“ނޫން، ކަމެއްނުވޭ.” މޭރީ ހަމަޖެހޭކަމަށް ހެދެމުން އިށީނެވެ. އިއްޔެ، ތޯމަސްމެން ދެއްކި ވީޑިއޯއިން ޖިންނީން އެއީ ޙަޤީޤަތެއް ކަމަށް އޭނާއަށް ޤަބޫލުކުރެވުނެވެ. އެހެންކަމުން ނާމާންކަން އޭނާގެ ހިތަށް ވެރިވެގަތެވެ. *********
އެނދުގެ މަގަތުގައި ފުރޮޅި ފުރޮޅިލާ އޮތީ އުމުރުން ތޭރަ އަހަރުގެ ޖޮއާނާއެވެ. އޭނާގެ ދައްތަމެންނާ ޚިލާފަށް ޖޮއާނާއަށް ލިބިފައިވަނީ އަޅިކުލައިގެ ލޮލަކާއި މުށިކަޅުކުލައިގެ ފަން އިސްތަށިގަނޑެކެވެ. އޭނާގެ ލޮލަށް ނިދިނައިސްގެން އުޅެނީ ކީއްވެކަމެއް ނޭނގެއެވެ. ފެންނަ ފެނުމަށް ކޮންމެވެސް ކަހަލަ އުނދަގޫތަކެއް އޭނާއަށް އެބަވެއެވެ.
އެހެން އޮވެފައި ފުންމައިގެން ތެދުވެއްޖެއެވެ. ބިރެއް ފެނިގެން އުޅޭހެން ހީވެއެވެ. މަޑުމަޑުން މޭގައި އަތްއަޅާލުމަށްފަހު އޭނާ އަނެއްކާވެސް ވެއްޓިގަތީ އެނދަށެވެ.
“މަންމާ!!!!!!!” ޖޮއާނާ ހަޅޭއްލެވި އަޑު، ސިޓިންގްރޫމުގައި ޓީ.ވީ ބަލަން ތިބި އޭނާގެ މަންމަ އާއި ބައްޕައަށްވެސް އިވުނެވެ. ޑާނާ އަވަސްއަވަހަށް އެކޮޓަރިއަށް ދިޔައެވެ.
“ދަރިފުޅާ ޖޮއޭ، ކިހިނެއްތަވީ؟” ފަންކާއާ ދިމާއަށް ބަލަހައްޓައިގެން އޮތް ޖޮއާނާ ފެނި، ޑާނާއަށް އަހާލެވުނެވެ.
“މަންމާ! މިކޮޓަރިއަށް މީހަކު ވަތްތަ؟ ދެންމެ ހީވީ މީހަކު ގައިގަ ބައްދާލީހެން.” ޖޮއާނާ ހާސްވެފައި ހުރެ ބުންޏެވެ.
“ނޫނޭ ދަރިފުޅާ. މިކޮޓަރިއަށް ވަންނާނީ ކާކުތަ؟ ތިވާނީ ހީވާ ގޮތްކަމަށް. ދެންމާ ޝައްކު ބޮޑު ނުކުރާތި. ސިއްޙީ މައްސަލައަކަށް ވެދާނެ.” ޑާނާ، އޭނާގެ ހަގު ދަރިފުޅުގެ ބޮލުގައި ފިރުމާލާފައި ދިޔައެވެ. ދޮށީ ދެދަރިން މަރުވުމަށްފަހު ހުރި ހަމައެކަނި ދަރިފުޅަށް ވާތީ ޖޮއާނާއަށް ކިރިއާވެސް ކަމެއް ވެއްޖެއްޔާ ޑާނާ ކަންބޮޑުވެއެވެ.
ޑާނާ ދިއުމުން ޖޮއާނާ ބޮކި ނިއްވާލިއެވެ. ޖެސިކާ ފަދައިން ޖޮއާނާއަކީވެސް އަނދިރިއަށް ލޯބިކުރާ ކުއްޖެކެވެ. އެހެން އިރުކޮޅަކު އޮއްވާ ކުޑަދޮރުގައި ޓަކި ޖަހާލިއެވެ. ކުޑަކޮށް ޖެހިލުންވި ނަމަވެސް ތެދުވެގެން ގޮސް ކުޑަދޮރުން ބޯދިއްކޮށްލިއެވެ. އެއާއެކު އޭނާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ގޯތީގައި ހައްދާފައިހުރި ގަސްތަކުގެ ތެރޭ ޖޮއާނާއާ ދިމާއަށް މައްޗަށް ބަލަހައްޓައިގެން އެހުރީ އިސްތަށިގަނޑު ހޭވިފައިހުރި ބިރުވެރި ފާޑެއް ޖަހާ މީހެކެވެ. އަންހެނެއްކަމެއް ފިރިހެނެއްކަމެއް ނޭނގެއެވެ. ޖޮއާނާ އެވަރަކަށް ނުވެސް ބަލައެވެ. އޭނާ އަވަސްއަވަހަށް ކުޑަދޮރުތައް ލައްޕާ ތަޅުލިއެވެ.
އެންތޯނީ އޮތީ ގޮނޑިއެއްގައި ތާއްޔާ ޖެހިފައެވެ. ހުޅުވިފައި ހުރި އަނގައިން ކުޑަކޮށް ސޮނިވެސް ފައިބަމުން ދިޔައެވެ. ކުއްލިއަކަށް ސިއްސައިގެންގޮސްފައި އޭނާއަށް ތެދުވެވުނެވެ. މީހަކު ބޮލުގައި ކޮށްޓާލިހެން ހީވެގެންނެވެ. އެކަކުވެސް ފެންނަން ނެތުމުން އަނެއްކާވެސް ގޮނޑީގައި އިށީނދެއްޖެއެވެ. ނިދެމުން ދިޔަތަނާ، މީހަކު އޭނާގެ އަނގައިގައި ޖެހިހެން ހީވިއެވެ. އަނގައިގައި އަތް ޖައްސައިލިއިރު އެތަނުން ލޭއާދެއެވެ. ވާނުވާ ނޭނގިފައިހުރެ އެންތޯނީ ފާހަނައާ ދިމާލަށް ދިޔައެވެ.
ލޯގަނޑު ކުރިމަތީގައި ހުއްޓިހުރެ އަނގަތެރެ ފުޅާކޮށް، ލޭތައް ދޮންނަމުން ދިޔައެވެ. އެއްލި ކަޅިއަކުން ލޯގަނޑުން، އޭނާ ފަހަތުގައި ހުރި އެޑެމް ފެނި، އެންތޯނީ ސިހުނެވެ. ފަހަތް ބަލާލި ނަމަވެސް އެކައްޗެއްވެސް ނުފެނުނެވެ. މިފަހަރު ލޯގަނޑަށް ބަލާލިއިރު އެޑެމް އިސްތަށިގަނޑުގައި ފިރުމަމުން ދިޔައެވެ.
“އޭ ކަލޭ މިތާ ކީއްތިކުރަނީ؟” އެންތޯނީ ހަރުކޮށް އެއްސެވެ.
“ހައްހަހްހައްހަހް. ކަލޭ ހީކުރަނީތަ މިރޭ މަގޭ ކިބައިން ސަލާމަތްވެވިދާނެކަމަށް؟ ނުވާނެ.” އެޑެމްގެ ސިފައިގައި ހުރި ޖިންނި ބުންޏެވެ.
އެންތޯނީ ފާހަނައިގައި ހޭނެތިފައި އޮއްވާ ފެނުނީ އެސްކޫލުގައި އުޅޭ މަސައްކަތު މީހަކަށެވެ. މިފަހަރުވެސް އެކަމުގެ އިލްޒާމު އެޅުވުނީ އެޑެމްގެ ބޮލުގައެވެ. މިކަމާ، އެޑެމް އިންތިހާއަށް ރުޅިއައެވެ. ޖިންނިތައް މިތަނުގައި ވަޒަންވެރިވެގެން އުޅުނަސް އަދި އެވަރު ވާކަށް ނުޖެހެއެވެ.
ނަމަވެސް އެންތޯނީއަށްވެސް އެއީ ރޫޙާނީ ކަމެއްކަން ނަގައިގަނެވުނެވެ. އެޑެމްގެ ސިފައިގައި ޖިންނި ވާހަކަދެއްކުމަށްފަހު އޭނާއަށް ދެން ވީގޮތެއް ނޭނގެއެވެ. އެހިސާބުން އޭނާ ހޭނެތުނީކަމަށް އޭނާ ނިންމިއެވެ.
“އެންތޯނީ، އެބަޖެހޭ ކުޑަކޮށް ވާހަކަދައްކާލަން. ރޭ ކިހިނެއްތަވީ؟” ތޯމަސް އެއްސެވެ. ފާރަވެރިޔާ ހޭނެތުނު ވާހަކައާ ގުޅުވައިގެން ތޯތޯ ވާހަކަތަކެއް ސްކޫލުގައި ފެތުރިފައިވެއެވެ.
އެންތޯނީ ވީގޮތް ކިޔައިދިނެވެ. އެވަގުތު ތޯމަސަށް، މިވީ ކީއްކަން ނަގައިގަނެވުނެވެ. އެންތޯނީއަކީ މުސްލިމަކަށް ނުވިއަސް ރޫޙާނީ ކަންކަން ޤަބޫލުކުރާ މީހަކަށްވާތީ ތޯމަސް ކިޔައިދިން ވާހަކަތައް އެންތޯނީއަށް ވަރަށް ފަސޭހައިން ޤަބޫލުކުރެވުނެވެ.
“އަހަރެމެން ޖެހޭނީ މިތަން އަމާންކުރުމަށްޓަކައި ޤުރުއާން ޖަހަންދޯ. ހުމްމްމް. އަހަންނަށްވެސް އެނގިފައިވާ ގޮތުގައި ޤުރުއާނަކީ ވަރަށް މާތް އެއްޗެއް. އެހެންވީމަ ޖިންނިތައްވެސް ބިރުގަންނާނެ ކަންނޭނގެ. އެއްކަމެއް ކުރެވިދާނެ. މިތަން އަލިކޮށްފަ ބަހައްޓައިދެވިދާނެ ރޭގަނޑުވެސް. ކަލޭމެން ކުދިން މިތަނުގެ ވެރިންނާ ވާހަކަދައްކާ. ބުނޭ ހަމަ އަޖުމަބަލައިލަން ޤުރުއާން ޖަހާލާފަ ބަހައްޓަންވީނޫންހޭ؟” އެންތޯނީ އޭނައަށް ފެންނަގޮތް ބުންޏެވެ.
ތޯމަސްމެން، ކްރިސްޓޮފަރއާ ވާހަކަދެއްކިމެއެވެ. އެހެނަސް އޭނާ އެގޮތް ބޭނުމެއް ނުވިއެވެ.
“ސަރމެން ޤަބޫލުކުރާގޮތުގައި މިތާނގައި ދީނީ މިނިވަންކަން އޮންނަންޖެހޭނެ. އެކަމަކު އެމިނިވަންކަމުން އެހެން ބަޔަކަށް އުނދަގޫވުމަކީ ސަރމެންނަށް ބަލަންތިބެވޭވަރުގެ ކަމެއްނޫން. މިހާރު ތޯމަސްވެސް މޮޔަވީތަ؟ ބަލަ ތިމީހުން މިތާނގަ ޤުރުއާން ޖަހަންޏާ އެހެން ދީންތަކުގެ މީހުންނަށް އުނދަގޫ ވާނެ ކަމެއް ނޭނގޭތަ؟ އެވަރު ނޭނގޭވަރުގެ ތުއްތުކުދިންނެއް ނޫން ތީ.” ކްރިސްޓޮފަރ ވިދާޅުވީ އެހެންނެވެ.
އެހެނަސް، ތޯމަސް އޭނާގެ މަންމަ ދެއްކި ވާހަކަތައް ހަނދާންކުރިއެވެ. އަހަރެމެންގެ ތެރެއިން ކުދިބަޔަކު އިސްނަގައިފިއްޔާ މިކަން ކާމިޔާބުވާނެ ކަމުގައެވެ. އެހެންކަމުން އޭނާ ހިތްވަރު އާކުރިއެވެ.
މިވީ ދުވަސްތަކުގެ ތެރޭގައި ތޯމަސް، އޭނާގެ އެކުވެރިންނަށް ދީނުގައިވާ ކަންކަން ދަސްކޮށްދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދެއެވެ. ދެނަމާދު ދޭތެރޭގައި އޭނާގެ ތިން އެކުވެރިން ކަމަށްވާ އެޑެމް، ޖޭޑެން އަދި ވެލެންޓީނާ އެގެއަށް އަންނަނީ އިސްލާމްދީން ދަސްކުރުމުގައި ހުރި ޝައުޤެއްގެ ބޮޑުކަމުންނެވެ. އިސްލާމްކަމާއި، އީމާންކަން އަދި އިޙުސާންތެރިކަމަކީ ކޮބައިކަން ތޯމަސް އެމީހުންނަށް ބުނެދިނެވެ. ނަމާދުކުރާނެ ގޮތާއި ނަމާދުގައި ކިޔާނެ އެއްޗެހިވެސް ބުނެދިނެވެ. އަދި ނަމާދުކުރަންޖެހޭނީ ކޮން ގަޑިތަކެއްގައި ކަމާއި ނަމާދުގައިވާ އަދަބުތަކާއި ނަމާދު، މިއުންމަތަށް ފަރުޟުކުރެއްވުނީ ކިހިނެއްކަން ބުނެދިނެވެ. ތޯމަސްގެ އިރުޝާދުގެ ދަށުން އެތިން އެކުވެރިން ދަނީ އަލިފުބާވެސް ދަސްކުރަމުންނެވެ. އެހެނީ، އެމީހުން ޤުރުއާން ކިޔެވުމަށްޓަކައި އަލިފުބާއިން ފަށައިގަންނަންޖެހޭތީއެވެ.
މިރޭވެސް، ޖޮއާނާ އޮތީ ލޮލަށް ނިދިނައިސްފައެވެ. މިވާގޮތެއް، ޚުދު އޭނާއަށްވެސް ނޭނގެއެވެ. އެއްބައި ފަހަރު، ދާދި ގާތުގައި މީހަކު ވިއްދާފައި ހުންނަހެން ހީވެދާނެއެވެ. އަނެއްބައި ފަހަރު ނޭފަތުގައި ކުނިވަހެއް ހިފާލައެވެ. ފާހަނައިގެ ލޯގަނޑުން އެކިމީސްމީހުންގެ ސިފައިގައި ފެންނަންވެސް ފެނެއެވެ. ގޭތެރެއިން، ޖޮއާނާއޭ ކިޔާ ގޮވާހެންވެސް ހީވެއެވެ. އޭނާގެ މަންމަ، މިހުރިހާ ކަމެއްވެސް ދޮގުކުރެއެވެ. ޑާނާ ބުނާގޮތުގައި ޖޮއާނާގެ ދައްތަމެންމަތިން މާބޮޑަށް ހަނދާންކުރާތީ ޖޮއާނާއަށް ނަފްސާނީ ގޮތުން އަސަރުކުރަނީއެވެ.
އެހެން އޮވެފައި ފާރާވީ ފަރާތަށް ޖޮއާނާ ފުރޮޅުނެވެ. މީހަކު، އޭނާގެ އިސްތަށިގަނޑުގައި ހިފާ ދަމައިގަތެވެ. ޖޮއާނާއަށް ހަޅޭއްލަވައިގަނެވުނެވެ. ނަމަވެސް އެއްވެސް މީހަކު އެކޮޓަރިއަކު ނެތެވެ. އޭނާއަށް ރޮވެން ފެށުނެވެ. މިވަނީ ކީއްހެއްޔެވެ؟ ހަމަ ރަނގަޅަށްވެސް ޝައްކުބަލި ޖެހުނީތާއޭ އޭނާގެ ހިތަށް އެރިއެވެ.
ފޯނު ރިންގުވާ އަޑަށް ތޯމަސް ކޮޓަރިއަށް ވަނެވެ. ނަން ބަލައިލިއިރު މާރލިއާއެވެ.
“ހަލޯ!” ތޯމަސް ބުނެލިއެވެ.
“ހަލޯ، މަސް! އަހަންނަށް މާފުކުރޭ! އަހަންނަށް ޤަބޫލުކުރެވޭ އެއީ ރޫޙާނީ ކަމަކަށް ވެދާނެކަން. ޤުރުއާނުގަ އެބައޮތް ޞަރީޙަ ބަހުން. މަސް! އަހަރެން ބޭނުން އިސްލާމްވާން. ނަރަކައިގެ ހޫނު އަލިފާނުގެ ތެރެއަށް ދާކަށް ބޭނުމެއް ނޫން!” މިހިސާބަށް ބުނެފައި މާރލިއާއަށް ރޮވުނެވެ.
“މަރުޙަބާ! އަވަހަށް ޝަހާދަތުގެ ދެކަލިމަ ކިޔާ. އިރާދަކުރެއްވިއްޔާ އަހަރުމެން ދެމީހުންވެސް މާތް ﷲ ރުއްސަވާ އަޅުންނަށް ވާނެ.” ތޯމަސް ވީ އުފަލުން އެލޮލުން ކަރުނަ ނީރާލިއެވެ. މާރލިއާއަކީ އޭނާގެ ހިތުގެ ވިންދެވެ. އެދެލޯ ދުށުމަށް ހިތްއެދޭ، ހިތުގެ ރާނީއެވެ. މުސްތަޤްބަލުގައި އަންބަކަށް ހަދަން ހިތް ގޮވާ ކުއްޖާއެވެ. ވީއިރު އުފާނުވާންވީ ކީއްވެހެއްޔެވެ؟
“ދަރިފުޅާ! ތޯމަސް! ކިހިނެއްވީ ރޮވިފަ؟” ސާރާއަށް ފެނިގެން އެއްސެވެ.
“މަންމާ!” ތޯމަސް ވެފައި ހުރި އުފާ ބުނެދޭންވެސް ނޭނގެއެވެ. އޭނާ ސާރާގެ ގައިގައި ބައްދައިލިއެވެ.
“ދަރިޔާ! ކީއްތަވީ؟” ސާރާ ހީކުރީ ތޯމަސް ރޮނީ ދެރަވެގެން ކަމަށެވެ.
“މަންމާ! މަގޭ ލޯބިވެރިޔާ އިސްލާމްވެއްޖެ!” ތޯމަސް އިއްވާލަދިނެވެ.
“ކީކޭ! ހަމަ އަސްލަށްތަ؟ ކޮންފަދަ އުފާވެރިކަމެއްތަ؟ ﷲއަށް ޙަމްދުހުރި!” ސާރާވެސް އުފާވެފައި ބުނެލިއެވެ.
ހޮނިހިރު ދުވަހު، ސްކޫލުގެ ގްރޭޑް އެގާރަ އަދި ބާރައިގެ ކުދިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް އެޑެމްމެން ރޭވިއެވެ. ކުދިން، ދާން ދެކޮޅު ހަދާފާނެތީ ދެނީ ކޮންކަހަލަ މަޢުލޫމާތެއް ކަމެއް އެޑެމްމެން ހާމައެއް ނުކުރެއެވެ. ލާރާވެސް ހުރީ ސުވާލު އުފެދިފައެވެ. އެހެނަސް، އެއީ ވަރަށް މުހިއްމު މައުލޫމާތެއް ކަމަށާއި ނާންނަ ކުދިންނަށް އަދަބު ދޭނެ ކަމަށް ބުނުމުން ހުރިހާ ކުދިންވެސް އެސެޝަނަށް ހާޒިރުވާން އެއްބަސްވިއެވެ. ނާ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.


me first , haadha avahey
nice story
kyve islam vyma names change nukury , pluvi
rythi
Not bad but mibai ehaa interesting ehnoon…sorry 4 tht.. 🙁
Nice.. plx change kurabaa islam name thakakah.. plx 🙂
Pluvi, shabee bunihen ehaa interesting eh nooon mi part eh.. ekm kuriah gendhaa goeh hama ehvana.. good luck 🙂
Very intresting mi story vv reethi
Arrn dhw…name thakun still feels lyk they r non muslims..?
Wen next part? Waiting for it