” ޔޫ…! ޔޫ ނޯ ހޫ ދެޓް އިޒް ރައިޓް..؟” ސުހެއިލްގެ ފަހަތުގައި މަޑު ޖެހިގެން ހުރި އޭނާގެ ސެކެޓްރީއާ ސުވާލު ކުރި އިރު ފަހަތަށް އެނބުރި އެކަކު އަނެކަކަށް ފެނިގެން ވާހަކަ ދެއްކުމުގެ ވިސްނުމެއް އޭނާގެ ނެތްކަހަލައެވެ.
” އާ..އާދެ.. އެކަމަކު އެއީ އެތަނުން ކާކު ކަމެއް ނޭނގެ.. ..” އިނގިރޭސި ބަހުން އަނބުރާ ސުހެއިލް އަށް އަދަބުވެރިކަމާއެކު ޖަވާބު ދެމުން އޭނާގެ ސެކެޓްރީ ހާމަކުރިއެވެ. ދެމީހުންގެ ވާހަކަ ދައްކަމުން ދިޔަ ސާފު އެމެރިކަން އިިނގިރޭސިން އެމީހުންނަކީ ދިވެހި ބަޔެއް ކަމަކަށް އެކަކުވެސް ޤަބޫލެއް ނުކުރާނެއެވެ.
ލިލިއަން އާއި ދިޔާން އާ މެދު އޮތީ ރަޙުމަތްތެރިކަމަށް ވުރެ ގާތް ގުޅުމެއްކަމަށް ސުހެއިލް އަށް ހީވާން ފެށިއެވެ. އޭނާ ހީކުރި ފަދަ ގުޅުމަކަށް ނުވިޔަސް ސުހެއިލް ބޭނުންވާ ގޮތަށް ކަން ކުރުމަށް އެޅޭނެ ހުރަކަށް ދިޔާން ވެގެން ދާނެކަން ލިލިއަންގެ ކުރިމަތީ ދިޔާން ހުއްޓި ހުރިގޮތް ސިފަވުމުން އޭނާއަށް ޔަޤީންވިއެވެ. އޭނާ ލަންޑަނުން އެހާ އަވަހަށް ރާއްޖެ އައީވެސް ލިލިއަން ދެކިލުމަށެވެ. އެހެނަސް އޭނާއާ ބައްދަލުކުރީ ހިތް ރުހޭފަަދަ މަންޒަރެއް ނޫނެވެ.
” ހުމްމްމް.. ބަލާ މިރަށަށް އައިސްގެން އެއުޅެނީ އެތަނުން ކާކުތޯ.. އެމީހުންނަކީ އަހަންނަށްވެސް އެހާ ފަސޭހައިން ކުރިމަތިލެވޭނެ ބައެއް ނޫން.. ހާއްސަކޮށް.. މިސްޓަރ ކޭއަށް ވެއްޖިއްޔާ.. “ ދިޔާންގެ ސާބިތުކަން އެކުލެވޭ ނަޒަރު ސިފަ ވުމާއެކު ސުހެއިލްގެ ނިތަށް ރޫތައް ޖަމާވެގެން ދިޔައެވެ.
” މާދަމާ ވުމުގެ ކުރިން އަހަންނަށް ޖަވާބެއް ދޭންވާނެ..!” އޭނާގެ ސެކެޓްރީއަށް އަމުރުކުރަމުން ފަހު ފަހަރަށް ސިނގިރޭޓު ދަމާލުމަށްފަހު ބިންމައްޗަށް ވައްޓާލާ ފައިން އަރާ އޭތި ޗިސްކޮށްލިއެވެ. .
*****
ދިޔާންގެ ލޮލުގައި މިރޭ ނިދީގެ އެއްވެސް އަސަރެއްނެތެވެ. ލިލިއަންގެ ގޭ ކުރިމަތިން ފެނުނު ޒުވާނާގެ ކިބައިން އޭނާއަށް ފާޅުވީ ނުރައްކާތެރިކަމެވެ. ލިލިއަންވެސް އޭނާގެ ހާޒިރުން ނުތަނަވަސްވީކަން ދިޔާން އަށް ޔަޤީންވިއެވެ. ހާއްސަކޮށް އެ މީހާ ލިލިއަން އަށް ބަލަން ހުރި ދަހިވެތި ނަޒަރު ސިފަވުމުން ދިޔާންގެ ދެބޮމަ ގޮށްޖެހިގެން ދިޔައެވެ. އެއާއެކު އެ ނުދަންނަ ޒުވާނާ އާ ލިލިއަން އާ ދެމެދު އޮތް ގުޅުމަކާމެދު ހިތުގައި ސުވާލު އުފެދިގެން ދިޔައެވެ. ހަމަގައިމުވެސް އެމީހަކު ނިކުތީ ލިލިއަންގެ ގެއިންނެވެ. އެޒުވާނާ ދިޔުމާއެކު އޭނަ އާ ބެހޭގޮތުން ލިލިއަން އާ ސުވާލުކުރަން ދިޔާން ބޭނުންވިއެވެ. ނަމަވެސް ލިލިއަން އަވަސް އަވަހަަށް ގެއަށް ވަންނަން އުޅުނު ގޮތުން ދިޔާން އަށް ސުވާލެއް ކުރަން ޖެހިލުން ވެވުނެވެ.
ސިކުނޑި ފުރެމުން ދިޔަ ޚިޔާލުތަކާއެކު ދިޔާން ބޮލުގެ އިސްތަށިގަނޑުގައި އަތް ފުނާ އަޅާލިއެވެ. އެހެނަސް އެ ސިކުންތުގައި އޭނާގެ ހަރަކާތްތައް މަޑުޖެހުނީ ސިކުނޑިއަށް ވެރިވި މޮޅު ޚިޔާލަކުންނެވެ. ވަޤުތުން އެނދުން ތެދުވަމުން އޭނާ އޮފީސް މަސައްކަތްތައް ކުރުމަށް ހުރި ކިޔަވާ މޭޒު ދޮށުގައި އިށީނެވެ. ބޮކި ދިއްލާލަމުން ފަންސޫރެއް ނަގާ ހުދު ގަނޑެއްގައި ކުރަހަން ފެށިއެވެ. އާކިޓެކްޗަރ އަކަށް ވުމާއި ޤުދުރަތުން ދިޔާން އަށް ލިބިފައިވާ ހުނަރާއެކު މޮޅެތި ކުރެހުންތެރިންނާ ވާދަކުރެވޭފަދަ ޤާބިލުކަން ދިޔާން އަށް ލިބިފައިވެއެވެ.
ގަޑި އިރެއް ފުރިހަމަ ނުވަނީސް ދިޔާންގެ ކުރެހުން ނިމިއްޖެއެވެ. އޭރު ކުރިން ހުސްކޮށް އޮތް ގަނޑުގައި މިހާރުވަނީ ސުހެއިލްގެ ތަސްވީރެއް ކުރެހިފައެވެ. އޭނާއަށް ސުހެއިލް މިރޭ ފެނުން ވަޤުތު ހުރިގޮތާ އެ ކުރެހުމާ އެއްވެސް ތަފާތެއް ނެތެވެ. ފޯނުން ކުރެހުމުގެ ފޮޓޯއެއް ނަގަމުން ދިޔާން އޭނާ ބޭނުންވާ ކަންތައް ކުރުމަށްފަހު ނަންބަރަކަށް ގުޅާލިއެވެ.
” ހަލޯ.. އިންނާނެ މެއިލްއެއް ފޮނުވާލާފަ.. އޭތި ބަލާލާފަ އަހަންނަށް ހޯދަދޭންވީ އެއީ ކާކުކަން.. އޭނަޔާ ބެހޭގޮތުން ހޯދޭނެ ހުރިހާ މަޢުލޫމާތެއް ހޯދާލަދީ.. ވީ އެންމެ އަވަހަކަށް އެކަން ކޮށްލަދޭތި..” ދިޔާން އޭނާގެ އެދުން ހާމަކުރިއެވެ.
އެކޮޅުން ދިޔާންގެ އެދުމަށް އެއްބަސްވުމާއެކު ދިޔާން ހިތްހަމަ ޖެހިފައިވާ ހިތަކާއެކު ޝުކުރު އަދާކުރަމުން ފޯނު ބާއްވާލިއެވެ.
***********
ފަތިސް ނަމާދަށް ހޭލެވުނު ދިޔާން ފުރަތަމަވެސް ނަމާދުކޮށްލައިގެން ބަލައިލީ އޭނާގެ ފޯނެވެ. މީގެ ދެތިން ގަޑިއިރު ކުރިން ފޯނަށް އައިސްފައިވާ މެއިލް ދިޔާންގެ ލޮލުގައި އަޅައިގަތެވެ. އަވަސްވެފައިވާ ހިތަކާއެކު ދިޔާން މެއިލް ހުޅުވާލަމުން އޭގައި ހުރި މަޢުލޫމާތު ކިޔާލިއެވެ.
ސުހެއިލް އާ ބެހޭގޮތުން ލިޔެފައިވާ މަޢުލޫމާތު ކިޔަމުން ދިޔަވަރަކަށް ދިޔާންގެ ބޮމަ ގޮށްޖެހިގެން ދިޔައެވެ. ސުހެއިލް އަކީ އޭނާ ހީކުރި ވަރަށްވުރެ ނުރައްކާތެރި މީހެއްކަން ޔަޤީންވެގެން ދިޔައެވެ. ސުހެއިލް އާ ބެހޭގޮތުން އިނގެން ހުރި މަޢުލޫމާތުގެ މަދުކަމުންވެސް ދިޔާންގެ ހިތަށް ނުތަނަވަސްކަން ލިބެމުން ދިޔައެވެ.
ދެން ހަދަންވީ ގޮތަކާމެދު އިރުކޮޅަކު ފިކުރު ކުރަން އިނުމަށްފަހު ސިކުނޑި ތާޒާކޮށްލުމުގެ ގޮތުން ދިޔާން ބޭރަށް ނިކުންނަން ނިންމިއެވެ.
ފަތިހުގެ ހަމަހިމޭން ވަޤުތު މަގުމަތީގައި ވަނީ ތެތްފިނިކަން ހަރުލައިފައެވެ. ދިޔާން ލަސްލަހުން ހިނގަމުން އައިސް މަޑުކޮށްލީ ލިލިއަން ދިރިއުޅޭ ގޭގެ ކުރިމަތީގައެވެ. ލިލީ މަލުގެ މީރުވަސް ނޭފަތުގައި ޖެހުމާއެކު އޭނާގެ ހިތްސުތައް ހޭލައްވާލިއެވެ. މާތަކާ ދިމާއަށް ދާން ހިތަށް އަރާފައިވެސް ދިޔާން ފިޔަވަޅުތައް މަޑުޖައްސާލިއެވެ. ލިލިއަންގެ މަންމަ ނުވަތަ ބައްޕަ ނިކުމެއްޖެ ނަމަ އޭނާގެ ޢަމަލުން ނުބައި މާނައެއް ނަގާ ފާނެއެވެ. ފަތިހުގެ އަނދިރީގައި ގޭގޭ ދޮށުގައި ހުންނަ ގަސްތަކާ ކުޅެން ހުންނާނީ ވަކި ކާކުހެއްޔެވެ؟ މާ ގަސް ވަގަށް ނަގަން އުޅުނު މީހެއްގެ ލަޤަބު ލިބި އޭނާ މިރަށުންވެސް ބޭރުކޮށްލަފާނެއެވެ.
ހިތަށްވެރިވި ނުބައި ޙިޔާލުތަކާއެކު ދިޔާން އަށް ހިންދިރުވާލެވުނީ އެފަދަ މަންޒަރެއް ހިތަށް ސިފަ ވުމުންނެވެ. އެފަދަ ކަމެއް ވުމުގެ ކުރިން އެތަނުން ދާން ފިޔަވަޅު ހިތްލައިލި ދިޔާން ސިއްސައިގެންދިޔައީ ކުއްލިއަކަށް ގޭގެ ދޮރު ހުޅުވުނު އަޑަށެވެ. އިލޮށިފައްޗެއް ހިފައިގެން ދޮރުން ނިކުން ލިލިއަންގެ ދެލޯ ބޮޑުވެގެން ދިޔައީ ހުއްޓުން އަރާފައި ހުރި ދިޔާން ފެނުމުންނެވެ.
” ދި.. ދިޔާން.. މިތާ ކީއްކުރަނީ..؟” ލިލިއަން ހައިރާންކަން މަތީ ހުރެ ސުވާލު ކޮށްލިއެވެ.
” ކަ.. ކަމެއް ނުކުރަން.. މީ.. ހިނގާލަން ނިކުމެ އުޅެނިކޮށް މިގޭ ދޮށަށް އާދެވުނީ.. ދެން.. މާގަސްތައް ފެނުނީމަ.. މަޑު ކޮށްލެވުނީ..” ދިޔާން އަޅަ އަޅައިގަންނަމުން އޭނާގެ ކުށެއް ނެތްކަން ހާމަކުރަން މަަސައްކަތް ކުރަމުންދިޔައެވެ.
” އޯ.. ދިޔާން އަށް ވަރަށް ކަމުދޭ ދޯ ލިލީ..؟” ލިލިއަން ހިނިތުންވެލަމުން ސުވާލު ކޮށްލިއެވެ.
މީގެ ކުރިން އޭނާއަށް ބޭސްކޮތަޅު ހިފައިގެން އައި ދުވަހުވެސް ދިޔާން ހުރީ އެ މާ ގަސްތަކަށް ބަލަހައްޓައިގެންކަން ލިލިއަން އަށް ފާހަގަ ކުރެވުނެވެ.
ލިލިއަންގެ ސުވާލާއެކު ދިޔާން އަށް ވިސްނާލެވުނެވެ. އޭނާއަކީ މާމެލާމެއްޔަށް ޝައުޤުވެރިވެ ވަކި ކަހަލަ މަލެއް ރީތިވެގެން މީގެ ކުރިން އުޅުނު މީހެއް ނޫނެވެ. އޭނާގެ މަންމަ ނުހަނު ކުރާހިތްވާ ކަމެއްގެ ގޮތުގައި ގޭ ދޮރުމަތި މާ ގަސްތަކުން ޒީނަތްކޮށްފައި އޮންނަ އިރުވެސް އޭނާގެ ސަމާލުކަން އެއިން ގަހަކަށް ނުހުއްޓެއެވެ. ކުއްލިއަކަަށް ތަފާތުވީ ކޮން ކަމެއް ކަމެއް ދިޔާން އަށް ދެނެގަންނާކަށް ނޭނގުނެވެ. އެހެނަސް އޭނާއަށް ލިލީ މާ ނުހަނު ހާއްސަވެއްޖެކަން ދިޔާންގެ އަމިއްލަ ނަފްސުވެސް ޤަބޫލުކުރިއެވެ.
” އައި ގެސް ސޯ..” ދިޔާން މާނަވީ ގޮތަކަށް ލިލިއަން އަށް ބަލާލަމުން ހިނިތުންވެލިއެވެ.
އެބެލުމުން ލިލިއަންގެ ހިތަށް އަސަރުކުރުވީ ކީއްވެކަމެއް ނޭނގެއެވެ. އަވަސް އަވަހަށް އިސްޖަހާލަމުން އޭނާ އިލޮށިފައްޗާ ކުޅެން ފެށިއެވެ.
” ދަނީ .. ” ދިޔާން އިރުކޮޅަކު ލިލިއަންގެ ހަރަކާތްތަކަށް ބަލަން ހުރުމަށްފަހު ބުނެލިއެވެ. އޭނާގެ ދުލަކަށް ސުހެއިލް އާ ބެހޭގޮތުން ސުވާލު ކުރާނޭ ހިތްވަރެއް ނުލިބުނެވެ. އޭނާއަށް ކުރެވޭ ސުވާލަކުން ނުވަތަ ބުނެވޭ ބަހަކަުން ލިލިއަން ރުޅިއަތުވެއްޖެނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ލިލިއަން އޭނާއާ އިތުރަށް ދުރުވާނެ އެއްވެސް ކަމެއް ކުރާކަށް ދިޔާން ނޭދެއެވެ. ދެމެދުގައި އުފެދިފައިވާ ގުޅުމާއެކު ދިޔާން އަށް ހިނގަން މަޖުބޫރުވެފައިވަނީ ތުނި ގަނޑުފެނުގެ މަތީގައެވެ. ހެދޭ ކިތަންމެ ކުޑަ ގޯހަކާއެކުވެސް އޭނާ ފެންގަނޑުގެ ތެރެއަށް ގެނބިގެން ހިނގައިދާނެއެވެ. އެފަދަ ނުރައްކަލަކަށް ހުށައެޅޭކަށް ދިޔާން ބޭނުމެއް ނޫނެވެ. އެއަށްވުރެ ލިލިއަން އޭނާއަށް ހާއްސަ ވެއްޖެއެވެ.
ދިޔާން އޭނާ ދަނީ ކަމުގައި ބުނުމުން ލިލިއަން އަވަސް އަވަހަށް އިސް އުފުލާލަމުން ބޯ ޖަހާލިއެވެ. ދިޔާން ގޮސް އޮބާލަންދެން ބަލަންހުރި ލިލިއަން ލަދުވެތި ހިނިތުންވުމަކާއެކު ގޭ ދޮރުމަތި ކުނިކަހަން ފެށިއެވެ.
********
ސުހެއިލްގެ ސެކެޓްރީ އޭނާ ހޯދި މަޢުލޫމާތުތައް ސުހެއިލް އާ ހިއްސާކުރިއެވެ. އެއާއެކު ސުހެއިލްގެ ތުންފަތަށް ހިނިތުންވުން ވެރިވެގެން ދިޔައެވެ. އޭނާގެ ނަސީބު ރަނގަޅު ކަމުގެ މައްޗަށް އަމިއްލަ ނަފްސު ފަހުރުވެރިވިއެވެ.
” މިސްޓަރ ޑަބްލިޔު އަށް ހެދޭނެ އެއްވެސް އެއްޗެއް ނޯންނާނެ.. ކޮމްޕެނީގެ ޕީއޭ އަކަސް އަދިވެސް އެހުންނަ ޅަގޮތްގަނޑެއް ނުފިލައެންނު.. ހީ އިޒް ވޭ ޓޫ އިމެޗުއަރ..” ސުހެއިލް ދިޔާން އަށް މަލާމާތް ކޮށްލަމުން ބުނެލިއެވެ. އެހެނަސް އޭނާގެ ހިތުގެ ކަނެއްގައި ޝައްކާއި ވަހުމުން ވަނީ ފޯވެފައެވެ. އޭނާގެ ލޮލު ކުރިމައްޗަށް ފެނުނު މަންޒަރު އޭނާ އަށް ލިބުނު ޚަބަރާއި ނުބައްދަލު ވުމުންނެވެ. ހިތަށްވެރިވި ނުތަނަވަސްކަން ސުހެއިލް ފިލުވާލީ އޭނާގެ ބާރު މާ ގަދަކަން ސިކުނޑިއަށް ވިސްނައިދެމުންނެވެ.
*********
މަސައްކަތް ނިންމާލުމަށްފަހު ދިޔާން ޓެކްސީގައި ސީދާ އައީ ގެސްޓް ހައުސް އަށެވެ. ޓެކްސީގެ ދޮރު ހުޅުވާލުމަަށްފަހު ގެސްޓް ހައުސް އަށް ވަދެ ދިޔާން ލިފްޓަށް އެރިއެވެ. ލިފްޓުގެ ދޮރު ލެއްޕި ލެއްޕި ހުއްޓާ އިތުރު މީހެއް އައިސް ލިފްޓު ހުޅުވޭ ފިތަށް ފިތާލުމާއެކު ދޮރު އަނބުރާ ހުޅުވިގެން ދިޔައެވެ. ދޮރު ހުޅުވުނު ވަޤުތު ލިފްޓުގެ ދޮރުމަތީ ހުއްޓުނު މީހާގެ ސޫރަ ފެނުމާއެކު ދިޔާންގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.
” ވަޓް އަ ސަޕްރައިޒް..” ލިފްޓުގެ ތެރެއަށް ވަންނަމުން ދިޔާން އާ ނަޒަރު ބައްދަލު ކުރަމުން ސުހެއިލް އެއްމިޔަކަނުން ހިނިތުންވެލިއެވެ.
ސުހެއިލް ލިފްޓުގެ ތެރެެއަށް ވަދެގެން އައިސް ހުއްޓުނީ ދިޔާންގެ ކުރިމަތީގައެވެ. ދިޔާން ސުހެއިލް ފެންނަކަމަށް ނަހަދާ އަޅާނުލާ ހުއްޓެނެވެ.
” މިރަށުގަ ނައިޓް ކްލަބެއް ހުރޭތަ..؟ އޯރ ބަރ އެއް…؟” ސުހެއިލް ސުވާލު ކޮށްލުމާއެކު ދިޔާން ބަލައިލިއެވެ.
” އައި ޑޯންޓް ތިންކް ސޯ.. ވަޓް އަރ ޔޫ ޑުއިންގް ހިއަރ މިސްޓަރ ޑަބްލިޔު..؟” ސުހެއިލް އޭނާގެ އަމިއްލަ ސުވާލަށް ޖަވާބު ދެމުން މަލާމާތާއެކު އަހާލިއެވެ.
” މަޖާކޮށްލަން ކްލަބަކަށް ދެވޭނީކީ ނޫން.. މިރަށަކީ އެއްގޮތަކަށްވެސް މިސްޓަރ ޑަބްލިޔުގެ ރަހަތަކަށް ފެތޭ ތަނެއް ނޫން..”
” އައިމް ޝުއަރ ޔޯ ޑޭޑް ފޯސްޑް ޔޫ ޓު ދިސް.. ވަޓް އަ ޕިޓީ..” މޫނުމައްޗަށް ހަމްދަރުދީގެ ކުލަ ވެރިކުރަމުން ސުހެއިލް ބުނެލިއެވެ.
ސުހެއިލްގެ ކޮންމެ މަލާމާތަކާއެކު ދިޔާންގެ ރުޅިވެރިކަން އިތުރު ވަމުން ދިޔައެވެ. އެހެނަސް އޭނާގެ އަމިއްލަ ނަފްސު ދިފާޢު ކުރެވޭކަށް ނެތެވެ.
ލިފްޓުގެ ދޮރު ކެހިގެން ދިޔުމާއެކު ދިޔާން ސުހެއިލްގެ އެއްވެސް ބަހަކަށް ރައްދެއް ނުދީ ލިފްޓުން ނިކުތެވެ. ސުހެއިލްވެސް ދިޔާންގެ ފަހަތުން އެ ފަންގިފިލާއަށް ފޭބިއެވެ.
” ލިލިއަން.. އެ އަންހެން ކުއްޖާއަށް ތިއީ ކާކުކަން ވެސް އިނގޭތަ..؟ އަހަންނަކަށް ހިޔެއް ނުވެ.. ޔޫ އަރ ނޮޓް އީވެން ހަރ ޓައިޕް.. ސޯ ޑޯންޓް އީވެން ޓްރައި.. ޝީ ވިލް ބީ މައިން ” ސުހެއިލް ލިފްޓުން ފައިބަމުން ނުރައްކާތެރިކަމުގެ ބެލުމަކާއެކު ބުނެލިއެވެ. އެބެލުމުގައި ވަނީ ޔަޤީންކަމެވެ. އެއާއެކު ދިޔާން އަށް އެއްޗެއް ބުނުމަށް ފުރުސަތެއް ނުދީ ސުހެއިލް ފަސްދީ ހިނގައިގަތެވެ.
*******
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







haada kurey story.
anyways nice story
Thank u Annu.Story kamudhiyaeema v ufaavejje.
Wonder konme chapter eh ves 1000 words ah vure ithuru kureveythoa balany.. In sha Allah dhn huri baithah dhigu kureveythoa balaanan☺️❤️
Hlwwwww sisooo
longuu timeesss dhw
Hows u doin sis
About the stry Its perfect. Masha Allah its hama vrh amajin
All the partsss hama best
Sis aleyy mi suheil kantha vxx bodu dhw dhiyaan fakeeru ruli aruvaalee veehya
Anywaysss hoping for the best
waittin for the next part
luwsss yaaa
SS an TC
Haii YEOJA. Yesss dhuvaskolheh fahun dhw mi dhimaavy.. Al’hamdhulillah.. Im doing great.. how abt u? Thank youu.. v ufaavejje mi part kamudhiyaeema. Next part avahah up kohlaanan IA. Lymmmm.. u too b safe☺️❤️