ލިލިއަން ދޮރުގައި ލެނގިލިއެވެ. އޭނާގެ ހިތް އޭރުވެސް ނެގި ނެގިފައި ޖެހެމުން ދިޔައެވެ. ދިޔާންގެ ހަށިގަނޑުގެ ހޫނުކަން އަދިވެސް އޭނާގެ ގައިގާ ހަރުލާފައިވާހެން ލިލިއަން އަށް ހީވިއެވެ.
ކުއްލިއަކަށް ދޮރެއް ހުޅުވުނު އަޑަށް ލިލިއަން ހަށިގަނޑު ސީދާ ކޮށްލިއެވެ. ކޮޓަރިން ނިކުން ހައިފާ ފެނުމުން ލިލިއަން އަށް ލިބުނީ ހައިރާން ކަމެވެ. ރޭގަނޑު އެފަދަ ގަޑިއެއްގައި ހައިފާ ކޮޓަރިން ނިކުންނާނީ މަދު ފަހަރެެއްގައެވެ.
” ލިލިއަން..” މާ ބޮޑު ސަމާލުކަމެއް ނުދީ ހައިފާ ކުރި ކަނޑާފައި ކޮޓަރިއަށް ދާން ދިޔަ ލިލިއަންގެ ފިޔަވަޅުތައް ހުއްޓުނީ ހައިފާ ގޮވާލުމުންނެވެ.
ލިލިއަން އޭނާގެ މަންމައަށް ބަލާލަމުން މަޑުޖެހިލިއެވެ. ހައިފާގެ މޫނުމަތިން އޭނާ ކަމަކާ ނުތަނަވަސް ވެފައި ހުރިހެން ހީވަމުން ދިޔައެވެ.
” ރޭގަނޑު ގެއަށް އައިއްސަ ކޮޓަރިން ކޮންމެހެން ނިކުންނަން ޖެހިގެންނޫނީ ނުނިކުންނާތި..” ހައިފާގެ ވާހަކައާއެކު ލިލިއަންގެ މޫނުމަތިން ހައިރާންކަން ފާޅުވިއެވެ. އޭނާގެ މަންމަ މީގެ ކުރިން އެފަދަ ކަމަކަށް އެދިފައި ނުވުމުން ހިތުގައި ސުވާލުތައް ފުނި ޖެހިގެން ދިޔައެވެ. އެހެނަސް އޭނާ ސުވާލު ކުރިޔަސް އެދެވޭ ޖަވާބެއް ނުލިބޭނެކަން އެނގޭތީ އެ ޚިޔާލު ލިލިއަން ދޫކޮށްލިއެވެ. ބޯ ޖަހާލަމުން ލިލިއަން އޭނާގެ ކޮޓަރިއަށް މިސްރާބު ޖެހިއެވެ. އޭނާގެ މަންމަ ނުބުންޏަސް މިހާރުވެސް ކޮންމެހެން ނިކުންނަން ޖެހިގެން މެނުވީ ކޮޓަރިން އޭނާ ނުނިކުމެއެވެ. ހާއްސަކޮށް ސުހެއިލް އާ ދިމާވި ފަހުންނެވެ. ރޭގަނޑު ވެއްޖެނަމަ އެގޭތެރެއަށް ވެރިވާ ނާންމާންކަން އޭނާއަކަށް ނޯޅެއެވެ. ޖިންނިންނަށްވުރެ ނުބައި ޝައިތޯނުން އިންސާނުންގެ ތެރޭގައި އުޅެއޭ ބުނާ ބުނުން ލިލިއަން ޤަބޫލުކުރެއެވެ.
ލިލިއަން އިތުރު ސުވާލެއް ކުރުމެއްނެތި ބޯ ޖަހާލަމުން ކޮޓަރިއަށް ވަދެގެން ދިޔަ ދިމާ ބަލަން ހައިފާ ހުއްޓެވެ. ސުހެއިލް ދެއްކި ވާހަކަ ތަކަށްފަހު އޭނާގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. ސުހެއިލްގެ ގޮތް އެނގިހުރެ އޭނާ ބޭނުންވާ ކަމެއް ކުރަން ފަސްނުޖެހޭނެކަން ހައިފާއަށް އެނގެއެވެ. ސުހެއިލް އަށް ފެންނަ ހިސާބަށް ލިލިއަން ނައިއްސިނަމަ ހުރިހާ ކަމެއްވެސް ރަނގަޅު ވާނެކަމުގައި ހައިފާ އުންމީދު ކުރިއެވެ.
*******
ދިޔާން މާލެ ފުރަން ހަމަޖެހޭ ދުވަސް ކައިރިވަމުން އައި ވަރަކަށް ލިލިއަންގެ ހިތަަށް ވެރިވެފައިވާ ނުތަނަވަސް ކަން އިތުރުވެފައި ވިއެވެ. ނަމަވެސް އޭނާގެ ހިތު ތެރޭގައި އުފެދެމުން އައި ތޫފާނުގެ އަސަރު ދިޔާން އާ ހަމައަށް ނުފޯރާ ވޭތޯ ލިލިއަން މަސައްކަތް ކުރަމުން ދިޔައެވެ.
” ޓިކެޓް ބުކިންގް ހަދައިފިން.. ” ދިޔާން ލިލިއަންގެ ކައިރީ އަތިރީގައި ހުރި ފުނަގަސްދޮށުގައި އިށީންނަމުން ހާމަކުރިއެވެ. އޭނާ އެރަށަށް އައިތާ އެއްމަސް ދުވަސް ވަނީއެވެ. މާލޭގައި އޭނާ އަދާކުރަން ޖެހޭ ވާޖިބުތައް އަދާނުކޮށް އޭނާއަށް އިތުރަށް އެރަށުގައި މަޑު ކުރެވޭކަށް ނެތެވެ.
“ކޮ.. ކޮން ދުވަހަކަށް ފުރުން ހަމަޖެހުނީ..؟” އިނގިގެން ދިޔަ ހަޤީޤަތް ވެގެން ދިޔައީ ލިލިއަންއަށް ބިރުވެރި ހުވަފެނަކަށެވެ.
މޫނަށް ވެރިވީ ނުތަނަވަސްކަން ފޮރުވަން މަސައްކަތް ކުރަމުން ލިލިއަން އާދައިގެ ރާގެއްގާ ސުވާލު ކުރެވޭތޯ މަސައްކަތް ކުރިއެވެ.
“ހޯމަ ދުވަހު.. އެދުވަހު ހަވީރު..” ދިޔާން ބުނެލުމުން ލިލިއަން ވިސްނާލިއެވެ. މިއަދު މިއީ ހުކުރު ދުވަހެވެ. ހޯމަ އަންނަން ބާކީ އޮތީ ދެދުވަހެވެ. ދިޔާން އާއެކު ހޭދަކުރެވެން އޮތް ކުރު މުއްދަތު ތަސައްވަރު ކޮށްލެވުމުން ލިލިއަންގެ މޫނުމައްޗަށް މާޔޫސްކަން ވެރިވެ ހިތުގެ ހަމަޖެހުން ގެއްލިގެން ދިޔައެވެ.
” އައިލް މިސް ޔޫ..” ބަހެއް ނުބުނެ އިސްޖައިގެން އިން ލިލިއަން އަށް ބަލާލަމުން ދިޔާން ބުނެލިއެވެ. މިއީ އޭނާއަކަށްވެސް ނިންމަން ފަސޭހަ ނިންމުމެއް ނޫނެވެ. އެހެނަސް މާލެ ނުގޮސް ވާކަށްވެސް ނެތެވެ. ލިލިއަން އާ ދުރަށް ދާން ޖެހޭ ޙިޔާލު ކޮށްލެވުމާއެކުވެސް އަމިއްލަ ޡަބީއަތް ގޯސްވާހެން އޭނާއަށް ހީވިއެވެ.
” ލިލީ އަހަރެން މަތިން ހަނދާނެއް ނުވާނެތަ..؟” އަދިވެސް އޭނާއާ ދިމާ ބެލުމެއްނެތި އިސްޖަހައިގެން ލިލިއަން އިންނަން ފެށުމުން ދިޔާން ސުވާލުކޮށްލިއެވެ. ދިޔާންގެ ސުވާލާއެކު ލިލިއަން ވަޤުތުން ދެފަރާތަށް ބޯ ހޫރުވާލިއެވެ.
” ދެން ކީއްވެ އިސްޖައިގެން ތިއިނީ.. އަހަންނާ ދިމާއަށް ނުބަލަން ހިތުލައިގެންތަ..؟”
ދިޔާން ސަމާސާ ރާގެއްގައި ބުނެލިއެވެ.
” އިނގޭތަ އަހަރެން މާޔާ އާ ސަދޫފް ކައިރި ބުނެފިން ދިޔުމުގެ ކުރިން އެއްކަލަ ރަށަށް ދަތުރެއް ދާން ހިނގާށޭ.. ކުރިން ފަހަރާ ތަފާތުކޮށް ހަމައެކަނި އަހަރެމެން ހަތަރު މީހުން މިފަހަރު ދާނީ.. މާދަން ހެނދުނު ފުރައިގެން ގޮސް ރޭގަނޑު އަންނާނީ.. އެގޮތް ކަމުދޭތަ..؟ ” ލިލިއަންގެ މިލާފައިވާ މޫނުފެނުމުން ދިޔާންގެ ހިތަށް ތަދުވިއެވެ. އޭނާ ވަރަށް ވިސްނުމަށްފަހު ދަތުރު ރޭވީވެސް ލިލިއަން އާއެކު ވީހާވެސް ގިނަ ވަޤުތެއް ހޭދަކޮށްލަން ލިބޭނެތީއެވެ.
ލިލިއަންގެ ފަރާތުން ހިނިތުންވުމެއް ފެނުމާއެކު ދިޔާންގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. އޭނާ ލިލިއަން އާ ދައްކަން ބޭނުންވާ ބައިވަރު ވާހަކަތަކާއި ހިއްސާކުރަން ބޭނުންވާ އެތައް ކަމެއް އެބަހުއްޓެވެ. އެހެނަސް އެވަޤުތަކީ އެކަމަށް އެންމެ އެކަށޭނެ އިރު ނޫންކަމަށް ދިޔާން ނިންމިއެވެ.
********
ދަތުރުގައި އެންމެންވެސް ވީވަރަކުން ދިޔާންގެ ފުރުމާ ގުޅޭ އެއްވެސް ވާހަައެއް ނުދައްކާ ވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. މޫދުގެ އެކި ކުޅިވަރުތަކުގައި ވަޤުތުތައް ހޭދަކުރުމަށްފަހު ހަވީރުވުމުން އެންމެން ވަރުބަލި ފިލުވާލަން ތަންމަތި ތަކުގައި ޖައްސާލިއެވެ. ހަށިގަނޑަށް ލިބުނު ލޮޑުކަމާއެކު ލިލިއަން އަށް ނިދީގެ އާލަމަށް ދަތުރު ކުރާކަށް މާގިނައިރެއް ނުނެގިއެވެ.
ލިލިއަން އަށް ހޭލެވުމާއެކު ފުންމައިގެން ތެދުވެ ފޯނު ނަގާ ގަޑި ބަލައިލިއެވެ. އިރުއޮއްސި ރޭވެފައިވާކަން އެނގުމުން ލިލިއަންގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. އެއްވެސް މީހަކު އޭނާއަށް ނުގޮވި ކަމަށްޓަކައި ހިތުގެ ކަނަކުން ޝަކުވާ ކޮށްލެވުނެވެ. ނިދުމުގެ ސަބަބުން އޭނާއަށް ދިޔާން އާއެކު ހޭދަކުރެވެން އޮތް ވަޤުތު މަދުވުމުން އެހިތް މާޔޫސްވިއެވެ. އޭނާއަށް ފުރާގަޑި އެނގިފައި ނުވުމުން ވަކިން ކަންބޮޑުވިއެވެ. ހޭލިތަނުން ފުރައިގެން ރަށަށް ދާންޖެހިތްޖެނަމަ ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ ލިލިއަން ތެދުވެގެން ކޮޓަރިން ނިކުތީ ތެޅިތެޅި އޮތް ހިތަކާ އެކުއެވެ. ބޭރު ބަލާލުމާއެކު ބީޗް ޗެއަރގައި އޮށޯވެލައިގެން އޮތް ދިޔާން ލިލިއަންގެ ލޮލުގައި އަޅައިގަތެވެ.
” ހޭލެވުނީތަ..؟” މީހެއްގެ ހިލަން ވެގެން ބަލައިލި ދިޔާން އަށް ލިލިއަން ފެނުމުން ކޮޅަށް ތެދުވިއެވެ.
” ކޮބާ މާޔާ އާ ސަދޫފް..؟” ލިލިއަން ދެމީހުންގެ ހިލަމެއް ނުވުމުން ވަށައިގެން ނަޒަރު ހިންގާލަމުން ސުވާލުކުރިއެވެ.
” ހިނގާލަން ގޮސްވީ.. ލިލީ ހޭލީމަ ދާން އަހަރެން މަޑު ކުރީ..” ދިޔާން ހާމަކުރިއެވެ.
” ކީއްވެ އަހަންނަށް ނުގޮވާލީ..؟” ލިލިއަން ތުންކޮޅު އޫކޮށްލަމުން ޝަކުވާ ކޮށްލިއެވެ.
” މާޔާ ބުނި ގޮވާލީމަ ނުހޭލި ވާހަކަ.. އެހެންވެ.. މާލަސްވާއިރު ނުހޭލައިފިއްޔާ ގޮވަން ބޭއްވީ.. އަދި ފުރުމުގެ ކުރިން އެބަ އޮތޭ ވަޤުތު.. ހިނގާ ހިނގާލަން ދާން..” ލިލިއަން ހިތްހަމަ ޖައްސައިދޭން މަސައްކަތް ކުރަމުން ދިޔާން އޭނާގެ އަތް ދިއްކޮށްލިއެވެ. ލިލިއަން އޭނާގެ އަތުގައި ހިފުމާއެކު ދެމީހުން އެކީ ހިނގައިގަތެވެ.
***************
ރާޅުތައް ބީއްސަމުން ދިޔަ އަޑުން ފަޒާގެ ތެރޭގައި ލުއި މިޔުޒިކެއް އުފެދިފައި ވިއެވެ. ދޮންވެލި ތުނޑިއާ ހިސާބަށް ހިނގަމުން އައި ލިލިއަންގެ އަތާއި ދިޔާންގެ އަތްވަނީ ޖޯޑު ކޮށްލެވިފައެވެ . ތުނޑިއަށް އާދެވުމާއެކު ލިލިއަން އައިސް ރާޅު ފަށުގައި ހުއްޓެމުން އުޑުމައްޗަށް ނަޒަރު ހިންގާލިއެވެ. ތުނޑިމައްޗަށް އުޑުމަތި މާ ރީއްޗާށް ފެންނަމުން ދިޔައިރު އަލިމަސް ތަކެއް ފަދައިން ބަބުޅަމުން ދިޔަ ތަރިތައް އުޑުގައި ބޮނޑިވެފައި ވެއެވެ. ލިލިއަން އާ ކުޑަ ތަންކޮޅެއް ދުރުގައި ހުރި ދިޔާން ލިލިއަންގެ ހަރަކާތްތަކަށް ކަޅި ޖަހާ ނުލާ ބަލަން ހުއްޓެވެ. ލިލިއަންގެ ކޮންމެ ހަރަކާތަކުން ދިޔާންގެ ހިތަށް ފިނިކަން ލިތްބައިދެމުން ދިޔައެވެ.
“އަނެއްކާ މިރޭ ގާކޮޅަކަށް ނެހެރެއްޗޭ..” ދިޔާން ލިލިއަން އާ ސަމާސާ ކޮށްލަމުން ބުނެލިއެވެ.
“އެހެންވެ ބިރުން ފައިވާންވެސް ނުބާލަން މިހުންނަނީ..” ލިލިއަންވެސް ހީލަމުން ހާމަކުރިއެވެ.
” ލިލީ..” ދިޔާން ހިނގުން މަޑުޖައްސާލުމާއެކު ލިލިއަންގެ ފިޔަވަޅުތައްވެސް ހުއްޓުމަކަށް އައެވެ. ދިޔާން ގޮވާލި ރާގުގައިވީ ތަފާތުކަން ދެނެގަނެވުމުން ލިލިއަން ދިޔާންގެ މޫނަށް ބަލައިލިއެވެ. އެ އަޑުގައިވަނީ ކޮންމެވެސް ވާހަކައެއް އޭނާއާ ދައްކަން އުޅޭކަމުގެ އަސަރެވެ.
” ހަނދާންވޭތަ ކުރިން އައި ދަތުރުގަ އެންމެން ލިލީ ގެއްލިގެން އުޅުން ވަޤުތު..؟” ދިޔާން ސުވާލު ކުރުމާއެކު ލިލިއަން
ބޯ ހިއްލާލަމުން ދިޔާންގެ މޫނަށް ބަލައިލިއެވެ. އެހިނދު ސިކުނޑީގައި އެދުވަސް ސިފަވެގެން ދިޔައެވެ. އޭނާ ފެން ފުޅިއެއް ބަލާ ރަށު ތެރެއަށް އެރިވަޤުތު އެންމެން ހީކުރީ އޭނާ މޫދަށް ގެއްލުނީކަމަށެވެ. އެ ލަދުވެތި ހާދިސާ ހަނދާން ކުރަމުން ލިލިއަން ބޯ ޖަހާލިއެވެ.
” އެގަޑީގަ އަހަރެންވެސް ހީކުރީ.. ލިލީ އަށް ކަމެއް ވީކަމަށް.. އަހަރެން ވަރަށް ބިރުގަތް.. އަމިއްލަ ނަފްސު ކުށްވެރިވެސް ކުރެވުން… ހިތަށް އެރި ލިލީގެ ކުރިމަތިން ނުދެވުުނު ނަމަ އެހެން ނުވީހޭ.. އެވަޤުތުހާ އަހަރެން ހަދާނެގޮތް ހުސްވި ވަޤުތެއް އަދި ހަޔާތުގަ މިހާތަނަށް ނާދޭކަންނޭނގެ..”
” އަނެއްކާ ލިލިއަން ނުފެންނަ ހިސާބަށް ދާން.. އަހަރެން ވަރަށް ނުތަނަވަސްވޭ.. އެކަމަކު މިދަތުރު މާލެ ދިޔުން އަހަންނަށް ކޮންމެހެން މަޖުބޫރު… ލިލީ.. އަހަރެން މި ދަތުރު މާލެ ގޮއްސަ ވަރަށް އަވަހަށް އަނބުރާ އަންނަން ބޭނުން.. އަދި ލިލީ ބޭނުމިއްޔާ .. އަހަރެން.. ލިލީ އާ ވަރަށް އަވަހަށް މެރީ ކުރަން ބޭނުން..” ދިޔާން ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ އަޑުގައިވާ ޖެހިލުންވުން ފާޅުވަމުން ދިޔައެވެ.
” ލިލީ..؟” ލިލިއަންގެ ފަރާތުން ޖަވާބެއް ނުލިބުމުން ދިޔާން ހާސްކަމާއެކު ގޮވާލިއެވެ. މީހާއަށް ލިބިފައިވާ ޝޮކުން ލިލިއަން އަށް އަރައިގަނެވުނީ ދެނެވެ.
” އަހަރެން ލިލީ އަކަށް އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރާނަން.. ލިލީ އަށް ކައިވެނި ކުރަން މާ އަވަސް ކަމަށް ފެންނަންޏާ އަހަންނަށް އިންތިޒާރު ކުރެވޭނެ.. ” ދިޔާން އެއްވެސް ހާލެއްގައި ލިލިއަންގެ ހަމަޖެހުން ގެއްލިގެން ދާގޮތަކަށް ކަންކުރާކަށް ބޭނުމެއް ނޫނެވެ. ދިޔާން ކައިވެނި އަވަސް ކުރަން ބޭނުންވީ އޭނާއަށް ލިލިއަން އާ ދުރުގައި ވަކިން އުޅެން އުނދަގުވެފައި ވުމުންނެވެ. ލިލިއަން ފެންނަ ހިސާބުގަ ނެތިއްޔާ އޭނާގެ ހާލާއި ރައްކާތެރިކަމާ މެދު ދިޔާން އަބަދުވެސް ހުންނަން ޖެހޭނީ ކަންބޮޑުވެފައެވެ.
” އަހަރެން.. އަހަރެންވެސް.. ބޭނުން..” ލިލިއަން އަޅަ އަޅައިގަންނަމުން ބުނެވުނެވެ. ލިލިއަންގެ ރުހުމާއެކު ދިޔާންގެ ތުންފަތަށް ބަޔާން ނުކުރެވޭފަދަ ހިތްހަމަ ޖެހުމެއް ވެރިވެގެން ދިޔައެވެ.
” އަހަރެން ގޮއްސަ މަންމަ އާ ބައްޕަ އާ ވާހަކަ ދައްކާނަން.. އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް ކައިވެނި ހަމަޖައްސާނަން.. ” ދިޔާންގެ މޫނުމަތީގައިވީ އުޖާލާ ކަމާއެކު ވާހަކަ ދެއްކިއެވެ.
” ޔާން މަންމަ މެން އަހަރެން ބަލައިނުގެންފިޔާއޯ..؟” ލިލިއަން ކަންބޮޑުވުމާއެކު ސުވާލު ކުރިއެވެ. އޭނާއަށް ދިޔާންގެ އާއިލާގެ ގޮތް ނޭނގުނަސް އެއީ ކޮން ފެންވަރެއްގެ ބައެއްކަން އެނގެއެވެ. އެފަދަ މަތީ ފަންތީގެ ބަޔަކު ރާއްޖެ ތެރޭގެ ނިކަމެތި ކުއްޖެއް އެމީހުންގެ ޅީ ދަރިއެއްގެ ގޮތުގައި ބަލައިގަންނާނެ ހެއްޔެވެ؟ އަދި އެވަރުން ނުވެގެން އޭނާއަކީ މުޅި ރަށު ތެރޭގައި ނަން ކިލަނބުވެފައިވާ މީހެކެވެ. ބައްޕައެއްނެތް ” ޚަރާމް ދަރި” އެއްގެ ލަޤަބު ލިބިފައިވާ މީހެކެވެ.
” ކީއްވެ ލިލީ ބަލައިނުގަންނަންވީ.. އަހަންނަށް އެނގޭ އެދެމީހުންނަށް ލިލީ ފެނިއްޖިއްޔާ ވަޤުތުން ގަޔާވާނެކަން.. ހާސްނުވެބަ.. އަހަރެން މަންމަ އާ ބައްޕަ ވަރަށް ކޫލް ވާނެ.. ލިލީވެސް ލައިކް ވާނެކަން ޔަޤީން.. ” ދިޔާން ޖޯޝާއެކު ބުނެލަމުން ލިލިއަންގެ ނޭފަތުގައި ހިފާލިއެވެ.
” އަދި.. އަހަރެން އެބަހުރި ލިލިއަންއަށް އިންޓްރޮޑިއުސް ކޮށްދެން ބޭނުންވާ މީހެއް..” ކުއްލިއަކަށް ދިޔާންގެ މޫނުމައްޗަށްވެރިވި ތަފާތު އަސަރާއެކު ހާމަކުރިއެވެ.
” އެއީ ކާކު..؟” ލިލިއަން ޝައުޤުވެރިވީ ވަރުން ސުވާލު ކޮށްލެވުނެވެ.
” އެއީ.. މީ.. ދެން ފަހަރަކުން އައިއްސަ ބުނާނަން..” ދިޔާން އެކި ގޮތްގޮތަށް ވާހަކަ ފަށަން މަސައްކަތް ކުރުމަށްފަހު އެންމެ ފަހުން ބުންޏެވެ.
“އެހެންފަހަރަކުން.. އެހެންފަހަރަކުން އަހަރެން ލިލީއަށް ހުރިހާ ވާހަކައެއް ކިޔައިދޭން.. މިރެޔަކު ނޫން.. މިރޭ އަހަރެން ބޭނުމީ ލިލީއާއެކު އުފާވެރި ވަޤުތުކޮޅެއް ހޭދަކޮށްލަން..” ދިޔާން ލިލިއަންގެ ގައިގާ ބައްދާލަމުން ލިލިއަންގެ ބޮލުގައި ދަތްދޮޅި އަޅުވާލިއެވެ. ދިޔާން އެދައްކަނީ ކޮންވާހަކައެއްކަން ފަޙުމް ނުވިޔަސް ލިލިއަން އެކަމާ އިތުރަށް ސުވާލު ކުރާކަށް ނަހަދައެވެ. އޭނާވެސް ދިޔާން އެކޭ އެއްފަދައިން ބޭނުންވީ ހަމަހިމޭން އުފާވެރި ވަޤުތުކޮޅެކެވެ. ދިޔާންގެ މޭގައި މޫނު ޖައްސާލަމުން ދިޔާންގެ ގައިން ދުވަމުން ދިޔަ ފިރިހެންވަންތަ ސެންޓުގެވަސް އެތެރެއަށް ދަމާލަމުން ލިލިއަން ދެލޯ މަރާލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






