ނައިޝާގެ ގޭދޮރުން އެތެރެއަށް ވަދެ ސިޑިން މައްޗަށް އައްކިޔުން އެރިއެވެ.ނައިޝާގެ އެޕާޓްމެންޓުގެ ދޮރު ކުރިމައްޗަށް ހުއްޓިލުމަށްފަހު އައްކިޔުން ދޮރުގައި ޓަކި ޖެހިއެވެ.
“ޔުދާ…މީ އައްކިޔުންނޭ” ހަތަރުފަހަރަށް ޓަކިޖެހިފަހުންވެސް ޔުދާ ދޮރު ނުހުޅުވުމުން އައްކިޔުން ބުނެލިއެވެ.
“ނައި ގެ ޚަބަރެއް ނުވެގެން މިއައީ…ފަހަރެއްގަ ޔުދާއަށް ނައި ޚަބަރުވެދާނެހެން ހީވާތީ…އައްކިޔުންނަށް ޔުދާގެ ނަންބަރު ނޭނގޭތީ އަންނަން މިޖެހުނީވެސް” ބެލް އަޅަމުން ދޮރުމަތީގައި ހުރެ އައްކިޔުން ބުނެލިއެވެ.
ދިހަ ފަހަރަށް އައްކިޔުން އެދޮރުގައި ޓަކި ޖެހީ ޔުދާ ރަށުގައި ނެތް ކަން ނޭނގޭ ހާލުގައެވެ. ދޮރު ނުހުޅުވުމުން ޓަކިޖެހުން ހުއްޓާލުމަށް ފަހު، އެގެއިން ބޭރަށް އައްކިޔުން ނިކުތެވެ.
ބޭރަށް ނިކުތް އައްކިޔުން ބެލްކަންޏާ ދިމާއަށް ބަލައިލި އެވެ. ދޮރުފޮތިގަނޑު ބިއްދޮށުން އެއްވެސް އަލިކަމެއް ފެންނަން ނެތުމުން ޔުދާ ގެއަކު ނޫޅޭކަން އައްކިޔުންނަށް ޔަގީންވިއެވެ.
ބެލްކަންޏަށް ބަލަހައްޓައިގެން ހުރި އައްކިޔުންނަށް ނައިޝާގެ ހަނދާން އާވާން ފެށިއެވެ.ވަރަށް ގިނައިރު ނައިޝާގެ ގޭ ދޮރުމަތީގައި ހުރުމަށްފަހު އައްކިޔުން މާޔޫސްކަން މަތީގައި ހުރެ އެތަނުން ދިޔައީ ޔުދާގެ ހިލަމެއް ނުވުމުންނެވެ.
*****
މާޔޫސްކަން މަތީގައި ހުރެ މަޑު ހިނގުމެއްގައި ހިނގާފައި އައްކިޔުން ގޮސް ބީޗުގެ މީހުން ނެތް ހިސާބުގައި ހުރި ޖޯލިފަތީގައި އިށީނެވެ.އަދި ނައިޝާ އާއި ދޭތެރޭގައި ވިސްނަން އިނެވެ.އޭނާގެ ޚަބަރެއް ނުވާތީ އެކަމާއެވެ.
“ދަރިފުޅާ” ފަހަތުން އައްކިޔުންގެ ބައްޕަ ގޮވާލި އަޑަށް އޭނާ ސިހިގެން ދިޔައެެވެ. “ބައްޕާ” ފުރަގަހަށް އެނބުރިލި ވަގުތު އައްކިޔުންނަށް އޭނާގެ ބައްޕަ ފެނުމުން ގޮވާލިއެވެ.
“ދަރިފުޅު ހާދަ ބޮޑު ފިކުރެއްގަ ކިހިނެއްވެފަ؟” އައްކިޔުން ކައިރި ޖޯލީގައި އިށީނަމުން އޭނާގެ ބައްޕަ އަހާލިއެވެ. “ކަމެއް ނުވޭ” އިސްދަށަށް ޖަހާލަމުން އައްކިޔުން އެހެންބުނެލިއިރު އޭނާގެ އަޑުގައި ވަނީ ހިތާމައެވެ.
“ކޮންމެވެސް ކަމެއް ވެއްޖެ…ބައްޕައަށް އޮޅުވާލަން ނުހަދާ…ދަރިފުޅު ހާދަ ބަލިވައްތަރު ޖަހައޭ…ބަލީތަ؟” އައްކިޔުންގެ ބައްޕަ އޯގާތެރި ކަމާއެކު ބުނެލިއެވެ.
ވެގެން އުޅޭގޮތް ކިޔައިދޭން ބޭނުން ނުވިއަސް އޭނާގެ ބައްޕަ އާދޭސް ކުރާވަރުން އައްކިޔުން ކަންވީގޮތް އޭނާގެ ބައްޕައަށް ކިޔައިދިނެވެ.
“އަދިވެސް ނައި ގެ ޚަބަރެއްނުވޭ…ނުވެސް ގުޅޭ…ނައިވެސް ނުގުޅާ” އައްކިޔުން ދެރަވެލާފައި ބުނެލިއެވެ. “ތީ ބައްޕަ ބުނި ވާހަކަ ތި ފެންނަނީ… އިންސާނުންނަށް އިތުބާރު ނުކުރާށޭ ބައްޕަ ބުނަނީ އެހެންވެ…ބައްޕައަކަށް އެ ނައިޝާ އަށް އެއްވެސް ވަރަކަށް އިތުބާރެއް ނުކުރެވެޔޭ ކުރިންވެސް ބުނީމެއްނު” އައްކިޔުންގެ ބައްޕަ ބުނެލިއެވެ.
“އެހެންވެގެންނޭ ބައްޕަ ކައިރި މިވާހަކަ ނުދައްކަން އައްކިޔުން ހުރީ….ބައްޕަ އުޅޭނީ އަބަދުވެސް ނައިޝާ ކުށްވެރި ކުރަން… ނައިޝާ އަކީ ގޯސް މީހެއްނޫނޭ…ނައިޝާ އައްކިޔުންނަކަށް ދެރަވާނެ ފަދަ ކަމެއް ނުކުރާނެ” ޖޯލިން ތެދުވަމުން ހިތްހަމަ ނުޖެހިފައި ހުރެ އައްކިޔުން އޭނާގެ ބައްޕަ އަށް ބުނެލިއެވެ.
“ދަރިފުޅު ރުޅި މަޑުކުރޭ…ދަރިފުޅު މިހާރު ތިއުޅެނީ ބައްޕަ ޅައިރު އުޅުނު ގޮތަށް…ބައްޕަ ޅައިރު ކާފަވެސް ބައްޕައަށް މިހެން ވަރަށް ނަސޭހަތްލާދިން ދަރިފުޅުގެ މަންމައާ ދުރަށްދާން… ބައްޕައަށްވެސް ދަރިފުޅުގެ މަންމަ ދެކެ ވެފައިވާ ލޯތްބެއްގެ ބޮޑުކަމުން ކާފަ ދިން ނަސޭހަތްތަކަށް ދެވުނި ބީރު ކަންފަތެއް…ބައްޕަ ކައިރިއަށް ވެސް އައީ ރުޅި” އައްކިޔުންގެ ބައްޕަ އޯގާތެރި ކަމާއެކު ކިޔައިދިނެވެ.
“ދަރިފުޅުގެ މަންމަވެސް، ބައްޕަ އެންމެ ހީނުކޮށް ހުރި ދަނޑިވަޅުގަ ބައްޕައަށް ދޯކާ ދިނީ… ބައްޕައަށް ކަންތައްތައް ފެނި ތަޖުރިބާ ކުރެވިފަ ވާތީ ބައްޕަ މިބުނަނީ…ބައްޕަގެ މާޒީ ދަރިފުޅަށް ތަކުރާރުވާކަށް ބައްޕަ ނޭދެން” އައްކިޔުންނަށް އޭނާގެ ބައްޕަ ވަރަށް ނަސޭހަތް ދިނެވެ.
“އެކަމަކު ބައްޕާ ނައިޝާ އަކީ ގޯސް ކުއްޖެއް ނޫން… އައްކިޔުންނަށް ވެސް ހެވާ ނުބައި ވަކިވެޔޭ” އައްކިޔުން ބުނެލިއެވެ. “ދަރިފުޅު ތިކިޔާ ނައިޝާ ދެކެ މިހާރު ތިހުރީ ވަރަށް ބޮޑަށް ލޯބިވެވިފަ.އެހެންވެ ދަރިފުޅު އޭނަޔާ ދޭތެރޭގައި ގޯސްކޮށް ވިސްނަން ވެސް ބޭނުންނުވަނީ…އޭނާއަށް ބަދުބަހެއް ބުނުމަށް ތިހިތް ނޭދެނީ…އެހެންވިއަސް ބައްޕަ މި އުޅެނީ ދަރިފުޅަށް ހަގީގަތް ވިސްނައިދޭން” އައްކިޔުންގެ ބައްޕަ ޖޯލިން ތެދުވެލަމުން ބުނެލިއެވެ.
******
ރޭގަނޑު 10 ޖެހިއިރު އިރު ނައިޝާ އެނދުގައި އޮށޯވެގެން އޮތެވެ.އޭނާ އަކަށް އައްކިޔުންގެ ޚިޔާލަކާ ދުރަކަށް ނުދެވުނެވެ.ފޯނު ނަގައި އާދައިގެމަތިން އައްކިޔުނަށް ގުޅޭތޯ ނައިޝާ މަސައްކަތް ކޮށްލިއެވެ. އެހެންފަހަރުތަކާ އެއްގޮތަށް މިފަހަރުވެސް އޭނާއަށް އައްކިޔުންނަށް ގުޅޭގޮތެއް ނުވިއެވެ.
އައްކިޔުންގެ ޚިޔާލުގައި އޮތް ނައިޝާގެ ކަރުނަ ވަޅުން މަޑުމަޑުން ކަރުނަތައް ފައިބާން ފެށީ އައްކިޔުން މަތިން އޭނާ ހަނދާންވާ ވަރުންނެވެ.
*******
އައްކިޔުންގެ ބައްޕަ ދިއުމުން އެކަނި މާއެކަނި ޖޯލީގައި އިން އައްކިޔުންނަށްވެސް ނައިޝާގެ ހަނދާން އާވެ ލޮލުން ކަރުނަ ފައިބާން ފެށިއެވެ.
*******
ހެނދުނު ނުވައެއް ޖެހުމުގެ ތިރީސް މިނެޓް ކުރިން، ކުދިން އިންޓަވިއު ކުރަންދާން ނައިޝާ ތައްޔާރު ވެލިއެވެ.އައްކިޔުންގެ ހަނދާންވާ ވަރުން އެއްވެސް ކަމެއްް ނައިޝާ ކުރާ ހިތެއް ނުވެއެވެ.ނަމަވެސް އެރަށަށް އާދެވިފައި ވުމުން ނައިޝާއަށް ހަވާލު ކުރެވިފައިވާ ކަންތައްތައް ކުރަން އޭނާއަށް މަޖުބޫރެވެ.
*******
މިއަދު ނައިޝާ ހުރީ ވަރަށް އޮފިޝަލް ކޮށެވެ.ލައިގެން ހުރި ހުދު ގަމީހާއި ކަޅު ފައިކުރި ހިމަ ބެލްސާ އެކު އަޅައިގެން ހުރި ކަޅު ޝޯލް މޭމައްޗަށް ވައްކޮށް އަޅާފައިވާ އިރު ފަހަތަށް ދިގުކޮށް އެއްލާފައި ވުމުން އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ކަހަލަައެވެ.
ކަޅު އުސް ބޫޓަކަށް އެރުމަށްފަހު ތުންފަތުގައި މަޑު ފިޔާތޮށި ކުލަ ޖައްސާލުމަށްފަހު އަވި އައިނާ އަތްދަބަސް ހިފައިގެން ކޮޓަރިން ނައިޝާ ނިކުތެވެ.އެވަގުތު ފާއިޒް ވެސް ތައްޔާރުވެގެން ނިކުމެ ހުއްޓެވެ.
ގެސްޓްހައުސްގެ ބޭރަށް ދެމީހުން އެކު އެކީގައި ނިކުތެވެ.ބޭރަށް ނިކުމެ ފުން ނޭވާއެއް ދޫކޮށްލަމުން ހަމައަކަށް ނައިޝާ އެޅިލިއެވެ.އަދި އޭނަ އަޅައިގެން ހުރި އަތުކުރި ގަނޑިން ވަގުތު ބަލައިލި އެވެ.އޭރު ނުވައެއް ޖަހަން ދެހަ މިނެޓަށްވީއެވެ.
ނައިޝާ އާއި ފާއިޒް ފިހާރަދޮށަށް ދިޔައިރު ގިނަ އަދަދެއްގެ ބަޔަކު ވަޒީފާއަށް ކުރިމަތިލާން އައިއްސަ ތިއްބެވެ. އެންމެންގެ ނަޒަރު ވެސް ހުއްޓިފައި ވަނީ ނައިޝާ އަށެވެ. “ހާދަ ރީތި ކުއްޖެކޭ…ބޭރު ކުއްޖެއްތަ އެއީ؟” މުސްކުޅި ފުރައިގެ އަންހެނަކު ބުނެލި އަޑު ނައިޝާއަށް އިވުނެވެ.
ފާއިޒު ފޯމުތަކެއް ހިފައިގެން އައިސް ނައިޝާއަށް ދިއްކޮށްލިއެވެ. “މީ ވަޒީފާއަށް އެޕްލައި ކޮށްފަހުރި ކުދިންގެ ލިސްޓު” ފާއިޒު ބުނެލިއެވެ.
ލިސްޓު ހިފައިގެން އިންޓަވިއު ކުރަން ނައިޝާ އެތެރެއަށް ވަތްއިރު ފާއިޒު ދިޔައީ ބޭރުގައި ހުރެ ފަހަރަކު ކުއްޖެއްގެ ނަން ގޮވަމުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





