ރަތްގެރިފުޅު – 8
ނާއިންފަރުގެ އިރުމަތީ ފަރާތު އަތިރިމައްޗެވެ. އެއިރު ދުނިޔެމައްޗަށް އިރުގެ އަލިކަން ފެތުރިގެންދަނީއެވެ. ކޮވެއްޔާއި ކާޅުގެ އަޑުން ފަޒާވަނީ ގުގުމާލާފައެވެ. ވިލާތަކަށް ހުރީ އޮރެންޖުކުލަ އަރާފައެވެ. މިމަންޒަރު އެރަށުގެ އިރުމަތީ ފަރާތުގައި އެހުރި އަލީއަށާއި އޭނަގެ ދެކުދިންނަށް ފެންނާނެއެވެ. އަތިރިމަތީގައި އެމީހުން އުޅުނީ އަލިފުއްޓަށްދާން, އެމީހުންގެ ރިޔާދޯންޏަށް ތަކެތި އެރުވުމުގައެވެ. ދިޔާހަކުރު އަޅާފައިހުރި, ތިން މުށިރުނބާ ދޯންޏަށް އެރުވިއެވެ. ދިގު ދަތުރަކަށް ވެދާނެކަމުން, ދަތުރުމަތީގެ ކޮށްތު ކަމުގައި ހިއްކާފަހުރި ބަނބުކެޔޮލާއި, ކުރޮޅިއާއި, ހިކިމަސް ވެސް ދޯންޏަށް ލިއެވެ. ދޯންޏަށް ތަކެތި އަރުވާނިމުމުން އަލީގެ ދެއަތުން ދޯނި ކޮށްޕާ ފުންކޮށްލިއެވެ.
ރުކުގެ ލަކުޑިން ބަނެފައިވާ މި ދޯނީގެ ލަކުޑިތަކުގެ ބޭރުގައި ހުރީ ވެލާ ތެޔޮ އުނގުޅާފައެވެ. މި ދޯނީގައި ރިޔާ ނެގުމަށް ވަކަރު ކުނބެއް ޖަހާފައި ހުއްޓެވެ. ކުބުގެ ކޮޅުގައި ހުރަސްދަނޑިއެއް އަށްސާފައި އޮތެވެ. އެ ދަނޑީގެ މަތީ ދެކަނުގައި އެއްސުމަށްފަހު, އޮޅާލެވިފައިވާ, ރުކުގެ ފަނުން ވިޔެގެން ހަދާފައިވާ ބޮޑު ހަތަރެސްކަން, ރިޔަލެއް އޮތެވެ. ހުންގާނު ހިފުމަށް މަސްކަނދުން ހަދާފައިވާ ހުންގާނު ދޫންޏެއް ހުއްޓެވެ. އަލީގެ ވަރުގަދަކަމުން އޮޅާލެވިފައިވާ އެ ބޮޑު ރިޔާ, ނިއުޅާލާ, ރިޔަލުގެ ތިރީ ދެކަން ފަލަ ރޯނުގަނޑަކުން ދޯނީގައި އެއްސިއެވެ. ރިޔާ ނަގާ ނިމުމުން, އަލިފުއްޓަށް ދާން ދަތުރު ފެށުނެވެ.
އެ ދުވަހު, ވައިޖެހެމުން ދިޔައީ ދެކުނަށް ދިއުމަށް ފަސޭހަ ވާނެގޮތަކަށެވެ. އަލީގެ ކުޅަދާނަކަމުން ރިޔަލުގައި ވައި އަޅުވާލިއެވެ. އިސާހިތަކު ދޯނި ދުއްވައިގަތީ ހަލުވިކަމާއި އެކުގައެވެ. ނާއިންފަރުގެ އިރުމަތީފަރާތު ފަޅުން ދޯނި ނިކުމެގެން ގޮސް, ކަނޑަށް ނުކުމެވިއްޖެއެވެ. އެއަށްފަހު ދެން ދޯނި އަނބުރާލީ ހުޅަނގު ފަރާތައް ވާގޮތަށެވެ. ނާއިންފަރުގެ ހުޅަނގުން ކަނޑަށް ނުކުމެވުމުން, ދެކުނަށް ވާނެހެން ދޯނީގެ މިސްރާބު ބަދަލުކޮށްލުމަށް ފަހު, އަލިފުއްޓާ ދިމާލަށް ދަތުރު ކުރަންފެށިއެވެ. ދޯނީގައި ހުރިހާ ކަމެއްވެސް ކުރީ އަލީގެ ކުޅަދާނަކަމުން, އަކަނިމާއެކަންޏެވެ. ދެކުދިން ތިބީ އެކުދިންގެ ބައްޕަ ކުރަމުންދިޔަ ކަންކަން ވަރަށް ޝައުގުވެރިކަމާއެކު ބަލާށެވެ.
ދިގު ދަތުރަކަށްފަހު, މެންދުރުން އަނބުރާލައި އަސުރުވާން ގާތްވަނިކޮށް, އަލީމެންގެ އޮޑިއަށް އަލިފުށީގެ ފަޅަށް ވަދެވުނެއެވެ. އެވަގުތު, އަލީމެންގެ ނަޒަރު ގޮސް ހުއްޓުނީ އެރަށުގެ ފަޅު ތެރޭގައި އަޅާފައި އޮތް ދޯނިތަކަށެވެ. އެ ދޯނިތަކުގެ ފުރިހަމަ ކަމުންނެވެ. އެ ދޯނިތަކުގެ ބޮޑެތިކަމުންނެވެ. އެ ދޯނިތައް ކައިރީގައި އަލީމެންގެ ރިޔާ ދޯނި, ހީވަނީ ކުޑަކުޑަ ބޮއްކުރައެއް ހެނެވެ. ފަރީޝާއާއި މޫސާ ވެސް ތިބީ އެ ދޯނިތައް ފެނި ހައިރާންވެފައެވެ.
އަލިފުށީގެ ފަޅުގައިވާ ދޯނިތައް ވެސް ބަނދެފައި ހުރީ ރުކުގެ ލަކުޑިންނެވެ. ނަމަވެސް މި ދޯނިތަކުގައި އޮތީ ހުދުކުލައިގެ ފޮތިން ހަދާފައިވާ ރިޔަލެކެވެ. ދޯނީގެ ބޭރުގައި, ފެނުން މަތީގައި ހުންނަ ލަކުޑި ތަކުގައި, ހުރީ ވެލާ ތެޔޮ އުނގުޅާފައެވެ. އަދި ފެނުގެ އަޑީގައިވާ ލަކުޑިތަކުގައި, ހުރީ ރަތް ކަޑި ލާފައެވެ. އެތަނުން އެއްދޯނި އެހެން ދޯނިތަކަށް ވުރެ ބޮޑުވެފައި މާފުރިހަމައެވެ. ބަލާބެލުމަށް ހީވަނީ ވަރަށް މުއްސަނދި އަދި އެހާމެ މާތް މީހެއްގެ ދޯންޏެއްހެނެވެ.
އަލީމެންގެ ދޯނި ރަށާއި ގާތް ކުރިއިރު އަލިފުށީގެ އަތިރިމަތީގައި ވަރަށް ގިނަ މީހުން ނިކުމެ ތިއްބެވެ. ފެންނަފެނުމަށް ހީވަނީ ކޮންމެވެސް މާތް މީހަކު އެރަށަށް ޒިޔާރެއް ކޮށްގެން އުޅޭހެނެވެ. އެ އަތޮޅުގެ އަތޮޅުވެރިޔާ އަލިފުއްޓަށް ޒިޔާރަތް ކޮށްގެން އުޅޭ ދުވަހެކެވެ. މިހެންވެ ރަށުގެ ކުދިބޮޑު އެންމެންހެން އޭރު އުޅެނީ އަތިރިއަށް ނިކުމެއެވެ.
ރ އަތޮޅުގެ އަތޮޅުވެރިޔާ, ފަހަތުގައި ހުރިމީހަކާ ދިމާލަށް އަލީގެ ނަޒަރު ހުއްޓުނެވެ. އެމީހާ ހުރީ ހުސްގަޔާ, ކަޅާއި ހުދު ފޮތީގެ ފޭއްޔެއް އަނދެގެނެވެ. ވަރުގަަދަ ހަށިގަނޑެއްގެ ވެރި އެ މީހާގެ ހަމުން ކަޅެވެ. އުނަގަނޑުގައި އައްސާފައިއޮތް އަޅި ފޮތިގަނޑެއްގެ ތެރެއަށް, ކަތިވަޅިއެއް ޖަހާލާފައި އިނެވެ. އާދައިގެ ކަތިވަޅިއަށްވުރެ ބިޔަ ވަޅިއެކެވެ. އެވަޅީގެ އަތްގަނޑު ހަދާފައިހުރީ ކަޅު އެންދެރީންނެވެ. އެ މީހަކީ އަތޮޅުވެރިޔާގެ ހަށިފާރަވެރިޔާކަން އަލީއަށް އެނގުނެވެ.
އަލީގެ ދޯނީގައި ނަގިއްޔެއްގެ ގޮތުގައި ގެންގުޅޭ ބޮޑު ހިރިގައު ފަޅުގެތެރެއަށް އެއްލާލިއެވެ. އެގައު އައްސާފައި އޮތް ދިގު ވަކަގަނޑުގެ އަނެއްކޮޅު ދޯނީގައި އެއްސިއެވެ. ފަޅުގައި ދޯނި އަޅާ ނިމުނުއިރު އަތިރިމަތިން މީހުން މަދުވާން ފަށައިފިއެވެ. އަލީމެން ގެނައި ދިޔާ ހަކުރު ރުނބާތަކުން ރުނބަލެއް ހިފައިގެން އަލީ ފޭބިއެެވެ. އަދި ހަމަ އެގޮތައް ފަރީޝާ ވެސް ރުނބަލެއް ކިހިލީ ޖަހައިގެން ރަށަށް ފޭބިއެވެ. އަލީ އެއްގަމަށް އަރައި އަތިރިމަތީގެ ދޮންވެލިގަނޑުގައި އެ ރުނބާ ބަހަށްޓައިފައި, ދޯނީގައި ދެންހުރި ރުނބާ ބަލާދިއައެވެ. އެއިރު ފަރީޝާއާއި މޫސާ ވެސް އެއްގަމަށް އަރަނީއެވެ.
އެއްގަމުގައި މާދުރުނޫން ހިސާބެއްގައި, ހަދާފައިހުރި ހޮޅުއަށްޓެއްގައި ފުރާވަރު އުމުރުގެ ތިން ފިރެހެން ކުދިން އޮލަވާހަކައެއްގައި ތިއްބެވެ. އެ ތިންކުދިން ވެސް އަނދެގެން ތިބީ ނޫކުލައާއި ހުދު ކުލައިގެ ގޮޅިޖެހި މުންޑެވެ. ނަމަވެސް އެތަނުން އެއްކުއްޖަކު ހުރީ ހުދުކުލައިގެ ގަމީހެއްލައިގެނެވެ. އަދި ބޮލުގައި ހުދު ރުމާލެއް ވެސް އަށްސާލާފައި ހުއްޓެވެ. ދިޔާ ހަކުރު ރުނބާ ހިފައިގެން ފަރީޝާ, އެއްގަމަށް އަރާތަން ފެނުމުން, އެ ތިންކުދިން އެދިމާލަށް ދިއުމަށް ހިނގައިގަތެވެ.
ދިޔާހަކުރު ރުނބާ ބަހައްޓާފައިހުރި ހިސާބަށް ފަރީޝާއަށް ދެވުނުއިރު, އެއްކަލަ ތިންކުދިން ވެސް އެހިސާބަށް އަރާ ހަމަވަނީއެވެ. އެކުދިން އައިގޮތައް އައިސް ދޮންވެލިގަނޑު މަތީގައިހުރި ރުނބާގައި ފައިންޖަހާ ރުނބާ ވައްޓާލިއެވެ. އެހިނދު އެރުނބާ ތަޅައިގެންގޮސް ދިޔާހަކުރުތައް ދޮންވެލިގަނޑަށް އޮހުނެވެ. އެމަންޒަރުފެނި, ބޮލުގައި ރުމާ އަށްސާފައިހުރި ކުއްޖާ ބުންޏެވެ.
”އައްޗި… ރާވެރިއެއްގެ ދަރިއެއްދޯ؟ ކީއްކުރާކަށް ދިޔާހަކުރު ރުނބާތަކެއް ހިފައިގެން މިރަށަށް ތިއައީ؟“
ޖަވާބުގައި ފަރީޝާ އެއްޗެއް ބުނަން އަނގަ ހުޅުވާލިއިރު, އެއްކަލަ ސޮރުގެ އަތުން ޖަހާ ފަރީޝާގެ ކިހިލީގައި އޮތް ރުނބާ ވެސް ދޮންވެލިގަނޑުގެ މައްޗަށް ވައްޓާލިއެވެ. އެހިނދު އެ ރުނބާ ވެސް ތަޅައިގެންގޮސް ދިޔާހަކުރުތައް ދޮންވެލިގަނޑަށް އޮށްސުނެވެ. އެމަންޒަރު ފެނި, ސަކަ ގޮތަކަށް ތިންކުދިން ހޭންފެށިއެވެ. އެއަށްފަހު އެ ތިންކުދިން އެއްގަމާދިމާލަށް ދާން ހިނގައި ގަތެވެ. ފަރީޝާއަށްހުރީ ރޮވިފައެވެ. އެވަގުތު މޫސާ ގާތައްއައީ އަމަށަކު ރުޅިއެއް ނޫނެވެ. އެކުދިންނަށް މޫސާ ނުފެންނަކަން އެނގުމުން, އަތުން އަލިފާން ހުޅެއް އުފައްދާ އެކުދިންނާ ދިމާލަށް ދޫކޮށްލާން އުޅުނެވެ. ނަމަވެސް މޫސާގެ އެއަމަލު ހުއްޓުނީ, މޫސާއޭކިޔާ, ހަރު އަޑުން އަލީ ގޮވާލުމުންނެވެ. އަލީގެ އެގޮވާލުމުން ފަސްއެނބުރި ބަލާލީ ހަމައެކަނި މޫސާއެއް ނޫނެވެ. ބޮލުގައި ރުމާ އައްސާފައިހުރި ސޮރު ވެސް ފަހެއްބަލާލިއެވެ.
ދޯނީގައި ހުރި ރުނބާ, އަލީ ހިފައިގެންގޮސް, ފަރީޝާމެންނާއި އަރާހަމަވިއިރު އެއްކަލަ ސޮރު އަނެއްކާ ވެސް އެތަނަށް އަތުވެއްޖެވެ. އައިސް އަލީއާއި ދިމާލަށް ފާޑަކަށް ބަލާލުމަށްފަހު ބުނެލިއެވެ.
”ތި ހަޑިމުޑުދާރު ރާވެރިޔަށް މަ ނަން އެނގުނީ ކިހިނަކުން؟ މަ ދުވަހަކު ވެސް ދުއްމީހެއްނޫން ތީކީ. އެނގޭތަ މަ މީ ކާކުގެ ދަރިއެއްކަން.“
މަޑުމައިތިރި ކަމާއެކު އަލީ ޖަވާބުދިނެވެ.
”އަޅުގަނޑަށް މައްސަލައެއްނެތް ތީ މިސްރު ރަސްގެފާނުގެ ދަރިއަކަށް ވިއަސް. ތި ތަޅާލީ ދުވާލުދާ ހަތަރުދަމު މަސައްކަތް ކޮށްގެން ހަދާފައިހުރި ދިޔާހަކުރު ދެ ރުނބާކަން ކޮއިފުޅަށް އެނގޭތަ؟“
އަތިރީގައި ހިނގާދިޔަ ކަންކަން ބަލަން މުސްކުޅި ފުރާވަރުގެ މީހަކު ހުއްޓެވެ. ބާވެފައިވާ މުންޑުގަނޑެއް އަނދެގެން ހުރި އެ މީހާގެ އަތުގައި ދިގު މަސްކަނދު އަސާގަނޑެއް އޮތެވެ. ކުރުކޮށް ކޮށާލެވިފައިހުރި އިސްތަށިގަނޑު އޮތީ ހުދުކުލައިގައެވެ. ނުރަ ޖަހާފައެެވެ. ނަމަވެސް އިސްތަށިގަނޑު ވަރަށް ވަރުގަދައެވެ. އަނގައިގައި ދަތްތައް ހަމަ ނޫންކަމަކު, ހުރީ ދުފައިގެން އަނގަ ރަތްކޮށްލައިގެނެވެ. ކޮރު ހިނގުމެއްގައި, އޭނަގެ މިސްރާބު ހުރީ އަލީމެންނާއި ދިމާލަށެވެ.
އަލީގެ ވާހަކަ ނިމުމުން އެއްކަލަ ސޮރު މަޑުމައިތިރި ވެލިއެވެ. އެވަގުތު އެ މުސްކުޅި މީހާ އެމީހުންނާއި އަރާހަމަވަނީއެވެ. އެމީހާ އެކުދިންނާއި ވާހަކަ ދެއްކިއެވެ.
”ކޮއިފުޅާ މުސާ… ރަށަށް އަންނަ މެހެމާނުންނަށް ކަންތައްކުރަންވީ ގޮތް ތިކުދިންގެ މައިންބަފައިން ދަހެއް ނުކޮށްދޭތަ؟“
އެ މުސްކުޅި މީހާގެ ވާހަކަ މެދުކެނޑުނީ އެ ސޮރު ބުނި އެއްޗަކުންނެވެ. އެހިނދު އެ ބޭބެވެސް ކުޑަވިކަހަލައެވެ.
”މީ ކާކުތަ އަހަރެންނަށް ހެޔޮނުބައި ކިޔައިދޭން. ކޮރު ރާވެރިބެ. ދޭބަލަ އަދިވެސް ރުކަށް އަރައިގެން ތަނެއް ބިންދާލަން.“
މިހެން ބުނުމަށްފަހު, ހެމުންހެމުން އެއްގަމަށް އަރައިގެން އެ ތިން ކުދިން ދިޔައެވެ.
އެ ކުދިންގެ އެ ބަސްތަކުން އެ ބޭބެއަށް އަސަރު ކުރިއެވެ. ނަމަވެސް ހިތްވަރު ކޮށްފައި އެ ބޭބެ, އަލީއާއި ސަލާންކޮށް ވާހަކަ ދެއްކިއެވެ.
”އަހަރެންގެ ނަމަކީ އަބްދުލް ގަފޫރު އަހުމަދު. ތީ ކޮންރަށަކު ބައެއްތޯ? ކޮންކަމަކު އައިސްތޯ ތިއުޅެނީ؟“
ޖަވާބުގައި އަލީ ބުނެލިއެވެ.
”އަހަރެންނަކީ އަލީ އާދަނު. ދެން މިހުރީ އަހަރެންގެ ދަރި ފަރީޝާ. ދެން އާ … ”
މުސްކުޅި ބޭބެއަށް މޫސާ ނުފެންނާނެކަން ހަނދާންވުމުން އަލީ އާގަންނަ ގޮތް ވިއެވެ.
”… އަހަރެންމެން މިއައީ މަރޮށިން. ދިޔާހަކުރު ވިއްކަންވެގެން. އެކަމަކު ގެނައި ތިން ރުނބާއިން ދެ ރުނބާގައި ހުރި ހަކުރުތައް އެހުރީ މިހާރު ދޮންވެއްޔާ އެއްވެފަ. ބޭބޭ… އެކުދިންނަކީ ކޮންބައެއްތ؟“
ފަރީޝާއާއި ސަލާމް ކޮށްލުމަށްފަހު އެބޭބެ ބުނެލިއެވެ.
”އާން. އެ މޫސާދޯ. އެއައީ މިރަށުގެ ރަށުވެރިޔާގެ ދަރި. ދެން އެތިބީ އޭނަގެ އެންމެ ގާތް ދެ ރަހުމަތްތެރިން. މިރަށުގެ މަސްވެރި ބޮޑެތިމީހުންގެ ދެ ދަރިން. އެކުދިންގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ. ހިނގާބަލަ ގެނައި ރުނބާ ހިފައިގެން ބޭބެގެ ގެއަށްދަމާ. އެހާދުރެއްނުވާނެ ބޭބެގެ ގެއެއް. މިހާރު ތިބޭނީ ދަތުރު ވަރުބަލި ވެފައެއްނުދޯ؟“
ގަފޫރުބެ މިހެން ބުނުމުން އަލީ އާނއެކޭ ބުނުމުގެ ގޮތުން ބޯ ތަޅުވާލިއެވެ. އެއަށްފަހު ގެނައި ރުނބާ ހިފައިގެން އެ ބޭބެއާއި އެކު ރަށުގެ އެތެރެއަށް ދިއުމަށް ހިނގައިގަތެވެ. ފަރީޝާއާއި މޫސާ ވެސް އެމީހުންގެ ފަހަތުން ހިނގައިގަތެވެ.
އެއްގަމަށް އެރުމުން އަލީގެ ލޮލުގައި އަޅައިގަތީ ރަށުގެ ދޯނި ހަރުގެ ތެރޭގައި ހަދަމުން ދާ ދޯނިތަކުގައެވެ. އެ ދިމަ ބަލަން ހުރިތަން ގަފޫރުބެއަށް ފެނުމުން ބުންޏެވެ.
”މިރަށުގެ މީހުންނަކީ އޮޑިދޯނި ފަހަރު ބަނުމުގައި ވަރަށް ކުރީގަތިބޭ ބައެއް. މިރަށުގައި ގިނަވާނީ މަސްވެރިން. ރާވެރިން ނޫޅެއޭ ބުންޏަސް ރަނގަޅުވާނެ. ބޭބެގެ އާއިލާގެ މީހުން މިއީ ކުރީގަ ރާވެރިކަން ކޮށް އުޅުނު މީހުން. ބޭބެ ވެސް ޒުވާން ދުވަސްވަރު ރާވެރިކަމުގަ އުޅުނިން. އެކަމަކު ރުކުން ވެއްޓި ފަޔަށް ލިބުނު އަނިޔާއަށްފަހު ރާވެރިކަން ދޫކޮށްލީ. ބޭބެގެ ހުރި ހަމަ އެކަނި ފިރެހެންދަރި ވެސް ރާވެރިކަން ދޫކޮށްލާފަ މިހާރު މަހަށްދަނީ. އެކުދިންނަށް ކަމުދާ ކަމަކަށް ރާވެރިކަން ނުވޭ. އެހެން ނޫނަސް މިރަށުގެ މީހުން ދެކޭ ގޮތުގަ ރާވެރިންނަކީ ވަރަށް ދަށުދަރަޖައިގެ ބައެއް.“
ގަފޫރު ބޭގެ ވާހަކަ ނިމުމުން އަލީ ބުންޏެވެ.
”އަހަރެންނަށް ތިކަން އެނގިއްޖެ ވަރަށް ރަނގަޅަށް. އަހަރެން ހީކުރީ މިއަތޮޅުގެ ރަށްތަކުގެ މީހުން ރާވެރިންނާ މެދު ދެކޭގޮތް ތަފާތު ވާނެ ކަމަށް. އެކަމަކު ހަމަ އެއްގޮތް. މަސްވެރިން ހީކުރަނީ އެމީހުން ދުވާލުދާ ހަތަރުދަމު ބޯފިއްސައިގެން މަސްވެރިކަމުގަ އުޅޭތީ އެމީހުން އެކުރާ މަސައްކަތް މާ ރަނގަޅު ކަމަށް. އެކަމަކު ރާވެރިންގެ ބުރަ މަސައްކަތް އެމީހުންނަށް ފެނުނީމަ އެނގޭނީ…“
އަލީގެ ވާހަކަތަކުން ގަފޫރުބެގެ މޫނުމަތިން ނުތަނަވަސްކަން ފެންނަގޮތް ވިއެވެ. މިހެންވެ މައުލޫ ބަދަލު ކޮށްލުމަށް އެހެން ވާހަކައެއް ފެށިއެވެ.
”… ގަފޫރުބެ ހާދަ ރީތިކޮށޭ ބޯކޮށާލާފަ ތިހުރީ. މިރަށުގަ ބޯކޮށަން މޮޅު މީހަކު އެނގޭތަ؟ އަހަރެން ވެސް އެބަ ޖެހޭ ތިގޮތައް ބޯކޮށާލަން. އިސްތަށިގަނޑު މާދިގުވެއްޖެ މިހާރު.“
ހިނިތުން ވެލާފައި އަލީ އާއި ދިމާލަށް ބަލާލަމުން ގަފޫރުބެ ޖަވާބުދިނެވެ.
”ބޭބެގެ ބޯ ކޮށާދެނީ ބޭބެގެ އަންހެނުން. ހިނގާބަލަ ގޭދޮށަށްދަމާ. ތިހެންވީއިރު ފެންވެރުމުގެ ކުރިން ވާނީ ފުރަތަމަ ބޯ ކޮށާކަންނު.“
އެންމެން އެކުގައި ގަފޫރުބެ ގެއަށް ދިއައެެވެ. އެ ގެއަކީ ދަނޑިފަނުން ހަދާފައި ހުރި ކުޑަ ގެއެކެވެ. އެ ގޭގެ ކައިރީގައި ދަނޑިފަނުން ހަދަން ފަށާފައިހުރި ބޮޑުގެއެއް ހުއްޓެވެ. ގަފޫރުބެ ގެއަށް ވަދެ އޭނަގެ އަންހެނުން އައިސާ ކަނބުލޮއަށް ގޮވިއެވެ. އައިސާ އަކީވެސް ގަފޫރުބޭ ފަދައިން މުސްކުޅި ފުރާވަރުގެ މީހެކެވެ. ލައިގެން ހުރީ ކުލަ ވެއްޓިފައިވާ ލިބާސް ގަނޑަކާއި ކަޅު ކަނޑިއްކެކެވެ. ނުރައިން ފުރިފައިވާ ހުދު ކުލައިގެ އިސްތަށިގަނޑު އޮތީ އޮޅާލުމަށްފަހު, ކަނާތްފަރާތައް ވާގޮތައް ހުޅިއެއް ޖަހާފައެވެ. އައިސާ ވެސް ހުރީ ދުފައިގެން އަނގަ ރަތްކޮށްލާފައެވެ.
ގަފޫރުބެ, އޭނާ ގެނައި މެހެމާނުން އަންހެނުންނަށް ތައާރަފު ކޮށްދިނެވެ. އަދި އަލީގެ ބޭނުން ކަމުގައިވި ބޯކޮށުމުގެ ވާހަކަ ބުންޏެވެ. އައިސާ ކަނބުލޯ އަލީއާއި ވާހަކަ ދެއްކިއެވެ.
”ފުރަތަމަ ހިނގާދޯ އެއްޗެއް ކާލަން ދަމާ. ދަތުރު ވަރުބަލި ވެފައެއްނުދޯ މިހާރު ތިބޭނީ. އެއަށްފަހު އެންނުދޯ ބޯ ކޮށާނީ. ބަހި ކާގެއަށް ދަމާ.“
އަލީމެން އައިސާގެ ފަހަތުން ކާގެއާދިމާއަށް ދިއައެވެ. އެއިރު ގަފޫރުބެއަށް ކާފަ ކިޔާ, ފަރީޝާގެ އުމުރުގެ އަންހެން ކުއްޖަކާއި, ކުޑަ ފިރެހެން ކުއްޖަކު, އެ ކުދިންގެ މަންމައާއި އެކު ކާގޭގައި ތިއްބެވެ. އަލީމެން ކާގެއަށް ވަނުމުން އެކުދިން ސައިބޮއެގެން ނިކުތެވެ. ފަރީޝާ އެކުދިންނާ ދިމާލަށް ބަލާލުމަށް ފަހު ހިނިތުން ވެލިއެވެ.
ކާގޭގެ މެދުގައި އޮށި މޭޒެއް ހުއްޓެވެ. އެ މޭޒު ކައިރީގައި އޮށި ހަ ގޮނޑި ހުއްޓެވެ. އެތަނުން ހުޅަނގަށްވީ ދެ ގޮނޑީގައި އަލީއާއި ފަރީޝާ އިށީނެވެ. މޫސާ ހުރީ ދުރުގައި ބަލާށެވެ. އެ ގޭގެ އެކަކަށް ވެސް މޫސާ ނުފެންނާތީ އޭނަ ހުރީ ފޫހިވެފައެވެ. އަލީގެ އަތުގައި އޮތް ރުނބާ މޭޒުމަތީގައި ބެހެއްޓިއެވެ. އެގޭގެ މީހުންނަށް ހަދިޔަލެއްގެ ގޮތުގައި އެ ރުުނބާ ދިނެވެ. އިރުމަތީ ފަރާތު ގޮނޑީގައި ގަފޫރުބެގޮސް އިށީނުމުން, އައިސާ ކަނބުލޯ, ބޮޑު މުށި ދެ ތަށި ގެނެސް މޭޒުމަތީގައި ބެހެއްޓިއެވެ. އެއް ތަށީގައި ހުރީ ވަޅޯމަހެވެ. އަނެއްތަށީގައި ހުރީ ކުރޮޅިއެވެ. އަދި އެއަށްފަހު މުށި ތިން ޖޯޑު ގެނެސް މޭޒުމަތީގައި ބެހެއްޓިއެވެ. ހޫނުފެން ކައްކާފައި އަޅާފައިހުރި މުށި ބަނޑިޔަލަކުން އެ ޖޯޑުތަކަށް ހޫނުފެން އެޅިއެވެ. އެންމެން އެކުގައި ކާން ފެށިއެވެ.
ކައިނިމިގެން ފަރީޝާ ދިއައީ ފެންވަރާށެވެ. އަލީއާއި މޫސާ, ގަފޫރުބެއާއިއެކު, އެގޭގެ ކުރިމަތީގައި ހުރި ޖޯލިފަތީގައި ބަނޑުދަމާލަން މަޑުކޮށްލިއެވެ. އައިސާ ކަނބުލޯ, އޭނާ ބޯކޮށުމުގައި ގެންގުޅެ ސާމާނުތައް ހިފައިގެން އައެވެ. ދަގަނޑު ކަތުރަކާއި އިލޮށި ފުނައެއް ގެނައެވެ. އަދި އަލީ ގާތު ޖޯލިފަތި ކައިރީގައި ބަހައްޓާފައި ހުރި އޮށި ގޮނޑިއެއްގައި އިށީނުމަށް ބުންޏެވެ.
އަލީގެ އެ ދިގު އިސްތަށިގަނޑު ކޮށަން ނުކޮށަން އައިސާ ހުރެހުރެފައި އެންމެފަހުން ކޮށަން ފެށިއެވެ. މުސްކުޅި ފުރާވަރުގެ މީހެއްކަމަކު އަތުގައި އެއްވެސް ތުރުތުރުލުމެއް ނެތެވެ. މަޑުމައިތިިރިކަމާއެކު ދިހަވަރަކަށް މިނެޓު ތެރޭގައި އަލީގެ އެ ދިގު އިސްތަށިގަނޑު ކުރުކޮށް ކޮށާލަދިނެވެ. މިހާރު އަލީ ހީވަނީ އެހެން މީހެއް ހެނެވެ. މަޖާކޮށްލުމުގެ ގޮތުން ގަފޫރުބެ ބުނެލިއެވެ.
”އާއްޗާ… މިހާރު ރަށުގަ ހިނގާލަނިކޮށް އިންނާނެ މީހަކު ވެދާނެ. ހަހަ..“
ގަފޫރުބެ އެބުނި ވާހަކައިން އައިސާއާއި އަލީއަށް ވެސް ހެވުނެވެ. އަދި އަލީ ބުނެލިއެވެ.
”ގަފޫރުބެ ތިޔަހެން ބުނީމައޭ މި ހަނދާންވީ. އަހަރެން ވަރަށް ބޭނުން މިރަށް ބަލާލަން ދާން. ވީއްނު އަހަރެން ފެންވަރާ ނިމުމުން ރަށް ދައްކާލަން ދާން.“
އަލީގެ އެއެދުމަށް ގަފޫރުބެ އާނއެކޭ ބުންޏެވެ. މިހެންވެ އަލީ އަވަހަށް ދިއައީ ފެންވަރައިގެން ރަށްބަލާލުމަށް ތައްޔާރު ވެލާށެވެ. އެއިރު ފަރީޝާ އުޅުނީ ގަފޫރުބެގެ ކާފަ ދެ ކުދިންނާއެކު ކުޅޭށެވެ. ފަރީޝާ އެގޮތައް އެހެން ކުދިންނާއެކު ކުޅެ ސަކަރާތުގައި އުޅުނު ދުވަހެއް ވެސް ނޭގެއެވެ. އަބަދުވެސް ކުޅެ އުޅެނީ މޫސާއާއެކުއެވެ. މިހެންވެ އަލީ ވެސް ހުރީ އުފަލުންނެވެ. ނަމަވެސް ރަތްގެރިއަށް ބަދަލުވުމުން ނޫނީ އެ ކުދިންނަށް މޫސާ ނުފެންނާނެތީ, ފޫހިވެފައި މޫސާ އެކުދިން ކުޅޭތަން ބަލަން ހުއްޓެވެ.
ގަފޫރުބެއާއި އެކު އަލީ ރަށުތެރެ ބަލާލުމަށް ދިއައެވެ. މިރަށުގައި މީހުން ދިރިއުޅެނީ ރަށުގެ މެދުގައެވެ. ތެޅި ގަލުގެ ގެއާއި, ދަނޑިފަނުގެ އެކި ފެންވަރުގެ ގެ ވެސް ރަށުގައި ހުއްޓެވެ. ނަމަވެސް އެ ހުރީހާ ގެއެއް ވެސް ހިޔާކޮށްފައި ހުރީ ފަނުންނެވެ. މިރަށުގެ ރަށުވެރިޔާގެ ގެ ހުންނަނީ ރަށުގެ އެހެން ގެތަކާއި ދުރުގައެވެ. އެ ގެ ރާނާފައި ހުރީ ވަރަށް ފުރިހަމައަށެވެ. އެހެން ގޭގެއާ ހިލާފަށް މިގޭގެ ފުރާޅުގައިވާ ފަންގެތައް އަލެވެ. އަދި އެ ގެ ރާނާފައިވަނީ އެޅި ގަލާއި އުވައިންނެވެ.
ރަށުގައި މީހުން އުޅޭ ހިސާބު ބެލުމަށްފަހު އަލީއާއި ގަފޫރުބޭ އަތިރިމައްޗަށް ދިޔައެވެ. އެއިރު އަތިރިމަތީގައި ހަދާފައިހުރި ހޮޅު އަށީގައާއި، އެ ހިސާބުގެ އަތިރިމަތީގައި، އެކި އުމުރު ފުރާގެ މީހުން އެކި ވާހަކައިގައި ތިއްބެވެ. ހަވީރުގެ ފިނިވައި ޖެހުމުންދިޔަ މިވަގުތަކީ ވަރަށް ހިއްގައިމުކަން ގެނުވާ ވަގުތެކެވެ. އަލީއާއި، ގަފޫރުބޭ ވެސް ހޮޅުއަށި ކައިރިއަށްގޮސް، ހޮޅު އަށީގައިތިބި މީހުން ދައްކާ ވާހަކަތައް އަޑުއަހާލުމަށް މަޑުކޮށްލިއެވެ. އެމީހުން ދައްކަނީ މަސްވެރިކަމަށް ނިކުމެ އުޅޭއިރު ދިމާވެފައި ހުރި އެކިއެކި ހާދިސާތަކުގެ ވާހަކައެވެ. އަލީ އެންމެ ޝައުގުވެރިވި ވާހަކައަކީ، އިއްޔެގެ ހަވީރުގެ ވަގުތެއްގައި، މިރަށުގެ މަސްވެރި އޮޑިއެއްގެ ބަޔަކަށް، މާސިންގާ ކަނޑު ގެރިއެއް ފެނުނު ވާހަކައެވެ. މި މީހުންގެ ވާހަކަ ތަކުން އެނގުނީ އެ ދޯނީގައި ތިބި މީހުން މިއަދު މަހަށް ވެސް ނުދާކަމެވެ. އެ ކަނޑުގެރި އެމީހުންނާއި ފާރަލާ، ހަމަލާ ދީފާނެތީ ކަނޑަށް ނިކުތުމަށް ޖެހިލުންވީއެވެ.
ހޮޅު އަށީގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އަލީއާއި، ގަފޫރުބޭ، ގެއާދިމާލަށް ދިއުމަށް ހިނގައިގަތެވެ. އެއިރު އިރު އޮށްސެނީއެވެ. މުޅި ދުނިޔެ މައްޗަށް އޮތީ ރަތްވިލާ އަރުވާލާފައެވެ. މާދަމާ މިރަށުގައި ހިނގަން އުޅޭ ހާދިސާއެއްގެ ހަބަރު ދޭކަހަލައެވެ. އެކަމަކު އަކަން އެރަށުގެ އެކަކަށް ވެސް ނޭނގޭއެވެ. އެ ބުނާ ކަނޑު ގެރިއެހުރީ މިރަށަށް އަރާއެވެ. އިންސާނެއްގެ ސިފައިގައެވެ. ނަމަވެސް އެކަން އެނގެނީ ހަމައެކަނި އަލީ އަށާއި ފަރީޝާ އަށެވެ.
އެރޭ އަލީމެން ނިދީ ގަފޫރުބޭގެ ގޭގެ ބޭރުގޭގައެވެ. އަލީމެންނަށް ބޭރުގެއިން ހުސްކޮށްދިނީ, އޮށި ދެއެނދެވެ. މިހެންވެ މޫސާއަށް ނިދަން ޖެހުނީ އޭނަގެ ބައްޕަގެ އެނދުގައި, ދެމީހުން އެކުގައެވެ. އެނދު ކުޑަވުމުން ނިދަން އޮންނަން ލިބުނު ތަންކޮޅު ކުޑަވިކަމަކު, އެމީހުންނަށް އެކަން ވީ ނަސީބަކަށެވެ. މާދަމާ އެމީހުން ކުރަން ހިތުލައިގެން އެއުޅޭ ކަންކަން ރާވާލުމަށް ލިބުނު ފުރުސަތަކަށެވެ. އަލީ އާއި މޫސާ އެކަކު އަނެކަނުގެ މޫނަށް ބަލަން އޮވެ ވައި އަޑުން ވާހަކަ ދެއްކިއެވެ. އެ މީހުން ދެއްކި ވާހަކަ މީހަކަށް އަޑު އިވިދާނެތީއެވެ. އަލީމެންގެ ވާހަކަ ނިމުމުން ދެމީހުންނަށް އެކުގައި ނިދުނެވެ. އެއިރު ފަރީޝާ ވެސް އޮތީ ނިދާފައެވެ.
އޭގެ އަނެއްދުވަހު ފަތިހު ފަރީޝާއަށް ހޭލެވުނުއިރު, ރަށުގެ ދޯނި ތައް އަޅާފައި ހުރި އަތިރިއާ ދިމާލުން ކަނޑު ގެރި އަރައިގެން އުޅޭ ހަބަރު ލިބުނެވެ. އަވަސް އަވަހަށް އަތިރިއަށް ދިޔައިރު ކަމަކުދާކަށް ނެތެވެ. އެއްގަމުގައި ހުރި ދޯނިތަކުގައި ރޯވެގެން އަނދަނީއެވެ. ރަށުގެ މީހުންތައް އެކި ކޮޅުމަށްޗައް ދުވެނަގަނީއެވެ. އެއިރު މޫސަ ހުރީ ބޮޑު އަލިފާންގެރިއަށް ބަދަލުވެގެންނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

