ހަނދަކީ ކަލާ ކަމުގާވިޔަސް 2
މިއީ ހަމްނާ މެލޭޝިއާއަށް އައި ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާގެ ތިމާގެ ކުއްޖަކު އެތާ ކިޔަވަން ހުންނާތީ، ޗުއްޓީތަކަށް އާއިލާއާއެކު ޒިޔާރަތްކުރެއެވެ. މިފަހަރު ހަމްނާ ޑޮކްޓަރަކަށްވުމުގެ އުންމީދު ފުރިހަމަކުރަން އައީ ސަމަން ކައިރީގައި މަޑުކުރާ ގޮތަށެވެ. މަންމައާއި ބައްޕަ، އެމީހުންނާ އެހާ ދުރަށް ހަމްނާ ފޮނުވަން ހިތްހަމަނުޖެހިގެން އުޅުނަސް، އެންމެފަހުން އެއްބަސްވީ ހަމްނާގެ ހުވަފެންތަކަށް ހުރަސްއަޅަން ބޭނުންނުވާތީއެވެ. އެހެންނޫނަސް، އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅު ޑޮކްޓަރަކަށްވެގެން އެނބުރި ރާއްޖެ އައުމުން، އެއީ އެމީހުންނަށްވެސް ލިބޭނެ ފަޚުރެކެވެ.
ދިގު ދަތުރަކަށްފަހު ހަމްނާގެ މަންޒިލަށް އާދެވުނެވެ. އޭރު އޮތީ ރޭގަނޑުވެ އަނދިރިވެފައެވެ. ނަސީބަކުން ސަމަން އަށް ގުޅުމާއެކު ފޯނު ނެގިއެވެ. އަދި ހަމްނާ ބަލައި ތިރިއަށް ފޭބިއެވެ. ދެމީހުން އެކީ ލިފްޓަށް އެރިއިރު ހަމްނާގެ ފޮށި ހިފައިގެން އައީ ސަމަން އެވެ.
ވަރުބަލިވެފައި ހުރިވަރުން ހަމްނާ ފުރަތަމަވެސް ފެންވަރާލައިގެން އައިގޮތަށް ބޭނުންވީ ނިދަން އޮށޯންނާށެވެ. އެ ނިޔަތުގައި ނިދަން އޮށޯތްތަނާ ސަމަން އައިސް ގައިގައި ކޮއްޓަން ފަށައިފިއެވެ.
“ހަމް. ކޮބާތަ މަގޭ ރިހާކުރު ކާޖާތައް؟” ސަމަން އަހަން ފެށީ އޭނާގެ ހަދިޔާ ބައިވަރުގެ ވާހަކައެވެ. އޭނާއަށް އެ ނުދީ ނިދަން ނޯވެނޭނެކަން އެނގޭތީ ހަމްނާ ގޮސް ފޮށި ހާވަން ފެށިއެވެ. އަދި ސަމަން އަށް މަންމަ ފޮނުވާފައި ހުރި ކޮތަޅުތައް ނަގައި ހަވާލުކުރިއެވެ. އެވަގުތު ހަމްނާގެ ފޮށި ތެރޭގައި އޮތް ‘ޕްލަޝީ އޮކްޓޮޕަސް’ ފެނިގެން ސަމަން އޭތި ނަގައިފިއެވެ.
“މިއީ ރައްޔާން ދީފަ އޮތް އެއްޗެއްތަ؟ ޔޫ ގާއިޒް އާ ސޯ ކިއުޓް!” ސަމަން އޭތި ނަގައި މެއާ ބޮނޑިކޮށްލިއެވެ. އޭރު ރައްޔާންގެ ނަން އިވިފައި ހަމްނާގެ ތަބީއަތު ގޯސްވެއްޖެކަން މޫނުމަތިން ފެންނަން ހުއްޓެވެ.
“ތިއީ އަރޫ ދިން އެއްޗެއް! ރައްޔާންގެ ނަން އަހަރެން ހުންނަ ހިސާބެއްގަ ނުކިއްޔާ ރަނގަޅީ” ފޮށި ލައްޕާފައި ހަމްނާ އެނދަށް އެރިއެވެ. އެއަޑު އަހާފައި ސަމަން ސިހިއްޖެކަން އެނގުނީ ފަތިފައްޗަށް އަމުނައިލި ސުވާލުތަކުންނެވެ. އެންމެފަހުން ހަމްނާއަށް ޖެހުނީ ނިދި އެއްފަރާތް ކޮށްފައި ރައްޔާންގެ ވާހަކަ ކިޔައިދޭށެވެ.
“އޯ މައި ގޯޑް… އައި ޖަސްޓް ލޮސްޓް ފެއިތު އިން ލަވް”، ހަމްނާގެ ވާހަކަ އަހަން އިނދެފައި ސަމަން ބުންޏެވެ. “ދެން އަވަހަށް އެހެން ސޮރެއް ހޯދަންވީނު؟ ހަމް އަދިވެސް އޭނަ ދޯ ބޭނުންވަނީ؟”
“ބޭނުމެއް ނޫން! ދެން އެއްވެސް ފިރިހެނަކާ ނުގުޅޭނަން. ސިންގަލް ކޮށް ހުރީމަ މާ ރަނގަޅެއްނު. ފިރިހެނުންނަކީ އެކަހަލަ ބައެއް ހަމަ، ރަނގަޅު އެކަކުވެސް ނޫޅޭނެ” ހަމްނާ ވައްތަރަކަށް ތުން އަނބުރައިލިއެވެ.
“ހުރިހާ ފިރިހެނުންނެއް އެއްގޮތެއް ނުވާނެޔޭ ކިޔައެއްނު. އަދި ހަމްދެކެ މާ ލޯބިވާ މީހެއް ލިބިދާނެ. ޑޯންޓް ލޫޒް ހޯޕް” ސަމަން އުޅުނީ ހަމްނާ އުފާކޮށްލެވޭތޯއެވެ.
“މަށެއް ނޫޅެން. ހުވާ މިބުނީ ދެން ނުވާނަން އެކަކާ ވެސް ރައްޓެއްސެއް! ސަމްކޮ އަށް އެނގޭނެ ރައްޔާން ވޯޒް މައި ފަސްޓް ކަން. އެންޑް އައި ޓްރަސްޓެޑް ހިމް ބްލައިންޑްލީ. އެވަރުގެ މީހަކަށް ބޭވަފާތެރިވާން ކެރެންޏާ އެންމެންނަށް ވެސް ކެރޭނެ” ހަމްނާ ހުރީ ވަރުގަދަ އަޒުމެއްގައި ކަން އަޑުން އެނގެއެވެ.
“ހޫން ހެވޭ، މަށަށް ސަމްކޮ ނުކިޔާށޭ ބުނެފިން ދޯ! ކޯލް މީ ސޭމް!” ސަމަން ރުޅިއަންނަ ކަމަށް ހެދުނެވެ. އެއާއެކު ދެމީހުންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.
ސަމަން އަކީ ކުޑައިރުން ފެށިގެން ވަރަށް ފިރިހެންކޮށް އުޅޭ ކުއްޖެކެވެ. ބޯ ކުރުކޮށް ކޮށާލާފައި އޮންނައިރު، އަބަދުވެސް ލައި އުޅެނީ ގަމީހާއި ޓީޝާޓެވެ. ސަމަން ހަމްނާއަށްވުރެ އެއްއަހަރު ހަގުވިޔަސް، ބައެއް ކަންތައްތަކުގައި މާ ވިސްނޭ މީހަކަށް ވެގެން އުޅޭނެއެވެ. ސަމަން މެލޭޝިއާގައި ކިޔަވަން އުޅޭތާ 4 އަހަރުވީއިރު، އޭނާ ވަނީ ކޮމްޕިއުޓާ އިންޖިނިއަރިންގ ދާއިރާއިން ފުރަތަމަ ޑިގްރީ ފުރިހަމަކޮށްފައެވެ. އަދި މިހާރު އެ ކިޔަވަނީ މާސްޓާސް އެވެ.
ހަފްތާއެއް ފަހުން ހަމްނާ ޔުނިވާސިޓީގެ އޮރިއެންޓޭޝަނަށް ދާންޖެހުނެވެ. އޭނާ ހީކުރިގޮތާ އެއްގޮތަށް، އެ ޔުނިވާސިޓީގައި ބައިވަރު ދިވެހި ކުދިން ތަޢުލީމު ހާސިލްކުރަމުންދެއެވެ. އަދި އޭނާއާ އެއް ކްލާހެއްގައި ވެސް 5 ވަރަކަށް ކުދިން އުޅެއެވެ. އެކުދިންނާ އެދުވަހު ދިމާވެ، އެކުވެރިކަން ވަނީ އުފެދިފައެވެ.
އޮރިއެންޓޭޝަން ނިންމާލާފައި ގެއަށް ދިޔުމުގެ ކުރިން އެތާ ކައިރީގައި ހުރި ކޮފީ ޝޮޕަކަށް ހަމްނާ ވަނީ، ސަމަން އާއި ދެމީހުންނަށް ދެ އައިސްޑް ކޮފީ ގަނެގެން ދާށެވެ.
އެތަނުގައި އެވަގުތު މާގިނަ ކަސްޓަމަރުން ނެތަސް، ހަމްނާގެ އޯޑަރު ތައްޔާރުވާން ވަގުތު ނަގާތީ އެތާހުރި ގޮނޑިއެއްގައި އޭނާ ޖައްސައިލިއެވެ. 15 ވަރަކަށް މިނެޓު ފޯނާ ކުޅެން ހޭދަވިފަހުން، ކޮފީ ތައްޔާރުވިކަމަށް ގޮވައިލުމުން އޭނާ އެއަށް ފައިސާ ދައްކާފައި ދެ ތަށި ހިފައިގެން ނުކުތެވެ. އަދި ކޮފީ ޝޮޕް ކުރިމަތީގައި މަޑުކޮށް، އެޕުން ކާރެއް ލިބޭތޯ ބަލަން ފެށިއެވެ.
މާ ގިނައިރެއް ނުވަނީސް، ފަހަތުން މީހަކު ވަރަށް ބަރު އަޑަކުން “އެކްސްކިއުޒް މީ މިސް”، އޭ ބުނެލި އަޑު އިވިގެން ހަމްނާ ބަލައިލިއެވެ. އަދި ކޮފީ ޝޮޕް ދޮރު ހުޅުވާލައިގެން ހުރި މީހާއަށް ބަލާފައި އެއީ ހަމަ ސީދާ އެމީހާގެ އަޑުކަން ސާފު ވިއެވެ. އޭނާ ހުރީ އަތްދިގު ހުދު ގަމީހަކާއި، ކަޅު ފަޓުލޫނެއް ލައިގެންނެވެ. ގަމީސް ހުރީ ފަޓުލޫނު ދަށަށް ޖަހައިފައެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކެއް އަޅާފައި ހުރުމުގެ ސަބަބުން މޫނުގެ ބޮޑުބައި ފޮރުވިފައި އޮތަސް، ލައިގެން ހުރި އަންނައުނާއި ހަށިގަނޑަށް ބަލައިލުމުން އެއީ ވަރުގަދަ ޝަހުސިއްޔަތެއްކަން ބަލާ މީހަކަށް އެނގިގެންދާނެއެވެ.
“ސޮރީ ޓު އެމްބެރެސް ޔޫ ލައިކް ދިސް، ބަޓް ޔޫ ހޭވް ސަމްތިންގ އޮން ޔޯ ޑްރެސް”، އެ ފިރިހެންވަންތަ އަޑުން އެމީހާ އެހެން ބުނެލިއިރު، ހަމްނާގެ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. ސިއްސައިގެން ގޮސް ވަގުތުން އަމިއްލަ ހެދުމުގެ ފަސްބަޔަށް ބަލައިލެވުނެވެ.
“އޮން ދަ ބެކް”، އެމީހާ ކިޔައިދިނެވެ. އެހެން ބުނުމުން ހަމްނާ ހީވީ ހުރިތަނަށް ގަނޑުވިހެންނެވެ. އޭނާ އެބުނީ ކޯއްޗެއްގެ ވާހަކަކަން ނަގައިގަންނަން އިރުތަކެއް ނުވިއެވެ. އެކަމަކު ޔަގީންކޮށްލަން ވެގެން ފަހަތް ބަލައިލިއެވެ. އެމީހާ އެބުނީ ތެދެކެވެ.
“އައި.. އަހް..” ހަމްނާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ފޯނަށް މެސެޖެއް އައިކަހަލަ އަޑެއް އިވިގެން ބަލައިލިއިރު، ޓެކްސީ އެޕުން އަންގާފައި އޮތީ ހަމްނާ ހުރި ލޮކޭޝަނަށް ކާރުން ވަދެވެން އޮތް މަގުތައް އެގަޑީގައި ބަންދުކޮށްފައި އޮތުމުން، އެންމެ ކައިރި ލޮކޭޝަނަށް ދިޔުމަށެވެ.
ހަމްނާގެ ހާސްކަން ވީ އިތުރެވެ. އެގޮތަށް ހުރެ ހިނގާފައި އެހިސާބަށް ދާނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ އެ ފިރިހެން މީހާއަށް އެ މަންޒަރު ފެނިފައިވުމުން ގަންފައި ހުރި ލަދު މާ ބޮޑެވެ.
“ޑޫ ޔޫ ނީޑް ހެލްޕް؟”، ހަމްނާގެ މަޖުބޫރީ ހާލަތު ފެނިފައި އެމީހާ ސުވާލުކޮށްލިއެވެ. އޭރު އެމީހާގެ ދެލޮލުން ފެންނަމުންދިޔައީ އޯގާވަންތަކަމެވެ.
“ނޯ…” އެގަޑީގައި ސުޕަޕަވާއެއް ލިބިގެން އެތަނުން ގެއްލޭނެ ނަމައޭ ހަމްނާގެ ހިތަށް އެރިއެވެ.
“އިޓްސް އޯކޭ. ލެޓް މީ ހެލްޕް”، އެހެން ބުނެފައި އެމީހާ އެތެރެއަށް ވަދެފައި ދެން ނުކުތީ ކޯޓެއް ހިފައިގެންނެވެ. އަދި ހަމްނާގެ އުނަގަނޑުގައި އައްސައިލުމަށް ބުނެލިއެވެ. އެކަމަކު ހަމްނާ ހުރީ ހަރަކާތްކޮށްލަން ނުކެރިފައެވެ. އެހެންކަމުން އެމީހާގެ އަތުން، ހަމްނާގެ ވަށައިގެން އެ ކޯޓު އައްސައިދިނީ ނިކަން ފަރުވާތެރިކަމާއެކުގައެވެ. ކިރިޔާވެސް ހަމްނާގެ ގައިގައި އަތްނުލެވޭނެ ހެނެވެ.
“ދެއާ ޔޫ ގޯ. ޔޫ ކެން ހޭވް އިޓް”، އެއީ އެމީހާގެ ކޯޓު ފަޓުލޫނުގެ ކޯޓުކަމުގައި ވިޔަސް، އޭނާ އޭތި ހަމްނާއަށް ދިން ގޮތަށް ވަނީ އެތެރެއަށެވެ. އަދި އޭނާ ކުރިންވެސް އިން މޭޒު ކައިރީގައި އިށީނދެ، ލެޕްޓޮޕުން ކޮންމެވެސް މަސައްކަތެއް ކުރަން ފެށިއެވެ. ހަމްނާ އެމީހާއާ ދިމާއަށް ބަލަން ހުރެފައި، އިސްޖަހާލައިގެން އެތަނުން ހިނގައިގަތެވެ.
ހަމްނާ ހުރީ އެ ހާދިސާ ޤަބޫލުކުރަން ދަތިވެފައެވެ. ނުވެސް ދަންނަ މީހަކު އެހާ ރަނގަޅު ކަމެއް ކޮށްދިނީތީ ހިތް ޝުކުރުން ފުރިފައިވީ ނަމަވެސް، އެމީހާއާ ދިމާއަށް ޝުކުރިއްޔާއޭ ބުނަން ހަނދާން ނެތުމުން ދެރަވެސް ވިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. އެހާ ލަދުވެތި ކަމަކާ ހަމްނާ މީގެކުރިން ކުރިމަތިލާފައެއް ނުވެއެވެ.
ގެއަށް އައިސް އެވާހަކަ ސަމަން އަށް ކިޔައިދިނުމުން ހޭން ފެށިގޮތަށް ނުވެސް ހުއްޓިއެވެ. “ޓާކިޝް ޑްރާމާއެއްގެ މަންޒަރެއް ކުޅެލާފަ ދޯ ތިއައީ. ހަމް ވެސް ހާދަ ލަކީއޭ ދޯ! ރީތިވީމަ ވެސް ވާނީ އެހެންތާ. ހުރިހާ ފިރިހެނުން އެހީވާން ބޭނުންވާނެ ތިކަހަލަ ކުދިންނަށް، ޗާންސެއް ނުލިބިފަ ހުންނާނީ. އަހަރެން ކަހަލަ މީހަކަށް ތިހެން ވިނަމަ އެންމެން ފަހަތުން ފޮޓޯނަގާފަ އިންޓަނެޓު މީމް އަކަށް ކަންނޭނގެ ހަދާލާނީ!” ސަމަން ކިޔަންފެށިއެވެ.
“ނޫން، ތިބުނާ ކަހަލަ ނިޔަތެއްގައެއް ނޫން އެމީހާ އެހީވީ” ހަމްނާ އެ ނުދަންނަ މީހާ ދިފާޢުކުރިއެވެ.
“އޯހް. މިހާރު މީހުންގެ ނިޔަތް ވެސް ހަމް އަށް އެނގެނީތަ؟ ހާދަ ކުރިއެއްގައޭ ދޯ ތިއުޅެނީ. ދީބަލަ ތި ރޯމިއޯގެ ކޯޓު އަހަރެން އަތަށް!” ހަމްނާ ދޮވެފައި ހިއްކަން އަޅުވާފައި އޮތް ކޯޓު ސަމަން ޖަހައިގަތެވެ. “މި ދޮވެފަ މިއޮތީ ކީއްވެ ޔޯ؟ އޭނައަށް ރިޓާން ކޮށްދޭންވެގެންތަ؟ ލަވް ސްޓޯރީގެ ބާކީ ބައި ފުރިހަމަކޮށްލަން ދޯ ތިއުޅެނީ.” ސަމަން އަދިވެސް ދިމާކުރުން ހުއްޓައެއް ނުލިއެވެ.
“މީހެއްގެ އެއްޗެއް ބާއްވާކަށް ނުވާނެއެއްނު. އެކަމަކު އެއީ ކާކުކަމެއް ވެސް އެނގެނީކީ ނޫން… ދެން ރިޓާން ކުރެވޭނީ ކިހިނެއް.” ހަމްނާ ކަރުއެލުވައިލިއެވެ. އެ ނުދަންނަ މީހާގެ އެހީތެރިކަން ބަލައިގަނެ، އެމީހާއަށް އެންމެ ކުޑަމިނުން ޝުކުރު އަދާކުރަން ހަމްނާ ބޭނުމެވެ.
ސަމަން އެ ކޯޓުގެ ޖީބަށް އަތްކޮއްޕައި ބަލަން ފެށީ، ކޮންމެވެސް ގަނޑުކޮޅެއް އެއްޗެއް އޮވެދާނެ ކަމަށެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. އެއް ޖީބުގައި ގަނޑުކޮޅެއް އޮތެވެ. އެކަމަކު ފެން ޖެހިފައިވުމުން، އޮތީ ހަލާކުވާން ކައިރިވެފައެވެ. ލިޔެފައި އޮތް އެއްޗެއް ކިޔަން އެނގެނީވެސް ކިރިޔާއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


