“ބައްޕާ ކޮންވާހަކައެއް ދައްކަންތަ ތިއުޅެނީ….؟؟” ޖާވިދު ދައްކަން އެ އުޅޭ ވާހަކައެއް އެނގެން ބޭނުންވެފައި އިންވަރުން ރަޔާނަށް އަހާލެވުނެވެ. ރިދާއާއި ލައިނީއަށްވެސް އިނދެވުނީ އެވާހަކައެއް އެނގެން ބޭނުންވެފައި އިންވަރުން ސަމާލުވެލައިގެންނެވެ. ޖާވިދު ލީނާއަށް ބަލާލަމުން ވާހަކަދައްކަން ފެށިއެވެ.
“މިއަދު ހެނދުނު ނިމާލްގެ ދެމެފިރިން ގުޅި….” ވާހަކަ ކުރިއަށް ގެންދިއުމުގެ ކުރިން ޖާވިދު ވަކިވަކިން އެންމެންގެ މޫނަށް ބަލާލިއެވެ.
“އެމީހުން ބޭނުންވަނީ ރިދާ އާއި މިލާންގެ ކައިވެނިކުރުވަން…. އެކަމަކު ރިދާ ޤަބޫލިއްޔާ……” ރިދާއަށް ބަލާލަމުން ޖާވިދުގެ ފަހު ޖުމްލަ ބުނެލީ އަކުރުތަކަށް ބާރުލާފައެވެ. ޖާވިދު ދެއްކި ވާހަކައަކުން ރިދާގެ އިތުރުން، ރަޔާންގެ ދެމަފިރިންނަށްވެސް ކުއްލި ހައިރާންކަމެއް ލިބުނެވެ. އެންމެންގެ ނަޒަރު އަމާޒުވެފައިވީ، ދެލޯ ބޮޑުކޮށްލައިގެން ހުއްޓުން އަރާފައި އިން ރިދާއަށެވެ.
“ދަރިފުޅު ޤަބޫލު ނޫނިއްޔާ އިންކާރު ކުރުމުގެ ފުރިހަމަ އިޚްތިޔާރު ދަރިފުޅަށް ލިބިގެންވޭ…. މިކަމުގައި އެއްވެސް މަޖުބޫރުކަމެއް ނެތް….. ނިންމުން ނިންމާނީ ދަރިފުޅު އަމިއްލައަށް….. މި ހުށަހެޅުމަށް ދަރިފުޅު، އިންކާރު ކުރިޔަސް، މާތް ﷲ އިރާދަކުރެއްވިއްޔާ ދެފަރާތުގެ ޢާއިލާގެ މެދުގައި މިއޮތް އެކުވެރިކަމާއި ގާތްކަމަށް އެއްވެސް ބަދަލެއް ނާންނާނެ…..” ރިދާ އިންގޮތް ފެނިފައި ޖާވިދު ބުނެލިއެވެ. އޭނާ ބޭނުންވީ ރިދާއަށް އެއްވެސް ކަހަލަ މަޖުބޫރުކުރުމަކާ ނުލާ ރިދާ އަމިއްލައަށް ގޮތް ނިންމާށެވެ.
“މި ކައިވެންޏަށް މިލާން ޤަބޫލުތަ…..؟؟؟” ޖާވިދާއި ދިމާއަށް ބަލާލިނަމަވެސް، ރިދާގެ މޫނުމަތީގައި އަދިވެސް ހައިރާންކަމުގެ އަސަރުތައް ވިއެވެ. ރިދާގެ ސުވާލުގެ ޖަވާބުގައި ބޯޖަހާލަމުން ޖާވިދު އެންމެންގެ މޫނަށް ވަކިވަކިން ބަލާލިއެވެ. ދެފަހަރަކު އެސްފިޔަތައް ތަޅުވާލިނަމަވެސް، ރިދާ އެއްވެސް އެއްޗެއް ނުބުނެއެވެ. ދެން ހޭދަވެގެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ.
“އަހަރެންވެސް މިކައިވެންޏަށް ޤަބޫލު…..” ތަނަށް ވެރިވެފައިވާ ހިމޭންކަން ފޫދުއްވާލަމުން ރިދާ ބުނެލިއެވެ. އޭނާގެ ނަޒަރު ސީދާވެފައިވީ އޭނާއަށް ބަލަން އިން ޖާވިދަށެވެ. އެތުންފަތުގައި ލުއި ހިނިތުންވުމެއް ވިއެވެ. ރިދާގެ ދުލުން ނުކުތް ލަފްޒުތަކެއް ނަމަވެސް، ޤަބޫލުކުރަން ދަތިވެފައި ލައިނީއަށް އިނދެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ލައިނީއަށް ވީވަރު ނުވިނަމަވެސް، ދެން ތިބި މީހުންނަށްވެސް ހައިރާންކަން ލިބިގެން ދިޔައީ ރިދާ އެކައިވެންޏަށް ޤަބޫލުވުމުންނެވެ. ވާނީވެސް އެހެންތާއެވެ. ރިދާއަކީ އަބަދުވެސް ބީރައްޓެހިންނާ ކައިވެނިކުރުމާއި ނިކަން ދެކޮޅަށް އުޅޭ ކުއްޖެކެވެ. ރުހާ މިކްޔާނާއި ކައިވެނިކުރަން އުޅުމުންވެސް އޭނާ އެކަމާ ނިކަން ހިތްހަމަ ނުޖެހިގެން ލީނާމެންގެ ގާތުގައި އެވާހަކަތައް ދެއްކިއެވެ. ނަމަވެސް، މިހާރު އޭނާ އެ އެއްބަސްވީ ހަމަ ބީރައްޓެއްސަކާ ކައިވެނިކުރާށެވެ. އަދި އެވެސް މިލާނާއެވެ. ލައިނީއަށް އެހާބޮޑު ހައިރާންކަމެއް ލިބުނީ އެހެންވެއެވެ. ރިދާ އެންމެ ގިނައިން ބީރައްޓެހިންނާއި ކައިވެނިކުރުމާ ދެކޮޅަށް، ވާހަކަތައް ދައްކަނީ އޭނާގެ ގާތުގައެވެ. އަދި އޭގެ އިތުރުން މިލާނާ ކައިވެނި ކުރަން ބޭނުން ނުވާ ކަމުގައިވެސް، ރިދާވަނީ އޭނާގެ ގާތުގައި ބުނެފައެވެ.
“ދަރިފުޅު ތި ވިސްނަނީ ރުހާއާއި ދޭތެރޭ ދޯ…. އެހެންވެ ދޯ ތި އެއްބަސްވީ….. ދަރިފުޅު ތީ ބީރައްޓެހިންނާ ކައިވެނިކުރަން ބޭނުންވާ ކުއްޖެއްވެސް ނޫނެއްނު…..” ޖާވިދު ހީކުރީ ރިދާ އެކައިވެންޏާމެދު ޤަބޫލުވީ ރުހާއާއި ދޭތެރޭ ވިސްނާ، އެކައިންވެންޏަށް އިންކާރުކޮށްފިނަމަ، އެކަމުގެ ސަބަބުން ރުހާއަށް ދެރައެއް ލިބިދާނެތީ ކަމުގައެވެ. ޖާވިދުގެ ވާހަކަތައް އިވިފައި ރިދާ ބޯހޫރާލިއެވެ. ނަމަވެސް، އޭނާއަށް އެއްޗެކޭ ބުނެވޭ ގޮތްނުވީ، ޖާވިދު އަނެއްކާވެސް ވާހަކަ ދައްކަން ފެށުމުންނެވެ.
“ދަރިފުޅު ހީނުކުރައްޗޭ މި ގުޅުމަށް އިންކާރުކޮށްފިއްޔާ އެމީހުންގެ ފަރާތުން ރުހާއަށް އެއްވެސް ކަހަލަ އުނދަގޫތަކެއް ފޯރާނޭ…. އެހެނޭ ކިޔާފައި ރުހާއަށް އޭގެ ސަބަބުން އެއްވެސް އަސަރެއްނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ނިމާލް ދިން…. ދަރިފުޅުގެ ނިންމުމަށް ދެފަރާތުގެ ޢާއިލާ އިންވެސް އިހްތިރާމްކުރާނެ…..” ޖާވިދު ދެއްކި ވާހަކަތައް އަޑުއަހަން އިން ލީނާ ރިދާގެ އަތުގައި ހިފަހައްޓާލަމުން ބޯޖަހާލީ، އެ ވާހަކަތަކުގެ ތެދުކަން ހާމަކޮށްދިނުމަށެވެ.
“ބައްޕާ….. އަހަރެންގެ ހިތަކަށް އެކަހަލަ އެއްވެސް އެއްޗެއް ނާރައޭ…. މީ އަހަރެން އަމިއްލައަށް ބޭނުންވެގެން ނިންމި ނިންމުމެއް….. އެހެންނޫނަސް، މިހާރު އަހަންނަށް އެމީހުން ވަރަށް ރަނގަޅަށް އެނގޭ….. އަހަންނަކަށް ހިއެއް ނުވެ ކޮންމެ ކަމެއް ކޮންމެ ގޮތަކަށްވިޔަސް، އެމީހުން ދޮންތިއަށް ދެރަގޮތެއް ހަދާނެހެނެއް….. އެއީ އެއަށްވުރެ މާ ރަނގަޅު، މާ ހިތްހެޔޮ، މާ މާތް ބައެއް….” ޖާވިދަށާއި ލީނާއަށް ބަލާލަމުން ރިދާ ބުނެލިއެވެ. އޭނާގެ މޫނުގައިވީ ކުލަވަރުތަކުން ޖާވިދުމެންނަށްވެސް ރިދާގެ ވާހަކަތައް ޤަބޫލުކުރެވުނެވެ.
“އަހަރެން މިއައީ އެމީހުންގެ ގާތުގައި ފުދޭވަރަކަށް ގިނަ ދުވަހު އުޅެފައެއްނު…. ވަރަށް ތެދަށް ބުނަންތަ ވާހަކައެއް….. ބީރައްޓެހިންނާ ކައިވެނިކުރުމާމެދު އަހަރެން ދެކޭގޮތް ބަދަލުވީ އެމީހުންގެ ސަބަބުން…. އަސްލު އަހަރެން ހީކުރީ ކައިވެނިކޮށްގެން ގެއަށް ގެންނަ ބީރައްޓެހިކުދިންނާ ދޭތެރޭ އެންމެންވެސް ކަންތައް ކުރާނީ ވަރަށް ގޯސްކޮށްކަމަށް…. އެކަމަކު އެއީ މުޅިއަކުން ތެދެއް ނޫންކަން އަހަންނަށް ޤަބޫލުކުރެވުނީ އެމީހުންގެ ތެރޭގައި އުޅެލީމަ….. އެމީހުން ދޮންތިއެކޭ މަލަކްއެކޭ އެއްވެސް ކަމެއްގައި އެއްވެސްވަރަކަށް ތަފާތެއް ނުކުރެ…. އަހަންނާ ދޭތެރޭވެސް ތަފާތު ގޮތެއް ނުގެންގުޅޭ…. އަހަންނާ ދޭތެރޭވެސް އެމީހުންގެ ޢަމަލުތައް ބަހައްޓާ، ވާހަކަދައްކާ ހަދަނީ ދޮންތިއާއި މަލަކްއެކޭ އެއްގޮތަށް، އަމިއްލަ ދަރިއެއްހެން….. އެރަށަށް ދިއައި ހަފްތާއަކަށް ނަމަވެސް، އިތުރަށް އެރަށުގައި މަޑުކުރާ ހިތްވީ އެހެންވެ…. އެމީހުން ރަނގަޅުކަމުން…. ހިއެއް ނުވެ މި އުޅެވެނީ އަމިއްލަ ޢާއިލާ ގާތަކު ނޫނެކޭ…..” ލީނާގެ އަތުގައި ހިފަހައްޓާލައިގެން އިނދެ ރިދާ ދެއްކި ވާހަކަތަކުން ހިނިތުންވެ އިނދެ ލީނާއަށް ބަލާލެވުނީ ޖާވިދަށެވެ.. ޖާވިދުވެސް އިނީ ހިނިތުންވެލައިގެންނެވެ. ރަޔާންގެ ދެމަފިރިންގެ މޫނުމަތިންވެސް ފެންނަމުންދިޔައީ އުފާވެރިކަމެވެ.
“ތީ ދަރިފުޅުގެ ނިންމުންކަމުގައިވާނަމަ ބައްޕަމެންގެ އެއްވެސް މައްސަލައެއް ނެތް…. ދަރިފުޅުމެން މިރަށުގައި ނޫޅުނަސް ތި ދެކުދިން އެއް ގެއެއްގައި އުޅެންޏާ ބައްޕަމެން ވަރަށް ހިތްހަމަޖެހޭނެ….. އަދި ޚާއްސަކޮށް ދަރިފުޅުގެ ދުލުން އެމީހުންނަށް ތައުރީފްކޮށް ތި ދެއްކި ވާހަކަތަކުން، ބައްޕަގެ ހިތުގައި ރުހާއާއިމެދު އުފެދިފައިވާ ކަންބޮޑުވުން އެކީ ފިލައިގެން ގޮއްސި….. ހަމަޔަޤީނުންވެސް ދަރިފުޅު އެމީހުންނަށް އެހާ ތައުރީފްކުރާނީ، އެ މީހުން ވަރަށް ރަނގަޅުވީމަ…..” އިންތަނުން ތެދުވެގެން އައިސް ރިދާގެ ބޮލުގައި ފިރުމާލަމުން ޖާވިދު އެހެން ބުނެލީ، ރިދާގެ މިޒާޖް ރަނގަޅަށް އެނގޭތީއެވެ. އަދި ލީނާގެ ގާތުގައި އޭނާއާއިއެކު ދިއުމަށް ބުނެލީ، ނިމާލްމެނަށް ގުޅާފައި އެ އުފާވެރި ޚަބަރު ދިނުމަށެވެ. ލީނާވެސް ހިނިތުންވެ އިނދެ ރިދާގެ މޫނުގައި ފިރުމާލަމުން ޖާވިދުގެ ފަހަތުން ދިޔައެވެ.
ޖާވިދުމެން އެތަނުން ދިއުމުން ރަޔާންވެސް ރިދާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން އޭނާއަށް “މަރުހަބާ” ކިޔާލިއެވެ. އިތުރު ވާހަކައެއް ނުދެއްކި އުޅެނިކޮށް ފޯން ރިންގުވާން ފެށުމުން “އެބަ އަންނަމޭ ކިޔާފައި ފޯނަށް ޖަވާބުދެމުން ނުކުތީ ބޭރަށެވެ.
އެ ބޮޑު ފެންޑާގައި ރިދާއާއި ލައިނީ އެކަނިވުމުން ރިދާ ލައިނީއަށް ބަލާލިއެވެ. ދެލޯ ހަނިކޮށްލައިގެން އޭނާއަށް ބަލަން، ލައިނީ އިން ގޮތް ފެނިފައި ރިދާގެ ގާތަށް ހިނިއައި ނަމަވެސް، އޭނާ އިނީ ހިނިގަނޑު އެތެރެއަށް މަތަކޮށްލައިގެންނެވެ.
ތީ ދޯ އެ ރަށަށް ގޮއްސަ އަންނަން ނޭނގުނު ސަބަބަކީ….؟؟؟؟” ރިދާގޮސް ލައިނީގެ ގާތުގައި އިށީނުމުން ލައިނީ ބުނެލީ ޖާސޫސްކުރާ މީހެއް ފަދައިންނެވެ. ލައިނީ ކިޔާ އެއްޗެއް ނޭނގޭކަމަށް ހަދާފައި “ކޮންކަމެއް” ހޭ ރިދާ އަހާލިއެވެ.
“އެއް ހަފްތާއަށް އެރަށަށް ގޮއްސަ އިތުރު އެއް ހަފްތާ މަޑުކުރީ މިލާންގެ ސަބަބުންދޯއޭ….. އެ ހުރިހާ ކަމެއް ވީއިރު، އަހަންނަށް އަންގާވެސް ނުލައެއްނު….. އެކޮޅަށް ނުދަނީސް ޝައްކުވެގެން އެހީމަވެސް ބުނި ހަމައެކަނި އެކުވެރިންނޭ….. އަހަރެން ރުޅި…..” ތުންކޮޅު އޫކޮށްލަމުން، ލައިނީ ރުޅިއައިއްސަ އިންކަމަށް ހެދިލުމުން، ރިދާ ހިފަހައްޓައިގެން އިން ހިނިގަނޑު އިތުރަށް މަތަކުރެވޭގޮތެއް ނުވިއެވެ. އެހެން އިނުމުން ލައިނީ ފެންނަލެއް ލޯބިކަމުން އޭނާ ލައިނީގެ ދެ ކޮލުގައި މަޑުމަޑުން ހިފާލިއެވެ. ރިދާ މި ކުރިކަމަކުން ލައިނީއަށްވެސް ނުހީއެއް ނީނދެވުނެވެ.
“ދެން އަހަންނަށް ހުރިހާ ވާހަކައެއް ކިޔާދީބަ….. އަހަރެން މި ހުރީ ތި ކަމަނާގެ ހިތް ބީރައްޓެއްސަކަށް ދިނީމަ ހަމަ އަސްލަށްވެސް ވަރަށް ހައިރާންވެފައި…… އަދި އެވެސް މިލާނަށްވިއްޔަ…… އެރޭ ރުހާމެންގެ ވަލީމާ ތެރޭ ގައިމު ބުނި އަމުދަކުން މިލާނަކާ ނީންނާނަމޭ….. ދެން ތީ ކިހިނެއް ވީ ކަމެއްތަ….؟؟؟؟ ވަރަށް ބޭނުން ތިކަމެއް ހިނގާދިޔަ ގޮތެއް އެނގެން…..” ރިދާއާއި ދިމާއަށް ވީހާވެސް ބޮޑަށް އެނބުރިލަމުން ލައިނީ އަހާލީ ނުހަނު ގަޔާވެފައި އިނދެއެވެ.
“ހެހެހެ…. އަސްލު ވިސްނާނުލާ އެރޭ ބުނެވުނު އެއްޗެއް އެއީ…. އެހެން ވަކި ހިތުލައިގެން ބުނި އެއްޗެއް ނޫން…..” އެރޭ އެހެން ބުނި ހަނދާންވުމުން ރިދާގެ ގާތަށް ހިނިއައެވެ.
“ދެން ކިޔާދީބަ ތި ދެމީހުންގެ ވާހަކަ….” އެކަން އެނގެން ބޭނުންވެފައި އިންވަރުން ލައިނީ އަނެއްކާވެސް އަހާލިއެވެ.
“އަހަރެމެން…. އަހަރެމެން ދެމީހުންގެ ކިޔާދޭވަރުގެ ވާހަކައެއް ނެތް…. އަހަރެމެންގެ ދޭތެރޭ އެކަހަލަ އެއްވެސް ވާހަކައެއް ނުވެސް ދެކެވޭ….. އަސްލު ޙަޤީގަތުގައި މި ކައިވެނީގެ ވާހަކަ ކުއްލިއަކަށް އިވުނީމަ އަހަރެން ވަރަށް ހައިރާންވި….. އެކޮޅުގައި އުޅުންއިރު މިލާންގެ ފަރާތުންވެސް އަދި އެ ޢާއިލާގެ އެއްވެސް މީހެއްގެ ފަރާތުންވެސް އެކަހަލަ އެއްވެސް އިޝާރާތެއް ނުވޭ…. އެހެންވެ އަހަރެން އެހާ ހައިރާންވީ…..” ރިދާ ކިޔައިދިން ވާހަކަތަކުން ލައިނީ އިނީ ސުވާލު އުފެދިފައެވެ.
“އަހަރެން ހީކުރީ ކައިވެނީގެ ވާހަކަ ދެކެވުނީ، ތި ދެމީހުން އެކޮޅުން ދިމާވެގެން އެކަކު އަނެކަކުދެކެ ލޯބިވީމަކަމަށް…..” ލައިނީގެ ހިތުގައި އުފެދިފައިވާ ސުވާލު ޚިއްސާކޮށްލުމުން ރިދާ ދެ ފަރާތަށް ބޯ ހޫރާލިއެވެ.
“ދެން ރިދާ ކީއްވެތަ ތި ކައިވެންޏަށް އެއްބަސްވީ….؟؟؟؟ ރުހާއާއި އެއް ގެއެއްގައި އުޅެން ބޭނުންވާތީތަ…..؟؟؟؟” ލައިނީ އިނީ ހަމަ ރަނގަޅަށްވެސް ވާނުވާ ނޭނގިފައެވެ. ލައިނީގެ ސުވާލަށް ޖަވާބު ދިނުމުގެ ކުރިން ރިދާ ހިނިތުންވެލިއެވެ. ހީވާގޮތުން އޭނާ އިނީ އެސުވާލުތަކަށް ޖަވާބުދޭން ވަރަށް ތައްޔާރުވެލައިގެންނެވެ.
“ތީވެސް ސަބަބެއް….. އެކަމަކު އަހަރެން މި ކައިވެންޏަށް އަސްލު އެއްބަސްވީ މިލާން ކަހަލަ ރަނގަޅު މީހަކު ޙަޔާތުގެ ބައިވެރިއަކަށް ލިބުނީމަ، އެ ފުރުޞަތު ގެއްލުވާ ނުލާންވެގެން……” ރިދާ މިބުނި އެއްޗަކުން ލައިނީއަށް ބަލާލެވުނީ، އިތުރު ތަފްޞީލަށް ބޭނުންވެފައި އިންފަދައަކުންނެވެ.
“ލައި އަށްވެސް އެނގެއެއްނު އަހަރެންގެ ޙަޔާތަށް އަދި އަހަރެން ލޯބިވާކަހަލަ ނޫނީ ގަޔާވާ ކަހަލަ މީހަކު ނާދޭ…. ވެދާނެ ލޯތްބާއިމެދު އަހަރެންގެ ނަޒަރިއްޔާތު ތަފާތީ ކަމަށްވެސް…. އަހަރެން ޤަބޫލުކުރާގޮތުގައި އަސްލު ޙަޤީގީ ލޯބިވެވޭނީ ކައިވެންޏަށްފަހު، ފިރިމީހާދެކެ…… ފިރިއެއްގެ ކިބައިން އަހަރެން ބޭނުންވާ ވަރަށް ގިނަ ސިފަތަކެއް މިލާންގެ ގައިގައި އެބަހުރި…. ދީންވެރި، އަޚްލާޤް ރަނގަޅު، އޯގާތެރި….. އޭގެ އިތުރުން އަހަރެމެން، އެކުވެރިންނަންނަށް ނުވަނީސް، އަހަރެން ދެރަވެފައި އިނުމުން، އަހަރެން އުފާކޮށްދޭން މަސައްކަތްކުރި މީހަކު، ކައިވެންޏަށްފަހު އަހަރެން އުފަލުގައި ބަހައްޓަން ކިހާ މަސައްކަތެއް ކުރާނެ…. އަހަންނަށް ހީވަނީ ކޮންމެ އަންހެން ކުއްޖަކުވެސް ބޭނުންވާނީ އެފަދަ ބައިވެރިއެއްހެން……” ރިދާގެ ވާހަކަތައް އަޑުއަހަން ގަޔާވެފައި އިން ލައިނީ ބޯ ޖަހާލީ އެ ވާހަކަތައް ޤަބޫލުކުރަމުންނެވެ. ދެމީހުންގެ ވާހަކަ މެދުކަނޑާލީ އެތަނަށް ރަޔާން އައުމުންނެވެ.
**********
ފޯނުން ވާހަކަ ދައްކަމުން ދިޔައިރު، ނިމާލްގެ މޫނުމަތީގައިވި އުފާވެރިކަމާއި އުޖާލާކަން ފެނިފައި، ނުތަނަވަސްވެފައިހުރި މިލްނާއަށް ހިނިތުންވެލެވުނެވެ. ނުބުނިކަމުގައިވިޔަސް، އެމޫނުމަތީގެ ކުލަވަރުން، ޖާވިދުމެންގެ ފަރާތުން ލިބުނީ އެދެވޭ ޖަވާބެއްކަން އޭނާއަށް ނަގައިގަނެވުނެވެ. ފޯންކޯލް ނިންމާލުމަށްފަހު، ނިމާލް އޭނާއަށް ބަލަން ހުރި މިލްނާއަށް ބަލާލަމުން، އުފާވެރި ޚަބަރު އިއްވާލިއެވެ. މިލްނާ ހެއްދެވި ފަރާތަށް ޙަމްދުކޮށްލިއެވެ. އަދި ނިމާލާއެކު މިސްރާބު ޖެހީ އެކަން މިލާނަށާއި ގޭގެ އެހެން މީހުންނަށް އެންގުމަށެވެ.
މިލްނާމެން ފެންޑާއަށް ނުކުތްއިރު، މިލާނާއި މިކްޔާންގެ އިތުރުން މަލަކްވެސް ފެންޑާގައި އިނެވެ. އެމީހުންތިބީ ކެރަމް ކުޅޭށެވެ.
“މިކްޔާން… ކޮބާ ރުހާ…..؟؟؟؟؟” ރުހާ ފެންނަން ނެތުމުން ސޯފާގައި އިށީން މިލްނާ އަހާލިއެވެ. އެވަގުތު ސިޑިން ފައިބައިގެން އައި ރުހާ ފެނުމުން އޭނާއަށް އިޚްތިޔާރަކާނުލާ ހިނިތުންވެލުނެވެ.
“ބައްޕަމެން ވާހަކައެއް ދައްކަންތަ ތި އައީ…..؟؟؟؟” ނިމާލާއި މިލްނާ އެކަކު އަނެކަކަށް އިޝާރަތްކުރާތަން ފެނިފައި މިކްޔާނަށް އަހާލެވުނެވެ. ނިމާލްގެ ދެމަފިރިންނަށް އެކުއެކީހެން ބޯޖަހާލެވުނެވެ. ނިމާލްމެން ދައްކަން އެ އުޅޭ ވާހަކައެއް އަޑުއަހާލުމުގެ ބޭނުމުގައި ކުޅުން ހުއްޓާލުމަށްފަހު، ހަތަރު މީހުން ސޯފާގައި އިށީނދެ ހަމަޖެހިލިއެވެ. މިލާނާއި ރިދާގެ ކައިވެނި ހަމަޖެހުނު ވާހަކަ ނިމާލް އެންމެންނަށް އަންގާލިއެވެ. އެންމެންގެ މޫނުމަތިންވެސް ފެނިގެން ދިޔައީ ހައިރާންކަމެވެ. މިކްޔާންގެ ދެމަފިރިންގެ އިތުރުން މަލަކްވެސް އިނީ ވާނުވާ ނޭނގިފައެވެ.
“ރިދާ އެއްބަސްވީތަ…..؟؟؟؟” މިލާނަށް އަހާލެވުނެވެ. އުފާވެރި ހިނިތުންވުމަކާއިއެކު ނިމާލް ބޯޖަހާލިއެވެ. ރިދާދެކެ ލޯބިވީނަމަވެސް، ރިދާ އެކައިވެންޏާއިމެދު ޤަބޫލުވާނެކަމުގެ އެއްވެސް އުއްމީދެއްނެތް، މިލާން އިނީ ހައިރާންވެ، އަންތަރީސްވެފައެވެ. ރިދާ އެ ކައިވެންޏާއިމެދު ޤަބޫލުވީތީއެވެ. އޭނާއާއި ކައިވެނިކުރަން އެއްބަސްވީތީއެވެ. ލިބުނު ހައިރާންކަމުގައި އޭނާ އިނީ ހިނިތުންވެލާންވެސް ނޭނގިފައެވެ. މިލާންގެ ސުވާލާއިއެކު މިކްޔާންމެންގެ ހައިރާންކަންވީ އިތުރެވެ. އެމީހުންގެ މޫނުގެ ކުލަވަރުތައް ފެނިފައި، ހުރިހާ ވާހަކައެއް، ނިމާލް މިކްޔާންމެނަށް ކިޔައިދިނެވެ. ހުރިހާކަމެއް އެނގުމުން އެމީހުންގެ މޫނުމަތިން ހައިރާންކަމުގެ އަސަރުތައް ފިލާ އުފާވެރިކަން ފާޅުވިއެވެ. މިލާނަށް މަރުހަބާ ކީ އުފަލުން ތިބެއެވެ. މިލާން އިނީ އަދިވެސް އެކަން ޤަބޫލުކުރަން ދަތިވެފައެވެ. މިކްޔާންމެން މަރުހަބާ ކިއުމުން ހިނިތުންވެލިނަމަވެސް، އޭނާ އިނީ ރިދާއާއި ވާހަކަ ދައްކާލަން ނުހަނު ބޭނުންވެފައެވެ. އެއީ ރިދާގެ އަމިއްލަ ނިންމުމެއްތޯ ސީދާ ރިދާގެ ގާތުގައި އަހާލަން ބޭނުންވެފައެވެ. އޭނާއަށް ފުރިހަމަ އުފާވެރިކަން އިޙްސާސްކުރެވޭނީ އޭރުން ކަމުގައިވާތީއެވެ.
**********
ޢާއިލާއާއިއެކު ވަގުތު ހޭދަކޮށްލުމަށްފަހު، ކޮޓަރިއަށް އާދެވުމާއިއެކު މިލާން ރިދާއަށް ގުޅާލިއެވެ. އޭނާގެ ހިތް އޮބިނޯންނަވަރަށް ތެޅެމުން ދިޔައީ ރިދާ ބުނާނެ އެއްޗެއް ނެނގޭތީއެވެ. އެއީ ރިދާއަށް މަޖުބޫރުވެގެން ނިންމި ނިންމުމަކަށްވާނަމަ، ހިނދުކޮޅަކަށް ނަމަވެސް ކައިވެނީގެ ޚަބަރުން އޭނާއަށް ލިބުނު އުފާވެރިކަން، އެކީ ވިއްސިވިހާލިވެގެން ހިނގައިދާނެތީއެވެ.
ދެތިންފަހަރަކު ރިންގުވުމާއިއެކު، އެކޮޅުން ރިދާ ފޯން ނެގިއެވެ. ރިދާ “ހަލޯ” އޭ ބުނުމާއެކު، އެންމެ ފުރަތަމަވެސް އޭނާއަށް އަހާލެވުނީ ކައިވެންޏަށް އެއްބަސްވީ ރިދާގެ އަމިއްލަ އިޚްތިޔާރުގައިތޯއެވެ.؟ އެއީ ރިދާގެ އަމިއްލަ ނިންމުމެއްތޯއެވެ.؟ އެކަމުގައި އެއްވެސް މަޖުބޫރުކަމެއް ވޭތޯއެވެ.؟ ހިތް ތެޅެމުންދިޔަ ޙާލު އޭނަ އިންތިޒާރުކުރީ ރިދާގެ ޖަވާބަކަށެވެ. އޭނާގެ ސުވާލުތަކަށްފަހު، ހިމޭން ވަގުތުކޮޅެއް ހޭދަވެގެން ދިޔައެވެ. ދެން އިވިގެން ދިޔައީ ރިދާ ކަރުކެހެލި އަޑެވެ. އޭނާ ޖަވާބު ދޭން ތައްޔާރުވެލީކަންނޭނގެއެވެ. މިލާނަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ.
“އެއީ އެއްވެސް މަޖުބޫރުކުރުމަކާ ނުލާ، އަހަރެން އަމިއްލައަށް، އަހަރެން ބޭނުންވެގެން ނިންމި ނިންމުމެއް…” ރިދާގެ ޖަވާބު އިވިފައި މިލާން ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނެވެ. އިސާހިތަކު އޭނާގެ ތުންފަތަށް ރީތި ހިނިތުންވުމެއް ވެރިއެވެ. “އަސްލުވެސް” ހޭ އަހާލެވުނީ ބޭ އިޚްތިޔާރުގައެވެ. ޖަވާބުގައި ރިދާ “ހޫމް” އޭ ބުނެލިއެވެ. އެއަޑުގައި ލަދުރަކިކަމެއް އެކުލެވިފައިވާކަމަށް އެވަގުތު މިލާނަށް ފާހަގަކުރެވުނެވެ. ރިދާ ރަކިވެފައި ހުންނާނެގޮތް އޭނާއަށް ސިފަކޮށްލެވުމުން، އަމިއްލަ ބޮލުގައި މަޑުމަޑުން ޖަހާލެވުނެވެ.
“އަހަރެން ހީކުރީ ރިދާ ޤަބޫލު ނުވާނެކަމަށް….. އަހަރެން މީ ބީރައްޓެއްސަކަށްވީމަ….. އަސްލު ކިއްވެ އެހާ ފަސޭހައިން ޤަބޫލުވީ….؟؟؟” ކޮޓަރީގައި ހުރި ނޫކުލައިގެ ސޯފާއަށް ވެއްޓި ގަންނަމުން މިލާން އަހާލިއެވެ. ހާސްކަން ފިލާ ދިއުމުން އޭނާހުރީ ވަރަށް ހަމަޖެހިފައެވެ. ރިދާ، މިލާނަށް ދިނީ ލައިނީއަށްވެސް ދިން ޖަވާބެވެ. ޙަޤީގަތަކީވެސް އެއީއެވެ. ރިދާގެ ފަރާތުން އިވިގެން ދިޔަ ތައުރީފްގެ ބަސްތަކުން މިލާން ވަރަށް އުފާވިއެވެ.
“އަހަރެން ކައިވެންޏަށް ޤަބޫލުވީ ކީއްވެކަން ބުނެދެވިއްޖެ….. އެކަމަކު މިލާން މި ކައިވެންޏަށް އެއްބަސްވީ ކީއްވެކަމެއް އަދިވެސް ނޭނގޭ……” ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު، ރިދާ އަހާލީ، އެކަން އެނގެން ބޭނުންވެފައި ހުރުމުންނެވެ. “ހަމަ ބުނަންވީ”ހޭ އަހާލިއިރު، މިލާންގެ ތުންފަތަށް ލާނެއް ހިނިތުންވުމެއް ވެރިވެފައިވިއެވެ. ރިދާއަށް، ރަކި ގޮތަކަށް “ހޫމް” އޭ ބުނެލެވުނީ މިލާންގެ އަޑުންވެސް އެފަދަ އިޙްސާސެއް ކުރެވުމުންނެވެ.
“އެއީ އަހަރެން ރިދާދެކެ ލޯބިވާތީ…… އަހަންނަކަށް ނޭނގެ ރިދާދެކެ ލޯބިވެވުނީ ކިހިނެއް، ކޮންއިރަކުކަމެއް…..؟؟؟؟ އެނގޭ އެއްޗަކީ ރިދާދެކެ ލޯބިވެވިއްޖެކަން…. ރިދާއާއި ދޭތެރޭ ވިސްނޭކަން….. ރިދާއާއި ގަޔާވާކަން…. ރިދާ ދެރަވެފައި ހުރީމަ، އަހަރެންގެ ހިތަށް އުނދަގޫވާކަން….. ރިދާ އުފާވެފައި ހުންނައިރު އަހަރެންވެސް އުފާވާކަން….. މިހެން ގޮސް ދައްކާނެ ވާހަކަތައް ބައިވަރު….. ރިދާދެކެ އެހާވަރަށް ލޯބިވާއިރުވެސް އަހަރެން ހުރީ އެވާހަކަތައް ބުނަން ނުކެރިފައި….. ރިދާ ޤަބޫލު ނުވެދާނެތީ…. ދެޢާއިލާގެ މެދުގައި މައްސަލަ ޖެހިދާނެތީ….. ރިދާ ގާތު ބުނަން ނުކެރިފައި ހުއްޓާ ކަންތައްވީ މާ ރަނގަޅަށް…… އަހަރެންނެކޭ އެއްގޮތަށް މަންމަމެންވެސް ތިބީ ރިދާ އަހަރެންގެ ދިރިއުޅުމަށް ގެންނަން ބޭނުންވެފައި…” އެ އޮތްގޮތަށް އޮވެ މިލާން އޭނާގެ ހިތުގެ ޙާލު ރިދާއަށް ކިޔައިދިނެވެ. ދެން އަނެއްކާވެސް ހޭދަވެގެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ. އެހިމޭންކަމުން އުނދަގޫވާން ފެށުމުން މިލާން މަޑުމަޑުން ރިދާއަށް ގޮވާލިއެވެ. އަދި އެއްޗެކޭ ނުބުނީ ކީއްވެތޯ ސުވާލުކޮށްލިއެވެ.
“ކަމެއް ނުވެ… އަސްލު ބުނާނެ އެއްޗެއްވެސް ނޭނގިފައި…. މިލާންގެ ފަރާތުން އެކަހަލަ ކުޑަ ނަމަވެސް އިޝާރާތެއް ނުވޭވިއްޔަ…. އެހެންވެ…..” ޖަވަބު ދީފައި ރިދާ ހީލި އޑު އިވުނެވެ. ޙަޤީގަތުގައިވެސް އޭނާ އިނީ ބުނާނެ އެއްޗެއް ނޭނގި ވަރަށް ބޮޑު ޝޮކެއްގެ ތެރޭގައެވެ. މިލާން އޭނާދެކެ ލޯބިވެދާނެއޭ ފަހަރެއްގައިވެސް އޭނާ ހިތަށް އަރާފައެއް ނުވެއެވެ. މިލާންގެ ފަރާތުން އެފަދަ އެއްވެސް އިޝާރާތެއް ލިބިފައިވެސް ނުވާތީއެވެ. އެހެނަސް، މިލާން އޭނާގެ ހިތުގެ ޙާލަތު ބަޔާންކުރަމުންދިޔަ ވަގުތު، އޭނާގެ ހިތަށް އާދަޔާ ޚިލާފު އުފާވެރި އިޙްސާސެއް ކުރެވުނެވެ.
ދެމީހުން އިރުކޮޅަކު ވާހަކަ ދައްކާލުމަށްފަހު ފޯންކޯލް މެދުކަނޑާލިއެވެ.
**********
އެރޭގެ ވަގުތެވެ. ރުހާ ހުރީ ކޮޓަރީގެ ބެލްކަނީގައެވެ. އޭނާހުރީ ރިދާއާއި ފޯނުން ވާހަކަދައްކާށެވެ. ފާޚާނާއިން ނުކުމެގެން އައި މިކްޔާން، ބެލްކަނި ދޮރުގައި ލެނގިލައިގެން ހުރީ ރިދާގެ ޙަރަކާތްތަކަށް ބަލާށެވެ. ނިދަންލާ އަޅިކުލައިގެ އަތްދިގު ގަޔަށް ދޫ ޓީޝާޓުގެ ފަސްބަޔާއި ކުޅެމުން ދިޔައިރު ރުހާގެ މޫނުގައިވަނީ އުޖާލާކަމެވެ. އަޑުގައި އުފަވެރިކަން އެކުލެވިފައިވިއެވެ. ދެލޮލުގައިވަނީ އުއްމީދެވެ. ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. އެ ދެމެދުގައި ދެކެވެމުންދިޔައީ ރިދާގެ ކައިވެނީގެ ވާހަކައެވެ. ދެމީހުން އެކުގައި އުޅެވޭނެތީ އެކަމާ އުފާވާ ވާހަކައެވެ. މިކްޔާން ބަލަން ހުރިކަން ރުހާއަށް ރޭކާނުލީ މާބޮޑަށް ވާހަކައިގެ ތެރެއަށް ވަދެވިފައި ހުރުމުގެ އިތުރުން، މިކްޔާނަށް ފުރަގަސްދީގެން ހުރުމުންނެވެ.
ރުހާ ހުރީ ބުރުގާ ނާޅާ އެ ބުޅި އިސްތަށިގަނޑު ހާވާލައިގެންނެވެ. ބޯ ދޮވެފައި ހުރުމުން އިސްތަށިގަނޑު ހިއްކާލުމުގެ ބޭނުމުގައެވެ. އެތާނގައި ހުންނައިރު ފާރާއި ކުޑަކޮށް ނިވާވެފައި ތަންކޮޅެއް އެތެރެއަށްވާގޮތަށް ހުރުމުން، ކޮޓަރިން ބޭރުން އެހެން މީހަކަށް އޭނާ ނުފެންނާނެކަން އެނގޭތީވެސްމެއެވެ.
ޖެހެލި ފިނިފިނި ވައި ރޯޅިއާއިއެކު ރުހާގެ ކަޅުކަންގަދަ ދިގު އިސްތަށިގަނޑު ވިހުރެލިއެވެ. ބެލްކަނީގެ ދޮރުގައި ލެނގިލައިގެން ހުރި މިކްޔާންގެ ނޭފަތުކުރީގައި، އައިސް ޖެހުނީ ރުހާގެ އިސްތަށިގަނޑުގައި ލާފައިވާ ކޮންޑިޝަނަރގެ މީރުވަހެވެ. ނޯއްދަމާލަމުން، ދަގައްފާނަށް ދަގަނޑު ދަމާހެން، ރުހާއާއި ދިމާއަށް ހިނގައިގަނެވުނީ ބޭ އިޚްތިޔާރުގައެވެ. މިއިންކަމެއް ރުހާއަށް ރޭކާނުލައެވެ. ފޯންކޯލް ނިންމާލުމަށްފަހު، އޭނާ އެނބުރުނުވަގުތުވީ، މިކްޔާން ގޮސް އެތާ މަޑުކޮށްލިވަގުތަށެވެ. ފަސްއެނބުރުނު ވަގުތު އެހާގާތުގައި މިކްޔާންހުރިތަން ފެނުމުން ސިހުންވީވަރުން ރުހާ އަރިއަޅާލާގޮތްވިއެވެ. ނުވެއްޓި ސަލާމަތްވީ ހުޝިޔާރުކަމާއިއެކު މިކްޔާން ހިފޭއްޓުމުންނެވެ.
މިކްޔާންގެ ބާރުގަދަ ދެއަތް ވަށާލެވިފައިވަނީ ރުހާގެ މެދުހަށީގައެވެ. ރުހާއަށް ހުރެވުނީ މިކްޔާންގެ ދެއަތުގެ މުލައްދަނޑިގައި އަތް އަޅުވާލައިގެންނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެފައިވާއިރު، މިކްޔާންގެ ދެލޮލުގައިވި މަސްތުކަމެއްގެ ސަބަބުން ރުހާގެ ހަށިގަނޑަށް އެނގުންވެލިއެވެ. ލޯލިތައް ކޮޅަށް ޖެހިގެން ދިޔައީ އެ ބެލުމުގައިވި ތޫނުކަމެއްގެ ސަބަބުންނެވެ. މޫނަށް ފިނިފެންޖަންބުކުލަ ވެރިވެގަތީ ބަސްބުނާހާ ވަގުތުކޮޅެއްގެ ތެރޭގައެވެ. ޖެހެލި ވައިރޯޅިއަކާއިއެކު ވިހުރާލެވިފައިވާ ރުހާގެ އިސްތށިގަނޑުން ބައެއް އޭނާގެ ލޯމައްޗަށް އެޅުނެވެ. މިކްޔާން ފަރުވަތެރިކަމާއިއެކު ޝަހާދަ އިނގިލިން އެއިސްތަށިތައް ރުހާގެ ކަންފަތްދޮށަށް ލައްވާލިއެވެ. ރުހާގެ މޫނުގައި، މިކްޔާންގެ އިނގިލި ބީހިލުމުން ހީވީ، ރުހާގެ އެތެރެހަށީގައި ކަރަންޓުގެ ރާޅުބާންޏެއް ދަތުރުކޮށްލިހެންނެވެ. އޭނާއަށް ލޯމަރާލެވުނީ ބޭއިޚްތިޔާރުގައެވެ. ރުހާގެ ފަރާތުން ފެހި ސިގްނަލް ލިބުމުން، މިކްޔާނަށް ރުހާ އިތުރަށް އޭނާއާއި ގާތްކޮށްލެވުނެވެ. ލަކުނެއް ނުވާ އޮމާން ދޮން މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. ކަނާތުގެ ބޮޑުވާ އިނގިލިން ރަތް ލޭކޮޅެއްފަދަ އެކުޑަކުޑަ ތުންފަތުގައި އަތް ހިންގާލަމުން އެދިމާއަށް ގުދުވެލިއެވެ.
މިކްޔާން މި ކޮށްލި ކަމަކުން ލޯމަރާލައިގެން ހުރި ރުހާ ކުއްލިއަކަށް ދެލޯހުޅުވާ ބޮޑުކޮށްލިއެވެ. މިކްޔާންގެ މޭގައި އަތްއަޅާ ދުރަށްކޮށްޕާލިއިރު، އޭނާ ތުރުތުރުލަމުން ދިޔައެވެ. ކުއްލިއަކަށް ރުހާ އެގޮތަށް ކަންތައް ކުރުމުން ނުވިސްނާ ހުރި މިކްޔާން ނުވެއްޓުނީ ކިރިޔާއެވެ. ހަށިގަނޑު ބެލެންސްކޮށްލަމުން ރުހާއަށް ބަލާލިއިރު، އޭނާ ހުރިގޮތް ފެނިފައި މިކްޔާން ހައިރާންވިއެވެ. ދެލޯ ބޮޑުކޮށްލައިގެން ހުރި ރުހާ، ތުރުތުރުލަމުން ދިޔައިރު، އެ މޫނުމަތިން ފާޅުވަނީ ބިރުގެންފައިވާކަމުގެ އަސަރުތަކެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.







Masha Allah… Vrh reethi…. When next??Curiously waiting….. ?
Keehvve that lahun vaahaka up kuranee..
sorry to interfere but, writer egge haisiyyathun bunelan beynunvanee vaahaka liyumakee thi heekuravvaa varah vure bura masakkathekey… kiyavaa kudhin kiyavamun, masakkaiy kuraa beyfulhun masakkaiy kuravvamun, baeh meehun geythereyge kanthakaai kudin balahattamun, vx eba vaahaka liyey.. baeh faharu hurihaa kamakaa visnan ulhen hadhigen idea vx husvey… konme part eh up kurumuge kurin kiyuntherin shauquveriaane fadha gothakah vaahaka genesdhimah konme writer eh vx masakkaiy kuraane.. and eemyaa sis sory up kuraaleh laheh noon.. don’t discourage like this plzz… mihen mi bunanee rulhi aisgenneh noon but hama writer egge struggles bayaan kohdheyn vegen.. unmeedhu kuran underatand vaane kamah 🙂
and btw eemyaa sis mi vhk hama vvvvv reethi ingey mashallah.. eemyaa sis ge kureege vhk thah vx alhugandu mihaaru mi dhanee hama kiyamun.. and masha allah u r vvv talented ey hama buneveynee.. lysm sisoooo and plzz plzz don’t be dicouraged.. i will always support u.. stay safe and take care sis… Love u and ur stories sooo much <33333
Xoya story up vaaleh las tha… Eem story up kuran feshi iru ves ehaa avas avahah up nukuran.. a e kuriah liyegeneh nun up kurany ky… Nd hama ekani mikamah husve eh nun vaahaka liyanyves… Mee hobby eh ge gothun kuraa kameh v ma tym vaa varun hama eem ah liyevunu enme avahah liyefa upd kurany… Baeh faharu dhuvaalah vaguthu nuvaathy las vaan feshyma dhanvaru heylaa indheves eba liyefa up kuran… Kuri aa mihaaraa lyf ge situation v thfaathu ehnve mifaharu nubunan next part up kohleveyne seedhaa date eh ves… A e e date ah nunimidhaanethy… hope u’ll understand the fact ..
Nd i’ll up the parts as soon as possible ?
Vrh ufaa vehje ridhaa e kaivenyah gabool v mai…. ?By the way Masha Allah vrhreethi Mi part vx….? when Next???? Curiously waiting for the next part ?….. N thankyou mihaa avass koh up kohdhinee theeve…. ??
Thanks Nayaa for understanding and for ur encouragement ?❤️? that means a lott to me ❤️
Thanks nayaa hope u’ll like the upcoming parts too ? ly too n u too take care ?
Hehe dw … Thanks faruhaa ?❤️? sorry to say this faruhaa nd all… Somethng came up so it may take much tym to up next part .. In Sha Allah i’ll update next part within 2 to 3 days
Reyga dhanvaru update kohlee ehaa iru heylaa indhegen miadhu nuvedhaanethyve… Thanks for the appreciation nd support ❤️❤️❤️ tht means a lott ?
Masha Allah ❤️ v reethi ingey sis, waiting for next part ????
Thanks bro ❤️❤️❤️ ???