Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ފަސްދޮޅަސް ހަވަނަ ބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
October 14, 2021 3 Mins Read
2 Comments

ކޮޓަރިއަށްވަދެ ނައިޝާ ހަނީފާއްތަ މަތިން ވިސްނާލިއެވެ.ހަނީފާއްތައާ ބައްދަލުކުރަން ނައިޝާ އިންތިހާއަށް ބޭނުންވެއެވެ.ނަމަވެސް ސައިފް ގެ ކުރިމައްޗަށް އެރިދާނެތީ ނައިޝާ ރަށުތެރެއަށްދާން ފަސްޖެހެއެވެ.

*****************

ރޭގަނޑު ފިހާރައަށް ނައިޝާގެ އިތުރުން ފާއިޒްވެސް ދިޔައެެވެ.އިންޓަވިއުކުރި އެންމެންގެ މައުލޫމާތު އެއްކުރުމަށްފަހު، ބޮޑުމީހާއަށް ފާއިޒް ވައިބަރ ކޮށްލިއެވެ. “ހޮވުނު މީހުންގެ ލިސްޓު ބޮސް ފޮނުވައިފި ހަމަ ދެންމެ….މީގަ ތިބި މީހުންނަށް ގުޅާފަ އަންގާ ހޮވުނުކަމަށާއި މާދަން ހެނދުނު ދިހައެއް ޖަހާއިރު ބައްދަލުވުމަށް ސުކޫލަށް އައުމަށް” ލިސްޓު ނައިޝާއަށް ވައިބަރ ކޮށްލަމުން ފާއިޒް ބުނެލިއެވެ.

ފާއިޒް އެހެންބުނުމުން ނައިޝާ ފާއިޒާ ދިމާލަށް ބަލައިލެވުނެވެ.ރަށުތެރެއަށް އަރާކަށް އެއްގޮތަކަށްވެސް ނައިޝާ ބޭނުމެއްނުވެއެވެ.ސައިފާ ދިމާވެދާނެތީއެވެ. “ކިހިނެއްވީ؟” ނައިޝާ ބަލައިލި ގޮތުން ފާއިޒް އަހާލިއެވެ. “ސުކޫލަށޭތަ ތިބުނީ؟” ނައިޝާއަށް އަހާލެވުނެވެ. “އާނ ސުކޫލަށް…..ބައްދަލުވުމެއް ބާއްވަން އެންމެ އެކަށީގެންވާނީ ސުކޫލެއްނު…..އެތާންގަ އިށީންނަން ގޮނޑިއާ ޖާގަވެސް ލިބޭނެ…..ބޮޑުމީހާގެ އެދުމަށް މާދަން ދިހައެއް ޖަހާއިރު ލިބިފަ އިނީ ސްކޫލް….ކިހިނެއްވީ ނައިޝާ؟” ފާއިޒް އަހާލިއެވެ. “ކަމެއްނުވޭ…ސްކޫލޭ ބުނީމަ…މާދަން ލިބޭނެތަ؟….ކުދިން ކިޔަވަން ނިކުންނަން ޖެހޭނެއެއްނު” ހަގީގަތް ކިޔައިދޭން ބޭނުންނުވާތީ ނައިޝާ ބުނެލިއެވެ. “ލިބިފަ އިނީ… މާަދަން އެއީ ބަންދުދުވަހެއް ސުކޫލްތައް” ފާއިޒް ބުނެލިއެވެ.

ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، ލިސްޓުގައި ތިބި މީހުންނަށް ގުޅާ އަންގަމުން ނައިޝާ ދިޔައެވެ.ފަހަރަކު މީހަކަށް ގުޅަމުންދިޔަ ނައިޝާއަށް ލިސްޓުގައި ސަނާގެ ނަން އިންތަން ފެނުނެވެ.އެހެންކަމުން އޭނާ ސަނާއަށްވެސް ގުޅާ އެންގިއެެވެ. “އަސްލުތަ؟…ވަރަށް ބޮޑަށް ޝުކުރިއްޔާ” ސަނާ އެހެންބުނެލިއިރު އޭނާގެ އަޑުން އުފާވެފައިވާކަން ނައިޝާއަށް ދޭހަވިއެވެ.

**********

ހެނދުނު ދިހައެއްޖަހަން ތިރީސް މިނެޓަށްވީތަނާާ ނައިޝާ އާއި ފާއިޒް މޫސައާއެކު ރަށު ސުކޫލަށްދާން މިސްރާބު ޖެހިއެވެ.ރަށުތެރެއަށް އަރަން ބޭނުންނުވިއަސް މިއަދު ނައިޝާއަށް މިވަނީ ރަށުތެރެއަށް އަރަން ޖެހިފައެވެ.މަޑު ހިނގުމުގައި ހިނގާލައިފައި ދިޔަ ނައިޝާމެނަށް ރަށު ސުކޫލާ ހަމައަށް ފޯރުނު ވަގުތު ވަރަށްގިނަ މީހުން އެތަނަށް އެއްވެފައި ތިއްބެވެ.

ސުކޫލުގެ ޕްރިންސިޕަލް ނައިޝާމެނަށް ކުލާސްރޫމެއް ދައްކައިދިނެވެ. ނައިޝާ އާއި ފާއިޒް ފްރިންސިޕަލްގެ ފަހަތުން ކްލާސްރޫމަށް ވަތް ވަގުތު ދެ މަސައްކަތު މީހުން ކުލާސްރޫމްތެރޭގައި ތިއްބެވެ. “އަޅުގަނޑުމެން މިތަން ސާފުކޮށްފަ ހުންނާނީ…އެކަމް ތިޔަބޭފުޅުން ގޮނޑިތައް ބަހައްޓަވާނެ ގޮތެއް ނޭނގޭތީ އަޅުގަނޑުމެން ގޮނޑިތައް ތަރުތީބު ނުކުރީ” އެތަނުން އެކަކުު ނައިޝާމެނަށް ބުނެލިއެވެ.ނައިޝާމެން އެދުނުގޮތަށް އެމީހުން ގޮނޑިތައް އަތުރާލިއެވެ.

ދިހައެއް ޖަހަން ފަސްމިނެޓަށް ވެފައިވަނިކޮށް މީހުންތައް ކުލާސްރޫމަށް ވަންނަން ފެށިއެވެ.އެންމެ ކުރިން ވަތް މީހުންގެ ތެރޭގައި ސަނާވެސް ހިމެނޭތީ މިވަޒީފާ ސަނާއަށް ވަރަށް މުހިންމުކަމުގެ އިހުސާސް ނައިޝާއަށް ކުރެވެނުވެ.ކުލާސްރޫމް ތެރެއަށް ވަންނަމުންދިޔަ މީހުންގެ ގާތު ގޮނޑިތަކުގައި އިށީނުމަށް ފާއިޒް ބުނަމުންދިޔައިރު، ލިސްޓު ހިފައިގެންހުރި ނައިޝާ ދިޔައީ ބައްދަލުވުމަށް އައި އެންމެންގެ ނަމުގައި ފާހަގަ ޖަހަމުންނެވެ.

“އައްސަލާމް އަލައިކުމް” ގޮނޑިތަކުގައި އިށީނދެގެން ތިބި މީހުންގެ ކުރިމައްޗަށް އެރުމަށްފަހު، ހިނިތުންވެ ހުރެ ނައިޝާ ސަލާމް ގޮވާލިއެވެ.އެވަގުތު އެންމެންތައް އެއްއަޑަކުން ސަލާމް ބަލައިގަތެވެ. “އަދި ދެބޭފުޅަކު ނާންނާތީ މީޓިން ނުފެށިގެން މިއުޅީ” ނައިޝާ އެމީހުންނަށް އެހެންބުނެލި ވަގުތު އެދެމީހުން ކުލާސްރޫމަށް ހަލުވި ހިނގުމުގައި އައިސްވަނެވެ. “ހުރިހާ ބޭފުޅުުންވެސް ހަމަވީދޯ” ކުލާހު ދޮރުމަތީގައި ހުރި ފާއިޒް ނައިޝާ ގާތަށް އައިސް އަހާލުމުން ނައިޝާ އާނ އެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

ސަލާމް ގޮވާލުމަށްފަހު ފާއިޒް މީޓިން ފެއްޓިއެވެ.ވަޒީފާއަށް ކުރިމަތިލައިފައިވާ މީހުންނަށް ވަޒީފާއާއި ބެހޭގޮތުން ފާއިޒް ކިޔައިދިނެވެ.ފާއިޒް އެންމެނާ ވާހަކަ ދައްކަމުންދިޔައިރު ނައިޝާ އޭނާގެ ކައިރީގައި ހުއްޓެވެ.ވަޒީފާގެ އިނާޔަތްތަކާއި ގަވާއިދުތަކާއި ކަސްޓަމަރުންނަށް މުޢާމަލާތް ކުރާނެގޮތް ކުރުކޮށް އެންމެނަަށް ފާއިޒް ކިޔައިދިނެވެ. “ކޮންމެ މީހަކީ ފުރަތަމަ ހުރިހާ ކަމެއް އެނގޭނެ މީހެއްނޫން….ދަސްކޮށްގެން ކަންތައް ކުރެވޭނީ…އެހެންވީމަ ސިސްޓަމާ ކުޅެންނޭނގިގެން ނުވަތަ އެހެންކަމެއް ކުރަން ނޭނގިގެން އެއްވެސް ކުއްޖަކު ކަންބޮޑުވެ ލަދުގަންނާނެ ކަމެއްނެތް…ހުރިހާ އެއްޗެއް އަޅުގަނޑުމެން ދަސްކޮށްދޭނަަން…އަދި ވަރަށް މުހިންމު ވާހަކައެއް…މަސައްކަތުގެ މާަހައުލުގަ އެއްކުއްޖަކު އަނެއްކުއްޖަކާ ވަރަށް ގުޅިގެން އުޅެންވާނީ..އެކަކަށް ނޭނގޭ އެއްޗެއް އަނެކަކު ކިޔައިދީގެން” ފާއިޒް ބުނެލިއެވެ.

“އަޅުގަނޑާ މިތާ އަޅުގަނޑު ކައިރި މިހުންނެވި ކަނބަލަކަށްވެސް ފުރަތަމަ ކަންކަމެއް ނޭނގޭ…އަޅުގަނޑުމެންވެސް ދަސްކޮށްގެން މިތާ މިތިއްބެވީ” ނައިޝާއަށް އިޝާރާތްކޮށް ފާއިޒް ބުނެލިއެވެ.ފާއިޒްގެ އެބަހަށް ތާއިދުކުރުމުގެ ގޮތުން ނައިޝާ ބޯޖަހާލިއެވެ. “މީޓިން ނިންމާލުމުގެ ކުރިން ކުޑަ ޓްރެއިނިންއެއް ދޭން އަޅުގަނޑުމެން ބޭނުންވޭ ހުރިހާ ބޭފުޅުންނަށްވެސް” ވަރަށް ގިނަ ވާަހަކަދެއްކުމަށްފަހު، ފާއިޒް ބުނެލިއެވެ

ޢަމަލީ ގޮތުން ވަޒީފާގެ މާހައުލަށް މީހުން ތަމްރީނުކުރުމުގެ ގޮތުން ކޮންމެ ދެމީހެއްގެ ގުރޫޕެއް ނައިޝާމެން އުފެއްދިއެވެ. “މިހާރު ތިތިބީ ދެމީހުންގެ ގުރޫޕެއް އުފެދިފަ…ކޮންމެ ދެމީހެއްގެ ތެރެއިން އެކަކީ ކަސްޓަމަރު ކަަމަށްވާއިރު އަނެކަކަކީ ފިހާރައިގެ މުވައްޒިފް..އެހެންވީމަ މުވައްޒިފް ދައްކައިދޭންވީ ކަސްޓަމަރެއް އައީމަ ކަންތައްކުރާނެ ގޮތް..އެންމެ ފުރަތަމަ ކަމަކަށް ކޮންމެ ހާލަތެއްގައިވިޔަސް މޫނުމަތީގެ ހިނިތުންވުން އަބަދުވެސް އިންނަން ޖެހޭނެ” ފާއިޒް އެމީހުންނަށް ކިޔައިދެމުން ދިޔައެވެ

“ޢަމަލީ ބައި ނިމި ހުރިހާ ބޭފުޅުންނަށްވެސް ކަސްޓަމަރުންނާ މުޢާމަލާތް ކުރަންވާނެ ގޮތްތައް ދަސްވެފަވާ ކަމަށް އުންމީދުކުރަން” ތަމްރީނު ހަދައި ނިންމާލުމަށްފަހު ފާއިޒް ބުނެލިއެވެ.ފާއިޒް އެހެންބުނުމުން ބައްދަލުވުމަށް އައިސް ތިބި މީހުން ބޯޖަހާލިއެވެ.އެމީހުންގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމެވެ. “ދެން އިނީ ސިސްޓަމާ ކުޅޭނެގޮތް ދަސްކުރުން..އެހެންވީމަ ސިސްޓަމާ ކުޅެން އެނގޭ ބޭފުޅުންނަށް މިހިސާަބުން މީޓިން މިނިމުނީ…ކުޅެން ނޭނގޭ ބޭފުޅުން މަޑުކޮށްލުމަށްފަހު، ދެން ތިބި ބޭފުޅުން ދުރުވިޔަސް މައްސަލައެއްނެތް” ފާއިޒް އެހެންބުނުމުން ބައްދަލުވުމުގެ މައިދާން ދޫކޮށްފައި ދިޔައީ އިނގިލިން ގުނާލެވޭހާވެސް މަދު ބަޔެކެވެ.

މަޑުކޮށްގެން ތިބި މީހުންނަށް ސިސްޓަމާ ކުޅޭގޮތް ކުރުކޮށް އަނގަބަހުން ނައިޝާ ކިޔައިދިނީ ގަނޑެއްވެސް ކޮންމެ މީހެއްގެ އަތަށް ދިނުމަށްފަހުގައެވެ. “ދެން ޢަމަލީ ބައި ކުރިއަށް ގެންދިޔުން އޮތީ މިއަދު ހަވީރު ފިހާރައިން..ކުރިން ބުނިހެން ހާސްވެ ކަންބޮޑުވާނެ ކަމެއްނެތް އެއްވެސް ބޭފުޅަކު އަސްލު މީ ވަރަށް ފަސޭހަކަމެއް” ބައްދަލުވުން ނިންމާލަމުން ނައިޝާ ބުނެލިއެވެ.އެވަގުތު އެންމެން ކުލާސްރޫމުން ނިކުންނަން ދިޔައެވެ.އެމީހުންގެ ތެރޭގައި ސަނާވެސް ހިމެނެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ހިތުގެ ޝަކުވާ… 31

Next

އަބަދުވެސް 22

Next
October 14, 2021

އަބަދުވެސް 22

Previews
October 14, 2021

ހިތުގެ ޝަކުވާ… 31

2 Comments!

  1. mishka says:
    October 15, 2021 at 7:15 pm

    Varah reethi ?
    Keep going

    1. lamhus says:
      October 16, 2021 at 12:58 am

      Thanks dear mishka ❤️

Comments are closed.

Next Episodeދިމާވި އާދަޔާ ޚިލާފް ޒުވާނާ (ފަސްދޮޅަސް ހަތްވަނަ ބައި)←


All Right Reserved!