“ނައި އަދި އެއްފަހަރު ޝުކުރިއްޔާ…އަހަރެންގެ ހަޔާތުގަ އަހަންނަށް ދިމާވި އެންމެ ރަނގަޅު މީހަކީތީ…އެހެންނަމަވެސް ނައިޝާގެ އަގު ވަޒަންކުރަން އަހަންނަށް ނޭނގުނީ” އިސްދަށަށް ޖަހާލަމުން ސައިފް ދެރަވެލާފައި ބުނެލިއެވެ.
“ޝުކުރު އަަދާކުރާނެ ކަމެއްނެތް…ހީކޮށްލާ ރަހުމަތްތެރިއަކު ދިން ކެއުމެކޭ އެއީ…ދެން ތި ދައްކަނީ މާކުރީގެ ވާހަކަތަކެއް…އަސްލު ތެދުތެދަށް ބުނާކަމުގަ ވާނަމަ އިއްޔެއާ ހަމައަށް އަހަރެން ނިންމައިގެން ހުރީ ސައިފާ ދުވަހަކުވެސް އަނގައިން ނުބުނާތާ ބަލައިވެސް ނުލާން….އެކަމް ސައިފްމެން އުޅޭ ނިކަމެތި ހާލު އެނގުމުން އަހަރެން ބޭނުމެއްނޫން އެއްވެސް ރުޅިވެރިކަމެއް ބާއްވާކަށް….ކޮންމެގޮތެއްވިޔަސް އަހަރުމެންނަކީ އިންސާނުން…އިންސާނުންނަށް ކުށްވެސް ކުރެވޭނީ…އަހަރެން ކުރިންވި ކަންތައް ހަނދާންކުރާކަށް ބޭނުމެއްނޫން އެހެންވީމަ ސައިފްވެސް އެކަންތައް ހަނދާން ނައްތާލާ” ނައިޝާ ސައިފަށް ބުނެލިއެވެ.
އެވަގުތު ވަރަަށް ހިތްވަރުކުރި ނަމަވެސް ސައިފަށް ރޮވުނެވެ. “ނައިޝާ ތީ ހާދަ ރަނގަޅުކުއްޖެކޭ….މިހާ ގިނަ އަހަރުތަކެއް ފާއިތުވެ ދިޔަކަމުގަވިޔަސް، ނައިގެ ސިފައަށް ބޮޑެތި ބަދަލުތަކެއް އައިސްފަ ހުއްޓަސްވެސް އަދިވެސް ތި ހިތްހެޔޮކަމާ ތި މާތް ސިފައަކަށް އެއްވެސް ބަދަލެއް ނާދޭ…ތިކަހަލަ ރަނގަޅު ކުއްޖަކަށް ގޯސްކޮށް ކަންތައް ކުރެވުމަކީ އަހަރެންގެ މޮޔަކަން” ސައިފް ރޮމުން ބުނެލިއެވެ.
ދުވަހަކުވެސް ނައިޝާ ކުރިމަތީގައި ކަރުނަ ތިއްކެއްހާ ހިސާބުވެސް ވައްޓާނުލާ ސައިފް މިއަދު އެހުރީ ނައިޝާ ކުރިމަތީގައި ދެރަވެ ރޯށެވެ.ސައިފް ރޯމަންޒަރު ފެނުމުން ނައިޝާގެ ހިތަށް ވަރަށް އަސަރުކުރިއެވެ.
“ހަނދާން ނައްތާލާށޭ ނައި ބުންޏަސް ސައިފަށް އެކަންތައް ހަނދާނުން ފުހެލަން ވަރަށް އުދަނގޫ…ކޮންމެ ދުވަހަކު ދިރިއުޅެން މިޖެހެނީ އަމިއްލަ އަތުން ފޭހުނު އިލޮށިގަނޑު އަތަށް ހަރައިގެން…ނައި އަށް އިނގޭތަ ބޮޑަށް އެހުރި ފިރިހެންކުއްޖާ އެއީ ސައިފްގެ ދަރިއެއްނޫން އެކަމަކު ސައިފް މިވަނީ އެކުއްޖާއާވެސް ހަވާލުވެފަ އެހާވެސް ގޮތްހުސްވެފަ މިއަދު މިވަނީ” ސައިފް އެހެންބުނުމުން ނައިޝާގެ ދެލޯ ބޮޑުވިއެވެ.
އާނ ނައި…އެކުއްޖާއާ ހަވާލުނުވާން އުޅުނީމަ ގެއިން ނެރެލާނެ ކަމަށްބުނެ ސުހާ ބިރުދެއްކީ…އެހެންވެ އެވާހަަކަ އެއްވެސް މީހެއްކައިރިގަވެސް ނުބުނަން” ސައިފް ރޮމުން ބުނެލިއެވެ.
“ދެން ނުރޮއެ ހުއްޓާލާ” ނައިޝާ ދެރަވެލާފައި ސައިފަށް ބުނެލިއެވެ.
“ސުޙާ އެއީ އަހަރެން އެންމެ ލޯބިވި މީހާ…އޭނައަށްޓަކާ އަހަރެންދެކެ ހަޤީޤީ ލޯބިވި ތި ނައިޝާއަށް ކެހިދިނީ….ބަދަލުގަ އަހަންނަށް މިލިބުނީ ކޯއްޗެއް” ސައިފަށް ވަރަށް ބޮޑަށް ރޮވުނެވެ. ބޮޑު ފިރިހެނަކު އެވަރަށް ރޯތިީ ސައިފް މާޔޫސްވެ ގޮތްހުސްވެފައިވާ ވަރު ނައިޝާއަށް އިހުސާސް ކުރެވުނެވެ.
“ސައިފް ނުރޮއެ ހުއްޓާލާ…ނައި އަށް ވީވަރަކުން ސައިފްމެން ތިކަމުން ސަލާމަތް ކޮށްދެވޭތޯ ބަލާނަން…އެގެ ނުލިބުނަސް ސައިފްމެނަށް ގެއެއް ގަނެދޭނަން” ސައިފްގެ އަތުގައި ހިފާލަމުން ނައިޝާ އެހެންބުނެލިއިރު އޭނާއަށްވެސް ނުރޮވެ ހުރީ ކިރިޔާއެވެ.އެވަގުތު ސައިފް ނައިޝާގެ ގައިގައި ބައްދާލިއެވެ.
ވަގުތުކޮޅަކަށް ހުއްޓުން އަރާފައި ނައިޝާއަށް ހުރެވުނެވެ. އެގޮތުގައިިިިި ދެމިނިޓް ނައިޝާއާ ސައިފް ހުއްޓެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، ނައިޝާ އޭނާގެ ގަޔާ ސައިފް ދުރުކޮށްލިއެވެ.
“ދެން އެއީ ކާކުގެ ދަރިއެއް؟” ސައިފް ކުޑަކޮށް ހަމައަކަށް އެޅިލުމުން ނައިޝާ އަހާލިއެވެ. “ނޭނގެ އެސުވާލުކޮށްފިނަމަ ގެއިން ނެރެލާނެ ވާހަކަ ބުނީމަ ނުކެރުނު އަހާކަށް…ސައިފް ގެއިން ނެރެލިއަސް މަންމައާ ސުހާ ކޮއްކޮވެސް އެބަހުރި އެމީހުންނަށްވެސް ވިސްނަން ޖެހޭނެދޯ” ސައިފް ބުނެލިއެވެ.ސައިފާ ވާހަކަދައްކާލުމަށްފަހު، ނައިޝާ ހަނީފާއްތަގެ ގެއަށް ދާން ހިނގައިގަތެވެ.
***********
“އަހަނ ކަނބުލޯ އާދޭ….ކައިފިންތަ ހިނގާ ކާން” ނައިޝާ ވަތްތަން ފެނުމުން ހެވިލައިފައި ހަނީފާއްތަ ބުނެލިއެވެ.
“ހަމަ ދެންމެ ކައިގެން މިއައީ…ހަނީފައްތަ ކަމެއް ކޮށްދެންވެއްޖެޔޭ” ނައިޝާ ބުނެލިއެވެ.ނައިޝާ އެހެން އެހުމުން ކޮންކަމެއްތޯ ހަނީފާއްތަ އަހާލިއެވެ.
“މިރަށުން ގަންނަން ގެއެއް ހޯދަދީބަ…އެއްފަހަރާ އަގުދީފަ” ނައިޝާ އެހެންބުނުމުން މިރަށުގައި ދިރިއުޅެން ބޭނުންވަނީތޯ ހަނީފާއްތަ އަހާލިއެވެ.
އެވަގުތު ހަނީފާއްތައަށް ކަންވީގޮތް ނައިޝާ ކިޔައިދިނެވެ. “ސައިފްމެނަށް ގެއެއް ގަނެދެން ކަމަށް…ވަރަށް ދެރަވޭ އެމީހުން އުޅޭ ހާލާ މެދު” ނައިޝާ ދެރަވެލާފައި ބުނެލިއެވެ.
“ކަނބުލޮ ތީ ހާދަ ރަނގަޅު ކުއްޖެކޭ…ދައްތަ ބަލައިދޭނަން ލިބޭތޯ…މިރަށުގަ ހުންނާނެ ދެތިން ގެއެެއް އެގޮތަށް ދޭ…އެގެތަކުގެ ވެރިން މާލެއަށާ އެހެންވެސް ތަންތަނަށް ދިރިއުޅުން ބަދަލުކޮށްފަވާ” ހަނީފާއްތަ ބުނެލިއެެވެ.
******
ހަނީފާއްތައާ އަނގަތަޅާލަން އިނުމަށްފަހު ނައިޝާ ގެސްޓުހައުސްއަށް ދާން އެގެއިން ނުކުތެވެ.ވަކި ހިސާބަކަށް ނައިޝާއަށް ދެވުނުތާ ތިން އަންހެނުންގެ ގުރޫޕެއް ނައިޝާ ކައިރިއަށް އައެވެ.
“ނައިޝާ މަޑުކޮށްލަދީފާނަންތަ؟” އެތަނުން އެކަކު ބުނެލިއެވެ. “ކިހިނެއްވީ؟” އެމީހުންނަށް ހިނިތުންވެލަމުން ހިތްހެޔޮކަމާއެކު ނައިޝާ އަހާލިއެވެ.
“ނައިޝާގެ ރީތި ވާހަކަ މިރަށު އެންމެން ކަހަލަ ގޮތަކަށް އެބަދައްކާ…އަހަަރުމެންވެސް ވަރަށް ބޭނުންވޭ ތިހާ ރީތިވާން….އަޅެ ނައިޝާ ތިހާ ރީތިވާން ކުރި ކަންތައްތައް ކިޔައިދީފާނަންތަ؟….ހިކެން ކުރި ކަސްރަތުތަކާ…އަހަރުމެން އަގެއް ވެސް ދީފާނަން” އެމީހުން ބުނެލިއެވެ.
އެވަގުތު ނައިޝާ ލަދުރަކި ހިނިގަނޑެއް ޖަހާލިއެވެ.” ކިޔައިދީފާނަން އެކަމަކު އަގެއް ބޭނުމެއް ނޫން” ނައިޝާ ބުނެލިއެވެ.ދެފަރާތުންވެސް ގަނޑިއެެއް ކަނޑައެޅުމަށްފަހު މިރޭ ބައްދަލުކުރަން ނިންމިއެވެ.ރޭގަނޑު ނުވައެއް ޖެހިއިރު ފިހާރަތެރޭ އެނބުރިލުމަށްފަހު ނައިޝާ ހަނީފާއްތަގެ ގެއަށް މިސްރާބު ޖެހީ ފާއިޒްގެ އިޒްނައާ އެކުގައެވެ.އެގެއާ ހަމައަށް ދެވުނުވަގުތު ރަށުގެ ދެބައިކުޅަ އެއްބައަށްވުރެ ގިނަ އަންހެނުންތައް ޖަމާވެފަ ތިއްބެވެ
“އަހަރުމެންވެސް މިއައީ ނައިޝާ ހިކުނުގޮތް ކިޔައިދޭން އުޅޭތީ އެވާހަކަ އަޑުއިވިގެން” އެތަނުން މީހަކު ބުނެލިއެވެ.އެހާ ގިނަމީހުން ތިބުމުން ނައިޝާ ލަދުގަންނަ ގޮތްވި ނަމަވެސް ހިތްވަރުކޮށްލުމަށްފަހު އެމީހުންގެ ކުރިމައްޗަށް އެރިއެވެ.އެވަގުތު އެތާ ނައިޝާ ދަންނަ މޫނުތަކާ ނުދަންނަ މޫނުތަކެއްވެސް ތިއްބެވެ. މުދައްރިސަކު ދަރިވަރުން ތަކަކަށް އުނގަންނާދޭހެން ނައިޝާ އެމީހުންނަށް ކިޔައިދެމުން ދިޔައެވެ
އޭނާ ހިކެން ކުރި މަސައްކަތާ ކަސްރަތުތަކުގެ އިތުރުުން ކެއުމުގެ ވައްޓަފާޅިއަށް ގެނައި ބަދަލުތައްވެސް ކިޔައިދިނެވެ.އޭނާ ދޮންވީ ވަކި އަގުބޮޑެތި ސާމާނު ބޭނުންކޮށްގެން ނޫންކަމަށާއި ހަންގަނޑަށްވެސް އެންމެ މުހިންމު ރޯލެއް އަދާކޮށްދިން އެއްޗަކީ ދުޅަހެޔޮ ކާނާ ކަމުގައި ކިޔައިދެމުން ދިޔައެވެ.އެމީހުންގެ ކޮންމެ ސުވާލަކަށް ނައިޝާ ތެދުވެރިކަމާއެކު ޖަވާބުދެމުން ދިޔައީ ހިނިތުންވުމަކާއި އެކުގައެވެ.
********
އެރެއަށްފަހު އެމީހުން ނައިޝާގެ ގާތް އެކުވެރިންނަށް ވިއެވެ.ވަރަށް ގިނަ ގެތަކުން ނައިޝާއަށް ކެއުމަށް ދައުވަތު ލިބެމުން ދިޔައެވެ.މަގުމަތިން ފެނުނަސް ނައިޝާއަށް ގޮވާ ހިނިތުންވާ މީހުން އިތުރުވާން ފެށިއެވެ.
“ހަނީފާ ބުނިހެން މީ ވަރަށް ހިތްހެޔޮ ރަނގަޅު މަންޖެއެއް…..އަހަރެން ހީކުރީ ރީތިވީމަ ކިބުރުވެރި ގޮތެއް ހުންނާނެ ކަމަށް” އާދައިގެމަތިން ހަނީފާއްތަގެ ގޭގައި ނައިޝާ އިންދާ އަންހެނަކު އައިސް ބުނެލިއެވެ. “ނައިޝާ މަންޖެ ބުނިގޮތަށް ދައްތަ ކަންތައް ކުރަންފެށިފަހުން އެނގުންވޭ އެބަ…މިހާރު ހީވޭ ލުއިވާހެން” އިތުރުމީހަކު އައިސް ބުނެލިއެވެ.އެމީހާގެ އެބަހުން ނައިޝާ ވަރަށް ހިތްހަމަ ޖެހުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





