަން ހިނގައިގަތެވެ.
އިސްޖަހާލައިގެން ހުރެ ކުލާހަށް ވަން ދިމްޔާއަށް ފައި އެޅުނު ގޮތަކުން ކައްސާލައިގެން ވެއްޓެން ދިޔަވަގުތު ހިފުނީ އެހެންލާފައި ދިޔަ ރާކިންގެ ގަމީހުގައެވެ. ރާކިންވެސް ހުރީ ވިސްނައިގެން ނޫންކަމުން ދެމީހުން އެއްކޮށް ވެއްޓުނެވެ. ރާކިން އޮތީ ތަޅުންގަނޑާ ދިމްޔާއާއި ދެމެދުއެވެ. ވެއްޓުނު ވަގުތު ދިމްޔާގެ މޫނުގޮސް ޖެހުނީ ރާކިންގެ ތަނަވަސް މޭމަތީގައެވެ. އެވަގުތު ރާކިން ޖަހާފައި ހުރި ސެންޓުން ދުވަމުން ދިޔަ މީރުވަހުން ދިމްޔާއަށް ނޭފަތް އެތެރެއަށް ދަމާލެވުނެވެ. ހަމައެހިނދުމެ އޭނާގެ ހިތް ތެޅެން ފެށީވެސް އޮބި ނޯންނަވަރަށެވެ. އޭނާއަށް ލޯމަރާލެވުނީ ބޭއިޚުތިޔާރުގައެވެ.
“އޭ ކުއްޖާގަނޑާ… މާހަމަޖެހިލާފަ އަހަރެންގެ ގައިމަތީ ތިއޮތީ އަދިވެސް ކުރެވުނު ކަންތައް ކުޑައީތަ..؟؟؟ ހަމަ މިހާރު ތެދުވޭ….” ދިމްޔާ ސިހިފައި ދެލޯ ހުޅުވާލީ ރާކިންގެ ހަރުކަށި އަޑުންނެވެ. ދިމްޔާއަށް އެކިދިމަދިމާއަށް ބަލާލެވުނީ އެމީހުންގެ ވަށައިގެން ކުލާސް ކުދިންތައް ތިބުމުންނެވެ. އޭރު ހުރިހާ ކުދިންވެސް ދިމްޔާއަށް މަލާމާތްކޮށްކޮށްފައި ހެނީއެވެ. ދިމްޔާ އަވަސް އަވަހަށް ތެދުވަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން ރާކިން ދިމްޔާގެ ކޮނޑުގައި އަތްއަޅާ އެއްފަރާތަކަށް ކޮށްޕާލަމުން ތެދުވިއެވެ. އަދި ގަމީހުގެ ފަސްބައިގައި ހިފާ ދަމާލަމުން ގަމީހުގެ އެކިތަންތަން އަތުން ފޮޅާލިއެވެ. އެވަގުތު ރުހާ އައިސް ކުދިންތައް އެއްފަރާތް ކޮށްލުމަށްފަހު ދިމްޔާއަށް ތެދުވަން އެހީވެދިނެވެ. އަދި އެކި ދިމަދިމާއަށް ގޮސްފައިވާ ދިމްޔާގެ ފޮތްތައް ހޮވާދިނެވެ. ފޮތްތައް ހަމަވުމުން ރުހާއާއި އެކީ ދިމްޔާ ހިނގައިގަތީ ގޮނޑީގައި އިށީންނާށެވެ. އެވަގުތު ރާކިން އެއްލި އަތުން ދިމްޔާގެ އަތުގައި ހިފައި އޭނާއާއިވީ ދިމާއަށް އަނބުރާލިއެވެ. ދިމްޔާ ދެލޯ ބޮޑުކޮށްގެން ރާކިންއަށް ބަލަން ހުރިއިރު ރާކިންގެ ދެލޮލުގައިވަނީ ނުރުހުމުގެ އަސަރުތަކެވެ.
“މިހާރު ދިމްޔާއާއި ހެދި އަހަންނަށް ކުލާހުގައިވެސް އިންނަން އުނދަގޫ ވެއްޖެ… ކޮބާތަ ދިމްޔާގެ މައްސަލައަކީ…؟؟؟ އަބަދުވެސް ކޮންމެވެސް މުސީބާތެއް އަހަންނަށް ކުރިމަތި ކުރުވާނެ…” ރާކިންގެ އަޑުގައިވަނީ ރުޅިވެރިކަމެވެ. ދިމްޔާއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ އިސްޖަހާލިއެވެ.
“ހަނދާންކުރާތި…!!! މީގެ ފަހުން އަހަރެންގެ ކުރިމައްޗަށް ނާރާތި!!! އެހެންނޫނީ ދިމްޔާއަށް މިކުލާހުގައި އުޅެން އުނދަގޫވާނެ…” މިހެން ބުނެފައި ރާކިން ދިމްޔާގެ އަތުން ދޫކޮށްލުމަށްފަހު ގޮސް ގޮނޑީގައި އިށީނެވެ.

ރޭގަނޑުގެ ވަގުތެވެ. ރާކިންއާއި ނާޔާތިބީ ގޭގެ ބިއްދޮށުގައި ހައްދާފައިވާ މާބަގީޗާގައި ހުރި މޭޒެއްގެ ދޮށުގައި އައިސްކްރީމް ބޯށެވެ. ދެމީހުން އެކިކަހަލަ މަޖާ ވާހަކަ ދައްކަދައްކާފައި ހެމުން ދިޔައެވެ. އެވަގުތު ނާޔާގެ ފޯން ރިންގްވާން ފެށުމުން އެބައަންނަމޭ ބުނެ ނާޔާ ދުރަށް ޖެހިލިއެވެ. ފޯނުން ވާހަކަ ދައްކަމުންގޮސް ނާޔާ އިށީނީ ސިމެންތިން ރާނާފައި ހުރި ގޮނޑިއެއްގައެވެ. ކަންދިމާކުރި ގޮތުން ނާޔާއަށް އިނދެވުނީ ރާކިންއަށް ކުރިމަތިވާ ގޮތަށެވެ. ރާކިން ނިކަން ފަރުވާތެރިކަމާއިއެކު ނާޔާއަށް ބަލާލިއެވެ. ފާއިތުވި ދެއަހަރުތެރޭ ނާޔާއަށްވަނީ ބޮޑު ބަދަލެއް އައިސްފައެވެ. އިސްކޮޅާއި އެއްވަރުގެ ރޫފައެއް ލިބިފައިވާ ނާޔާގެ ރީތިކަން އިންތިހާއެވެ. މިހާރު ކުރިއަށްވުރެވެސް ރީތިވެފައި ފުރިހަމަހެން ހީވެއެވެ. ކުރީގަ އުނަގަނޑާ ހަމައަށް އަރާ ފަން އިސްތަށިގަނޑު ކޮނޑާ ހަމައަށް ކޮށާލާފައި އޮތުމުން ނާޔާއާއި ވަރަށް ގުޅެއެވެ. ދޮން މޫނުގައި ފަނޑު މޭކަޕެއް ކޮށްލާފައިވާއިރު ވަރަށް ލޯތްބެވެ. ރާކިން ނާޔާއަށް ބަލަންއިނީ އާޝޯހުވެފައެވެ. ފޯނުން ވާހަކަ ދައްކަމުން ގޮސް ހީލިތަނާ ކޮލަށް އެޅުނު އަޑިކޮޅު އެމޫނަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނެވެ. ނާޔާ އިން ގޮނޑީގެ ބިއްދޮށުގައި ހައްދާފައިވާ ރަތްކުލައިގެ ކުދި ބޯގަންވިލާ ގަހުގެ ސަބަބުން އެމަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ރާކިން މިރީތި މަންޒަރު ފޯނުގައި ރައްކާކޮށްލިއެވެ.
“ހިތް ފުރެންދެން ފޮޓޯ ނަގައްޗޭ….” އީމަންގެ އަޑަށް ރާކިން އެދިމާއަށް ބަލާލިއެވެ. އޭރު އީމަން އައިސް މޭޒުދޮށުގައި އިށީންނަނީއެވެ.
“އަދި ތިއަށްވުރެ މަންޒަރު ރީތިވާނެ ރެކްވެސް އެތާ ނާޔާގެ ގާތުގައި އިނީމަ….” އީމަން މިހެން ބުނުމުން ރާކިން ހީލިއެވެ.
“ބޯއިފުރެންޑް މިތާ އިންތިޒާރުގަ ބައިންދާފަ ކާކާތަ މާ ވަރަކަށް ހީހީފަ އެވާހަކަ ދައްކަނީ…؟؟؟” ނާޔާއަށް ބަލާލަމުން ރާކިން ގާތު އީމަން އަހާލިއެވެ.
“އިމޫ.. ކީއްވެ ތިހެން ތިބުނީ..؟؟ އަނެއްކާ…” ރާކިން އޭނާ ބުނަން އުޅުނު ޖުމްލަ ނުބުނެ މެދު ކަނޑާލަމުން އީމަންއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.
“އެއްކަލަ ރެކް.. އަހަރެން ސަމާސަ ކޮށްލީއޭ.. ނާޔާ އެއީ އަހަރެންގެ ބެސްޓްފުރެންޑް.. އަހަރެން ވަރަށް ރަނގަޅަށް ނާޔާ ދަންނަން… އެއީ އެކަހަލަ ކުއްޖެއް ނޫން… ހާސްނުވޭ…” ރާކިންގެ މޫނުމަތީގެ ކުލަވަރު ބަދަލުވިތަން ފެނިފައި އޭނާގެ ކޮނޑުގައި ޖަހާލަމުން އީމަން ބުނެލިއެވެ. އީމަން މިހެން ބުނުމުން ރާކިން ހީލިއެވެ. އެވަގުތު ފޯނުކޯލް ނިންމާލުމަށްފަހު ނާޔާވެސް އެތަނަށް އައެވެ.
“އަހަރެންގެ ދެ ބީއެފް ކޮންވާހަކައެއްތަ ތިދައްކަނީ…؟؟” މޭޒުދޮށުގައި ހުހަށް ހުރި ދެގޮނޑިންކުރެ ގޮނޑިއެއްގައި އިށީންނަމުން ނާޔާ އަހާލިއެވެ.
“އަނެއްހެން މާބޮޑު ވާހަކައެއް ނުދައްކަން.. އަހަރެން މިތާ އެކަނި އިންތަން ފެނުނީމަ މޭން އެއައީ ދޯ….” އީމަން އަށް ދޯ އަޅާލަމުން ރާކިން ބުނެލިއެވެ.
“ދެން ނުސީދާކޮށް ތިބުނަނީ ނާޔާ އައީމަ އަހަރެންގާތު މިތަނުން ދާށޭދޯ… އެންމެ ރަނގަޅޭ… އަހަރެން މިދަނީ….” އީމަން މިހެން ބުނުމުން ދެމީހުން އެއްފަހަރާ ހޭންފެށިއެވެ.
“ނޫނޭ އެހެނެއް ނުބުނަމެއްނު… އިމޫވެސް މަޑުކުރޭ… ނާޔާ ލަންކާގަ ކިޔަވަން ހުރިއިރުގެ ވާހަކަތައް ކިޔާދެނީއެ…” ރާކިން މިހެން ބުނުމުން ނާޔާވެސް ރާކިންއާއި އެއްބަސްވެ އެމީހުން ގާތު އިށީނުމަށް އީމަންގެ ގާތު އެދުނެވެ. އެރޭ އެތައް އިރެއް ވަންދެން ތިން މީހުން އެކިވާހަކަ ދެއްކުމުގައި ތިއްބެވެ.

އޭގެ އެއްހަފްތާ ފަހެވެ. ރައްޓެހި ކުއްޖެއްގެ ގެޔަށް ގޮސްފައި އައި މަގުމަތީ ފެން ބޮވައިގަނެގެން ރާކިން ފިހާރަޔަކަށްވަނީ ފެންފުޅިއެއް ގަންނާށެވެ. ފެންފުޅި ގަނެގެން ބޮމުން ބޮމުން ނުކުތް ރާކިން މީހެއްގެ ގައިގައި ޖެހިފައި އަތުގައި އޮތް ފެންފުޅި އޭނާގެ ގަޔަށް ވެރުނެވެ. ހިތްހަމަ ނުޖެހިފައި ހުރެ “ޗީ….” އޭ ބުނަމުން ކުރިމަތި ބަލާލި ވަގުތު ދިމްޔާ ފެނުމުން ދެބުމަ ގާތްކޮށްލަމުން އޭނާގެ ދެލޯ އިތުރަށް ހަނިކޮށްލިއެވެ. ދިމްޔާއަށް މިމަންޒަރު ފެނުމުން އަނގަމަތީ އަތްއަޅާލެވުނީ ހަމަޔަގީނުންވެސް ރާކިންގެ ރުޅިވެރި ޖުމަލަތަކެއް އަޑުއިވޭނެކަން ޔަގީނާގާތަށް އެނގުމުންނެވެ. ރާކިން އާއި ދުރުން އުޅެން އެވަރަށް މަސައްކަތް ކުރާއިރުވެސް އަބަދުވެސް މިކަހަލަ ކޮންމެވެސް ހާދިސާއެއް ކުރިމަތިވެއެވެ. ރާކިންގެ ކުރިމައްޗަށް އަރާ ގިނަ ހާދިސާތަކެއް ދިމާވުމަކީ އޭނާވެސް ބޭނުންވާ ގޮތެއް ނޫނެވެ. ނަމަވެސް އިއްތިފާގުން މިކަހަލަ ހާދިސާތައް ދިމާވަނީއެވެ. އެކަމުގައި އޭނާ ވަކި ކުރާނީ ކީއްހެއްޔެވެ.؟ ތަޤުދީރުގައި ކަންހިނގަމުންދާގޮތް އެއްވެސް އިންސާނަކަށް ބަދަލެއް ނުކުރެވޭނެއެވެ. ރާކިން މަގުގެ ދެކޮޅު ބަލާލުމަށްފަހު ދިމްޔާގެ އަތުގައި ހިފައިގެން ކުރިމަތީގައި ހުރި ކުޑަ ގޯޅިގަނޑާ ދިމާއަށް ދިޔައެވެ. ނަސީބަކުން އެގޯޅިގަނޑުގައި އެވަގުތު އެދެމީހުން ފިޔަވައި އެއްވެސް މީހަކު ނެތެވެ.
“އަހަރެން ނުބުނަންތަ އަހަރެންގެ ކުރިމައްޗަށް އަރައިގެން ނުވާނޭ… ހަމަ ރަނގަޅަށްވެސް ތީ އަހަންނަށް ކުރިމަތިވެފައޮތް ބޮޑު މުސީބާތެއް… ދިމްޔާ އަހަރެންގެ ކުރިމަތިން ފެނިއްޖާ އަހަންނަށް ކޮންމެވެސް ކަމަކާ ކުރިމަތިލާންޖެހޭ…” ދަތްކުނޑި ވިކާލަމުން ރާކިން މިހެން ބުނެލިއިރު ދިމްޔާގެ އަތަށް އިތުރަށް ބާރުކޮށްލެވުނެވެ.
“ހުއްޓާލާ ރާކިން… އިތުރަށް އެންމެ ބަހެއްވެސް ނުބުނާތި…!!!” ރާކިން ވާހަކަ ދައްކަން އުޅުމުން ދިމްޔާ އޭނާގެ އަތް ފޮޅުވާލަމުން މިހެން ބުނެލިއިރު އޭނާގެ މޫނުމަތީގައިވެސް ވަނީ ރުޅިވެރިކަމެވެ. ހައިރާންވީވަރުން ރާކިންއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ރާކިން ދިމްޔާ ދަންނަތާ މިހާރު ދެއަހަރު ވެއްޖެއެވެ. މި ދެއަހަރުގެ ތެރޭގައި އެކިގޮތްގޮތަށް އެކިހާދިސާތަކުގައި ރާކިންއާއި ދިމްޔާވަނީ ދިމާވެފައެވެ. އެހެނަސް ރާކިންގެ ކުރިމަތީގައި ދިމްޔާ ބަހެއް ބުނި މީ ފުރަތަމަ ފަހަރެވެ. އެވެސް ހަރުކަށިކޮށެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (33)

  1. Princess Noddy

    Varah interesting story eh.. first part vess v reethi..keep it up..waiting 4 next part.

  2. stranger

    Kuri mah chah aras hadisaa eahnun. Kurimathivas hadisa nuvatha dimava hadisaa…. baeh ibaraitha rangalu kohlaaa.. hyvany concept rythivanehen.

  3. mizu

    Wow V Reethi

  4. Anonymous

    Reethi

  5. Azu

    Masha allah v reethi feshun

  6. @isha

    Eemiyaa ge story thah v reethi kamah faahaga kurevey…. ehn vaahaka thekekey eh gothah mivaahaka vx ehaa reethi furihama vaahaka akah vaane kamah unmeedhu kuran….. love ya….. keep it up the good work….

    1. eemiyaa
      @isha

      in sha allah mivaahakaves v reethi vaaane aisha.. 🙂

  7. Barbie

    Yeayyyyy finly eemiya ge story eh. Love u and gooodluck :*

  8. Anonymous

    eem haadha dhuvas kohlaafa??

    1. eemiyaa
      Anonymous

      yaa dw anonymous… i was v busy in last few months.. 🙂 bt i’ll keep in touch here after in sha allah..

  9. ken?

    V reethi….thi raakin ah dhimya ge v furihama javaabei dheythi…waiting…waiting….?

  10. ken?

    “Miyadhu” ge rangalhu gothakee “miadhu” hope next time it ll b ok..nywayz story is awesome…☺

  11. eemiyaa

    Thanks all 🙂
    Stranger n Ken i’ll try to correct all the mistakes.. 🙂

  12. elsa

    nice story

  13. aria

    Salhi..goodluck eem…keep ur ur work..

  14. shabaa

    Nice story….

  15. Athee

    Owsem… nice …nice… nice
    Hope Aagey is se b kahi zaadha khoob soorath raheyngee…..
    Waiting for next upload..

  16. nihaa

    Reethi..

    1. eemiyaa
      nihaa

      thanks all 🙂

  17. elsa

    mmm , eemiyaa ge story thakuge therein elsa ah emme rythy elyshaa , anehkaa eyy eemiyaa ge story eh tha ? hadhaan vany ehn , ? vr salhi eemiyaage hurihaa story eh ves , mi story ves ehn story thanhaa rythi kohlahchey

    1. eemiyaa
      elsa

      yeah elsa.. eleesha a e eem ge story eh..
      thanks 🙂 in sha allh mi story ves reethi vaane

  18. xaaxaa

    Vvvv obi story eh hykuran next prt Warah awaha genex dheyne kamah 🙂 😉

  19. Shai

    Ohhhh my god…Rakesh ge pic eh dhwwww????
    Story vvvvvv nice?

  20. suha

    V salhi vaane hen heevane.

  21. charu

    vvvvvvvvv reeethi……………..hyve vvvvvvv reethivaane hen plx avahah up kohdehchey m waiting

  22. marsha

    Very interesting beginning eh, varah kiyaa hiyvey… wwiting…..

    1. eemiyaa
      marsha

      thanks all loving readers 🙂

  23. xaaxaa

    Kba next prt can’t wait… Awax kohlahchey dhn miadhu up kureweytho balahchey ingey

  24. nukko

    Kn irakun nxt part up vanee and kihineh kn dhuvas thakaku up kuraanee .Plx giv an ans

    1. eemiyaa
      nukko

      nukko vaki dhuvas thakeh bunan v undhagoo… a e kudakoh bxy koh mi ulheny n vaki dhuvaheh bunefa edhuvahakah up nukurevijja readers upset vaane dw… eem v balaanan knme part ehves dhedhuvas therey up kureveytho..

  25. nahu

    nice story

  26. Mishka

    Very nice story

  27. eemiyaa

    thanks dhekudhin

Comments are closed.