” ބޭބެ ގާތުގަ އަޅުގަނޑު ބުނާނަން.. އެކަމަކު މަންމައަށް ހީވޭތަ ބޭބެ ދަތުރުކުރަން އެންމެ ފިޓުހެން.. މާހައުލު ބަދަލުވީމަ ބޭބެގެ ހާލު އަނެއްކަަ މާ ގޯސްވެދާނެ.. ކަމެއްވިޔަސް ރަނގަޅު ފަރުވާއެއް ދެވޭނީ ބޭބެ މިހާރު އެހުރި ތަނުގަ ހުރެގެން.. ” ދިޔާން ބުނެލުމުން ދިރާޝާ ފިނި ނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ މޫނުމަތިން ލިލިއަން އަށް ފެނުނީ ހިތާމައިގެ އަސަރުތަކެކެވެ. ވެގެން އުޅޭ އެއްވެސް ކަމެއް ނޭނގިފައި އިން ލިލިއަންގެ ހިތުގައި ސުވާލުތައް ފުނިޖެހެމުން ދިޔައެވެ.
ދިޔާން އެއާއެކު ހިނގައިގަތީ ކާގެއިން ނިކުންނާށެވެ.
” އަހަންނަށް ހީވަނީ ދިޔާން އެދެއްކީ ރަނގަޅުވާހަކަ ތަކެެއްހެން.. ދިރާ އެހާ ހާސްނުވޭ.. އަހަރެން ދެކުދިންނާ ރަނގަޅަށް ވާހަކަ ދައްކާނަން..” ދިރާޝާގެ މޫނުމަތިން ފެނުނު މާޔޫސްކަން ފިލުވައިދިނުމަށްޓަކައި ހަމްދޫން މަސައްކަތް ކުރިއެވެ. ސުފުރާދޮށުގައި އިން ލިލިއަން ފެނުމުން ދިރާޝާ ހަމަޖެހިލަން މަސައްކަތް ކުރިއެވެ. އޭނާގެ ޠަބީއަތުން އިތުރު މީހަކަށް ނުތަނަވަސްކަން ލިބޭކަށް ދިރާޝާ ބޭނުމެއް ނޫނެވެ. ހާއްސަކޮށް ލިލިއަން އަށް މިއީ އާމާހައުލެކެވެ. ލިލިއަން އަށް ނުތަނަވަސްކަމާއި ހާސްކަން ލިބޭނެ އެއްވެސް ކަމެއް ކުރާކަށް ދިރާޝާ ބޭނުމެއް ނޫނެވެ. ހަމްދޫން ދެއްކި ވާހަކަތަކަށް ހިނިތުންވެލަމުން ބޯ ޖަހާލުމަށްފަހު ދިރާޝާ އަނެއްކާވެސް ލިލިއަންގެ ކައިރީ އިން ގޮނޑީގައި އިށީނދެ ހަމަޖެހިލިއެވެ. އޭރު ހަމްދޫނުވެސް ކެއުން ނިމުމާއެކު ކާގެއިން ނިކުންނަން މިސްރާބުޖެހިއެވެ.
” ލިލިއަން އަށް ދަތިވާ އެއްވެސް ކަމެއް އެބައޮތްތަ..؟ މިއީ އަމިއްލަ ގެ ކަމުގެ ބަލައިގެން އިނގޭ އުޅޭނީ.. ބޭރަށް ނިކުމެލަން ބޭނުންވިޔަސް ސޯފީ ދާނެ ދަރިފުޅާ އެކު.. ހިނގާފަ ތާކަށް ދާކަށް ނުޖެހޭނެ.. ބާޒާރު ކޮށްލަން ބޭނުން ވިޔަސް އެންތަނީ ކާރުގަ ގެންގޮސް ދޭނެ..” އެގޭ ކާރު ޑްރައިވަރަށް ނިސްބަތް ކޮށް ދިރާޝާ ބުނެލިއެވެ.
” މިގެއަށް ބަދަލުވިފަހުން މިހާރު ބޭރަށް ނިކުމެލައިފިންތަ..؟” ދިރާޝާ ސުވާލު ކުރިއެވެ. ލިލިއަން މަޑު މަޑުން ދެފަރާތަށް ބޯ ހޫރުވާލިއެވެ. ދިޔާންވެސް ފުރައިގެން ދިޔުމާއެކު ލިލިއަން އަށް އެފަދަ ކަމެއް ކުރާނެ ފުރުސަތެއް ނުލިބެއެވެ. ސޯފީ ކައިރި ބުނެފިނަމަ އެކަން ވާނެކަން ލިލިއަން އަށް އެނގުނުމަވެސް ބޭރަށް ނިކުންނަން ޖެހޭ އުޒުރެއް ނެތުމުން ލިލިއަން ސޯފީ ކައިރިންވެސް އެކަމަކަށް ނޭދެއެވެ. އޭނާއަކީ އެއް އިރެއްގައިވެސް މާ ގިނައިން ބޭރުތެރެއަށް ނިކުމެގެން އުޅޭ މީހަކަށް ނުވުމުން އެކަން ކުރަން މަސައްކަތެއް ވެސް ނުކުރެއެވެ.
” އެހެންވީއިރު ހިނގާ ހަވީރު ބޭރަށް ނިކުމެލަން.. ދުވަސް ދުވަހުން ބޭރަށް ނިކުމެލާ ހަދާލީމަ ސިކުނޑިއަށް ހަމަޖެހުން ލިބޭނެ.. ” ދިރާޝާ ބުނުމާއެކު ލިލިއަން އިންކާރެއް ނުކުރެެއެވެ. އޭނާ ހުޅުމާލެއަށް ނާންނަތާަ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. އެހެންކަމުން މާހައުލަށް އައިސްފައިވާ ބަދަލު ބަލާލުމަކީ ގޯސް ނިންމުމަކަށް ނުވާނެކަމުގައި ލިލިއަން ނިންމިއެވެ. ލިލިއަންގެ ފަރާތުން ލިބުނު ފެހި ސިގްނަލާއެކު ހަވީރު ހަތަރެއް ޖަހަން ވާއިރަށް ތައްޔާރުވެ ހުރުމަށް ބުނަމުން ދިރާޝާ ވެސް ސުފުރާ ދޮށުން ތެދުވިއެވެ. އަރާމު ކޮށްލުމަށް ކަމަށްބުނެ ދިރާޝާ އޭނާގެ ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ.
ލިލިއަންވެސް ކައި ނިމުމާއެކު ތެދުވެ މިސްރާބުޖެހީ ކޮޓަރިއާ ދިމާއަށެވެ. ނަމަވެސް އޭގެ ކުރިން އޭނާއަށް މަތީބަޔަށް އެރޭނެހެން ހުރި ސިޑި ކުރިމަތީ ހުއްޓެވުނެވެ. ދިޔާންގެ ޚަބަރެއް ބަލާލަން ބޭނުންވި ނަމަވެސް މައްޗަށް އަރާކަށް ލިލިއަން އަކަށް ނުކެރުނެވެ. ދިރާޝާ އާއި ދިޔާންގެ ދެމެދު ދެކެވުނު ވާހަކަތަކާ ބޭހޭގޮތުން ދިޔާން އާ ވާހަކަ ދައްކަން ލިލިއަން ބޭނުންވިއެވެ. އެހެނަސް މިވަޤުތު ދިޔާން ހުންނާނީ ދަތުރު ވަރުބަލިވެފާކަން ޔަޤީނެވެ. ދިޔާން އަމިއްލައަށް އޭނާގެ ކައިރިއަށް އަންނާނެ އިރަކަށް އިންތިޒާރު ކުރަން ނިންމަމުން ލިލިއަން އޭނާގެ ކޮޓަރިއަށް މިސްރާބުޖެހިއެވެ.
ދިރާޝާ އެދުނު ފަދައިން ލިލިއަން ހަވީރު ވާން ވާއިރަށް ހުރީ ތައްޔާރުވެގެންނެވެ. އެހާއިރު ވީއިރުވެސް އޭނާއަށް އަދި ދިޔާންގެ ޚަބަރެއް ނުވެއެވެ. މެންދުރު ކެއުމުގައިވެސް ދިޔާން ބައިވެރިއެއް ނުވެއެވެ. ދިޔާން އަށް ގޮވަން ދިޔަ ސޯފީ އެނބުރިއައިސް ޖަވާބެއް ނުލިބުނު ކަމުގައި ހާމަކުރިއެވެ. ދިރާޝާއާއި ހަމްދޫން ނިންމީ ދިޔާން އަދިވެސް ނިދާފައި އޮތީ ކަމުގައެވެ.
ދިރާޝާއާއެކު ހުޅުމާލޭގެ މަގުތަކުގައި ލިލިއަން ހިނގަމުން ދިޔައެވެ. ދެމީހުންގެ ދެމެދަށް ހުސްކަންވެރިވާނޭ ސިކުންތުކޮޅެއް ދިރާޝާ ނުދެއެވެ. އެކި އިމާރާތްތަކާއި ތަންތަނާ ބެހޭ މަޢުލޫމާތު ދިރާޝާ ކިޔައިދެމުން ދިޔައެވެ. ނުވިތާކަށް ލިލިއަންގެ އުޒުވެރިކަމުގައިވެސް އެކި ފިހާރަތަކަށްވަދެ ލިލިއަން އަށް އަންނައުނާއި ސެންޓުފަދަ އެތައް ސާމާނު ތަކެއް ގަނެދިނެވެ. ލިލިއަން އަށް އިޙްސާސް ކުރެވުނީ އޭނާއާ އެއް އުމުރެއްގެ މީހަކާއެކު އުޅެވޭފަދަ އިޙްސާސެކެވެ. ދިރާޝާގެ އެކުވެރިކަމާއި ހިތްހެޔޮކަން އެހާވެސް ބޮޑެވެ.
” ހިނގާދޯ މި ޕާކުގަ މަޑުކޮށްލަން.. ހިނގަ ހިނގާ ވަރުބަލިވެއްޖެ..” ބާޒާރު ކުރި ކޮތަޅުތަކާއެކު ހިނގަން ވުމުން ދިރާޝާއަށް ލޮޑުކަން އިޙްސާސް ކުރެވުނެވެ.
” އެންތަނީ އަށް ގުޅާލާފަ ބުނަންވެއްޖެ ކޮތަޅުތައް ބަލާ އައިސްދޭށޭ.. އޭރުން ދެމީހުންނަށް ހިނގާލާފަ ގެއަށް ދެވޭނެ އެންނު..އެހެންނޫނީ ލިލިއަން ބޭނުމީ ކާރުގަ ގެއަށް ދާންތަ..؟ މަންމައަށް ވަރިހަމަ އެގޮތްވެސް..” ދިރާޝާ ލިލިއަން ބޭނުންވާގޮތް އޮޅުންފިލުވުމުގެ ގޮތުން ސުވާލު ކުރިއެވެ. އޭނާ ކާރުގެ އެހީ ހޯދުމެއްނެތި ލިލިއަން އާއެކު ހިނގާފައި ދަތުރު ކުރީވެސް ލިލިއަން އަށް ތަންތަން ދައްކާަލުމަށް ފަސޭހަވާނީ އެގޮތުގެ މަތިން ކަމަށް ވާތީއެވެ.
” އަޅުގަނޑަށް އެންމެ ރަނގަޅު ހިނގާފަ ދާން..” ލިލިއަން ބުންޏެވެ. އެއާއެކު ދިރާޝާ އެންތަނީ އާ ގުޅާލިއެވެ. އެމީހުން ތިބި ހިސާބު ބުނުމާއެކު އެންތަނީ ކުޑަ ވަޤުތު ކޮޅެއްގެ ތެރޭގައި ކާރުގައި އައެވެ. ބާޒާރު ކުރި ކޮތަޅުތައް ކާރަށް އެރުވުމަަށްފަހު އެންތަނީ ފޮނުވާލަމުން ދިރާޝާ ލިލިއަންގެ ކައިރީ އައިސް ހުއްޓުނެވެ.
” ފިނި އެއްޗެއް ބޯލާހިތެއް ނުވޭތަ މިހާ ގިނައިރު ހިނގާފަ އައީމަ.. ؟ ހިނގާަބަލަ އެހަރަ ޖޫގޯ ވިއްކާތަނަށް.. ލިލިއަން ކޮން ވައްތަރެއް ބޭނުމީ..؟” ދިރާޝާ ލިލިއަންގެ އަތުގައި ހިފައިގެން ހިނގައިގަތީ ފިނިބުއިން ވިއްކާ ފިހާރަޔަކަށެވެ. އެތަނުން ދެމީހުން ބްލޫބެރީ ފްލޭވަރގެ ޖޫގޯ ގަނެގެން ދެން މިސްރާބު ޖެހީ ގެއާ ދިމާއަށެވެ.
” ލިލިއަން އާ ދިޔާން ދިމާވީ ކިހިނެއް..؟” ކުއްލިއަކަށް ދިރާޝާ ސުވާލު ކޮށްލުމާއެކު ކުޑަ ހިނދުކޮޅަކަށް ލިލިއަން ހުއްޓުން އެރިއެވެ.
” މަންމަ ކޮންމެހެން ލިލިއަން ނުތަނަވަސް ކުރުވަން ކުރި ސުވާލެއް ނޫން އިނގޭ.. ހަޤީޤަތުގަ ދިޔާން މަންމައަށް މާގިނަ ވާހަކައެއް ހިއްސާއެއް ނުކުރޭ.. ބުނިހާވެސް ވާހަކައަކީ ކުއްޖަކާ ކައިވެނިކުރަން ބޭނުމޭ.. ލިލިއަން އާ ދިމާވީ ދިޔާން ގޮސް ހުރި ރަށުން ދޯ..؟” ދިރާޝާ ސުވާލު ކުރިއެވެ.
” ލައްބަ.. ދިޔާން އާއެކު ޕްރޮޖެކްޓުގައި މަސައްކަތް ކުރީ އަޅުގަނޑުގެ ރަޙުމަތްތެރިއެއް.. އެގޮތުން އަޅުގަނޑާ ދިޔާން އާ ދެމެދު ރަޙުމަތްތެރިކަން އުފެދުނީ..” ލިލިއަން ކިޔައިދިނެވެ.
” އެހެންތަ.. ލިލިއަންގެ އާއިލާ ކޮބާ..؟ ކައިވެންޏަށް އަންނަން އެންމެނަށް ދަޢުވަތު ދޭންވާނެ..” ދިރާޝާގެ ވާހަކައާއެކު ލިލިއަންގެ ހިނގުން މަޑުޖެހުނެވެ. ބޭނުން ނުވިނަމަވެސް މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އެކަން ދިރާޝާއަށްވެސް ފާހަގަ ނުވެ ނުދިޔައެވެ.
” އެވާހަކަ ބާއްވަމާދޯ.. ލިލިއަން އަށް ކިތައް އަހަރުތަ މިހާރު..؟ ދިޔާން އާ އެއް އުމުރެއްތަ..؟ ބަލާލާފަ ހީވަނީ އެއަށްވުރެ ހަގުހެން..” ދިރާޝާ ވާހަކަ އޮޅުވާލެވޭތޯ މަސައްކަތް ކުރިއެވެ. އޭނާއަށް ކުރިއަށް ގެންދެވުނީ ނުބައި މަޢުޟޫއެއްކަން ޔަޤީނެވެ. ލިލިއަން އާ ސުވާލު ކުރުމުގެ ކުރިން ދިޔާންގެ ފަރާތުން އޮޅުންފިލުވުނު ނަމައޭ މިހާރު ދިރާޝާގެ ހިތަށް އަރަމުން ދިޔައެވެ. ލިލިއަން ނުތަނަވަސްކުރެވުނު ކަމުގެ ކުށްވެރި އިޙްސާސް ދިރާޝާ ވަށާލިއެވެ.
” އަޅުގަނޑުގެ އާއިލާގަ އެކަކުވެސް ނެތް..” ލިލިއަން ހިތްވަރު ކޮށްފައި ޖަވާބި ދިނެވެ. އެއީ އޭނާއަށް ދައްކަން ކިތަންމެ އުނދަގޫ ވާހަކައެއް ނަމަވެސް ކޮންމެވެސް ދުވަހަކުން ދިރާޝާއަށް ހަޤީޤަތް އިނގޭނެކަން ޔަޤީނެވެ. އޭނާގެ މަންމަގެ ދަރަޖައަށް ވާން އުޅޭ ފަރާތަކަށް އެއްވެސް ކަމެއް އޮޅުވާލާކަށް ލިލިއަން ބޭނުމެއްނޫނެވެ. އެހެނަސް އޭނާގެ ފަތިފުށް ކަޝްފު ވުމާއެކު ދިރާޝާ އޭނާއާ މެދު ދެކޭނެ ގޮތަކާމެދު ލިލިއަން ކަންބޮޑިވެފައިވިއެވެ.
” އެންމެ ކުރީއްސުރެވެސް މަންމަ ފިޔަވާ އިތުރު މީހެއް އަޅުގަނޑުގެ ނުހުރޭ.. އެކަމަކު.. ދާދި ފަހުން… މަންމަވެސް..” ލިލިއަން އަށް އިތުރަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. އޭނާގެ މަންމަ ވަކިވެ ދިޔަ ގޮތް ލޯކުރިމަތިން ސިފަވާހެން ހީވާން ފެށިއެވެ.
ލިލިއަން ބުނަން އުޅޭ ވާހަކަ ފަހުމް ވުމާއެކު ދިރާޝާގެ މޭގައި ރިއްސާލިއެެވެ. ލިލިއަންގެ ކޮނޑުގައި ހިފަހައްޓާލަމުން އިސްތަށިގަނޑުގައި ފިރުމާލެވުނު އިރު އެދެލޮލުގައިވަނީ ހަމްދަރުދީއެވެ. އޭނާއަކީވެސް މަންމައެކެވެ. މަންމައަކު ނެތުމުން ދަރިއަކު ބިކަވާނެ ވަރު އޭނާއަށް އަންދާޒާ ކޮށްލެވެއެވެ.
” ބައްޕަ… އަޅުގަނޑުގެ ބައްޕައެއް ނުހުރެ.. އަޅުގަނޑު ލިބުނީ ކައިވެނީގެ ބޭރުން..” ލިލިއަން ދެލޯ މަރާލަމުން ބުންޏެެވެ. އެއީ އޭނާގެ އެންމެ އަނދިރި ހަޤީޤަތެވެ. ކޮންމެ މީހަކުވެސް އޭނާއާމެދު ދެކޭ ގޮތް ބަދަލުވަނީ އެ ހަޤީޤަތަކާއެކުއެވެ.
ދިރާޝާއަށް އިވުނު ވާހަކަތަކާއެކު އޭނާއަށް ލިލިއަން އާ މެދު ދެކެވޭ ނަޒަރިއްޔާތު ބަދަލުވިއެވެ. އެހިތުގައި ލިލިއަން އަށްޓަކައި އޮތް ކުލުނު އިތުރުވެގެން ދިޔައެވެ. އެ އަންހެން ކުއްޖާއަށް ދުނިޔޭގައިވާ ހުރިހާ އުފަލެއް ލިބުމަށް އެދެވުނެވެ.
” ލިލިއަން ހާދަ ހިތްވަރުގަދައޭ.. މަންމައަށް ޔަޤީން ތި ހިއްސާކުރި ވާހަކަތަކަކީ އެއްވެސް މީހަކަށް ދައްކަން ފަސޭހަވާނެ ވާހަކަތަކެއް ނޫންކަން.. މަންމަ ދަރިފުޅުގެ ތިހިތްވަރަށް ފަޚުރުވެރިވަން.. އިރާދަ ކުރެއްވިއްޔާ ދަރިފުޅުގެ ހަޔާތުގައި ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް.. މަންމަ އެކަމަށް ދުޢާ ކުރާނަން.. ” ދިރާޝާ ލިލިއަންގެ ގައިގަަ ބައްދާލަމުން ބުރަކަށީގައި ފިރުމާލިއެވެ.
“ ހަޤީޤަތް އިނގުުމުން އަޅުގަނޑު ދެކެ ފޫއްސެއް ނުވޭތޯ..” ލިލިއަން އަށް ޤަބޫލުނުކުރެވި ހުރެ ސުވާލު ކޮށްލިއެވެ.
” ކީއްވެ ލިލިއަން ދެކެ ފޫހިވާންވީ..؟ ލިލިއަން ތިކިޔައިދިން އެއްވެސް ވާހަކައެއްގަ ދަރިފުޅުގެ ކުށެއް އޮތްކަމަކަށް މަންމަ ނުދެކެން.. މީހެއްގެ ފަންތިއަކުން ނުވަތަ އައިސް ހުރި އާއިލާއަކަށް އެމީހަކީ ކޮންކަހަލަ މީހެއްކަމެއް ނުނިންމޭނެ..” ދިރާޝާ ބުންޏެވެ.
ދިރާޝާގެ ވާހަކަތަކާއެކު ލިލިއަންގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އެފަދަ މާތް މީހެއް މިހާރު ދުނިޔޭގައި މަދުވާނެކަން ގައިމެވެ. ލިލިއަންގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ކަންބޮޑުވުން ދިރާޝާ ފިލުވާލަ ދީފިއެވެ.
ލިލިއަން އާއި ދިރާޝާއަށް ގެއަށް އާދެވުނު އިރު ދުނިޔެމައްޗަށް އަނދިރިކަން ވެރިވެއްޖެއެވެ. ކޮފީތައްޓެއް ބޯން ބޭރުގައި އިން ދިޔާން އަށް ގޭޓުން ވަދެގެން އައި ލިލިއަން އާއި ދިރާޝާ ފެނުމުން ތެދުވިއެވެ.
” މަންމަ މިއައީ ލިލިއަން އަށް ކުޑަކޮށް ބޭރުތެރެ ދައްކާލާފަ.. ދިޔާން ދަރިފުޅުވެސް ދޭތެރެ ދޭތެރެއިން ލިލިއަން ގޮވައިގެން ބޭރަށް ގޮސް ހަދާލައްޗޭ.. ” ދިރާޝާ ދިޔާން ކުރެން އެދުނެވެ. ދިޔާން ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. ލިލިއަން އަށް ދިޔާން މިވަޤުތު ފެނުނީ ވަރަށް ހިތްހަމަޖެހި ރަނގަޅު ޠަބީޢަތެއްްގައި ހުއްޓައެވެ. އެކަމުން ލިލިއަންގެ ހިތަށްވެސް ހިތްހަމަ ޖެހުން ލިބިގެން ދިޔައެވެ.
” މަންމަ މިވަންނަނީ އެތެރެއަށް އިނގޭ.. ދެކުދިން މާ ރޭ ވާންދެން ނުތިބެ އެތެރެއަށް ވަންނާތި..” ދިރާޝާ ކުޑަކުދިންތަކަކަށް ނަސޭހަތް ދޭފަދައިން ބުނެލުމަށްފަހު ގެއަށް ވަންނަން މިސްރާބުޖެހިއެވެ.
” ކިހިނެއްވަނީ އަހަރެންގެ މަންމަ..؟” ދިޔާން ހިނިތުންވެލަމުން ސުވާލު ކޮށްލިއެވެ.
” ދިޔާން ބުނިހެން.. ވަރަށް ކޫލް..” ލިލިއަން ހީލަމުން ހާމަކުރީ ދިޔާންގެ މައިންބަފައިން ދެކޭނެ ގޮތަކާމެދު ކަންބޮޑުވެގެން އޭނާ އުޅުމުން ދިޔާން ބުނި ބަސްތަކެވެ.
ލިލިއަންގެ ވާހަކައާއެކު ދިޔާން އިރުކޮޅަކު ކަމަކަށް ގެއްލިފައި އިނެވެ.
” ލިން.. އަހަރެން އެބަހުރި ލިން އަށް ކިޔައިދެން ޖެހޭ ބައިވަރު ވާހަކަ.. ލިން ބުނީމެންނު އަހަންނަށް ފެނިގެން ހުރިހާ ވާހަކައެއް ކިޔައިދޭށޭ.. އަހަންނަށް ހީވަނީ ލިން އަށް ހުރިހާ ވާހަކައެއް ކިޔައިދެންވީ ވަޤުތު އައިސް ޖެހިއްޖެހެން..”. ދިޔާން ސީރިއަސްކަމާއެކު ލިލިއަން އާ ދިމާ ބަލާލަމުން ބުނެލިއެވެ. ކުއްލިއަކަށް ދިޔާން ހާމަކުރި ވާހަކައާއެކު ލިލިއަންގެ އަތްފައި ފިނިވެ ހިތުގެ ހިނގުން އަވަސްވެލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.







hiiiiii wonderrr
i love this story ingey
komme baeh baraabarah kiyaafa like ve dhen
ekm comment nukurevey
busy vma
sorry ingey
but i will read all of the episodes and one again i really really love this story
patiently waiting for the next part
hope u upload it soon
lysm
tvgc
Thank u soo much Aishath Amaana. V ufaavejje vaahaka kamudhiyaeema.. thidhey support ah v bodah shukuriyya.. It’s totally fine dear. Busy koh ulhey iru hurihaa bayakah comment nukureveyne kan ingey wonder ah ves.. ekamakuves vaahaka kiyaakan ingunyma v ufaavejje.. In sha Allah avahah up kohlan masahkaih kuraanan.. lyymm dear.. u too tvgc. B safe?❤️