ޖެހިގެން އައި ދުވަހު ހެނދުނު ސަޔަށް އިންސާފުކުރުމަށްފަހު އެންމެން އަނބުރާ ރަށަށް ދިޔުމަށް ތައްޔާރުވާން ފެށިއެވެ. ލިލިއަންގެ ފަޔަށް ވީ ގޮތާއި މެދު އެންމެންވެސް ސުވާލު ކުރިއެވެ. ރޭގަނޑު ނިދި ނައިސްގެންް އަތިރިމައްޗަށް ނިކުންތަނާ ގާ ކޮޅަަކަށް ހެރުނީ ކަމުގައި ބުނެ ލިލިއަން ވާހަކަ ހަމަޖައްސާލިއެވެ. ދިޔާން ހީކޮށްފާނެ ގޮތަކާމެދު ކަންބޮޑު ވުމުން އޭނާގެ ޖަވާބުން އެނަން އެއްކޮށް ލިލިއަން އުނި ކޮށްލިއެވެ.
އެއްވެސް ދައްޗަކާ ކުރިމަތިނުވެ އަމާން ދަތުރަކަށްފަހު އެންމެނަށް ރަށަށް އާދެވުނެވެ. އެމީހަކު ދަތުރު ގެންދިޔަ އެއްޗެއް ހިފައިގެން އެމީހެއްގެ ގެޔަށް މިސްރާބުޖަހަން ފެށިއެވެ. ގެއަށް ވަދެވުމާއެކު ލިލިއަންވެސް މިސްރާބު ޖެހީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ.
” ފަޔަށް ކިހިނެއްވީ..؟” ކާގެ ކުރިމަތިން ހުރަސްކުރި ގަޑީ އިވިގެން ދިޔަ އޭނާގެ މަންގެ އަޑުން ލިލިއަން ހުއްޓުނެވެ.
“ގާކޮޅެއް ފަޔަށް ވަނީ..” ލިލިއަން މާބޮޑު ކަމަކަށް ނުވާ ފަދަ ރާގެއްގައި ބުނެލިއެވެ.
” ސައި ބޯންވީނު.. ސައި ހަދާފަ މިހިރީ…” ހައިފާ ސުފުރާ މައްޗަށް އިޝާރާތް ކޮށްލަމުން ބުންޏެވެ. ސާޅީހަކަށް އަހަރުވީނަމަވެސް ހައިފާ އަދިވެސް ފެންނަނީ ޒުވާން ފުރައިގެ އަންހެން ކުއްޖެއް ހެންނެވެ. އެއީ ލިލިއަންގެ މަންމަކަން ނޭނގޭ މީހަކަށް ހީވަނީ އެ ދެމީހުންނަކީ ދެބެއިން ހެންނެވެ. ލިލިއަން އަށް ލިބިފައިވަނީ ހައިފާގެ ރީތި ކަމެވެ. އެ ފަށުވި އިސްތަށިގަނޑާއި ދިގު އެސްފިޔަތަކުން ހިޔަނި އެޅިފައިވާ ކަޅި ރަވަ ރީތި ދެލޮލެވެ. ދެމީހުންގެ އެންމެ ބޮޑު ތަފާތަކީ ލޮލުގެ ކުލައާ ހަމުގެ ކުލައެވެ. ލިލިއަން ހަމުގެ ކުލަ އަލިވެފައި ލިބިފައިވަނީ އަޅިފެހި ކުލައިގެ ދެލޮލެވެ.
” އެކޮޅުން އައީ ސައި ބޮއެގެން.. ދެން މެންދުރު ކާނީ..” ލިލިއަން އަށް ކާގެ ތެރެއަށް ނަޒަރު ހިންގާލެވުނު ވަޤުތު ހަނދާނަށް ވެރިވެގެން ދިޔައީ ސުހެއިލްއެވެ. އެ ދެލޮލުގައިވީ ނުރައްކާތެރިކަން އެކުލެވޭ ތަފާތު ބެލުމާއި ހިނިތުންވުން ސިފަވުމުން ލިލިއަންގެ ގައިން ހީބިހި ހިލިގެން ދިޔައެވެ. އެ ސިކުންތުގައި ހައިފާ ކުރެން ސުހެއިލް އާ ބެހޭ އިިތުރު މަޢުލޫމާތު އަހަން ލިލިއަން ބޭނުންވިއެވެ. މީގެ ފަހުން ސުހެއިލް އެ ގޭގެ ހަތަރު ފާރުތެރެއަށް ނުވެއްދުމަށް މަންމަ ކައިރީ ބުނަން ލިލިއަން ބޭނުންވިއެވެ. ނަމަވެސް ވާހަކަ ދައްކަން ހުޅުވާލި އަނގަ އަނބުރާ އޭނާ ލައްޕާލިއެވެ. އޭނާ ކިތަންމެ ވަރަށް އެދުނު ނަމަވެސް އާޙިރުގައި މަންމަ އެއްވެސް ކަމެއް ބަދަލު ނުކުރާނެކަން ދުވާލު އިނގޭ ފަދައިން ލިލިއަން އަށް ޔަޤީން ވެއެވެ. މީގެ ކުރިން މަންމަ އުޅުން ބަދަލު ކުރުމަށް އެދި ލިލިއަން ވަނީ ހައިފާ ކުރެން އެތަކެއް ފަހަރަކު އާދޭސް ކޮށްފައެވެ. އެހެނަސް މަންމަގެ ޡަބީއަތް ބަދަލުވާތަނެއް ނައެވެ.
ކޮޓަރިއަށް ވަނުމާއެކު ލިލިއަން ފުރަތަމަވެސް ފެންވަރާލިއެވެ. ހަވީރު ވަޒީފާއަށް ދިޔުމުގެ ކުރިން އަރާމު ކޮށްލަން ލިލިއަން ބޭނުންވުމާއެކު ލިލިއަން އެނދުގައި ޖައްސާލިއެވެ.. ފައިގާ ދިޔާން އެޅި ބޭސްގަނޑު އާ ކުރަން ޖެހޭނެކަން ލިލިއަން އަށް ވިސްނުނީ ދެނެވެ. އެހެނަސް އޭނާގެ އަތުގައި ބޭސް އަޅަން ބޭނުން ކުރާނެ އެއްވެސް އެއްޗެއް ނެތެވެ. ކުއްލިއަކަށް ލިލިއަން ގެ ފޯނަށް މެސެޖެއް އައީ އެވަޤުތުއެވެ.
” ބޭރަށް ނިކުމެލެވިދާނެތަ..؟” ނުދަންނަ ނަންބަރުން އައިސްފައިވާ މެސެޖު ކިޔާލުމާއެކު ލިލިއަންގެ ނިތަށް ރޫތައް ވެރިވެގެން ދިޔައެވެ. ސިއްރު ސިއްރުން ކޮޓަރީގެ ކުޑަ ދޮރުން ގޭގެ ބޭރުގައި ހުރި މީހެއް ބަލައިލިއެވެ.
ގޭކައިރީ އޭނާ ހައްދާފައި ހުރި ހުދު ލިލީ މާތަކަށް ނަޒަރު ހުއްޓާލައިގެން ހުރި ދިޔާން ލިލިއަންގެ ލޮލުގައި އަޅައިގަތެވެ. މީގެ އިރުކޮޅެއްކުރިން ރަށަށް އައި އިރު ހުރި ގޮތާ ޚިލާފަށް މިހާރު ދިޔާން ހުރީ ރަސްމީ ހެދުމުގައެވެ. ދިޔާންގެ ފިރިހެންވަންތަ ސޫރަ ފެނުމާއެކު ކުޑަ ހިނދުކޮޅަކަށް ނަމަވެސް ލިލިއަންގެ ހިތު ވިންދު އަވަސްވިކަން އިޙްސާސް ކުރެވިގެން ދިޔައެވެ. އަލަތު ލޯބިވެރިޔާއާ ފުރަތަމަ ފަހަރު ބައްދަލު ކުރަން ދާ މީހެއް ފަދައިން ލިލިއަން އަށް ކުރެވުނީ ހިތް އަވަސްވުމާއި ކެތްމަދުވެފައިވީ ކަމުގެ އިޙްސާސެކެވެ. ލޯގަނޑުން މީހާ ހުރިގޮތް ބަލާލަމުން އިސްތަށިގަނޑު ފުަނައިން ރީތި ކޮށްލުމަށްފަހު ލިލިއަން ކޮޓަރިން ނިކުތެވެ.
ގޭގެ ދޮރު ހުޅުވުނު އަޑަށް ދިޔާން ބަލައިލިއެވެ. އޭނާއާ ދިމާއަށް އަންނަ ލިލިއަން ފެނުމުން ދިޔާން ހިނިތުންވެލިއެވެ.
” މީތި ދޭން ވެގެން އަސްލު ނިކުންނާށޭ ބުނީ..” އެއް އަތުން ހިފައިގެން ހުރި ކޮތަޅު ލިލިއަން އަށް ދިއްކޮށްލަމުން ދިޔާން ބުންޏެވެ.
” ކޯއްޗެއް ތީ..؟” ލިލިއަން ސުވާލުގެ ނަޒަރަކުން ކޮތަޅަށް ބަލައިލިއެވެ.
” ތިއީ ލިލިއަންގެ ފަޔަށް ބޭނުންވާ ބޭސް.. އަހަންނަށް އިނގޭ ލިލިއަން ބުނިކަން އެއީ އަހަރެންގެ ކުށެއް ނޫނޭ.. ބަޓް ސްޓިލް އައި ފީލް ރެސްޕޮންސިބަލް.. ސޯ ޕްލީސް އެސްސެޕްޓް ދިސް..” ދިޔާން އާދޭހުގެ ރާގެއް އެކުލެވޭ އަޑަކަުން ބުންޏެވެ. އޭގައި ނުހިފައިފިނަމަ މިރޭގެ ހަމަ ނިދި އޭނާއަކަށް ނުލިބޭނެއޭ ދިޔާންގެ މޫނުމަތިން ބުނަމުން ދާހެން ހީވެ ލިލިއަންގެ ކައިރިއަށް ހިނިއަންނަ ގޮތްވިއެވެ.
” ތެންކިޔު..” ލިލިއަން ކޮތަޅުގައި ހިފަމުން ދިޔާން އަށް ޝުކުރު އަދާކުރިއެވެ. އޭނާ ދިން އެތި ޤަބޫލު ކުރުމާއެކު ދިޔާން އަށް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ.
” ދަނީ އިނގޭ…” ދިޔާން ގަޑިއަށް ބަލާލަމުން ބުނެލިއެވެ. އޭނާ މަސައްކަތައް ދާންޖެހޭ ވަޤުތު ކުޑަތަންވުމުން އިތުރަށް ހުރެވޭކަށް ނެތެވެ. ފުރިހަމަ ހިނިތުންވުމެއް ލިލިއަން އަށް ހަދިޔާ ކުރަމުން ދިޔާން ގޭ ކުރިމަތީ ހުއްޓާފައި އޮތް ޓެކްސީއާ ދިމާއަށް ހިނގައިގަތެވެ. ކާރުގެ ދޮރު ހުޅުވާލަމުން ދިޔާން ހަނާ އަޅާލުމާއެކު ލިލިއަން ވެސް އެ ޢަމަލު ތަކުރާރު ކޮށްލީ ހިނިތުންވެ ހުރެއެވެ. ކާރު ގޭގެ ކުރިމަތިން ގެއްލެންދެން ބަލަން ހުރުމަށްފަހު ތުންފަތުގައިވީ ފުން ހިނިތުންވުމާއެކު ލިލިއަން ގޭގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަނެވެ.
******
ދެތިން ދުވަސް ފާއިތުވެގެން ދިޔައިރު ލިލިއަންގެ ފަޔަށް ލިބުނު ޒަޚަމްވެސް ދިޔައީ ފަސޭހަ ވަމުންނެވެ. ދޭތެރެއަކުން ލިލިއަން އާއި ދިޔާން އާ ދެމެދު ފޯނުން ވާހަކަ ބަދަލުކުރެވެއެވެ. ދިޔާން އަށް އޭނާގެ ނަންބަރު ލިބުނު ގޮތަކާމެދު ފުރަތަމަ ހައިރާންވީ ނަމަވެސް ފަހުން ކަންތައްވީ ގޮތް އޮޅުން ފިލައިގެން ދިޔައެވެ. ދުވަސްކޮޅެއް ކުރިން ފަޅުރަށަށް ކުރެވުނު ދަތުރު ރޭވުމަށް ބައިވެރިވީ އެންމެން ވަނީ ޓެލެގްރާމް ގުރޫޕެއް ހަދާފައެވެ. ދިޔާން އަށް ލިލިއަންގެ ނަންބަރު އިނގުނީ އެ ގުރޫޕުގެ ޒަރިއްޔާއިންނެވެ.
މަސައްކަތުގައި އަވަދި ނެތި އުޅުމުގެ ސަބަބުން ދިޔާން އާއި ސަދޫފް އަށް ކަމެއްގައި ބައިވެރި ވެވޭނެ ވަޤުތެއް ނުވެއެވެ. ކަނޑައެޅި ސޮއި ކުރެވިފައިވާ މުއްދަތަށް ޕްރޮޖެކްޓު ނިންމުމަށް އެންމެންވެސް ހޭބޯނާރާ މަސައްކަތް ކުރަމުން ދިޔައެވެ. މަސައްކަތުން ދެ ފިރިހެނުން މިނިވަންވި ރޭ އަތިރި މައްޗަށް މަސްބާނަން ދިޔުމަށް ޚިޔާލު ފާޅުކުރީ މާޔާއެވެ.
މަސްބޭނުމަށް ބޭނުންވާ އެންކޮޅާއި ކަންވާރު އަދި ދޮށި ހިފައިގެން ހަތަރު މީހުން މިސްރާބު ޖެހީ ރަށުގެ އަތިރި މައްޗަށެވެ. ރަށުގެ ވަލު ފަރާތު އަތިރިމަތި ކަމުން އެ ސަރަހައްދު ފުދޭވަރަކަށް އަނދިރިއެވެ. ނަމަވެސް ހަނދުވަރުދޭ ރެއެއްކަމުން ތަންތަން ވަކިވާވަރު ވެއެވެ. ފިރިހެންވެރިން ނަނުގައި އެންކޮޅު ލައި ދިނުމުން މާޔާ އާއި ލިލިއަންވެސް މަސް ބޭނުމުގައި ހަރަކާތްތެރިވިއެވެ. ނަސީބު ދިމާކުރި ގޮތުން އެ ރޭ ވެގެން ދިޔައީ މަސްވެރިކަން ރަނގަޅު ރެޔަކަށެވެ. ފަރުމަހުގެ ޖާފަތެއް ބޭއްވޭ ވަރަށް ހަތަރު މީހުންނަށް މަސް ބޭނުނެެވެ.
” ބޮޑުދައިތަ ބުންޏޭ މަސްކޮޅެއް ލިބިއްޖިއްޔާ ގެނެސް ދެއްޗޭ.. އެގެޔަށް މަސްކޮޅެއް ލައިފަ ދޯ ދާނީ..” ގެނައި ކޮތަޅު ތަކަށް މަސްތައް ހުޅުނބު ޖަހާ ދޮވެފައި އަޅަމުން ދިޔަ މާޔާ ބުންޏެވެ.
“އޯކޭ.. ސައިކް ގަ ދާއިރު ފަސޭހަވާނެ ހުރިހާ އެއްޗެއް ގެންދަން.. ދިޔާން އޯކޭތަ ލިލިއަން ގެއަށް ލައިދޭން ދާން..؟” ސަދޫފް އަހާލުމާއެކު ދިޔާން އަށް ބަލައިލެވުނީ ލިލިއަން އަށެވެ. ލިލިއަންގެ ފަރާތުން ކަންބޮޑުވާންޖެހޭ ފަދަ އަަަސަރެއް ނުފެނުމުން ދިޔާން ބޯ ޖަހާލިއެވެ. ހިތަށް ލިބުނު އާފަޔާ ޚިލާފު އުފާވެރިކަން މޫނުމަތިން ނުދައްކައިވޭތޯ ދިޔާން މަސައްކަތް ކުރަމުން ދިޔައެވެ.
” ދާ މަގުމަތީ މި އެއްޗެހި ގެޔަށް ލައިދީ އިނގޭ..” މަސް ބާނަން ގެނައި ދޮށިތަކާއި ކަންވާރުތައް ދިޔާން އާ ސަދޫފް ހަވާލު ކުރިއެވެ. އޭނާގެ ގޭގެ ޑަބަލް ތަޅުދަނޑި ދެމުން ސަދޫފް މަސްތައް ހިފައިގެން މާޔާއާއެކު ސައިކަލުގައި މާޔާގެ ބޮޑުދައިތަގެ ގެއަށް މިސްރާބުޖެހިއެވެ.
ސަދޫފް ގެ ގެއަށް އެއްޗެހިތައް ލުމަށްފަހު ދޮރު ތަޅުލަމުން ދިޔާން އާއި ލިލިއަން އެކުގައި ހިނގައިގަތެވެ. ދެމީހުންގެ ދެމެދަށް ވެރިވެފައިވާ ހަމަހިމޭންކަން ފިލުވަން ދައްކާނެ ވާހަކައެއް ދިޔާން އަކަށް ނޭނގުނެވެ. އޭނާއަށް މިހާތަނަށް ލިލިއަންގެ ފަރާތުން ދަސްވި ކަމަކީ އޭނާގެ ބަސްމަދުކަމެވެ. ކޮންމެހެން ދައްކަން ޖެހިއްޖެ ވާހަކައެއް ނޫނީ ލިލިއަން ނުދައްކައެވެ. ލިލިއަންގެ ހިތުގައިވަނީ ކީކޭކަން ދިޔާން އަށް އެއްވެސް ވަރަކަށް ފަހުމެއް ނުވެއެވެ. ލިލިއަން އާ ބެހޭގޮތުން އޭނާއަށް އިނގިފައިވަނީ ނުހަނު މަދުކަމެކެވެ. އޭނާއާ އެހެން މީހުންނާ ދެމެދު ހުރަސްނުކުރެވޭނޭފަދަ ފާރެއް ރޭނިފައިވާ ފަދައެެވެ. އެހެނަސް ދިޔާން އެފާރު ހުރަސްކުރަން ބޭނުންވެއެވެ. ލިލިއަން އާ ގުޅޭ ހުރިހާ ކަމެއް އިނގެން އެހިތް ބޭނުންވިއެވެ. އެ ސިކުނޑީގައި ދައުރުވަމުންދާ ޚިޔާލުތައް ދެނެގަންނަން ދިޔާން ބޭނުންވިއެވެ.
ލިލިއަން ގެ ހުންނަމަގަށް އެޅުމާއެކު ދިޔާންގެ ހިތް ގެނބިގެން ދިޔައެވެ. ދަތުރު ކުރަމުންދިޔަ މަންޒިލު ވީހާވެސް ދުރުވާނެ ނަމައޭ ދިޔާންގެ ހިތަށް އެރިއެވެ. އެޔާއެކު އޭނާގެ އަމިއްލަ ޚިޔާލާއެކު ދިޔާން އަށް އާޝޯޚު ވެވުނެވެ. އޭނާ އެހާ އަމިއްލަ އެދުން ބޮޑު މީހަކަށް ވީ ކޮންއިރަކުބާއޭ އަމިއްލަ ނަފްސާ ސުވާލު ކޮށްލެވުނެވެ.
ލިލިއަންގެ ގޭގެ ކުރިމައްޗަށް ހުއްޓުމާއެކު އެ ދަންނަ ވަސް ދިޔާންގެ ނޭފަތުގައި ހަރުލިއެވެ. ގޭގައި އިންދާފައިވާ ހުދު ލިލީމާ ތަކުގެ ވަހެވެ. ބައެއް ފަހަރު އެ ލުއި ލުއިވަސް ލިލިއަންގެ ގައިން ދުވާހެންވެސް ދިޔާން އަށް ހީވިއެވެ. ނޭނގިނަމަވެސް އެ ހިތްގައިމު ލުއިވަސް އޭނާއަށް ހާއްސަވެގެން ހިނގައްޖެއެވެ.
” ގުޑް ނައިޓް..” ގޭގެ ދޮރުމަތީ ލިލިއަން އާ އެއް ހިސާބެއްގައި މަޑު ކޮށްލަމުން ދިޔާން ބާއްޖަވެރި ރެއަކަށް އެދުނެވެ.
“ގުޑް ނައިޓް..” ލިލިއަންވެސް އިސް އުފުލާލަމުން ދިޔާންގެ މޫނަށް ނަޒަރު ހިންގާލިއެވެ. އެ އަޅިފެހި ކުލައިގެ ކަޅިން ފާއްދަމުން ދިޔަ ވިދުވަރުން ދިޔާންގެ ގައިން ހީބިހި ހިލިގެން ދިޔައެވެ. ދެމީހުންވެސް އެކަކު އަނެކެއްގެ ލޮލުގެ ތެރެއަށް ގެއްލިފައި ތިބެވުނެވެ. އެ ވަޤުތު ކޮޅު ނިމުމަކަށް އައީ ގޭގެ ދޮރު ހުޅުވުނު އަޑަށެވެ.
ދޮރުން ބޭރަށް ނިކުމެގެން އައި ސުހެއިލް ފެނުމާއެކު ލިލިއަންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ނޭނގޭ ބިރުވެރިކަމެއްގެ ރާޅު މުޅި ހަށިގަނޑުގައި ދަޢުރުވާން ފެށިއެވެ. އަދި ބައްދަލުވާނެކަމަށް ސުހެއިލް ބުނި ނަމަވެސް މިހާ އަވަހަށް އެ ސޫރަ ފެންނާނެކަމަކަށް ލިލިއަން އުންމީދެއް ނުކުރެއެވެ.
ސުހެއިލްގެ ތޫނު ނަޒަރު އަމާޒުވެފައިވަނީ ލިލިއަން އަށެވެ. އެ ނުރައްކާތެރި ބެލުމުން ސަލާމަތްވުމުގެ ގޮތުން ލިލިއަން އަށް އިޚްތިޔާރަކާ ނުލާ ފަހަތަށް ޖެހި ދިޔާންގެ ފުރަގަހާ އެޅި ނިވާވެވުނެވެ. ލިލިއަންގެ ޢަމަލާއެކު ކައިރީގައި ހުރި ދިޔާން އަށް ސުހެއިލް ނަޒަރު ހިންގާލިއެވެ. ދިޔާންގެ ފައިން ފެށިގެން ބޮލަށް ނަޒަރު ހިންގާލި ސުހެއިލްގެ ދެބޮމަ ގޮށްޖެހިގެން ދިޔައެވެ. ސުހެއިލްގެ ފަރާތުން ފެނުނު ނުރުހުންވުން ދިޔާން ފިއްސާ އަޅިއަށް ހަދާފާނެހެން ހީވި ނަމަވެސް އެކަމަކަށް ދިޔާން ފަރުވާލެއް ދިން ހެނެއް ހިޔެއްނުވެއެވެ. ދެޖީބަށް އަތް ޖަހާލަމުން ކެރުންތެރިކަމާއެކު ސީދާ ސުހެއިލްގެ ދެލޮލަށް ދިޔާން ނަޒަރު ހިންގާލިއެވެ.
ދިޔާންގެ ފަރާތުން ފެނުނު ޖެހިލުން ކުޑަކަން ސުހެއިލް އަށް ހަޖަމް ނުކުރެވުނީ ކަންނޭނގެއެވެ. ބަނަވެގެން ދިޔަ މޫނު މައްޗާއެކު ފަހު ފަހަރަށް ދިޔާން އަށް ބަލައިލަމުން ސުހެއިލް އެގެއިން ނިކުމެގެން ދިޔައެވެ. އޭނާގެ ފަސް ފަހަތުން އިތުރު ފިރިހެނަކުވެސް ގެއިން ނިކުމެގެން ދިޔަތަން ދިޔާން އަށް ފެނުނެވެ. ފެންނަ ފެނުމަށް ސުހެއިލްގެ އައުވާނެއް ކަމުގައި ދިޔާން ލަފާ ކުރިއެވެ.
**********
ބާރު ހިނގުމުގައި އައި ސުހެއިލް ވަކި ހިސާބަކުން ކުއްލިއަކަށް ހުއްޓުނެވެ. އަވަސް ހަރަކާތަކާއެކު ޖީބުން ސިނގިރޭޓު ފޮށްޓަކާއި ލައިޓަރެއް ނެގިއެވެ. ސިނގިރޭޓު ރޯކޮށްލުމަށްފަހު ފޮށި އަނބުރާ ޖީބަށް ލަމުން ސިނގިރޭޓުގައި ތުންފަތުގައި ޖައްސާލައެވެ.
ފަޒާގެ ތެރެއަށް ދޫކޮށްލެވުނު ދުންތަކާއެކު ލެވެންޑާގެ މީރުވަސް މާހައުލުގައި ހަރުލައިގެން ދިޔައެވެ. އެއާއެކު ސުހެއިލްގެ ގޯސްވެފައިވާ ޡަބީޢަތްވެސް ރަނގަޅުވެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ހަމަޖެހުން ފެނިގެން ދިޔައެވެ.
” ޔޫ…! ޔޫ ނޯ ހޫ ދެޓް އިޒް ރައިޓް..؟” ސުހެއިލްގެ ފަހަތުގައި މަޑު ޖެހިގެން ހުރި އޭނާގެ ސެކެޓްރީއާ ސުވާލު ކުރި އިރު ފަހަތަށް އެނބުރި އެކަކު އަނެކަކަށް ފެނިގެން ވާހަކަ ދެއްކުމުގެ ވިސްނުމެއް އޭނާގެ ނެތްކަހަލައެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






