ފަތިހުގެ ވަގުތެވެ. ފެންނަމުން ދަނީ އަލިފުށީގެ ހުޅަނގު އުތުރު ފަރާތު އަތިރި މައްޗެވެ. އަލިފުއްޓަށް ވަންނަން އޮންނަ ފަޅާއި ދިމާލެއެވެ. ދޯނި ހަރު ތަކާއި, ދޯނިތައް އަޅާފައި ހުރި އަތިރިޔާ ދިމާލެވެ. ފަތިހު ފަތިހާ އަލިފުށީގެ ބައެއް މަސްވެރި ދޯނިތައް މަސްވެރިކަމައިގެން ފުރަނީއެވެ. އެއިރު އަލީއާއި މޫސާ ވެސް އަތިރި މަތީގައި އުޅުނެވެ. އިރު އެރުމުގެ ކުރިން އެމީހުން ކުރަން ރާވައިގެން އެއުޅޭ ކަންތައް ކުރުމަށް ތައްޔާރު ވުމަށެވެ. އަލީ މޫދަށް އެރިގެން ގޮސް އޭނާގެ ދޯންޏަށް އަރައި ދޯނީގެ ވަތުގައި ބާއްވާފަައި އޮތް މަސްކަނދުން ހަދާފައިވާ ދިގު އަސާގަނޑެ ނެގިއެވެ. އަދި ދޯނީގެ ވަތުގައި ހުރި ލަކުޑި ފޮށްޓަކުން ހުދު ކުލައިގެ ސާފު މުންޑަކާއި, ހުދު ކުލައިގެ ރީތި ގަމީހަކާއި, ބޮޑު ހުދު ރުމާލަކާއި, އިތާމުތުގެ ދިގު ތަސްބީހަ ފަށްޗެއް ނެގިއެވެ. އެއަށްފަހު އެ އަންނައުނުތަކާއި, ތަސްބީހަފަތި, މަސްކަނދު އަސާގަނޑުގައި އޮޅާލުމަށްފަހު, މޫދު ފެނުގައި ނުޖައްސާ, އެއްގަމަށް އެރިއެވެ. މޫސާ ގާތު އަރާ އިރާ އެކު އަލިފާން ގެރިއަށް ބަދަލުވެގެން ރަށަށް އަރާ, ދޯނި ހަރުގެ ތަކުގައި ހުޅު ޖެހުމަށް ބުނުމަށްފަހު އަލީ ދިޔައީ ގަފޫރުބޭގެ ގެއަށް ގޮސް ފެންވަރާ ރީތިވެލާށެވެ. މީހަކަށް ނުފެންނާނެހެން ސިއްރު ސިއްރުންނެވެ. 

އިރު އެރުމުގެ ކުލަވަރުތައް ދުނިޔެ މަށްޗައް ދައްކާލިއިރު މުޅި އުޑުމަށްޗައް ވަނީ ރަތް ވިލާ އަރުވާލާފައެވެ. ކޮވެއްޔާއި ކާޅުގެ އަޑުން ވަނީ ފަޒާ ގުގުމާލާފައެވެ. ފިނި ވައިރޯޅިތައް ޖެހިލަ ޖެހިލާ ހުއްޓެވެ. ރަށުގެ ކުދިބޮޑު ބައެއް މީހުން އެވަގުތު އަތިރި މަށްޗައް ނިކުންނަން ފަށައިފިއެވެ. އަންހެން ވެރިން ރޭގައި މަސް ކެއްކި ތެލިތަކުން ދެލި އުނގުުޅުމަށް, ތެލިތައް ހިފައިގެން އޮލަ ވާހަކައިގައި މޫދު ކައިރިޔަށް އަންނީއެވެ. މުސްކުޅިވެރިން ގަދައަށް ދުފާލައިގެން ހޮޅުއަށްޓަށް އެއްވަމުން ދިޔައެވެ. ކުޑަކުދިންތައް އަަތިރި މަތީގައި ދުވެ ސަކަރާތުގައި އުޅެން ފެށިއެވެ. މަހަށް ނުގޮސް ރަށުގައި ތިބި ބައެއް ފިރެހެން ވެރިން ވެސް އެއިރު އަތިރި މަށްޗައް ނިކުންނަނީއެވެ. މޫސާ ހުރީ ރާޅުފެން ފޯރާ ހިސާބުގައި މަޑުކޮށްލައިގެން, އުދަރެހުން އިރު ފެންނާނެ ވަގުތަކަށް ބަލާލަ ބަލާލައެވެ.

އިރުގެ ދޯދިތައް އަލިފުފުށީގެ އަތިރި މަށްޗައް ފޭދިގެން ދިޔަވަގުތެވެ. އެ ވަގުތު މޫސާ އަލިފާންގެރިއަށް ބަދަލުވިއެވެ. ރަތްގެރިއަށް ބަދަލުނުވެއެވެ. މޫދު ފެންފޯރާ ހިސާބުގައި ހުރެ އަލިފާންގެރިއަށް ބަދަލުވުމުން ފައިދަށުގައިވި ފެންތަކުން ދިއައީ އާވި އަރައިގެންނެވެ. އަލިފާންގެރި ފުރަތަމަ ފެނުނީ އަތިރީގައި ތެލިތައް ދޮންނަން ތިބި އަންހެން ވެރިންނަށެވެ. އެމީހުންނަށް އަލިފާންގެރި ފެނުމާއެކު ބިރުން ދުއްވައިގަތީ އެއްގަމާ ދިމާއަށެވެ. އެއް އަތުން ދޮވުނު ބައެއް ތެލިތައް ހިފައިގެން, އަނެއް އަތުން ކަނޑިކި ގަނޑުގައި ހިފައި ކަކުލާ ހިސާބައް ނަގައިގެންނެވެ. ނުދޮވެ ހުރި ތެލިތައް އަތިރި މަށްޗައް ދޫކޮށްލާފައެވެ. 

އަންހެން ވެރިން ހަރު އަޑުން ގޮވަމުން ދިޔައީ ބޮޑު ސިންގާ ކަނޑު ގެރިއެއް އަރައިގެން އަންނަ ވާހަކައެވެ. އަތިރި މަތީގައި ތިބި އެންމެންހެން އަލިފާންގެރިއާއި ދިމާލަށް ބަލާލިއެވެ. އެންމެން ވެސް ތިބީ ބިރުން ފިތްކަނޑައިގެން ދާވަރު ވެފައެވެ. ބައެއް މީހުން ތިބީ ހިރިލާން ވެސް ނުކެރިފައެވެ. އެ ބިޔަ ކަނޑުގެރި ފެނި ބައެއް މީހުންނަށް ގަޔަށް ކުޑަކަމު ނުދެވުނީ ހަމަ ކިރިޔާއެވެ. އަނެއްބައި މީހުން ބިރުން ހޭނުނެތުނީ ހަމަ ކިރިޔާއެވެ. ކުރީ ދުވަހު މިރަށުގެ މަސްވެރި ދޯންޏެއްގެ ބަޔަކަށް އެ ފެނުނު ކަނޑުގެރި މިހާރު އެހުރީ މިރަށަށް އަރާފައޭ ބައެއް މީހުން ބުންޏެވެ. އެ މަސްދޯނީގެ މީހުންނާއި ފާރަލައިގެން އައީއޭ ވެސް ބައެއް މީހުން ބުނަންފެށިއެވެ. 

އަލިފާންގެރީގެ ގައިގާ ހުރި އަލިފާން ހުޅުތައް ވަޔަށް ގޮސް ހުސްވެހުސްވެ ހުއްޓެވެ. ގެރީގެ އަތުން ދޫކޮށްލި އަލިފާންގުޅަ ތަކަކުން, ދޯނި ހަރުގެ ތަކުގައި ރޯކޮށްލިއެވެ. އިސާހިތަކު އަތިރި މަތީގައި ތިބި އެންމެން, މާތް ކަލާކޯ އޭ, އަހަރަމެންގެ ދުވަސް މިދިޔައީއޭ, ކަނޑުގެރިއެއް އަރައިފިއޭ, ކިޔާ ގޮވަމުން އެއްގަމާ ދިމާލަށް ދުއްވައިގަތެވެ. އެ މީހަކާ އެމީހެކެވެ. އަންހެންވެރިން އެ މީހުންގެ ދަރިފުޅު ކޮބައިތޯއެއް ނުބަލާއިރު, ފިރެހެންވެރިން އެ މީހުންގެ އަނބިން ތިބީ ސަލާމަތުންތޯ ނުބަލާލާއެވެ. އަދި މުސްކުޅި ފުރާވަރުގެ މީހުންނަށް އެއްގަމަށް އެރޭތޯ ވެސް ނުބަލާ އަމިއްލަ ސަލާމަތައިގެން, އެންމެން ދުވެ ނަގަނީއެވެ.

މިމީހުން އެއްގަމަށް އަރަނިކޮށް އެ މީހުންގެ ލޮލުގަ އަޅައިގަތީ ދުވަހަކު ވެސް އެމީހުންނަށް ފެނިފައި ނުވާފަދަ ސާފު ހުދު ގަމީހަކާއި މުންޑެއް އަނދެގެން ހުރި ރީތި ފިރެހެނެކެވެ. ބޮލުގައި އައްސާފައި އޮތް ބޮޑު ރުމާލުގެ އެއްކަން އޮތީ ވަޔާ ވިހުރިލަ ވިހުރިލާއެވެ. މަސްކަނދުން ހަދާފައި އޮތް ރީތި އަދި އެހާމެބޮޑު އަސާގަނޑެއް އޭނަގެ ކަނާއަތުގައި އޮތެވެ. އިތާމުތުގެ ދިގު ތަސްބީހަ ފަށްޗެއް އަނެއް އަތުގައި އޮތެވެ.

އެ މީހާ ފެނުމުން އެންމެންގެ ދުވުން ހުއްޓުނެވެ. އެ މީހާ މަޑުމަޑުން ހިނގާފައި ދިޔައީ އަތިރި މައްޗާއި ދިމާލަށެވެ. އަލިފާންގެރިއާއި ދިމާލަށެވެ. އެއްގަމަށް އެރި މީހުން ތަކުގެ ތެރެއިން ގިނަ މީހުން ހުދު ހެދުމުގައި ހުރި މީހާގެ ހަރަކާތްތައް ބަލަން މަޑުކޮށްލިއެވެ. އެހެނަސް ބައެއް މީހުން ރަށުގެ އެތެރެއަށް ގޮސް ރަށުގެ އެހެން މީހުންނަށް އަތިރި މަތީގައި ކަނޑުގެރިއެއް އަރައިގެން އުޅޭ ހަބަރު ދިނެވެ. އަދި ހުދު ހެދުމުގައި ހުރި ވަލީވެރިޔަކު އަތިރިއާ ދިމާއަށް ދާވާހަކަ ބުންޏެވެ. އިސާހިތަކު ރަށުގެ ކުދިބޮޑު ގިނަ ބަޔަކު އަތިރި މައްޗާއި ދިމާލަށް ދިޔުމަށް އަވަސްވެގަތެވެ. 

ފަރީޝާއަށް ހޭލެވުނު އިރު, ރަށުގެ ދޯނިތައް އަޅާފައިހުރި އަތިރިޔާއި ދިމާލުން ކަނޑުގެރިއެއް އަރައިގެން އުޅޭ ހަބަރު ލިބުނެވެ. އަވަސް އަވަހަށް ގިފިއްޔަށް ވަދެ ފެންވަރައިގެން ރީތިވެގެން އަތިރިއަށް ދިޔައިރު ކަމަކުދާކަށް ނެތެވެ. ދޯނި ހަރުގޭގަ ހުރި ދޯނިތަކުގައި ރޯވެގެން އަނދަނީއެވެ. ރަށުގެ މީހުންތައް އެކި ކޮޅު މަށްޗައް ދުވެ ނަގަނީއެވެ. އެއިރު މޫސާ ހުރީ ބިޔަ އަލިފާންގެރިއަށް ބަދަލުވެގެންނެވެ. ޝަރީފާއާއި އެކު ގަފޫރުބެ ވެސް އަތިރި މަށްޗައް ނިކުތެވެ. ފެނުނު މަންޒަރުން ގަފޫރުބެ ވެސް ހުރީ ބިރުގަންނަގޮތް ވެފައެވެ. އެއްގަމަށް އެރި މީހުން ތަކުގެ ދުވުން ހުއްޓުނީ ހުދު ހެދުމުގައި ހުރި ފަރީޝާގެ ބައްޕަ, އާދެ, ރާވެރި އަލީ, އެއްގަމުން އަތިރިއަށް އަންނާތީ ފެނިގެންނެވެ. އޭނާގެ ބައްޕައަށް ފަރީޝާ ފެނުމުން ލޮލޮގެ އިޝާރާތުން މަޑުކުރުމަށް ބުންޏެވެ. މިހެންވެ ފަރީޝާ ވެސް ކުޅިބަލަން, ދުރުގައި މަޑު ކޮށްލިއެވެ. 

އަލީގެ މަޑު ހިނގުމުގައި ގޮސް އަލިފާންގެރީގެ ކުރިމަތީގައި, ގާތް ގަނޑަކަށް އަށާރަ ފޫޓެއްހާ ދުރުގައި މަޑު ކޮށްލިއެވެ. އެސޮރުގެ އިސްކޮޅު ދިގު ދިވެހި ރުކެއްގެ މެދާކަށް ހިސާބަށް އަރައެވެ. ގާތް ގަނޑަކަށް އާދައިގެ ހަ މީހުންގެ އިސްކޮޅާއި އެއްވަރު ވާނެއެވެ. އަލިފާންގެރި އަލީއާއި ދިމާލަށް ބަލާލިއެވެ. އަލީ ފެނުމުން ނޭފަތުން ދުން އަރުވާލުމަށްފަހު އަލިފާންގުޅައެއް އަލީއާއި ދިމާލަށް ދޫކޮށްލިއެވެ. އަލީގެ ހުށިޔާރު ކަމުން އެ އަލިފާންގުޅައިން ރެކިގަތީ ފަރިތަކަމާ އެކުގައެވެ. ނޫނީ އަލީއަށް މާކުރިންސުރެ އެ އަލިފާންގުޅަ އޭނައާއި ދިމާލަށް އަންނާނެކަން އެނގޭތީ އެއިން ރެކިގަންނަން ފަސޭހަވީއެވެ. އަލީގެ އެ ހަރަކާތުން ރަށުގެ އެންމެންތިބީ ހައިރާންވެ އަންތަރީސްވެފައެވެ. 

އަލީއާއި ދިމާލަށް އަންނަ ކޮންމެ އަލިފާންގުޅަ އަކުން ރެކެމުން, ކަނާތްފަރާތައް ވާގޮތައް, އަލިފާންގެރި ވަށައިގެން އެނބުރެންފެށިއެވެ. ހީވަނީ ރާގަކަށް ނަށާހެނެވެ. ކޮންމެ އަލިފާންގުޅައެއް ވެސް ގޮސް ދޮންވެލިގަނޑުގައި ޖެހި ނިވިގެން ދެއެވެ. ޖެހޭ ތަނުގައި ކަޅުކުލައިގެ ވަޅުގަނޑެއް ހެދިފައި ހުރެއެވެ. އަލީ އެގޮތައް ނަށަމުން, އެނބުރެމުން ގޮސް އެންމެ ފުރަތަމަ އޭނާ އައިސް ހުއްޓުން ހިސާބަށް އާދެވުމުން, އެނބުރުން ހުއްޓާލިއެވެ. އެވަގުތު އަލިފާންގެރި ރުޅިއައިސްގެން އަލީގެ ގައިގައި ހިފުމަށް ގުދުވާން ފެށިއެވެ. މިދަނޑިވަޅު ބަލާ އަލީގެ އަތުގައި އޮތް އަސާގަނޑު އެސޮރުގެ ބޮލާ ދިމާލަށް ހޫރާލިއެވެ. އެ އަސާގަނޑު ގޮސް އަލިފާންގެރީގެ ބޮލުގައި ޖެހުނެވެ. ވަގުތުން އެސޮރު ހުއްޓުނެވެ. އަދި ބޮލާއި ލޮލުގެ އިޝާރާތުން އަލީ ގާތު އެކީކުރަން ކުރި ކަމެއްހޭ އެސޮރު އަހާލިއެވެ. އަލީ ވެސް އެއްއަތުން ނުވާކަމަކަށް ހުރެ ބޮލުގައި އަތްލާ ބޮލާއި ލޮލުގެ އިޝާރާތުން އެއްޗެކޭ ބުންޏެވެ. އެހިނދު އެ އަލިފާންގެރީގެ ބޮލުގައި އަތް އަޅާ, ބޮލަށް ތަދުވެގެން ކަމަށް ހެދި ބާރަށް ރޯން ފެށިއެވެ. އަލީ ފަހަތައް އެނބުރި މޭ ބޮޑު ކޮށްލުމަށް ފަހު, ރަށުގެ މީހުންނާ ދިމާލަށް ނިތް އަރުވާލިއެވެ. ބުނާ ކަހަލައެވެ. މަ ކިހާ ވަރުގަދަ ހެއްޔެވެ. 

ރަށުގެ އެންމެން ވެސް ހަރުއަޑުން އަލީއަށް ތަރުހީބުދޭން ފެށިއެވެ. އަނެއްކާ ވެސް އަލިފާންގެރިއާއި ދިމާލަށް އެނބުރުމަށް ފަހު އިތާމުތުގެ ތަސްބީހަފަތި ހިފައިގެން ހުރެ އެއްޗެއް ކިޔަވަން ފަށައިފިއެވެ. އެއިރު ވެސް އަލިފާންގެރި ހަމަ ރޮނީއެވެ. ކުއްލިއަކަށް އަލީގެ ދެއަތް މަށްޗައް ނަގާ އަލިފާންގެރިއާއި ދިމާލަށް ކަނާތުއަތުން ވައި ޖައްސާލިއެވެ. އެވަގުތު އަލިފާންގެރި ދިޔައީ ފަހަތައް ވިއްސިގެންނެވެ. ނޫނީ އަލިފާންގެރި ހަމަ ގަސްތުގައި ފަހަތައް ފުންމާލީއެވެ. ކޮންމެއަކަސް އަލިފާންގެރި ދޮންވެލިގަނޑުގެ މަށްޗައް ވެއްޓުނެވެ. އަދި އަލީއާއި ދިމާލަށް އަތްނަގާ ތިހެން ނުހަދާށޭ, މަ ނުމަރާ ދޫކޮށްލާށޭ ކިޔާ ބަރު އަޑުން ރޯންފެށިއެވެ. އަލީ, ހަރު އަޑުން އެސޮރާއި ދިމާލަށް މިރަށުން ފައިބައިގެން ދާށޭ, ދުވަހަކު ވެސް މިރަށަށް އަރައިގެން ނުވާނޭ ބުންޏެވެ. 

ބަރުހެލި ގޮތަކަށް އަލިފާންގެރި ތެދުވުމަށް ފަހު އިސްޖަހައިގެން ހުރެ, އިރުކޮޅަކާ އިރުކޮޅަކާ އަލީއާއި ދިމާލަށް ބަލަމުން, މޫދުގެ ފެންފޯރާ ހިސާބަށް ދިޔައެވެ. އަދި އެއްފަހަރު އަލީއާއި ދިމާލަށް އެނބުރި ބަލާލިއެވެ. އެހިނދު އަލީ އެސޮރާއި ދިމާލަށް ”ސޮއް ސޮއް“ ގޮވާލިއެވެ. އަލިފާންގެރި ހިނިގަނޑު ފަޅައިގެން ނުދިއައީ ކިރިޔާއެވެ. ވަގުތުން މޫސާއަށް ބަދަލުވިއެވެ. މޫސާގެ ބޮލުގެ އިސްތަށިގަނޑު ހުރީ އަލީގެ އިސްތަށިގަނޑު ގޮތައް ކުރުކޮށް ކޮށާލާފައެވެ. މޫސާގެ މޭގައި އަތްއަޅާ, އަޑު ނުނިކުންނާނެހެން ހޭންފެށިއެވެ. އަލީ ވެސް ހިނިތުން ވެލިއެވެ. އެއަށްފަހު ރަށުގެ އެއްގަމަށް ދާން ހިނގައި ގަތެވެ. 

އެ ރަށުގެ އެއްގަމުގައި އެވަގުތު ތިބި އެކަކަށް ވެސް, އަލިފާންގެރި މުސާއަށް ބަދަލުވުމުން ނުފެނެއެވެ. މިހެންވެ އެމީހުން ހީކުރީ އަލިފާންގެރި ކަނޑުގެ އަޑިއަށް ފީނާފައި ދިޔައީ ކަމަށެވެ. އެއްގަމުގައި މީހުން ތިބި ހިސާބަށް އަލީ ދިއުމުން, މީހުންތައް އަތްތިލަބަޑި ޖަހާ އަލީއަށް ތައުރީފުގެ ބަސްތައް އޮށްސާލިއެވެ. އެއިރު މޫސާ ހުރީ ރާޅު ފެންފޯރާ ހިސާބުގައި މަޑުކޮށްލައިގެން އަލީގެ އިޝާރާތަކަށް ބަލާށެވެ. އެތަނުން ގިނަބަޔަކު އަލީ އަކީ ވަލީވެރިއެއްކަމަށް ނިންމިއެވެ. އަދި އަލީގާތު އެމީހުންގެ ގެއަށް ހެނދުނެގެ ބޮޑުސައި ބުއިމަށް ދައުވަތު ދިނެވެ. ނަމަވެސް މި މީހުންގެ ތެރެއިން ކުއްލިއަކަށް އެއްކަލަ ތިން ބެއިން ނިކުތެވެ. އަދި ބޮލުގައި ރުމާ އަށްސައިގެން ހުރި, މޫސާ, އަލީ އާއި ދިމާލަށް އިނގިލި ދިއްކޮށް ވާހަކަ ދެއްކިއެވެ. 

”އޭނައަކީ ވަލީވެރިޔެއް ނޫން. އޭނަ އެއުޅެނީ އޮޅުވާލައިގެން. އިއްޔެ އަހަރެން ދުށިން އެމީހުން މިރަށަށް އައި ވަގުތު 

ޝަރީފާއާއި ދިމާލަށް އިނގިލި ދިއްކުރަމުން ބުންޏެވެ. 

އެހުރީ އޭނަގެ ދަރިފުޅު. އެމީހުން އައީ ދިޔާހަކުރު ވިއްކަން ވެގެން މިރަށަށް. އެއީ ރާވެރިއެއް. ރާވެރިންނަކީ ކިޔަވައިގެން ތިބޭ ބައެއް ނޫން. އެއްވެސް އިލްމެއް ލިބިގެން ތިބޭ ބައެއްނޫން. އެހެން ވީއިރު ކިހިނެއް އޭނާ ވަލީވެރިޔަކަށް ވާނީ؟ އަޅެ ބުނެބަލަ؟

މޫސާގެ ވާހަކަ ނިމުމުން, އޭނާގެ ދެ އެކުވެރިން ވެސް އޭނާގެ ބަހަށް ބާރު ދިނުމުގެ ގޮތުން އެއީ ތެދެކޭ ބުންޏެވެ. 

އެއްވެތިބި ގިނަބަޔަކު އޭމީހުންގެ ބަހަށް ހެއްލުނެވެ. އަދި އަލީ އާއި ދިމާލަށް ދޮގުވެރިޔެކޭ, ރާވެރިން ހަދާނީ އަބަދުވެސް ދޮގޭ, އެއީ އެއްވެސް ބައެއްނޫނޭ ކިޔާ މަލާމާތް ކުރަންފެށިއެވެ. ނަމަވެސް ބައެއް މީހުން އެމީހުންގެ ލޮލަށް ފެނުނު ކަންކަމީ އާދައިގެ ކަންކަން ނޫންކަމުން އެއްޗެކޭ ނުބުނެ ތިއްބެވެ. އެހެނަސް ވިހަގަދަ އެބަސްތައް ރައްދުވި އަލީގެ ހިތައް ކެއްވާގޮތެއް ނުވިއެވެ. މިހެންވެ އަލީ ރުޅިއައިސް އެ ތިން ބެއިންނާއި ދިމާލަށް ބުންޏެވެ. 

”ކޮއިފުޅުމެންނޭ. ތި ކުދިން ހީކުރަނީ ރާވެރިންނަކީ ވަރަށް ދަށުދަރަޖައިގެ ބައެއްކަމަށްތަ؟ ތި ކުދިންގެ މައިން ބަފައިން ދެކެނީ ވެސް އެހެންދޯ؟ ބުންނަތަ ވާހަކައެއ؟ މަސްވެރިން ދުވާލުދާ ހަތަރުދަމު ބޯފިއްސައިގެން ދޭހާ އަތްވެއްގައި, ވެހޭހައި ވާރޭގައި އެކުރާ މަސައްކަތް މާތް ކަމުގައި ވަނީ ނަމަ, އަހަރަމެން ވެސް ބުރަ މަސައްކަތުން މިކުރާ މަސައްކަތް ވެސް މާތް ވާންޖެހޭނެ. އެއީ އެމީހުން ވެސް ކަނޑަށް ނިކުންނަނީ އަނބުރާ އާދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއެކު އެއް ނޫން. ހަމަ އެގޮތައް އަހަރަމެން ވެސް ރުކަށް އަރަން ދަނީ އަނބުރާ އާދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއެކު އެއް ނޫން. އަހަރަމެން ރުކަށް އަރަނީ ޅާނބަށް ނޫނީ, ރުކުގައި ބަނެފަ ހުންނަ ހަރުތަކަށް އިތުބާރުކޮށް. އަރާ ފައިބާއިރު ޅާނބު, ނޫނީ ހަރެއް ކަނޑައިގެން ގޮސް ބިންމަށްޗައް ވެއްޓި އަނިޔާވެ ނޫނީ ނިޔާވެފައި ވަނީ ކިތައް ރާވެރިން. އެ މީހުން ވެސް މަސައްކަތް ކުރަނީ ލައިގެން ކާނެ އެއްޗެހި އެމީހުންގެ އަނބިދަރިންނަށް ހޯދުމަށް. މަސްވެރިން ވެސް ހަމަ އެކުރާ މަސައްކަތަކީ އެއީ. މަސްވެރިން އެމީހުންގެ އޮޑި ދޯނި ފަހަރު ތޫފާނަކު ހަލާކުވުމުން އަލުން އާ ދޯންޏެއް ހެދިދާނެ. އެކަމަކު އެނގޭތަ. އަހަރަމެން ރުކުން ވެއްޓި ފައެއް ތަނެއް ބިންދައިގެން ދިޔުމުން އާ ފައެއް ޖަހާކަށް ނުލިބެއޭ. އެ ހިސާބުން އަހަރަމެންގެ އާއިލާތައްކަށް ލައިގެން ކާނެ އެއްޗެއް ނުލިބި ތިބެންޖެހެނީ ބަނޑަށޭ. އަހަރަމެން ވެސް މިއީ އިންސާނުންކަން ދަނެބަލަ. އަހަރަމެން މިކުރާ މަސައްކަތަކީ ވެސް ހަމަ މުހިންމު މަސައްކަތެކޭ.“

އަލީގެ ވާހަކަ ނިމުނުއިރު އަލީއަށް ހުރީ ރޮވެން ގާތްވެފައެވެ. ގަފޫރުބެ ވެސް އަލީގެ ވާހަކަ އަޑު އަހާފައި ހުރީ ހިތުގަ ޖެހިފައެވެ. ނަމަވެސް މިރަށުގެ މީހުން ގަފޫރު ބެއަށް ހަދާލަފާނެ ގޮަތަކަށް ވިސްނާ ބިރުން އެއްޗެކޭ ނުބުނެ މަޑުން ހުއްޓެވެ. އަލީއަށް އެމަންޒަރު ފެނި ގަފޫރުބެއާއި ދިމާލަށް ބަލާލައި އިސްޖަހާލިއެވެ. އަލީގެ ވާހަކައިން ރަށުގެ ބައެއް މީހުންގެ ހިތައް އަސަރު ކުރިއެވެ. ނަމަވެސް ހިތަކަށް ހަރު ހިލަގަނޑެއް އޮންނަ މީހުން ވެސް އުޅެއެވެ. އަލީ އެ ދެއްކި ވާހަކަތަކުން މޫސާގެ ހިތައް ވެސް އަސަރު ނުކުރީ އެހެންވެ ކަންނޭންގެއެވެ. ނޫނީ އޭނާ ހުރިގޮތް ދޫކުރަން ބޭނުން ނުވީއެވެ. މިހެންވެ މޫސާ އަދިވެސް ބުނަމުން ދިޔައީ އަލީގެ ވާހަކައަށް ނުހެއްލުމަށެވެ. ރާވެރިންނަކީ ބޭނުންތެރި ބައެއް ނޫންކަމަށް ބުނެ އަދިވެސް އޭނާގެ ބަސް އިތުރަށް ވަރުގަދަ ކުރެވޭތޯ ބެލިއެވެ. އަލީއަށް ވިސްނުނީ ކިތަންމެ ވަރަކަށް ވެސް މިމީހުންނަށް ވިސްނައިދެވޭތޯ ބެލިޔަސް, ގަބޫލުކުރަން, ނޫނީ ގޮތް ދޫކުރަން ބޭނުން ނުވާ ބަޔަކަށް ވިސްނާދިނުމުގެ އެއްވެސް ބޭނުމެއް ނެތްކަމެވެ. މިހެންވެ އަލީ އެންމެ ފަހުބަހަކަށް އެއްޗެކޭ ބުނެލިއެވެ. 

”އެންމެ ރަނގަޅު. އަހަރެން މިދަނީ މިރަށުން ފައިބައިގެންދާން. އެކަމަކު ދެން މިރަށަށް ކަނޑު ގެރިއެއް އަރައިފިނަމަ އަހަރެންގެ އެއްވެސް އެހީއެއް ނުލިބޭނެކަން ހަނދާން ބަހައްޓާތި. ފަރީޝާ, ހިނގާ ރަށަށް ދަމާ.“

އަލީ މިހެން ބުނެ, ފަރީޝާގެ އަތުގައި ހިފައިގެން މޫދާ ދިމާލަށް ހިނގައި ގަތެވެ. ރަށުގެ ބައެއް މީހުން އަލީ ހުއްޓުވަން އުޅުނެވެ. ނަމަވެސް އެމީހުން ވެސް ވަކި ހިސާބަކަށް އައިސް މަޑުކޮށްލީ, އަލީގެ އަތުގެ އިޝާރާތުން ކޮށްލި ކަމަކުންނެވެ. މޫސާ ގާތު އަލީގެ އަތުގެ އިޝާރާތުން ބުނެލީ އަލިފާންގެރިއަށް ބަދަލުވާށެވެ. ވަގުތުން މޫސާ އަލިފާނގެރިއަށް ބަދަލުވިއެވެ. އަތިރިމަތީގައި ތިބި އެންމެންހެން ދުއްވައިގަތީ އެއްގަމާއި ދިމާލަށެވެ. އަލިފާންގުޅަ ދޫކުރަމުން އެއްގަމާ ދިމާލަށް އެސޮރު މިސްރާބު ޖެހިއެވެ. އަލީއާއި ފަރީޝާ ގޮސް އަތޮޅުވެރިން މިރަށަށް އައި ދޯންޏަށް އަރައި ދޯނިގައި އޮތް ކުރެދި ރިތްނަގައި ދޯނި ފުންކުރުމަށް އުޅުނެވެ. 

އަތިރިމަތީގައި ތިބި މީހުންތައް ރަށުގެ ތެރޭގެ އެކި ތަންތަނަށްވެދެ ފިލޭތޯ އުޅުނެވެ. ރަށުވެރިޔާއާއި ހަމައަށް މިފަހަރު ކަނޑުގެރި އަރައިގެން އުޅޭ ހަބަރު ދިޔައެވެ. މިހެންވެ އަތޮޅުވެރިޔާގެ ހަށިފާރަވެރިޔާ ވަގުތުން މިސްރާބުޖެހީ އަތިރިމަށްޗައް ދިޔުމަށެވެ. އެއިރު އަލިފާންގެރި ރަށުގެ މޫދާ ކައިރި ގޭތަކުގަޔާއި ރުއްގަހުގައި އަލިފާން ހުޅު ޖެހުމަށްފަހު މޫދާ ދިމާލަށް މިސްރާބު ޖަހަނީއެވެ. އަލިފާންގެރި ފެނި އެމީހާ ދުއްވައިގަތީ އެސޮރަށް ހަމަލާދޭށެވެ. އެއިރު އަލިފާންގެރި އައިސް އަތިރިމަތީގެ ދޮންވެލިފަށަލައާއި ހަމައަށް އަރާ ހަމަވަނީއެވެ. 

އެމީހަކު ދުވެފައި އަންނަތަން އަލީއަށް ފެނިގެން މޫސާއޭ ކިޔާ ހަޅޭއްލަވައިގަތެވެ. އަލިފާންގެރި އަލީއާއި ދިމާލަށް ބަލާލިއިރު އަލީ އިނގިލި ދިއްކުރީ އެސޮރުގެ ފަހަތަށެވެ. މިހެންވެ ފަަހެއް ބަލާލިއެވެ. އެއިރު އެއްކަލަ މީހާގެ އަތުގައި އޮަތް ބޮޑު ކަތިވަޅި އެސޮރާއި ދިމާލަށް އެއްލައިފިއެވެ. އެކަތިވަޅި އައިސް އަލިފާންގެރީގެ ކަނާއަތުގައި ކޭތިލާފައި ގޮސް ދޮންވެލި ގަނޑަށް ހެރުނެވެ. އެހިނދު އެސޮރުގެ ކަނާތު އަތުގައި ކަތިވަޅިން ޖެހުންތަނުން ކަނޑައިގެން ގޮސް ލޭފައިބަން ފެށިއެވެ. ވަގުތުން އެސޮރު ބަދަލުވީ މޫސާ އަށެވެ. މޫސާއަށް ބަދަލުވުމުން އެއްކަލަ މީހާގެ ލޯމަށްޗައް މޫސާ ގެއްލުނެވެ. އެކަން މޫސާއަށް އެނގުނީ ވަކި ތަނަކަށް ނުބަލާ އޭނަގެ ނަޒަރު އެކި ދިމަ ދިމާލަށް ދިއުމުންނެވެ. 

މޫސާގެ ކަނާތު އަތުގަ ވެސް ހުރީ ކަނޑައިގެން ގޮސް ލޭފައިބަ ފައިބާއެވެ. ވަގުތުން އޭނާ ދުއްވައިގަތީ މޫދާ ދިމާލަށެވެ. ނަމަވެސް އެއްކަލަ ކަތިވަޅިއާއި އަރާ ހަމަވުމުން, އެ ކަތިވަޅީގެ އަތްގަނޑުގައި ހިފައި ނެގޭތޯބެލިއެވެ. އެހެނަސް މޫސާއަށް ނެގޭވަރަށްވުރެ އެ ވަޅި ބޮޑުވެފައި ބަރެވެ. މިހެންވެ ގުދުވެލާފައި ކަތިވަޅީގައި އިހުނަށްވުރެ ބާރަށް ހިފާލިއެވެ. އެއިރު އެއްކަލަ މީހާ ވެސް އެހިސާބާ އަރާ ހަމަވަނީއެވެ. މޫސާ ކުއްލިއަކަށް އަލިފާންގެރިއަށް ބަދަލުވިއެވެ. ކަތިވަޅި ބިންމަތިން ލުހިގެން އައެވެ. އެ ވަގުތު އަލިފާންގެރީގެ ފޫކޮޅުންޖެހި އެއްކަލަ މީހާ ވިއްސައިގެން ދުރަށް ވެއްޓުނެވެ. އެ މީހާއި ދިމާލަށް ބަލާލާފައި އަލިފާންގެރި ހޭންފެށިއެވެ. އަދި އެސޮރުގެ އަތުގައި ހުރި ބާރެއްލާ, ކަތިވަޅި ކަނޑާ ދިމާލަށް ހޫރާލިއެވެ. އެ ކަތިވަޅިގޮސް ވެއްޓުނީ އަލިފުށީގެ ކައިރީގައި އުތުރު ފަރާތުގައި އޮންނަ ފަޅުރަށް ކަމުގައިވާ އިއްތިނގިލިއަށެވެ. 

އެއްކަލަ މީހާ ރުޅިއައިސް ތެދުވަން އުޅެނެވެ. އެވަގުތު އަލިފާންގެރި ބަރުހެލިކޮށް ދުވެފައި ގޮސް މޫދުގެ ލޮނުފެން ފޯރާ ހިސާބާހަމަވުމުން, އަލީމެން އަރާތިބި ދޯންޏާއި ދިމާލަށް ފުންމާލިއެވެ. ވައިގެ ތެރޭގައި އެސޮރު އޮތްތަން ފެނި އެއްކަލަ މީހާ ހުރީ ހައިރާންވެފައެވެ. އެގެރި ގޮސް ދޯންޏަށް ވެއްޓިއްޖެނަމަ ދޯނި އަޑިއަށް ދާނެކަން ހަމަޔަގީނެވެ. ނަމަވެސް ދެން ކަންތައްވީ އެހެނަކުން ނޫނެވެ. އަލިފާންގެރި ދޯންޏާއި ދިމާލަށް ވެއްޓެން ދަނިކޮށް ކުއްލިއަކަށް އެމީހާގެ ލޯމަށްޗައް އެސޮރު ގެއްލުނެވެ. އާނއެކެވެ. މޫސާއަށް ބަދަލުވީއެވެ. މޫސާ ގޮސް ދޯނި ކައިރީގެ މޫދަށް ވެއްޓުނެވެ. އޭނާ ވެއްޓުނު ދިމައިން ފެންގަނޑު މަށްޗައް އެރިތަން އެއްކަލަ މީހާއަށް ފެނުނެވެ. އަދި އަލީގެ އެހީގައި ދޯންޏަށް މޫސާ ނެގިކަން ވެސް އެމީހާ އަށް ޔަގީންވިއެވެ. 

އެއްކަލަ މީހާ ތެދުވެގެން މޫދާއި ދިމާލަށް ދިއުމަށް ދުއްވައިތަގެވެ. އެހިނދު އަލީގެ ކުޅަދާނަކަމުން ދޯނީގެ ރިޔާ ނެގުމަށްފަހު ރިޔަލުގައި ވައި އަޅުވާލިއެވެ. އަދި މޫސާގާތު އަލިފުށީގެ ފަޅުގައި އަޅާފައިވާ, ހުރިހާ ދޯނިތަކުގައި ރޯކޮށްލުމަށް ބުންޏެވެ. މޫސާއަށް އެކަންވީ މަޖާކަމަކަށެވެ. މިހެންވެ އޭނަގެ އަތުން އަލިފާންގުޅަ އުފައްދާ ދޯނިތަކާއި ދިމާލަށް ދޫކުރަމުން ދިޔައެވެ. އެއްކަލަ މީހާއަށް ފެންނަނީ އަލީމެންގެ ދޯނީގެ ދިރުނބާކޮޅުން އަލިފާންގުޅަތައް ނުކުމުގެންދާ ތަނެވެ. އިސާހިތަކު އެރަށުގެ ފަޅުގައި އަޅާފައިވާ ހުރިހާ ދޯނިތަކުގައި ރޯވެ އަނދަން ފެށިއެވެ. މޫސާ ހުރެގެން ނަށަނަށާފައި އެއްކަލަ މީހާއާ އާއި ދިމާލަށް އަނގައިން ވައްތަރު ޖައްސަން ހުއްޓެވެ. އެމީހާ ރުޅިއައިސް ދޮންވެލިގަނޑުގައި ފައިންޖަހާފައި އެއްގަމަށް އެރުމަށް ހިނގައިގަތެވެ. 

އަލީމެންގެ ދޯނި އަލިފުށީގެ ފަޅުން ނިކުމެގެން ކަނޑަށް ދެވިއްޖެއެވެ. އެއިރު އަލިފުށީގެ މަލަމަތީގައި ވަނީ އެކި ވަރު ވަރުގެ އަލިފާންގަނޑެވެ. މުޅި ރަށްމަތީގައި އޮތީ ކަޅުދުމުން ފުރާލާފައެވެ. އަލީގެ މޫނުމަތިން ނުތަނަވަސްކަން ފެނިގެން ދިޔައެވެ. އަލިފުށީގައި ރޯވެ އަނދާތީއެއް ނޫނެވެ. މޫސާގެ އަތުގައި ކަނޑައިގެން ގޮސް ހުރިތަން ފަސޭހަ ނުވެ ގިނައިރު ވާތީއެވެ. ކުރިން މޫސާގެ ގައިގައި ކަނޑައިގެން ދާތަންތަން ވަރަށް އަވަހަށް ފަސޭހަވެގެންދެއެވެ. މިފަހަރު ފަސޭހަވާން މިހާ ގިނައިރު ނަގާތީ އަލީ ހުރީ އެކަމާ ހިތްނުތަނަވަސް ވެފައެވެ. ނަމަވެސް އަލީގާތު މޫސާ ބުނީ އޭނައަށް ތަދު ނުވާ ކަމާއި މަޑުމަޑުން ރަނގަޅު އެބަ ވާކަމެވެ. މިހެންވެ އަލީ ކުޑަކޮށް ހިތްހަމަ ޖެހޭގޮތް ވިއެވެ. ފަރީޝާ ވެސް މޫސާގެ އެ ބުނުމުން ހިނިތުން ވެލިއެވެ. ދެން އެމީހުންގެ ދޯނި މިސްރާބުޖެހީ ނާއިންފަރާއި ދިމާލަށެވެ. ވައި ޖެހެމުން ދާގޮތުން އުތުރަށް ދިއުން އެހާ ފަސޭހައެއް ނުވާނެއެވެ. ދިގު ދަތުރަކަށް ވާނެތީ ކާނެ އެއްޗެއް އެ ދޯނީގައި ހުރިތޯ އެމީހުން ބެލިއެވެ. ނަސީބު ރަނގަޅު ކަމުން ދޯނީގައި ކާނެ ބޯނެ އެއްޗެހި ހުއްޓެވެ. 

-ނިނިމޭ-

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!