“ހާނިމް؟” ސައިފަށް އެހެން އަހާލެވުނީ ހައިރާންވެ ދެލޯބޮޑުކޮށްގެން ހުރެއެވެ.ހާނިމަކީ ސައިފްގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ.އެންމެ ކުޑައިރުއްސުރެ އެކުގައި އުޅެ، ސައިފްގެ ހުރިހާ ހަޤީޤަތެއް އެނގޭ މީހާއެވެ. “ހާނިމުތަ ޒައިކްގެ ބައްޕައަކީ؟” އަނެއްކާވެސް ސައިފަށް އަހާލެވުނީ ޤަބޫލުކުރަން ދަތިވީމައެވެ.
“އާނ…އަހަންނަށް މާފްކުރޭ ސައިފް” އިސްދަށަށް ޖަހާލައިގެން ހުރެ ސުހާ ރޮމުން ބުނެލިއެވެ.އެހިނދު ހުރިތާ ގުނޑިލަން ނޭނގިފައި ސުޙާއަށް ބަލަހައްޓައިގެން ސައިފަށް ހުރެވުނީ ލިބުނު ޝޮކެއްގެ ބޮޑުކަމުންނެވެ. އެގޮތުގައި ތިން މިނެޓް ހުރެލުމަށްފަހު، އެއްވެފައި ތިބި މީހުންނާ ދިމާލަށް ސައިފް ބަލައިލިއެވެ.އެވަގުތު ހާސްވެ އެތަނުން ދާން ނުކެރިފައި ހުރި ހާނިމް ސައިފަށް ފެނުނެވެ.އޭރު ހާނިމް ހުރީ ހިތް ނުތަނަވަސްވުމުގެ ސަބަބުން ނިއްކުރިން އޮށްދާ ހިއްލާފައެވެ.ސައިފަށް ހާނިމް ފެނުމުން ރުޅިގަނޑު އުތުރި އެރިކަހަލައެވެ.
“ކޮންމެހެން ފިލާ ހުންނާނެ ކަމެއްނެތް ކަލެއެއް” ހާނިމް ލައިގެންހުރި ގަމީހުގެ ގިރުވާނުގައި ހިފާ ގާތަށް ދަމައިގަންނަމުން ސައިފް ބުނެލިއެެވެ.އެވަގުތު މަގުގެ އެއްފަރާތުގައި ހުރި ނައިޝާ ހާނިމާ ދިމާލަށް ބަލައިލިއެވެ.އެއީ ސައިފްގެ ދެ ރަހުމަތްތެރިންކުރެ އެކަކެވެ.ނައިޝާ މިފަހަރު ރަށަށް އައިއިރު “ކަނބުލޯ ތަނެއް ހޯދަނީހޭ” އަހާ އޭނާއާ ފޮށުނު މީހާއެވެ.
“ކަލޭތީ ހާދަ ގޮތެއްނެތް މީހެކޭ…އަހަރެންގެ އެންމެ ގާތްއެކުވެރިޔާއަށް ވެހުރެ، އަހަރެން ލޯބިވި މީހާއަށް ކަޅިއަޅާ، އޭނައަށް ދަރިއެއްވެސް ދީފި، އަދިއެވެސް އަހަރެންގެ އަންބެއްގެ ގޮތުގަ އިންދާ” ހާނިމްގެ ކަންފަތްމަތީގައި ވަރަށް ބާރަށް ޖަހަމުން ރުޅިއައިސްފައި ހުރި ސައިފް ބުނެލިއެވެ.
ސައިފް ހާނިމާ ދިމާލަށް އެއްޗެހި ކިޔަމުން ތަޅަންފެށިއެވެ.އޭނާގެ ރުޅި ކޮންޓުރޯލްއިން ނައްޓަން އުޅޭފަދައެވެ.އެވަގުތު އެއްވެފައިވާ މީހުން ސައިފް ދުރުކުރެވޭތޯ މަސައްކަތް ފެށިއެވެ.މީހުންގަނޑުގެ ތެރެއިން ސައިފްގެ ދެވަނަ ރަހުމަތްތެރިޔާވެސް ނައިޝާއަށް ފެނުނެވެ.ނަމަވެސް އޭނާ އެމީހުން ދުރުކުރަން މަސައްކަތްނުކޮށް މަންޒަރު ބަލަންހުއްޓެވެ.
“އަހަރެން އެންމެ ގިނަ ކަންތައްތައް ކޮށްދީފަ ހުންނާނީ މި ހާނިމަށާ އެހެރަ ސުޙާއަށް…މިމީހުން ބުނި އެއްޗެއް ބުނި ކަމެއް ކޮށްދިނިން އެތައް ބުރެއްމަތިން ފައިސާާއާ އަގުބޮޑެތި ހަދިޔާތައްވެސް ދިނިން…އޭގެ ބަދަލުގަ މިދެމީހުން އަހަންނަށް ކޯއްޗެއް މިދިނީ؟” ސައިފްގެ ރުޅިގަނޑު ކޮންޓުރޯލް އިން ނެއްޓިއެވެ.ސައިފް އެންމެ އިތުބާރުކުރި އެންމެ ގާތް ދެމީހުން ފަހުވަގުތުގައި އޭނާއަށް ބޭވަފާތެރިވުމުން މުޅިމީހާގެ ދެރަޔާ ރުޅިއާ ދެހިއްސު އެކީ ވަނީ ހޭލާފައެވެ.
*********
ހާނިމްގެ މޫނުމަތީގައި ސައިފް ވަރަށް ބާރަށް ޖެހިއެވެ.އެވަގުތު ހާނިމްގެ އަނގައާ ނޭފަތް ފަޅައިގެންގޮސް ލޭއަންނަން ފެށިއެވެ.އެމަންޒަރު ފެނުނު ނައިޝާއަށް އަނގަމަތީގައި އަތް އަޅާލެވުނީ ހައިރާންވެ ދެލޯ ބޮޑުކޮށްލަމުންނެވެ. ދެވަނަ ފަހަރަށްވެސް ހާނިމްގެ މޫނުމަތީގައި ޖަހަން ގޮށްމުށްކަވާލަމުން ސައިފް އަތް އުފުލާލިއެވެ.ނަމަވެސް ތަންވަޅު ބަލާފައި ހާނިމާ ސައިފްގެ ދެމެދަށް ނައިޝާ ވަނީ ސައިފް ހުއްޓުވާށެވެ.
“ސައިފް ޕްލީސް އޭނަ ގައިގަ ނުތަޅާ ދޫކޮށްލާ….އެމީހުން ކިތަންމެ ގޯސްވިޔަސް ސައިފް ނުޖެހޭނެ އެމީހުންގެ ފެންވަރަށް ވެއްޓޭކަށް” ހާނިމަށް ފުރަގަސްދީ ސައިފަށް ކުރިމަތިލައިގެން ހުރެ އާދޭހުގެ ރާގަކަށް އޭނާއަށް ވިސްނައިދެވޭތޯ ނައިޝާ ބުނެލިއެވެ.އެވަގުތު ހާނިމްގެ މޫނުމަތީގައި ޖަހަން އުފުލާލި އަތް ސައިފްް ތިރިކޮށްލިއެވެ.
“ނައި ޕްލީސް އަހަރެންގެ އެތެރެހަށީގަ ހިފާފަމިވާ ހުޅުގަނޑު ނިއްވާލިޔަދީ…ދުރަށްޖެހީ ނައި” ސައިފް އާދޭހުގެ ރާގަކަށް ބުނެލި ނަމަވެސް އަދިވެސް އޭނާގެ ރުޅިގަނޑު މަތައެއްނުވެއެވެ.
“އޭނާ ގައިގަ ތަޅާ މަރާލިޔަސް ސައިފްގެ ހިތަށްކޮށްފައިވާ އަސަރަށް ލުއެއްލިބޭނެތަ؟…އެމީހުން ސައިފަށް ވި ބޭވަފާ ހަނދާން ނައްތާލެވިދާނެތަ؟” ވިސްނައިދިނުމުގެ ގޮތުން ނައިޝާ ބުނެލިއެވެ.ނައިޝާގެ އެބަހަށް އެތާތިބި މީހުންވެސް ތާއިދުކުރިއެވެ.އެވަގުތު ދެރަވެ ރުޅިއައިސްފައިވާ ސައިފް، އުޑުމައްޗަށް ބަލައިލުމަށްފަހު އަޑުގެ ކޮޅަށް ހަޅޭއްލަވާގަތީ މުޅިމީހާ ތުރުތުރުއަޅަމުންނެވެ.އަދި ދެކަކޫމައްޗަށް ތިރިވެ ވެލިގަނޑުމަތީގައި ގޮށްމުށުން ވަރަށް ބާރަށް ރޮމުން ހަޅޭއްލަވަމުން ތަޅަންފެށިއެވެ.
********
އިސާހިތަކު ސައިފްގެ އަމިއްލަ އަތުން ލޭއަންނަން ފެށިއެވެ. “ދަރިފުޅާ ހެޔޮނުވާނެ އަމިއްލަ ނަފްސަށް ގެއްލުންނުދީ އެއީ ވަރަށް ގޯސްކަމެއް” ތަޅަމުންދިޔަ ސައިފްގެ އަތުގައި ހިފާ ހުއްޓުވަމުން ސުހާގެ ބައްޕަ ބުނެލިއެވެ. “ބައްޕައަށް މަޢާފްކުރޭ….ސުޙާ ކަލޭމެންނަށް ހަދަމުންދިޔަ ގޮތްތަކަށް ބައްޕައަށްވެސް ދެވުނީ ކަނުލޮލެއް، ބީރު ކަންފަތެއް…ބައްޕަ ހިއެއްނުކުރަން ސުހާ މިހާ ހައްދުފަހަނައަޅާ ގޮސްދާނެކަމަަށް” ސައިފް ގައިގައި ބައްދާލަމުން ރޮމުން ސުހާގެ ބައްޕަ ބުނެލިއެވެ.
އެވަގުތު ސައިފްވެސް ސުޙާގެ ބައްޕަގެ ގައިގައި ބައްދާލީ ރޮމުންނެވެ.”އަހަރެން މުޅިން އެކަނިވެރިވެއްޖެ….އަހަރެންގެ ލޯބިވެރިޔާ އާ ގާތް ރަހުމަތްތެރިޔާއާ އެކީ ގެއްލިއްޖެ” ސައިފް ރޮމުން ބުނެލިއެވެ.
އެވަގުތު ސައިފްގެ މަންމަ އައިސް ސައިފް ގޯތިތެރެއަށް ވައްދާ ޖޯލީގައި ބޭންދިއެވެ. އަދި އޭނާގެ މޫނު ފެންކޮޅަކުން ދޮވެލުމަށްފަހު އޭނާއަށް ފެންފޮދެއް ބޯންދިނެވެ.މަޑުމަޑުން ސައިފް ހަމައަކަށް އެޅެމުންދިޔައެވެ.
*********
ސައިފް ހަމައަކަށް އެޅުމުން އެއްވެފައިވާ މީހުންތައްވެސް މަޑުމަޑުން މަދުވާން ފެށިއެވެ. “ކަލޭ މިގޭ އެމީހުންގެ ނަން މައްޗަށް ބަދަލުކުރޭ!” ރުޅިވެރިގޮތަކަށް ސުޙާއަށް އޭނާގެ ބައްޕަ ބުނެލިއެވެ.އެވަގުތު ދެރަވެފައިވާ ސުޙާ އޭނާގެ ބައްޕައަށް ބޯޖަހާލިއެވެ. “ތޯހިރާ ސުޙާ ގޮވައިގެންދޭ ގެއަށް” ކައިރީގައި ހުރި ސުޙާގެ މަންމައަށް ސުހާގެ ބައްޕަ ބުނެލިއެވެ.
“މިތާ ކަލޭ ހުންނާނެ ކަމެއްނެތް ކަލޭގެ ދުވަސް ސައިފް ދުއްވާލަފާނެ…..އެހާވެސް ރުޅިގަދަވެފަ އޭނަ އެހުރީ” ސުޙާދެކެ ރުޅިއައިސްފައި ހުއްޓަސް ދަރިއަކަށްވާތީ އޭނާއަށް ގެއްލުމެއްވާކަށް ސުހާގެ ބައްޕައެއް ނުއެދެއެެވެ.ސުޙާގެ ބައްޕަ އެހެންބުނުމުން ސުޙާއާ އޭނާގެ މަންމަ އެމީހުންގެ ގެއަށްދާން ހިނގައިގަތެވެ.
********
ސައިފްގެ ގޭދޮރުމަތީގައި ހުރި ނައިޝާ ގޯތިތެރެއަށް ބަލައިލިއެވެ.އޭރު މައިދައިތަ ސައިފްގެ ހަލާކުވެފައިވާ އަތުގައި ބޭސްއަޅައިދޭން އުޅުނެވެ.ކައިރީގައި ސައިފްގެ ދަރި ޝާނީއާ ޒައިކްވެސް ހުއްޓެވެ.އެންމެންތައް ހުސްވެ މުޅި އެސަރަހައްދު ހަމަހިމޭންވިއެވެ. “ހިނގާ ކަނބުލޮވެސް ދައްތަގެއަށްދާން” ނައިޝާ ކައިރިހުރި ހަނީފާއްތަ ބުނެލިއެވެ.އެވަގުތު ހަނީފާއްތައާ އެކު އެގެއަށްދިއުމަށް ނައިޝާވެސް އެތަނުން ހިނގައިގަތެވެ.
***********
ކޮޓަރީގައި ނައިޝާއާ މެދު ވިސްނަން އައްކިޔުން ދެރަވެފައި އިނެވެ.އޭނާއަށް މިހާރު ނުކެވެއެވެ.ރަނގަޅަށް ހަމަނިދިވެސް ނުލިބެއެވެ.އައްކިޔުންގެ ކަމަކީ އަބަދު ވިސްނާ ހިތާމަކޮށް ރުއިމެވެ. “އަނެއްކާ ނައިޝާ އައްކިޔުންގެ މަންމަ ފަދައިން ދޯކާ ދިނީބާ؟…އައްކިޔުންނަށް އައްކިޔުންގެ ބައްޕައަށްވީ ގޮތް ވީބާ؟” މިފަދަ ސުވާލުތަކެއް އައްކިޔުންގެ ހިތަށް އަރަމުންދިޔައެވެ.ވަގުތުކޮޅަކު އެގޮތުގައި އިނުމަށްފަހު، ބޭރަށްދާން އައްކިޔުން ގަމީސްލިއެވެ.އަދި ފޮޓޯތައް އަޅައިފައިވާ ސިޓީއުރަ އޭނާގެ ޖިންސު ޖީބުތެރެއަށް ލުމަށްފަހު ކޮޓަރިން ނިކުތެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






ماشاءالله varah reethi
Thanks dear ??