ރުހާ، ކެތްތެރިކަމާއިއެކު، މިކްޔާން އަންނާނެ އިރަކަށް އިންތިޒާރުކޮށް ދެފަރާތަށް ހިނގާލަ ހިނގާލާ ހުއްޓާ، ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު މިކްޔާން ކޮޓަރިއަށް ވަނެވެ. ރުހާގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއިރު، އަތްފައި ފިނިވީ މިކްޔާނާއި ކުރިމަތިލާން ޖެހުމުންނެވެ. ކޮޓަރީގެ ދޮރު ލައްޕާ ތަޅުލުމަށްފަހު މިކްޔާން އައިސް މަޑުކޮށްލީ ރުހާގެ ކުރިމަތީގައެވެ. ރުހާ ހުރީ އިސްއުފުލާ މިކްޔާނަށް ބަލާލަންވެސް ނުކެރިފައެވެ. އެ ހުރިގޮތަށް ހުރެފައި އޭނާ މިކްޔާންގެ ކިބައިން މާފަށް އެދުނެވެ. ހިނދުކޮޅަކަށް ނަމަވެސް ރުހާއަށް ނޭވާ ހިފަހައްޓާލެވުނީ މިކްޔާންގެ ދެއަތުން ރުހާގެ ދެ އަތުގައި ހިފާލުމުންނެވެ. ދެން މިކްޔާން ކޮށްލީ އޭނާ ހީވެސް ނުކުރާ ކަމެކެވެ. ގެނައި ކުއްލި ޙަރަކާތަކާއިއެކު އޭނާ ގެންގޮސް މިކްޔާންގެ މޭގައި ޖައްސާލަމުން އެ ދެއަތުގެ ތެރޭ ރުހާ ހައްޔަރުކޮށްލިއެވެ. މިކްޔާންގެ ތަނަވަސް މޭގައި ބޯ ޖައްސާލެވުމާއިއެކު ރުހާއަށް ދެލޯ މަރާލެވުނީ ހިތަށް ލިބިގެންދިޔަ ބުނަން ނޭނގޭ ހަމަޖެހުމެއްގެ ސަބަބުންނެވެ. މިކްޔާންގެ ގައިން ދުވަމުން ދިޔަ މީރުވަހުން ނަފްސަށް އިތުރު ހަމަޖެހުމެއް ލިބި އޭނާއަށް ވެސް މިކްޔާންގެ ބިޔަ ހަޑށިގަނޑުގައި ދެއަތް އަޅުވާލާ ހަމަޖެހިލެވުނެވެ. އެގޮތުގައި ފުދޭވަރަކަށް ގިނަވަގުތު ހޭދަވެގެން ދިޔައިރުވެސް ދެމީހުންކުރެ އެކަކުވެސް އަނގަޔަކުން ނުބުނެއެވެ. ހިތްފުރުނީ ނޫންކަމެއް ނޭނގެއެވެ. މިކްޔާން މަޑުމަޑުން ރުހާ ދުރަށް ޖައްސާލުމުން ރުހާ އިސް އުފުލާ މިކްޔާންގެ މޫނަށް ބަލާލިއެވެ. މިކްޔާންގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވާއިރު އެ ދެ ލޮލުގައިވަނީ އިންތިހާ ދަރަޖައިގެ އަޅާލުމާއި ލޯތްބެވެ. ރުހާގެ ހިތަށް ފިނިކަމެއް ލިބި ސިކުނޑިއަށް ލުއިވެގެން ދިޔައީ އެ ރީތި ހިނިތުންވުން ފެނިފައެވެ. ބޭއިޚްތިޔާރުގައި އޭނާއަށްވެސް ހިނިތުންވެލެވުނެވެ.
“މިކްޔާން އަހަރެން ދެކެ ރުޅިއެއް ނާދޭތަ…..؟؟؟؟؟” މިކްޔާންގެ ދެލޮލަށް ބަލަން ހުރެ ރުހާއަށް ސުވާލުކުރެވުނީ މިކްޔާން އޭނާއާއި ވަކިވެގެން ދިޔައިރު އޭނާގެ މޫނުގެ ކުލަވަރުތަކުން ރުޅިއައިސް ހިތްހަމަނުޖެހިފައި ހުރިހެން ހީވުމުންނެވެ. ޖަވާބު ދިނުމުގެ ބަދަލުގައި މިކްޔާން އޭނާގެ ކަނާތުގެ ނުފުށުން ރުހާގެ ކޮލުގައި މަތިން ތިރިއަށް އަތް ހިންގާލިއެވެ. އަދި ދެ އަތުން ރުހާގެ މޫނުގައި ހިފަހައްޓާލަމުން އޭނާގެ ނިތަށް ބޮސް ދިނެވެ. ރުހާގެ ގައިން ހީބިހި ހިލިގެން ދިޔައީ ހިތަށް ކުރި އަސަރަކުންނެވެ. ދެލޮލަށް ކަރުނަތައް ޖަމާވަމުން ދިޔަ ނަމަވެސް އޭނާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލިއެވެ. މިކްޔާން ރުހާގެ ކޮނޑުގައި ހިފަހައްޓާލައިގެން އެނދާއި ދިމާއަށް ގޮސް އެނދުގެ މަގަތުގައި ރުހާ ބޭންދިއެވެ. އަދި މޭޒުމަތީހުރި ފެންފުޅިއަކުން އެތާހުރި ތަށްޓަކަށް ފެން އެޅުމަށްފަހު ރުހާއަށް ދިއްކޮށްލިއެވެ.
“ފެންފޮދެއް ބޯލުމަށްފަހު ހަމަޖެހިލާ…. ވަރަށް ހިތް ނުތަނަވަސްވެފައި ތި އިނީ….” މިކްޔާން މިހެން ބުނުމުން ރުހާ ފެން ތަށީގައި ހިފިއެވެ. އަދި އޭގެން ކޯވަރެއް ބޯލުމަށްފަހު އަނެއްކާވެސް މިކްޔާނަށް ބަލާލިއެވެ. މިކްޔާން ލުއި ހިނިތުންވުމަކާއިއެކު ރުހާގެ އަތުން ތަށި އަތުލުމަށްފަހު މޭޒުމަތީގައި ބެހެއްޓުމަށްފަހު އައިސް ރުހާގެ ގާތުގައި އެނދުގައި އިށީނެވެ. ރުހާ އިނީ މިކްޔާންގެ ޙަރަކާތްތަކަށް ފަރުވާތެރިކަމާއިއެކު ބަލާށެވެ.
“ރުހާ…..” ރުހާގެ އަތްތިލަ މިކްޔާންގެ ދެއަތްތިލަ ދޭތެރެއަށްލާ ފިތާލަމުން ވަރަށް ލޯބިން ރުހާއަށް ގޮވާލިއެވެ. އަދި ލޯބިވެތިގޮތަކަށް ރުހާގެ މޫނަށް ބަލާލިއެވެ. ވާހަކަ ދައްކަން ފެށުމުގެ ކުރިން މައުސޫމުކަމުން ފުރިގެންވާ އެރީތި މޫނަށް ބަލާލައިގެން ހިތަށް ހަމަޖެހުން ހޯދާލީއެވެ. ބަހެއް ބުނުމެއްނެތި ރުހާ އިނީ މިކްޔާން ވާހަކަ ދައްކަން ފުރުސަތު ދީގެންނެވެ.
“ރުހާ…. ޙަޤީގަތަށް ބުނަންޏާ ރުހާ ޙަޤީގަތް ހާމަކުރިވަގުތު އަހަރެން ގާތަށް ވަރަށް ރުޅިއައި…. ނާޒްގެ ޙަޤީގަތް އެނގުނު ހިސާބުންވެސް ރުހާގެ މާޒީގައިވެސް އެފަދަ ކަމެއް ހިނގާފައިވާއިރު މިހުރިހާ ދުވަހެއްވަންދެން ސިއްރުކޮށްފައި ބޭއްވީތީ ހިތުގައި ޝަކުވާ އުފެދުނު….. ހިތަށް އެރީ އެ ދުވަހު އަހަރެންނާ ނާޒްއާއި ވާހަކަ ދައްކަން ހުއްޓާ ރުހާ ހިތްހަމަ ނުޖެހުނުހެން، ރުހާއާއި ނައިޒަކް ވާހަކަ ދައްކަން ހުއްޓާ ފެނުނީމަ އަހަރެންވެސް ހިތްހަމަ ނުޖެހޭނެކަން ދަންނަންވާނެއްނޫންހޭ…. އޭގެ އިތުރުން އަހަރެމެން ދެމީހުންގެވެސް ކުރިން ކައިވެނި ވާން އުޅެފައި ކެންސަލްވެފައިވާއިރު އަހަރެންގެ މާޒީގެ ޙަޤީގަތް ރުހާއަށް ފަހުމްވެފައިވާއިރު އަހަރެންނަށް ރުހާގެ މާޒީގެ ޙަޤީގަތް ސިއްރުކުރީ ކީއްވެގެންބާވައޭ….. ރުޅިއައިއްސަ ހުރީމަ އެ ގަޑީގައި ރުހާއާއި ވާހަކަ ނުދައްކާ އަހަރެން ދިޔައީ…. ކުރިންވެސް ޙަޤީގަތް ނުބަލާ އަހަރެން ރުހާއަށް ރުޅިބާލާފައިވާތީ އަހަރެން ބޭނުންވީ އެކަނި ހުރެ މިކަމާ ރަނގަޅަށް ވިސްނާލަން…. ރުޅިއައިއްސަ ހުންނަ ގަޑިއެއްގައި ކޮންމެ ފަދަ އެއްޗެއްވެސް ބުނެވިދާނެތީ ބަހެއް ނުބުނެ، ރުހާއަށްވެސް ބަހެއް ބުނަން ފުރުސަތު ނުދީ ދިޔައީ…. ރުހާއަށްވެސް އެނގެއެއްނު އަހަރެންގެ ގޮތް…. މި ބުނީ އަހަރެންނަކީ ފަސޭހައިން ރުޅި އިސްކުރެވޭ މީހެއްކަން…. އެކަމަކު އަހަރެން ބޭނުމެއް ނުވޭ ރުހާދެކެ ރުޅި އަންނާކަށް…. އެހެންވެ އެ ގޮތަށް ކަންތައްކުރީ….” ރުހާގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެން އިނދެ ރުހާގެ އޮމާން މޫނުގައި މިކްޔާންގެ ދެ އަތުގެ ބޮޑުވާއިނގިލިން ފިރުމާލިއެވެ. ބަހެއް ބުނުމެއްނެތި ރުހާ ހަމައެކަނި ބޯ ޖަހާލީއެވެ. އޭނާ ބޭނުންވީ މިކްޔާންގެ ވާހަކަ ނިންމަން ފުރުސަތު ދޭށެވެ. އެހެންކަމުން އޭނާ ހިމޭންކަން އިޚްތިޔާރުކުރީއެވެ. މިކްޔާން އަނެއްކާވެސް އޭނާގެ ވާހަކަ ފެށިއެވެ.
“އަހަރެން އޭރު ދިޔައީ އަތިރި މައްޗަށް…. އެތާ އިނދެގެން އަހަރެން ރުހާ ދެއްކި ވާހަކަތަކާއިމެދު ފުންކޮށް ވިސްނާލިން….. ރުހާގެ މާޒީން ނައިޒަކްގެ ވާހަކަތައް އަހަންނަށް ޚިއްސާ ނުކުރީ ކީއްވެގެންކަން އަހަންނަށް ނަގައިގަނެވުނީ ފުންކޮށް ވިސްނާލެވުނީމައި….. ހާމިދުގެ ސަބަބުން ރުހާއަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާތީ ރުހާއަށް ނައިޒަކްގެ ވާހަކަތައް ކިޔައިދެން އުނދަގޫވާނެކަން އަހަންނަށް ޤަބޫލުކުރެވުނު…. އަހަންނަށް ވިސްނުނު ގޮތުގައި ހާމިދުގެ ކަންތައް ފަޅާނާރާނަމަ ރުހާއަށް އެހާ ފަސޭހައިން ނައިޒަކްގެ އެ ވިޔާނުދާ ކަންތަކުގެ ވާހަކަ ހާމަކުރާކަށް ނުކެރުނީސް…. ރުހާއަށް އެ ކަން ހާމަކުރަން ހިތްވަރު ލިބުނީ ހާމިދުގެ ކަންތައް ބޭޒާރުވެފައިވާތީހެން އަހަންނަށް ވިސްނުނީ…. ރަނގަޅަށް ވިސްނާލެވުނީމަ އަހަރެންގެ ރުޅިގަނޑު ފިނިވި…. އަދި ރުހާއާއިމެދު ހިތުގައި އޮތް ކިލަނބުކަން ފިލައިގޮސް ރުހާއާއިމެދު ފަޚުރުވެރިވެވުނު…. ތިކަހަލަ މާތް ރަނގަޅު ކުއްޖަކު މިހާރު މިޒަމާނުގައި ވަރަށް މަދުވާނެ….. ރުހާ ތިކުރި ހިތްވަރާއި ރުހާގެ އަޒުމް ވަރުގަދަކަމަށް އަހަރެން ސާބަސް ދެން…. އަހަރެންގެ ޙަޔާތުގެ ބައިވެރިއަކަށް ރުހާ ވީތީ މާތް ﷲ ގެ ހަޟްރަތަށް ޙަމްދުކުރަން….. ރުހާ އަހަރެންގެ ކިބައިން މާފަށް އެދެންޖެހޭކަށް ނުޖެހޭނެ…. އެވަގުތުވެސް ރުހާގެ ކުށެއް ނެތްކަމާއިމެދު އަހަންނަށް ނުވިސްނުނީތީ އަހަރެން ރުހާގެ ކިބައިން މާފަށް އެދެން….” މިކްޔާން ރުހާގެ ދެއަތްތިލައަށް ފިތާލަމުން ބުނެލީ ރުހާގެ ދެލޮލަށް ބަލަން އިނދެއެވެ. ދެފަރާތަށް ބޯހޫރާލަމުން ރުހާ ބުނެލީ މިކްޔާން މާފަށް އެދެން ނުޖެހޭނެ ކަމުގައެވެ. މިކްޔާންގެ ފަރާތުން ލިބުނު ހިތްވަރާއި ތަޢުރީފްގެ ބަސްތައް އަޑުއިވިފައި ރުހާގެ ދެލޮލުން ކަރުނަ ނިރާލިއެވެ. އެހެނަސް އޭނާ ރޯން ބޭނުން ނުވާތީ އަވަސް އަވަހަށް އަތުގެ ނުފުށުން ކަރުނަތައް ފުހެލިއެވެ.
“މިކްޔާނަށް އެނގޭތަ…؟؟؟ އެދުވަހު އަހަރެން ނައިޒަކްގެ ގާތު ވަރަށް އާދޭސްކުރިން…. އެވިސްނުން ދޫކޮށްލުމަށް އެދުނިން…. އަހަރެމެންގެ ކައިވެނި ކެންސަލް ނުކޮށްލުމަށް އެދުނިން…. އަހަރެންގެ ލޯބީގައި ކޮޅުފައިން ނުޖެހުމަށް އެދުނިން…. އެކަމަކު އަހަރެންގެ އާދޭސްތަކަށް ނައިޒަކް ދިނީ ބީރު ކަންފަތެއް…. ފަހުން ވިސްނިގެން އައީމަ އަހަރެން ބޭނުން ނުވީ ނައިޒަކަށް ފުރުސަތު ދޭން…. އެދުވަހު އެ ނިންމުން ނިންމުނީތީ އަހަރެން މިއަދު ވަރަށް އުފާވޭ….. އެނގޭތަ ކީއްވެގެންކަން…..؟؟؟؟” މިކްޔާނަށް ބަލަން އިނދެ ރުހާ އަހާލިއެވެ. ޝައުގުވެރިކަމާއިއެކު ރުހާއަށް ބަލަން އިން މިކްޔާން، ނިއް އަރުވާލީ ކީއްވެހޭ އަހާލާފަދަ ގޮތަކަށެވެ. އެސުވާލުގެ ޖަވާބު ދިނުމުގެ ކުރިން ރުހާ މިކްޔާންގެ އަތްތިލައިގައި އޭނާގެ ދެއަތްތިލައިން ހިފަހައްޓާލިއެވެ.
“އަހަރެން އެދުވަހު ނައިޒަކަށް ފުރުސަތު ދިންނަމަ މިއަދު އޭނަ އަހަރެން ދޫކޮށްލާފައި ނުދާނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެތް….. އަހަރެންގެ ޙާލަތު އެނގިހުރެމެވެސް މިކްޔާން އަހަރެން ދޫކޮށްލުމުގެ ބަދަލުގައި އަހަންނަށް ހިތްވަރުދީ އަހަންނާއިއެކު ކުރިއަށްދާން ނިންމީ…. ނައިޒަކްނަމަ އަހަރެންގެ ފަރާތުން ފެނުނު ކަންތައްތަކަށްފަހު އަހަރެން ޤަބޫލެއް ނުކުރާނެ ކަންނޭނގެ….. އަހަރެންދެކެ ފޫހިވާނެ ކަންނޭނގެ… އަހަރެންގެ ޙާލަތެއް ނުވިސްނޭނެ ކަންނޭނގެ….. އެކަމަކު އަހަރެންނާއިމެދު މިކްޔާން ޢަމަލުކުރިގޮތުން ސާބިތުވޭ މިކްޔާންވެސް ތީ ވަރަށް މާތް ހިތްހެޔޮ އަޅާލާ އޯގާތެރި އިންސާނެއްކަން….. އަހަރެން މިކްޔާނަށް ވަރަށް ޤަދަރުކުރަން….. ވަރަށް އިޙްތިރާމްކުރަން…. މި ދުނިޔެމަތީ ތިފަދަ އިންސާނުންވެސް ވަރަށް މަދުން ނޫނީ ނުފެނޭ….. ޝުކުރިއްޔާ މިކްޔާން…..” ރުހާގެ ވާހަކަތައް ނިންމާލުމަށްފަހު މިކްޔާންގެ އަތްތިލައަށް ބޮސްދިނެވެ. ރުހާގެ ހޫނު ތުންފަތް މިކްޔާންގެ އަތްތިލައިގައި ބީހުނު ވަގުތު އޭނާގެ ހަށިގަނޑުގައި ކަރަންޓުގެ ރާޅު ބާންޏެއް ދުވެލި ފަދައެވެ. ހިތުގެ އެންމެ ހިމަ ނާރަށްވެސް އެނގުންވެލިއެވެ. ނަމަވެސް މީ އެންމެ އެކަށީގެންވާ ވަގުތު ނޫންކަމުން މިކްޔާން އޭނާގެ ޖަޒުބާތުތައް ކޮންޓްރޯލް ކޮށްލަމުން ރުހާއަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.
“ރުހާ….. މާތް ﷲ އިރާދަކުރެއްވިއްޔާ އަހަރެން ރުހާ ދޫކޮށެއް ނުލާނަން…. ފަހު ނޭވާއާއި ޖެހެންދެންވެސް ރުހާގެ ބައިވެރިޔާގެ ގޮތުގައި ހުންނާނަން….. ރުހާ ހަމައަކަށް އެޅެންދެން އަހަރެން ރުހާއަށް ވަގުތުވެސް ދޭނަން…. އެކަމަކު ރުހާވެސް ޖެހޭނެ އެ ހަނދާންތަކާއި، ހިތަށްވެރިވެފައިވާ ބިރުވެރިކަމުން އަރައިގަންނަން އަމިއްލައަށްވެސް މަސައްކަތްކުރަން…. މިހެން ބުނާއިރުވެސް އަހަންނަށް އެނގޭ އެހާ ގިނަ ދުވަހު އެ ވޭނާއި އެ ބިރުވެރިކަން ތަޙައްމަލްކޮށްފައިވާ މީހަކަށް އެ ކަންކަމުން އަރައިގަންނަން ފުދޭވަރަކަށް ވަގުތު ނަގާނެކަން…. އުނދަގޫވާނެކަންވެސް އެނގޭ…… އަހަރެން މި ބުނާ ވާހަކައަކީ އެކަމުން ދުރުވާން ރުހާވެސް ހިތްވަރާއިއެކު މަސައްކަތްކުރާށޭ…… އަހަރެން ޤަބޫލުކުރަން ރުހާއަކީ ވަރަށް ހިތްވަރުގަދަ ކުއްޖެއްކަމަށް….. ވަރަށް ހިތްވަރުގަދަވީމަ މިހުރިހާ ދުވަހެއް ވަންދެން އެއްވެސް މީހަކަ ޚިއްސާ ނުކޮށް އެފަދަ ކަމަކާ ކުރިމަތިލެވޭނީ…. އެކަމަކު ދެން ރުހާ އެކަންޏެއް ނުވާނެ….. ކޮންމެ ކަމެއްގައިވެސް އަހަރެން ރުހާއާއިއެކު ވާނަން…. މީގެ ފަހުން އަހަރެންނަށް އެއްވެސް ކަމެއް ސިއްރު ނުކުރާތި…. ކޮންމެ ކަމެއް ވިޔަސް އަހަންނަށް ޚިއްސާ ކުރާތި…… އަހަރެން މި ހުރީ ހުރިހާ ގޮތަކުންވެސް ރުހާއަށް އެހީވާން ތައްޔާރަށް….. އަހަރެން ބުނާ ކަމެއް ރުހާއަށް ކުރަން ކެރޭނެތަ…..؟؟؟؟” މިކްޔާން އެންމެ ފަހު ޖުމްލަ ބުނެލީ ކުޑަކޮށް ޖެހިލުންވެފައި ހުރެއެވެ. ރުހާގެ މޫނަށް ބަލާލެވުނީ އޭނާ ބުނަން އެ އުޅޭ ވާހަކައަކަށް ރުހާ ދޭނެ ޖަވާބަކާއިމެދު ވިސްނާލަމުންނެވެ… އެވާހަކަ އިވިފައި އޭނާއާއިމެދު ރުހާ ވިސްނާނެ ގޮތެއް ނޭނގޭތީއެވެ. އެއްވެސް ވިސްނުމަކާނުލާ ރުހާ ބޯޖަހާލީ މިކްޔާނަށް ކުރާ އިތުބާރަކުން ނޫންކަމެއްވެސް ނޭނގެއެވެ. މިކްޔާން ބުނަން އެ އުޅެނީ ކީކޭތޯވެސް ބަލާ ނުލާ އެހާ ފަސޭހައިން ރުހާ ޤަބޫލުވުމުން މިކްޔާނަށްވެސް ފުރަތަމަ އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
“މިކްޔާން…..” ބަހެއް ނުބުނެ މިކްޔާން ފާޑަކަށް ހުއްޓުން އަރާފައި ބަލަން އިނުމުން ރުހާއަށް ގޮވާލެވުނެވެ.
“އަހަރެން ކޮންކަމެއް ކުރަންވީ….؟؟؟؟” ދެންވެސް މިކްޔާން ބަހެއް ނުބުނުމުން ރުހާ އަހާލިއެވެ. އެވާހަކަ ބުނަން ޖެހިލުންވެފައި އިން މިކްޔާން އޭނާގެ ބޮލުގެ އިސްތަށިގަނޑުގައި އަތް ފުނާ އަޅާލިއެވެ. އަދި މީހާ ހަމައަކަށް އެޅިލަމުން ވާހަކަ ދައްކަން ފެށިއެވެ.
“ރުހާ…. ރުހާ ނަފްސާނީ ޑޮކްޓަރަކަށް ދައްކަންވީނު….” ފަރުވާތެރިކަމާއިއެކު ރުހާއަށް ބަލަން އިނދެފައި މިކްޔާން ބުނެލިއެވެ. މިކްޔާންގެ ޖުމްލަ އަޑު އިވުމުން ރުހާގެ ތުންފަތަށް ވެރިވެފައިވި ހިނިތުންވުން ފަނޑުވިތަން ފެނިފައި މިކްޔާން ހާސްވިއެވެ.
“ރުހާ… ޕްލީޒް…. ގޯސްކޮށް މާނަ ނުނަގާތި….. އަހަރެން މި ގޮތަށް ލަފާދެނީމި ރުހާއަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަން ރުހާގެ ޙަރަކާތްތަކުން އަހަރެންނަށް ފާހަގަވީމަ…. ނަފްސާނީ ކަންކަމާބެހޭ ޚާއްސަ ޑޮކްޓަރަކެއްގެ އެހީތެރިކަމާއިއެކު ރުހާއަށް ތި ކަންކަމުން އަރައިގަތުމަށް ފަސޭހަވާނެތީ….” މިކްޔާން ކަންބޮޑުވީ ރުހާ ގޯސްގޮތަކަށް މާނަ ނަގާފާނެތީއެވެ. ހާސްވެފައި އިނދެ އޭނާ ރުހާއަށް ބަލާލިއެވެ.
“އެއީ މިކްޔާން ބޭނުންވާ ގޮތް ކަމުގައި ވަންޏާ އަހަރެންގެ އެއްވެސް މައްސަލައެއް ނެތް…. އަހަރެން މި ހުރީ ތައްޔާރަށް….” ވާހަކަ ދައްކަމުން ދިޔައިރު ރުހާގެ ތުންފަތަށް ވެރިވެފައިވި ލުއި ހިނިތުންވުން ފެނިފައި ހާސްވެފައި އިން މިކްޔާނަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
“އަހަރެންވެސް ބޭނުން ވީހާވެސް އަވަހަށް މިކަމުން އަރައިގަންނަން… ދެރަވޭ މިކްޔާން ގާތްވާން މަސައްކަތްކުރާ ކޮންމެ ފަހަރަކު ދުރަށް ލެވޭތީ…. އަހަންނަށް ދުރަށް ދެވޭތީ….. ހަމަ ތެދެއް މި ބުނީ މިކްޔާން…. އެއީ އަހަރެން ޤަސްދުގައި ކުރާކަމެއް ނޫން…. އަހަރެން ވަރަށް މަސައްކަތްކުރަން އެގޮތަށް ކަންތައް ނުކޮށް ވޭތޯ…. އެކަމަކު ނޭނގެ އަހަންނަށް ވާގޮތެއް… އަހަންނަށް ހީވަނީ….” އަނެއްކާވެސް އެކަންތައް މަތިން ހަނދާން ވުމުން ރުހާއަށް ރޮވޭގޮތްވިއެވެ. ވާހަކަ ދައްކަން އުނދަގޫވިއެވެ. މިކްޔާނަށް އެކަން ނަގައިގަނެވުމުން ރުހާގެ ތުންފަތުގައި ޝަހާދަ އިނގިލި ޖައްސާލަމުން އޭނާ ހުއްޓުވިއެވެ.
“ރުހާ…. އަހަންނަށް އެއްވެސް އެއްޗެއް ޔަޤީންކޮށްދޭކަށް ނުޖެހޭނެ…. އަހަރެން ރުހާއަށް އިތުބާރުކުރަން…. އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ އެއީ ރުހާ ޤަސްދުގައި ކުރާކަމެއް ނޫންކަން… ދެން އެކަމާ ނުވިސްނާ…. ރަށަށް ގޮސްފައި ވީހާވެސް އަވަހަށް ރުހާ ޑޮކްޓަރަށް ދެއްކުމުގެ ކަންތަކުގައި އުޅޭނަން…. މާތް ﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ރުހާއަށް ތިކަމުން އަރައިގަނެވޭނެ…..” ރުހާގެ ކޯތާފަތުގައި ފިރުމާލަމުން އޯގާތެރިކަމާއިއެކު މިކްޔާން ބުނެލިއެވެ. ކުޑަކޮށް ހިނިތުންވެލަމުން ރުހާވެސް ބޯޖަހާލިއެވެ.
“އަހަރެން މި އިނީ އަދި ހަނދާން ނެތިފައޭ….. އަސްލު އޭރު އަހަރެން ރުހާ ހޯދަމުން ގެއިން ނުކުތީ މާދަން ހެނދުނު ރަށަށް ދާން ފުރާ ގޮތަށް ހަމަޖެހުނު ވާހަކަ ބުނާށޭ….” ކުއްލިއަކަށް ހަނދާންވުމުން މިކްޔާން ބުނެލީ އަމިއްލަ ބޮލުގައި ޖަހާލަމުންނެވެ. އެއްވެސް ތައްޔާރީއެއް ނުވެ ހުއްޓާ ފުރާ ވާހަކަ ބުނުމުން ދެލޯ ބޮޑުކޮށްލަމުން ރުހާއަށް އަސްލުވެސް ހޭ އަހާލެވުނެވެ. ރުހާގެ ސުވާލަށް ބޯޖަހާލަމުން އަވަހަށް ފޮށްޓަށް އެއްޗެހި އަޅަން ބުނެފައި މިކްޔާން ތެދުވެ ހިނގައިގަތުމުގެ ކުރިން ރުހާގެ ނިތަށް ބޮސްދިނެވެ. އަދި ޖީންސްގެ ޖީބަށް އެއް އަތް ޖަހާލައިގެން ހުރެ އެތަނުން ދާން ހިނގައިގަތެވެ. ނަމަވެސް ކޮޓަރިން ނުނިކުމެ އުޅެނިކޮށް އޭނާގެ ފިޔަވަޅުތަށް މަޑުޖައްސާލީ ހިތަށް ވެރިވި ޚިޔާލަކުންނެވެ. މިމަންޒަރު ފެނިފައި ރުހާވެސް ތެދުވެ މިކްޔާނަށް ބަލަން ހުރީ އޭނާ އެއްޗެކޭ ބުނަން އުޅޭހެން ހީވުމުންނެވެ. މިކްޔާން ފަސް އެނބުރި ބަލާލުމުން އިތުރު ވާހަކައެއް ބުނަންވެފައި އޮތީހޭ އަހާލެވުނެވެ. ރުހާގެ ސުވާލު އިވިފައި މިކްޔާން އެއް މިޔަކަނުން ހީލިތަން ފެނިފައި ރުހާގެ ހިތަށް އެނގުންވެލިއެވެ.
“ވާހަކައެއް ބުނަން ވެފައި އޮތީކީ ނޫން…. އެކަމަކު…. ސުވާލެއް ކޮށްލަން ބޭނުން…..” ތުންފަތުގެ ކަނާތްފަރާތުގައި ކަނާތުގެ ބޮޑުވާއިނގިލި ހިންގާލަމުން މިކްޔާން ބުނެލިއެވެ. ސުވާލުކުރުމަށް އިޒުނަ ދިނުމުގެ ގޮތުން ރުހާ ބޯޖަހާލިއެވެ.
“ދެންމެ ވާހަކައިގެ ތެރެއިން ރުހާ ބުނި ނައިޒަކްދެކެ ލޯބިވި ވާހަކަ…. އަދިވެސް ނައިޒަކްދެކެ ލޯބިވޭތަ…..؟؟؟؟” ދެލޯ ހަނިކޮށްލަމުން މިކްޔާން އަހާލިއެވެ. ހީވެސް ނުކުރާކަހަލަ ސުވާލެއް ކުރިމަތިވުމުން ރުހާއަށް ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެން ބަލާށެވެ. ރުހާގެ ފަރާތުން ޖަވާބެއް ނުލިބުމުން މިކްޔާން އޭނާގެ ނަމުން ގޮވާލިއެވެ. މިކްޔާންގެ ދެލޮލަށް ބަލަން ހުރެފައި ރުހާ ދެފަރާތަށް ބޯހޫރާލިއެވެ. ރުހާގެ ޖަވާބު ލިބުމުން ބޭއިޚްތިޔާރަކާނުލާ މިކްޔާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އަދި ބޯޖަހާލަމުން އެތަނުން ދާން ހިނގައިގަތެވެ.
“ޙަޤީގަތަށް ބުނަންޏާ އޭރުވެސް އަހަންނަށް ނައިޒަކް ދެކެ އެ ވެވުނީ ލޯތްބެއް ނޫން….” ރުހާގެ ޖުމްލަ އިވިފައި އަނެއްކާވެސް މިކްޔާންގެ ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ. ރުހާގެ ފިޔަވަޅުތަކުގެ އަޑުއިވުމުން ފަސްއެނބުރި ބަލާ ނުލާ އެ ހުރި ފިޔަވަޅުމަތީ މަޑުކޮށްލައިގެން ހުރީއެވެ. ރުހާ ގޮސް މަޑުކޮށްލީ ސީދާ މިކްޔާންގެ ކުރިމަތީގައެވެ.
“އަހަރެން ހީކުރީ ނައިޒަކް ދެކެ ވެވުނީ ލޯބިކަމަށް…. އަސްލު އަހަންނަށް ނައިޒަކާމެދު ގަޔާވެވުނީ ކަންނޭނގެ….. ހަމަގައިމުވެސް އެއީ ލޯތްބެއް ނޫން… އެކަން އަހަންނަށް އެނގުނީ އެހެން މީހަކާ ބައްދަލްވީ ފަހުން….. ނައިޒަކްއާއި ކައިވެނިކުރަން އުޅުން އިރުވެސް ނައިޒަކް ފެނިގެން އަހަރެންގެ ހިތަށް ނުވާފަދަ ގޮތްތަކެއް، އެ މީހާ ފެނުނީމާ ވޭ… އެ މީހާ ފެނުނީމާ ހިތުގައި ތަފާތު ގޮތަކަށް ވިންދު ޖަހާހެން ހީވެ….. އަބަދުހެން އެމީހާގެ ގާތުގައިވުމަށް ހިތް އެދޭ…. އަހަރެންގެ ހިތުން އެމީހާއަށްޓަކައި ޤަދަރާއި އިޙްތިރާމާއި އިއްޒަތް ދެވިފައި ވޭ…. އެމީހާއަށްޓަކައި އަހަރެންގެ ހިތުގައި ޚާއްސަ މަޤާމެއް ދެވިފައިވޭ….. ދުވަހަކުވެސް އިތުރު އެހެން ފިރިހެނަކަށް ދެވިފައި ނުވާފަދަ މާތް މަޤާމެއް… މިއަދާ ޖެހެންދެންވެސް އަހަރެން ހުރީ އެ އިޙްސާސްތަކަށް ދޭންވީ ނަމެއް ދެނެގަންނަން ނޭނގިފައި…. އެކަމަކު އެ އިޙްސާސްތަކަށް ދޭންވީ ނަމެއް މިހާރު އަހަންނަށް ފަހުމްވެއްޖެ…. އެއީ ލޯބި…. ޙަޤީގީ ލޯބި…. އެ މީހާގެ ފަރާތުން ފެނިގެން ދިޔަ އޯގާތެރިކަމާއި އަޅާލުމާއި ކެތްތެރިކަމާއި ހިތްހެޔޮކަން އަދި އޭނާގެ ފަރާތުން ލިބިގެން ދިޔަ ޢިއްޒަތާއި ޤަދަރުގެ ސަބަބުން އަހަރެންނަށް އޭނާ ދެކެ ލޯބިވެވިއްޖެ…. ސާފުސީދާ ޙަޤީގީ ލޯބި…. އެނގޭތަ އެ މީހަކީ ކާކުކަން…..؟؟؟؟؟” ރުހާގެ ވާހަކަތައް އިވިފައި މިކްޔާން ހުރީ ގުޑިލަންވެސް ނޭނގިފައެވެ. ބާރު ބާރަށް ހިތް ތެޅެމުންދާއިރު ހީވަނީ ދެންމެ ދެންމެ އެ ހަށިގަނޑުން ބޭރުވެދާނެހެންނެވެ. ބަހެއް ބުނެ ނުލިތާ ޙަރަކާތެއްވެސް ކޮށްލަން ނޭނގިފައި އޭނާއަށް ހުރެވުނީ ރުހާއަށް ބަލާށެވެ.
“މިކްޔާން…. އަހަންނަށް މިކްޔާންދެކެ ލޯބިވެވިއްޖެ….” މިކްޔާނާއި ހަތަރުކަޅި ހަމަކުރަން ނުކެރުމުން ރުހާ އިސްޖަހާލިއެވެ. ރުހާގެ ޖުމްލަ އިވިފައި މިކްޔާނަށް ވީގޮތްވެސް ނޭނގުނެވެ. އުފާވީވަރުން އޭނާގެ ދެލޮލުން ކަރުނަ ފާއްދާލިއިރު ތުންފަތަށް ފުޅާ ހިނިތުންވުނެއް ވެރިވީ އުފާވީވަރުންނެވެ. ގެނައި ކުއްލި ޙަރަކާތަކާއިއެކު ރުހާގެ ފަތިހަށިގަނޑުގައި ނުހަނު ބާރަށް ބައްދާލިއެވެ.
“މާތް ﷲ އަށް ޙަމްދުކުރަން….. ރުހާ…. އަހަރެންވެސް ރުހާ ދެކެ ވަރަށް ލޯބިވޭ…. ވަރަށް ވަރަށް ބޮޑަށް ލޯބިވޭ……” އެހުރިގޮތަށް ރުހާގެ ގައިގައި ބައްދާލައިގެން ހުރެ ތަކުރާރުކޮށް މިކްޔާން ބުނަމުން ދިޔައެވެ. މިކްޔާންވެސް ލޯބިވާކަން އެނގުމުން ރުހާއަށް ދެލޯމަރާލެވުނީ ހިތަށް ލިބުނު ފިނިކަމަކުންނެވެ. އޭނާގެ ދެއަތުންވެސް މިކްޔާންގެ ހަށިގަނޑުގައި ބާރަށް ހިފަހައްޓާލަމުން މިކްޔާންގެ ތަނަވަސް މޭގައި ބޯއަޅާލަމުން އެހެން ހުރިހާ ބޭކާރު ޚިޔާލްތަކާ ދުރުވެ މީހާ ހަމައަކަށް އެޅެލިއެވެ. އެގޮތުގައި އިރުކޮޅެއް ހޭދަވުމަށްފަހު ދެމީހުން އެކަކު އަނެކަކާ ދުރަށް ޖެހެލިއެވެ.
“އަހަރެން މިއަދު ވަރަށް ވަރަށް އުފާވެއްޖެ….. މާތް ﷲ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތީ އުފާވެރި ދުވަސްތައް…. ޙަޔާތުގައި ދިމާވާ އަޑިގުޑަންތަކާ ދެން ކުރިމަތިލާނީ ދެމީހުން އެކުގައި……” ރުހާގެ ދެއަތްތިލަ ޖޯޑުކޮށްލުމަށްފަހު އެ ދެ އަތްތިލައިގައި ހިފަހައްޓާލައިގެން ހުރެ މިކްޔާން މިހެން ބުނުމުން ރުހާ ބޯޖަހާލިއެވެ. މިކްޔާން ނުހަނު ލޯތްބާއިއެކު ހިނިތުންވެ ހުރެ ރުހާގެ ނިތަށް ބޮސްދިނެވެ.
**************
ހަލުވި މިނުގައި ދުވަސްތައް ފާއިތުވަމުންގޮސް ލައިނީގެ ބަނޑަށް ދުވަސްފުރި ބަނޑުގައި ރިއްސާތީ ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނެވެ. ޢާއިލާގެ މީހުން އިންތިޒާރުކުރަމުން ދިޔައީ ލައިނީގެ ބަނޑުގައިވާ ދަރިފުޅު ދުނިޔެއަށް ނޭވާލާނެ ވަގުތަށެވެ. ކޮންމެ މީހަކުވެސް ހިތުން ދުޢާކޮށްކޮށް ތިބީ ދެމައިން ސަލާމަތުން ލެހެއްޓެވުމަށް އެދިއެވެ. ލައިނީ އެޑްމިޓް ކުރެވުނީ މިކްޔާންމެން ރަށުގައި ހުރި ހޮސްޕިޓަލްގައެވެ. ރުހާމެން ރަށުގައި ހުންނަ މަރުކަޒުގައި ވިހެއުމުގެ އިންތިޒާމްތައް މާ އެދެވޭ ގޮތެއްގައި ހަމަޖެހިފައި ނުވާތީއާއިއެކު އަތޮޅު ހޮސްޕިޓަލް ހުންނަނީ މިކްޔާންމެން ރަށުގައިކަމަށްވެފައި މިލްނާމެންގެވެސް އެދުމުގެ މަތިން ލައިނީ ވިހަން އެރަށަށް ދިޔައީއެވެ.
ވިއްސާ ކޮޓަރީގެ ބޭރުގައި މަޑުކޮށްލައިގެން ތިބި ޢާއިލާގެ އެންމެންގެ ސަމާލުކަން އަތުލީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑުންނެވެ. އެންމެންގެ ތުންފަތަށް ހިނިތުންވުން ވެރިވިއިރު މާތް ﷲ އަށް ޙަމްދުކޮށް އެކަކު އަނެކަކަށް މަރުހަބާ ކިޔަން ފެށިއެވެ. އޭގެ އިރުކޮޅެއް ފަހުން ވިއްސާ ކޮޓަރިން ޑޮކްޓަރު ނުކުތުމުން އެންމެން އެދިމާއަށް ހިނގައިގަތެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.







Assalaam Alaikum ?
kiyuntherinnah mi part ves kamudhane kamah ummeedhu kuran ?❤️?
Mihaaru mi vaahaka eem ge fb page “EamYaa ge Vaahaka” in ves kiyaaleveyne ?
https://www.facebook.com/EamYaa-ge-Vaahaka-100267119062847/
Enjoy ?
?❤️
Wow.. when next part?? By the way what is your age
Thanks Aayaa soon In Sha Allah ❤️?
Wow this part is also awesome ❤️… waiting for next part?..
Thanks Fathimath Nafha ❤️?