ލިލިއަން ސިޓީ އުރަ ނަގަމުން އުރައިގެ ދެފަރާތް ބަލައިލިއެވެ. އެއްވެސް އެއްޗެއް ލިޔެފައިނުވާ އެއުރަ ހުޅުވާލަމުން އެތެރޭގައި އޮތް ގަނޑު ނަގާ ނިއުޅުވާލިއެވެ. އިނގިރޭސިން ލިޔެފައިވާ އެލިޔުމަކީ އޭނާގެ މަންމަގެ ލިޔުންކަން ލިލިއަން އަށް ޔަޤީންވިއެވެ. ތެޅެމުންދިޔަ ހިތާއެކު ލިލިއަން އޭގައި ލިޔެފައިވާ އެއްޗެއް ކިޔަން ފެށިއެވެ.
“އެނގޭތަ..؟ މިއަދު މިއީ އަހަރެމެންގެ ދަރިފުޅަށް ހަތްދުވަސް ފުރިގެން ނަންކިޔާ ދުވަސް.. އަހަރެން ދަރިފުޅަށް ކީ ނަން އިނގޭތަ…؟ “ލިލިއަން” އަހަރެމެންގެ ދަރިފުޅަށް އަހަރެން ދިން ނަމަކީ ލިލިއަން.. އެދަރިފުޅު ފެންނަ ކޮންމެ ފަހަރަކު ލިއޯން މަތިން ވަރަށް ހަދާންވޭ.. އެދެލޮލާއި ތިދެލޯ އެއްވެސް ތަފާތެއް ނެތް… އަހަރެން ހީކުރީ އަހަރެމެން ދަރިފުޅު ދެކެން ދެމީހުން އެކުގައިވާނެކަމަށް… އަހަރެން ހީކުރީ އަހަރެންގެ ކައިރިއަށް ލިއޯން އަނބުރާ އަންނާނެކަމަށް.. . އަހަރެންނަށް ދޮގު ހުވަފެންތަކެއް ދައްކާ ފިލީ ކީއްވެކަން އަހަންނަށް އަދިވެސް ވިސްނާ ވިސްނާ ނޭނގުނު.. ލިއޯން އާ ނުލާ އަހަރެން އެކަނިވެރިވީވަރު އެނގޭތަ..؟ ލިއޯން އަހަރެންގެ ޙަޔާތަށް އައުމާއެކު އަހަރެންގެ ހުރިހާ ގޯސް އާދަތަކެއް ހުއްޓާލިން.. އެކަމަކު.. މިހާރު އަހަރެންގެ ހިތްވަރު އެލިއްޖެ… މި އެކަނިވެރިކަން.. މި އަނދިރިކަން .. އެދަރިފުޅު ފެންނަ ކޮންމެ ފަހަރަކު އާވާ ހަނދާންތައް.. އަހަންނަކަށް އެހުރިހާކަމެއް އެކަނި ތަޙައްމަލެއް ނުކުރެވޭނެ… ހުރިހާ ކަމެއް، ހުރިހާ އެއްޗެއް ހަނދާން އާ ކޮށްދެނީ ލިއޯންގެ މަތިން.. ހީވަނީ އަހަރެންގެ ގާތުގައި ކަލާ ވާހެން..”
ސިޓީ ކިޔާ ނިމުން އިރު ލިލިއަންގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ހިފަހައްޓައިގެން ހުރި ގަނޑު ފޯކުރަމުން ދިޔައެވެ. އޭނާއަށް މިއަދު އެ އިޙްސާސް ކުރެވެމުންދަނީ މީގެ އެތަކެއް ދުވަހެއް ކުރިން އޭނާގެ މަންމަ ކަޑައްތުކުރި އެކަނިވެރިކަމާއި ހިތާމަކަމުގައި ހިތުގެ ކަނަކުން ޤަބޫލުކުރެވުނެވެ. މަންމަގެ މިޒާޖާއި މެދު ނަފްރަތު ކުރެވުނު ލިލިއަން އަށް އޭނާވެސް އެމަަންމަ ފަދައިން ވެއްޖެ ކަމުގައި ހީކުރެވުނެވެ. އޭނާވެސް އުންމީދު ކުރީ ދިޔާން އޭނާއާއެކު ހުންނާނެ ކަމަށެވެ. ހުރިހާ ކަމަކާއި ތަނަކުން އިޙްސާސްކޮށްދެނީ ދިޔާން އެވެ. މަންމަ ފަދައިން އޭނާއަށްވެސް އެކުރެވެމުންދަނީ ބޭކާރު އިންތިޒާރެއް ބާއެވެ؟ ހަދީއްޖާތަ ބުނިހެން ދިޔާން އަކީ އޭނާގެ ބައްޕަ ފަދަ މީހެއް ހެއްޔެވެ؟
” މަންމާ.. ކީއްވެ..؟ ކީއްވެ އަހަރެން ދޫކޮށްލާފަ ތި ދިޔައީ..؟ އަހަރެން މިހާރު މުޅިން އެކަނިވެރިވިވެއްޖެ..” ލިލިއަން އަށް ހިތުގައި ޖެހިފާ ރޮވެން ފެށުނެވެ. ދިޔާންގެ ޚިޔާލުތަކާއި އޭނާގެ މަންމަގެ ވަކިވެދިޔުމުން ހިތުގައި ފުނިޖެހެމުން އައި ދިލަ ހޫނުކަން ލިލިއަން ބޭރުކުރަމުން ދިޔައެވެ. މަންމަގެ މަރަށްފަހު ލިލިއަން އަށް ސަލާމަތުގެ އައްސޭރިއަކަށް ދިޔުމަށް ހިފުނު ވާފަށަކީ ދިޔާން އެވެ. އެހެނަސް އެވާފަށް އަތުން ލުހެމުންދާކަން އިޙްސާސް ކުރެވެން ފަށައިފިއެވެ. އެހިތާއި ސިކުނޑި ދިޔާންގެ ހަނދާންތަކުން ވަށާލެވިފައިވާ އިރު ކިތަންމެ މަސައްތެއް ކުރިނަމަވެސް އެޚިޔާލުތަކުން މިނިވަން ވުމަށް ލިލިއަން ނުކުޅެދުނެވެ.
*************
ލިލިއަން ގެއިން ނިކުމެގެން އައި އިރު އިރުއޮއްސެނީއެވެ. މަޑު ހިނގުމެއްގައި ކުރިއަށް ދިޔައިރު އެ މޫނުގައި އެއްވެސް ދިރުމެއްނެތެވެ. މާޔާގެ ގެ ހުންނަ ގޯޅިއަށް އެޅުމުން ލިލިއަން އިސްއުފުލާ ބަލައިލިއެވެ. އަނދިރިކަމުގެ ތެރެއިން އެގޭކައިރީ ހުރި މީހެއްގެ ހިޔަނި ފެނުމުން ލިލިއަން ސިހޭ ގޮތްވިއެވެ. އަނދިރީގެ ތެރެއަށް ލޯ ހޭނުމާއެކު އޭނާއަށް ބަލަހައްޓައިގެން ހުރި ޒުވާނާގެ މޫނު ލިލިއަންއަށް ވަކިކުރަން އެނގުނެވެ. އެއާއެކު ލިލިއަންގެ ނޭވާވެސް ހިނދުކޮޅަކަށް ހުއްޓުނެވެ. ދެލޮލަށް ކަރުނަ ޖަމާވެގެން ދިޔައިރި މުޅިހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދިގެން ދިޔައެވެ.
” ޔާން..” ލިލިއަންގެ އަނގައިން އެނަން ބޭރުވީއިރު ދިޔާން އާ ދިމާއަށް ލިލިއަން އަށް ދުއްވައިގަނެވުނެވެ. އެހަށިގަނޑުގައި ގޮސް އޮޅުލައިގެނުވުނު އިރު ގިސްލަ ގިސްލާފައި ލިލިއަން އަށް ރޮވެމުން ދިޔައެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ހިތަށްވެރިވި ޚިޔާލުތަކާއެކު ލިލިއަންގެ ހިތަށް ލިބިފައިވާ ހިތްދަތިކަން އެ ގިސްލުމުގައި ވިއެވެ. ކިތަންމެ ގިނަ ޝަކުވާއެއް އެހިތު ތެރޭގައި އުފެދިފައިވީނަމަވެސް ދިޔާން ފެނުނު ވަޤުތު އެހުރިހާ ކަމެއްގެ މަތިން ލިލިއަން ހަނދާން ނެތުނު ފަދައެވެ. ދިޔާން އޭނާގެ ގާތުގައި ވުމުން އެއަށްވުރެ ބޮޑު ހިތްހަމަޖެހުމެއް އޭނާއަށް ލިބިގެން ދިޔައެވެ.
އިރުކޮޅަކު އެގޮތުގައި ރޯން ހުރި ލިލިއަން އަށް ދިޔާން އޭނާގެ ދެއަތުގައި ހިފާ ގަޔާ ދުރުކޮށްލި ކަމުގެ އިޙްސާސްކުރެވުނެވެ.
” ލިލި..އަން..؟” ދިޔާން ސުވާލެއް ފަދައިން ލިލިއަންގެ ނަން ކިޔާލިއެވެ. ކަރުނަވީ ދެލޮލުގެ ތެރެއިން ލިލިއަން އަށް ދިޔާންގެ މޫނަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. އަނދިރީގެ ތެރެއިން އޭނާއަކަށް ދިޔާންގެ މޫނުގައިވާ ކުލަވަރުތަކެއް ދޭހަކުރާކަށް ނޭނގުނެވެ. އެހެނަސް އޭނާގެ ކަންފަތަށް ދިޔާންގެ އަޑު އިވުނީ ބީރައްޓެހިކޮށެވެ. ކުޑަ ހިނދުކޮޅަކަށް އެއީ ދިޔާން ކަމާމެދު ހިތުގައި ޝައްކު އުފެދުނެވެ.
” ދިޔާން..؟ އޯ މައި ގޯޑް!” ގެއިން ނިކުން މާޔާއަށް ލިލިއަން އާއެކު ހުރި ދިޔާން ފެނުމުން އެދިމާއަށް ވައިސޫރިއެއްގެ ބާރުމިނުގައި އައެވެ.
” ދިޔާން ކިހިނެއްތަ ތި ހެދީ..؟ އަހަރެމެން އެކަކަށްވެސް ދިޔާންގެ ފޯނަކަށް ނުގުޅެ.. އިނގޭތަ ލިން ހާސްވެގެން އުޅުން ވަރު..؟” މާޔާއަށް ޝަކުވާކޮށްލެވުނެވެ.
ހުއްޓުން އަރާފައި ކަޅި ޖަހާ ނުލާ ލިލިއަން އަދިވެސް ދިޔާންގެ މޫނަށް ބަލަމުން ދިޔައެވެ. އޭނާގެ ކުރިމަތީގައި އެހުރީ ހަޤީޤަތުގައިވެސް ދިޔާންތޯ ޔަޤީން ކުރަން ލިލިއަން މަސައްކަތް ކުރަމުން ދާފަދައެވެ. އޭނާއަށް ހީވީ ކުށްހީއެކެވެ. އެއީ ހަމަ ދިޔާން ގެ ތަސްވީރެވެ. އެއްވެސް ތަފާތެއް ނެތެވެ.
ދިޔާންގެ ހާސްކަމާއި ނުތަނަވަސްކަން އެކުލެވޭ މޫނު ލިލިއަންގެ ލޮލުގައި އަޅައިގަތެވެ. މާޔާއަށް ބަލާލަމުން ލިލިއަން ދެފަރާތަށް ބޯ ހޫރުވާލީ މިގަޑިއަކު ނޫނޭ ބުނާ ބީދައިންނެވެ. ލިލިއަން ދޭން ބޭނުންވި މެސެޖު ފަހުމް ވުމުން މާޔާ ފުންނޭވާއެއް ދޫކޮށްލިއެވެ.
” ހިނގާ އެތެރެއަށް ވަންނަން މަގުމަތީ ނުތިބެ..” އަނދިރިކަން ވެރިވެފައިވާ ދުނިޔެމައްޗަށް ނަޒަރު ހިންގާލަމުން މާޔާ ބުންޏެވެ. ލިލިއަން ދިޔާން އަށް ބަލާލުމާއެކު އޭނާވެސް ލިލިއަން އާއެކު ގޯތި ގެތެރެއަށް ވަންނަން މިސްރާބުޖެހިއެވެ.
“ހިނގާ ސައިބޯން.. ހަވީރު މިގޭގަ ހެދި ހެދިކާ ހުންނާނެ.. ދަތުރު ވަރުބަލި ފިލުވާލަންވާނެ އެންނު..” މާޔާ ދިޔާން އަށް ބަލާލަމުން ބުންޏެވެ. ދިޔާން އިތުރު އެއްޗެއް ބުނުމެއްނެތި ބޯ ޖަހާލިއެވެ. ދިޔާންގެ ކޮންމެ ހަރަކާތަކަށް ކަޅިޖަހާނުލާ ބަލަން ހުރި ލިލިއަންގެ ނިއްކުރިއަށް ރޫތައް ޖަމާވިއެވެ. އެހެނަސް އެކަމާ އިތުރަށް ނުވިސްނާ ލިލިއަން ދިޔާންގެ ފަހަތުން ކާގެއަށް ވަދެގެން ދިޔައެވެ.
ސައިބޯން ތިބިއިރުވެސް ތިންމީހުންގެ މެދުގައިވަނީ ހަމަހިމޭންކަމެވެ. އެ ހަމަހިމޭންކަން ލިލިއަން ނުތަނަވަސްކުރުވަމުންދިޔައިރު މަންޒަރު ބަލަން އިން މާޔާއަށް އެކަން ފާހަގަ ކުރެވުނީ ކަންނޭނގެއެވެ.
” ދިޔާން މިފަހަރުވެސް ކުރިންހުރި ގެސްޓް ހައުސްގަތަ ހުންނަނީ..؟” ކޮންމެވެސް ވާހަކައެއް ފެށުމުގެ ގަސްތުގައި މާޔާ ސުވާލު ކުރިއެވެ. ދިޔާން މާޔާއަށް ބަލާލަމުން ބޯ ޖަހާލިއެވެ.
” ކޮން އިރަކު އަނބުރާ ފުރަނީ..؟ ލިން ގޮވައިގެންތަ އަނބުރާ ދަނީ..؟” ސުވާލުގެ ނަޒަރަކުން ބަލާލަމުން އަނެއްކާވެސް މާޔާ ސުވާލުކުރިއެވެ.
” އަ..ދި ދުވަހެއް ކަނޑައެއް ނާޅަން.. ލި…ލިން ..” ދިޔާން އަށް އޭނާއާ ދިމާއަށް ބަލަހައްޓައިގެން އިން ލިލިއަންގެ މޫނު ފެނުމުން އަނގަ ބަންދުވެގެން ދިޔައެވެ. ދިޔާންގެ އާދަޔާޚިލާފު ކޮންމެ ޢަމަލަކާއެކު ލިލިއަންގެ ސިކުނޑީގައި އަޅަމުން ދިޔަ ބިރުވެރިކަމުގެ ރަނގަބީލުތަކުގެ އަޑު ބާރުވަމުން ދިޔައެވެ. ދިޔާން ކުރިއާ އެހާ ތަފާތީ ކީއްވެބާއެވެ؟ ދެމީހުންގެ ދެމެދުގައި ނޭނގޭ ހުސްކަމުގެ އުފެދިފައިވާހެން ލިލިއަން އަށް އިޙްސާސްވަނީ ކީއްވެބާއެވެ؟ ޖަވާބު ނޭނގޭ ސުވާލުތަކުން ސިކުނޑި ފުނި ޖެހެމުން އައި ވަރަކަށް ލިލިއަންގެ ބޮލުގެ ރިހުން އިތުރުވަމުން ދިޔައެވެ.
” ލިން..” ކުއްލިއަކަށް ލިލިއަން މޭޒުދޮށުން ތެދުވުމުން މާޔާ ގޮވާލިއެވެ. ދިޔާންގެ ނަޒަރުވެސް އެވަޤުތު ލިލިއަން އަށް ހުއްޓުނެވެ.
” އެބަ އަންނަން..” އަވަސް އަވަހަށް މާޔާއަށް ބަލާލަމުން ދިޔާން އާ ނަޒަރު ހަމަކުރުމެއްނެތި ލިލިއަން ކާގެއިން ނިކުންނަން ހިނގައިގަތެވެ. ކުޑަ ވަޤުތުކޮޅަކަށް އެކަނިވެލަން ލިލިއަން ބޭނުންވީއެވެ.
ލިލިއަން ތެދުވެގެން ދިޔަ ދިމާއަށް ބަލަން ހުރި މާޔާ އިސްޖަހައިގެން އިން ދިޔާން އާ ނަޒަރަު ސީދާ ކޮށްލިއެވެ.
” އަހަންނަކަށް ނޭނގެ ދިޔާން އަށް ދިމާވީ ކޮން ކަމެއްކަމެއް.. އެކަމަކު ލިން އަށް އެއްވެސް ކަމެއް ސިއްރުނުކޮށް ކިޔައިދީ.. ދިޔާންގެ ޚަބަރެއް ނުވެ ހޭދަވެގެން ދިޔަ ކޮންމެ ދުވަހެއް ލިލިއަން ކަޑައްތު ކުރީ ވަރަށް ހިތާމައިގަ.. ކެއުމެއް ބުއިމެއް ނެތި..އެޓްލީސްޓް ޝީ ޑިޒާވް ސަމް އާންސާސް..” މާޔާ ބުނެލިއެވެ.
*******
ކޮޓަރީގެ ދޮރުގައި ބޯ ޖައްސާލައިގެން ހުރެ ލިލިއަން ދެލޯ މަރާލިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ލިލިއަން ކަމުގައި ރަނގަޅަށް ވިސްނަން މަސައްކަތް ކުރިއެވެ. ދުވަސްތަކަކަށްފަހު ދިޔާން އާ ބައްދަލުވުމުން ކުރެވުނު އިޙްސާސްތަކަކަށް ވުމަކީވެސް ވެދާނެ ގޮތެއް ކަމުގައި ލިލިއަން ވިސްނިއެވެ. ޝައްކާއި ވަހުމްތަކުގެ ތެރޭގައި ދިރިއުޅޭކަށް ލިލިއަން ބޭނުމެއް ނޫނެވެ.
ލިލިއަން ފުންނޭވާއެއް ދޫކޮށްލަމުން ކޮޓަރިން ނިކުމެ ކާގެއަށް ހިނގައިގަތެވެ. ތަށިތައް ނަގަން އެކަނި ހުރި މާޔާ ފެނުމުން ލިލިއަންގެ ހިތް ގެނބިގެން ދިޔައެވެ. ހާސްކަމާއި ބިރުވެރިކަން މޫނުމަތިން ފާޅުވެގެން ދިޔައީ ދިޔާން ފެންނަަން ނެތުމުންނެވެ.
” ކޮބާ ދިޔާން..؟” ލިލިއަން ނޭވާ ހިފަހައްޓާލަމުން ސުވާލު ކޮށްލިއެވެ. އަދިވެސް އޭނާގެ ލޯކުރިމަތިން ދިޔާން ގެއްލިގެން ހިނގައިދާނެ އޭ ލިލިއަން އަށް ހީވަނީއެވެ. އަނެއްކޮޅުން ދިޔާން އައުމަށްފަހު އޭނާއަށް ކަންތައް ކުރެވުނީ އެންމެ ރަނގަޅަށް ނޫންކަމުގައި ހިތްބުުނަމުން ދިޔައެވެ. އުފާވެރި ހިނިތުންވުމެއްްހާ ހިސާބުވެސް އޭނާއަކަށް ދިޔާން އަށް ރައްދެއް ނުކުރެވެއެވެ. އިތުރަށް ދިޔާން އޭނާ މަތިން ފޫހިވެދާނެ ކަމުގެ ބިރު ލިލިއަންގެ ހިތުގައި އުފެދެމުން ދިޔައެވެ.
” ލިން އަންނަންދެން އަހަރެން ބުނިން ޖޯލިފަތީގަ މަޑުކޮށްލާށޭ..” މާޔާ ބުންޏެވެ. އިތުރު ވިސްނުމެއްނެތި އަވަސް އަވަހަށް ލިލިއަން ގޭގެ މައި ދޮރާ ދިމާއަށް ހިނގައިގަތެވެ. ދޮރާ އަރާ ހަމަވިއިރު ގޯތީގެ ހުސްބިމުގައި ހުރި ޖޯލިފަތީގައި އިށީނދެ އިން ދިޔާން އޭނާގެ ލޮލުގައި އަޅައިގަތެވެ. ލިލިއަން އަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ދެނެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިން ދިޔާން ފެންނަން ނެތުމުން އޭނާގެ ހިތަށް ވެރިވި ބިރުވެރިކަން ނެތިގެން ދިޔައެވެ.
މީހެއްގެ ހިލަންވީ ފަދައިން ދިޔާން ބަލައިލިއެވެ. އޭނާގެ ކައިރި ހުއްޓުނު ލިލިއަން ފެނި ދިޔާން ކޮއްޅަށް ތެދުވިއެވެ. ދެމީހުންގެ ދެމެދަށް ވެރިވި ހަމަހިމޭންކަން ކަނޑުވާލީ ލިލިއަން އެވެ.
” ޔާން މިހާ ދުވަސް ވަންދެން އަހަންނާ ޚަބަރެއްނުވެ ހުރީ ކީއްވެތޯ އެއް ސުވާލެއް ނުކުރާނަން.. ޔާން އަށް ފެނިގެން އެހުރިހާ ވާހަކައެއް އަހަންނަށް ކިޔައިދޭނެ ދުވަހަކަށް އިންތިޒާރު ކުރާނަން.. އެކަމަކު.. އަހަރެން ކޮށްލަން ބޭނުންވަނީ އެންމެ ސުވާލެއް..” ލިލިއަން ދިޔާން އަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދެއްކިއެވެ.
” ޔާން.. އަދިވެސް އަހަރެން ދެކެ ލޯބިވޭތަ..؟ އަދިވެސް .. އަހަންނާ ކައިވެނިކުރަން ބޭނުންވޭތަ..؟” ދެއަތް ދެއަތާ ލާ ބޮނޑި ކޮށްލަމުން ލިލިއަން ކަށިން ހިތްވަރު ނެރިގެން އޭނާއަށް ކުރަން އެންމެ އުނދަގޫ ސުވާލު އަމާޒުކުރިއެވެ. ކަންތައްތައް ބަދަލުވެފައިވާ މިންވަރާއެކު ދިޔާން ދޭނެ ޖަވާބަކާމެދު ލިލިއަން ކަންބޮޑުވަނީއެވެ. ދިޔާން އޭނާ ބޭނުމެއްނޫނޭ ބުންޏަސް އެދެފައިގާ ހިފާ އާދޭސް ކުރަން އެދެއަތް ބޭއިޙްތިޔާރުގައި ހަރަކާތް ކުރާނެކަން ލިލިއަން އަށް ޔަޤީންވެއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.







Varah reethi