“މީ ކޮން ފޮޓޯތަކެއް؟” އައްކިޔުންގެ ބައްޕަ އައުމުން އަވަހަށް ފޮރުވަން ޖިންސުގެ ޖީބުތެރެއަށް ލާން އުޅުނުއިރު ވެރިފައިވާ ފޮޓޯތައް ނަގަމުން އައްކިޔުންނަށް އޭނާގެ ބައްޕަ އަހާލިއެވެ.
އެފޮޓޯތައް ބައްޕައަށް ފެނުމުން އައްކިޔުން ވަރަށް ސަކަރާތް ވިއެވެ.ފަހަރަކު ފޮޓޯއެއް ބަލަމުން އައްކިޔުންގެ ބައްޕަ ދިޔައިރު އައްކިޔުން އިނީ ފޮޓޯތައް އަތުލަންވެސް ނުކެރިފައެވެ.
“މިހެންވެގެންތަ ދަރިފުޅު ތިއުޅެނީ؟” އައްކިޔުނަށް ބަލައިލަމުން އޭނާގެ ބައްޕަ ބުނެލިއެވެ.އައްކިޔުންނަށް އޭނާގެ ބައްޕަ ބަލައިލި ވަގުތު، ރުއިމުގެ ސަބަބުން ދުޅަވެ ރަތްވެފައިވާ އައްކިޔުންގެ ދެލޯ ފެނުނެވެ.
“ދަރިފުޅު މިކަމާ ހެދިދޯ ތި ހިތާމަ ކުރަނީ؟….އޭރުވެސް ބައްޕަ ބުނީމެއްނު…. އިންސާނުންނަށް އިތުބާރެއް ނުކުރެވޭނެޔޭ…. މިއޮތީ ބައްޕަ ބުނިތަން އައިއްސަ” ވަރަށް ހިތްހަމަ ނުޖެހިހުރެ އައްކިޔުންގެ ބައްޕަ ބުނެލިއެވެ.
“އެކަމަކު ބައްޕާ އައްކިޔުންނަށް އަދިވެސް ޤަބޫލެއްނުކުރެވޭ ނައިޝާ އައްކިޔުންނަށް ބޭވަފާތެރި ވެދާނެކަމަށް…..ނައިޝާ އަކީ އައްކިޔުންގެ ހަޔާތުގަ ދިމާވި ފުރަތަމަ އަދި އެންމެ ރަނގަޅު ކުއްޖާ ވެސްމެ” ދެރަވެފައި އައްކިޔުން ބުނެލިއެވެ.
“ތިހެންނޭ ބައްޕައަށްވެސް ވީ…ދަރިފުޅުގެ މަންމަވެސް ވަރަށް އޯގާތެރިވެ އުޅެފަ އެންމެ ހީނުކޮށްހުރި ދަނޑިވަޅުގަ ދޯކާދިނީ” އައްކިޔުންގެ ބައްޕަ އެހެންބުނެލިއިރު، އެއަޑުގައި ވަނީ ހިތާމައެވެ.
“އެ ނައިޝާ ކޮބާތަ މިހާރު؟” އައްކިޔުންގެ ބައްޕަ އަހާލިއެވެ.
“އޭނަގެ ކުރީގެ ފިރިމީހާގެ ރަށުގަ” އިސްދަށަށް ޖަހައިލައިގެން އިނދެ އައްކިޔުން މަޑުމަޑުން ބުނެލިއެވެ.
“އަހަރެންގެ ދަރިއަށް ގެއްލުންދީފަ އޭނަ ވަަރަށް އުފަލުގަދޯ އެއުޅެނީ؟” ހިތްހަމަ ނުޖެހިހުރެ އައްކިޔުންގެ ބައްޕަ ބުނެލިއެވެ.
“ލާހިކެއްނޫން އޭނައަށް އުފަލުގަ އުޅޭކަށް” އައްކިޔުންގެ ބައްޕަ އިތުރަށް ބުނެލިއެވެ.އެވަގުތު އައްކިޔުން އޭނާގެ ބައްޕައާ ދިމާލަށް ބަލައިލިއެވެ.އަދި ނައިޝާއަށް އެއްވެސް ކަމެއް ނުކުރުމަށާއި، އައްކިޔުންވެސް ނައިޝާއާ ދުރަށްދާން ނިންމައިފިން ކަމުގައި ބުނެލީ ހިތާމަވެެރި އަޑަކުންނެވެ.
“ރަނގަޅު އެކަހަލަ ވިޔާނުދާ އަންހެނަކާ ހެދި ދަރިފުޅު ހިތާމަކުރާނެ ކަމެއްނެތް” ނައިޝާއަށް ހުތުރުބަސް ބޭނުންކުރުމުން އައްކިޔުން އޭނާގެ ބައްޕަދެކެ ހިތްހަމަ ނުޖެހުނެވެ.
“ނައިޝާ އަދި ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އައްކިޔުން ނޭދެން ބައްޕަ އޭނައަށް ގެއްލުމެއް ކީއްކުރަން، ބަދު ބަހެއްވެސް ބުނާކަށް” އައްކިޔުން ބުނެލިއެެވެ.
***********
އައްކިޔުންނާ އޭނާގެ ބައްޕަ ޖޯލީގައި ތިއްބާ އެތަނަށް ލެޔާލް އައެވެ. ދުރުގައި ހުރެ އައްކިޔުންނަށް އޭނާ ގޮވާލުމުން އައްކިޔުންނާ އޭނާގެ ބައްޕައާ ދެމީހުން އެއްފަހަރާ ލެޔާލަށް ބަލައިލިއެވެ.
“އެއައީ އަހަރެންގެ ފަރާތުން ޖަވާބެއް ހޯދަން” އައްކިޔުން އޭނާގެ ބައްޕައަށް ބުނެލިއެވެ.
“ކޮން ޖަވާބެއް؟” އައްކިޔުންގެ ބައްޕަ އަހާލިއެވެ.
އައްކިޔުން އޭނާގެ ބައްޕައަށް ކަންވީގޮތް ކިޔައިދިނެވެ. “މިރޭމީ އޭނަ ޖަވާބު ހޯދަން އަންނާނަމޭ ބުނި ރޭ” އައްކިޔުން ބުނެލިއެވެ.
“ބައްޕައަށް ފެންނަނީ ދަރިފުޅު ތިކަން ކުރަން…ލެޔާލް ދަރިފުޅަށް ކިހާ އިންތިޒާރެއް ކޮށްފި…..ބައްޕައަށް ޔަގީން އެ ނައިޝާއަށްވުރެ އޭނަވެސް ރަނގަޅުވާނެކަން” އައްކިޔުންގެ ބައްޕަ ބުނެލިއެވެ.
“އެކަމަކު ބައްޕަ ވައުދުވޭ ނައިޝާއަށް އެއްވެސް ގެއްލުމެއް ނުދޭނަން ކަމަށް” އައްކިޔުން ބުނެލިއެވެ.އެވަގުތު ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، ނައިޝާއަށް ގެއްލުމެއް ނުދޭނަން ކަމުގައި އައްކިޔުންގެ ބައްޕަ އައްކިޔުންނަށް ވައުދުވިއެވެ.އަދި އޭނާ އައްކިޔުންނަށް ވި ވައުދު ހިފަހައްޓާނަން ކަމުގައިވެސް ބުނެލިއެވެ.
“އައްކިޔުން ހަމަ ދެރަވަނީ ބައްޕާ….އައްކިޔުންނަކަށް ނައިޝާ ހަނދާން ނައްތައެއް ނުލެވޭނެ…އައްކިޔުން ނައިޝާ ދެކެ ހާދަ ލޯބިވެޔޭ” އައްކިޔުން އޭނާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ފުހެލަމުން އޭނާގެ ބައްޕައަށް ބުނެލިއެވެ.
“ތީ ދަރިފުޅު އާވީމަ ހީވާ އެއްޗެއް…އަދި ދަރިފުޅަށް އެނައިޝާއާ ނުލާ އުޅެންދަސްވާނެ….ލެޔާލްގެ އަޅާލުމާ ލޯބި ލިބެންފެށުމުން ތިކަންތައް ނިމިދާނެ” ގަޔާކައިރިކޮށް، އައްކިޔުންގެ ބުރަކަށީގައި ފިރުމާލަމުން އޭނާގެ ބައްޕަ ބުނެލިއެވެ.
**********
ހަމައަކަށް އެޅިލުމަށްފަހު ލެޔާލް ކައިރިއަށް އައްކިޔުން ދިޔައެވެ. “އަހަރެން ވަރަށް ވިސްނާފަ ނިންމައިފިން ލެޔާލާ ރައްޓެހިވާން” ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އައްކިޔުން އެހެން ބުނެލީ ނުހަނު އުދަނގުލުންނެވެ.
އޭރު އިޚްތިޔާރަކާ ނުލާ އޭނާގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ.އައްކިޔުން ބޭނުންނުވިޔަސް، ނައިޝާގެ ރައްކާތެރި ކަމަށްޓަކާ ލެޔާލާ ރައްޓެހިވުން ނޫން ގޮތެއް މިއަދު އޭނާއަކަށް ނެތެވެ.
“އައްކި ނުރޮއެ އެ ނައިޝާ މަތިން އައްކި ހަނދާން ނައްތާލާވަރު އަހަރެން ކުރާނަން” ރޮމުންދިޔަ އައްކިޔުންގެ އަތުގައި ހިފާލަމުން ލެޔާލް ބުނެލިއެވެ.އެވަގުތު އައްކިޔުން ލެޔާލްގެ އަތް ފޮޅުވާލިއެވެ.
“ސޮރީ ލެޔާލް…އައްކިއަށް ވަރަށް އުދަނގޫ އަދި އާދަވާން…އައްކިއަށް ވަގުތު ބޭނުންވޭ ކަންކަމަށް ހޭނެން” ލެޔާލްގެ އަތް ފޮޅުވާލެވުމުން އައްކިޔުން ބުނެލިއެވެ.
“‘އޯކޭ…އައްކި ބޭނުންވަރަކަށް ވަގުތު ނަގަންވީ ހަމަ….އައްކި އާދަވަންދެން އަހަރެން މަޑުކުރާނަން….އައްކިއަށްޓަކާ އެތައް ޒަމާނެއްވަންދެން އަހަރެން އިންތިޒާރުކުރިން އަދިވެސް ކުރެވޭނެ” ލެޔާލް ބުނެލިއެވެ.
“ލެޔާލް ނައިޝާއަށް އެއްވެސް ގޮތެއް ނުހަދައްޗޭ” އައްކިޔުން ބުނެލިއެެވެ.
“އާނ އެކޭ…އަހަރުމެން ޖިންނިން ކަމެއް ނުކުރާނެއޭ ބުނެފިނަމަ ނުކުރާނެ…އަހަރުމެން ނުވާނަން އިންސާނުންހެނެއް” ހިތްހަމަ ނުޖެހި ހުރެ ލެޔާލް ބުނެލިއެވެ.
************
ލެޔާލާ އައްކިޔުންނާ ވާހަކަދައްކަން ހުއްޓާ އެދެމީހުން ކައިރިއަށް އައްކިޔުންގެ ބައްޕަ އައެވެ.
“ލެޔާލް އައްކިޔުންނަށް ދެރަވާފަދަ ކަމެއްނުކުރާތި….އައްކިޔުންނަކީ އަހަރެންގެ ދެލޯފަދަ ލޯބިވާ އަހަރެންގެ ހުރި ހަމައެކަނި ފުރާނަ” އައްކިޔުންގެ ބައްޕަ ބުނެލީ ނުހަނު ދެރަވެފައެވެ.
“ބައްޕަ ކަންބޮޑުނުވޭ…އަހަރެން ނައިޝާހެނެއް ނުވާނަން…އަހަރެން ދުވަހަކުވެސް އައްކި ދުލެއް ނުކޮށްލާނަން” ލެޔާލް އެހެންބުނުމުން އައްކިޔުންގެ ބައްޕަ އުފަލުން ލެޔާލް ގައިގައި ބައްދާލިއެވެ.
“ދަރިފުޅާ އާދެބަލަ!” ލެޔާލާ ދުރަށް ޖެހިލުމަށްފަހު، އައްކިޔުންނަށް އޭނާގެ ބައްޕަ ގޮވާލިއެވެ.
“ދަރިފުޅާ! ލެޔާލަށް ލޯބިދެވޭތޯ މަސައްކަތްކުރޭ….އެންމެ ހީނުކުރާ ގޮތަށް ގިނަފަހަރު ކަންކަންވާނީ…ބަލާބަލަ ދަރިފުޅު ހީކުރީ ނައިޝާ ރަނގަޅުވާނެކަމަށް އެކަމް ކިހިނެއްމިވީ؟…ބައްޕަ ބުނަން މިއުޅެނީ ދަރިފުޅު ހީކުރަނީ ލެޔާލަކީ ގޯސް ކުއްޖެއްކަމަށް….އެކަމަކު ދަރިފުޅުގެ ތިހީކުރުން ބަދަލުވާނެ ގަބޫލުކުރޭ” އައްކިޔުންގެ ކޮނޑުގައި ހިފާލަމުން އޯގާތެރިކަމާއެކު އޭޭނާގެ ބައްޕަ ބުނެލިއެވެ.
***********
އައްކިޔުންގެ ބައްޕަ ދިއުމުން ލެޔާލާ އައްކިޔުން އެކަނިވިއެވެ. “ހިނގާ އައްކި ޖޯއްޔަށްދާން” ލެޔާލް އުފަލުން ހުރެ ބުނެލިއެވެ.ލެޔާލަށް މިރޭމީ އުފާވެރި ރެއެކަށްވިޔަސް އައްކިޔުންނަށް މީ އޭނާގެ ހަޔާތުގައި އައި އެންމެ ހިތާމަވެރި އެއްރެއެވެ.
“ލެޔާލް މިރޭ އައްކިޔުން ބޭނުންވަނީ އެކަނިވެލަން ޕްލީސް” އެކަނިވާން ބޭނުންވުމުން އާދޭހުގެ ރާގަކަށް އައްކިޔުން ބުނެލިއެވެ.
“އޯކޭ އައްކި ބޭނުންގޮތެއް” ހިނިތުންވެލަމުން ލެޔާލް އެތަނުން ދާން ހިނގައިގަތެވެ.އައްކިޔުން ކުރިމަތީގައި ހިނިތުންވެލައިގެން ހުރި ލެޔާލް އައްކިޔުންނަށް ފުރަގަސްދެމުން ރުޅިމޫނު ހަދާލީ އެތަނުން ދާން ޖެހުމުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





