މެންދުރު ބާރަޖެހުމުން ފިހާރަ ބަންދުކޮށްލުމަށްފަހު، ގެސްޓްހައުސްއާ ދިމާލަށް ނައިޝާ ހިނގައިގަތެވެ. ގެސްޓްހައުސްގެ ދޮރުމައްޗަށް ނައިޝާއަށް އެރެވުނު ވަގުތު ސައިފް ފެނުނެވެ.ހަމަ މިއަދު ހެނދުނުވެސް ހުރިތާ ގަސްގަނޑެއް ކައިރީގައި ސައިފް ނައިޝާއަށް ބަލަން ހުއްޓެވެ.ސައިފް ފެނުމުންވެސް މާބޮޑަށް އަޅާނުލާ ނައިޝާ ގެސްޓްހައުސްއަށް ވަންނަން އުޅުނެވެ.އެވަގުތު ސައިފް ނައިޝާއަށް މަޑުމަޑުން ގޮވާލިއެވެ
“ކިހިނެއްވީ؟” ފަސް އެނބުރިލުމަށްފަހު ނައިޝާ އަހާލިއެވެ. އެވަގުތު ދެފަރާތަށް ބަލައިލުމަށްފަހު ނައިޝާއާ ގާތަށް ސަައިފް އައެވެ. “މިއަދު މެންދުރުކެއުމަކަށް ސައިފާއެކު ރެސްޓޯރެންޓަކަށް އެރިދާނެތަ؟…ނައި ފުރުމުގެ ކުރިއަށް ކެއުމެއްދޭން ސައިފް ބޭނުންވޭ” އާދޭހުގެ ރާގަކަށް ސައިފް އަހާލިއެވެ.ކުޑަ ވަގުތުކޮޅަކަށް ސައިފާ ދިމާލަށް ބަލަންހުރެ ނައިޝާ ވިސްނާލިއެވެ. ސައިފަކީ ކުރީގެ ސައިފެއް ނޫނެވެ.އަނެއްކޮޅުން ނައިޝާގެ ހިތުތެރޭގައިވާ ސުވާލުގެ ޖަވާބުވެސް ހޯދަން އޭނާ ހުރީ ވަރަށް ބޭނުން ވެފައެވެ.ކުޑަވަގުތުކޮޅަކު ވިސްނާލަން ހުރެފައި ކެއުމަށްދާން ނައިޝާ އެއްބަސްވިއެވެ.
*****
މަޑު ހިނގުމުގައި ހިނގާލައިފައި ނައިޝާއާ ސައިފް ގޮސް ވަނީ އާދައިގެ، މީހުން މަދު ރެސްޓޯރެންޓަކަށެވެ.އެތެރެބަރީގެ ކަނެއްގައި ހުރި މޭޒެއްގައި ސައިފާ ނައިޝާ އިށީނުމަށްފަހު، ކާއެއްޗެއްސަށް އޯޑަރުދިނެވެ.
“މީހަކަށް ފެނިދާނެތީ އުޅޭހެން ހާދަ އެބަހީވެޔޭ….މިތަނަށް އައި އިރުވެސް މަގުގެ ދެފަރާތަށް އިރުއިރުކޮޅާ ބަލާ” ސައިފް ދޭތެރެއަކުން ރެސްޓޯރެންޓުގެ ދެފަރާތަށް ބަލާތީ ނައިޝާ އަހާލިއެވެ. އެވަގުތު ފުން ނޭވާއެއް ސައިފް ދޫކޮށްލިއެވެ. “އަހަރެން ނައި އަކަށް ދޮގެއް ނުހަދާނަން…ސުހާ ހުރިތޯ މިބެލެނީ އިރުއިރުކޮޅާ…އޭނައަށް ފެނިއްޖެއްޔާ ވަރަށް ރުޅި އަންނާނެ” ސައިފް ބުނެލިއެވެ.
“ކީއްވެތަ ސުހާއަށް އެހާ ބޮޑު ބާރެއް ލިބިގެން އެއުޅެނީ؟” ނައިޝާގެ ހިތުގައިވާ ސުވާލު ސައިފާ ކޮށްލިއެވެ. އެވަގުތު ސައިފް އިސްދަށަށް ޖަހާލިއެވެ. “އަހަރެންގެ ސަބަބުން” އިސްދަށަށް ޖަހައިގެން އިނދެ ދެރަވެލާފައި ސައިފް ބުނެލިއެވެ.
“އެއީ މިހާރު ސުހާގެ ގެއެއް…އެހެންވީމަ އޭނަގެ ބާރު އެހާ ގަދައީ” ނައިޝާއަށް ބަލައިލުމަށްފަހު ސައިފް ބުނެލިއެވެ.
“ކީކޭ؟ އެއީ ސައިފްގެ ބައްޕަގެ ގެއެއްނު؟” ނައިޝާއަށް ކުއްލިއަކަށް އަހާލެވުނެވެ. “އާނ އެއީ ބައްޕަގެ ގެ…އެކަމް މިހާރު އެގެވަނީ ސުހާގެ ނަން މައްޗަށް ބަދަލުކޮށްފަ” ސައިފް ބުނެލިއެވެ.
“ކުރީގަ ސުހާ ރަނގަޅު، އެކަމް ނައިޝާހާ ރަނގަޅެއްނޫން…އެހެންވިޔަސް އޭނަގެ ދަޅައަށް ސައިފަށް ހެއްލެވުނީ….ބައްޕަ މަރުވުމުން ގެ ޒަމާނީ ފެންވަރަށް އިތުރަށް ހަދައިދޭނަން ކަމުގަ ސުހާ ބުނި…އެކަމް ގެ ހަދަން ސުހާގެ މައިންބަފައިން ގާތު ބުނެވޭނީ އޭނާގެ ނަން މައްޗަށް ގެ ބަދަލުކުރީމަ ކަމަށް ބުނުމުން މަންމަމެންވެސް އެކަމާ ރުހުނީ އޭނާއަށް ކުރި އިތުބާރެއްގެ ބޮޑުކަމުން…އޭރު އެއްވެސް މީހެއް ހިއެއްނުކުރޭ ސުހާ މިފެންވަރަށް ގޮސްދާނެ ކަމަކަށް…ސައިފް ހާދަ އިތުބާރެއް ކުރީމޭ އޭނައަށް” ސައިފް ދެރަވެލާފައި ކަންވީގޮތް ނައިޝާއަށް ކިޔައިދިނެވެ.
“ގޭގެ ރަޖިސްޓަރީ އޭނަގެ ނަން މައްޗަށް ބަދަލުވި ހިސާބުން އޭނަގެ އަސްލު ކުލަވަރު ފެންނަން ފެށީ…ގޭގެ އެއްވެސް ކަމެއް ނުކުރާއިރު މަންމައާ ސަނާ ކޮއްކޮ ގޭގެ ހުރިހާ ކަމެއް ކުރަމުން ދަރިންތައްވެސް ބަލަނީ…ސުހާގެ ކަމަކީ ފޯނާ ކުޅުމާ ކެއުން” ނުރުހުމުގެ ރާގަކަށް ސައިފް ބުނެލިއެވެ.
“ދެން ސައިފް އެއްވެސް އެއްޗެެއް ނުބުނަންތަ؟” ނައިޝާ އަހާލިއެވެ.
“ބުނިން ވަރަށް އެެއްޗެހިވެސް ކިޔުނު…އޭނަ ކުރިމަތީ ގަދަ ހަދާލި ރޭގަ އަހަރުމެން އެންމެން ގެއިން ބޭރުކޮށްލީ…ވިއްސާރަ ވެސް ވެހުނު ރެއެއް އެއީ…އެރޭ ތަންގަނޑު މީހުންވެސް އެއްވި އެކަމް އެއްވެސް މީހެއް އަހަރުމެންނަކަށް އެހީއެއް ނުވި ނައިޝާއަށް އަހަރުމެން ހަދާލި އިހާނެތި ގޮތުން…އަނެއްކޮޅުން އަހަރުމެން އެގެ ސުހާގެ ނަން މައްޗަށް ރެޖިސްޓްރީ ކޮށްދީފަވާތީ އެއްވެސް ކަމެއް ނުކުރެވުނު…އަހަރެން ކޯޓަށް މައްސަލަވެސް ޖެއްސިން އެކަމް މިބުނި ގޮތަށް ކަންތައްވީ މައްސަލަ ނިމުނީ ސުހާގެ ކޮޅަށް…ގެއަކީ ބައްޕަގެ ގެ ވީމަ އަހަރުމެން ބޭނުމެއްނޫން އެތަން ދޫކޮށްލާކަށް..އެހެންވެ މިހާލުގަވެސް މި އުޅެނީ…އަހަރެން މިހާރު ކުރަނީ ދަނޑުވެރި މަސައްކަތް އެކަމުން ލިބޭ އާމްދަނީއިން ވަކިން ގެއެއް ގަނެވޭނެ ފަދަވެސް ނުވޭ ސުހާ އަށާ ދަަރިންނަށާ ގެއަށް ޚަރަދުކޮށް….އެހެންވެ ސަނާ ކޮއްކޮވެސް ވަޒީފާއަކަށް އެވަނީ…ދެން އެހުރީ މުސްކުޅި މަންމަ އެފަކީރަކަށްވެސް ނެތް އާމްދަނީ ހޯދަން މަސައްކަތެއް ކޮށްލެވޭކަށް ގޭގެ ކަންތަކާ ސުހާއާ ދަރިންގެ ކަންތައް ކުރަންޖެހިގެން” ސައިފްގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ފުހެލަމުން ބުނެލިއެވެ.
ސައިފްގެ ވާހަކަތައް އަޑުއަހަން އިން ނައިޝާ ވަރަށް ދެރަވިއެވެ.ސައިފްގެ ހާލާއި މެދު އޭނާ ހަމްދަރުދީވިއެވެ.
“އެއީ ބައްޕަގެ ގެއަށްވާތީ ނައި މަސައްކަތް ކުރާނަން ވީވަރަކުން ސައިފްމެނަށް އެގެ ލިބޭތޯ” ނައިޝާ ބުނެލިއެވެ. އެވަގުތު މޭޒުމަތީގައި ބާއްވައިލައިގެން އިން ނައިޝާގެ އަތުގައި ސައިފް ހިފާލިއެވެ. “ތީ އަހަންނަށް ލިބުނު އަގުހުރި ޖަވާހިރެއް އެހެންނަމަވެސް އޭގެ އަގު ވަޒަން ކުރަން ނޭނގުނު” ދެރަވެލާފައި ސައިފް ބުނެލިއެވެ.އެވަގުތު ނައިޝާ އޭނާގެ އަތް ދަމާގަތެވެ.
“ސޮރީ” ނައިޝާ އަތް ދަމައިގަތުމުން ސައިފް މާފަށް އެދުނެވެ. “އަސްލު ނައި ހިތަކަށް ނާރާ ސައިފާ ދެން ވާހަކަ ދައްކަފާނަމެކޭ…އެކަމް ނައި ވަރަށް ދެރަވެއްޖެ ސައިފްމެންގެ ހާލާ މެދު” ނައިޝާ ބުނެލިއެވެ.
ސައިފް އެއްޗެކޭ ބުނަން އުޅެނިކޮށް ކާއެއްޗެހި އައުމުން، ދެމީހުންވެސް ވާހަކަ ހުއްޓާލުމަށް ފަހު ކާންފެށިއެވެ.
ބަތް ސަމުސަލެއް ކާލުމަށްފަހު ނައިޝާގެ ހަޔާތާ ބެހޭގޮތުން ސައިފް ސުވާލުކުރިއެވެ.ސައިފްގެ ސުވާލުތަކަށް ނައިޝާ ޖަވާބުދިނީ އޭނާގެ ހަޔާތުގައި ބައިވެރިއަކު މިހާރު ހުންނަ ވާހަކަ ބުނަމުންނެވެ.
“އެހެންތަ؟ ތިދެމީހުންނަށް ވަރަށް އުފާވެރި ހަޔާތަކަށް އެދެން” ސައިފް ބުނެލިއެވެ. އައްކިޔުންނަކީ ސިފައާ އެއްވަރަށް ރަނގަޅު މީހެއްކަމަށް ބުނެ އައްކިޔުންނަށް ނައިޝާ ތަޢުރީފުކުރިއެވެ. “ނައިވެސް ހެޕީއާ ސައިފްވެސް ވަރަށް ހެޕީވޭ” ސައިފް ބުނެލިއެވެ.
*********
ދެމީހުން ކައި ނިމުމުން ބިލް ގެނައެވެ.އެވަގުތު ޖިންސު ޖީބުން ބޮޑިކޮށްފައިވާ ރުފިޔާތަކެއް ނަގައި ސައިފް ގުނަންފެށިއެވެ.އޭގައި ގިނައީ ފަސްރުފިޔާ އާ ދިހަ ރުފިޔާ އެވެ. “އޯކޭ މިފަހަރު ނައި ޕޭ ކުރާނީ….މީ ނައިދޭ ކެއުމެއް ކަމަށް ހީކޮށްލާ” ސައިފް ގެނައި ރުފިޔާ ހަމަނުވުމުން ނައިޝާ ބިލަށް ފައިސާ ދައްކަމުން ބުނެލިއެވެ. ނައިޝާއަށް ޝުކުރުއަދާ ކުރުމަށްފަހު ސައިފް އިންތަނުން ތެދުވުމުން ނައިޝާވެސް ރެސްޓޯރެންޓުން ނިކުންނަން ހިނގައިގަތެވެ.
ރެސްޓޯރެންޓުން ނިކުމެ ނައިޝާ ގެސްޓްހައުސްއާ ދިމާއަށް މިސްރާބުޖެހުމުން ސައިފްވެސް ނައިޝާގެ ފަހަތުން ދިޔައެވެ.ގެސްޓްހައުސް ކައިރި ހުރި މީހުންމަދު ގަސްގަނޑެއްގެ ކައިރިއަށް ނައިޝާއަށް އާދެވުނެވެ.އެވަގުތު ސައިފް ނައިޝާއަށް ގޮވާލިއެެވެ. “ސައިފް އަދިވެސް ނުދަންތަ؟” ނައިޝާގެ ފަހަތުން ސައިފް އައިކަން ނޭނގުމުން ނައިޝާއަށް އަހާލެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





