ޝުކުރިއްޔާ ***** (4)
” އެވާހަކަޔަކީ..” އަހަރެންގެ ބޭނުމަކީ ނީނާ ޝައުޤްވެރިކުރުވުމެވެ.
” ދެން ބުނެބަލަ.” ނީނާ ބޭނުންވީ އަހަރެން ބުނަނީ ކީކޭތޯ އަޑު އަނހާށެވެ.
” އެވާހަކަޔަކީ އަހަރެންގެ ހިތުގައި ނީނާއަށް ލޯބި އުފެދިއްޖެ. އަހަރެންނަށް ނޭނގިނަމަވެސް، ނީނާދެކެ ލޯބި ވެވިއްޖެ. ނިނާ ލޯބިވޭތަ އަހަރެން ދެކެ؟” ނީނާގެ ލޮލަށް ބަލަހައްޓައިގެން ހުރި އަހަރެން ބުނީމެވެ.
” ތިކަމާއި އަހަރެން ބުނާނީ ދެން ކީކޭ؟ ކުއްލިއަކަށް ޖަވާބެއް ނުދެވޭނެ. އަހަންނަށް ވަގުތު ކޮޅެއް ބޭނުންވާނެ.” އިސްދަށަށް ޖަހާލަމުން ނީނާ ބުނެލިއެވެ.
” މައްސަލައެއްނެތް. ޙަޔާތުގެ ނިންމުންތައް ނިންމާއިރު، ވަގުތު ބޭނުންވާނެ. ނީނާއަށް ބޭނުންވާވަރަށް ވަގުތު ދީފިން. އެކަމަކު އިންތިޒާރު އެހާ ދިގު ނުކުރައްޗޭ.” ކުޑަކޮށް ހީނލަމުން އަހަރެން ބުނީމެވެ.
” އިންތިޒާރު ކުރުމަކީ އަޙްޞަންގެ އަމިއްލަ ކަމެއް. އަހަރެން ވިސްނާލާފަ ޖަވާބެއް ދޭނަން.” ނީނާ ބުނީ ދޮގެއް ނޫނެވެ.
” ދެން ބުނެބަލަ. ކޮބާތަ ނީނާގެ ދިރިއުޅުމުގައި ޖެހިގެން އުޅޭ މައްސަލައަކީ؟ އަދިވެސް އެވާހަކައެއް ކިޔައެއް ނުދެމެއްނު. ދެން މިރޭ ކިޔައިދޭންވީނު.” އަހަރެން އެންމެ އަޑުއަހަން ބޭނުންވަނީ ނީނާގެ ޙަޔާތުގެ ވާހަކައެވެ.
” ލޯބިވާ މީހަކު މާޒީ ކޮންނާކަށް ނޫޅޭނެހެން އަހަންނަށް ހީވަނީ. ލޯބިވަންޏާ ވާނީ، ތެދުވެރި ވަފާތެރި ލޯބި. އިޙްލާޞްތެރިކަމާއި، އޯގާވެރިކަމާއިއެކު އެލޯބި ދޭންޖެހޭނީ. ނޫނީ ޙަޔާތް ބާއްޖަވެރިއެއްނުވާނެ. އެއީ އަހަރެންގެ ތަޖުރިބާ.” ނީނާ އަސަރު އެކުލެވިގެންވާ ރާގެއްގައި ބުނީމެވެ.
” ތިބުނީ ވަރަށް ބޮޑު ތެދެއް. އެކަމަކު، އެސުވާލު ތަކުރާރުކޮށް ކުރަންޖެހުނީ ނީނާގެ މޫނުމަތިން ހިނިތުންވުމުގެ އަސަރު ނުފެންނާތީ. އަހަންނަށް އަބަދުވެސް ނީނާގެ މޫނުމަތިން ފެންނަނީ، ހިތާމަޔާއި ހިތްދަތިކަމާއި މާޔޫސްކަން. އެކަން ފިލުވާލަން އަހަރެން ބޭނުން.” އަހަރެންގެ ހިތުގެ އަޑިން ބުނެލީމެވެ.
” އަހަންނަށް ތިކަން ވަރަށް ރަނގަޅަށް އިނގޭ. އަޙްޞަންގެ ރަނގަޅުކަމަށް އަބަދުވެސް ޝުކުރުކުރަން. އަހަރެންވެސް އަޙްޞަންއާއި ގަޔާއި ވާން ޖެހުނީ އެހެންވެގެން. އެހެން މީހުންނާއި ތަފާތު ގޮތެއް އަޙްޞަންގެ ހުރުމުން. ދެން ހިނގާ ދަމާ. މިހާރު މާލަސްވަނީ.” ނީނާ އަވަސް އަވަހަށް ބުނެލިއެވެ.
” ތެދެއް ތިބުނީ ހިނގާ ދަމާ. ލަސްނުކޮށް އަހަންނަށް ޖަވާބެއް ދޭތި.” ސަލްސާއިން ނިކުންނަން ހިނގައިގަންނަމުން އަހަރެން ބުނީމެވެ.
” ދެން ކުރިން ވީހާ ލަހެއް ނުވާނެ.” ނީނާ ބުނެލިއެވެ.
އަހަންނާއި ނީނާ މަޑުމަޑުން ސަލްސާއިން ނިކުތީމެވެ. ނީނާ ސަލްސާގެ ބޭރުގައި މަޑުކޮށްލިއެވެ. އަހަރެންވެސް ނީނާ މަޑުކުރުމުން ސަލްސާ ކުރިމަތީގައި މަޑުކޮށްލީމެވެ. އަހަންނަށް ގެއަށް ދެވޭނީ ނީނާ ހިނގައިގަތުމުންނެވެ.
ކުއްލިއަކަށް ނަޖާއައިސް ސައިކަލްގައި މަޑުކޮށްލީ ސަލްސާގެ ކުރިމައްޗަށެވެ. އަހަންނަށް ނަޖާއައިކަން އެނގުނީ އައިސް މަޑުކޮށްލުމުންނެވެ.
” މީތަ އެކުއްޖަކީ؟ ހާދަ ލޯތްބޭ؟” އެއްފަހަރު އަހަންނަށް ދެން ނީނާ އަށް ބަލާލާމުން ނަޖާ ބުނެލިއެވެ.
” ނޫނޭ. ނޫނޭ. މީ ގާތް ރައްޓެއްސެއް.” އަހަރެން ބުނީމެވެ.
” ތިދެން ހުރިހާ މީހުންވެސް ބުނާއެތިދޯ. ފުރަތަމަ ވާނީ ރައްޓެއްސަކަށް. ދެން ވާނީ އަނބި ނުވަތަ ފިރިމީހާޔަށް. ތިހާ ސިއްރުން އުޅުނަސް، އިނީމަ އިނގޭނެދޯ.” ނަޖާ ދިމާކޮށްލިއެވެ.
” ނޫނޭ. ނަޖާއަށް ސިއްރުން އެއްވެސް ކަމެއް ނުކުރެވޭނެދޯ. އެއް އޮފީހެއްގަ މިއުޅެނީ. އަނެއްކޮޅުން ކަމެއް ސިއްރުކޮށްގެން ވާނީ ކޮން ފައިދާއެއް.” އަހަރެން ބުނީމެވެ. ނީނާ ހިގައިގަތީ އެހިސާބުންނެވެ.
” އޯ.ކޭ ނަޖާ. ދެން އަހަރެން ގެއަށް ދަނީ.” ސައިކަލާއި ދިމާލަށް ހިނގައިގަންނަމުން އަހަރެން ބުނީމެވެ.
އަނެއް ދުވަހު އޮފީހަށް ނުކުތްއިރު، އޮފީސް ވަނީ ކުޑަކޮށް ބަދަލުވެފައެވެ. ވޯލްޑްކަޕަށް އޮފީހަށް އާޓީވީއެއް ގެނެސް، މުޅިތަންވަނީ ޒީނަތްތެރިކޮށްފައެވެ. ކުޅިވަރަށް އޮފީހު މީހުން ހުންނަ ޝައުޤްވެރިކަމެއްތާއެވެ. އަހަރެން ގާތަށް ކުޑަކޮށް ހިނިވެސް އައެވެ. އަހަންނަކީ އެހާ ކުޅިވަރުގެ މީހެއް ނޫނެވެ. މާކުޅިވަރު ވެގެން އަހަންނަކަށް ނޫޅެވޭނެއެވެ. އެއީ އަހަރެންގެ ގޮތެއް ނޫނެވެ.
” ވެލްކަމް ބެކް.” ނަޖާ އަހަރެންގެ މޭޒުކައިރިއަށް އައިސް ބުނެލިއެވެ.
” ޝުކުރިއްޔާ.” ކުރު ޖަވާބަކުން އަހަރެން ބުނީމެވެ.
” އޭ. އާދެކުދިންނާއި ދިމާވިތަ؟ ވާހަކަ ދެއްކިންތަ؟” ނަޖާ ވާހަކަ ދައްކަން ފެށިއެވެ.
” އަހަންނަށް އަދި ނުވެސް ފެނޭ ތިބުނާ ދެކުދިން. އަނެއްކޮޅުން، އެއީ މާ މުޙިއްމު ބައެއްނޫން.” އަހަރެން ފަރުވާކުޑަގޮތަކަށް ބުނީމެވެ.
” އެއޮތް އަންނަނީ ދޮރާއި ދިމާލަށް ބަލާލަބަލަ. ކުރިން އެއަންނަނީ ރޫޔާ. ދެން އެއިނީ ޔާނާ.” ރޫޔާއާއި ޔާނާ އޮފީސް ދޮރުން ވަންނަތަން ފެނުމުން އަހަންނަށް ނަޖާ ދައްކާލިއެވެ.
” ކަމަކުނުދޭ.” ކުއްލިއަކަށް އަހަރެން ބުނީމެވެ.
” އެހެންތަ؟ ތީ ކުއްލިއަކަށް ބުނި އެއްޗެއްދޯ. އަހަންނަށް ރީއްޗީ ޔާނާ. އަޙްޞަންއަށް ރީތިވާނެ ކުއްޖެއް ނޭނގޭ. ދެން ދަނީ.” ނަޖާ އެހެން ބުނުމަށް ފަހު ދިޔައީއެވެ.
އަހަރެން މަޑުމަޑުން އޮފީހުގެ މަސައްކަތްތައް ކުރަމުން ދިޔައީމެވެ. ތިރީސް ދުވަހަށްފަހު، އޮފީހަށް ނުކުތްއިރު، ބައެއް މަސައްކަތްތައް ހުރީ ފުނިޖެހިފައެވެ. ދުވަހުގެ މަސައްކަތްތައް ނިންމަން ގަދަ އަޅާ މަސައްކަތްކުރަންޖެހޭނެއެވެ. ނޫނީ، އިތުރަށް މަސައްކަތް ފުނިޖެހޭނީއެވެ. އެހެން ވެއްޖެއްޔާ، އިތުރު ވަގުތު ގެއްލޭނެއެވެ.
” ހިނގާ ސަޔަށްދާން.” ރޫޔާ އައިސް ކުއްލިއަކަށް ބުނެލިއެވެ.
” ނޫނޭ. ސައިބޮއެގެން މިއައީ.” އަހަރެން ސަޔަށް ދާކަށް ބޭނުމެއްނޫނެވެ.
” ސައި ނުބުޔަސް އޯ.ކޭ. އަހަރެމެން ގާތު ސައިބުއި ނިމެންދެން އިންނާނީ. ދެން ހިނގާބަލަ.” ތަންކޮޅެއް ތުއިކޮށް ޔާނާ ބުނެލިއެވެ.
” ދެން ދޭބަލަ.” ތަންކޮޅެއް ދުރުގައި ހުރި މޭޒުގައި ހުރި ނަޖާ ބާރަށް ބުނެލިއެވެ.
” ތިޖެހުނީ ދެން ދާން.” މަސައްކަތްތައް މެދު ކަނޑާލުމަށްފަހު، ގޮނޑިން ތެދުވަމުން އަހަރެން ބުނީމެވެ.
އަހަންނާއި ޔާނާއާއި ރޫޔާ ސަޔައި ދިޔައީ އޮފީސް ކައިރިގާއި އިންނަ ކެފޭއަކަށެވެ. ނަޞީބަކުން އެތަނުގައި އޭރު މީހުން ތަންކޮޅެއް މަދެވެ. އަހަރެން ގޮސް ހުސްމޭޒެއްގެ ކައިރީގައި އިށީނީމެވެ. ރޫޔާމެން ދިޔަގޮތަށް ދިޔައީ އެތަނުގައި ހުރި ބުފޭއިން ކާބޯތަކެތި ނަގާށެވެ. އަހަރެން އެކަނި އެމީހުން އަންނަން ދެން މަޑުކޮށްލީމެވެ.
” ނީނާ. ޖަވާބު ދޭންތަ ތިގުޅީ؟” ނީނާ ފޯން ކުރުމުން އަހަރެން އަނހާލީމެވެ.
” ނޫނޭ. ހަމަ ފޫހިވެގެން ގުޅާލީ. ކީއްތަ ތިކުރަނީ؟” އާދައިގެ ރާގެއްގައި ނީނާ ސުވާލުކޮށްލިއެވެ.
” އޮފީސް ކުދިން ސައިދޭތީ ސައިބޯން މިއައީ. އާދެ ސައިބޯން.” އަހަރެން ކުޑަކޮށް ހީނލަމުން ބުނީމެވެ.
” ނޫނޭ. މިހާރު ކިތައްމެ އިރެއް އަހަރެން ސައިބުއިތަން. މާގިނައިން ކާކަށް ނުވާނެ. އޭރުން ފަލަވާނެ.” ސަމާސާ ރާގެއްގައި ނީނާ ބުނެލިއެވެ.
” އެހެންތަ؟ އެކަމަކު، ފަލަވަނިއްޔޭ ކިޔާފައި ނުކައި ނުހުންނައްޗޭ. އޭރުން އަހަރެން ވަރަށް ދެރަވާނެ.” ނީނާއަށް ދެރަގޮތެއް ވުމަކަށް އަހަރެންގެ ހިތެއް ނޭދޭނެއެވެ.
” ހަމަ އަސްލުވެސްތަ؟ ހަމަ އެހާ ހެޔޮއެދެންދޯ. އެކަން އަހަންނަށް އިނގޭ. ހިތަށް އަރަނީ ކީއްވެގެން ބާވައޭ އަހަންނަށް އަޙްޞަން އާއި ދިމާމިވީ.” ނީނާ ސީރިއަސް ރާގެއްގައި ބުނެލިއެވެ.
” އަޙްޞަން ނުގެންނާނަންތަ އެއްވެސް އެއްޗެއް؟” ރޫޔާ އައިސް މޭޒުކައިރީގައި އިށީނީ އެވަގުތުގައެވެ.
” ދެން މިވަގުތު ބޭނުމެއްނޫން. ފަހުން.” އަހަރެން ރޫޔާއަށް ބުނީމެވެ.
” ސޮރީ. މާވަރުގަދަ ފޯނެއްގަ ދޯ.” އިށީންނަމުން ރޫޔާ ބުނެލިއެވެ.
” ނީނާ. ކުޑައިރުކޮޅެއް ފަހުން ގުޅާނަން އިނގޭ.” އެހެން ބުނުމަށްފަހު އަހަރެން ފޯން ބޭއްވީމެވެ.
” އެއީ އަނެއްކާ ބިޓެއްތަ ނޫނީ ސީރިއަސްތަ؟” ޔާނާ އިށީންނަމުން އަނހާލިއެވެ.
” ދެން އެކަހަލަ ކަމެއްދޯ.” އަހަރެން ގަޔާނުވާގޮތަށް ބުނީމެވެ.
” ހާދަ ގަޔާ ނުވާގޮތަކަށް. ތީ ތި ފިރިހެނުން އުޅޭގޮތަކީ ދޯ. ހަމަ ނަންބަރެއް ލިބޭއިރަށް ގުޅާނެ. ދެން ބޮލަށް އެރިގެން އިންނާނީ. ދެން ކުއްޖަކު ލިބުމުން ވަރިކުރާނީ.” ރޫޔާ ފަތިވަރުދަމާލިއެވެ.
” ނޫނޭ. ތީ އަހަރެންގެ ދިރިއުޅުމުގެ ފަލްސަލާއެއްނޫން. އަހަރެން އެހެން މީހުންނާއި ތަފާތު ވާނެ.” އަޑަށް ބާރުލަމުން އަހަރެން ބުނީމެވެ.
” ތިއެއްވެސް ދެން އެނގިދާނެތާ؟ އަހަރެމެން ބަލަންތިބޭނަން.” ކޯން ފްލޭކްސް ތައްޓަށް ކިރު އަޅަމުން ޔާނާ ހެމުން ބުނެލިއެވެ.
” ރަނގަޅު ގަޑިއެއްގަދޯ މިއާދެވުނީ.” ނަޖާ އައީ އެހިސާބުންނެވެ.
” ނަޖާ. އިށީނދޭ.” ނަޖާއައުމާއިއެކު، ޔާނާއާއި ރޫޔާ އެއް ފަހަރާ ކަހަލަ ގޮތަކަށް ބުނެލިއެވެ.
” އޯ.ކޭ. އަނެއްކާ މާ އޮލަ ވާހަކައެއްގައިތަ؟ ކޮން މަޢުޟޫއަކަށް ތި ބަހުޘްކުރަނީ؟” ވާހަކައިގެ ތެރެއަށް ވަންނަން ނަޖާ ބޭނުންވިއެވެ.
” މިދައްކަނީ ފިރިހެނުންގެ ބޭވަފާތެރިކަމުގެ ވާހަކަ.” ޖޫސް ތަށިން ކޯވަރެއް ބޯލަމުން ރޫޔާ ބުނެލިއެވެ.
” ތީ ރަނގަޅު މަޢުޟޫއެއް. އެކަމަކު އަދި ސަޅިވާނެ އަންހެނުންގެ ބޭވަފާތެރިކަންވެސް އިތުރު ކޮށްލުމުން. ދޯ އަޙްޞަން.” އަހަންނަށް ދޯ ދެމުން ނަޖާ ބުނެލިއެވެ.
” ދެން ތިހެން ވެސް ވެދާނެ. އެކަމަކު، ހުރިހާ މީހުން އެއްގޮތެއް ނުވާނެކަން އަހަންނަށް އިނގެނީ.” ފެން ތަށިން ކޯވަރެއް ބޯލަމުން އަހަރެން ބުނީމެވެ.
” ތީވެސް ހަމަ ތެދެއް. ” ޔާނާ ލުއި ގޮތަކަށް ބުނެލިއެވެ.
” އޭ އަހަރެން ދެން ދަނީ. މިހާރު މާ ގިނަ އިރު ވެއްޖެ. އޮފީސް އެއްކޮށް މިއޮތީ ކޮފީ ޝޮޕްގަ. މިހެން ހަދައިގެން ކަމަކުނުދާނެ.” ގޮނޑިން ތެދުވެ ހިނގައިގަންނަމުން އަހަރެން ބުނީމެވެ.
އަހަރެން ގޮސް އޮފީހަށް ވަން އިރު، ހުރިހާ ފޯނެއްހެން ރިންގް ވަނީއެވެ. ފަހަރަކު ފޯނަކަށް ޖަވާބު ދެމުން އަހަރެން މަސައްކަތް ކުރިއަށް ގެންދިޔައީމެވެ. އެންމެ ފަހުން އަހަންނަށް ނެގުނީ އޮފީސް ބޮސް ގުޅަނިކޮށެވެ. ބޮސް ހުރީ ހިތްހަމަ ނުޖެހިފައެވެ. ރޯޅި ފިލުވާލީ އަހަންނަށެވެ. އަހަރެން ނަމަވެސް ވާނީ ހަމަ އެހެންތާއެވެ. ރަސްމީ ގަޑީގައި އޮފީހުގައި މީހުން ތިބެންޖެހޭނެތާއެވެ. ނޫންނަމަ، ވަޒީފާ އަދާކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟
ހިތަށް އެރިއެވެ. މީވެސް ގޮތެކެވެ. އޮފީސް އޮފީހުގައި މީހުން މަސައްކަތް ކުރަނީ މިހެން ބާވައެވެ؟ އަހަރެމެން ނިމިގެން އަންނަންދެން ނަޖާ އޮފީހުގައި މަޑުކޮށްލިނަމަ އަޅެ ކިހާ ރަނގަޅު ވީސް ހެއްޔެވެ؟ އޭރުން ހަމަ ގައިމުވެސް، އޮފީހުގެ މަސައްކަތްތަކަށް ބޮޑު ބުރުލެއް ނާރާނެއެވެ. އޮފީހުގެ ބޮސްވެސް ރުޅިއެއް ނޭރީހެވެ.
” ވަރަށް ފޯނު އައިދޯ؟” އޮފީހަށް ވަންނަމުން ނަޖާ ފުރަތަމަވެސް އަނހާލީ އެހެންނެވެ.
” ފޯން އެކަންޏެއްނޫން. ބޮސްވެސް އިންނެވީ ނުރުހުންވެފަ. އަހަންނަށް ހުރިހާ ރުޅިއެއް ބޭލީ. މީ ނަޖާމެން ކަންތައް ކުރާގޮތުން ވާގޮތޭ.” އަހަރެން ހިތްހަމަ ނުޖެހިފައި ބުނީމެވެ.
” އެކަމާ އެހާ ބޮޑަށް އަޅާނުލާ. ބޮސްމެންނަށް އެހެން ވާނެ. ކުޑަ އިރުކޮޅަކުން ރަނގަޅުވާނެ.” ނަޖާ ގޮސް އޭނަގެ މޭޒުގައި އިށީނީ އެހެން ބުނުމަށް ފަހުގައެވެ.
” ކޮބާތަ އަނެއް ދެމީހުން؟” އަހަރެން އަނހާލީމެވެ.
” އެބަތިބި ކޮފީ ޝޮޕްގަ. އިރުކޮޅަކުން އެބަ ދަމޭ ބުނީ.” ނަޖާ ބުނެލިއެވެ.
” ސައެއް ބޯން ދިޔަސް އެއީ ބޮޑު ވަރުދޯ.” އަހަރެން ބުނީމެވެ.
” އެމީހުންނަށް ސަޔަކުން ނުފުދޭނެ. ކޮފީވެސްބޯނެ. މިހާރު އެބަތިބި ސިނގިރޭޓް ބޯން.” ނަޖާ ބުނެލިއެވެ.
” އޭ. ޔާނާ އާއި ރޫޔާ، އެދެމީހުން ސިނގިރޭޓްވެސް ބޮއި. ނޫނޭ ތިއޮތީ ރަނގަޅު ދެ އަންހެން ކުދިން އޮފީހަށް ވައްދާފަ. ދެން ތިހެން ގޮސް ނަޖާ އެމީހުންނާއެކު ސިނގިރޭޓް ނުބޯތި.” އެއްވެސް މީހަކު ސިނގިރޭޓް ބުއިމަކީ އަހަރެން ރުހޭ ކަމެއް ނޫނެވެ.
” އަހަންނެއް ނުބޯނަން. އެމީހުންގެ އަމިއްލަ ކަންތައްތަކާއި ނުބެހުނިއްޔާ ރަނގަޅުވާނީ.” ނަޖާއަށް އެހެން ބުނެވުނު ތަނާ އެދެމީހުން އައިސް އޮފީހަށް ވަންނަނީއެވެ.
” ގުޅާލަބަލަ.” ނީނާގެ އެސް.އެމް.އެސް އަހަންނަށް ފެނުނީ އޮފީހުން އައިސް ގެއަށް ވަންނަނިކޮށެވެ.
” އައްސަލާމް ޢަލައިކުމް.” ނީނާ ފޯންނެގުމުން އަހަރެން ބުނީމެވެ.
” ވަޢަލައިކުމުއް ސަލާމް.” ނީނާ ކުޑަކޮށް ހީނލިއަޑު އަހަންނަށް އިވުނެވެ.
” ކީކޭ ބުނަން ގުޅާށެ ބުނީ؟” އަހަރެން އަނހާލީމެވެ.
” ހެނދުނު ބުނީމެއްނު، ކުޑަ އިރުކޮޅަކުން އެބަގުޅަމޭ. ދެން ނުގުޅީމަ ކީއްތޯވީ ބަލަންވެގެން އެހެން ބުނީ.” ނީނާ މަޑުމަޑުން ބުނެލިއެވެ.
” އަދިވެސް ނުވޭތަ އަހަންނަށް ޖަވާބެއް ދެވޭނެ ގޮތެއް؟” އަހަރެން ބޭނުމީ އަވަހަށް ނީނާ އަހަރެންގެ މީހަކަށް ހަދާށެވެ.
” ތިކަމާއި ވަރަށް ފުންކޮށް މިވިސްނަނީ. ޙަޔާތުގައި އަހަންނަށް ނިންމަން މިހާތަނަށް އެންމެ އުދަނގޫވެގެން މިއުޅެނީވެސް ތިމައްސަލަ.” ނީނާ ބުނެލިއެވެ.
” އެއީ ކީއްވެގެންބާ؟ ކޮބާތަ ސަބަބަކީ؟ ސަބަބެއްވެސް ވާނަމަ، ބުނެލައިގެން އުޅެބަލަ. އޭރުން އެކަމަށްވެސް ޙައްލެއް ހޯދައިދޭނަން.” އަހަރެންގެ އުންމީދަކީ ނީނާގެ އުފާވެރިކަމެވެ.
” އޯ.ކޭ ދެން އަޅާނުލާ. މިއަދުން ފެށިގެން ތިންވަނަ ދުވަހަށް އިރުއެރުމުގެ ކުރިން އަޙްޞަންއަށް ޖަވާބެއްދޭނަން.” ނީނާގެ ރާގުގައިވާ މަޑުމޮޅިކަން އަހަންނަށް ފާހަގަ ކުރެވުނެވެ.
” މައްސަލައެއްނެތް. އަހަރެން ކެތްތެރިކަމާއިއެކު އިންތިޒާރު ކުރާނަން.” އަހަރެން އުފަލުން ހުރެ ބުނީމެވެ.
” މިހާރު އެއޮތް ބަންގި ގޮވަނީ. މިދަނީ ނަމާދުކުރަން.” ނީނާ ފޯން ބޭއްވިއެވެ.
އަހަރެންވެސް ފެންވަރާ ތައްޔާރުވެގެން ދިޔައީ މިސްކިތަށެވެ. ހިތާމައިގެ ވަގުތުތަކުގައި މާތް ﷲ ހަނދުމަކުރުމަށްވުރެން، ލިބޭ ނިޢުމަތްތަކުގައި ޝުކުރުކޮށް ހަނދުމަކުރުމަކީ ވަރަށް މުޙިއްމުކަމެކެވެ. ނަމާދުކޮށް ނިންމައިގެން ހިތްނިޔަށް ޙަލާޞްކޮށް އަހަރެން ދުޢާކުރީމެވެ. އަހަންނަށް ނީނާ ދެއްވުން އެދިއެވެ. އަހަރެންގެ ހަޔާތް ބާއްޖަވެރިކުރެއްވުން އެދިއެވެ. ނީނާއަށް އަހަރެންގެ ފަރާތުން އުފާވެރި ދިރިއުޅުމެއް ދެއްވުން އެދިއެވެ. އެއީ ކުރަންޖެހޭ ކަމެކެވެ. ހިތް ނިޔަތް ޙަލާޞްކޮށް ކުރާ ދުޢާ އިޖާބަކުރައްވާނެކަން އަހަންނަށް އިނގެއެވެ.
އަހަރެން ވަރަށް ޝުކުރުވެސް ކުރީމެވެ. ނީނާގެ ފަރާތުން އަހަރެން ބޭނުންވާ ސިގްނަލް ލިބެމުންދާތީއެވެ. އަހަރެންގެ ދުވަސްވީ އުންމީދު ހާޞިލުވެދާނެ ފަދަ މަންޒަރުތައް ފެންނާތީއެވެ. ދުވަސްކޮޅަކުން އަހަރެންގެ މިދިގު ރޯދަޔަށް ނިމުމެއް އަތުވެދާނެކަން ނޭނގެއެވެ. އަހަރެން ބޭނުންވާގޮތަކީ އެއީއެވެ. ނީނާގެ މޫނުމަތިން ފެނުނު، މާޔޫސްކަން ފިލުވާލަން އަހަރެން ބޭނުންވެއެވެ. އެމޫނަށް އުޖާލާކަމާއި ހިތްހަމަޖެހުން ގެނެސްދެން އަހަރެން ވަރަށް ބޭނުންވެއެވެ.
” އައްސަލާމް ޢަލައިކުމް.” ރޫޔާ ގުޅުމުން އަހަރެން ބުނީމެވެ.
” އާދެބަލަ ކޮފީއަކަށްދާން.” ރޫޔާ ގުޅީ ރޭގަނޑު ދިހައެއްވެސް ޖެހިފަހުންނެވެ.
” ޢައްސަލާމް ޢަލައިކުމް.” ރޫޔާއަށް އަޑުނީވުނީކަމަށް ހީކޮށް ދެވަނަ ފަހަރަށްވެސް އަހަރެން ބުނީމެވެ.
” ދެން ސަކަރާތް ނުޖަހާ އާދެބަލަ ކޮފީއަކަށްދާން.” ސަލާން ބަލައިނުގަނެ ރޫޔާ ބުނެލިއެވެ.
” ރޫޔާ. ސަލާމް ބަލައިގަތުމެއްވެސް ނެތްދޯ. ކޮފީ ނުބޮވިގެންދޯ ތިއުޅެނީ؟” އަހަރެން ބުނީމެވެ.
” ދެން މިހާ ބިޒީކޮށް އުޅޭއިރު، ކިހިނެއްތަ ސަލާމް ބަލައިގަނެވޭނީ.” ރޫޔާ ހިތުން އެބުނެލީ ވަރަށް މޮޅު އެއްޗެކެވެ.
” ވަޢަލައިކުމުއް ސަލާމް ބުނެލަން ދެސިކުންތުވެސް ނުނަގާނެ. ކިތައްމެ ބިޒީމީހަކަށްވެސް ދެހުންނަ މީހެއްގެ ސަލާމް ބަލައިގަންނަން ދެސިކުންތު ހޭދަކޮށްލެވެންޖެހޭނެހެން އަހަންނަށް ހީވަނީ؟” އަހަރެން ބުނީމެވެ.
” ދެން ތިވާހަކަ ނުދައްކާ. އާދެވެންޏާ އާދެވޭ ވާހަކަ. ނާދެވެންޏާ ނާދެވޭ ވާހަކަ ބުނެބަލަ.” ރޫޔާ ހުރީ ރުންކުރުވެފައެވެ.
” މިދަނީ. އެކަމަކު ކޮންތާކަށް ދާންވީ؟” އަހަންނަށް ރޫޔާ އުޅޭ ގެއެއް ނޭނގެއެވެ.
” މިހާރު އެނގިއްޖެދޯ.” ރޫޔާ އޭނަގެ ގެހުންނަތައް އަހަންނަށް ސާފްކޮށް ކިޔައިދިނުމަށްފަހު ބުނެލިއެވެ.
” ފަސްމިނިޓް ތެރޭގައި މިދަނީ.” އަހަރެން ބުނީމެވެ.
ސައިކަލުގައި ރޫޔާގެ ގެއާއި ދިމާލަށް ދިޔައިރުވެސް އަހަންނަށް ވިސްނެނީއެވެ. މީވެސް އަންހެން ކުދިން އުޅޭގޮތެއްދޯއެވެ. ރޫޔާއާއި ދިމާވިތާ އަދި ގިނަ ދުވަހެއް ނުވެއެވެ. މިހާރު އަހަންނަށް ކޮފީއަށް ގުޅަން ފެށީއެވެ. މައްސަލައެއްނެތެވެ. މިރޭ ދެން އަހަރެން ރޫޔާއާއިއެކު، ކޮފީއަށް ދާނީއެވެ. ރޫޔާއާއިއެކު ކޮފީއަށް ދިޔަސް އަހަންނަށް މަޑުމަޑުން ހުރެވިދާނެ ނޫން ހެއްޔެވެ؟ އެކަމަކު، ރޭގަނޑު ކޮންމެހެންވެސް ކޮފީ ބޯންޖެހޭ ބާވައެވެ؟
އަހަރެން ދިޔައިރު، ރޫޔާ އިނީ ރޫޔާގެ ގޭގެ ކުރިމަތީގައެވެ. ރޫޔާގެ ޙަރަކާތްތަކުން ހީވަނީ ވަރަށް ލަސްވެގެން އުޅޭހެންނެވެ. ރޫޔާ ލައިގެން އިނީ ކަރު ބޮޑު ޓޮޕެކެވެ. ލައިގެން އިން ޖިންސްވެސް އަހަންނަކަށް އެހާ ކަމަކު ނުދެއެވެ. ކަރުގައި އަޅާފައިވަނީ ވަރުގަދަ ފަށެކެވެ. އޭގައި ލާފައިވާ ފުލުގައި އިނީ ވަރުގަދަ ނިޝާނެކެވެ. ހީވަނީ މިއުޅޭ ޒުވާނުންކިޔާ ޕީސް ނިޝާންހެނެވެ. އަހަރެން ރޫޔާއަށް އެވަރަކަށް ނުބަލަމެވެ. ރޫޔާގެ ހެދުން އެޅުން ހުރިގޮތުން އަހަރެން ލަދުވެސް ގަތެވެ. އެކަމަކު، މީ ތަރައްޤީތާއެވެ.
” ހާދަ ލަހުން ތިއައީ؟” އަހަރެން ދިއުމުން ރޫޔާ ކުރީ ޝަކުވާއެވެ.
” އަހަރެން އައުމުން ޝުކުރު ނުކޮށް، ޝަކުވާދޯ ކުރަން ތިފެށީ. އިންސާނާއަކީ ހާދަ އަމިއްލަ އެދުން ބޮޑު މީހެކޭ ދޯ.” އަހަރެން
ދިމާކޮށްލުމުގެ ރާގަށް ބުނީމެވެ.
” އަމިއްލަ އެދުންދޯ. އާނ އެއީ ވަރަށް ބޮޑު އެއްޗެއް.” ސައިކަލުގެ ފަހަތަށް އަރަމުން ރޫޔާ ބުނެލިއެވެ.
” ކޮންތާކަށްތަ ދާންވީ؟” ރޫޔާ ސައިކަލުގެ ފަހަތަށް އެރުމުން އަހަރެން ބުނީމެވެ.
” ކޮންތާކުތަ މިހާރު ކޮފީ އެންމެ މީރުވާނީ؟” ރޫޔާ އަނހާލިއެވެ.
” ކޮފީބޯ މީހުންނަކަށްނު އިނގޭނީ ކޮފީ މީރު ތަންތަން.” އަހަރެން ކުޑަކޮށް ހެމުން ދިމާކޮށްލީމެވެ.
” ތީ ތެދެއް. ހިނގާ ސީހޯސްއަށް.” ރޫޔާ ބުނެލިއެވެ.
” ނެތްތަ ތިނޫން އެހެން ތަނެއް؟” އަހަރެން އަނހާލީމެވެ.
” މިގަޑިޔާއި އެންމެ ގުޅޭނީ އެތަން. މާހައުލު ސަޅިވެފަ ހިތްގައިމުވާނެ. ކަނޑުން ޖެހެމުން އަންނަ ރީތި ވައިރޯޅިން ނޭވާ ތާޒާވާނެ.” ރޫޔާ މަޖާ ގޮތަކަށް ބުނެލިއެވެ.
” ނޭވާ ތާޒާވުމުގެ އިތުރަށް އެތަނުގަ އަރުވާ ދުމުން، ނޭވާ ތަޣައްޔަރުވެސް ވާނެދޯ.” އަހަރެން ރޫޔާއަށް ބަހެއް އެއްލީމެވެ.
” ދެން ތިވާހަކަ ނުދައްކާ، ތަންކޮޅެއް ބާރަށް ދުއްވަބަލަ.” ރޫޔާއަށް އަހަރެން ސައިކަލް ދުއްވަމުންދިޔަ ބާރުމިން ކަމަކު ނުދިޔައެވެ.
އަހަރެން ކުޑަކޮށް ސައިކަލް ބާރުކޮށްލީމެވެ. އެބާރުމިނުގައި ދުއްވުނީ ދެމިނިޓްވަންދެނެވެ. ކުއްލިއަކަށް ކުރިމަތީ އޮތް މަގުން ހުރަސްކޮށްލި ކާރެއްގެ ސަބަބުން އަހަރެން ކުއްލިއަކަށް ބުރަކި ޖައްސަން ޖެހުނެވެ. އޭރު، އަހަރެމެން ތިބީ ނަސަންދުރައަށް ނިކުންނަ ގޯޅި ގަނޑުގައެވެ. އަހަރެން ކުއްލިއަކަށް ބުރަކި ޖެއްސުމާއިއެކު، ރޫޔާ އައިސް އަހަރެންގެ ގައިގަ ތައްވިއެވެ.
” ކިހިނެއްތަ ތިހެދީ؟” ރޫޔާއައިސް އަހަރެންގެ ގައިގައި ލައިގަތުމުން އަހަރެން ބުނީމެވެ.
” މީދެން ހަމަ ވާނެގޮތެއްނު. އަހަރެން ކީއްތަ ކުރާނީ އަޙްޞަން ކުއްލިއަކަށް ބުރެކި ޖެއްސީމަ؟” ރޫޔާ ހެމުން ބުނެލިއެވެ.
” ތަދުވިތަ އަނެއްކާ؟” އަހަރެން އަނހާލީމެވެ.
” ތަދެއްނުވޭ. އެކަމަކު، ކުޑަކުޑަ އެހެން ކަހަލަ އިޙްޞާޞެއްކުރެވުނީ. އެނގޭދޯ މިބުނީ ކޮންކަހަލަ އިޙްޞާޞެއްގެ ވާހަކަ ކަން.” ރޫޔާ ބުނީ ކީކޭކަން އަހަންނަށް ވިސްނުނީ ތަންކޮޅެއް ފަހުންނެވެ.
ނުނިމޭ
7 Comments!
Comments are closed.


V nice
Reethi
Salhi
Beautiful
Beautiful
Varah reethi ,avahah aneh ba post kohdhi …
Nice ingey