ކާތަކެތި ހިފައިގެން ނައިޝާ ކޮޓަރިއަށް ވަދެ މޭޒުމަތީގައި އެތަކެތި ބެހެއްޓިއެވެ.އަދި އެނދުގެ ހެޑް ބޯޑުމަތީގައި އޮތް ނައިޝާގެ ފޯނު ނެގުމަށްފަހު، ބަލައިލިއެވެ.އައްކިޔުންގެ ކޯލެއް ނެތް އިރު މެސެޖެއްހާ ހިސާބުވެސް ނެތުމުން ނައިޝާއަށް ކުޑަކޮށް އުދަނގޫވާން ފެށިއެވެ.އަދި މިހާތަނަށް އައްކިޔުންގެ ފުށުން އެފަދަަ ޢަަމަލެއް ފެނިފައި ނުވާތީއާއި ފުރަން އުޅުނުވަގުތު ދެރަވެލާފައި ގުޅުމަށް ނައިޝާ ގާާތު އައްކިޔުން ބުނެފައިވާތީ މީ އައްކިޔުންނާ ބީރައްޓެހި ޢަމަލެއްކަމުގެ އިހުސާސް ނައިޝާއަށް ވާންފެށިއެވެ.ވިސްނަން ހުރި ނައިޝާ ފޯނު އެނދުމަތީގައި ބޭއްވުމަށްފަހު, ފާހަނައަށް ފެންވަރަން ވަނީ ގޯސްކޮށް ވިސްނަން ބޭނުންނުވާތީއެވެ.
ފެންވަރައިގެން ނިކުމެ ނައިޝާ ރީތިވެލިއެވެ.މެންދުރަށް ކައި ނިންމާލުމަށްފަހު، ނައިޝާ އަނެެއްކާވެސް އައްކިޔުންނަށް ގުޅާލިއެވެ.މިފަހަރު އޭނާއަށް އައްކިޔުންނަކަށް ނުގުޅުނެވެ.އެ ނަންބަރަށް ޑައިލް ކޮށްލިޔަސް ރިންގުނުވެ ފޯނު ކެނޑެނީއެވެ.ދިހަފަހަރު އެނަންބަރަށް ނައިޝާ ގުޅިއިރުވެސް ވީހަމަ އެހެނެވެ.”އައްކި ނައި އަށް ގުޅާބަ ޕްލީސް..ނައި އަށް ނުގުޅިގެން މިއުޅެނީ ތިނަންބަރަށް” ނައިޝާ އައްކިޔުންނަށް މެސެޖެއް ކޮށްލިއެވެ.ފަސް މިނެޓް ވަންދެން އަތަށް ފޯނު ލައިގެން އިން ނައިޝާ މާޔޫސްވީ އައްކިޔުންގެ ޚަބަރެއް ނުވުމުންނެެވެ.
“އައްކި އެމް ސްޓާޓިން ޓު ވޮރީ އެބައުޓް ޔޫ” ނައިޝާގެ ދެވަނަ މެސެޖުގައި ވެއެވެ.ނަމަވެސް އައްކިޔުންގެ ޚަބަރެއް ނުވުމުން ނައިޝާ ކަންބޮޑުވާން ފެށިއެވެ. ހާސްވާންފެށި ނައިޝާ ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަން ފެށިއެވެ.
ފޯނުގެ ރޭންޖްވެސް ރަނގަޅަށް ލިބޭތީއާއެކު ނައިޝާ އިތުރަށް ޔަގީންކުރަން ފާއިޒްގެ ނަންބަރަށް ގުޅާލިއެވެ. “ކީކޭ ނައިޝާ” ފޯނު ރިންގުވެެ އެކޯލަށް ފާއިޒް ޖަވާބުދިނެވެ.
“ފޯނު ރޭންޖު ލިބި ގުޅޭތޯ ބަލައިލީ…މީހަކަށް ނުގުޅުނީމަ” ނައިޝާ އެހެންްބުނުމުން ފާއިޒުގެ ފޯނަށް ގުޅޭކަމަށް ފާއިޒް ބުނެލިއެވެ.
ފާއިޒް ފޯނު ބޭއްވުމުން ނައިޝާ އިތުރަށް ކަންބޮޑުވިއެވެ.ވައިބަރ އަދި ފޭސްބުކް މެސެންޖަރ މެދުވެރިކޮށް އައްކިޔުންނަށް ގުޅޭތޯ ނައިޝާ މަސައްކަތް ކޮށްލިއެވެ.ނަމަވެސް އެކަންވެސް ނައިޝާއަކަށް ކާމިޔާބެއް ނުވިއެވެ.
ގުޅަން އުޅެ އުޅެ އައްކިޔުންގެ އެނަންބަރަކަށް ނުގުޅުނެވެ.ފޭސްބުކް މެސެންޖަރ މެދުވެރިކޮށާ ވައިބަރ މެދުވެރިކޮށްވެސް އޭނާ އައްކިޔުންނަށް ފޮނުވި އެއްވެސް މެސެޖެއް އައްކިޔުން ބަލާފައި ނުވާތީ އާއި އައްކިޔުން އޮންލައިން ގައި އިން ކަމެއްވެސް ނެތްކަމެއްވެސް ނައިޝާ އަކަށް ނުފެނެއެވެ.
ހާސްކަން މަތީގައި ހުރި ނައިޝާ އޭނާގެ މަންމައަށް ވައިބަރ އިން ގުޅާލީ ގުޅޭތޯ ޔަގީންކުރުމުގެ ނިޔަތުގައެވެ.ނައިޝާ ގުޅުމާއެކު އޭނާގެ މަންމަ ފޯނު ނެގިއެވެ.މަންމައާ ކުޑަކޮށް ވާހަކަ ދައްކާލުމަށްފަހު، ނައިޝާ ފޯނު ބޭއްްވިއިރު މުޅިމީހާ ހާސްވެގެންގޮސް ދާ ހިއްލަން ފެށިއެވެ.
އައްކިޔުންގެ ޚަބަރެއް ނުވެ ދާ ކޮންމެ ސިކުންތެއް ނައިޝާ ހާސްކޮށްލައެވެ.ހަދާނެ ގޮތެއް ނޭނގިފައި އިނދެ ޔުދާގެ ނަންބަރަށް ނައިޝާ ގުޅާލިއެވެ.ނަމަވެސްް އޭނާއަކަށް ޔުދާއަކަށްވެސް ނުގުޅުނެވެ.އެފޯނު އޮތީ ނިވާލާފައެވެ.
********
މެންދުރުވެގެން ގޮސް ހަވީރު ވީއިރުވެސް ނައިޝާގެ ހާލަކީ މިއެވެ.ކޮޓަރިތެރޭގައި ހާސްވެ ދެކޮޅަށް ހިނގާލަ ހިނގާލައި ނައިޝާ ހުއްޓާ މީހަކު ދޮރުގައި ޓަކި ޖެހިއެވެ.
“ބޭރަށް މިދަނީ ނައިޝާ ދާނަންތަ؟” ދޮރުމަތީގައި ހުރި ފާއިޒު ބުނެލިއެވެ.ހާސްވެ ކަންބޮޑުވެފައިވާ ނައިޝާ ބޭރަށް ދާން ބޭނުން ނުވާ ކަމުގައި ބުންޏެވެ.
އައްކިޔުންގެ ޚަބަރެއް ނުވެގެން ކަންބޮޑުވެގެން ނައިޝާ އުޅޭއިރު އައްކިޔުންގެ ހާލަކީވެސް އެޔެވެ.ނައިޝާ ލޯންޗުގައި ނައްޓާލި އިރުއްސުރެ އައްކިޔުން ދިޔައީ ނައިޝާގެ ނަންބަރަށް ކެނޑިނޭޅި ގުޅަމުންނެވެ.ނައިޝާގެ ނަންބަރަށް އޭނާ މެސެޖު ކުރި އަދަދެއް ޚުދު އައްކިޔުންނަކަށްވެސް ނޭނގެއެވެ.ނައިޝާ ފަދައިން އައްކިޔުން ވެސް ވައިބަރ އާއި ފޭސްބުކް މެސެންޖަރ މެދުވެރިކޮށް ނައިޝާއަށް ގުޅޭތޯ އާއި މެސެޖް ފޮނުވޭތޯ ވަރަށް މަސައްކަތް ކުރިއެވެ.
ނައިޝާއަށް މެސެޖް ކުރެވުނަސް އޭނާ އޮންލައިން ގައި އިން ކަމެއްވެސް ނެތްކަމެއްވެސް އައްކިޔުންނަކަށްވެސް ނުފެނެއެވެ.ދެތިން މީހެއްގެ ފޯނުން ނައިޝާގެ ނަންބަރަށް ގުޅޭތޯ އައްކިޔުންވެސް މަސައްކަތް ކުރިއެވެ.
ދުވަސް ނިމިގެން ދިޔައީ ނައިޝާ އާއި އައްކިޔުންނާ ދެމީހުންވެސް އެކަކު އަނެކަކަށް ނުގުޅި ކަންބޮޑުވުމެއްގައި ވަނިކޮށެވެ.
*******
ހެނދުނުގެ ނާސްތާ ހިފައިގެން ހޮޓެލް މުވައްޒަފަކު އަޔެވެ.ކާން ބޭނުންނުވިޔަސް ކުޑަ ގޮތެއް ނައިޝާ ހަދާލީ ރޭގައިވެސް އެއްވެސް އެއްޗެއް ނުކައި ހުރުމުގެ ސަބަބުންނެވެ.
ހެނދުނު ނުވައެއް ޖެހިއިރު ފިހާރަ ދޮށަށް ދިއުމަށް ނައިޝާ ބަލާ ފާއިޒް ކޮޓަރި ދޮރުމަތީގައި އައިސް ހުއްޓެވެ.އެވަގުތު ނައިޝާ ފާއިޒްގެ ފޯނު ދިނުމަށް އެދުނެވެ. “މީހަކަށް ނުގުޅިގެން މިއުޅެނީ” ފާއިޒް ފޯނު ދިނުމުން ނައިޝާ ބުނެލިއެވެ.ފާއިޒްގެ ފޯނު ދިނުމާއެކު އައްކިޔުންގެ ނަންބަރު ޖަހާލުމަށްފަހު ނައިޝާ ގުޅާލިއެވެ.ނަމަވެސް އެނަންބަރަކަށް ނުގުޅުނެވެ.ރިންގު ނުވެ އެކޯލު ހަމަ ކެނޑެނީއެވެ.މާޔޫސްކަންމަތީގައި ހުރެ ނައިޝާ ފާއިޒުގެ އަތަށް ފޯނު ދިނީ ޝުކުރު އަދާކުރަމުންނެވެ.
ފިހާރަ ހުޅުވަން ނައިޝާ ހޮޓަލުން ނިކުމެ ފާއިޒާއެކު ހިނގައިގަތެވެ.ހެނދުނުގެ އެވަގުތުގައި ރަށުގެ ބަނދަރުމަތީގައި ފުދޭވަރަކަށް މީހުންއުޅެއެވެ.މަޑު ހިނގުމެއްގައި ހިނގާލައިފައި ދިޔަ ނައިޝާ އާއި ފާއިޒް އައިސް ހުއްޓުނީ ބަނދަރުމަތީގައި ހުރި ތަނަވަސް ބޮޑު ފިހާރައެއްގެ ދޮރުމައްޗަށެވެ.ފިހާރަ ދޮރުމަތީގައި ރަތް ރިބަނުން އައްސާފައިވާ އިރު ރިބަން ކަނޑަން ކަތުރެއް ތަނބަކަކަށް ލައިގެން ޅަ އަންހެންކުއްޖެއް ހުއްޓެވެ.އެ ކުއްޖާއާއި ޖެހިގެން ނައިޝާމެނާ އެރަށުން ހަވާލުވެފައިވާ މީހާ ހުއްޓެވެ.
އެވަގުތު އެތަނަށް މީހުންތައް ޖަމާވާން ފެށިއެވެ. “ނައިޝާ ފޯނުން ފޮޓޯ އާއި ވީޑިޔޯ ކުރައްޗެ..ރިބަން ކަނޑާތަނާ މުޅި ފިހާރައިގެ… ބޮޑުމީހާއަށް ފޮނުވަން” ނައިޝާއަށް ފާއިޒް ބުނެލިއެވެ. ފާއިޒް ރިބަން ކެނޑުމުގައި ޢަމަލީ ގޮތުން ބައިވެރިވިއިރ،ު ނައިޝާ ފޯނުން ވީޑިޔޯއާއި ފޮޓޯތައް ނަގަމުންދިޔައެވެ.
ފިހާރަހުޅުވާލުމަށްފަހު، އެތަނަށް ނައިޝާ އާއި ފާއިޒް ވަނެވެ.ތަނަވަސް ބޮޑު އެތަނުގެ އެތެރޭގައި މުދާތައް ރީތިކޮށް ހަރުތަކުގައިއްޔާ ތަންތަނުގައި އަތުރާލައިފައިވެއެވެ.މުޅިތަން ވަނީ ރީތިވާން ގެންގުޅޭ ސާމާނާއި އަންނައުނުތަކުން ފުރިފައެވެ.އެފިހާރަ އޮތީ މިއަދުވެސް ވިޔަފާރި ފެށުމަށް ތައްޔާރުވެފައެވެ.މޭޒުމަތީގައި ކޮމްޕިއުޓަރެއް އިންނަ އިރު ބާކޯޑު ރީޑަރާއި ފިހާރައަކަށް ބޭނުންވާ ހުރިހާ ސާމާނެއް ހުއްޓެވެ.
ތަނުގެ އެތެރޭގެ ފޮޓޯތައް ނެގުމަށްފަހު ބޮޑުމީހާގެ ނަންބަރަށް އެތަކެތި ނައިޝާ ވައިބަރ ކޮށްލިއެވެ.ނައިޝާގެ އެމެސެޖް ލިބުމާއެކު ބޮޑުމީހާ ވައިބަރ އިން ގުޅަންފެށިއެވެ.” ވަރަށް ހިތްހަމަ ޖެހޭ ތަނުގެ ތަރުތީބާއި ހުރިހާ ކަމަކަށް” ނައިޝާ ފޯނު ނެގުމުން ބޮޑުމީހާ ބުނެލިއެވެ. “މާދަން ނައިޝާ ވާނެ ކުދިން އިންޓަވިއުކުރަން…ވަޒީފާއަށް ތިފިހާރައަށް ވަންނަން ވަރަށް ގިނަކުދިން އެބަތިބިކަމަށް މޫސަ ބުނި…ދެން ނައިޝާމެން ކަމެއް ބޭނުންވަންޏާ މޫސަ ކައިިރި ބުނީމަ ކޮށްދޭނެ…އެއްވެސް ކަމެއް ބޭނުންވޭތަ؟” ބޮޑުމީހާ އެހެން އެހުމުން އެއްވެސް ކަމެއް އެމީހުން ބޭނުންނުވާ ކަމުގައި ނައިޝާ ބުނެލިއެވެ.
ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.






I luvie this story, 🔗💞upload more of this