ކޮޓަރިއަށް ވަތްގޮތަށް ވަދެ ދޮރު ތަޅުލުމަށްފަހު އެނދުގައި ނައިޝާ އިށީނެވެ.ދެންމެ ވީކަންތަކުން ވަގުތުކޮޅަކަށް އޭނާގެ ހިތް ހުއްޓުނު ފަދައެވެ.މޭގައި އަތް އަޅާލައިގެން އިނދެ އަވަސް ނޭވާތަކެއް ދޫކުރަމުން ދިޔަ ނައިޝާ ވަނީ ވަރަށް ބޮޑަށް ހިތް ނުތަނަވަސްވެ ބިރުގަނެފައެވެ.
ވަގުތުކޮޅަކު އެނދުގައި އިނުމަށްފަހު ނައިޝާ ފާހާނައާ ދިމާލަށް ހިނގައިގަތީ، ދެންމެވީ ކަމަކީ އޭނާ ބިރުން ހުރީމައި ހީވި ގޮތެއްކަމަށް އޭނާގެ ހިތަށް ވިސްނައި ދެމުންނެވެ.ފާހާނައަށްވަދެ މޫނު ދޮންނަ ތަށި ކައިރި ހުއްޓިލުމަށްފަހު ވަރަށް ރަނގަޅަށް އޭނާގެ މޫނު ދޮވެލިއެވެ.ހަމައަކަށް އެޅިލުމުގެ ނިޔަތުގައެވެ.
މޫނު ދޮންނަން ގުދުވެލައިގެން އޮތް ނައިޝާއަށް، އޭނާގެ ފުރަގަހުގައި މީހަކު ހުރިހެން ހީވެގެން ލޯގަނޑުން ފަހަތަށް ބަލައިލެވުނެވެ.ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ.އެއީ ވެސް އޭނައަށް ހީވި ހީވުމެއް ކަމަށް ކަނޑައަޅާ، އަވަސްކޮށްލައިގެން ފާހަނައިން ނައިޝާ ނިކުތެވެ.
ޔުދާ ބުނިހެން މާބޮޑަށް ވިސްނޭތީ އަސްލެއް ކަމުގައި ހީވަނީ ކަމަށް ނިންމައި، ނިދޭތޯ އެނދާ ދިމާލަށް ނައިޝާ ހިނގައިގަތެވެ.އެނދަށް އެރުމަށްފަހު، ނައިޝާ، އޭނާގެ ފަން ދިގު އިސްތަށިގަނޑު ނިއުޅުވާލުމަށްފަހު އޮށޯތެވެ.
******
ނިދަން އޮށޯވެގެން އޮތް ނައިޝާއަށް ފާހަނަ ތެރެއިން ކުއްލިއަކަށް އިސްކޫރު ދޫކޮށްލި އަޑުއިވިގެންދިޔަ އެވެ.އެއަޑަށް ލޯމަރާލައިގެން އޮތް ނައިޝާއަށް ލޯ ހުޅުވާލެވުނެވެ.”ދެންމެ އަހަރެން އިސްކޫރު ނިއްވިންބާ؟” ނައިޝާގެ ހިތަށްއެރިއެވެ.ކުޑަ ވަގުތުކޮޅަކު ވިސްނަން އޮވެލުމަށްފަހު، ޖެހިލުންވެ ހުރެ ފާހަނައާ ދިމާލަށް ގޮސް ކުއްލިއަކަށް ފާހަނަދޮރު ނައިޝާ ހުޅުވާލިއެވެ.
އެވަގުތު މޫނު ދޮންނަ ތަށީގައި ހަރުކޮށްފައި ހުރި އިސްކޫރުން ހޯސްލާފައި ފެންތައް ފައިބަމުންދާ މަންޒަރު ނައިޝާއަށް ފެނުނެވެ.ވަރަށް ހައިރާންވެ ހުރެ އިސްކޫރު ބަންދުކޮށްލުމަށްފަހު ފާހަނައިގެ ދޮރު ނައިޝާ ލައްޕާލިއެވެ.އަދި އަނެއްކާވެސް އެނދުގައި އޮށޯތެވެ.
ރަޖާގަނޑު ގައިމަތީގައި އަޅާލައިގެން ނިދޭތޯ މަސައްކަތް ކުރަމުން ދަނިކޮށް، ފާހަނަ ދޮރުގައި މީހަކު ޓަކިޖެހިހެން ނައިޝާއަށް ހީވިއެވެ.ވަރަށް ރަނގަޅަށް ކަންފަތް ހުޅުވައިގެން ނައިޝާ އޮތެވެ.ނަމަވެސް ދެވަނަފަހަރަށް އެއަޑެއް އޭނާއަކަށް ނީވުނެވެ.
ޖެހިލުންވެފައި އޮތް ނައިޝާގެ ހިތް ކުއްލިއަކަށް ތެޅިގަތީ، އޭނާގެ ކުރިމަތީގައިވާ ބޮޑު އަލަމާރީގެ ދޮރު އަމިއްލައަށް ހުޅުވުނުތަން ފެނިގެންނެވެ.އެމަންޒަރު ފެނުމުން ދެލޯ މަރާ ބާރުކޮށްލުމަށްފަހު، ގައިމަތީގައިވާ ރަޖާގަނޑުގައި ހިފައިގެން ބިރުން ނައިޝާ އޮތެވެ.ހުޅުވިފައިވާ އަލަމާރީގެ ދޮރު ކުއްލިއަކަށް ވަރަށް ބާރަށް ޖެހުނު އަޑަށް އޮށޯވެގެން އޮތް ނައިޝާއަށް ފުންމައިގެން ތެދުވެވުނެވެ.އޭރު އޭނާގެ ހިތް ގަދައަށް ތެޅެމުންދިޔައެވެ.އެއްވެސް މީހެއް ފެންނަން ނެތި އަމިއްލައަށް އަލަމާރި ދޮރު ހުޅުވިފައި ލެއްޕުމުން ނައިޝާ ހާސްވާން ފެށިއެވެ.
ދެކަކުލުގައި އަތް އަޅާލައިގެން އެނދުގެ ކަނެއްގައި އިށީންދެލައިގެން އަލަމާރިއަށް ބަލަން ބިރުން ނައިޝާ އިނެވެ.އަލަމާރިއަށް ބަލަން އިން ނައިޝާ ސިހިގެންދިޔައީ، އެނދު ކައިރީގައިހުރި ޑުރެސިންޓޭބަލުގެ ގޮނޑި ކުއްލިއަކަށް ދެކޮޅަށް ދުވަންފެށުމުންނެވެ.
ނައިޝާގެ ހިތް ކުރިއަށްވުރެ ނުތަނަވަސްވާން ފެށިއެވެ.ޑުރެސިން ޓޭބަލްގެ ގޮނޑި ދެކޮޅަށް ދުވުމަށްފަހު، ކުއްލިއަކަށް ހުއްޓުނެވެ.އަދި އަނެއްކާވެސް އަލަމާރީގެ ދޮރު ލެއްޕިފަ ހުޅުވެން ފެށިއެވެ.އެއްދޮރު ލެއްޕުމާއެކު އަނެއްދޮރު ހުޅުވެމުންދިޔައެވެ.ފެންނަމުންދާ ބިރުވެރި މަންޒަރުން ކޮޓަރިން ނިކުމެގެންދާންވެސް ނުކެރިފައި، ނައިޝާ އިނެވެ.އޭރު މުޅިމީހާ ބިރުންގޮސް ތުރުތުރުއަޅަނީއެވެ.
މަންޒަރު ބަލަން ދެލޯ ބޮޑުކޮށްގެން ބިރުން އިން ނައިޝާއަށް އިނީ، ވަމުންދާ ބިރުވެރި ކަންތައްތަކުން ރޮވެން ކައިރިވެފައެވެ.ލެއްޕި ހުޅުވެމުންދިޔަ އަލަމާރީގެ އަޑުގަދަވުމުގެ ސަބަބުން ނައިޝާއަށް ކަންފަތުގައި އަތް އަޅާ ދެލޯ މަރާ ބާރުކޮށްލެވުނެވެ.
ކުއްލިއަކަށް އަލަމާރީގެ ދޮރުތައް ތެޅުން ހުއްޓި މުޅި ކޮޓަރިތެރެ ހިމޭން ވިއެވެ.ކަންފަތުގައި އަތް އަޅާލައިގެން އިން ނައިޝާ، މުޅިތަން ހިމޭންވި އަޑަށް ކަންފަތުން އަތްނަގާ ދެލޯ ހުޅުވާލިއެވެ.
ފަސް މިނެޓްގެ ހަމަހިމޭން ކަމަކަށް ފަހު، ކުއްލިއަކަށް އަންނައުނު އަޅާ އަލަމާރި ތެޅިގަތީ ބިންހެލުމެއް އައިފަދަ ބީދައިން އެޔެއް މިޔެއް ބަލައިލުމެއް ނެތިއެވެ.އަލަމާރި ތެޅިގަތުމާއެކު ސިހިގެން ދިޔަ ނައިޝާގެ ލޯމައްޗަށް ކުއްލިއަކަށް އަނދިރި ވެގެންދިޔައެވެ.
*********
ނައިޝާއަށް ހޭލެވުނީ އޭނާގެ ނަމުން ގޮވަމުން ކޮޓަރި ދޮރުގައި ޔުދާ ޓަކިތަޅާ އަޑަށެވެ.ލޯ ހުޅުވާލި ނައިޝާ ފުންމައިގެން ތެދުވިއެވެ.އަދި ރޭގައިވި ކަންތައް މަޑުމަޑުން އޭނާގެ ހަނދާނަށް އަންނަމުން ދިޔައެވެ.
އެނދުގައި އިން ނައިޝާ މުޅި ކޮޓަރިތެރެއަށް ބަލައިލިއެވެ.ރޭގައި ދެކޮޅަށް ދުވި ޑުރެސިންޓޭބަލް ގޮނޑި ކުރިންވެސް ހުރިގޮތަށް ޑުރެސިން ޓޭބަލް ކައިރީގައި ހުރިތަން ނައިޝާއަށް ފެނުނެވެ.އެނދުން ތެދުވެ އަންނައުނު އަޅާ އަލަމާރި ނައިޝާ ހުޅުވާލީ ރޭގައި ވަރަށް ގަދަޔަށް އަލަމާރި ތެޅިގަތީމާ އެތެރެ ބަލާލުމަށެވެ.އަލަމާރީގެ ދޮރު ހުޅުވާލި ނައިޝާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.ހުރިހާ އެއްޗެއްވެސް ހަމަ ހުރިގޮތަށް އޭގެ ތެރޭގައި ހުއްޓެވެ.ރޭގައި އަލަމާރި ތެޅިގަތް ބާރުކަމުން ފަތްޖަހާފައިވާ އަންނައުނުތައްވެސް ނިއުޅުވޭނެކަން ނައިޝާއަށް ޔަގީނެވެ.
ރޭގައިވި ކަންތައްތަކުގެ އެއްވެސް އަލާމާތެއް މިއަދު ކޮޓަރިތެެރެއިން ފެންނަން ނެތުމުން، ރޭގައި ހިނގި ހާދިސާއަކީ ނައިޝާއަށް ހީވި ހީވުމެއްބާވައޭ އޭނާގެ ހިތަށް އެރިއެވެ.ވިސްނުމެއްގެ ތެރޭގައި ނައިޝާ ހުއްޓާ އަނެއްކާވެސް ޔުދާ ދޮރުގައި ތަޅާގަތެވެ. ޔުދާ ދޮރުގައި ތަޅަންފެށުމުން ނައިޝާ އަވަހަށް ދޮރު ހުޅުވާލިއެވެ.
“ނައި؟…އޯކޭތަ؟…ހާދަ ވަރަކަށް ޓަކިޖެހިއްޖޭ…ނައިގެ ޚަބަރެއްނުވީމަ މިތަޅަނީ މިވަރަށް…މިހާރު ހެނދުނު ނުވައެއްޖެހީ މިއަދު އޮފް ދުވަހެއްތަ؟” ދުވަހަކުވެސް މިހާ ލަސްވަގުތެއްގައި ނައިޝަާ ހޭލާފައި ނުވާތީ ޔުދާ އަހާލީ ހައިރާންވެ ހުރެއެވެ.
ޔުދާ އެހެންބުނެލުުމާއެކު ނައިޝާ ގަނޑި ބަލައިލިއެވެ. “ދޮގެއްވާނު މިހާރު ނުވަގަނޑި ފަހެއް ހިނގީ…ނައިއަށް ރޭގަ ވަރަށް ލަހުން ނިދުނީ އެހެންވެ ހޭނުލެވުނީ…އެލާމްވެސް ނުކުރެވުނު ހަނދާން ނެތިގެން” އެހެންބުނެ ފިހާރައަށް އޮންލައިންވާން ނައިޝާ އުޅުނެވެ.
އަވަސްކޮށްލައިގެން ފިހާރައިގެ އެޕް ނައިޝާ ހުޅުވާލިވަގުތު، ފުލުފުލުން ކަސްޓަމަރުންގެ މެސެޖުތައް ލިބިފައިވާތަން ފެނުނެވެ. “ޔުދާއަށް ރޭގަ ވަރަށްލަހުން ގެއަށް އާދެވުނީ ގާތްގަނޑަކަށް އެކެއްޖަހަން އުޅެނިކޮށް….މިރޭވެސް އެބަޖެހޭ ގުރޫޕްވޯކެއް ހަދަންދާން” ލެޕްޓޮޕާ ކުޅެންއިން ނައިޝާއަށް ޔުދާ ބުނެލިއެވެ.
“ނައި އަތަށް ކިހިނެއްވެފަ؟” ފިހިފައިވާ ނައިޝާގެ އަތް ފެނުމުން ޔުދާ އަހާލިއެވެ. “އެއީ ރޭގަ ބެލްކަނިތެރޭގަ ހޮޓް ޗޮކުލެޓެއް ގިރައިގެން ބޯން ހުއްޓާ އަތުން ތަށި ދޫވެ ވެއްޓިގެން އޭގަހުރި ޗޮކުލެޓްފޮދެއް އަތަށް ގޮސްގެން” ހަގީގަތް ފޮރުވަމުން ނައިޝާ ބުނެލިއެވެ.ނައިޝާ ޔުދާއަށް ހަގީގަތް ކިޔައިނުދިނީ، ރޭގައިވި ކަމަކީ ހަގީގަތެއްކަމަށް ޚުދު ނައިޝާއަށްވެސް ގަބޫލުނުކުރެވޭތީއާއެކު، ބޭކާރުގޮތުގައި ޔުދާ ބިރުގަންނަވަން ބޭނުންނުވާތީއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





