“ފިހާރައިގެ އެއްވެސް މަސައްކަތެއް ނައިޝާމެން ކުރާކަށް ނުޖެހޭނެ..މުދާތަކުގަ އަގުތަކާއި ކޯޑު ނަންބަރުތައްވެސް ހުންނާނީ ޖަހާފަ…ނައިޝާ ހަމައެކަނި ޗެކްކޮށްލަދީ ބާކޯޑު ރީޑްވޭތޯއާއި ކޮމްޕިއުޓަރ ވޯކްވޭތޯ” ބޮޑުމީހާގެ ފޯނު ބޭއްވުމުން، ކޮމްޕިއުޓަރާއި ބާކޯޑު ރީޑަރ މަސައްކަތް ކުރޭތޯ ނައިޝާ ބަލައިލިއެވެ.އެތަކެތި ރަނގަޅަށް މަސައްކަތް ކުރޭތޯ ޔަގީންކުރުމަށްފަހު، ނައިޝާ ކޮމްޕިއުޓަރު ނިވާލިއެވެ.އަދި ބޮޑުމީހާއަށް އެތަކެތި ރަނގަޅުކަމަށް ބުނެ މެސެޖެއް ކޮށްލިއެވެ.

މެސެޖް ފޮނުވުމަށްފަހު، ފޯނު މޭޒުމަތީގައި ބާއްވާލައި ފިހާރައިގެ ގޮނޑީގައި ނައިޝާ ލެނގިލައި ހަމަޖެހިލިއެވެ.އެވަގުތު އޭނާގެ ފޯނަށް ކޯލެއް އައެވެ.ވަގުތުން ފޯނު މޭޒުމަތިން ނައިޝާ ނެގިއެވެ.ގުޅަނީ ނުދަންނަ ނަންބަރެއް ކަމުން އެއީ އައްކިޔުން ކަމަށް ހީކޮށް ނައިޝާ އެކޯލަށް ޖަވާބުދިނެވެ.ނަމަވެސް ގުޅީ ޔުދާއެވެ. އޭނާގެ ބައްޕަ ވަލުތެރޭގައި އުޅެނިކޮށް ބޮލަށް ކުރުނބަލެއް ވެއްޓި ބޯފަޅައިގެން ދިޔަ ޚަބަރު އޭނާގެ މަންމަ އެންގުމުން ރަށަށް އައި ވާހަކަ ބުނަންވެގެންނެވެ.

“އެހެންތަ؟…ބައްޕަ ކިހިނެއް މިހާރު؟” ނައިޝާ އަހާލިއެވެ. “އަލްހަމްދުލިއްލާހި ބައްޕަގެ ހާލު ރަނގަޅުވަމުން އަންނަނީ…ކުރުނބާ ވެއްޓި ޖެހުނުލެއް ބާރުކަމުން ބައްޕަ ހޭނެތުނު…އެކަމް މިހާރު ރަނގަޅު…ޔުދާގެ ފޯނުވެސް ގެއްލިއްޖެ… ވަރަށް ބާރުބޮޑުވި އިއްޔެ ފިހާރަތެރެ…އެވަގުތު މީހަކު ނެގީހެން ހީވަނީ…ފޯނު އިންނާނީވެސް ވަރަށް ފަސޭހައިން ނެގޭގޮތަށް މޭޒުމަތީގަ… އިއްޔެ ކަސްޓަމަރެއް ކައިރިއަށް ޖެހިލި ވަގުތު މީހަކު ނެގީހެން ހީވަނީ” ޔުދާ ބުނެލިއެވެ.

“މިހާރު ފޯނަކާ ސިމެއްވެސް ގަނެފިން…ޔުދާ ރަށަށް އައި ވާހަކަ ބުނަންށާާ…އާ ނަންބަރު ދޭންވެގެންނާ އެއްކޮށް މިގުޅާލީ” ޔުދާ އެހެންބުނުމުން އޭނާގެ ނަންބަރަށް ނައިޝާ ގުޅިކަމަށާއި ފޯނު އޮތީ ނިވާލައިފައި ކަމުގައި ނައިޝާ ބުނެލިއެވެ.

“އެހެންވެ ނިއްވާލާފަ އިން ކަމަށް އެބުނަނީ..ބައި ދަ ވޭ ވަރަށް ހެއްވާ ގޮތަކަށޯ ކުރުނބާ ވެއްޓުނީ ބައްޕަ ބުނީ…އެވަގުތު އެތާ އިތުރު ދެމީހުން ތިބެފަ އެކުރުނބާ ވެއްޓުނީ އެމީހުން ތިބި ފަޅިންނޯ އެކަމް ބައްޕަގެ ބޮލަށޯ އޭތި ވެއްޓި ޖެހުނީ” ޔުދާ އިތުރަށް ބުނެލިއެވެ

“އެހެންތަ؟…އިރާދަކުރެއްވިއްޔާ ބައްޕަ ރަނގަޅުވާނެ…ބައްޕައަށް ފަރުވާ ކުރަން ހުޅުމާލެ ގެންނަންވީނު..ނައިގެ އެޕާޓުމަންޓުގަ ހުރެވޭނެ ހަމަ ބޭނުމިއްޔާ…ކަމެއް ބޭނުންވަންޏާ ނައި ކައިރީގަ ބުނައްޗޭ” ނައިޝާ ބުނެލިއެވެ. “ނޫނެ..ބައްޕަގެ ހާލު މިހާރު ރަނގަޅޭ..ކަމެއްވެސް ބޭނުމެއްނުވޭ…ވަރަށް އަވަހަށް ޔުދާ ހުޅުމާލެއަށް ދާނަން” ޔުދާ ޖަވާބުގައި ބުނެލިއެވެ.

“ނައި އޯކޭތަ؟…އަޑުން ހީވަނީ ވަރަށް ސަކަރާތްހެން” ޔުދާ އަހާލިއެވެ.ޔުދާ އެހެން އެހުމުން މިވަގުތު ޔުދާގެވެސް ހާލަތު ރަނގަޅުނޫން ކަމުން ކިޔައިދޭން ބޭނުންނުވާ ކަމަށް ނައިޝާ ބުނެލިއެވެ. “ދެން ބުނެބަލަ ޔުދާ މިބުނީނު ބައްޕަގެ ހާލުވެސް ރަނގަޅޭ މިހާރު” ޔުދާ ކުރުނުކޮށް ކިޔަން ފެށުމުން ނައިޝާ ވެގެންއުޅޭގޮތް ޔުދާއަށް ކިޔައިދިނެވެ. “އަސްލުތަ؟ ދެން ސައިފާ ދިމާވިތަ؟” ޔުދާ ޝައުގުވެރިކަމާއި އެކު އަހާލިއެވެ. “ނޫން..ބޭނުމެއްނޫން އެމޫނު ދެކޭކަށްވެސް..މިރަށަށް އަންނަކަން އެނގުމުން ނައި ވަރަށް ފޫހިވި އެކަމަކު ކުރާނެ ކަމެއްނެތް މިހުރީ އާދެވިފަ” ނައިޝާ ބުނެލިއެެވެ.

ޔުދާގެ އެދުމަށް އައްކިޔުންގެ ނަންބަރު ނައިޝާ ދިނީ ޔުދާގެ ފޯނުން އެނަންބަރަށް ގުޅޭތޯ ޗެކްކޮށްލުމަށެވެ. “ނައި އެމް ސޮރީ…ބައްފަގެ އާ މަންމަގެ އިތުރުން ދޮންބެގެ ފޯނުންނާ ޔުދާގެ ފޯނުންވެސް އައްކިޔުންގެ ނަންބަރަށް ގުޅިއްޖެ…ހަމަ ނައި ބުނިހެން ރިންގްނުވެ ފޯނު ކެނޑެނީ” ޔުދާ އެހެންބުނުމުން ނައިޝާ އިތުރަށް މާޔޫސްވިއެވެ.”ނައި ދެރަނުވޭ…ފަހަރެއްގަ އައްކިޔުންނަށްވެސް ނައިއަށް ނުގުޅިގެން އުޅެނީކަމަށް ވެދާނެއެއްނު..އަދި ގުޅޭނެ” ނައިޝާއަށް ހިތްވަރުދިނުމުގެ ގޮތުން ޔުދާ ބުނެލިއެވެ.ޔުދާއާ ވާހަކަދައްކާލުމަށްފަހު ނައިޝާ ފޯނު ބޭއްވިއެވެ.

“ހިނގާ ދާން މާދަން އަންނާނީ ފިހާރައަށް ކުދިން ހޮވަން އިންޓަވިއުކުރަން” ފިހާރަ ކުޑަކޮށް ހަމައަކަށް އަޅުވާލުމަށްފަހު ފާއިޒް ނައިޝާއަށް ބުނެލިއެވެ.ފާއިޒް ފިހާރަ ތަޅުލާ ބަންދުކުރިއިރު އޭނާގެ ފަހަތުގައި ނައިޝާ ހުއްޓެވެ. “މިހާރު މެންދުރު ކާވަގުތުޖެހުނީ…ތަނަކަށް ކާން އަރާލަންވީނު..މޫސަ ބުނި މިތާ ކައިރި އިންނާނެޔޯ ވަރަށް މީރުކޮށް ކާއެއްޗެހި ހަދާ ރެސްޓޯރެންޓެއް” ފާއިޒް ނައިޝާއަށް ބުނެލިއެވެ.

ކާންދާން ނައިޝާ އެއްގޮތަކަށްވެސް ބޭނުމެއް ނޫޫނެވެ.ނަމަވެސް ފާއިޒް ކުރުނުކޮށް ކިޔަން ފެށުމުން ނައިޝާ ދާން އެއްްބަސް ވިއެވެ.ރެސްޓޯރެންޓަށް ވަދެ ދެމީހުންވެސް ކާތަކެއްޗަށް އޯޑަރުދިނެވެ. “ނައިޝާ ހާދަ މަޑުމޮޅިކޮށޭ ތި އިންނަނީ..ހީވަނީ ކަމަކާ ވަރަށް ދެރަވެފަ އިންނަހެން..މިރަށަަށް އައީއްސުރެ ތި އިންނަނީ ތިހެން” ވާހަކަ ދައްކަމުންގޮސް ފާއިޒް ބުނެލިއެވެ.އެވަގުތު ލުއި ހިނިތުންވެލުމެއް ވުން ފިޔަވައި އެއްވެސް އެއްޗެއް ނައިޝާ ނުބުންޏެވެ.

“އޯކޭ..ނައިޝާގެ ޕާރސަނަލް ކަމެއްވީމަ ކަންނޭނގެ ތިނުބުނީ…ބަޓް ފާއިޒް ބުނެލާނީ ކޮންމެކަމަކާ ހެދި ނައިޝާ ދެރަވާން ޖެހުނަސް، އަބަދުވެސް އޮންނަ އެންމެ ރަނގަޅަކަށް ވިސްނާށޭ…ތިހެން ހިތާމަކުރަންވެއްޖެނަމަ ކުރަން އުޅޭ މަސައްކަތަށްވެސް އޭގެ ނޭދެވޭ އަސަރުކުރާނެ” ފާއިޒް އެހެންބުނުމުން ވަޒީފާއަށް ފުށުއަރާނެ ފަދަ އެއްވެސް އަމަލެއް އޭނާގެ ފުށުން ނުފެންނާނެ ކަމަށާއި އެކަމާ ކަންބޮޑުނުވުމަށް ނައިޝާ ފާއިޒްގެ ކިބައިން އެދުނެވެ.

“އަހަންނަކީ ވަރަށް މަޖާ މީހެއް އަދި ޚާއްސަކޮށް ތިހެން ދެރަވެފަ ތިބޭމީހުން ހެއްވާލަން އަހަރެން ވަރަށް މޮޅުވާނެ” ފާއިޒް އެހެންބުނެ ހިނިއަންނަ ޒާތުގެ މަޖާ ސަމާސާ ކުރަންފެށިއެވެ.ނުހޭން ވަރަށް ހިތްވަރުކޮށްގެން އިން ނައިޝާއަށް ހެވެންފެށިއެވެ. ހެމުން ހެމުންގޮސް ވަރަށް ބޮޑަށް ނައިޝާ ހޭންފެށިއެވެ.އޭނާ އާއި އެކު ފާއިޒްވެސް ހެމުންދިޔައެވެ.އެމީހުންނާ ދިމާއަށް ބަލައިފި މީހަކަށް ނަމަ، އެދެމީހުންނަކީ ވަރަށް ގާތް ވަރަށް އުފަލުގައި އުޅޭ ބައެއްހެން ހީވާނެއެވެ.

ކައިނިމި ދެމީހުންވެސް އެކުއެކީގައި ނިކުތެވެ. “ޔެސް ތިހެން ހެވިފަ ހުރެބަލަ” ފާއިޒް އެހެންބުނެ ހޮޓެލާ ދިމާއަށްދާން ހިނގައިގަތެވެ. “ނައި ދާނަން އިރުކޮޅަކުން ކަމެއްޖެހިއްޖެޔާ ނައިގެ ނަންބަރަށް ގުޅާލާ” ނައިޝާ އެހެންބުނުމުން ހޮޓެލަށް ދާން އެކަނި އިނގޭނެތޯ ފާއިޒް އަހާލިއެެވެ،

“އާނ..މިތާ ކައިރިއެއްނު އެއީ….ނައި ހަމަ މި މޫދުކައިރި ހުރެލާފަ ދާނީ” ނައިޝާ އެހެންބުނުމުން ފާއިޒް ބޯޖަހާލުމަށްފަހު ދާން ހިނގައިގަތެވެ.ނައިޝާވެސް ހިނގާލާފައި މޫދާ ދިމާއަށް ދިޔައެވެ.ފާއިޒް ސަމާސާ ކުރުމުން ނައިޝާ ކުޑަކޮށް ހަމައަކަށް އެޅުނަސް އައްކިޔުންގެ ޚަބަރެއް ނުވާތީ އޭނާގެ ހިތަށް އަދިވެސް ނުތަނަވަސްވެއެވެ.

******

ނައިޝާގެ ޚަބަރެއް ނުވާތީ އައްކިޔުން އިންތިހާއަށް ކަންބޮޑުވިއެވެ.ވަޒީފާގެ މާހައުލުގައި ވެސް މާ ބޮޑު ސަމާލުކަމެއް ނުދެވޭތީ ތިންދުވަހަށް އައްކިޔުން ވަޒީފާއަށް ސަލާމް ބުންޏެވެ.

އައްކިޔުންގެ ބޮލަށް އެތައްހާސް ސުވާލުތަކެއް އަރާފައިބަމުން ދިޔައެެވެ. ހަމައެކަނި ނައިޝާގެ ނަންބަރަށް ނުގުޅެނީ ކީއްވެބާވައޭ އޭނާގެ ހިތަށް އެރިއެވެ.

“ޔުދާ” މަޑުމަޑުން އައްކިޔުންނަށް ބުނެލެވުނެވެ.އަވަސްއަވަހަށް ނައިޝާގެ ގެއާ ދިމާއަށް އައްކިޔުން މިސްރާބު ޖެހިއެވެ.

 

 

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!