ވާނަން އުމުރަށް( 5)
އެންމެ ގާތް އެކުވެރިޔާ އާއި ދެމެދު އޮތް ގުޅުން ކަނޑައި އާއިލާ އާއި އޮތް ގުޅުން ހީނަރު ވެގެން ނޫނީ އަރްޔަން އަށް އޭނާގެ މަގުސަދާއި ހަމައަށް ވާސިލް ވުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. ހީވާ ކަހަލަ އެވެ. އަރްޔަން ހުރީ ކޮންމެ ހާލެއްގައި ވެސް އޭނާގެ މަގުސަދު ހާސިލު ކުރުމަށް ފޫގަޅާފައި ގެންނެވެ. އެ ހިތުގައި މިވަގުތު އުތުރި އަރަމުން ދިޔަ ޖަޒުބާތައް އަރްޔަން ބޭރު ކުރަމުން ދިޔައީ ކަރުނައިގެ ސިފާ ގައެވެ.
______________________________
ކާރުގައި ޝަހީދު އާއި އެކު އައިސް މަޑުކޮއްލި އައިލީން އަށް ހިތްދިރުވައި ލެވުނީ އޭނާގެ ދިރިއުޅުން ދެން ވޭތުކުރަން ޖެހޭނެ ތަން ފެނުމުން ނެވެ. މާލޭގެ ގިނަ ގޭގެޔާއި ހިލާފަށް އެގޭގައި ބޮޑު ހުސްބިމެއް ގަސް އިންދުމަށް ހުސްކުރެވިފައި ވެއެވެ. 2 ބުރިއަކަށް ނަގާފައި ހުރި އެގޭ ހުރީ ދެބަޔަކަށެވެ. ނަމަވެސް ދެބައިގެ ޓެރަސް ވަނީ ގުޅިފައެވެ. މެދުގައި އަޅި ކުލައިގެ ދޮރެއް ލާފައި ވާ ތަންކޮޅަކީ ގަރާޖު ކަން އެނގެނީ ގޭޓު ކެހިގެން ދިޔުމުން މަޑު ދުވެލީގައި ހޯލްވޭ ތެރޭގައި ޖަހާފައި ހުރި ގާތަކުގެ މަތިން ދުއްވާފައި ގޮސް އެތަނަށް މަޑުކޮއްލި ވަގުތު އަޅި ކުލައިގެ ދޮރު ކެހިގެން ދިއުމުން ނެވެ. “އައިލީން އާދެބަލަ އެތެރެއަށް” ޝަހީދު ކާރުން ފޭބުމުން ވެސް އައިލީން ހިޔާލަކަށް ގެއްލިފައި އިންދައި އޭނާގެ ސަމާލުކަން ހޯދުމުގެ މަގުސަދު ގައެވެ. “ހުސެން ކާރު ވައްދާލާފައި ފޮށި ގެންގޮސް އެ ކޮޓަރިއަށް ލާފަ ކާން ތައްޔާރު ކޮއްލަން ބުނެލައްޗޭ” ކުއްލިއަކަށް އެއްޗެއް ހަނދާން ވީ ފަދައިން އެނބުރިފައި އެހެން ބުނުމަށް ފަހު ޝަހީދު ހިނގައި ގަތީ އެތެރެއަށް ވަނުމަށެވެ. ފަހަތުން އައިލީން ވެސް ހިނގާލާފައި ދިޔައީ ހިސާބަކަށް ޖެހިލުންވެ ހުރެ އެވެ. “މިތާ އިށީނދެ ބަލަ” ޝަހީދު އެ ތަނަވަސް ސިޓިން ރޫމު ގެ މެދުގައި ހުރި ދިގު އަގުބޮޑު ސޯފާގައި އިށީނދެ ހަމަ ޖެހިލަމުން އައިލީން އަށް ބުނެލީ އަރިމަތީ ހުރި ސޯފާ އަށް އިށާރާތް ކުރަމުން ނެވެ. ސޯފާގައި އިށީނދެ ހަމަ ޖެހިލަމުން އައިލީން ވަށައިގެން ވާ މާހައުލަށް ނަޒަރު ހިންގާލި އެވެ. އެ ސިޓިން ރޫމު ގެ މެދަށް ވާގޮތަށް ދެފަރާތަށް ދެ ސިޑި ހުރި އިރު ދެފަރާތުގައި ކޮޓަރިތައް ފެންނަން ހުއްޓެވެ. ސިޓިންރޫމް ގެ ކަނާތް ފަރާތު ބިތް ދޮރެއް ހެން ވަނީ ރީތި ޑިޒައިނަކަށް ކަނޑާލެވިފައި އެވެ. ނަމަވެސް ވާތް ފަރާތު ބިތުގައި ހަމަ އެކަނި އިނީ އެލްމެނިއަމް ދޮރެއް ލާފަ އެވެ. މުޅި ގޭގައި ލެވިފައިވާ މަޑު ނޫކުލަ އާއި ކަނޑު ނޫކުލައިގެ ސަބަބުން އެގޭ އިތުރަށް ރީތިވެފައި ފުރިހަމަ ކަމަށް ފެނެއެވެ. “އައިލީން އަށް އިނގޭތަ އަހަރެން އައިލީން މި ގެނައީ ވަރަށް ބޮޑު އަގު ދީފައި ގަނެގެން ކަން؟” އެކި ދިމަ ދިމާއަށް ނަޒަރު ހިންގަމުން ދިޔަ އައިލީން އަށް ޝަހީދު ގެ ސުވާލުން ހަމަ ރަނގަޅަށް ވެސް ސިހުން ގެނުވި އެވެ. އައިލީން ގެ މޫނުމަތިން ފެނުނު ކުލަވަރުން ޝަހީދު އަށް އޭނާ ކުރި ސުވާލުގެ ޖަވާބު ލިބުނެވެ. އެހެން ނަމަވެސް ޝަހީދު ގަސްތުކުރީ އޭނާގެ ވާހަކަ އާއިގެން ކުރިއަށް ދިއުމަށެވެ. “އާން……އަހަރެން އައިލީން މިގެނައީ ގަނެގެން……..25 މިލިޔަން ޑޮލަރު ދީފަ…. ހިތަށް އަރާ ދޯ އަހަރެން މިހައި ބޮޑު އަގެއް ދީފައި މިގެނައީ ކީއްވެ ބާ އޭ؟؟” އައިލީން މަޑުމަޑުން ބޯ ޖަހާލީ ވާހަކަ ދައްކާނޭހާ ހިތްވަރު ނެތުމުން ނެވެ. އައިލީން ބޯޖަހާލިތަން ފެނުމުން ޝަހީދު އޭނާގެ ޖީބުން ނެގި ވޮލެޓު ހުޅުވާލުމަށް ފަހު ފޮޓޯ ގަނޑެއް ނަގައި ދިއްކޮށް ލިއެވެ. އައިލީން އޭގައި ހިފަމުން ފޮޓޯ ގައިވި ތަސްވީރަށް ބަލާލި އެވެ. މާބޮޑު ތަފާތެއް ނެތުމުން އައިލީން އަށް ދާދި ފަސޭހައިން އޭނާގެ މަންމަ ވަކިކުރަން އެނގުނެވެ ދެން އޭނާގެ ނަޒަރު ހުއްޓުނީ މަންމަ ގެ އެއް ފަރާތުގައި ތިބި ދެ ޒުވާނުން ނަށެވެ. މަންމަ ގެ ކައިރީގައި އުނަގަނޑުގައި އަތް އަޅުވައި ލައިގެން ހުރި ޒުވާނާ އަކީ ކާކުކަން ނޭނގުނު ނަމަވެސް ފުދޭވަރަކަށް ބަދަލު ވެފައި ދެން އެހެރީ ޝަހީދު ކަން ދާދި ފަސޭހައިން އެނގުނެވެ. “މަންމަ ކައިރީގައި އެހެރީ ކާކު ކަން ނޭނގޭ ދޯ!” ޝަހީދު އައިލީން ގެ ކޮނޑުގައި ޖަހާލީ މާ ބޮޑަށް އައިލީން ފޮޓޯގެ އެތެރެއަށް ވަދެވިފައި އިނުމުން ނެވެ. ޝަހީދު ގެ މޫނަށް ބަލަހައްޓައިގެން ހުރެ އާއިލީން ބޯ ޖަހާލީ ހިތުގައި ފުނި ޖެހެމުން ދިޔަ ސުވާލުތަކަށް ޖަވާބު ލިބޭނެ ކަމުގެ އުއްމީދު ގައެވެ. “އެންމެ ކައިރީގައި އެހެރީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އައްޔާސް ދެން އެއާ ޖެހިގެން އެހެރީ އަހަރެންގެ އެއްބަނޑު އެއްބަފާ ބޭބެ މުހީދު…..ބޭބެ އާއި އޭނަ ވައްތަރު ވީމާ އައިލީން އަށް ހީވެދާނެ އެއީ ބޭބެ ހެން…… އެކަމަކު އެއީ ބޭބެގެ ދޮންބެ….ދެން މާ ވާހަކަ ގިނަ ނުކޮށް ބޭބެ ވީގޮތް ކިޔައި ދީ ފާނަން..” ފުންނޭވާއެއް ލުމަށް ފަހު ޝަހީދު އޭނާގެ މާޒީ ހިއްސާ ކުރުމަށް ތައްޔާރު ވެލި އެވެ.
_____________________________
ގެއަށް ވަދެގެން އައި ޝައްފާން ގެ މޫނުމަތި ވަނީ މިލާ މޯޅިވެފައިއެވެ. މުޅި އެ ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައި އެވެ. އެ ޙަޔާތައް ހުސްކަމެއް އައި ކަމުގެ އިހްސާސް މިހާރު ވެސް ކުރެވެން ފަށައިފިއެވެ. މާގިނަ ވަގުތު މަޑު ނުކޮށް ޝައްފާން ބޭނުންވީ ވީހާވެސް އަވަހަށް ކިޔަވަން ދިއުމަށެވެ. ބައްޕަ އާއި ބައްދަލު ކުރުމަށް އެ ބަޔަށް ދިއުމަށް ޝައްފާން ގަސްތުކުރީ ފެންވަރައި ތާޒާ ވެލައިގެން ނެވެ.
___________________________
ހިތް މަތީގައި ގާގަނޑެއް ބާއްވައިގެން އިނދެ ޝަހީދު އޭނާގެ މާޒީ އައިލީނާއި ހިތްސާކޮށް ނިމުނު އިރު ހުދު އޭނާގެ ދެލޯ ވެސް ވަނީ ކަރުނުން ފުރިފައެވެ. “ބޭބެ ދެކެނީ ތީ ބޭބެގެ ދަރިއެއްގެ ގޮތުގައި..އުންމީދު މި ކުރަނީ ކަނބުލޮ ވެސް އެހެން ދެކޭނެ ކަމަށް….” ޝަހީދު އޭނާގެ ލޯފޮހެލަމުން އައިލީން އަށް ހިނިތުން ވެލި އެވެ. “ދެން ދޭ ތާޒާ ވެލައިގެން އަންނަން… އަރާމު ކޮއްލަން ދާންވާނި އެއްޗެއް ކާލައިގެން… އެ ގަޑީގައި އަންނާނެ ބޭބެގެ ފިރިހެން ދަރި ވެސް…….ހިނގާ ދަމާ ބޭބެ ކޮޓަރި ދައްކާލަ ދޭނަން އެތަނަށް ވެއްޖެ ފޮއްޓާ އެއްޗިސް ލާފައި މިހާރު..” ޝަހީދު ތެދުވެ ހިނގާ ގަތުމުން އައިލީން ވެސް އޭނާގެ ފަހަތުން ހިނގައި ގަތީ ކޮޓަރިއަށް ދިއުމަށެވެ.
_____________________
ބޮޑު މޭޒެއްގެ މަތީގައި ތަފާތު ބާވަތްތަކުގެ ކާނާ އަތުރާފައި ހުރި ނަމަވެސް މޭޒު ކައިރީ އިން އަރްޔަން ކާ އެއްޗިއްސާއި މާ ގަޔާނުވެ އިނދެ ކަމުން ދިޔައެވެ. “ދަރިފުޅު.. ކާއެއްޗިއްސާ މެދު ހިތްހަމަ ނުޖެހިފަތަ؟ ނޫނީ މީރު ނޫނީތަ؟” ކާން އަޅާފައި ހުރި ތަށި ހާވަމުން ދިޔަ އަރްޔަން އާޒިމާ ގެ ލޮލުގައި އަޅައި ގަތުމުން ނުހަނު ކަންބޮޑުވެގެން ދިޔަ އެވެ. “އެހެންނެއް ނޫން ކާހިތް ނެތީ ހަމަ…….” ކުޑަ އިރުކޮޅަކު އެހެން އިނުމަށް ފަހު އަރްޔަން ގޮނޑި ދުރުކޮށް ލުމަށް ފަހު ތެދުވެގެން ދިޔައެވެ. އަރްޔަން ގެ މި ޢަމަލު ގެ ސަބަބުން ހައިރާން ކަމެއް ލިބިފައި ތިބި އައިދާން އާއި އާޒިމާ އަށް ދެމީހުންގެ މޫނަށް ބަލަހައްޓައިގެން އިނުން ފިޔަވައި އެހެން ކަމެއް ޙިޔާލަށް ނައެވެ. އެހެނީ އަރްޔަން އަކީ ފެށުނީއްސުރެ އައިދާން ގެ ހުއްދަނެތި ކާމޭޒު ދޫކޮށްލާފައި އެފަދަ ގޮތަކަށް ދިޔަ މީހެއް ނޫނެވެ.
___________________________
ކާމޭޒު ދޮށުގައި އިން ޝަހީދު އިރުއިރުކޮޅާ އަތުގައި އޮތް ގަޑިއަށް ބަލާލުމަށް ފަހު ދޮރާ ދިމާއަށް ބަލާލަނީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު މިރޭގެ ކެއުމަށް ލަސްވުމުން ނެވެ. “ބައްޕާ.. މާފުކުރަށްވާ.. އަޅުގަނޑު ކުޑަ ކަމަކު އުޅުމުން ހަނދުމަ ނެތުނީމާ ލަސްވީ” ކާކޮޓަރީގެ ދޮރުން އެތެރެއަށް ވަދެވުމުން ޝައްފާން ފުރަތަމަ ވެސް އޭނާގެ ބައްޕަ ފަރާތުން މާފަށް އެދުނީ ގަޑިއަށް ނާދެވުމުން ނެވެ.
-ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
