ސައިފްގެ ވާހަކަތައް އަޑުއަހަންހުރި ނައިޝާ ވަރަށް ރަނގަޅަށް ސައިފާ ދިމާލަށް ބަލައިލިއެވެ.ކުރިންވެސް ހިކިކޮށް ހުންނަ ސައިފް މިހާރުވަނީ ވަކިން ބޮޑަށް ހިކިފައެވެ.އެމޫނުމަތި ވަނީ މިލާފައެވެ.އޭނާއަށް ބަލައިފި މީހަކަށް ނަމަ ފެންނާނީ މާޔޫސްކަމާއި ހިތްދަތިކަމެވެ.މިއަދުވެސް ސައިފް ލައިގެން ހުރި ޖިންސު ސޯޓު ފެނި، ކުރިން ސައިފް ސޯޓުލާން ލަދުގަންނަ ކަމަށްބުނި ހަނދާން ނައިޝާ އާވިއެވެ.މިހާރު ނައިޝާގެ ކުރިމަތިން ފެންނަން އެހުރީ ކުރިން ގަދަބަދަވިކަން ދެއްކި ސައިފެއް ނޫނެވެ.އެއާ ޚިލާފަށް މަޑުމައިތިރި އާދައިގެ އިންސާނެކެވެ.
ނައިޝާއާ ވާހަކަ ދައްކަމުން ދިޔަ ސައިފް ދޭތެެރެއަކުން މަގަށް ބަލައިލައެެވެ.އޭނާގެ އެޢަމަލުން މީހަކަށް ފެނިދާނެތީ ބިރުން އުޅޭހެން ނައިޝާއަށް އިހުސާސް ކުރެވުނެވެ.އެތައް އަހަރެއް ވަންދެން ހިތުތެރޭގައި ރައްކާކޮށްގެން ގެންގުޅުނު އިހުސާސްތައް ނައިޝާގެ ކުރިމަތީގައި ބަންޑުން ކުރަމުން ސައިފް ދިޔައެވެ.
“އަހަންނަށް ހައްގު ސަޒާ މިލިބުނީ” ސައިފް އެެހެން ބުނެލިއިރު ދެރަވެގެންގޮސް އޭނާގެ އަޑުގައި ތުރުތުރުލުމެއް ވެއެވެ.ސައިފްގެ ވާހަކަތައް އަޑުއަހަން ހުރި ނައިޝާއަށް ފޯނެއް އައުމުން އެތަނުން ދާން ހިނގައިގަތެވެ.ނައިޝާ ގޮސް ލޮލުގެ ކޮޅަށް އޮބާލަންދެން އޭނާ ދާމަންޒަރު ބަލަން ސައިފް ދެރަވެލާފައި ހުއްޓެވެ.
މަޑު ހިނގުމުގައި ހިނގާފައި ދިޔަ ނައިޝާގެ ބޮލުތެރޭގައި އެނބުރެނީ ސައިފަށް އައިސްފައިވާ ބަދަލާއި މެދުގައެވެ.މީހެއްގެ ދިރިއުޅުން ކޮންމެ ގޮތަކަށްވެސް ބަދަލުވެދާނެ ކަމަށް ނައިޝާގެ ހިތަށް އަރަމުން ދިޔައެވެ.އޭނާގެ ހިތުގައި ދެން އުފެދުނު ސުވާލަކީ ސުހާއަށް އެހާބޮޑު ބާރެއް ލިބުނު ގޮތެވެ.އެކި ޚިޔާލުތަކުގައި ހުރެ ނައިޝާ ހިނގަމުން ދިޔައެވެ.
*********
ސައިފްގެ ރަށަށް ނައިޝާ އައިތާ އެއްހަފްތާވީއެވެ.މިއަދުވެސް ތައްޔާރުވެލައިގެން ނައިޝާ ފިހާރަދޮށަށް ދާން ގެސްޓް ހައުސްއިން ނިކުތެވެ.އެވަގުތު އެތާ ދޮރުމަތީގައި ސައިފް ހުރިތަން ނައިޝާއަށް ފެނުނެވެެެ.ނައިޝާ ފެނުމާއެކު ސައިފް އޭނާގެ ގާތަށް އައެވެ. “މީތި ދޭންވެގެން މިއައީ” ރޯނުން ވަށައި ޒީނަތްތެރި ކޮށްފައިވާ ކުޑަ ރާބަންޖެއްް ދިއްކޮށްލަމުން ސައިފް މަޑުމަޑުން ބުނެލިއެވެ.
“ތީ ކޯއްޗެއް؟” ސައިފް ދިއްކޮށްގެން ހުރި ރާބަނދީގައި ނުހިފަންވެގެން ނައިޝާ ބުނެލިއެވެ.
“މީ ސައިފް ދޭ އެއްޗެއް ނޫން…މީ…” ސައިފް އިސްދަށަށް ޖަހާލުމަށްފަހު، ބުނަން އުޅުނެެވެ.
“މީ ކޯއްޗެކޭ؟…..އެހާ ޓައިމެއް ނެތް ފިހާރަ ހުޅުވަން ދާންޖެހޭ” ނައިޝާ ބުނެލިއެވެ. އެވަގުތު އިސްދަށަށް ޖަހާލައިގެން ހުރި ސައިފް އިސް އުފުލާލީ އޭނާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ފުހެލަމުންނެވެ.ސައިފްގެ ލޮލުން ކަރުނަ ތިކި ވެއްޓުނު ތަން ފެނުމުން ވީ ކީއްކަމެއް ނޭނގޭ ހާލު ސައިފާ ދިމާއަށް ބަލަހައްޓައިގެން ނައިޝާ ހުއްޓެވެ.
“މީ ނައިޝާއަށް ބައްޕަ ހަދައިގެން ގެނެސްދިން އެއްޗެއް….ވަޒީފާގަ ރަށުން ބޭރުގަ ހުރެފައި ރަށަށް އައި އިރު” ސައިފް އެހެންބުނުމުން، ސައިފްގެ ބައްޕަ ރަށުން ބޭރަށް ވަޒީފާއަށް ފުރި ދުވަސްމަތިން ނައިޝާ ހަނދާންވިއެވެ.
އެދުވަހު ފުރަން ބަނދަރަށް ގޮސް ނައިޝާއަށް އޯގާތެރިކޮށް ހިތަން ސައިފަށް އޭނާގެ ބައްޕަ ނަސޭހަތްދިން ހަނދާނާއި ސައިފްގެ ބައްޕަ ރަށަށް އައީމަ ނޫނީ ނުފުރުމަށް ނައިޝާ ގާތު ގުޅާފަ ބުނި ދުވަހުގެ ހަނދާން ނައިޝާ އާވިއެވެ.
ވަގުތުން ސައިފް ދިއްކޮށްގެން އިން ކުޑަ ރާބަނދީގައި ނައިޝާ ހިފިއެވެ. އަދި ވަރަށް ރަނގަޅަށް އެބަންޖަށް ވަށައިގެން ނައިޝާ ނަޒަރު ހިންގާލިއެވެ.
“ލޯބިވާ ނައިޝާ ކަނބުލޮއަށް ބައްޕަގެ ފަރާތުން” އެބަނދީގައި ދިވެހިއަކުރުން ކަނޑާނަގާ ލިޔެފައިވާ ތަން ފެނި ނައިޝާއަށް ހިނިތުންވެވުނުއިރު އޭނާގެ ލޮލުން ކަރުނަ ތިއްކެއްވެސް ވެއްޓުނެވެ.
“ތީ ބައްޕަ ނައިޝާއަށް ހަދައިގެން ގެނައި އެއްޗެއް…ތީގަ އަހަރުމެން އަތްލިޔަކަވެސް ބައްޕަ ނުދޭ” ހިނިތުންވެލަމުން ސައިފް އެހެންބުނެލިއިރު ނައިޝާއަށް ވެސް ހިނިތުންވެވުނެވެ. “އެކަމަކު އެފަކީރުވެސް މަރުވެގެން އެދިޔައީ އަހަރެންގެ ސަބަބުން” އިސްދަށަށް ޖަހާލަމުން ސައިފް އެހެން ބުނެލިއިރު އޭނާގެ އަޑުގައި ތުރުތުރުލުމެއް އުފެދިފައިވެއެވެ.
“ބައްޕަ ވަރަށް ނައިޝާގެ ވާހަކަދެއްކި…ވަރަށް ނައިޝާއަށް ގުޅަންވެސް އުޅުނު….ބައްޕަ ވަރަށް ބޮޑަށް ނައިޝާ ދެކެ ލޯބިވޭ…..ބަލި ތަންމަތީގަ އޮތްއިރުވެސް ނައިޝާގެ ރަނގަޅު ވާހަކަ ދެއްކީ” ސައިފް އެހެންބުނުމުން ނުރޯން ހިތްވަރު ކޮށްގެން ހުރި ނައިޝާގެ ލޮލުން ކަރުނަތައް ފައިބާ ރޮވެން ފެށިއެވެ.
“އެފަހަރު ކަންތައްތައްވީ ގޮތުން ސިމްކާޑު ނައިޝާއަށް ބިންދާލެވުނީ އެހެންވެ ބައްޕައަށް ނުގުޅުނީ…ނައި ވެސް ބައްޕަދެކެ ވަރަށް ލޯބިވޭ” ސައިފްގެ ބައްޕަ ދިން ރާބަނދި މެޔާ ކައިރިކޮށްލަމުން ނައިޝާ ރޯންފެށިއެވެ.ނައިޝާ ރޯތަން ފެނި ސައިފްގެ ހިތަށް އަސަރުކުރިއެވެ.އަދި ނައިޝާ ގާތު ނުރޮއެ ހުއްޓާލުމަށް ސައިފް އެދުނެވެ.ނަމަވެސް ނައިޝާއަކަށް ރުއިމެއް ނުހުއްޓުނެވެ.
ހަދާނެ ގޮތް ހުސްވެފައިވާ ސައިފް، ތެޅިތެޅި އޮތް ހިތާއެކު ނައިޝާ އޭނާގެ ގަޔާ ކައިރި ކޮށްލިއެވެ.މީހެއްގެ ފިރުމުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ނައިޝާއަށް ބޭއިޚްތިޔާރުގައި ސައިފްގެ މޭމަތީގައި ބޯއަަަޅާލެވުނެވެ. “ދެން ނުރޮއެ ހުއްޓާލާ ނައި” ސައިފްގެ މޭމަތީގައި ބޯ އަޅާލައިގެން ރޯން ހުރި ނައިޝާގެ ބުރަކަށީގައި ފިރުމާލަމުން ސައިފް ބުނެލިއެވެ.
ނައިޝާ ސައިފްގެ މޭމަތީގައި ބޯއަޅާލުމުން ސައިފް ހިތްހަމަ ޖެހުނު ނަމަވެސް އޭނާ ހުރީ ނުތަނަވަސްވެފައެވެ.އިރުއިރުކޮޅާ ވަށައިގެން މުޅިތަނަށް ސައިފް ބަލަމުންދިޔައެވެ.އެހެންނަމަވެސް ނައިޝާ ރޯމަންޒަރު ފެނުމުން އެހާލުގައި އޭނާ ދޫކޮށްފައި ދާކަށް ސައިފް ބޭނުމެއްނުވިއެވެ.ވަގުތަކީ ވަރަށް ހަމަހިމޭން ވަގުތެއްކަމުން ނައިޝާމެން ފިޔަވައި އެވަގުތު އެއްވެސް މީހެއް އެހިސާބުގަނޑު ގައިވެސް ފެންނާކަށް ނެތެވެ.
ސައިފްގެ މޭމަތީގައި ބޯއަޅާލައިގެން ހުރި ނައިޝާ ކުއްލިއަކަށް އޭނައާ ދުރަށް ޖެހިލިއެވެ. “ސޮރީ ވަރަށް ބޮޑަށް ސޮރީ” ލޯފުހެލަމުން ހާސްވެހުރެ ނައިޝާ ބުނެލިއެވެ. “އެއީ މައްސަލައެއްނޫން…ނައި ރޯތަންފެނުމުން ދޫކޮށްފަދާން ސައިފަށްވެސް ނުކެރުނީ” ސައިފްގެ އަޑުގައިވެސް ވަނީ ހާސްކަމެވެ.
ލޯ ފުހެލުމަށްފަހު ނައިޝާ ފޯނުން ގަނޑި ބަލައިލިއެވެ.ނުވައެއް ޖަހަން ތިން މިނެޓަށް ވެފައިވުމުން ހަލުވި ހިނގުމުގައި ނައިޝާ ފިހާރައާ ދިމާލަށް މިސްރާބުޖެހިއެވެ.ފިހާރައާ ހަމައަށް ދެވުނު ވަގުތު ވަޒީފާއަށް އައިސް ތިބިމީހުން ދޮރުމަތީގައި ތިއްބެވެ. “ސޮރީ ކުޑަކަމެއް ދިމާވީމަ ލަސްވީ” ތަޅުދަނޑިން ފިހާރަ ހުޅުވަމުން ނައިޝާ ބުނެލީ މާނޭވާލެވޭ ހާލުގައެވެ.
**********
ފިހާރަ ތެރޭގައި ކުޑަވަގުތުކޮޅަކު އުޅެލުމަށްފަހު ނައިޝާ ބޭރަށް ނިކުމެލިއެވެ.ހިނގަމުންގޮސް ބަނދަރުކައިރި ހުރި އައްޓެއްގެ މަތީގައި ޖައްސާލިއެވެ.އަދި ސައިފްގެ ބައްޕަ ދިން ރާބަނދި ނަގާ އޭނާގެ އަތްދަބަހުގެ ޒިބުގައި ލައްވާލިއެވެ.ރާބަންޖާ ދިމާލަށް ހިނިތުންވެ ހުރެ ބަލައިލުމަށްފަހު، މޫދާ ދިމާއަށް ނައިޝާ ބަލައިލިއެވެ.އޭރު ލޯންޗުތަކާ އެކި އޮޑިދޯނިތައް ދަތުރުކުރާ މަންޒަރު ނައިޝާއަށް ފެނުނެވެ.މަޑުމަޑުން އައްކިޔުންގެ ޚިޔާލު ނައިޝާއަށް ކުރެވެން ފެށިއެވެ.ފޯނު ނަގައި އައްކިޔުންގެ ފޮޓޯތައް ނައިޝާ ބަލަންފެށީ އޭނާގެ މަތިން ހަނދާންވާ ވަރުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





