މިކްޔާން މި ކޮށްލި ކަމަކުން ލޯމަރާލައިގެން ހުރި ރުހާ ކުއްލިއަކަށް ދެލޯ ހުޅުވާ ބޮޑުކޮށްލިއެވެ. މިކްޔާންގެ މޭގައި އަތްއަޅާ ދުރަށް ކޮށްޕާލިއިރު، އޭނާ ތުރުތުރުލަމުން ދިޔައެވެ. ކުއްލިއަކަށް ރުހާ އެގޮތަށް ކަންތައް ކުރުމުން ނުވިސްނާ ހުރި މިކްޔާން ނުވެއްޓުނީ ކިރިޔާއެވެ. ހަށިގަނޑު ބެލެންސްކޮށްލަމުން ރުހާއަށް ބަލާލިއިރު، އޭނާ ހުރިގޮތް ފެނިފައި މިކްޔާން ހައިރާންވިއެވެ. ދެލޯ ބޮޑުކޮށްލައިގެން ހުރި ރުހާ ތުރުތުރުލަމުން ދިޔައިރު، އެމޫނުމަތިން ފާޅުވަނީ ބިރުގެންފައިވާކަމުގެ އަސަރުތަކެވެ. އެ ބޮޑު ދެ ލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ. މޭމަތީ ދެއަތް ހުރަސްކޮށްލައިގެން ހުރިގޮތުން ހީވަނީ ވަރަށް ބޮޑަށް ބިރުގެންފައިވާހެންނެވެ. ހައިރާންވީ ނަމަވެސް މިކްޔާން މަސައްކަތް ކުރީ ރުހާ ހަމައަކަށް އަޅުވާށެވެ. ކުރިއަށް އެއް ފިޔަވަޅު އަޅަމުން އޭނާ އުޅުނީ ރުހާގެ މޫނުގައި ދެއަތުން ހިފަހައްޓާލާށެވެ. އެހެނަސް ނޫނެކޭ ބުނެ ޝަހާދަ އިނގިލިން އިޝާރާތްކުރަމުން ރުހާ ފަހަތަށް ޖެހެންފެށިއެވެ. ދޭތެރެއަކުން ސިހިގެންދާހެންވެސް ހީވިއެވެ. ކުރިއަށްވުރެ ބޮޑަށް އޭނާ ތުރުތުރުލަމުން ދިޔަކަންވެސް މިކްޔާނަށް ފާހަގަވިއެވެ. މިކްޔާންގެ ހައިރާންކަން އިތުރުވުން ނޫންކަމެއް ނުވިއެވެ. ހުރި ފިޔަވަޅުމަތީ ހުއްޓި ހުރެ އޭނާ ދެއަތް ހިއްލާލީ އަމާން ދޭ ފަދައަކުންނެވެ. އޭނާގެ ފަރާތުން އެއްވެސް ނުރައްކަލެއް ނެތްކަމުގައި ބުނަމުންނެވެ. ކުއްލިއަކަށް ރުހާއަށް މިވީގޮތުން އޭނާވެސް ހާސްވެއްޖެއެވެ. ރުހާ މަސަލަސްކުރަން ކިތަންމެ ބޭނުންވިޔަސް އޭނާއާއި ގާތްވެވޭކަށް ނެތެވެ. ރުހާ އޭނާއަކަށް އެ ފުރުސަތެއް ނުދިނެވެ.
މިކްޔާން ހުރި ފިޔަވަޅުމަތީ މަޑުކުރުމުން ރުހާ ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. ރުހާ ދިޔަ ދިމާއަށް ބަލަން ހުރި މިކްޔާން ހުރީ ހަދާނެގޮތެއް ނޭނގިފައެވެ. އޭނާގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. ރުހާ އެ އުޅުނީ އޭނާ ދެކެ ބިރުން ހެއްޔެވެ.؟ އެކަމަކު ކީއްވެގެން ހެއްޔެވެ.؟ ރުހާ ބިރުގަންނަންޖެހޭވަރުގެ ކަމެއް އޭނާ އަށް ކުރެވުނީހެއްޔެވެ.؟ އެހެންނަމަ، އޭނާއަށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ.؟ ހަމަ ގައިމުވެސް އޭނާއަށް އެނގިގެން ރުހާ ބިރުގަންނަންޖެހޭވަރުގެ ކަމެއް ނުކުރަމެވެ. ހިތުގައި އުފެދިފައިވާ ހައިޖާނުގަނޑު ދިޔައީ ހިނދެއް ހިނދަކަށް ބޮޑުވަމުންނެވެ. ބޮލުގައި ދެއަތުން ފިރުމާލުމަށްފަހު، މިކްޔާން ގޮސް ރެއިލިންގައި ދެއަތުން ހިފަހައްޓާލިއެވެ. އޭނާއަށް އަދިވެސް ވިސްނެމުން ދިޔައީ އެކަމާ ދޭތެރޭއެވެ.
މިކްޔާން ރުހާއާއިއެކު ހޭދަވީ ވަގުތުތަކާއި އެދެމެދުގައި އެކި ދުވަސްމަތިން ދެކެވުނު ވާހަކަތައް ހަނދާންކުރަން ފެށިއެވެ. އެހެނަސް އޭނާގެ ސުވާލުތަކަށް ޖަވާބު ލިބޭގޮތެއް ނުވިއެވެ. އޭނާ ކުރިން ވަގުތު ބޭނުންވާ ކަމުގައި ބުނުމުންވެސް ރުހާ އޭނާއަށް ވިސްނައިދޭން މަސައްކަތްކުރީ އެގުޅުން އަބަދު އެގޮތުގައި ނުބޭއްވޭނެ ކަމަށެވެ. އެގުޅުން އިތުރު ހަރުފަތަކަށް ގެންދަން ޖެހޭނެ ކަމަށެވެ. އޭނާ މަސައްކަތްކުރީ ރުހާ ބުނިހެން އެގުޅުން އިތުރު ހަރުފަތަކަށް ގެންދާށެވެ. އެދެމެދުގައިވާ ގުޅުމުގައި ޙަޤީގީ ބިންގާ އަޅާށެވެ. އެދެމެދުގައި ހުރަސްކުރެވިފައިވާ ފާރު ނެތިކޮށްލާށެވެ… އެހެނަސް މިރޭ މިވީ ކީއްހެއްޔެވެ.؟ އަނެއްކާ އޭނާއަށް މާ އަވަހަށް ރުހާއާއި ގާތްވާން މަސައްކަތްކުރެވުނީހެއްޔެވެ.؟ ނޫނީ ރުހާ އަދި އެކަމަށް ތައްޔާރު ނޫނީހެއްޔެވެ….؟؟؟؟ ނޫނެކެވެ. އެހެނެއް ނުވާނެއެވެ. ރުހާ އެކަމަށް ތައްޔާރު ނޫންނަމަ އޭނާއަށް ނަސޭޙަތްތެރިވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ..؟ އޭނާއަށް އެނގިފައިވާ ގޮތުގައި ރުހާއަކީ ކޮންމެ ކަމެއްވެސް ތެދަށް ހާމަކުރާ ކުއްޖެކެވެ. ރުހާ އެކަމަށް ތައްޔާރު ނޫން ނަމަ އެގޮތަށް ކަންތައް ކުރުމުގެ ބަދަލުގައި ތެދަށް ބުނީހެވެ.. ނޫނެކެވެ. ކޮންމެވެސް ގޯހެއް އެބައުޅެއެވެ. ރުހާ އެހާ ބިރުގަންނަންވީ ސަބަބެއް އޮންނާނެއެވެ. ރުހާގެ ފަރާތުން ފެހި ސިގްނަލް ލިބިފައި، ކުއްލިއަކަށް އެހާ ބިރުގަތުމުގެ ފަހަތުގައި އަޑި ނޭނގޭ ސިއްރެއް ވާނެއެވެ. އޭނާއަށް ނޭނގޭ ބޮޑު ކަމެއް ރުހާ ތަހައްމަލްކުރާހެން ހީވަނީއެވެ. އެކި ޚިޔާލްތަކުން މިކްޔާންގެ ސިކުޑި ވަށާލެވިފައިވިއެވެ.
އިރުކޮޅަކު މަޑުކޮށްލުމަށްފަހު، މާ ބޮޑަށް ވިސްނުމުން ބޮލަށް ބަރުވެފައިވާތީ މިކްޔާން ކޮޓަރިއަށް ވަނުމަށް ހިނގައިގަތެވެ. ނަމަވެސް އޭނާގެ ހިތް ބާރު ބާރަށް ތެޅެމުންދިޔައެވެ. ކޮޓަރީގެ ދޮރާއި ހަމައަށް އާދެވުމުން މިކްޔާންގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. އޭނާއަށް ފަސްޖެހެވެނީއެވެ. ކުޑަކޮށް ކޮޓަރިއަށް ބޯދިއްކޮށްލަމުން ރުހާ ކޮބާތޯ ބަލާލިއެވެ. ސޯފާގައި ނިދިފައި އޮތް ރުހާ ފެނުމުން މިކްޔާނަށް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. މަޑުމަޑުން ފިޔަވަޅު އަޅަމުން ގޮސް އޭނާ މަޑުކޮށްލީ އެނދު ކައިރީގައެވެ. އަދި ސޯފާގައި ނިދިފައި އޮތް ރުހާއަށް ފަރުވާތެރިކަމާއިއެކެ ބަލާލިއެވެ. ކޮޓަރީގައި ދިއްލާފައިވާ އޮރެންޖްކުލައިގެ ނިދާބޮކީގެ ފަނޑު އަލީގައިވެސް، ރުއިމުގެ ސަބަބުން އެމޫނު ރަތްވެފައިވާކަން ފާހަގަވާން ހުއްޓެވެ. ނިދިފައި އޮތް ނަމަވެސް ދޭތެރެއަކުން ގިސްލެވެނީ މާ ގަދައަށް ރުއިމުން ކަމުގައި ވެދާނެއެވެ. ބުޅި އިސްތަށިގަނޑު އަދިވެސް ހާވާލާފައިވުމުން ބައެއް އިސްތަށިތައް މޫނުމައްޗަށް އެޅިފައިވިއެވެ. އެ އިސްތަށިތައް އެއްފަރާތް ކޮށްލަދީ، އެ މޫނުގައި ފިރުމާލަން ކިތަންމެ ހިތް އެދުނުނަމަވެސް، މިކްޔާނަށް އެއިން އެއްވެސް ކަމެއް ކުރާކަށް ނުކެރުނެވެ. އެންމެ ކުޑަމިނުން ރުހާއާއި ގާތްވާންވެސް އޭނާ ހުރީ ނުކެރިފައެވެ. ނިދިފައި އޮންނަ އިރުވެސް އެ މޫނުމަތީގައިވި މައުސޫމްކަން މިކްޔާނަށް ފާހަގަވިއެވެ. އިރުކޮޅަކު ރުހާއަށް ބަލަން ހުރެފައި އޭނާ އެނދުގައި އޮށޯވެލީ ނިދޭތޯއެވެ. އެހެނަސް އޭނާގެ ދެލޮލަށް ނިންޖެއް ނައެވެ. ނިދިވީ އޭނާއާއި މާ ދުރުގައި ކަހަލައެވެ. އޭނާއަށް ހަމަ ރުހާއާއި ދޭތެރޭ ވިސްނެނީއެވެ. މިކްޔާނަށް ނިދުނީ އެގޮތުގައި އޮންނަތާ އެތައް އިރެއް ވީފަހުންނެވެ.
**********
ޖެހިގެން އައި ދުވަހުގެ ހެނދުނު މިކްޔާނަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. ރޭގައި ލަހުން ނިދުމުގެ ސަބަބުންނެވެ. ފަތިސް ނަމާދަށް ނުހޭލެވުނީތީ އޭނާ ވަރަށް ދެރަވިއެވެ. ފަތިސްނަމާދާ ނުލާ ދުވަސް ފެށިގެން ދިޔަ ގޮތުން އޭނާ އޮފީހަށް ދާހިތްވެސް ނުވިއެވެ. އެހެންކަމުން އެ އޮތްގޮތަށް އޮވެ މިއަދު އޮފީހަށް ނުދާނެކަމުގައި ބުނެފައި ނިމާލަށާއި މިލާނަށް މެސެޖު ފޮނުވާލިއެވެ. ރުހާ މަތިންނާއި ރޭގެ ހާދިސާމަތިން އޭނާ ހަނދާންވީ ދެނެވެ. ކޮޓަރި ތެރެއަށް އަވަސް ނަޒަރެއް ހިންގާލެވުނީ ރުހާ ކޮބާތޯއެވެ. ނަމަވެސް ކޮޓަރި ތެރެއިން ރުހާގެ އެއްވެސް ނިޝާނެއް ފެންނާން ނެތުމުން، ތެދުވެ އެނދުގެ ފަޑީގައި ލެނގިލަމުން ނިއްމަތީ އަތް ހިންގާލެވުނީ، އަދިވެސް ބޮލުގައި ރިއްސާތީއެވެ. ފެންވަރާ ތާޒާވެލައިގެން މިކްޔާން ފަތިސް ނަމާދު ގަޟާކޮށްލިއެވެ. އެއަށްފަހު، ބަނޑުހައިވެފައިވުމުން އޭނާ މިސްރާބު ޖެހީ ކާގެއާއި ދިމާއަށެވެ.
**********
މިކްޔާން އެތެރެއަށް ވަންއިރު ހެނދުނުގެ ނާސްތާކުރުމަށް އެންމެން ހަމައަށް ތިއްބެވެ. މިކްޔާންގެ ދެލޯ އެންމެ ފުރަތަމަވެސް ހޯދާލީ ރުހާއެވެ. އެހެންމީހުންނެކޭ އެއްފަދައިން ރުހާވެސް އޭނާ އެތެރެއަށް ވަނުމުން އޭނާއަށް ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލްވީހިނދު އެ މޫނުމަތިން މިކްޔާނަށް އެއްވެސް ތަފާތުކަމެއް ފާހަގައެއް ނުވެއެވެ. އޭގެ ބަދަލުގައި އޭނާއަށް ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. މިކްޔާންގެ ސިކުނޑި ރަނގަޅަށް މަސައްކަތް ނުކުރުމުން އޭނާ ހުރީ ބަދަލުގައި ހިނިތުންވާންވެސް ނޭނގިފައެވެ. އޭނާއަށް ހަމަހޭވެރިކަންވީ ނިމާލް ގޮވާލުމަށްފަހު، ހެނދުނުގެ ނާސްތާކުރުމަށް އެމީހުންނާއި ބައިވެރިވާން އެދުމުންނެވެ. މަޑުމަޑުން ބޯޖަހާލަމުން ގޮސް މިކްޔާން އިށީނީ މިލާނާއި ރުހާއާއި ދެމެދު ހުރި ހުސްގޮނޑީގައެވެ. ގޮނޑީގައި ހަމަޖެހިލަމުން ވަށްކަޅިން ރުހާއަށް ބަލާލިއެވެ. ރުހާ، މިކްޔާންގެ ކައިރީގައި ހުރި ޖޯޑަށް ސައި އަޅައިދިނުމަށްފަހު، ތަށްޓަށް މަސްހުނިވެސް އަޅައިދިނުމުން މަޑުމަޑުން އިނދެގެން އޭނާ ކާންފެށިއެވެ. ރުހާ އޭނާއާއި ދިމާއަށް އިރުއިރުކޮޅާ ބަލާލާކަން މިކްޔާނަށް އެނގުނީ އޭނާގެ ޙަރަކާތްތަކަށް ފަރުވާތެރިވެ ވަށްކަޅިން ބަލަން އިނުމުންނެވެ.
“ދަރިފުޅާ…. ކިހިނެއްވީ މިއަދު މާ ލަހުން ހޭލެވުނީ…..؟؟؟؟ ރުހާ ބުނި ފަތިސް ނަމާދަށް ގޮވީމަވެސް ނުހޭލައޭ….؟؟؟؟ ބަލީތަ…؟؟؟ އޮފީހަށް ނުދާނެކަމަށް މެސެޖުވެސް އިން ފޮނުވާފަ…..” މިކްޔާން އައީއްސުރެ އޭނާގެ ޙަރަކާތްތަކަށް ބަލަން އިން ނިމާލް އަހާލިއެވެ. ނިމާލްގެ ސުވާލުތައް އަމާޒުވުމުން، އިސް އުފުލާ ނިމާލަށް ބަލާލުމަށްފަހު، މިކްޔާން ރުހާއަށް ބަލާލިއެވެ. އޭރު ރުހާގެ އިތުރުން ދެން ތިބި މީހުންވެސް ތިބީ އޭނާއަށް ބަލާށެވެ. ހީވާގޮތުން އެންމެންވެސް ތިބީ އޭނާގެ ޖަވާބުގެ އިންތިޒާރުގައެވެ.
“ކުޑަކޮށް ބޮލުގައި ރިއްސާތީ، ރޭގަ ތަންކޮޅެއް ލަހުން ނިދުނީ…. އެހެންވެ ފަތިސް ނަމާދަށްވެސް ނުހޭލެވުނީ….. ރުހާ ގޮވިކަމެއް ނޭނގެ…..” ނިމާލަށް ބަލަން އިނދެ ވާހަކަ ދެއްކި ނަމަވެސް ފަހު ޖުމްލަ ބުނެލީ ރުހާގެ ދެލޮލަށް ބަލަން އިނދެއެވެ. ރުހާ އޭނާއަށް ގޮވާފާނެކަމާއިމެދު ޝައްކު އުފެދިފައި ވީތީއެވެ. ރޭގައި އެ ހުރިހާކަމެއް ހިނގުމަށްފަހު ރުހާ އޭނާއަށް ގޮވާފާނެހެން ހީވެސްނުވާތީއެވެ.
މިކްޔާންގެ ޖަވާބު އިވިފައި ރުހާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިތަން މިކްޔާނަށް ފެނުނެވެ. އެހެނަސް، އޭނާ އިނީ ނޭނގޭކަމަށް ހަދާލައިގެން ތަށްޓަށް ބަލަހައްޓައިގެންނެވެ.
“އަހަރެން ގޮވީމަ ހޫމް އަޅުވާލާފަ އަނެއްފަރާތަށް އެނބުރުނީ…. މާގަދައަށް ނިދިފަ އޮތީމަ ގޮވިކަން ނޭނގުނީކަންނެ….” ރުހާގެ އަޑުވެސް މަޑެވެ. މިކްޔާން ބޯޖަހާލަމުން “ވެދާނެ” އޭ ބުނިނަމަވެސް އޭނާ އިނީ ދެންވެސް އިސްޖަހާލައިގެންނެވެ.
“މިހާރު ބޮލުގެ ރިހުން ކިހިނެއްވަނީ….؟؟؟ އަދިވެސް ރިއްސާތަ…..؟؟؟؟” ދެން އިވިގެން ދިޔައީ މިލްނާގެ އަޑެވެ.
“އަދިވެސް ކުޑަކޮށް ރިހުން އެބަހުރި….” މިލްނާއަށް ބަލާލަމުން މިކްޔާން ބުނެލިއެވެ. ކައިގެން ބޭސް ގުޅައެއް ކާލުމަށް މިލްނާ ބުނުމުން މިކްޔާން ބޯޖަހާލިއެވެ.
**********
ހެނދުނުގެ ނާސްތާއަށްފަހު، އޮފީހަށްވެސް ނުދާތީ މިކްޔާން އިނީ ކޮޓަރީގެ ބެލްކަނީގައި ބަހައްޓާފައިހުރި ވަށްމޭޒުކައިރީ ހުރި ހުދުކުލައިގެ އަތްގަނޑުލީ ގޮނޑިގައެވެ. އޭނާ އިނީ ފޯނާ ކުޅޭށެވެ. މީހެއްގެ ހިލަންވީހެން ހީވުމުން އިސް އުފުލާ ބަލާލިއިރު ގާތުގައި ހުރި ރުހާ ފެނުމުން ހައިރާންވިއެވެ. މިކްޔާންގެ މޫނަށް ބަލާލަމުން އޭނާގެ އަތުގައި ހުރިފެންތަށި މޭޒުމަތީ ބެހެއްޓުމަށްފަހު، އޭނާގެ ކުރިމައްޗަށްވާ ގޮތަށް ހުރި ގޮނޑިގައި އިށީނެވެ. މިކްޔާން އިނީ އަދިވެސް ރުހާއަށް ބަލާށެވެ. ރުހާ އޭނާގެ އަތަށް ލައިގެން ގެނައި ބޭސްގުޅަ މިކްޔާނަށް ދިއްކޮށްލަމުން ހިނިތުންވެލިއެވެ. މިކްޔާން އެއްފަހަރު ބޭސްގުޅައަށް އަދި އަނެއް ފަހަރު ރުހާއަށް ބަލާލިއެވެ. ނަމަވެސް ބޭސްގުޅައިގައި ހިފާކަށް ނޫޅުނެވެ. އެއިން ގޮތަށް ބަލަހައްޓައިގެން އިނީއެވެ.
“އަހަރެންދެކެ ރުޅިއައިސްފައިތަ…..؟؟؟؟” މިކްޔާން ބޭސްގުޅަ އަތްނުލުމުން ރުހާއަށް އަހާލެވުނެވެ. މިކްޔާން އެގޮތަށް ކަންތައް ކުރުމުން އޭނާ ދެރަވީއެވެ. ރުހާގެ އަޑުންވެސް އެކަން ފާހަގިވިއެވެ. ރުހާގެ މިލާފައިވާ މޫނު ފެނުމުން މިކްޔާނަށް އެގޮތުގައި ނީނދެވުނެވެ. ރުހާގެ އަތުގައި އޮތް ބޭސްގުޅަ އަތްލަމުން ބޯ ހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. ރުހާ ބަލަން އިންދާ މޭޒުމަތީ ފޯނު ބޭއްވުމަށްފަހު، އޭނާ ބޭސްގުޅަ ކާލިއެވެ.
“ރޭގަ ވީ ކަންތަކަށް މާފަށް އެދެން….. އެއީ އަހަރެން ގަސްތުގަ ކުރިކަމެއް ނޫން…. އަސްލު އަހަންނަށްވެސް ނޭނގެ ވީ ގޮތެއް…؟؟؟ އެގޮތަށް ކަންތައް ކުރެވުނީ ކީއްވެގެންކަމެއް ނޭނގެ….؟؟؟؟ ހެނދުނު ހޭލާފަ ރޭގެ އެ ކަންތައް ހަންދާންވީމަ ވަރަށް ދެރަވި…. އެއީ އަހަރެން ކަންތައްކުރަން ބޭނުންވި ގޮތެއް ނޫން…. ވަރަށް ބޮޑަށް ސޮރީ….” ފެންތަށީގައި ހިފަހައްޓާލައިގެން އިން މިކްޔާންގެ އަތުގައި ހިފާލަމުން ރުހާ ވާހަކަދެއްކިއެވެ. އޭނާގެ ވާހަކަތައް ކަނުލާ އަޑުއަހަން އިން މިކްޔާން “އޯކޭ އޭ ބުނެލިއެވެ. ރުހާއަށް ބަލަން އިން ނަމަވެސް، އޭނާގެ މޫނުގައި އެއްވެސް އަސަރެއް ނެތެވެ.
“އަދިވެސް އެކަމާ ހިތްހަމަ ނުޖެހިފާތަ….؟؟؟” މިކްޔާންގެ ފަރާތުން އެހާ ބޮޑު ސަމާލުކަމެއް ނުލިބުމުން ރުހާ ދެރަވިއެވެ. ޙަޤީގަތުގައިވެސް އޭނާއަށް އެގޮތަށް ކަންތައްކުރެވުނީ ކީއްވެގެންކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އޭނާވެސް އެދެމެދުގައިވާ ގުޅުން ބަދަހިކުރަން ބޭނުންވެއެވެ. އެކަމަކު މި ފަހަރު އޭނާގެ ސަބަބުން އެކަން ނުވީތީ ޙަޤީގަތުގައި ރުހާ އިނީ ވަރަށް ދެރަވެފައެވެ. އޭނާގެ އަޑާއި ރާގު އަދި އެ މޫނުމަތީގައިވާ މޮޅިވެރިކަން އެކަމަށް ހެކިދެއެވެ. މިކްޔާނަށް އެ ހުރިހާ ކަމެއް ފާހަގަވީނަމަވެސް، ދެންވެސް އޭނާ ބަހެއް ބުނާ ޚިޔާލެއް ނުކުރިއެވެ. ހަމައެކަނި ދެ ފަރާތަށް ބޯ ހޫރާލީއެވެ. މިކްޔާނަށް ބަލަން އިން ރުހާ ހިތުގައި ޖެހުނެވެ. ދެ ލޮލަށް ކަރުނަތަށް ޖަމާވާންފެށީ އެއްވެސް އިޚްތިޔާރަކާނުލައެވެ. ނަމަވެސް އޭނާ އެ ކަރުނަތައް ބޭރުކުރާކަށް ބޭނުމެއް ނުވިއެވެ. އޭނާ އަކީ އެއް އިރެއްގައިވެސް އެހާ ބަލުކަށި ކުއްޖެއް ނޫނެވެ. ދެ ލޮލަށް ޖަމާވި ކަރުނަތައް ބޭރުވިޔަ ނުދިނުމަށްޓަކައި ތުންފަތުގައި ދައިގަންނަމުން ރުހާ އިންތަނުން ތެދުވެ ދާން ހިނގައިގަތެވެ. ރުހާ ކިތަންމެ ފޮރުވަން މަސައްކަތް ކުރިނަމަވެސް އެ ދެ ލޮލަށް ޖަމާވި ކަރުނަތަކާއި އެ ދެލޯ ރަތްވެގެން އައިތަން މިކްޔާނަށް ފެނުނެވެ. އޭނާގެ ހިތުގައި ރިއްސާލިވެސް މެއެވެ. އެހެނަސް ދެންވެސް އޭނާ މަޑުމައިތިރިކަން އިޚްތިޔާރުކުރީ ހުރިހާކަމެއް ރަނގަޅަށް ދެނެގަންނަން ބޭނުންވާތީއެވެ. ހިނގާދިޔަ ކަންތައްތަކާއި، ރުހާގެ ވާހަކަތަކާއިމެދު ފުންކޮށް ވިސްނާލުމަށް ބޭނުންވާތީއެވެ.
“އަހަރެން ފަތިސްނަމާދަށް ގޮވިއޭ ބުނީމަ މިކްޔާން ޤަބޫލެއް ނުކުރަންދޯ….” ދެލޯ މަރާލައިގެން، ނިތުގައި އަތް އަޅައިލައިގެން އިން މިކްޔާން ސިހުނީ ކުއްލިއަކަށް ރުހާގެ އަޑު އިވުމުންނެވެ. އެތަނުން ދާން ހިނގައިގަތް ރުހާ ހުރީ ބެލްކަނިން ކޮޓަރިއަށް ވަދެވޭގޮތަށް ހުރި ދޮރުކަނީގައި ހިފަހައްޓާލައިގެންނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލްވެފައިވާއިރު އެދެމެދަށް ވެރިވެފައިވަނީ ހިމޭންކަމެވެ. މިކްޔާން އަނގައިން ނުބުނެ އިނީ އޭނާއަށް ޙަޤީގަތުގައިވެސް އެހެން ހީވެފައިވުމުންނެވެ. ދުލުން ނުބުނި ކަމުގައިވިޔަސް މިކްޔާންގެ ޖަވާބު ރުހާއަށް ދެނެގަނެވުނެވެ.
“އަހަރެން އަސްލުވެސް މިކްޔާނަށް ގޮވިން…. ދެތިންފަހަރު ގޮވާލިން…. އަހަރެން ބޭނުންވި އެ ގަޑީގައި މާފަށް އެދެން….. އެކަމަކު މިކްޔާން ނިދާފައި އޮތީމަ……” ރުހާއަށް އިތުރަށް ޖުމްލަ ފުރިހަމަ ކުރާކަށް ނުކެރުނެވެ. މިކްޔާންގެ އެ ހިމޭންކަމުން އޭނާއަށް ވަރަށް ބޮޑަށް އުނދަގޫވިއެވެ. އެހެންކަމުން އެތާ އިތުރަށް މަޑުނުކޮށް އޭނާ ދިޔައީއެވެ.
ރުހާ ދިއުމުން މިކްޔާން އިންތަނުން ތެދުވެގެން ގޮސް ރެއިލިންގައި ހިފަހައްޓާލިއެވެ. އޭނާއަށް ވިސްނެމުންދިޔައީ ރުހާގެ ވާހަކަތަކާއިމެދުއެވެ. އެއީ ރުހާ ގަސްތުގައި ކުރިކަމަކަށް ނުވާނަމަ އެހެންވީ ކީއްވެގެން ހެއްޔެވެ. އެ ބޮޑު ދެލޮލާއި މޫނުގައި އެ ވީ ބިރުވެރިކަމުގެ ޙަޤީގަތަކީ ކޮބައިބާވައެވެ.؟ ބިރުންގޮސް މީހާ ތުރުތުރުލާވަރުވީ ކީއްވެގެންބާވައެވެ..؟؟؟ އިހުނަށްވުރެވެސް ބޮޑަށް މިކްޔާންގެ ހައިރާންކަން އިތުރުވިއެވެ. ހިތުގައި އުފެދުނު ސުވާލުތަށްވީ ގިނައެވެ. އެ ސުވާލުތަކުގެ ޖަވާބު އޭނާ ހޯދަން ބޭނުމެވެ. އެހެނަސް ކިހިނަކުން ހެއްޔެވެ.؟ ޚުދު ރުހާވެސް އެ ބުނަނީ އޭނާއަށް އެވީ ގޮތެއް އޭނާއަށްވެސް ނޭނގޭކަމަށެވެ. ވިސްނި ވަރަކަށް މިކްޔާންގެ ބޮލުގެ ރިހުން ވީ ގަދައެވެ. އެހެންކަމުން އޭނާ ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލީ ނިދާލުމުގެ ބޭނުމުގައެވެ. ރޭގައި ހަމަނިދި ނުލިބޭތީވެސްމެއެވެ.
**********
މެންދުރު ރަނގަޅަށް ނިދާލެވުމުން މިކްޔާން ހުރީ ވަރަށް ހަމަޖެހިލާފައެވެ. ބޮލުގެ ރިހުންވެސް އެކީ ފިލައި ގޮސްފައިވުމުން ފެންވަރާ ނަމާދު ކޮށްލައިގެން އޭނާ ގެއިން ބޭރަށް ނުކުތީ އެކަނިވެލަން ބޭނުންވެފައި ހުރުމުންނެވެ.
ސައިކަލްގައި ދުއްވަމުން ދިޔައިރު، އޭނަގެ މިސްރާބަކަށްވީ އަތިރިމައްޗެވެ. އަދި އަސުރު ނުވާތީ ވަގުތުގެ ގޮތުން އެތާނގައި މިވަގުތު ބަޔަކު ނޫޅޭނެހެން ހީވާތީ، އެއީ އެކަނިވެލަން އެންމެ ރަނގަޅު ތަން ކަމުގައި އޭނާ ދެކުނެވެ.
މިކްޔާން ހީކުރި ގޮތަށް އަތިރިމައްޗަށް ދިޔައިރު، އެތާ އެއްވެސް މީހަކު ނެތެވެ. އޭނާގޮސް އިށީނީ ދިއްގާގަހެއްގެ ހިޔަލުގައި އޮތް ގާގަނޑެއްގެ މަތީގައެވެ. އެތާ އިށީނުމަށްފަހު، މިކްޔާން ވިސްނަން ފެށިއެވެ. އެމީހުންގެ ކައިވެނި ވީއްސުރެ މިއަދާއި ހަމައަށް އެ ދެމެދުގައި ދެކެވުނު ވާހަކަތައް ހަނދާންކުރަން ފެށިއެވެ. ރުހާ މުޅިންވެސް ދައްކާފައިވަނީ އެގުޅުން ހަރުދަނާ ކުރާ ވާހަކައެވެ. އެގުޅުން ކުރިއަށް ގެންދަން ބޭނުން ނުވާ ވާހަކައެއް ރުހާ ބުނި ހަނދާނެއް އޭނާ ނުވިއެވެ. އެހެންކަމުން އެކި ގޮތްގޮތަށް ވިސްނުމަށްފަހު އޭނާ އަށް ރުހާ ދެއްކި ވާހަކަތައް ޤަބޫލުކުރެވުނެވެ. ޙަޤީގަތުގައި ރުހާއަށް އެގޮތަށް ކަންތައް ކުރެވުނީ ކީއްވެކަން ޚުދު ރުހާއަށްވެސް ނޭނގެނީކަމުގައި އޭނާއަށް ޤަބޫލުކުރެވުނެވެ. އެހެންނަމަ، ރުހާ އަމިއްލައަށް އިސްވެ އައިސް މިއަދު ހެނދުނު އެވާހަކަތަކެއް ނުދެއްކީހެވެ. މާފަކަށް ނޭދުނީހެވެ. އެ މޫނުމަތިން ފެނުނު ހިތާމައިގެ އަސަރުތައްވެސް އެކަމަށް ހެކިވެއެވެ. ހަމައެހެންމެ އެ ހުރިހާ ކަމެއްގެ ފަހަތުގައި އަޑި ނޭނގޭ ސިއްރެއް ވާނެކަމުގައިވެސް އޭނާއަށް ޤަބޫލުކުރެވުނެވެ. އޭނާ ދެން ވިސްނީ އެކަމުގެ ޙަޤީގަތް ހޯދާނެ ގޮތަކާއިމެދުއެވެ. އެކަމާއި ގުޅޭގޮތުން ރުހާއާއި ސުވާލުކުރުމަކީ އެންމެ އެކަށީގެންވާ ގޮތް ނޫން ކަމުގައި އޭނާއަށް ވިސްނުނެވެ. އެހެނަސް، އޭނާ އެކަން ހޯދާ ބަލަން ބޭނުމެވެ. ކޮންމެވެސް ގޮތަކުން އެކަންތައްތަކުގެ ޙަޤީގަތް ހޯދުމަށް އޭނާ އަޒުމްކަނޑައެޅިއެވެ.
**********
މިކްޔާންގެ ފަރުވާކުޑަކަމުން ރުހާ ދެރަކޮށްލެވިފައިވީތީ، އޭނާ އެނބުރި ގެއަށް ދަމުން ދިޔައީ ރުހާއަށް ހަދިޔާއެއް ހިފައިގެންނެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު، މިކްޔާން ބަލާލީ ރުހާ ކޮބައިތޯއެވެ. ކޮޓަރިން ފެންނަން ނެތުމުން މިކްޔާން ދެން ދިޔައީ ބެލްކަންޏަށެވެ. މީހެއްގެ ހިލަން ވެގެން ބެލްކަނީގައި ހުރި ރުހާ ފަސްއެނބުރި ބަލާލިއެވެ. މިކްޔާން ފެނުމާއެކު އޭނާ އިސްޖަހާލީ އަދިވެސް މިކްޔާން ހިތްހަމަ ނުޖެހިފައިހެން ހީވުމުންނެވެ. ބަހެއް ބުނުމެއްނެތި އެތަނުން ނުކުންނަން ދިޔަ ރުހާގެ އަތުގައި ހިފާލަން މިކްޔާނަށް އަތް ހިއްލާލެވުނެވެ. ނަމަވެސް، ހުއްޓުނީ އަމިއްލަ ނަފްސަށް ވެވުނު ވަޢުދެއް ހިތަށް އެރުމުންނެވެ. އޭނާ އަމިއްލަ ނަފްސަށް ވަޢުދުވީ ރުހާގެ ރުހުމުގައި، ނޫނީ ރުހާ އިސްވެ ނާތްލަނީސް އޭނާ، ރުހާގެ ގައިގައި އަތްނުލުމަށެވެ. ހިއްލާލެވިފައިވާ އަތްތިލަ ޖީންސްގެ ޖީބަށް ޖަހާލަމުން މިކްޔާން ރުހާއަށް ގޮވާލިއެވެ. މިކްޔާންގެ އަޑަށް ރުހާ ހުއްޓުންނަމަވެސް، ފަސްއެނބުރި ބަލައެއް ނުލައެވެ. މިކްޔާން މަޑު ހިނގުމެއްގައި ގޮސް ރުހާގެ ކުރިމަތީ ހުއްޓުނެވެ. ބަލަން ނުބަލަން ހުރެފައި ރުހާ މިކްޔާނަށް ބަލާލިއެވެ. ހައިރާންވީ މިކްޔާންގެ އުޖާލާވެފައިވާ މޫނު ފެނުމުންނެވެ. މިކްޔާން އޭނާގެ ފުރަގަހަށްލާ ފޮރުވައިގެން ގެންގުޅުނު ޗޮކްލެޓް ދިއްކޮށްލުމުން، އެއްވެސް އިޚްތިޔާރަކާނުލާ ރުހާގެ ކުޑަ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އަދި އެ ހުރިގޮތަށް ހުރެ ޗޮކްލެޓްގައި ހިފަމުން ޝުކުރު އަދާކޮށްލިއެވެ. މިކްޔާންގެ މޫޑު ރަނގަޅުވުމުން ރުހާ ވަރަށް އުފާވިއެވެ.
“ރުހާ… ރޭގެ ކަންތަކާ އަހަރެން ވަރަށް ވިސްނައިފިން…. އަހަންނަށް ހީވަނީ ރުހާ އަދި އެކަމަށް ތައްޔާރު ނުވާތީހެން އެހެން އެވީ…. އެހެންވީމަ، އަހަރެން ބޭނުން ރުހާއަށް ވަގުތު ދޭން…. ރުހާ ތައްޔާރުވީމަ ދެން އަހަރެމެން އެކަމާ ވިސްނާނީ….” ޖީންސްގެ ދެ ޖީބަށް އަތް ޖަހާލައިގެން ހުރެ ލުއި ހިނިތުންވުމަކާއިއެކު، މިހެން ބުނެފައި މިކްޔާން ހިނގައިގަތީ ރުހާއަށް އެއްޗެކޭ ބުނާނެ ފުރުސަތެއްވެސް ނުދީއެވެ. ކިތަންމެ ހުއްޓުވަން ބޭނުންވި ނަމަވެސް ރުހާއަށް އެ ހިތަވަރު ކުރާކަށް ނުކެރުނެވެ. އޭނާ ބޭނުންވީ އޭނާގެ ސަބަބުން އެކަން ޚަރާބުވީތީ އެކަން ރަނގަޅުކުރާށެވެ. އެހެނަސް، ދެން އޭނާއަށް އެ ހިތްވަރުކުރާކަށް ނުކެރޭނެއެވެ.
**********
މިލާނާއި ރިދާގެ ކައިވެންޏަށް ދެފަރާތުގެ ޢާއިލާއިންވެސް އެކިއެކި ތައްޔާރީތައް ވުމަށްޓަކައި، ކައިވެނިކުރުމަށް ހަމަޖެހިފައިވީ އޭގެ ތިންމަސް ފަހުންނެވެ.
ދުވަސްތައް ހަލުވި މިނުގައި ހިނގަމުން ގޮސް ތިންމަސްވެސް ފާއިތުވެއްޖެއެވެ. ރުހާއާއި މިކްޔާންގެ ގުޅުން އޮތީ އަދިވެސް އެކުވެރިކަމާއި ހަމައިގައެވެ. އެދެމެދުގައިވާ ގުޅުމަށް ވަކި އިތުރު ބަދަހިކަމެއް ނާދެއެވެ. ނަމަވެސް މިކަމެއް ޢާއިލާގެ އެއްވެސް މެމްބަރަކަށް އަދި އަދަށް ދާންދެންވެސް ނޭނގެއެވެ. އެއީ ދެމީހުންވެސް ބޭނުންވާ ގޮތެވެ. އެދެމެދުގައިވާ ކަންތައްތައް އެހެން މީހަކަށް އަންގާކަށް ދެމީހުންކުރެ އެކަކުވެސް ބޭނުމެއް ނުވެއެވެ. އެހެންކަމުން އެންމެންގެ ކުރިމަތީގައިވެސް އެމީހުން އުޅެނީ ވަރަށް ހަމަޖެހޭ އަދި ލޯބިން އުޅޭ ދެމަފިރިއެއްގެ ގޮތުގައެވެ.
ނިމާލްގެ ޢާއިލާގެ މެމްބަރުން ތައްޔާރުވަމުން ދިޔައީ މިލާންމެންގެ ކައިވެންޏަށް ރިދާމެންގެ ރަށަށް ދިއުމަށްޓަކައެވެ. އެންމެ ފޯރީގައި ތައްޔާރުވަމުން ދިޔައީ ރުހާއާއި މަލަކްއެވެ. ދެމީހުންވެގެން އެރަށަށް ގޮސް ކުރާނެ ކަންތައްތަކުގެ ޕްލޭންތައްވެސްވަނީ ރާވާ ނިމިފައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.







Kiyuntherinah mi part ves kamudhaane kamah heekuran ?❤️?❤️?
Mihaaru mi vaahaka eem ge fb page “EamYaa ge Vaahaka” in ves kiyaaleveyne ?
https://www.facebook.com/EamYaa-ge-Vaahaka-100267119062847/
V furihama ? avahah update eh libeyne kamah unmeedhu kurany. Keep on going ❤️??
Thanks bro ??❤️
Next part avas kohladheynan In Sha Allah ??
Masha Allah… Vrh reethi Mi part vx…. When next?? Curiously waiting…. ❤️
Thanks faruhaa ❤️?❤️
Next part soon In Sha Allah ??
wow..mi part vs vrh reethi..when next part..curiously waiting for the next part..???
Thanks Eevss ❤️?❤️
Next part soon In Sha Allah ??