“ކުރީ ދުވަހު މިކްޔާންގެ ވާހަކަތަކުން ހީވަނީ އޭނާއަށް އަހަރެމެންގެ ދޭތެރޭ ކުރިން އޮތް ގުޅުން ސިއްރުކުރެވިފައި ވާހެން……” ރުހާ ހުއްޓުވަން ބޭނުންވާތީ މިކްޔާން ބުނެލިއެވެ. އޭނާގެ މަސައްކަތް ކާމިޔާބުވެސް ވިއެވެ. ނަމަވެސް ރުހާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. އެހެންކަމުން ދެންވެސް ވާހަކަ ދެއްކީ ނައިޒަކެވެ.
“އޭނާ ގާތު އެވާހަކަތައް ނުކިޔައިދެންތަ…..؟؟؟؟ ރުހާއަށް ކިޔައިދެން ނުކެރެންޏާ އަހަރެން މިކްޔާނަށް ހުރިހާ ވާހަކައެއް ކިޔައިދެންތަ….؟؟؟” ދެބުމަ އަރުވާލަމުން މިކްޔާން އަހާލިއެވެ. ރުހާގެ މޫނުން ހާސްވެފައިވާކަމުގެ އަސަރުތައް ފެންނާން ހުރުމުން އޭނާގެ ތުންފަތުގައިވީ ފަތަޙައިގެ ހިނިތުންވުމެކެވެ.
“އަހަރެންނަށް ކޮން ވާހަކައެއް ކިޔައިދޭ ވާހަކަ ތި ދައްކަނީ….؟؟؟” މިކްޔާންގެ އަޑަށް ސިހިފައި ދެމީހުންނަށް އެއްފަހަރާ ބަލާލެވުނެވެ. ދެމީހުންނަށް ބަލަން ހުރި މިކްޔާން ފެނިފައި އެކަކު އަނެކަކަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. ދެމީހުންގެ މޫނުމަތިންވެސް ކަންބޮޑުވުމުގެ އަސަރުތައް ފައުޅުވިއެވެ. ކުށްވެރިއެއް ފަދައިން ރުހާއަށް އިސްޖަހާލެވުނީ އެފަދަ ގޮތަކަށް ހިލޭ ފިރިހެނަކާ އެކަނި ވާހަކަ ދައްކަން ހުއްޓާ ފިރިމީހާއަށް ފެނުމުންނެވެ. ނައިޒަކް ރުހާ ގާތު އެވާހަކަ ދެއްކީ ކޮންމެހެން މިކްޔާނަށް އެވާހަކަތައް ހާމަކުރަން ބޭނުންވެގެންނެއް ނޫނެވެ. އޭނާ ބޭނުންވީ ރުހާ ތަޅުވާލާށެވެ. ނަމަވެސް އެފަދަ ގޮތަކަށް މިކްޔާނަށް އޭނާ އެހެން ބުނި އަޑު އިވުމުން އޭނާވެސް ހުރީ ޖެހިލުންވެފައެވެ. ދެމީހުންކުރެ އެކަކުވެސް އަނގައިން ނުބުނެ ހުރުމުން މިކްޔާން ސުވާލު ތަކުރާރު ކޮށްލިއެވެ.
“އެއީ…. މީ…. މިރަށުގެ….. މިރަށުގެ އިހުޒަމާނުގެ…..” ނައިޒަކް އަވަސް އަވަހަށް އުޅުނީ އެހެން ވާހަކައެއް ފަށާށެވެ. ނަމަވެސް އޭނާގެ ވާހަކަ މެދުކަނޑާލަން މަޖުބޫރުވީ ރުހާ ވާހަކަ ދައްކަން ފެށުމުންނެވެ. ހައިރާންވެފައި އޭނާއަށް ރުހާއަށް ބަލަހައްޓައިގެން ހުރެވުނީ އެހާ ޖެހިލުން ކުޑަގޮތަކަށް ރުހާ އެވާހަކަ ފެށުމުންނެވެ.
“އެއީ ދޮގޮއް….. ނައިޒަކް އެ ހަދަނީ ދޮގު…. ނައިޒަކް އެ ދައްކަނީ ކުރިން އަހަންނާއި ނައިޒަކްގެ ކައިވެނި ވާން ހަމަޖެހިފައި އެ ކައިވެނި ނުވެ ހުއްޓުމަކަށް އައި ވާހަކަ…..” ސީދާ މިކްޔާންގެ ދެ ލޮލަށް ބަލަން ހުރެ އެއްވެސް ޖެހިލުމަކާ ނުލާ ރުހާ ޙަޤީގަތް ހާމަކުރިއެވެ. މިކްޔާންގެ ދެލޮލުން ހައިރާންކަމުގެ އަސަރުތައް ފެނުމުގެ އިތުރުން އެ މޫނުގެ ކުލަވަރުތަކުން އެ ހިތުގައި އެތައް ސުވާލެއް އުފެދިފައި ވާކަން ހާމަކޮށްދެއެވެ. އޭނާގެ ނަޒަރު ރުހާގެ މޫނުން ވަތްކެއް ނުވެއެވެ. ނައިޒަކްވެސް ފާޑަކަށް އަނގަ ހުޅުވިފައި ރުހާއަށް ބަލަން ހުއްޓެވެ. ރުހާވެސް ހުރީ އޭނާއަށް އެފަދަ ހިތްވަރެއް ކުރަން ކެރުނީތީ ހައިރާންވެފައެވެ. އޭނާ މިކްޔާންގެ ގާތުގައި އެވާހަކަ ބުނަން އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް ފަހުން ހާމިދު ކަންތައް ކުރިމަތިވުމުން އޭނާ ހުރީ ހަމައަކަށް އެޅިލާފައި އެވާހަކަ ދައްކަން ނިންމައިގެންނެވެ. އެއްގޮތަކަށްވެސް އެކަހަލަ ތަނެއްގައި އެކަހަލަ ޙާލަތެއްގައި ޚާއްސަކޮށް ނައިޒަކްވެސް ހުއްޓާ އެވާހަކަ ބުނަން އޭނާއަށް ޖެހިދާނެއެކޭ ރުހާގެ ހިތަކަށް ނާރައެވެ. ލިބުނު ހިތްވަރާއިއެކު އެ ހިސާބުން ވާހަކަ ހުއްޓާލާކަށް އޭނާ ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ ކައިވެނި ހުއްޓުމަކަށް އައި ސަބަބުވެސް ހާމަކުރާށެވެ. އެ ވާހަކަތައް އަޑު އަހާފައި މިކްޔާން ކޮންމެ ގޮތަކަށް އޭނާއާއި ދޭތެރޭ ދެކުނަސް ހެޔޮކަމަށް ވިސްނާ އޭނާ އެ ވާހަކަ ފެށިއެވެ.
“މިކްޔާން…. ޤަބޫލްކުރަން ދަތިވިޔަސް މީ ޙަޤިގަތަކީ…. ވަރަށް ބޮޑަށް މާފަށް އެދެން ކުރިން މި ވާހަކަ ނުކިޔައިދެވުނީތީ…. އަހަންނާ ނައިޒަކް އެކުވެރިވީ އަހަރެން ކޮލެޖުގައި ކިޔެވި ދުވަސްކޮޅު…. ނައިޒަކް ރައްޓެހިވާން އެހީމަ އަހަރެން ބޭނުންވީ ރައްޓެހި ނުވެ ސީދާ ކައިވެންޏާއި ހަމައަށް ދާން….. އެގޮތަށް ނައިޒަކްވެސް ޤަބޫލުވުމުން ދެފަރާތުގެ ޢާއިލާގެ ރުހުމުގައި ކައިވެނި ކުރަން ނިންމާ ތާރީޚްވެސް ކަނޑައެޅިން….. އެކަމަކު ދިމާވި ކަމެއްގެ ސަބަބުން ދެމީހުންގެ ކައިވެނި ހުއްޓުމަކަށް އައީ….” މިކްޔާނަށް ބަލަން ހުރެ ކުރު ގޮތަކަށް ރުހާ އެ ވާހަކަ ކިޔައިދިނެވެ.
“ކޮންކަމެއް ދިމާވެގެން ކައިވެނި ހުއްޓުމަކަށް އަންނަން ޖެހުނީ….؟؟؟؟” ރުހާގެ ދެ ލޮލަށް ބަލަން ހުރެ މިކްޔާން ސުވާލުކުރިއެވެ. އެ މޫނުމަތީގައިވީ އަސަރުތައް ދެނެގަންނަން ރުހާއަކަށް ނޭނގުނެވެ. ހިންދިރުވާލެވުނީ ދައްކަން އުޅޭ ވާހަކައެއްގެ ސަބަބުންނެވެ. މިވީހާތަނަށް ޢާއިލާ މީހުންނަށްވެސް ސިއްރުކޮށް ބަންދުކޮށްފައިވާ ޙަޔާތުގެ އެ ކަޅު ޞަފްހާ، މިކްޔާންގެ ކުރިމަތީ ހުޅުވާލުމަށް ފަސްޖެހުނު ނަމަވެސް އޭނާ އަމިއްލަ ނަފްސު ތައްޔާރުކޮށްލިއެވެ. ހިތްވަރާއިއެކު އެކަމާ ކުރިމަތިލާން ބޭނުންވިއެވެ. ދެން އެއްވެސް ކަމެއް ހިތުގައި ފޮރުވައިގެން ބާއްވާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެވާހަކަ ފެށުމުގެ ކުރިން ރުހާ ނައިޒަކަށް ބަލާލިއެވެ. ހާސްވެ ނިއްކުރިން ދާހިލިފައިވާ ޙާލު ނައިޒަކް ދެފަރާތަށް ބޯހޫރާލީ އެވާހަކަ ނުދެއްކުމަށް އިޝާރާތްކުރަމުންނެވެ. ރުހާ ދެފަރާތަށް ބޯހޫރާލީ ދެން އިތުރަށް އެވާހަކަ ސިއްރުކުރަން ބޭނުން ނުވާތީއެވެ. ދެމީހުންގެ ޙަރަކާތްތަކަށް ފަރުވާތެރިކަމާއިއެކު ބަލަން ހުރި މިކްޔާންގެ ހިތުގައި ސުވާލުތައް އިތުރުވިއެވެ. ރުހާ ދައްކަން އެ އުޅޭނީ އާދައިގެ ވާހަކައެއް ނޫންކަން އެ ދެމީހުންގެ ޙަރަކާތްތަކުން އޭނާއަށް ވިސްނުނެވެ. ނަމަވެސް ހާސްވެ ކަންބޮޑުވީ އެއީ ކޮން ކަމެއްކަން ނޭނގޭތީއެވެ. އެކަމަކުގެ ސަބަބުން އޭނާއާއި ރުހާއާއި ދެމެދުގައިވާ ގުޅުމަށް އެއްވެސް ބަދަލެއް އައިސްދާނެތީއެވެ. ދެމީހުން ވަކިވާން ޖެހިދާނެތީއެވެ. ހިތަށް އައި ނުބައި ޚިޔާލްތަކަކުން އޭނާގެ ބޮލަށް ބާރުވެގެން އައެވެ. މެޔަށް ނުބައި ގޮތްގަނޑެއް ވާހެން ހީވާތީ ލަސްނުކޮށް އެވާހަކަ ފެށުމަށް ރުހާ ގާތުގައި ބުނެވުނެވެ. އެވާހަކަ ފެށުމުގެ ކުރިން އަދި އެއްފަހަރު ރުހާ މިކްޔާނަށް ބަލާލިއެވެ.
“އަހަރެންނާއި ނައިޒަކްގެ ކައިވެނިކުރަން ހަމަޖެހިފައިވާ ތާރީޚްގެ ގާތްގަނޑަކަށް އެއް މަސް ކުރިން ނައިޒަކް ބޭނުންވީ ބައްދަލްކުރަން…. ދެމީހުން އެކަހެރިކޮށް ވަކިން… އެއީ އަހަރެން ބޭނުންވާ ގޮތެއް ނޫން… އެހެންވެ އަހަރެން ވަގުތުން އެކަމަށް އިންކާރުކުރިން…. އަހަރެން ބުނިން ދެން ކައިވެނިވާކަށް މާ ގިނަ ދުވަހެއްނެތޭ…. އެއްމަސް ވަންދެން އަދި އިންތިޒާރުކުރާށޭ…. އަހަރެން ބޭނުމެއް ނޫނޭ ކައިވެނީގެ ކުރިން އެކަހެރިކޮށް ބައްދަލްކުރާކަށް….. އަހަރެންގެ ޖަވާބުވީ ނައިޒަކް މާ ހިތްހަމަޖެހޭ ޖަވާބަކަށް ނޫން…. އެހެންވެ އަހަރެން ދެކެ ހިތްހަމަނުޖެހިގެން އޭނާ ފޯނު ކަނޑާލީ… ރުޅި އައިސްގެން ފޯނު ކަނޑާލީމަ އަހަރެން ވަރަށް ދެރަވި…. އެހެންވެ ނައިޒަކާ ގުޅަން ވަރަށް މަސައްކަތްކުރިން… އެކަމަކު ނައިޒަކް އަހަރެންގެ ފޯން ކޯލަކަށް ޖަވާބެއް ނުދިން….. ދެން ލިބުނީ ނައިޒަކްގެ މެސެޖެއް….. އެ މެސެޖުގައިވަނީ އަހަރެން ނައިޒަކްދެކެ ލޯބިވާކަމަށް ޤަބޫލުނުކުރާކަމަށް… އަދި އަހަރެން ނައިޒަކަށް އިތުބާރު ނުކުރާތީ އެކަމާ ދެރަވާ ވާހަކަ…. އަހަރެން ބުނިން އަހަރެން ނައިޒަކްދެކެ ލޯބިވެއޭ… އަދި އިތުބާރުވެސް ކުރަމޭ…. އެކަމަކު އެގޮތަށް އެކަހެރިކޮށް ބައްދަލްކުރުމަކީ ރަނގަޅު ކަމެއް ނޫންކަމުގައި ވިސްނައިދޭންވެސް މަސައްކަތްކުރިން….. އަދި ނައިޒަކް ޤަބޫލުނަމަ ރިދާއާއި ލައިނީގެ ޙާޟިރުގައި ނައިޒަކާ ބައްދަލްކޮށްފާނެކަމުގައި ބުނުމުންވެސް ނައިޒަކް ޤަބޫލެއް ނުކުރި…. އެ ފަހުން އަހަރެންގެ މެސެޖަށްވެސް ރިޕްލައިއެއް ނުކުރެ…. ދެތިން ދުވަސްވަންދެން އަހަންނަށް ނުގުޅާ މެސެޖު ނުކޮށްވެސް ހުރެފައި ދެން އައީ ގެއަށް…. އަހަރެންގެ ކައިވެނި ހަމަޖެހިފައިވާ ފަރާތްކަމުގައިވީތީ ބައްޕަމެންވެސް ނައިޒަކަށް ވަރަށް ހޫނު މަރުހަބާއެއް ކީ…. ގޭ އެންމެންނާ ވާހަކަ ދެއްކިނަމަވެސް އެދުވަހުވެސް ނައިޒަކް އަހަންނާ ވާހަކައެއް ނުދައްކާ…. ރަނގަޅު ދަނޑިވަޅެއް ބަލާފަ އެހެން މީހުންނަށް އަޑު ނީވޭނެހެން އަހަރެން ނައިޒަކް ގާތުގައި އަހަރެން ދެކެ ރުޅިއައިސްގެން އުޅެނީ ކީއްވެތޯ ސުވާލުކޮށްލިން…. ނައިޒަކްގެ ޖަވާބަކަށްވީ އަހަރެން ނައިޒަކް ދެކެ ލޯބިވާ ކަމުގައި ނައިޒަކަށް ޝައްކު އުފެދޭ ކަމުގައި…. އަހަރެން އެހިން ކިހިނެއްތޯ އަހަރެން ނައިޒަކްދެކެ ލޯބިވާކަން ޔަޤީންކޮށްދޭންވީ…. ދެންވެސް ނައިޒަކް އެދުނީ އޭނާއާއިއެކު އެކަހެރިކޮށް ބައްދަލްކުރުމަށް…. އަދި އޭނާ ބުނާ ކަންތައްތައް…. ކަންތައްތައް ކޮށްދިނުމަށް…. އޭނާ ބޭނުންވީ ކައިވެނީގެ ކުރިން…. ކައިވެނީގެ ކުރިން…. ގައިގޯޅި…. ގައިގޯޅި….. ގުޅުމެއް ބާއްވަން….. ކައިވެނިކޮށްގެން މުޅި ޢުމުރު އެއްކޮށް ހޭދަކުރާ ބައިވެރިޔަކީ ހުރިހާ ގޮތަކުން ފުރިހަމަ ބައިވެރިއެއްތޯ ޔަޤީންކުރަން ބޭނުންވާ ކަމުގައި ނައިޒަކް ބުނުމުން އަހަރެން ހުރީ ޤަބޫލްކުރަންވެސް ދަތިވެފައި… ނައިޒަކް ކަހަލަ އަޚްލާޤް ރަނގަޅު މީހަކު އެފަދަ ދަށުދަރަޖައެއްގެ ވިސްނުމެއް ގެންގުޅެފާނެކަމަށް އަހަރެން ހިއެއް ނުކުރަން… އޭގެ ކުރިން ނައިޒަކްގެ ފަރާތުން އެކަހަލަ އެއްވެސް ކުލަވަރެއްވެސް ފެނިފައި ނުވާތީ އަހަރެން ހުރީ ޤަބޫލުކުރަންވެސް ދަތިވެފައި… ދެރަވެސް ވީ…. ރުޅިވެސް އައި…. އެކަމަކު އަހަރެން ދެންވެސް ބެލީ ނައިޒަކަށް ވިސްނައިދެވޭތޯ…. އެއީ އިސްލާމީ ގޮތުން ބަލާއިރު ގޯސް ވިސްނުމެއްކަން ނައިޒަކަށް އަންގައިދެން އަހަރެން މަސައްކަތްކުރިން…. އެކަމަކު އެކަންވީ ނާކާމިޔާބު…. ދެން ނައިޒަކް ބުނި އެއްޗަކުން އެ ހުރިހާ ދުވަހެއް ވަންދެން އަހަރެން ނައިޒަކަށް ކުރި އިޙްތިރާމާއި އިތުބާރު ގެއްލިގެން ދިޔަ……” ރުހާގެ ވާހަކަ މިހާ ހިސާބަށް ގެންގޮސްފައި ހުއްޓާލީ އެ ވާހަކަ ބުނަން އުނދަގޫވުމުންނެވެ. ނައިޒަކްވެސް އިސް ޖަހާލަމުން ދެލޯ ނުފެންނާނެހެން ނިއް މަތީ އަތް ހުރަސްކޮށްލެވުނީ މީހަކާ ހަތަރުކަޅި ހަމަކޮށްލަން ނުކެރުމުންނެވެ. އެހުރިހާ އިރަކު ރުހާގެ ވާހަކަތައް އަޑުއަހަން އުނދަގޫވެފައި ހުރި މިކްޔާނަށް އިތުރަށް އުނދަގޫވަމުން ދިޔައެވެ. ނަމަވެސް އޭނާ އެ ހުރިހާ ކަމެއް އެނގެން ބޭނުންވެއެވެ. އެހެންވެ ހިތް އަވަސްވެފައިހުރެ ނައިޒަކް ބުނީ ކީކޭތޯ އަހާލެވުނެވެ. ވާހަކަ ދައްކަން ފެށުމުގެ ކުރިން ރުހާ މަގުގެ ދެކޮޅު ބަލާލިއެވެ. އެ ތިން މީހުން ފިޔަވާ އިތުރު މީހަކު އެވާހަކަތައް އަޑު އިވޭ ހިސާބުގައި ހުރިތޯ ބަލާލީއެވެ.
“ރުހާ…. މިހާރު އެއީ ނިމިފަ އޮތް ކަމެއްނު….. ދެން އަލުން އެވާހަކަތައް ދެއްކުމުގެ ބޭނުމެއް އެބައޮތްތަ….؟؟؟ އެކަމަށް އަހަރެން މާފަށްވެސް އެދުނީމެއްނު….. އެހެން ނޫނަސް ތި ވާހަކަތައް ދައްކައިގެން ތި ދެމީހުން ދޭތެރޭ މައްސަލަތައް ޖެހުން ނޫންކަމެއް ވާނެތަ…؟؟؟ ނިމިފަ އޮތް ކަމެއް ދެން ހަނދާން ނައްތާލާފަ ދިރިއުޅުމައިގެން ކުރިއަށް ދާން މަސައްކަތް ކުރަންވީނު…. އަހަރެންގެ ފަރާތުން ތިދެމީހުންގެ ގުޅުމަކަށް އެއްވެސް ބުރަކަމެއް ނާންނާނެ….” ރުހާ ވާހަކަ ދައްކަން ފެށުމުގެ ކުރިން ނައިޒަކް އަވަސް އަވަހަށް ބުނެލިއެވެ. އޭނާ ބޭނުންވީ ރުހާ އެވާހަކަ ބުނުމުގެ ކުރިން ހުއްޓުވާށެވެ.
“ނިމިފަ އޮތް ކަމެއް ވީމަތަ ނައިޒަކް އެވާހަކަ އަހަރެން ގާތު ބުނަން އުޅުނީ… އަހަރެން ގާތުގައި އެވާހަކަ ދައްކަންހޭ ނައިޒަކް ބުނި އަޑު އަހަރެން އެހިން…. އެހެންވީމަ ރުހާ ހުއްޓުވުމުގެ ބޭނުމެއް ނެތް…. އަހަރެން ބޭނުން ހުރިހާ ވާހަކައެއް އެނގެން…. ރުހާ ކުރިއަށް ގެންދޭ…..” ނައިޒަކްގެ ބޭނުމަކީ ރުހާ ހުއްޓުވުންކަން އެނގުމުން މިކްޔާން ބުނެލިއެވެ.
“އަހަރެން މިއަދު މިކްޔާނަށް ހުރިހާ ވާހަކައެއްވެސް ކިޔައިދޭނަން…. އެކަމުގެ ސަބަބުން އަހަރެމެންގެ ގުޅުމަށް އައިސްދާނެ އިންގިލާބަކާ ދޭތެރޭ ނައިޒަކް ވިސްނާކަށް ނުޖެހޭނެ… ހަމަގައިމުވެސް މިކްޔާން އަހަރެން ދޫކޮށްލިޔަސް އެނބުރި ނައިޒަކްގެ ގާތަކަށް ނުދާނަން…. އެއީ ވަރަށް ޔަޤީންކަމެއް…” ނުބަލަން މަސައްކަތްކުރި ނަމަވެސް ރުހާއަށް މިކްޔާނާ ދިމާއަށް ބަލާލެވުނެވެ. ރުހާގެ ޖުމްލަ އިވިފައި މިކްޔާނަށްވެސް އޭނާއާއި ދިމާއަށް ބަލާލެވުނެވެ. ނަމަވެސް އެމޫނުމަތީގައި އެތައް އަސަރެއް އެކުލެވިފައިވުމުން މިކްޔާންގެ ހިތުތެރޭގެ ހައިޖާނުގަނޑު ތަޞައްވުރު ކޮށްލަންވެސް ރުހާއަށް ނޭނގުނެވެ. ހިތުގައި ބިރުވެރިކަން އުފެދިފައިވީނަމަވެސް އޭނާ ވާހަކައާއިގެން ކުރިއަށް ދިޔައެވެ.
“ނައިޒަކް ބުނީ އަހަންނަކީ ކައިވެނި ކޮށްގެން އަންބަކު ފިރިއަކަށް އަދާކޮށްދެން ޖެހޭ ކަންތައްތައް ކޮށްދިނުމަށް ކުޅެދޭ މީހެއްކަމާއިމެދު އޭނާގެ ހިތުގައި ޝައްކު އުފެދިފައިވާ ކަމަށް…. އަދި އަހަރެން އޭނާގެ އެދުމަށް ދެކޮޅު ހެދުމުން ފާޑަކަށް އެކަން ޔަޤީންވެސް ކުރެވޭކަމަށް…… އަހަންނާ ކައިވެނި ކުރާ ފަހުންވެސް ނައިޒަކް އެދޭ ކަންތައް، އަހަރެން ކޮށްދޭނެކަމުގެ ޔަޤީންކަން ނެތުމުން އަހަރެންނާ ކައިވެނިކުރަން ބޭނުން ނުވާކަމަށް…. އަހަންނަކީ މިހާރުގެ ތަހުޒީބު ޚިޔާލްތަކާއި ވިސްނުންތަކަށް ނުފެތޭ ކަޓު މީހެއްކަމަށް…. ” އެވާހަކަ ކިޔައިދިން އިރު ރުހާގެ ދެލޮލުން ކަރުނަ ނިރާލީ އެދުވަސް ހަނދާންވުމުންނެވެ. އެހާ ލޯބިވާ އިޙްތިރާމްކުރާ ފަރާތެއްގެ ފަރާތުން އެފަދަ ވާހަކަތަކެއް އަޑުއިވުމުން އަސަރު ނުކުރާނީ ކާކަށް ހެއްޔެވެ؟؟ ރުހާގެ ވާހަކަތައް އަޑުއަހަން ހުރި މިކްޔާނަށް ދެއަތް މުށްކަވާލެވުނެވެ. ރުޅިވެރި ނަޒަރަކުން ނައިޒަކަށް ބަލާލެވުނެވެ. ހީވަނީ އެ ބަލާލުމުން އެކަނިވެސް ނައިޒަކަށް އެތައް އިންޒާރެއް ދޭން މަސައްކަތްކުރިހެންނެވެ. ނަމަވެސް މިއިން ކަމެއް ނައިޒަކަށް ރޭކާނުލީ ލަދުން އިސްޖަހާލައިގެން ހުރުމުގެ ސަބަބުންނެވެ.
“އަހަރެން ހިއެއް ނުކުރަން ނައިޒަކް ތީ އެހާ ދަށުދަރަޖައިގެ ވިސްނުން ގެންގުޅޭ މީހެއް ކަމެއް…. އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް ޢަމަލުކުރަން ބޭނުންވާ އަންހެން ކުއްޖެއް ޙަޔާތުގެ ބައިވެރިއަކަށް ވާން ލިބުނުކަމީ ލެއްވި ބޮޑު ނިޢުމަތެއްނު…. މާތް ﷲ އަށް ޙަމްދުކުރުމުގެ ބަދަލުގައި އެކުއްޖާގެ ޖިސްމާއިމެދު ސުވާލު އުފައްދަން ކެރުނީތީ އަހަރެން ހަމަ ހައިރާންވެއްޖެ…. އެކަމުންވެސް އެ ހާމަވަނީ ނައިޒަކްގެ ނާޤާބިލްކަމާއި ނާތަހުޒީބުކަން…. ކައިވެނީގެ ކުރިން ޙަލާލު ނޫން ގުޅުންތަކެއް ހިންގުމަށް އިސްލާމް ދީނުގައި އަންގަވާފައެއް ނޯވޭ…. ކިތަންމެ ވަރަކަށް ޢިލްމު އުނގެނުނުނަމަވެސް އިސްލާމް ދީނުގެ ޢިލްމު ނޭނގި އެ ދީނުގައި އަންގަވާފައިވާ ގޮތަށް ޢަމަލު ނުކުރާ މީހަކީ މާ “ކޫލް” މީހެއް ނޫން…. އާނ އެފަދަ މީހުންނަށް ދުނިޔެމަތީ މީހުން ޤަދަރުކޮށްފާނެ…. އެކަމަކު މި ނޫން ދުވަހެއްވެސް ވެޔޭ…. އެދުވަހުން އެނގޭނެ ދުނިޔެމަތީ މާ ކޫލް ކަމެއްކަމުގައި ދެކިގެން ކޮށްއުޅުނު ހަރާންކަންތައްތަކަކީ ކިހާވަރެއްގެ ކަމެއްކަން…. އަހަރެމެން ކުރާ ހުރިހާ ޢަމަލުތަކެއް ބައްލަވާ ވޮޑިގެންވާ ދައްކާ ހުރިހާ ވާހަކަތަކެއް އައްސަވާ ވޮޑިގެންވާ ކަލަކުވެޔޭ…. ބިރުވެތިވޭ….” އަތުން ފައިން ގޯހެއް ހެދިދާނެތީ ވާހަކަ ދައްކަމުން ދިޔައިރުވެސް މިކްޔާން ދިޔައީ ކެތްކުރެވޭ އެންމެ މަތީ ދަރަޖައަކަށް ކެތްކުރަމުންނެވެ. މުށްކަވާލެވިފައިވާ ދެއަތް ޖީންސްގެ ޖީބަށް ލާފައިވާއިރު، އަތަށް ބާރުކުރެވެމުންދާވަރު، އެ ދެ އަތުގައި ފާޅުވާން ހުރި ނާރުތަކުން ދޭހަވަމުން ދިޔައެވެ. ރުޅި އައިސްފައިވާވަރުން ވާހަކަ ދެއްކިއިރު އޭނާއަށް ހުރެވުނީ ދެދަތްޕިލަ ޖައްސާ ބާރުކޮށްލައިގެންނެވެ. އެވަރުންވެސް ބާރަށް ވާހަކަ ނުދައްކާވޭތޯ އޭނާ ބެލިއެވެ. މިކްޔާން ވާހަކަ ދައްކަމުން ދިޔައިރު ރުހާގެ އިތުރުން ނައިޒަކްވެސް ހުރީ ވަރަށް ހާސްވެ ކަންބޮޑުވެފައެވެ.
“އަހަރެން ޤަބޫލުކުރަން އަހަންނަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން…. އެއީ އަހަރެންވެސް ބޭނުންވާ ގޮތެއް ނޫން… އެގޮތަށް ކަންތައް ކުރެވުނީތީ ފަހުން ވަރަށް ލަދުވެސް ގަން…. އެކަން ވިސްނުނީމަ، އަހަރެން ފަހުން ރުހާގެ ކިބައިން މާފަށްވެސް އެދުނިން…. އަދި އަހަންނަށް އެއްފުރުސަތު ދިނުމަށްވެސް އެދުނިން….. އަހަރެން ދެރަވޭ ރުހާ ކަހަލަ ރަނގަޅު ކުއްޖަކު ލިބުނީމަވެސް އަގުވަޒަން ކުރަން ނޭނގުނީތީ…..” އިސްޖަހާލައިގެން ހުރެ ނައިޒަކް ވާހަކަ ދައްކަމުން ދިޔައެވެ. އޭނާ ހުރީ ޙަޤީގަތުވެސް ކަންތައް ކުރެވުނު ގޮތުން ދެރަވެ ލަދުގަނެފައެވެ. އޭނާގެ އަޑުންވެސް އެކަން ދޭހަވެއެވެ.
“އެގޮތަށް ކަންތައް ކުރިއިރު އެކަމެއް ނުވިސްނޭ ދޯ….” ރުޅިއައިސްގެން ގޮސް އަތް މަޅާލެވުނު ނަމަވެސް މިކްޔާން އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން މަސައްކަތް ކުރިއެވެ. ނައިޒަކާ ދިމާއަށް މަޅާލި އަތް މުށްކަވާލަމުން އަނެއް ދިމާއަށް މޫނުލީ ނައިޒަކަށް ބަލަންވެސް ބޭނުން ނުވާތީއެވެ.
“އަހަންނަށް ވިސްނުނު… އެކަމަކު އޭރު ބައެއް ރައްޓެހިން އަހަރެންގެ ބޮލަށް ސަވާރުވެ ދެއްކި ވާހަކަތަކެއް ޤަބޫލުކުރެވުމުގެ ސަބަބުން ވީ ގޮތެއް މީ…..” ނައިޒަކް ދެންވެސް ހުރީ އިސްޖަހާލައިގެންނެވެ.
“ބަޔަކު ބޮލަށް ސަވާރުވިޔަސް ތީ ހެވާއި ނުބައި ވަކިނުވާ ވަރުގެ ކުޑަ ކުއްޖެއް ނޫނެއްނު… ކޮންމެވެސް ގޮތަކަށް ނައިޒަކް ހިތުގައިވެސް ގޯސް ޚިޔާލްތަކެއް ވީމަ އެގޮތަށް ކަންތައް ކުރާނީ….. އަހަރެން އެއްވެސް ވަރަކަށް އުއްމީދެއް ނުކުރަން ނައިޒަކް ތީ އެކަހަލަ ވިޔާނުދާ ޚިޔާލެއްގެ ވެރިއެއްކަމަށް…. އަހަރެން ވަރަށް ނާއުއްމީދުވެއްޖެ…. އަހަރެން ބޭނުމެއް ނޫން ނައިޒަކް މިވަގުތު އަހަރެންގެ ކުރިމަތީ ހުންނާކަށްވެސް…. އަހަރެންގެ އަތުން ފައިން ގޯހެއް ނުހެދެނީސް އަހަރެން ކުރިމަތިން ދުރަށް ދޭ…..” ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރެވޭ އެންމެ މަތީ ދަރަޖައަކަށް މަސައްކަތް ކުރަމުން މިކްޔާން ބުނެލިއެވެ. އޭނާ ބެލީ ނައިޒަކާ ދިމާއަށް ނުބަލާ ވޭތޯއެވެ. ރުހާވެސް ވަރަށް އިރުވަންދެން މިކްޔާނަށް ބަލަން ހުރިއެވެ. އޭނާ ބަލާލާތޯއެވެ. ނަމަވެސް މިކްޔާން މަސައްކަތްކުރަމުން ދިޔައީ ރުހާއާއި ދިމާއަށްވެސް ނުބެލުމަށެވެ. މިކްޔާންގެ ބަސް ޤަބޫލުކޮށް ނައިޒަކް ފަސް އެނބުރި ދާން ހިނގައިގަތެވެ.
“އަދި މަޑުކޮށްބަލަ….” ނައިޒަކް ހިނގައިގަތުމުން މިކްޔާން ބުނެލިއެވެ. ނައިޒަކް މަޑުކޮށްލި ނަމަވެސް ފަސް އެނބުރި ބަލައެއް ނުލައެވެ. ރުހާވެސް ހުރީ މިކްޔާން ބުނަން އެ އުޅޭ ވާހަކައެއް އަހާލުމަށް ކެތްތެރިކަން ކުޑަވެފައެވެ.
“މީގެ ފަހުން ރުހާއާއި ވާހަކަ ދައްކަން މަސައްކަތްކޮށްގެން ނުވާނެ…. ވެގެން ވަންޏާ ރުހާ ފެންނަ ހިސާބަށްވެސް ނައީއްޔާ ރަނގަޅީ…. އަހަރެން ބޭނުމެއް ނޫން ދެން ނައިޒަކްގެ ސަބަބުން ރުހާއަށް އެއްވެސްކަހަލަ އުނދަގުލެއް ވާކަށް…..” މިކްޔާން ވާހަކަ ދައްކަމުން ދިޔައިރު ރުހާއަށް ނުބަލަން އުޅޭކަމަށް ރުހާއަށް ފާހަގަވިއެވެ. މިކްޔާން އެގޮތަށް ކަންތައް ކުރުމުން ރުހާގެ ހިތުގައި ޖެހި ދެރަވާ ގޮތްވީ މިކްޔާން ހިތްހަމަ ނުޖެހިފައި ހުރިހެން ހީވުމުންނެވެ. ނައިޒަކް އަނގައިން ނުބުނި ނަމަވެސް ބޯޖަހާލިއެވެ. އަދި އިތުރަށް އެތާ މަޑު ނުކޮށް ހިނގައިގަތެވެ.
ނައިޒަކް ދިޔުމުން ރުހާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. ނަމަވެސް ރުހާއަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ މިކްޔާންގެ އޭނާގެ އަތުގެ އިޝާރާތުން ހުއްޓުމަށް އެންގިއެވެ. މިކްޔާނާއި ވާހަކަ ދައްކާލަން ކިތަންމެ ބޭނުންވި ނަމަވެސް ރުހާއަށް އެ ހިތްވަރު ކުރާކަށް ނުކެރުނެވެ. ހިތުގައި ޖެހި ދެރަވީ ވަރުން ލޮލަށް ޖަމާވެފައިވީ ކަރުނަތިކިވެސް ފައިބައިގެން ދިޔައެވެ. މިކްޔާން ދެންވެސް ރުހާއަށް ބަލައެއް ނުލިއެވެ. އެމޫނުމަތީގައިވި އަސަރުތައް ދެނެގަންނަން ރުހާއަކަށް ނޭނގުނެވެ. މިކްޔާން އެ ހުރިގޮތަށް ހުރެފައި ގެއަށް ވަނުމުގެ ބަދަލުގައި ހިނގައިގަތީ އަތިރިއާއިވީ ދިމާއަށެވެ. އޭނާ ހިނގައިގަތުމުން ރުހާ ގޮވާލިވެސް މެއެވެ. ނަމަވެސް މިކްޔާން އަޑެއް ނާހައެވެ. އެ ހުރިގޮތަށް އޭނާ ކުރިއަށް ދިޔައީއެވެ. ހަދާނެ ގޮތެއް ނޭނގިފައި ހުރި ރުހާ ހުރީ ރޮވޭ ގޮތްވެފައެވެ. ރޮވެން ފެށުމުން އޭނާ ބާރަށް ހިނގާލާފައި މިސްރާބު ޖެހީ ކޮޓަރިއާއި ދިމާއަށެވެ. ނަސީބަކުން ގޭތެރެއިން މީހަކަށް ނުފެނި އޭނާއަށް ކޮޓަރިއަށް ވަދެވުނެވެ.
ކޮޓަރިއަށް ވަދެވުމާއިއެކު ރުހާ އެނދުމައްޗަށް ވެއްޓި އޮވެގެން ރޯން ފެށިއެވެ. ހިތުގައި ޖެހުނީ މިކްޔާން ކަންތައްކުރި ގޮތުންނެވެ. އޭނާއާއި ރީތިކޮށް ވާހަކަ ނުދެއްކިތާ، ރުޅިއައިސްގެންވެސް އެއްޗެކޭ ނުބުނެ ހިމޭންކަން އިޚްތިޔާރުކުރުމުންނެވެ. މިކްޔާނާއި ވަކިވާން ޖެހިދާނެއޭ ހިތަށް އެރުމުން، ރުހާގެ ހިތުގައި ބިރުވެރިކަން އުފެދި އިތުރަށް ރޮވޭގޮތްވިއެވެ. އޭނާ މިކްޔާނާއި ވަކިވާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް އެކަމުގައި ގޮތް ނިންމާނީ އޭނާއެއް ނޫނެވެ. މިކްޔާނެވެ. ބަންގި ގޮވަން ފެށީ ރުހާ އެގޮތުގައި އޮއްވައެވެ. ތެދުވެގެން ގޮސް ވުޟޫކޮށްލައިގެން ނަމާދުކޮށްލުމަށްފަހު، ރަނގަޅު ގޮތެއް މިންވަރުކޮށްދެއްވުމަށް އެދި މާތް ﷲ ގެ ޙަޟްރަތަށް ދުޢާކޮށްލުމަށްފަހު، ޛިކުރުކޮށް، ޤުރްއާން ކިޔަވާލުމުން ހިތަށް ފިނިކަމެއް ލިބުނެވެ. ދެން އޭނާ އިންތިޒާރުކުރަމުން ދިޔައީ މިކްޔާން ގެއަށް އަންނާނެ އިރަކަށެވެ. އޭނާ ދިޔަ ފަހުން ފުދޭވަރަކަށް ގިނައިރުވުމުން ރުހާ މިކްޔާނަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ ފޯނަށް ގުޅޭގޮތެއް ނުވިއެވެ. ފޯން އޮތީ ނިވާލާފައެވެ. ހާސްވި ނަމަވެސް ރުހާ ކެތްތެރިކަމާއިއެކު މިކްޔާން އަންނާނެ އިރަކަށް އިންތިޒާރުކޮށް ދެފަރާތަށް ހިނގާލަ ހިނގާލާ ހުއްޓާ، ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު މިކްޔާން ކޮޓަރިއަށް ވަނެވެ. ރުހާގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއިރު އަތްފައި ފިނިވީ މިކްޔާނާއި ކުރިމަތިލާން ޖެހުމުންނެވެ. ކޮޓަރީގެ ދޮރު ލައްޕާ ތަޅުލުމަށްފަހު މިކްޔާން އައިސް މަޑުކޮށްލީ ރުހާގެ ކުރިމަތީގައެވެ. ރުހާ ހުރީ އިސްއުފުލާ މިކްޔާނަށް ބަލާލަންވެސް ނުކެރިފައެވެ. އެ ހުރިގޮތަށް ހުރެފައި އޭނާ މިކްޔާންގެ ކިބައިން މާފަށް އެދުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.







Assalaam Alaikum
Mi part genesdhinumah gina dhuvas thakeh heydha v thee nihaayathah maafah edhen… Urgent kameh dhimaa vegen vaahaka genesdhevey goi nuvy… Kiyuntherinnah habareh nuvevuny comment section close kohlaafa inyma haalathuge gothun… Ekam eam ge fb page follow kuraa readers ah angaalaafa inaany… In Sha Allah kuri ekey ves ehgothah kuriah huri part thah genesdheynan.. hurihaa kiyuntherinves vaahaka kiyaane kamah ummeedhukuran.. Adhi kiyuntherinnah mi part ves kamudhane kamah ummeedhu kuran ?❤️?
Mihaaru mi vaahaka eem ge fb page “EamYaa ge Vaahaka” in ves kiyaaleveyne ?
https://www.facebook.com/EamYaa-ge-Vaahaka-100267119062847/
Enjoy ?
?❤️
Wow.. When next??
Thanks Baby gurll ?❤️
Next part soon In Sha Allah ?
Varah reethi ماشاءالله
Thanks mishka ?❤️
Wowww this part is also amazing!!!!! And it’s ok las viyas some times cause we all have a life so some urgent kameh vedhaane dhww ? I understand… waiting for next part curiously ?…you are the best author keep it up?
Thanks Fathimath Nafha ?❤️ Thanks for understanding ??
Maadhan nuny maadhan rey next part genesdheynan In Sha Allah ?
Woww.. when next??
Thanks Aayaa Ibrahim ❤️?
Next part maadhan nuny maadhan rey genesdheynan In Sha Allah ❤️?