ފުރަތަމަ ނަޒަރުން ވެވުނު ލޯބި… (ދެވަނަ ބައި)
ފެނުނީ އާދަޔާ ހިލާފު މަންޒަރެކެވެ. އެމީހުން ސިއްސުވައިލީ މުނީޒެވެ. އޭނާ ހުރީ ވަރަށް ހެވިފައެވެ. މަޖާ ވެފައެވެ. މީގެ ކުރިން ވާހަކަ ނުދައްކާ ކުދިން ތަކަކަށް ވިޔަސް، އޮފީސް ކުދިންނަށް ވުމުން ހަމަ މަޖާ ކޮށްލީއެވެ. “އޭ މީނަ ދޯ….؟ އަޅޭ… ކިރިޔާ އެއްނު ބިރުން ފިތްކަނޑައިގެން ނުދިޔައީ….” ޝާނީ ބުންޏެވެ. “ހަހަހަހަ…… ފިތްކަނޑައިގެން ނުދެ އެއްނު… ސޯ.. ނޯ ވޮރީސް…” މުނީޒު މިހެން ބުނެ ހޭން ފެށިއެވެ. ހަނާވެސް މުނީޒާ ބައި ވިއެވެ. “އެބުނާހެން ފިތްކަނޑައިގެން ނުދެ އެއްނު…” ހަނާ މިހެން ބުނުމާއި އެކު ޝަހީދާ ހަނާއާ ދިމާ ކޮއްލުމުގެ ގޮތުން ބުންޏެވެ. “ އެއްކަލަ ހަނާ މުނީޒުއާ ބައި އެވީ…ފިތް ކަނޑއިގެން ނުދާ ކަމެއް ނޭނގެ ދެންމެ ހަޅޭއްލަވައިގަން އިރު… އޯކޭ… އޯކޭ… އޭ ޝާނީ.. ދެން ދުވަސް ކޮޅަކުން އަހަރުމެންނެއް ނުފެންނާނެ… އަލީ ރަމީޒު ބުންޏެއްނު “ އެންމެ ކައިރީގަ ހީފާ އުޅޭ ރައްޓެހިން.. ވާނޭ ފަހުން ބޭވަފާ..” މިހެން ބުނުމާއި އެކު ހުދާ ތެދުވެ ބުންޏެވެ.“އާނ.. އެބުނީ ތެދެއް.. އެދުވަހުން ތުންފޮހެން ގެންގުޅޭ ޓިޝޫ ކޮޅަކަށްވެސް އަހަރުމެންނެއް ނުވާނެ..” ހުދާ މިހެން ބުނުމާއިއެކު ހަނާ އެހިއެވެ. “ އޭ މިހާރު ތިފެށީ ކޮން ވާހަކައެއްތަ؟ ކާކުތަ ބޭވަފާވީ؟””ނޭނގެ އަހަރުމެންނަކަށް… ބޭވަފާ ނުވޭ… ވާންއެޅެނީ… ދޯ ހުދާ..” މިހެން ބުނެ ޝަހީދާ ދުއްވައިގަތެވެ. ހަނާވެސް ޝަހީދާ ފަހަތުން ދުއްވައިގަތެވެ.
އެންމެން އެކީ މަޖާ ކުރަމުން ގޮސް ގެއަށް ދެވުނު އިރު ހުރީ ރޭގަނޑު އަށެއް ޖަހާފައެވެ. ހަނާ ގެއަށް ގޮސް ފެންވަރައިގެން ޝަހީދާ އާއި ހުދާއަށް ކޮންފްރެންސް ކޯލެއް ކުރިއެވެ. މުޅިންވެސް ދެއްކީ މުނީޒުގެ ވާހަކައެވެ. އޭނާ ކިއުޓް ވާހަކައެވެ. ހަނާ އޭނަ ދެކެ ލޯބިވާ ވާހަކައެވެ. ހަނާ މުނީޒުގެ ނަންބަރު ބޭނުންވާ ވާހަކަ ބުނުމުން ހުދާ ބުންޏެވެ. “ މާދަމާ އަހަރެން ތިކަން ވޭތޯ ބަލާލާނަން… ނަންބަރު ލިބިއްޖެއްޔާ.. ހަނާ ޖެހޭނެ އަހަރުމެންނަށް ސައި ދޭން.. ދޯ ޝަހީ..” މިހެން ބުނުމާއި އެކު ޝަހީދާ ހޭން ފެށިއެވެ. އެއާ އެކު ހަނާ ވަރަށް އުފާވެފައި ބުންޏެވެ. “ސައޭ..؟ ސައި ކީއްކުރަން.. ކުރިއަށް އޮތް ތާނގަ ކޮންމެ ދުވަހަކު ކޮފީ ގަނޑީގަ ބިލާ ހަވާލު ވާނަން.. އެވަރުން ފުދޭނެތަ؟ އަޅެ ޕްލީޒް އަހަންނަށް އެކަން ކޮށްދީ..” “އޭ ހުދާ ބިލާ ހަވާލު ވާނަމޯ… ނަންބަރު ހޯދަމާދޯ…” ޝަހީދާ ހަނާއާ ދިމާ ކޮއްލަމުން ބުންޏެވެ. އެއް ގަނޑި އިރާ ސާދަ މިނެޓުގެ ދިގު ފޯނު ކޯލަކަށް ފަހު ހަނާ ވަރަށް އުފާވެފައި ނިދިއެވެ. ހުވަފެނުން ވެސް ފެނުނީ މުނީޒެވެ. ހޭލާ ހުއްޓަސް ހަމަ ފެންނަނީ މުނީޒެވެ. އޮފީހަށް ދިޔަަސް، ތުނޑިއަށް ދިޔަސް ފެންނަނީ ހަމަ މުނީޒެވެ. ހަނާ އަށް މުނީޒުދެކެ ރަނގަޅަށް ލޯބިވެވިއްޖެއެވެ.
ރޭގަނޑުގެ އަރާމު ނިންޖަށް ފަހު ދޫނި ސޫފާސޫފި އޭގެ ހާލިން ތެދުވެ ކަނާ ހޯދަން އުދުއްސައިގަތެވެ. ހާތަށް އޭނގެ ވާޖިބު އަދާކުރަމުން ދިޔައެވެ. މުޅިރަށުތެރޭގައި ވަނީ އެއްއަޑެކެވެ. އެއީ ހާ ގޮވާ އަޑެވެ. ހަނާ އަށް ހޭލެވުނީ އެ އަޑަށެވެ. އާދައިގެ ދުވަހެކޭ އެއްގޮތަށް ހަނާ ފެންވަރައިގެން ސައިބޯން ނުކުތެވެ. އާދަޔާ ހިލާފު ހިނިތުން ވުމަކާއިއެކުގައެވެ. ސައި ބޮއި ނިމިގެން ހަނާ ވަރަށް އަވަހަށް އޮފީހަށް ދާން ހިގައިގަތެވެ. މާގިނަ އިރުތަކެއް ނުވެ އޮފީހަށް ދެވުނެވެ. އެންމެ ފުރަތަމަވެސް ހަނާގެ ލޮލުގައި އަޅައިގަތީ މުނީޒެވެ. ދެން ފެނުނީ މުނީޒު ކައިރީހުރި އަންހެންކުއްޖެކެވެ. އެއީ ހުދާ އެވެ. ހަނާ އެއަށް ވުރެ ބޮޑަށް އުފާވިއެވެ. ލަދުވެސް ގަތެވެ. އިސްޖަހައިގެން މޭޒާ ދިމާލަށް ހިގައިގަތެވެ. މޭޒާ ހަމައަށް ނުދެވެނީސް މުނީޒު ހަނާއަށް ގޮވިއެވެ. “ހަނާ…. އާދެބަލަ… މި ފައިލް ގެންގޮސް ޝަހީދާ އާ ހަވާލު ކޮއްބަލަ…. އޭނައަށް އިނގޭނެ ހަދަންވާގޮތް..” މުނީޒު މިހެން ބުނުމާއި އެކު ހަނާގެ ދެފައި ފިނިވެ ގަނޑުވި ކަހަލައެވެ. ހިގައިގަންނަން ނޭނގުނު ކަހަލައެވެ. މަޑު މަޑުން ގޮސް އެފައިލުގައި ހަނާ ހިފިއެވެ. ފައިލް ނެގި ވަގުތު ހަނާގެ އިނގިލިތަށް މުނީޒުގެ އަތުގައި ޖެހުނެވެ. ހަނާ އަށް ހުރެވުނުތަނެއް ނޭނގުނެވެ. ހަނާ ސިއްސައިގެން ދިޔައީ އެ ފައިލު ބިންމައްޗަށް ވެއްޓުމުންނެވެ. ވަރަށް އަވަހަށް ފައިލް ނަގާ “ސޮރީ” އޭ ބުނެ ލަދު ރަކި ގޮތަކަށް ހީލާފައި ޝަހީދާގެ މޭޒާ ދިމާލަށް ހަނާ ދުއްވައިގަތެވެ. ” އޭ… ޝަހީ… ހުދާ އެބަ އުޅޭ މުނީޒުގެ ނަންބަރު ހޯދަން…. އަޅެ އޭނާ ހާދަ ރަނގަޅޭ… އަދި އިނގޭތަ.. މި ފައިލް ނެގި ވަގުތު އޭނަގެ އަތުގަ އަހަރެންގެ އިނގިލިތަށް ޖެހުނު… އަހަންނަށް ނޭނގުނު ވީގޮތެއްވެސް….” ހަނާ ވީގޮތް ޝަހީދާ އަށް ކިޔައިދިނެވެ
ސައި ގަނޑި ކައިރިވަނީއެވެ. ހަނާ ހުރީ ހުދާގެ އިންތިޒާރުގައެވެ. މުނީޒުގެ ނަންބަރު ލިބޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. ދެތިން މިނެޓަށް ފަހު ހަނާ ކުރި އިންތިޒާރަށް ނިމުން އަންނަކަމުގެ ކުލަ ފެނިއްޖެއެވެ. ހުދާ ވަރަށް ފަރި ހިގުމެއްގައި އަންނަތަން ހަނާ އަށް ފެނިއްޖެއެވެ. އެންމެ ފުރަތަމަވެސް ހުދާ އައިސް ހަނާއާ ދިމާލަށް ކަރުދާސް ކޮޅެއް ދިއްކޮއްލަމުން ބުންޏެވެ. “މީގަ ހިފާ.. މި އޮތީ ތިހިތުގެ ވެރިޔާގެ ފޯނު ނަންބަރު… ދެން ސައްވީސް ގަނޑި އިރު ގުޅައިގެން އޮންނާނީކީ ނޫން އިނގޭ… އަހަރުމެންވެސް އެބަ ތިބިން.. ބިލް މަތިން ހަނދާން ނައްތާނުލާތި…” ހުދާ މިހެން ބުނުމާއި އެކު ހަނާ ވަރަށް އުފާވެފައި އެ ކަރުދާސް ކޮޅުގައި ހިފިއެވެ. އަދި ޝުކުރު އަދާކުރަމުން ހުދާ ގައިގަ ވަރަށް ބާރަށް ބައްދާލަމުން ބުންޏެވެ.” ތޭންކްސް ބެސްޓީ… މިރޭ ގުޅާނަން އޭނައަށް… ހިނގާދޯ ސައިބޯން ދަމާ.. އެއޮށް އަންނަނީ ޝަހީވެސް..” މިހެން ބުނެ އެންމެން އެކީ ސައިބޯން ދިޔައެވެ. ސައި ގަނޑީގަވެސް ދެއްކީ މުނީޒުގެ ވާހަކައެވެ
އެހެން ދުވަސް ދުވަހާ ހިލާފަށް މިއަދު އޮފީހުގައި މަސައްކަތް ބުރައެވެ. އެހެންކަމުން ހަނާ އަށް ގެއަށް ދެވުނު އިރު ހުރީ ހަވީރު ހަތަރެއް ޖަހަން ކައިރިވެފައެވެ. ހަނާ ގެއަށް ގޮސްް ފެނަވަރާ އަވަދިވެގެން ޝަހީދާ އާއި ހުދާ އަށް ގުޅާ، މިރޭ އެގެއަށް އަންނަން ދައުވަތު ދިނެވެ. މުނީޒުއާ ވާހަކަ ދައްކާ ވަގުތު އެމީހުންގެ ލަފާ ހަނާ ބޭނުންވާތީއެވެ
ސިކުންތުތަށް މިނެޓަށް ބަދަލުވެ، މިނެޓު ގަނޑި އިރަށް ބަދަލުވަމުން ގޮސް އެރޭ އަށެއް ޖަހައިފިއެވެ. ހަނާ ހުރީ ހުދާ މެންގެ އިންތިޒާރުގައެވެ. އިރުކޮޅެއް ނުވެ ހުދާމެން އަތުވެއްޖެއެވެ. “މި މަންޖެގެ ލޯބިވާ ސޮރަށް ގުޅާލަމާ ދޯ…” އެތެރެއަަށް ވަންނަމުން ސަމާސާ ރާގަކަށް ޝަހީދާ ބުންޏެވެ. ޝަހީދާ މިހެން ބުނުމުން ހަނާ ރަކި ގޮތަކަށް ހީލާފައި ފޯނު ނަގާ މުނީޒުގެ ނަންބަރު ޖަހާ ގުޅާލިއެވެ. މުނީޒު ފޯނެއް ނުނެގިއެވެ. ހަނާ ވަރަށް ދެރަވެއްޖެއެވެ. “އޭ.. ހާދަ އަވަހަށް އުންމީދުގެ ހުޅު ކޮޅު ތިނިއްވާލީ.. އަދި ގުޅާބަލަ… އޭނަ ފޯނު ނަގާނެއޭ… ތިހާ އަވަހަށް އުންމީދު ކަނޑާ ނުލާ…” ހަނާ ދެރަވެފައި ހުރިތަން ފެނި ހުދާ ބުންޏެވެ. ހަނާ ދެވަނަ ފަހަރަށް މުނީޒުއަށް ގުޅާލިއެވެ. މުނީޒު ފޯނު ނަގައިފިއެވެ. ހަނާ އުފަލުން ގޮސް ރޮވުނު ކަހަލައެވެ. ބުނާނެ އެއްޗެއް ނޭނގި ހުއްޓާ މުނީޒު ބުންޏެވެ، ” ހަލޯ… ކޮން ކުއްޖެއް؟” ހަނާ ވަރަށް ލަދުގަނެފައި ހުރެ ބުނަޏެވެ.” މިއީ ހަނާ..”
************************************ނުނިމޭ************************************
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

