މަޑު ހިނގުމުގައި ހިނގާލައިފައި އައި ނައިޝާ، ދޮރު ހުޅުވާލުމަށްފަހު ސިޓިންރޫމަށް ވަނެވެ.އޭނާގެ ފަހަތުން ޔުދާވެސް ވަނެވެ. “ނައި އޯކޭތަ؟” ކުއްލިއަކަށް ނައިޝާއަށް އައި ބަދަލާހުރެ ޔުދާ އަހާލިއެވެ. ”ހޫމް…އެކަމަކު އަދިވެސް ނައިގެ ބޮލުތެރޭގަވަނީ މިރޭ ފެނުނު މުސްކުޅި މީހާ…ހާދަ ގޮތަކަށްހުރި މީހެކޭ އެއީ…ބަލަންވެސް ހުރީ ވަރަށް ރުޅިވެރިގޮތަކަށް” ނައިޝާ ބުނެލިއެެެވެ.
“ތިވާނީ ނައިއަށް ހީވިގޮތެއް ކަމަށް…އެހެންނޫނަސް ކީއްވެގެން މީހަކު ނައިދެކެ ރުޅިއައިސްގެން ބަަލަންވީކީ؟”ޔުދާ އަހާލިއެވެ.”ނޭނގެ އެއްގޮތަކަށްވެސް” ނައިޝާ ބުނެލިއެވެ.
“ދެން އެކަމާ މާބޮޑަށް ނުވިސްނާ…މާގަދަޔަށް އެކަމާ ވިސްނަންޏާވެސް ހީވެދާނެ އެއީ އަސްލެއްކަމަށް” ޔުދާ ބުނެލިއެވެ.
“ވެދާނެ އެއީ ހީވިގޮތެއް ކަމަށްވެސް” ކޮޓަރިއާ ދިމާލަށް ދަމުން ނައިޝާ އެހެންބުނެލި ނަމަވެސް އޭނާއަށް އެއީ ހީވިގޮތެއް ނޫންކަން ޔަގީނެވެ.
***********
ކޮޓަރިއަށް ވަދެ ފެންވަރައިގެން ނިކުމެ އެނދުގައި ނައިޝާ ޖައްސާލިއެވެ.އަދިވެސް އޭނާގެ ބޮލުތެރޭގައި ހަރުލާފައި ވަނީ މިރޭ ފެނުނު ބިރުވެރި މީހާއެވެ.
އުށްޑުން އޮވުމަށްފަހު ވާތް ފަޅިއަށް ނައިޝާ އެނބުރިލިއެވެ.އެގޮތަށް ފަޅި ބަދަލުކުރަމުންދިޔަ ކަމުގައިވިޔަސް މިރޭ ނައިޝާގެ ލޮލަށް ނިދިއަންނަ ގޮތެއްނުވިއެވެ.އެއްކޮޅުން ފެނުނު ބިރުވެރި މީހާގެ ހަނދާން އާވާއިރު، އަނެއްކޮޅުން އަައްކިޔުންގެ މަތިންވެސް ނައިޝާއަށް ދިޔައީ ހަނދާން ކުރެވުމުންނެވެ.
ދެކޮޅަށް ފުރޮޅި ފުރޮޅި އޮތް ނައިޝާއަށް ނިދުނީ ވަރަށް ލަސްވި ފަހުންނެވެ.
*********
ހެނދުނު އަށެއްޖެހިއިރު ހޭލައިގެން ފިހާރައަށް އޮންލައިންވާން ނައިޝާ އުޅުނެވެ.އައްކިޔުންގެ ހަނދާންތަކުން އެއްފަރާތް ވެލުމަށްފަހު، އާދައިގެމަތިން ދުވަސްފެށުމަށް މިއަދު އޭނާ ހުރީ ހިތުލައިގެންނެވެ.
********
ވަގުތުތައް ހިނގަމުންގޮސް ރޭގަނޑު އަށެއްޖެހީއެވެ. ބެލްކަނިތެރޭގައި ބޭރަށް ބަލަން ނައިޝާ ހުއްޓެވެ.އޭނާގެ ދުވަސް މިއަދުފެށީ އައްކިޔުންގެ ހަނދާން ނުކުރުމަށް ހިތުލައިގެން ކަމުގައިވިޔަސް، އޭނާއަށް އައްކިޔުންގެ ޚިޔާލުތަކުން ދުރަކަށް ނުދެވުނެވެ.
ރޭގަނޑުވީ ވަރަކަށް އައްކިޔުންގެ ހަނދާން ނައިޝާއަށް އިތުރުވަމުން ދިޔައެވެ.ކުރިމަތިން ފެންނައޮތް ބީޗު ފެނި އެދެމީހުން އުޅުނު އުފާވެރި، ލޯބީގެ ދުވަސްތައް ނައިޝާގެ ލޯމައްޗަށް ސިފަވަމުންދާ ކަހަލައެވެ.
“ނައި….ޔުދާ މިދަނީ ގުރޫޕް ވޯކެއްހަދަން ކިޔާރާގެ ގެއަށް އިނގޭ” ނިކުންނަން ދޮރުގެތަޅުގައި ހިފާލަމުން، ބެލްކަނި ތެރޭގައި ހުރި ނައިޝާއަށް ޔުދާ ބުނެލިއެވެ.
ޔުދާ ވާހަކަދެއްްކި އަޑަށް، ޚިޔާލަށް ގެއްލިފައި ހުރި ނައިޝާ ސިހިގެންދިޔައެވެ.އަދި ޔުދާއަށް ބޯޖަހާލުމަށްފަހު، ސިޓިންރޫމުތެރެއަށް ނައިޝާ ވަނެވެ.
ޔުދާ ދިއުމުން ސޯފާގައި ނައިޝާ އިށީންދެލުމަށްފަހު ޓީވީ ހުޅުވާލިއެވެ.ފަހަރަކު ޗެނަލްއެއް ބަދަލުކުރަމުންދިޔަ ނައިޝާ ޓީވީ ނިއްވާލީ، އޭގެން ކަމުދާއެއްޗެއް ނުދައްކާތީއެވެ.
********
ކުޑައިރުކޮޅަކު ސޯފާގައި އިނދެލުމަށްފަހު، ހޮޓް ޗޮކްލެޓެއް ގިރާލައިގެން ބެލްކަންޏަށް އަނެއްކާވެސް ނައިޝާ ނިކުމެލިއެވެ.
ހޫނު ދުންއަރަމުން ދިޔަ ތަށްޓައް ފުމެލުމަށްފަހު، ކުޑަ ޗޮކުލެޓު ފޮދެއް ނައިޝާ ބޯލިއެވެ.
ވަގުތަކީ ވަރަށް ހަމަހިމޭން ވަގުތެެކެވެ.މީހެއްގެ އެއްްވެސް ހިލަމެއް އެވަގުތު މަގުމަތީގައިވެސް އަދި ކުރިމަތިން ފެންނަން އޮތް ބީޗުގަައިވެސް ނެތެވެ.
ބޭރަށް ބަލަންހުރެލުމަށްފަހު ދެވަނަ ކޯވަރު ބޯލަންވެގެން ނައިޝާ ތަށީގައި ތުންޖަހާލަން އުޅުނު ވަގުތު، ރުޅިވެރިކަމާއެކު ނައިޝާއާ ދިމާލަށް ބަލަހައްޓައިގެން ހުރި އައްކިޔުންގެ ބައްޕަ ފެނުނެވެ.
ކުއްލިގޮތަކަށް އޭނާ ފެނުމާއެކު ސިހިގެންގޮސް ނައިޝާގެ އަތުން ހޫނު ޗޮކުލެޓް ތަށި ދޫވެ ބެލްކަނިތެރެއަށް ވެއްޓި ތަޅައިގެންދިޔައެވެ.
ވެއްޓުނު ތަށީގައި ހުރީ ޗޮކުލެޓުތައް ބުރައިގެން ދިޔުމުގެ ސަބަބުން ނައިޝާގެ އަތަށްވެސް ހޫނު ޗޮކުލެޓު ފޮދެއް އެޅުނެވެ.އެހެންނަމަވެސް އެވަގުތު ހޫނުގެ އިހުސާސެއް ނައިޝާއަކަށް ނުކުރެވުނެވެ.އެއަށްވުރެ އޭނާ ގަނެފައިވާ ބިރު މާބޮޑެވެ.
ވެއްޓި ތަޅައިގެން ގޮސްފައިވާ ތަށްޓައް ބަލައިލުމަށްފަހު މަގުމައްޗާ ދިމާލަށް ނައިޝާ ބަލައިލީ ތެޅިތެޅި އޮތް ހިތަކާއެކުގައެވެ.
ރޭގައިވެސް ފެނުނު ގޮތަށް ކަޅު ދިގު ހެދުމުގައި ވަރަށް ބޮޑަށް ރުޅިއައިސްފައި އައްކިޔުންގެ ބައްޕަ އޭނާއާ ދިމާލަށް ބަލަން ހުރިތަން ނައިޝާއަށް ފެނުނެވެ.
ރެއަށްވުރެ މިރޭ އޭނާގެ ރުޅިގަދަަހެން ނައިޝާއަށް އިހުސާސް ކުރެވުނީ އޭނާ ލަމުން ދާ އަވަސް ނޭވާތަކުގެ ސަބަބުންނެވެ.އޭނާ ބަލަން ހުރިގޮތުން ހީވަނީ ހަމަ ދެންމެ ދެންމެ ނައިޝާއަށް ހަމަލާއެއް ދީފާނެހެންނެވެ.
ނައިޝާ ބަލައިލުމާއެކު ރުޅި މޫނު ހަދައިގެން ހުރި އައްކިޔުންގެ ބައްޕަ ދެލޯ ބޮޑުކޮށްލިއެވެ.އެމަންޒަރު ފެނުނު ނައިޝާ އަވަހަށް ކޮޓަރިއާ ދިމާލަށް ދުއްވައިގަތީ ބެލްކަނިތެރޭގަ ހުންނަން ނުކެރިގެންނެވެ.
********
އެނދުގައި އިން ނައިޝާވަނީ ނުތަނަވަސްވެ ބިރުގަނެފައެވެ.
ދުވަހަކުވެސް ދެކިފައިނުވާ މީހަކު އެހާ ރުޅިވެރި ގޮތަކަށް ނައިޝާއަށް ބަލަން ހުންނަނިކޮށް ދެރޭ ފެނުމުން، އޭނާއަށް އެކަމާ ދޭތެރޭގައި ވަރަށް ވިސްނުނެވެ.ދުވަހަކުވެސް މީހަކަށް ގޯނާއެއް ކޮށްފައި ނައިޝާ ނުވާނެއެވެ.ވީއިރު އެމީހާ އޭނާއާ ދިމާލަށް އެގޮތަށް ބަަލަންޖެހޭ ސަބަބެއް ނައިޝާއަކަށް ނުވިސްނުނެވެ.
އެނދުގައި ވިސްނަން އިން ނައިޝާއަށް އޭނާގެ ފިހިފައިވާ އަތް ފެނުމާއެކު ކުއްލިއަކަށް ތަދު އިހުސާސް ކުރެވެންފެށިއެވެ.އަތުން ދިލަ ނަގަން ފެށުމުން އެނދުން ތެދުވެ ފިހިފައިވާ ތަނުގައި ބޭސް ޖަހާލުމަށްފަހު، ބެލްކަނިތެރެ ސާފުކުރުމަށް ވަރަށް ހިތްވަރުކޮށްލާފައި، ނައިޝާ ކޮޓަރިން ނިކުތެވެ.
*********
މަޑު ފިޔަވަޅުތަކެއްގައި ހިނގާލައިފައި ގޮސް ނައިޝާ ބެލްކަންޏަށް ނިކުތެވެ.އަދި ބިރުންހުރެ ބޭރަށް ނަޒަރު ހިންގާލީ އެމީހާ އަދިވެސް އެތާ ހުރިތޯ ޔަގީންކޮށްލުމަށެވެ.ބޭރަށް ބަލައިލި ނައިޝާގެ ހިތަށް ހަމަޖެހުމެއް ލިބިގެންދިޔައީ އެމީހާ ފެންނަން ނެތުމުންނެވެ.ވަރަށް އަތްމަތި އަވަސްކޮށް ތެޅިފައިވާ ތަށީގެ ބިއްލޫރިތައް ނަގާ، ބެލްކަނިތެރެ ނައިޝާ ސާފުކޮށްލިއެވެ.
ބެލްކަނި ސާފުކުރުމަށްފަހު،ސިޓިންރޫމަށް ވަދެ ބެލްކަނީގެ ދޮރު ލައްޕާާލާ ދޮރުފޮތިގަނޑުވެސް ކަހާލުމަށްފަހު ކޮޓަރިއާ ދިމާލަށް ނައިޝާ ހިނގައިގަތެވެ.ކޮޓަރިއަށް ވަދެ ފެންވަރާލައިގެން ނިކުމެ އެނދުގައި ނައިޝާ ޖައްސާލީ، ވިސްނުމާއި ދުރުވެލުމަށާއި، ރޭގައި ރަނގަޅަށް ނުނިދޭތީއާއެކު، ނިދާލުމުގެ ބޭނުމުގައެވެ.
******
ރޭގަނޑު ދިހައެއްޖެހިއިރުވެސް ނައިޝާގެ ލޮލަކަށް ނިދިއަންނަގޮތެއް ނުވިއެވެ.ދެކޮޅަށް ފުރޮޅިފުރޮޅި އޮތް ނައިޝާ އެނދުން ތެދުވެ ސިޓިންރޫމަށް ހިނގައިގަތީ ވަރަށް ބޮޑަށް ކަރު ހިއްކައިގަނެގެންނެވެ.
ސިޓިންރޫމަށް ނިކުމެ ފައިވާންތައް އަޅާފައިވާ ހަރާ ދިމާލަށް ނައިޝާ ބަލައިލީ ޔުދާގެ ފައިވާން ފެންނަން ހުރިތޯއެވެ.ނަމަވެސް ޔުދާގެ ފައިވާން އެހަރުގައި ފެންނަން ނެތުމުން އަދިވެސް ޔުދާ ގެއަށް ނާންނަކަން ނައިޝާއަށް އެނގުނެވެ.
*******
ފުރިޖުން ފެންފުޅި ނެގުމަށްފަހު ފެންފޮދެއް ނައިޝާ ބޯލިއެވެ.އަދި ފެންފުޅި ފުރިޖަށް ލުމަށްފަހު ކޮޓަރިއަށްދާން އުޅުނު ވަގުތު ކުއްލިއަކަށް އަޑެއް ކިޔުމަށްފަހު ދޮރުފޮތިގަނޑު މައްޗަށް އުފުލުނެވެ.އެއަޑަށް ސިއްސައިގެން ދިޔަ ނައިޝާ ފުރިޖުގައި ޖެހިގަނެވުނެވެ.ވަޔެއްވެސް ނުޖެހޭ އެތާނގައި ވަޔާ އުފުލޭ ފަދައިން، ދޮރުފޮތިގަނޑު މައްޗަށް އުފުލިވާތަން ފެނި ނައިޝާ ބިރުގަތެވެ.އަދި ފައިގައި ހުރި ވަރެއް ލާފައި ކޮޓަރިއާ ދިމާލަށް އޭނާ ދުއްވައިގަތެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





