ހަނދަކީ ކަލާ ކަމުގާވިޔަސް 3
“ޑޮކްޓަރ.. އާޒް.. އާޒާދް އަލީ!” ސަމަން އެ ގަނޑުކޮޅު ކިޔައިލީ އަޑުގެ ކޮޅަށެވެ. “އޯއެމްޖީ! ހީ އިޒް އަ ޑޮކްޓަރ!” ސަމަން ފުންމަން ފެށިގޮތުން ހީވަނީ އެއްފަހަރާ ބައިވަރު ފައިސާތަކެއް ލިބިގެން އުޅޭހެނެވެ.
“ވަޓް؟!؟” ހަމްނާ ސަމަންގެ އަތުން އެ ގަނޑުކޮޅު ޖަހައިގަތެވެ. އެއީ ކޮންމެވެސް ބަލިމީހަކާ ބެހޭ މަޢުލޫމާތުތަކެއް ލިޔެފައި އޮތް ނޯޓެކެވެ. މަތީގައި ޑޮކްޓަރުގެ ނަން ޖަހާފައި އޮތްއިރު، ތިރިއަށް ދިޔަހެން އޮތީ ފެންޖެހި ކިޔަން ނޭނގޭ ވަރަށް ފޮހެވިފައެވެ.
“މީގެން އަދި ނޭނގެއެއްނު ޑޮކްޓަރަކީ އޭނަ ކަމެއް. އެ ވެދާނެ ބަލި މީހާއަށްވެސް”، ހަމްނާ ބުންޏެވެ. އެހެން ބުނުމުން ސަމަން ހޭންފެށިއެވެ.
“ސާބަސް! ދެން ހަމް ޑޮކްޓަރަކަށްވެގެން އޭނައަށް ޓްރީޓް ކޮށްދޭނީ، އޭރުން އެ ނިމުނީ އެންނު. އޭރުން ވާނީ ޑޮކްޓަރ އެންޑް ޕޭޝަންޓްގެ ލަވް ސްޓޯރީއަކަށް. ވާއު!” ސަމަން ބުނެލިއެވެ.
ސަމަންގެ އަނގައިން ނާރާނެކަން އެނގިގެން ހަމްނާ އެކަމާ ބެހޭގޮތުން ވާހަކަދެއްކުން ހުއްޓައިލިއެވެ. ނަމަވެސް ހަގީގަތުގައި އެމީހާގެ ނަމަކީ ޑރ. އާޒާދު ތޯ ޔަގީންކުރަން ހަމްނާވެސް ހުރީ ބޭނުންވެފައެވެ.
ޖެހިގެން އައި ހަފްތާގައި ހަމްނާގެ ކްލާސްތައް ރަސްމީކޮށް ފެށުނެވެ. ފުރަތަމަ ދުވަހު ކްލާސް ނިންމާލާފައި ނުކުމެ ހަމްނާ އެއްކަލަ ކޮފީ ޝޮޕާ ދިމާއަށް ކަޅިއެއް އެއްލިއެވެ. އެކަމަކު އެވަގުތު އެތަން ހުރީ ބަންދު ބޯޑު އަޅުވައިފައެވެ. ކޮންމެވެސް ވަރަކަށް މާޔޫސްކަން ހިތަށް ވެރިވިއެވެ. އެކަމަކު މާބޮޑު ކަމަކަށް ނުހަދައި، ކާރެއް ލިބޭތޯ އުޅުނެވެ.
އެދުވަހު ހަމްނާއަށް ގެއަށް ދެވުނުއިރު ހުރީ ވަރަށް ލަސްވެފައެވެ. ކާރެއް ހޯދަން އުޅެން ޖެހުނު ހާލުން މީހާ ހުރީ ވަރުބަލިވެގެން ހަލާކުވާ ވަރުގައެވެ. ގެއަށް ދިޔަ ގޮތަށް ސޯފާއަށް ވެއްޓިގަނެގެން އޮވެ މޫނުމަތީގައި އަތް އަޅައިލިއެވެ.
“ޖޫލިއެޓް ކޮން ކަމަކާ މާ ހޯޕްލެސް ވެފަ ތިއޮތީ؟” ލެޕްޓޮޕް ހިފައިގެން ކޮޓަރިން ނުކުންނަމުން ސަމަން އަހައިލީ ދިމާކުރާ ރާގުގައެވެ. “ޔަގީނޭ ރޯމިއޯ ހޯދަން އުޅެއުޅެ ނުފެނުނީ ކަން”.
“މިތާ މިހާރު ކާރެއް ހޯދުން މިއީ ބޮޑު ވޭނެއް! ކޮވިޑްގެ ކަންތައްދޯ މިއީ” ހަމްނާ ބުނެލިއެވެ.
“ދެން ބަހުގަ އަންނަންވީނު. ތި ޔުނިވާސިޓީއާ މާ ދުރެއް ނުވާނެ ބަސް ސްޓޮޕް. އަނެއްކާ މިގޭ ކަންމަތީގަ އޭނީ ވެސް ބަސް ސްޓޮޕެއް. މާ ގިނައިރެއް ނުވާނެ” ސަމަން ހިޔާލެއް ދިނެވެ. އެއާއެކު ހަމްނާ އެކަމާ ވިސްނައިލިއެވެ.
ޖެހިގެން އައި ދުވަހު ހަމްނާ ހެދީ ސަމަން ބުނި ގޮތަށެވެ. ބަސް ސްޓޮޕްގައި މަޑުކޮށްލައިގެން ހުއްޓައި މާ ގިނައިރެއް ނުވަނީސް ބަސް އައިސްފިއެވެ. އަދި ހަމްނާ ފޯނުން ފިލާވަޅުތަކެއް ބަލަން އިންދައި ޔުނިވާސިޓީ ކައިރީ ހުންނަ ބަސް ސްޓޮޕާ ހަމައަށް ދެވުނުއިރު ރޭކާލީ ކިރިޔާއެވެ.
ޔުނިވާސިޓީއާ ހަމައަށް ހަމްނާ ހިނގައިގަތެވެ. ކުއްލިއަކަށް އެއްލި ކަޅިއަކުން، އަނެއް ފަޅީގައި އޮތް ޕޭވްމަންޓް މަތިން ފެނުނީ ދަންނަހެން ހީވާ މީހެކެވެ. ހަމްނާ ރަނގަޅަށް ބަލައިލިއެވެ. މާ ރަނގަޅަށް މޫނު ފެންނަން ނެތަސް، ލައިގެން ހުރި ހެދުމުން އެއީ އެއްކަލަ މީހާކަން ހަމްނާއަށް ވަރަށް ބޮޑަށް ޔަގީނެވެ. އެކަމަކު އެމީހާ ކައިރިއަށް ގޮސް ބުނާނީ ވަކި ކީކޭ ހެއްޔެވެ؟ މިއޮއް މީހުން ގިނަ ސިޓީގައި އެމީހާއަށް ހަމްނާ ނުވެސް އެނގޭނެއެވެ. ކުރިން ދިމާވެފައި ހުއްޓަސް ހަނދާން ނުހުންނާނެކަން ގައިމެވެ.
އެމީހާ ކާރަށް އަރަން އުޅެނިކޮށް ހަމްނާގެ ހިނގުން ބާރުކޮށްލިއެވެ. މަގު ހުރަސްކޮށްފައި އެހިސާބަށް ދެވުނުއިރު އޭނާ ކާރަށް އަރައި ހަމަޖެހިލައިފިއެވެ. ދެން ދުވަހަކުން އެމީހާ ނުވެސް ފެނިދާނެ ކަމަށް ބިރުން، ހަމްނާ ނިންމީ މި ފުރުސަތުގެ ބޭނުން ހިފާށެވެ.
ކާރު ދުއްވައިލަން ހިފައިލި ވަގުތު ކާރުގެ ކުރިމަތީގައި މީހަކު ހުއްޓިގެން ހުރިތަން ފެނިގެން އެ މީހާ މަޑުކޮށްލިއެވެ. އަދި ބަރުގޮނި އަޅައިލިއެވެ. އެ އަންހެން ކުއްޖާ އެއްކައިރިއަކަށް ޖެހިލާފައި ކާރުގެ ބިއްލޫރި ގަނޑުގައި މަޑުމަޑުން ޓަކި ޖަހައިލިއެވެ. އެއާއެކު އެ މިހާ ބިއްލޫރިގަނޑު ތިރިކޮށްލިއެވެ. “ޔެސް؟”
“ހެލޯ. އައި ތިންކް އައި ހޭވް މެޓް ޔޫ ބިފޯ”، ލަދުކަނޑާލައިފައި ހަމްނާ ވާހަކަދައްކަން ފެށިއެވެ. “އާ ޔޫ ދަ ކައިންޑް މޭން ހޫ ހެލްޕްޑް މީ އިންފްރަންޓް އޮފް ދެޓް ކެފޭ؟” އެއްކަލަ ކެފޭއެއް އިޝާރާތްކޮށްލާފައި ހަމްނާ ސުވާލުކޮށްލިއެވެ.
“އާ ޔެސް. ހައު މޭ އައި ހެލްޕް ޔޫ ޓުޑޭ؟” ސަމާސާ ގޮތަކަށް އެމީހާ އަހައިލިއެވެ.
މާސްކު އަޅާފައި ނެތްނަމަ ހަމްނާގެ މޫނަށް ރަތްކުލަ އަރައިގެން ދިޔަތަން ވަރަށް ރީއްޗަށް ފެނުނީހެވެ. އެކަމަކު ހިތްވަރުކޮށްފައި ހަމްނާ އަނެއްކާވެސް ވާހަކަދެއްކިއެވެ. އިނގިރޭސިބަހުން އެމީހާއަށް ޝުކުރުއަދާކޮށްލުމަށްފަހު، ކޯޓުގެ ވާހަކަ ބުނެލިއެވެ.
“ވެއާ އާ ޔޫ ފްރޮމް؟”، އެ މީހާ މިހެން އަހައިލީ އެއްޗެއް ޔަގީންކުރާފަދަ ގޮތަކަށެވެ.
މައުޟޫއާ ނުވެސް ގުޅޭ ވާހަކައެއް އެހުމުން، ދޭނެ ޖަވާބެއް ނޭނގިފައި ހަމްނާ ކުޑައިރުކޮޅަކު ހުރުމަށްފަހު “މޯލްޑިވްސް” އޭ ބުނެލިއެވެ. ދެން އަނެއްކާވެސް ކޯޓުގެ ވާހަކަ ހަނދާންކޮށްދިނެވެ.
“ކޯޓު ނުދިނަކަސް އެންމެ ރަނގަޅު. އަހަރެންގެ ހަނދާނަކަށް ބާއްވާ”، އެ މީހާ ބުނެލިއެވެ. އެ އަޑު އިވިފައި ހަމްނާއަށް ލިބުނީ ސިހުމެކެވެ. މި މީހާއަކީ ދިވެއްސެކޭ މީގެކުރިން ހީކުރެވިފައެއް ނެތެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


