Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝުކުރިއްޔާ ***** (3)

DESTINY2020 Level 210 Stories
August 12, 2015 6 Mins Read
9 Comments

 

” އެހެން ވިއްޔާ.. އަޑު އަނހާ.. އަހަންނަކީ އަޙްޞަން ހީކުރާ ކަހަލަ ކުއްޖެއްނޫން.. އަހަރެންގެ މޫނުމަތިން ރީތިކަމާއި އުޖާލާކަން އިންތިހާޔަށް ފެނުނަސް……….” ނީނާއަށް ޖުމްލަ ފުރިހަމަޔެއްނުކުރެވުނެވެ. ނީނާއަށް ގިސްލާ ރޮވެންފެށުނީ އެހިސާބުންނެވެ.

” އެހާ އަވަހަށް މާޔޫސްވާކަށް ނުވާނެ. ދިރިއުޅުމުގައި ކޮންމެ އިންސާނަކަށްވެސް ފުރުޞަތެއް އޮންނާނެ. އެފުރުޞަތުގެ ބޭނުން އަދިވެސް ނުހާއަށް ހިފިދާނެ.” ހިތްވަރު ދިނުމުގެ ގޮތުން އަހަރެން ބުނީމެވެ.

ނީނާ ޖަވާބެއް ނުދިނެވެ. މަޑުމަޑުން ގިސްލަމުން ދިޔައެވެ. މޫދަށް ބަލަހައްޓައިގެން ނީނާ ގިސްލަމުން ދިޔަ ގޮތުން އަހަރެންވެސް ވަރަށް ދެރަވިއެވެ. އަހަރެން މަޑުމަޑުން ނީނާގެ މޫނަށް ބަލާލީމެވެ. އެކޯތާފަތްމަތިން ފައިބަމުން ދިޔަ ކަރުނަތައް އަހަންނަށް ވަރަށް ރީތިކޮށް ފެނުނެވެ. އެކަރުނަތައް އަހަންނަށް ފުހެދެވޭކަށް ނެތެވެ. ކިތަންމެހާ ބޭނުމަސްވެހެވެ.

” ދެން ނުރޮއި. އަދި ގޮތް ހުސްވެގެން އުޅޭކަށްނުވޭ.. ކެތްތެރިވޭ. ވެގެން އުޅޭގޮތެއް ބުނެދީބަލަ. އޭރުން ފަހަރުގަ.” އަހަންނަށް ބުނެވުނީ އެހިސާބަށެވެ.

ނީނާގެ އަތުން އަހަރެންގެ ވާހަކަ ހުއްޓާލަން އިޝާރާތްކުރިއެވެ. އަހަރެންގެ ވާހަކަ ހުއްޓާލީ އެހިސާބުންނެވެ. އެކަމު، ހިތުގައިވަނީ ސުވާލުތަކެކެވެ. އެހާ ރީތި އަންހެން ކުއްޖެއްގެ ޙަޔާތުގައި ކަރުނަ ވަނީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ދިރިއުޅުމުގެ ޞަފްޙާތައް އަހަރެންގެ ކުރިމަތީގައި ހުޅުވާލަން ފަސްޖެހެނީ ކީއްވެގެން ބާވައެވެ؟ އެޙަޔާތުގައި ވަނީ ކޮން ކަހަލަ ކަންތައްތަކެއް ހެއްޔެވެ؟ ރީތި ހުރިހާ ކުދިންގެ ޙަޔާތުގައި ވަނީ ކަރުނަހެއްޔެވެ؟ ރީތިވިއްޔާ ލިބޭ އަނިޔާތައް ގިނައީ ބާވައެވެ؟

” އަޙްޞަންއަކީ ވަރަށް ރަނގަޅު މީހެއްހެން ހީވަނީ. އެކަމަކު އަހަރެންގެ ޙަޔާތުގެ ވާހަކަ އަހަރެން ދައްކާނީވެސް ކިހިނެއް؟” ނީނާ ހިތްވަރު ލާފައި ވާހަކަ ދައްކަން ފެށިއެވެ.

” ކޮންމެވެސް ގޮތަކަށް ނީނާގެ ޙަޔާތުގެ ވާހަކަ އަހަންނަށް ކިޔައިދީބަލަ. އޭރުން ދެންވެސް ރަނގަޅުވާނީ. ބުނާތީ އަޑުއަހަން ދިރިއުޅުމުގައި ދިމާވާ ކަންތައްތައް އެހެން މީހުންނާއި ހިއްސާކުރުމަކީ އުފަލަކަށް ހަދާށޭ. ތިހެން ޙަޔާތުގައި ދިމާވާ ކަންތައްތައް ހިތު ތެރޭގައި ސިއްރުން ފޮރުވާފައި ބެހެއްޓުމުން، ފަހުން ހިތުގެ ބައްޔާއި މާޔޫސްކަން ކުރިމަތިވާނެ.” އަހަރެން ބުނީ އަހަންނަށް އިނގޭ ކަންތައްތަކުގެ ވާހަކައެވެ.
” ތީ ހަމަ ތެދެއް. އެކަމަކު، އަހަރެންގެ ޙަޔާތުގެ ވާހަކަ އަޑުއިވުމުން، އަހަންނާއި ދޭތެރޭ އަޙްޞަން ދެކޭގޮތް ބަދަލުނުވާނެޔޭ ހިތަށް އަރަނީ؟” ނީނާ މަޑުމަޑު ރާގެއްގައި އަނހާލިއެވެ.

” އަހަރެން ނީނާއާއިމެދު ނުބައި އެއްވެސް ނިޔަތެއްގައި ނުބަލަން. އަދި ނުވެސް ދެކޭނަން. ކުރިން ބުނިހެން އަހަރެންގެ ނިޔަތް ވަރަށް ސާފް.” އަހަރެން މަޑުމަޑުން ބުނެލީމެވެ.

” އަހަންނަކީ ވަރަށް ގިނަ މީހުންގެ ފަރާތުން އަނިޔާ ލިބިފައިވާ އަންހެން ކުއްޖެއް. އެހެން މީހަކަށް ދޭނެ އެއްވެސް އެއްޗެއް އަހަރެންގެ އަތަކުނެތް. މިހެން ބުނަން ވަރަށް ދެރަވެސްވޭ އެކަމަކު ޙަޤީޤަތްވާނީ ހަމަ ޙަޤީޤަތަށް.” ނީނާ މަޑުމަޑުން އޭނާގެ ޙަޔާތުގެ ޞަފްޙާތައް އަހަރެންގެ ކުރިމަތީގައި ހުޅުވާލަންފެށިއެވެ.

” ވަރަށް ނަޞީބުގަދަ އަންހެން ކުއްޖަކުނޫނީ، ތިނޫން ކުއްޖަކު ނޫޅޭނެ.” އަހަރެން ބުނީމެވެ.

” އެކަމަކު، އަހަންނަށް ދިމާވިގޮތް ދިމާވި އަންހެނަކު ވަރަށް މަދުން ނޫނީ ހުންނާނެހެނެއް ހީއެއް ނުވޭ.” ނީނާ ބުނެލިއެވެ.

” ދެން އަޅާނުލާ. ޢިއްފަތްތެރި އަންހެން ކުއްޖަކު މިޤައުމުން ލިބޭނީ ވަރަށް ނަޞީބުވެރިޔަކަށް. އަހަންނަކީ އެފަދަ މީހަކަށްވޭތޯ އަހަރެން އަބަދުވެސް ދުޢާކުރަން.” އަހަރެން ބުނީ އަހަރެން ބޭނުންވާ ވަރަށް ބޮޑު ކަމެއްގެ ވާހަކައެވެ.

” އެހެންވިއްޔާ އަހަންނަކީ އަޙްޞަންއާއި ވާހަކަ ދައްކަން ކުފޫ ހަމަވާ މީހެއްނޫން. އަހަރެން ދަނީ.” އެހެން ބުނުމަށްފަހު ނީނާ ގޮނޑިން ތެދުވިއެވެ.

” ނީނާ. އަދި މަޑުކޮށްބަލަ. އަދި ތިބުނީ ވާހަކައިގެ ޚުލާޞާއެއްނު. ނީނާގެ ވާހަކަ އަހަންނަށް ތަފްޞީލުކޮށް ކިޔައިދެވިދާނެތަ؟” އަހަރެން ވެސް ގޮނޑިން ތެދުވީމެވެ.

” މައްސަލައެއްނެތް.” ނީނާ ގޮނޑީގައި އިށީނުމަށްފަހު މަޑުމަޑުން ބުނެލިއެވެ.

” އަހަރެން ބޭނުމީ ތަންކޮޅެއް ހިތްގައިމު ތަނަކަށް ގޮސް އެވާހަކަތައް އަޑުއަހަން.” އަހަރެން އެހެން ބުނުމުން ނީނާ ކުޑަކޮށް ހީނލިއެވެ.

” ކިތަންމެ ހިތްހަމަޖެހޭ ތަނަކަށް ދެވުނަސް، އަހަންނަށް ހިތްހަމަޖެހުމެއް ނުލިބޭނެ.” ނީނާގެ ފޯން ރިންގް ވީ އެހިސާބުންނެވެ.

” އެގުޅަނީ ގެއިން. ދެން އަހަރެން ދަނީ.” ފޯނަށް ބަލާލަމުން ނީނާ ބުނެލިއެވެ.

” ދެން ކޮން އިރަކުން…” ނީނާ ތެދުވުމުން އަހަރެން ބުނީމެވެ.

” މިއޮތީ ނަންބަރު. އަޙްޞަން ވާހަކަ ދައްކަން ބޭނުންވީމަ ގުޅާލާ..” ނީނާގެ ފޯނުގައި ނަންބަރުޖެހުމަށްފަހު، އަހަންނަށް ދައްކާލަމުން ނީނާ ބުނެލިއެވެ.

” ޝުކުރިއްޔާ.” ފޯނަށް ނީނާގެ ނަންބަރު ނޯޓްކޮށްލަމުން އަހަރެން ބުނީމެވެ.

” ހަލޯ. މިދަނީ ގެއަށް.” ދެވަނަ ފަހަރަށް ނީނާގެ ފޯން ރިންގުވުމުން ނެގުމަށްފަހު، ނީނާ ބުނެލިއެވެ.

” އަހަރެން ދަންތަ ނީނާ ގެއަށްލާން؟” އަހަރެންވެސް މަޑުމަޑުން ގޮނޑިން ތެދުވީމެވެ.

” ނޫނޭ.. މައްސަލައެއްނެތް. އަޙްޞަންގެ ޢަމަލުން ޘާބިތު ކޮށްނުދިނަސް، ބަހުންވެސް އިނގޭ ތީ ވަރަށް ރަނގަޅު މީހެއްކަން. އަޙްޞަން
ލިބޭނީ ނަޞީބުވެރި އަންހެނަކަށް.” ނީނާ ބާރަށް ހިނގައިގަތީ އެހެން ބުނުމަށްފަހުގައެވެ.

” އޭ ދެން އާދެބަލަ ކޮފީއަކަށް.” ނަޖާ ދެވަނަ ފަހަރަށް ގުޅީ އަހަރެން ސައިކަލަށް އެރިތަނުންނެވެ.

” ކޮންތާކު ތިއިނީ؟” އަހަރެން އަވަހަށް ބުނީމެވެ.

” އާދެ ޑައިނަމޯއަށް.” ދުރަށްދާން ނުޖެހުނުކަން އެއީ ނަޞީބެކެވެ.

އަހަރެން ޑައިނަމޯ ތެރެއަށް ވަދެ ބަލާލީމެވެ. ނަޖާ އިނީ ތަންކޮޅެއް ދުރުގައި އިން މޭޒެއްގައެވެ. އަހަރެންގޮސް ނަޖާއިން މޭޒުކައިރީގައި އިށީނީމެވެ. ދެން ސަލާމަށް އަތްދިއްކޮށްލީމެވެ. ނަޖާ އަހަންނާއި ސަލާމްކުރިއެވެ. ކައިރީގައި އިނީ ނަޖާގެ ރައްޓެއްސެކެވެ. އޭނާއާއިވެސް އަހަރެން ސަލާމްކޮށްލީމެވެ. ދެން ބަލާލެވުނީ ޑައިނަމޯގެ ތެރެއަށެވެ. ޑައިނަމޯ ތެރޭގައިވަނީ މީހުންވަދެ ފުރި ބާރުވެފައެވެ. ހީވާ ގޮތުން، ގިނަ މީސްމީހުން ކާނީ މިފަދަ ތަންތަނުން ކަންނޭނގެއެވެ. ފަހަރުގައި އެމީސްމީހުންގެ ގޭގައި ރޭގަނޑު ނުކައްކަނީ ކަމަށްވެސް ވެދާނެއެވެ. ނޫނީ ހަމަ ރޭގަނޑު ސަބްމެރިންކާން ބޭނުންވާ މީހުން ގިނައީކަމަށްވެސް ވެދާނެއެެވެ. މުޅި ތަނަށް ބަލާލުމުން އަހަރެންގެ ހިތަށް ވެރިވަނީ އެފަދަ ޚިޔާލުތަކެކެވެ.

” ކޮންކަމަކާތަ މާވަރަކަށް ތިވިސްނަނީ؟” އަހަރެން އެއްޗެކެ ނުބުނެ އިނުމުން ނަޖާ އަނހާލިއެވެ.

” ދެން ދުނިޔޭގެ ދިރިއުޅުންދާގޮތުން ހަމަ ވިސްނެނީ.” މަޑުމަޑުން އަހަރެން ބުނީމެވެ.

” ދުނިޔޭގެ ދިރިއުޅުން ދަންނާށެވެ. އެއީ ހުވަފެނެކެވެ.” ރާގުލާފައި ނަޖާ ބުނެލިއެވެ.

” ތީ ހަމަ ތެދެއް.” އަހަރެން ބުނީމެވެ.

” އޭ ކޮން ބިޓެއް ގޮވައިގެން މިއޮތް ހުރިހާ އިރު ތިއިނީ؟” ނަޖާ އަނގާލިއެވެ.

” ނަޖާއަށް ފެނުނުތަ؟ އެއީ ރައްޓެއްސެއް؟” އަވަސް އަވަހަށް އަހަރެން ބުނީމެވެ.

” އެކަމަކު ހީވަނީ އެއަށްވުރެ އަޙްޞަންއާއި މާގާތްކުއްޖެންހެން އެއީ. ހާދައިރަކު ވާހަކަ ދައްކަން ތިހިރީ. އަނެއްކާ ކަމެއް ނިންމަނީތަ؟” ނަޖާ އަނހާލީ ކުއްލިއަކަށެވެ.

” ނޫނޭ. ދެން ހަމަ ވާހަކަ ދައްކާލަން ހުރީ. އަނެއްހެން މާ ބޮޑު ވާހަކައެއްނޫން މިދެއްކީ؟” ނީނާގެ އެއްވެސް ވާހަކައެއް އަދި ނަޖާގެ ގާތުގައި ދައްކާކަށް އަހަރެން ބޭނުމެއްނޫނެވެ.

” ދެން ބުނެބަލަ ކޮން ކުއްޖެއްތަ އެއީ؟” ނަޖާ އޮޅުން ފިލުވަން ބޭނުންވިއެވެ.

” ދެން އޭނަގެ ވާހަކަ ނުދައްކަބަލަ. މީހުން ނެތް ތާނގައި އެމީހުންގެ ވާހަކަ ނުދެއްކުން މާރަނގަޅުވާނެ. ދެން ނަޖާވެސް މީހަކާއި އިނދެބަލަ. އޭރުން ތަނަކުން ފެންނަހާ އަންހެން ކުއްޖަކަށް ކަޅި އެއްލާކަށް ނުޖެހޭނެއްނު.” އަހަރެން އެހެން ބުނުމުން ނަޖާ ކުޑަކޮށް ސީރިއަސްވިއެވެ.

” ތީވެސް ދޮގެއްނޫން. އެކަމަކު، ހިތަށް އަރަނީ ތިހެން ބުނާއިރު، އަޙްޞަން މީހަކާއި އިންނާނީ ކޮން ދުވަހަކުންބާވައޭ؟” އަހަންނަށް ބަލާލަމުން ނަޖާ ބުނެލިއެވެ.

” ވަގުތުޖެހުމުން ތިކަންވެސްވާނެ.” އަހަރެން މަޑުމަޑުން ބުނީމެވެ.

” ތިއެއް ނޫނޯ. ދެން ކޮން އިރަކުންތަ އޮފީހަށް ނުކުންނާނީ. އަޙްޞަން ނެތުނުން ވަރަށް ފޫހިވޭ. ކުރިން ބުނިހެން ވަރަށް ސަޅި ދެބިޓުން އެބައުޅޭ އައިސް.” ނަޖާ ފާޑަކަށް ހެމުން ބުނެލިއެވެ.

” ތީ އަހަރެން އުޅޭ ގޮތެއްނޫން. ނަޖާ އެމީހުންނާއިއެކު ސަކަރާތްޖަހާ. ދެން މިހެން އުޅެފަ، ވަރަށް އަވަހަށް އޮފީހަށް ނިކުންނާނަން.” އަހަރެން އެހެން ބުނީ ސަމާސައަކަށެވެ.

” ތިއެއް އެނގޭނެ އަހްޞަން އޮފީހަށް ދިއުމުން.” ނަޖާ ދިމާކޮށްލިއެވެ.

އަހަރެންގެ ފޯން ރިންގްވާން ފެށީ އެހިސާބުންނެވެ. ގުޅަނީ މަންމައެވެ. އަހަރެން ފޯން ނެގީމެވެ.

” ކޮން އިރަކުންތަ ގެއަށް އަންނަނީ؟” މަންމަ އަނހާލިއެވެ.

” މިހާރު މިދަނީ؟” އަހަރެން އަވަހަށް ބުނީމެވެ.

” ދާންޖެހުނީދޯ؟ އަހަންނަށް އިނގޭ އެކަން. ތީ އަދިވެސް ކުޑަކުއްޖެއްދޯ؟” ނަޖާ ދިމާކޮށްލިއެވެ.

” ނޫނޭ. މަންމަ އެގުޅީ. މިހާރު އެކެއްވެސް ޖަހަނީއެއްނު. މައިންބަފައިންނަށް ދަރިން ދުވަހަކުވެސް ބޮޑެއް ނުވާނޭ ބުނެއެއްނު. އެހެން އެވަނީ؟” އަހަރެން އެހެން ބުނެފައި ޑައިނަމޯއިން ނިކުންނަން ހިނގައިގަތީމެވެ.

ގެއަށް އައިއިރު، މަންމަ އިނީ ސިޓިންގ ރޫމުގައެވެ. އަދުހަމު އިނީ ކިޔަވާށެވެ. އަހަރެން ބަލާލީ ގަޑިއަށެވެ. އެއްގަޑި ބައިވަނީއެވެ. އަހަރެން ގެއަށް އައިސް ވަނުމުން މަންމަ ގަޑިއަށް ބަލާލުމަށްފަހު، އަހަންނާއި ދިމާލަށް ބަލާލިއެވެ.

” ލަސްވީތޯ އަޅުގަނޑު ގެއަށް އައިލެއް؟” އަހަރެން މަންމައަށް ބަލާލަމުން ބުނީމެވެ.

” މާބޮޑަށްވެސް ލަސްވެއްޖެ. މާލެތެރޭގައި މިހާރު މިހިނގާ ކަންތައްތަކަށް ބަލާއިރު، އެއްވެސް ކުއްޖަކު މާ ލަސްވަންދެން ބޭރުގައި އުޅުމަކީ މަންމަ ހިތްހަމަޖެހޭކަމެއްނޫން.” އަހަންނަށް ބަލާލަމުން މަޑުމަޑުން މަންމަ ބުނެލިއެވެ.

” ދެން ނުވާނެ މިހެނެއް މަންމާ. ކޮބާތޯ ބައްޕަ؟” ސިޓިންގ ރޫމުގެ ސޯފާގައި މަންމަގެ ކައިރީގައި އިށީންނަމުން އަހަރެންބުނީމެވެ.

” ދާދި ދެންމެއަކު ބައްޕަ ނިދަން އެވަނީ. ބައްޕަ އެނހި ދަރިފުޅުގެ ވާހަކަވެސް.” މަންމަ ބުނެލިއެވެ.

” އެހެންތަ؟” އަހަރެން ބުނީމެވެ.

” ދެން އަވަހަށް ގޮސްނިދާ.” މަންމަ މަޑުމަޑުން ބުނެލިއެވެ.

” އާދެ. މިދަނީ ނިދަން.” އަހަރެން މަޑުމަޑުން ބުނީމެވެ.

އަހަރެން އެހެން ބުނުމުން މަންމަ ސޯފާއިން ތެދުވެގެން ގޮސްވަނީ ކޮޓަރިއަށެވެ. އަހަރެން ގޮސް ކާގެއަށްވަދެ އައިސް އަލަމާރި ހުޅުވާލުމަށްފަހު، ފެން ފުޅިއެއްނެގީމެވެ. ދެން ތައްޓަކަށް ފެން އަޅައިގެން ފެންފޮދެއް ބޯލީމެވެ.

” އަދިވެސް ކޮއްކޮ ނުނިދަންތަ؟” އަދުހަމް ކާގެ ތެރެއަށް އައީ އަހަރެން ފެންބޯން ހުއްޓައެވެ.

” އަވަހަކަށްވެސް ނުނިދޭނެ މިރޭ. ވަރަށް ކިޔަވަން އެބަޖެހޭ.” އަދުހަމް އައިސް މަޑުމަޑުން ބުނެލިއެވެ.

” ތިހެން ނުނިދެ ހުރެ ކިޔެވުމުން އެއްވެސް އެއްޗެއް ބޮލަން ވަންނާނެބާ؟” މޭޒުކައިރީގައި އިން ގޮނޑި ދަމާލުމަށްފަހު، އިށީންނަމުން
އަހަރެން ބުނީމެވެ.

” މިހެން ކިޔެވުމުން އަހަންނަށް ވަރަށް އަވަހަށް ދަސްވޭ. ދެންނޭނގެ އެހެން ކުދިންގެ ގޮތެއް.” އަދުހަމް ބުނެލިއެވެ.

” އޯ.ކޭ ކޮއްކޯ ދެން ކިޔަވާ. އަހަރެން މިދަނީ ނިދަން.” ކޮޓަރިއާއި ދިމާލަށްދާން ހިނގައިގަންނަމުން އަހަރެން ބުނީމެވެ.

” ކޮބާ؟ ކިހިނެއްތަ އެއްކަލަ ކަންތައްތައްދަނީ؟” އަދުހަމު ބުނީ ނީނާގެ ވާހަކައެވެ.

އަހަރެން އަތުގެ ބޮޑު ވާ އިނގިލި ހިއްލާލުމަށްފަހު، ހުރިހާ ކަމެއް ރަނގަޅު ކަމުގެ ނިޝާން އަދުހަމްއަށް ދައްކާލީމެވެ. އަދުހަމުވެސް ހަމަ އެހެން ހަދާލިއެވެ. އަހަރެން ކޮޓަރިއަށް ވަނީ ދެނެވެ. ގޮސް އެނދުގައި ޖައްސާލީމެވެ. ދެން އަވަސް އަވަހަށް އެއްޗެހި ބަދަލުކޮށްލުމަށްފަހު، ނިދަން އެދަށް އެރީމެވެ. އެއަށްފަހު ނީނާއަށް ގުޅާލީމެވެ. އަހަރެން ފުރަތަމަ ގުޅުމުން ނީނާ ފޯން ބިޒީކޮށްލިއެވެ. ދެން ގުޅީއިރު، ނީނާގެ ފޯން ބިޒީއެވެ. އަހަރެން ވިހި މިނިޓް ތެރޭގައި ދިހަވަރަކަށް ފަހަރު ނީނާގެ ފޯނަށް ގުޅީމެވެ. ނަމަވެސް، ނީނާގެ ފޯން އެންގޭޖެވެ. އެހެންވެ، އިތުރަށް ނީނާއަށް އުދަނގޫނުކޮށް، އަހަރެން ނިދީމެވެ.

އަހަންނަށް ހޭލެވުނީ ފޯން ރިންގް ވާ އަޑަށެވެ. އޭރު ގަޑިން ހަތަރު ގަޑި ބައިވަނީއެވެ.

” އައްސަލާމް ޢަލައިކުމް. ދެން ތެދުވޭ. މިހާރު ފަތިސް ނަމާދަށް ގޮވަން ކައިރިވަނީ؟” ފޯން ނެގުމުން ފުރަތަމަވެސް އަހަރެންގެ ކަންފަތު ޖެހުނީ ކުޑަކޮށް ދަންނަ އަޑެކެވެ.

” ތީ ކާކުބާ؟” ތާއްޔައި ޖެހެމުން އަހަރެން އަނހާލީމެވެ.

” ހަނދާނެއްވެސްނެތްދޯ.. މީ ނީނާ؟” ލުއި ހިނިތުންވުމަކާއިއެކު ނީނާ ޖަވާބުދިނެވެ.

” ނޭނގޭނެއްނު. ކިހިނެއްތަ ނީނާއަށް އަހަރެންގެ ނަންބަރު ލިބުނީ؟” އަހަރެން އަނހާލީމެވެ.

” ރޭގަ ވަރަށް ގުޅީމެއްނު. ވަރަށް ފަހުން ނެގި ނަންބަރެއްމީ. އެހެންވެ، އެގުނީ އަޙްޞަންކަން ގުޅީ މިނަންބަރުން. އޭރު ވަރަށް މުހިއްމު ވާހަކައެއްގަ ހުރީމަ ޖަވާބު ނުދެވުނީ. ސޮރީ އިނގޭ.” ނީނާ ވަރަށް ރީތިކޮށް ވާހަކަ ދެއްކިއެވެ.

” އެއީ މައްސަލައެއްނޫން. ދެން ފޯން ބާއްވަނީ. ފަހުން ގުޅާނަން އިނގޭ..” އަހަރެން ފޯން ބޭއްވީ އެހެން ބުނުމަށްފަހުގައެވެ.

ފަތިސް ނަމާދަށް ދާން ނިކުތް އިރުވެސް އަދުހަމް އިނީ ކިޔަވާށެވެ. އަހަރެން ނަމާދަށް ދާން ނިކުތީ އަދުހަމުވެސް ގޮވައިގެންނެވެ. އަހަރެން ގެންދިޔަސް، ނުގެންދިޔަސް އަދުހަމް އަމިއްލައަށްވެސް ނަމާދަށް ދާނެއެވެ. ގެއާއި އެންމެ ކައިރި މިސްކިތަށް ދިޔައިރު އަދި ނަމާދު ކުރާކަށް ނުފަށައެވެ. އަހަރެން ވަރަށް އުފާވިއެވެ. ޖަމާޢަތުގެ ނަމާދު ނުލިބޭ ކޮންމެ ދުވަހަކު ނުތަނަވަސްކަމެއް ހުރެއެވެ. ޖަމާޢަތުގައި ނަމާދުކުރުމަކީ އަހަރެން ވަރަށް ސަމާލުކަން ދޭކަމެކެވެ.

ނަމާދުން ފައިބައިގެން ގެއަށް އައިސް އަހަރެން ކުޑަކޮށް ނިދަން ޖައްސާލީމެވެ. ދެން ވިސްނާލެވުނީ ނީނާއަށެވެ. ނީނާއަކީ ރީތި ކުއްޖެކެވެ. ދެރެއަކު ނީނާއާއި އަހަންނާއި ދިމާވެއްޖެއެވެ. ދުވަހަކުވެސް، މިހާތަނަށް އެއްވެސް އަންހެން ކުއްޖަކާއި ދޭތެރޭ ނުވިސްނާ ވަރަށް އަހަންނަށް ނީނާއާއި ދޭތެރޭ ވިސްނަން ފެށިއްޖެއެވެ. އަހަރެންގެ ހިތުގައި ނީނާގެ ނަން ފެވިއްޖެއެވެ.

ތެދެކެވެ. އިންސާނާގެ ހިތަށް ގިނައިން އަރާނީ އެމީހަކު އެންމެ ގަޔާވާ މީހުންގެ ނަމެވެ. ހަނދާނަށް އަންނާނީ އެންމެ ލޯބިވާ މީހާގެ ތަޞްވީރެވެ. ދެކޭހިތްވާނީ ހިތްއެދި ގޮވާ މީހުންގެ ތަޞްވީރެވެ. ބައްދަލުކުރާ ހިތްވާނީ ހިތްކިޔާ މީހުންނާއެވެ. ނޭނގި ނަމަވެސް، އަހަންނަށް މިވަނީ މިހެންނެވެ.

ޢުމުރުން ފަންސަވީސް އަހަރުވީއެވެ. މިފަދަ އިޙްޞާޞެއް އަހަންނަށް ކުރިން ނުކުރެވެއެވެ. ކީއްވެގެން ބާވައޭވެސް ހިތަށް އަރައެވެ. ތެދެކެވެ. ސުކޫލު ދައުރުގައި ލޯބީގެ ގޮތުން އަންހެން ކުއްޖަކާއި ގުޅުނީމެވެ. ނަޞީބުދިމާކުރި ގޮތުން އެކަން އަހަންނަށް ނުވީއެވެ. މިއަދު އެކަމާއި ޝަކުވާއެއް ނުކުރަމެވެ. ކުރާކަށް ނުވެސްވާނެއެވެ. އަނެއްކޮޅުން، އެކަން ނުވިކަންއެއީ ހަމަ އަހަރެންގެ ނަޞީބެވެ.

މިއަދު އެމާޒީގެ ވާހަކަ ދައްކާނެ ކަމެއް ނެތެވެ. ދިރިއުޅުމުގައި ހުރިހާ މޮޅެއް ނުވާނެއެވެ. ތިމާއަށް ލިބެންހުރި ހުރިހާ އެއްޗެއް ލިބޭނެއެވެ. ލިބެންނެތް އެއްވެސް އެއްޗެއް ނުލިބޭނެއެވެ. އެކަން އަހަރެން ވަރަށް ރަނގަޅަށް ޤަބޫލުކުރަމެވެ. އަހަރެންގެ ޢަޒުމު ވަރުގަދަވެފައި އުންމީދު ފޮނިވާނެއެވެ. ކަމެއް ޙާޞިލުކުރުމަށް މަސައްކަތްކުރާނީ އެކަމެއް ނުވީމަ، ވާނެ ދެރަވެސް ހިތަށް އަރުވައިގެން ހުރެއެވެ.

އަހަރެން ގެއަށް އައިސް ވިސްނާލީމެވެ. ނަޖާ އެބުނީ ތެދެކެވެ. ދިރިއުޅުމުގައި ކުރިމަތިލާންޖެހޭނީ ކެރިގެންނެވެ. ނޫނީ އެއްގޮތަކަށްވެސް ކުރިމަތި ނުލާނީއެވެ. އަހަރެންވެސް ކަންތައްތައް ކުރާނީ އެހެންނެވެ. ނީނާއާއި ހަމަޖެހިގެން ބައްދަލުކުރާނީއެވެ. އަހަރެންގެ ހިތުގައި ނީނާއަށްޓަކައި އުފެދިފައިވާ ހުރިހާ އިޙްޞާސްތަކެއް ނީނާއަށް ހާމަކޮށްލަދޭނަމެވެ. އަހަރެންގެ ހިތުގެ އުދާސް ނީނާއަށް ވަރަށް ފުރިހަމަޔަށް ބަޔާންކޮށްލަދޭނަމެވެ. ނީނާ ބުނާނެ އެއްޗެއް އެނގޭނީ އޭރުން ތާއެވެ. ނޫނެކޭވެސް ބުނެދާނެއެވެ. އެހެން ބުނެދާނެކަމަށް، ހިތުގެ އެދުން ހާމަ ނުކޮށް އަހަންނެއް ނުހުންނާނަމެވެ. އަހަންނަކީ ފިނޑިއެއް ނޫނެވެ. ނޫނެކޭ ބުނެދާނެކަމަށް، ލޯބިހުށަހަޅަން ނުކެރިގެން ވަރަށް ރަނގަޅު އަންހެން ކުދިން ބައެއް މީހުންނަށް ގެއްލިފައިވާކަން އަހަންނަށް އިނގެއެވެ.
” ނީނާ. މިރޭ މިދިމާކޮށްލީ ވަރަށް ބޮޑު ވާހަކައެއް ބުނަން.” އޭރު އަހަންނާއި ނީނާ ތިބީ ސަލްސާ 205 ގައެވެ.
” ބުނެބަލަ. މައްސަލައެއްނެތް.” ނީނާ މަޑުމަޑުން ބުނެލިއެވެ.
” އަހަރެންގެ ދަޢުވަތު ޤަބޫލުކޮށް މިރޭ މިތަނަށް އައިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ.” އަހަރެން ބުނީމެވެ.
” އެއީތަ ބޮޑު ވާހަކަޔަކީ؟” ނީނާ ލުއި ހިނިތުންވުމަކާއިއެކު އަނހާލިއެވެ.
” ނޫނޭ. އެހެން ވާހަކައެއް؟ އެވާހަކަޔަކީ..” އެހެން ކިޔާ އަހަރެން ބަހަށް ދަމާލީމެވެ.
” އެވާހަކަޔަކީ ކީކޭ؟” ނީނާ އަނހާލިއެވެ.
” އެވާހަކަޔަކީ..” އަހަރެންގެ ބޭނުމަކީ ނީނާ ޝައުޤްވެރިކުރުވުމެވެ.
” ދެން ބުނެބަލަ.” ނީނާ ބޭނުންވީ އަހަރެން ބުނަނީ ކީކޭތޯ އަޑު އަނހާށެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ހިތަކުން ނުފިލާނެ 33

Next

އިންތިޒާރު 44

Next
August 12, 2015

އިންތިޒާރު 44

Previews
August 12, 2015

ހިތަކުން ނުފިލާނެ 33

9 Comments!

  1. jenny says:
    August 12, 2015 at 10:59 pm

    Nice

  2. Shabee says:
    August 12, 2015 at 11:08 pm

    Wow vrh reethi 😀

  3. nish says:
    August 12, 2015 at 11:30 pm

    dhen ok

  4. mizu says:
    August 13, 2015 at 12:35 am

    Dhn faadakah ok

  5. marii says:
    August 13, 2015 at 1:21 am

    Nice

  6. nihaa says:
    August 13, 2015 at 5:56 am

    Guudd

  7. uma says:
    August 13, 2015 at 6:22 pm

    ‘madu madun’ mi bas varah ginanin beynun kuraa kan faahaga kurevey

  8. ken? says:
    August 13, 2015 at 7:26 pm

    Hhhmmm dn ok …ekam adhives vaahaka ah kuri eeumei nulibey….3 part ga ves hama same gothakah kanthah vanee…hope next part will b interesting…?

  9. asippey rasgefaan says:
    September 1, 2015 at 3:22 am

    Varah salhi. ,

Comments are closed.

Next Episodeޝުކުރިއްޔާ ***** (4)←


All Right Reserved!