ތި ސޫރަ ނޫން 14
* ޔައުލާން މީހުންގަނޑުގެ ތެރެއިން ފުރޭނިގެން ގޮސް މަޑުކޮށްލީ ވާހަކައިގައި ޖެހިފައި ހުރި ޒައިހާން އާއި ޒާމިން އާއި މިޝްލާގެ ގާތުގައެވެ. “ނަވާލްބޭ.. މިބުނީ ޒާހުބޭ..” *
ޔައުލާންއަށް ފުރަތަމަ ނަން ކިޔުނީވެސް ނުބައިކޮށެވެ. ވޭތުވެދިޔަ ހަފްތާގައި ނަވާލްބެ ކިޔާކިޔާ އެހެން ގޮވުނީއެވެ. ޔައުލާންގެ ދުލުން އެ ނަން ބޭރުވުމާއި އެކީގައި މިޝްލާ ކޮށިނޭރީ ކިރިޔާއެވެ. ތުމުގައި ޖައްސާފައިވާ އޮރެންޖް ފެންޓާ ތަށި ދުރުކޮށްލާފައި މިޝްލާ ޔައުލާންގެ މޫނަށް ބަލާލީ ދެލޯ އޮރެންޖެއްހާ ބޮޑު ކޮށްލަމުންނެވެ. “ޒާހުބޭ.. މިއްތާ.. އަޅުގަނޑު ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފައި އެބައޮތް..” ޔައުލާން ބުނެލިއެވެ. ”ކޮން..؟ އަނެއްކާ އަހަރެމެންގެ ޔުއެލް ބޮޑުވީތަ..؟” ޒައިހާން ހިނިއައިސްފައި އުޅަނބޮށިން ޒާމިންގެ ގައިގައި ޖަހާލިއެވެ. ޒާމިންވެސް ދަތްތައް ދައްކާލާފައި ހީނލީ ޔައުލާން އެ ދައްކަން އުޅެނީ އަންހެން ކުއްޖެއްގެ ވާހަކަ ކަމަށް ހިތާއެވެ. “މިއްތާ.. މިއްތައަށް އިނގޭތަ ލީންގެ އެއްމާބަނޑު ކޮއްކޮއެއް ހުންނަކަން..؟” ގައިގައި ހުރި ހުރިހާ ހިތްވަރެއް އެއްތަން ކޮށްލާފައި ޔައުލާން ބުންޏެވެ. ވައިޓްބޯޑްއެއް ގައި ކުރަހާފައިވާ އެއްޗެއް ފޮހެލާ ފަދައިން ހީގަންނަން ތައްޔާރަށް ހުރި ޒައިހާންގެ ތުންފަތްމަތިން ހިނިތުންވުން ފޮހެވިގެންދިޔައެވެ. މިޝްލާގެ އަތްތުރުތުރުލައިގަތެވެ. ޔައުލާންއަށް އެކަން އެނގުނީ ކިހިނެތްބާއެވެ.؟ ގައިމުވެސް އޭނަ ނޫނީ ޒައިހާންގެ ދުލުން ޔައުލާންއަކަށް އެއެއް ނީވޭނެއެވެ.
“ދަރިފުޅާ ކީކޭތަ ތި ކިޔަނީ..؟” ޒާމިން ވާނުވާގައި ހުރެ އެއްސެވެ. ޒައިހާން އެންމެ އިތުބާރުކުރާ ފަރާތަށް ވިޔަސް މިޝްލާއަށް ކުރެވިފައިވާ ވައުދުގެ މަތިން ޒައިހާން އެކަކަށްވެސް ނަވާލް އާއި މިޝްލާގެ ވާހަކަ ކިޔައިދީފައެއް ނުވާނެއެވެ. ”އަޅުގަނޑު މިބުނީ މިއްތައަށް އިނގޭހެއްޔޭ ލީންގެ އެއްމާބަނޑު ކޮއްކޮއެއް ހުންނަކަން..؟ މިއީ މިއްތައަށްވެސް ސިއްރު ކުރެވިފައިވީ ކަމެއްތަ..؟ ނޫނީ މިހާ ދުވަސް ވީއިރުވެސް މިއްތައަށް އެނގިހުރެ އަހަރެމެން އެކަކަށްވެސް މިކަން ނާންގާ އުޅުނީތަ..؟” ޔައުލާންގެ އެތެރެހަށީގައި ޖޯޝުގެ ހުޅުރޯވިއެވެ. ހަގީގަތް އެނގެން ބޭނުންވެފައި ހުރިވަރުންނެވެ. “ޔު.. ޔުއެލް.. މިއްތަ…” މިޝްލާ ވާހަކަދައްކަން މަސައްކަތްކުރިއެވެ. މިޝްލާ ވާހަކަ ދައްކަމުން ދިޔަގޮތާއި ސިހިފައިވާ އެމޫނު ފެނިފައި މާކުރިންވެސް މިޝްލާއަށް އެކަން އެނގޭކަން ޔައުލާންއަށް ޔަގީންވިއެވެ. ”ކީއްވެ ސިއްރުކުރީ..؟ ލީންއަށް މިކަން އެނގިއްޖެނަމަ……” ޔައުލާން ވަގުތުން އެނބުރުނީ މިލީން ބަލާ ދާށެވެ. އެކަން ކުރުމުގެ ކުރިން ޒައިހާން ޔައުލާންގެ އަތުގައި ހިފާ ހުއްޓުވިއެވެ. “ޔުއެލް.. ކިހިނެތް.. ކާކު ތިވާހަކަ ޔުއެލްއަށް ކިޔައިދިނީ..؟” ޒައިހާންގެ އަޑުގައިވެސް ވަނީ ހައިރާންކަމާއި ނުތަނަވަސްކަމެވެ. “އަޅުގަނޑާއި އެލް އާއި ބައްދަލުވީ..” ޔައުލާން އެހެން ބުނުމާއި އެކީ މިޝްލާއަށް ލޯމަރާލެވުނެވެ.
މިގޮތަށް ކަން ވާނެކަމަށް ހީކުރެވުނަސް މިޝްލާ ހުރީ އެހެން ނުވާނެކަމަށް ދުއާ ކުރާށެވެ. އެކޮޅު ރަށުގައި ހުއްޓާ ޔައުލާން ދެއްކި ވާހަކައިން މިޝްލާއަށް މިއަލް އާއި ޔައުލާން ބައްދަލުވިކަން އެނގުނަސް ހުރީ ޒައިހާންއަށް އެކަން ސިއްރު ކޮށްލައިގެންނެވެ. ވައްތަރު މީހުންވެސް ދުނިޔޭގައި އުޅޭނެކަމަށް ޔައުލާން ގަބޫލުކޮށްލައިގެން ހުންނާނެކަމަށް އުންމީދު ކުރަމުންނެވެ. ނަމަވެސް ކޮންމެވެސް ގޮތަކުން މިވަނީ ބުޅާ ގޯނިން ބޭރުވެފައެވެ. “ކިހިނެތްހޭ ތިކަންވީ…؟!؟” ނުތަނަވަސްކަން އައިސް ޒައިހާން ވަށާލައިފިއެވެ. ވާހަކަ ދެއްކިއިރު ރުޅިވެރިކަން އިޚުތިޔާރު ކުރެވުނެވެ. “މިއަލް އާއި ލީންގެ ކުޑައިރުގެ ފޮޓޯއެއް ފެނިގެން ނަވާލްބެ އާއި އަހަރެމެން ސުވާލުކުރީ..” ޔައުލާން ފޮރުވާކަށް ނޫޅުނެވެ. “ނަވާލް.. ނަވާލް ކިޔައިދިނީތަ..؟ ނަވާލާއި ކިހިނެތް ދިމާވީ..؟ މީ ކިހިނެތްވާނެކަމެއް..؟ ޔައުލާން ދޮގު ނުހަދާތި..” ޒައިހާން ހުރީ ހާސްކަމުގެ އެންމެ މަތީ ދަރަޖައިގައެވެ. “އަޅުގަނޑު ހުރީ ނަވާލްބޭ މެންގެ ގޭގައޭ..” ޔައުލާން ބުންޏެވެ. “ނަވާލްމެން ގޭގައޭ..؟” އެއްޗެއް ވިސްނަންހުރެފައި ޒައިހާން އެނބުރުނީ ޒާމިން އާއި ދިމާލެވެ. އިވެމުން ދިޔަ ވާހަކަތަކުން ޝޮކެއްތެރޭ ފީނަމުން ދިޔަ ޒާމިން ޒައިހާންގެ ހަނިވެފައިވާ ދެލޮލަށް ބަލާލިއެވެ. “ޒާމިން…” ޒައިހާން ގޮވާލީ ޝައްކެއް މަތީ ހުރެފައެވެ. “ކީކޭތޯ..؟” ހިންދިރުވާލާފައި ޒާމިން އެއްސެވެ.
“ޔައުލާން އެކޮޅު ރަށަށް ފޮނުވަންވެގެން ބުނީމައި ޔައުލާން ހުންނަ ތަނާއި ކެއިންބުއިން ހަމަޖެއްސީ ޒާމިންއެއް ނޫންތަ..؟” ޒައިހާން އެއްސެވެ. “ލައްބަ އަޅުގަނޑު..” ޒާމިންގެ ނުތަނަވަސްކަންވެސް އިންތިހާއަށް ދިޔައެވެ. ”ނަވާލް.. ޔައުލާން އެބުނީ އޭނަ ހުރީ ނަވާލްމެން ގޭގައޭ..؟” ޒައިހާން އަދިވެސް ހުރީ ލޯހަނިކޮށްގެންނެވެ. “ކިހިނެތްތޯވީ..؟ ނަވާލް އެއީ އަޅުގަނޑުގެ ވަރަށް ޒަމާންވީ ރައްޓެއްސެއް..” ޒާމިން އެހެން ބުނުމާއިއެކީ ޒައިހާން ބޮލުގައި އަތްއަޅާލައިފިއެވެ. “އާހް.. ކުރިން ނުބުނީ ކީއްވެތަ..؟” ޒައިހާން ޒާމިންއަށް ފުރަގަސްދިންއިރު ހުރީ ފުފިފައެވެ. މޫނުމަތި ރަތްވެފައިވާއިރު ނުފެންނަނީ އެކި ކުލަކުލައިގެ ލައިޓްތައް އެޅޭވަރުންނެވެ. “އަ.. އަޅުގަނޑު…” “އެއީ ހަތުރެކޭ ޒާމިން އެއީ އަހަރެމެންގެ ދުޝްމަނެކޭ..” ޒައިހާން ކުއްލިއަކަށް އެނބުރި ޒާމިންގެ މޫނުމައްޗަށް އިނގިލި ހޫރާލިއެވެ. ހޭބުއްދި ފިލައިފައިވާ ކަހަލައެވެ. އަނގައިން ބުނަންވެސް ނުކެރިފައި ހުރި މިޝްލާވެސް ދެލޯ ބޮޑުކޮށްލައިފިއެވެ. ޔައުލާން އަވަހަށް ޒައިހާން ޒާމިން އާއި ދުރު ކުރިއެވެ. އެވަރު އެއްޗެއް ބުނެގެން ޒައިހާންއަށް މިވަރުވަންޏާ އެކަން ސިއްރުވީ ކިހިނެތްކަމާއި މެދު ދިގު ވާހަކައެއް އޮންނާނެ ކަމަށް ޔައުލާން ޔަގީން ކުރިއެވެ. މިޝްލާވެސް ޒައިހާންގެ ގައިގައި ހިފޭއްޓިއެވެ.
“ކީކޭތޯ..!” ޒާމިންއަށް ހީވީ މީހަކު އޭނަގެ މޫނުމަތީގައި ޖެހިހެންނެވެ. އަނގަމަތީގައި އަތް އެޅުނުއިރު ޒާމިންގެ މޫނުމަތިން ފެނުނީ ބިރުގަތްފަދަ އަސަރެކެވެ. “އިނގޭތަ އެއީ ކާކު ކަން..؟ މިއަދު އަހަރެން ކިޔާދޭނަން އެއީ ކާކުކަން..!!” އައިސްފައި ހުރި ރުޅިން ޒައިހާންއަށް ކިޔޭނުކިޔޭއެއް ނޭނގޭވަރުވިއެވެ. “ޒާހު ނޫން.. ޕްލީޒް..” ވަށައިގެން ހުރި މީހުންގެ ސަމާލުކަން އެދިމާލަށް ހުއްޓިދާނެތީ މިޝްލާ ކަންބޮޑުވިއެވެ.
“އަޑުއަހާ.. ޒުވާން އުމުރުގައިވެސް ނަވާލާއި މިޝީ އުޅުނީ އެއްކޮށް.. ނަމަވެސް މައިންބަފައިންނަށް އެ ގުޅުން ސިއްރުކޮށްގެން.. އެ ގުޅުން ފަޅާއެރީވެސް އެހެން އުޅެނިކޮށް.. މިޝީގެ މައިންބަފައިން އެ ގުޅުމާއި ދޭތެރޭ އެހާއެހާ ހިތްހަމައެއް ނުޖެހުނު.. އެދެ އާއިލާގެ މެދުގައި ކުރިންސުރެވެސް އޮންނަނީ ފާޑެއްގެ ރުޅިވެރިކަމެއް.. ކުރީޒަމާނުގެ ވާހަކަތަކުގެ ގޮތްވިއްޔަ މީ.. ނަވާލްގެ މައިންބަފައިންވެސް އެގުޅުމަކަށް ރުހުމެއްނުދޭ.. ނަވާޒު އެކަނި އެ ގުޅުމަށް އާނބަސްދީގެން އުޅުނީ.. ސަފީނައްތަ އާއި ނައީމްބޭގެ އެދުމަށް އެއަށްފަހު ނަވާލް މާލެއަށް ދިޔައީ މިޝީ ރަށަށް ދޫކޮށްލާފައި.. މިޝީ ހިތުގައި ޖައްސާފައި.. މަސް ދުވަސް ކޮށްފައި އެނބުރި އަންނާނަމޭ ބުންޏަސް ނަވާލް އެނބުރި އައީ ހަތް މަސް ފަހުން.. އޭރު މިޝީ ނަވާލްގެ ދަރިއަކަށް ބަނޑުބޮޑު.. ރަށުމީހުންތައް އޭރުވެސް ތުންތުންމަތިން މިޝީއޭ ކިޔައިގެން ވާހަކަދައްކަމުންދޭ.. މިޝީ ބަނޑުބޮޑުކަން މިޝީގެ މަންމަ އާއި ބައްޕަ ނަވާލްގެ މައިންބަފައިން ނޫން އެކަކަށްވެސް ނޭނގޭ.. ނަވާލްގެ މައިންބަފައިން އުޅުނު މިޝީ ފަޟީހަތް ކޮށްލަން ވެސް އެކަމަކު އެމީހުންނަށްވެސް އެނގޭ މިޝީ ފަޟީހަތް ކޮށްލައިފިއްޔާ އެކަން ނަވާލް އަމިއްލައަށް ވެސް ބޮލުއަޅައިގެން މިޝީއާއި އެކީ ފަޟީހަތް ވާނެކަން.. މިޝީގެ މައިންބަފައިން ކުރީކޮޅު މިޝީ އާއި ނަވާލްގެ ގުޅުމަށް އާނބަސް ދިން ނަމަވެސް ނަވާލްގެ އެނބުރި އައުން ލަސްވެ ކުރި ވައުދާއި ޚިލާފްވެގެން އުޅޭކަމަށް އަޑު އަރައިގެން ހިތުގައި ނަވާލާއި ދޭތެރޭ ނަފްރަތު އުފެދުނީ.. އެމީހުން ހިތުން ނަވާލް މިޝީ ބޭނުންކޮށް ނިންމާލާފައި މާލެ ދިޔައީ.. އެކި މީސްމީހުން މިޝީމެންނަށް ކިޔައިދެމުން ދިޔައީ މާލެ ދިޔަފަހުން ނަވާލް ވަރަށް އަވަހަށް މާލެ ކުއްޖަކާއި ކައިވެނި ކުރަން އުޅޭ ވާހަކަ.. އަދި ނަވާލްގެ މައިންބަފައިން ނަވާލަށް އަންގަމުން ދިޔައީ މިޝީވެސް އެހެން ފިރިހެނަކާއި ހިތާވެގެން އުޅޭ ވާހަކަ.. އެކަކު އަނެކަކުގެ ހިތުގައި ޝައްކު އުފެއްދީ.. އެކަމަކު އެ ލޯބި މާ ވަރުގަދަ.. ނައީމްބެ އެވަރަށް ނަވާލް މާލޭގައި ހިފާއްޓަން އުޅުނީމައިވެސް ނަވާލް އެނބުރި އައީ.. މިޝީ ބަނޑުބޮޑުކަންވެސް ނަވާލަށް އެނގުނީ އައިތާ ފަސް ދުވަސް ފަހުން.. ދެފަރާތު މައިންބަފައިންވެސް ވަރަށް ބެލި އެ ގުޅުމުގައި ކުނި ޖެއްސޭތޯ.. އެކަމަކު އެކަން ކާމިޔާބެއް ނުވި.. ރީއަލް ވިހޭހާ އަވަހަކަށް މިޝީ އާއި ނަވާލް ކައިވެނިކުރި… ރަށުގެ މީހުންނަށްވެސް އަސްލު ވީގޮތެއް ނޭނގުނީ ނަވާލާއި މިޝީ ސިއްރުކުރި ވަރުން.. އެކަމަކު މިޝީ ފަހުން ލިބިގަންނަންޖެހޭ އަދަބު ލިބިގަތް.. ނަވާލާއި މިޝީގެ ކައިވެނި ކުރެވިގެންދިޔައީ ދެފަރާތު މައިންބަފައިންގެވެސް ފުރިހަމަ ރުހުން ނުލިބި.. މިޝީ އާދޭސްކޮށް ރުއިވަރުން އޭނަގެ ބައްޕައަށް ވަލީނުދީ ހުންނަން ނުކެރުނީ.. ނައީމްބެ ނިޔާވީވެސް ވަރަށް ކުއްލިގޮތަކަށް.. ދެން އެ ކައިވެންޏަށް ހަތަރު އަހަރުވީތަނާ މެއި މަހުގެ އެކާވީސްވަނަ ދުވަހު މިޝްލާ ވިހެއީ އެއްމާބަނޑު ދެބެން.. އެއީ ހައްވާ މިއަލް އާއި މަރިޔަމް މިލީން.. ކުރު ކޮށްނަމަ އެލް އާއި ލީން.. މިއަލް އާއި ލީންގެ އުމުރުން ހައަހަރު ވަރު ވީއިރު ނަވާލް އުޅެނީ ސިއްހީމަރުކަޒު ސާފުކުރާ ބައިގައި.. އެއްރޭ ވަޒީފާގަޑި ނިމުމުން ނަވާލް ގެއަށް ދިޔައިރު އެމީހުންގެ ކޮޓަރީގައި އޮތީ މިޝީ އެކަންޏެއް ނޫން.. އެހެން ފިރިހެނެއްވެސް އޮތް.. އެރޭ ވީނުވީއެއްވެސް ނޭނގޭ.. މިޝީދެކެ ވާލޯބިން ދުނިޔެ ވަށާ ފަތަންވެސް ތައްޔާރަށް ހުރި ނަވާލްގެ ހިތަށް ކަށިޖެހީ ކޮން އިބިލީހެއް ކަމެއް ނޭނގޭ.. ކަމުގެ ދެކޮޅުވެސް ނުބަލާ ނަވާލް އެރޭ މިޝީ ވަރިކުރީ.. ކުރިން އެމީހުންގެ މައިންބަފައިންނާއި ތުންތުންމަތިން ވާހަކަތައް ފެތުރި އެންމެންނަށް ބީރު ކަންފަތެއް ދީގެން މިޝީއަށްޓަކައި ހިތްވަރުކުރި ނަވާލް އެންމެ މަންޒަރެއް ފެނިގެން ހަގީގަތްވެސް ނުހޯދާ މިޝީގެ ވާހަކަތައް އަޑުވެސްނޭހި.. އެރޭ އޭނަ ހުރީ ކޯޗެއް ބޮއިގެންކަމެއް ނޭނގޭ.. ދެމީހުންނަކީވެސް އެއްވަރަކަށް ބޯހަރުކަން ދެއްވާފައިވާ ދެމީހުން.. މިޝީ އެރޭ އާދޭސް ކުރި އެހެން ނުހެދުމަށް.. އެކަމަކު ކަންފަތަށް އުނގުރިއެއް ޖަހައިގެން ހުރެ ނަވާލް އެހެން ހެދީ ކީއްވެކަމެއް އަދިވެސް ނޭނގޭ.. މަހެއް ތެރޭ ވަރީގެ ކަންކަން ނިމިގެން ދިޔައިރު ރީއަލް އާއި މިއަލް ލިބުނީ ނަވާލަށް އަދި ލީން ލިބުނީ މިޝީއަށް.. ރައްޓެހިވެގެން އުޅޭ ދުވަސްވަރު ދެލޯބިވެރިން ހަނދުހުވާކޮށް ކުރާ ވައުދުތަކާއި ހުވާތައް ފަދައިން އެދުވަހު ދެ މީހުންވެގެން އެކަކު އަނެކަކު ފެންނަ ހިސާބަށް ދުވަހަކުވެސް ނައުމަށް އެތައް ހުވައެއް ކުރި.. މިއަލް އާއި ރީއަލްގެ މަންމައެއް މީގެފަހުން ނުހުންނާނޭ ނަވާލް ބުނިއަޑު އަހަރެން އެހިން.. މިޝީވެސް ހިތްމަތީ ގާގަނޑެއް ބާއްވައިގެން އެކަންކަމަށް އެއްބަސްވި.. ނަވާލަށްވެސް މިޝީ އިންޒާރުދިން.. އެދުވަހަށްފަހު އަހަރެން މިޝީއަށް އަޅާލީ.. މިޝީދެކެ ވާލޯތްބެއްގެ ބޮޑުކަމުން.. އަހަންނަށް އިނގޭ އަހަރެންގެ މައްސަލަތަކެއް ވެސް ހުންނަކަން.. ސީދާ އެހެންވެ އަހަރެންގެ ހިތުގައި ލީން އާއި ދޭތެރޭ ދަރިކުލުނު ޖެހުނީ.. އެދުވަހަށްފަހު ލީން އެއީ އަހަރެންގެ ދަރިއެއް.. ނަވާލާއި މިއަލްގެ އިތުރުން ރީއަލް އަދި އެ ރަށްވެސް ދޫކޮށް އަހަރެން މިޝީ ގޮވައިގެން އެކޮޅު ރަށަށް ބަދަލުވީ.. އޭގެފަހުން މިހާރު އެ ބާރަ އަހަރުވަނީ.. ނަވާލަކީ އަހަރެންގެ ހަތުރެއް.. ލޯބިވިޔަސް މިޝީވެސްގެ ހަތުރެއް..” ޒައިހާން މުޅި ވާހަކަ އަލިފުން ޔާއަށް ކިޔައި ނިންމާލިއިރު ނޭވާލީހެންނެއްވެސް ހިޔެއް ނުވެއެވެ. އިވިމިދިޔަ ވާހަކަތަކާއި ހުރެ ޒާމިން ހުރީ ގަނޑުވެފައެވެ. މިޝްލާ ހުރީ ހަރަކާތެއް ގެންނަން ނޭނގިފައެވެ. ލިބުނު ޝޮކުން ޔައުލާންވެސް ހުރީ އަތަކަށް ގުޑިލަންވެސް ނުކެރިފައެވެ.
ތިންމީހުންވެސް ސިއްސައިގެން ދިޔައީ ކައިރިއަށް ބިއްލޫރިތައްޓެއް ވެއްޓި ތެޅުނުއަޑަށެވެ. ކޯކުތައް މުޅި ފަޓްލޫނަށް ބުރައިގެން ދިޔުމާއި އެކީގައި ޒައިހާން ރުޅިއައިސްފައި ކުރިމައްޗަށް ބަލާލިއެވެ. ޔައުލާންވެސް އިސްއުފުލާ ބަލާލީ ކުރިމަތީގައި ހުރި މީހާއަށެވެ. ވަގުތުން އޭނާގެ ކަޅި ގޮސް ތަތްވީ ހުއްޓުން އަރާފައި ހުރި މިލީންގެ މޫނުމަތީގައެވެ. “ލީން..” ޔައުލާންގެ ދުލުން މިލީންގެ ނަން ބޭރުވީ ލަސްލަހުންނެވެ.
އޭރުވެސް ޕާރޓީތެރެ ނުހަނު ފޯރިގަދައެވެ. އެ ހާސްކަން ވެރިވެފައިވީ ހިޔަނި އެޅިފައިވަނީ ހަމައެކަނި ޒައިހާންމެންގެ ބޮލަށެވެ. ޒައިހާންގެ ރުޅިވެރިކަންވެރިވެފައިވާ މޫނަށް ހާސްކަން ގަދަވެގަތީ އަވިދޭ ދުވަހެއްގައި ކަޅުވިލާތައް އުޑުމައްޗަށް ގަދަވެގަންނަ ފަދައިންނެވެ. “ދަރިފުޅާ ލީން..” ޒައިހާން ވާހަކަ ދައްކަން އުޅުނެވެ. ނަމަވެސް މިލީން އޭރުވެސް ހުރީ ބުދެއްހެންނެވެ. އެސްފިޔަ ހަލުވައެއް ނުލައެވެ. އަތުން ދޫވެގެން ކުދިކުދިވީ ކޯކުތަށީގެ ބިއްލޫރިތައް ކޯކުތަކާއިއެކީ ފައިދަށުގައި ވާކަން މިލީންއަށް ރޭކާނުލާފަދައެވެ. “ލީން..” މިޝްލާގެ މޫނުމައްޗަށް އަނދިރިވާގޮތްވިއެވެ. މިއޮއްފަދަ އުފާވެރިދުވަހެއް ގައި އޭނަގެ މާޒީ މިފަދަ ގޮތަކަށް ފަޅާއަރައިގެންދާނެކަމަށް މިޝްލާއަށް ލަފާކުރެވިފައެއްވެސް ނުވެއެވެ. އޭނަ އެތައްބަޔަކަށް އަދި ވަކިން ހާއްސަކޮށް މިލީންއަށް ސިއްރު ކުރަން ބޭނުންވި އެތައް ސިއްރުތަކެއް ފާޅުވެދާނެކަމަށް ހީކުރާނީވެސް ކާކު ހެއްޔެވެ.؟ “މަންމާ..” މިލީންއަށް ކިޔުނީ އެބަސް އެކަންޏެވެ. ރޯން ބޭނުންވިޔަސް މިލީންގެ ކަރުނަވަޅު ބަންދުވެފައިވާ ކަހަލައެވެ. ތުންފަތް ހަރަކާތް ނުކޮށްލިތާ މުޅި މޫނަށްވެރިވެފައިވަނީ ހުދުކަމެކެވެ. މިލީންގެ ސިކުނޑިވެސް ހީވަނީ ގޮވާފާނެހެންނެވެ. ދެންމެ ޒައިހާންގެ ދުލުން ބޭރުވި ކޮންމެ ޖުމްލައެއް ރިވައިންޑެއް ފަދައިން އޭނަގެ ކަންފަތްބުޑުގައި ގުގުމަމުންދިޔަފަދަ އިހުސާސެއް މިލީންއަށް ކުރެވެމުން ގެންދިޔައެވެ.
”ދަރިފުޅާ.. މަންމަ……” “އެއީ ތެދެއްތަ..؟” މިލީންގެ ދޫ ހަރަކާތްކުރިއެވެ. ފެންކަޅިވަމުން ދިޔަ އެ ދެލޮލުން ދެންމެ ދެންމޭން ކަރުނަތައް އޮހިގެންފާނެހެން ހީވެއެވެ. “ލީން.. ދަރި……….” މިޝްލާއަށް ކުރެވުނުހާވެސް ކަމަކީ އިސްޖަހާލުމެވެ. މިލީންގެ ދެލޮލުން ކަރުނަތައް ފެންކޯރެއް ފަދައިން އޮހިގަތީ ޔައުލާން ބަލަބަލާ ހުއްޓައެވެ. މިލީން ގެނެސް އަތުތެރެއަށް ބޮނޑިކޮށްލަން ބޭނުންވިޔަސް ޔައުލާންގެ ފިޔަވަޅުތައް ހުރިތާ ތަތްލީ ކީއްވެކަމެއް ނޭނގުނެވެ. ޚުދު އޭނަވެސް ހުރީ ހައިރާންވެގެންގޮސް އަނެއް އަތަށް އަޅާފައެވެ. ބުނާނެބަހެއްވެސް ދުލުކުރިއަކަށް ނައެވެ. “އެއީ ތެދެއް..” ޒައިހާންއަށް މަޖުބޫރުވިއެވެ. ދެއްކި ހުރިހާ ވާހަކަތަކެއް މިލީންއަށް އަޑުއިވުނުކަން ޔަގީންވުމުން އިތުރަށް ސިއްރުކޮށް އިތުރު ދޮގުތަކެއް ހަދާ އިތުރު އޮޅުވާލުންތަކެއް އޮޅުވާލުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ.؟
މިލީން ހުރި ފިޔަވަޅުމަތީ ގަނޑުވެފައި ހުރެވުނީއެވެ. ހިތްފުރެންދެން ރޯލަން ބޭނުންވިޔަސް މިލީން ހިތްގަދަކުރިއެވެ. ޝަކުވާތަކުން ހިތްފުރި ބަންޑުންވަމުން ދިޔަސް ނުވަތަ ކަރުނަތައް ހުއްޓުމެއްނެތި އޮހުނަސް މިލީން ބަލާލީ މިޝްލާގެ މޫނަށެވެ. ކުށްވެރިއެއް ފަދައިން އިސްޖަހާލައިގެން ހުރިއިރު މިލީން އާއި ދިމާލަށް ބަލާލަންވެސް މިޝްލާ ލަދުގަނެފައި ހުރި ފަދައެވެ. “އަހަރެންގެ ޓްވިންއަށް ކިޔަނީ ކޮންނަމެއް..؟” މިލީން ދެން އަހާލި ސުވާލުން އެންމެންގެ ހިތުގައި އުފެދުނީ ސުވާލެވެ. މިލީންގެ ފުށުން ފެންނާނެކަމަށް އުންމީދުނުކޮށްހުރި ހަރަކާތެއް ފެނުމުން ޔައުލާންވެސް ހިނދުކޮޅަކަށް ވިސްނާލަން ޖެހުނެވެ. އެންމެންވެސް ހީކުރީ މިލީން ރޮއިގަންނާނީ ކަމަށެވެ. ނޫނީ ހިތްބަލިވެގެން އެކައްޗެކޭވެސް ނުބުނެ ތަން ދޫކޮށް ދާނީ ކަމަށެވެ. ނަމަވެސް ކަންވީ ހީކުރިގޮތާއި ޚިލާފަށެވެ.
“މިއަލް.. ހައްވާ މިއަލް.. ދޮންތިގެ އެލް.. ލީންގެ ލޯބިވާ ކޮއްކޮ..” މިޝްލާ ހިތްވަރުކޮށްފައި ބުނެލިއެވެ. އެކަމަކު މިލީން އޭނަދެކެ މިހާރު އަންނާނެ ރުޅި ހިތަށް ވެރިވުމާއެކީ މިޝްލާގެ ހިތްވަރު އެލެންފެށުމާއި އެކީގައި ދެލޮލަށް ބޮނޑިވި ކަރުނަތައް އޮހިގަތެވެ. “ބޭބެ އަދި ބައްޕަ..؟” ކަށިން ހިތްވަރު ނެރިގެން މިލީން އަހަމުން ދިޔައެވެ. “އެއީ ނަވާލް.. އަލީ ނަވާލް.. ދެން ހުންނާނީ މުހަންމަދު ރީއަލް.. އަދި އެކޮޅުން ބޮޑުބޭބެއެއް ހުންނާނެ.. ނަވާލްގެ ދޮށްޓަށް ހުރި މީހާ.. ހުސެން ނަވާޒް.. ނަވާޒުބެ..” މިޝްލާ ގިސްލަމުން ކިޔައިދިނެވެ. އެ ހުރިހާ ވާހަކައެއް ކިޔަންދެން މިލީން ކަރުނަތައް ގަދަކަމުން ހިފާއްޓައިގެން ހުރިއިރު ހީވަނީ ދެލޯ ފަޅައިގެން ހިނގައިދާނެހެންނެވެ. ކަތުރު ކަށިގަނޑަށް ވާންކޮށްލިކޮށްލީނުން ދަތްތަކަށްވެސް އޭގެ އަސަރު ކުރިއެވެ. “އުޅެނީ ކޮން ރަށެއް ގައި އަދި ކޮން ގެއެއްގައި..؟” މިލީން އެއްސެވެ. “ޖެހިގެން މިއޮތް ރަށުގައި.. އަހަރެމެން އެންމެފަހުން ދަތުރުދިޔަ ރަށް.. އެރަށުގައި ހުންނަ މިލްރީޝްވޭލީ ގޭގައި..” ނަވާލްއަށް ވީވައުދާއި ޚިލާފްވެވެނީކަން އެނގޭ ހާލުވެސް މިޝްލާ އުނދަގުލުން ކިޔައިދިނެވެ.
މިޝްލާގެ ފަހު ޖުމްލަ ނިމޭއިރަށް މިލީން ބަރު ފިޔަވަޅުތަކެއްގައި ހިނގައިގަތީ އެތަނުގައި ހުރި ކުޑަ ވޮޝްރޫމަށް ވަންނަންދާށެވެ. ގޮނޑިމަތީގައި އޮތް އޭނަގެ އަތް ދަބަސް ލަތްކެއްޖަހާ ނަގާފައި މިލީން ފާޚާނާއަށް ވަންނަން މިސްރާބު ޖެއްސެވެ. ޔައުލާންގެ ދެފަޔަށް ބާރު ލިބުނީ ދެނެވެ. ބާރު ފިޔަވަޅުތަކެއްގައި ޔައުލާން ގޮސް މިލީންގެ އަތުގައި ހިފޭއްޓިގޮތަށް އޭނައާއި ވީ ފަޅިއަށް އަނބުރާލިއެވެ. “ލީން……” ޔައުލާންގެ އަތް ފޮޅުވާލަން މިލީންއަށް ބާރު ލިބުނީ ކޮންތާކުންކަމެއް ނޭނގުނެވެ. ޔައުލާން ދުރަށް ކޮއްޕާލާފައި ވައިސޫރިއެއްހެން މިލީން ގޮސް ވޮޝްރޫމަށް ވަންނަ ތަޅުގައި ހިއްޕެވެ.
“ފަޔަރ..!!!” ޕާރޓީގައި ހުރި ކުއްޖެއްގެ ކުއްލި ހަޅޭކުގެ އަޑު އެންމެންގެ ސަމާލުކަން ދަމައިގަތެވެ. މިލީންގެ މޫނުން ނަޒަރު ވަކިކޮށްލާފައި ޔައުލާންގެ ސަމާލުކަންވެސް ހުއްޓުނީ އެކުއްޖާއަށެވެ. ޓްރޮފީ ކޭސް ކައިރީ ހުއްޓިގެން ހުރި ކުއްޖާގެ އިނގިލި ދިމާވެފައިވަނީ ބޭރަށެވެ. ސްޕޮޓްލައިޓް އެޅިފައިވާ އެ ކުއްޖާގެ މޫނުމަތިން ބިރުގަނެފައިހުރިވަރު އަންގައިދެއެވެ. އެކުއްޖާ ހަޅޭއްލަވައިގަތްތަނާ ދެތިން ސިކުންތުވެސް ނުވަނީސް ބާރު އަޑުފައްގަނޑަކާއި އެކީގައި ބިއްލޫރި ބިތް ފުނޑުފުނޑުވެ ބިއްލޫރިތައް އެކި ދިމަދިމާއަށް ބުރައިގެން ދިޔައެވެ. އެ އަލިފާންގަނޑު ފެތުރިގަތީ ބަސްބުނާހާ ސިކުންތުކޮޅެއް ތެރޭގައެވެ. ލަކުޑިބިތްތަކުގައި އަލިފާން ރޯވެ އަނދަމުން ދިޔައިރު އަރަމުން ދިޔަ ދުމުގެ އަސަރުން އެކަކަށްވެސް ލޯހުޅުވާލަން ދަތިވިއެވެ. ގިނަ މީހުންތަކެއް ދޮރު ހުޅުވޭތޯ މަސައްކަތް ކުރިއެވެ. ތަޅު ޖޭމްވެފައި ހުރުމުގެ ސަބަބުން އެމީހުންނަށް ތަޅު ހަލާކުކޮށް ނުލެވެނީސް ހުޅުގަނޑު ދޮރުގައިވެސް ހިފައިފިއެވެ. އެއްވެތިބި އެންމެންގެ ރުއިމާއި ބިރުވެރިކަމުގެ އިންޒާރުދޭ ހަޅޭކުގެ އަޑާއި އަލިފާން ހިފަމުން ދިޔަ އަޑާއި އަނދައި ހުލިވެގެން އެއްޗެހިތައް ބިމަށް ތިރިވާ އަޑު ނޫންއަޑެއް ނީވެއެވެ. ޔައުލާންއަށްވެސް ލޯހުޅުވާލަން ދަތިވިއެވެ.
”ލީން..” ޔައުލާން އެވަގުތުވެސް ބެލީ ވޮޝްރޫމަށް ވަދެވޭތޯއެވެ. މިލީން ސަލާމަތް ކުރުން ނޫން ކަމެއް މިވަގުތު އޭނަގެ ސިކުނޑިއަކު ނެތެވެ. ރޯވެ ބޮޑުވަމުން ގެންދިޔަ އަލިފާންގަނޑުން އަމިއްލަ ނަފްސަށް އޮތް ނުރައްކާ ފަންސަވީސް ފްލޯރ އިމާރާތެއްހާ ބޮޑުވިޔަސް ޔައުލާން އެކަމާއި ދޭތެރޭ ވިސްނާލިހެންނެއް ހިޔެއް ނުވެއެވެ. އެކި ކޮޅުކޮޅަށް ހަރަކާތްތެރިވަމުން ގެންދިޔަ މީހުންތައް އެކި ފަރާތަށް ކޮއްޕަމުން ބިންމަތީ ވެއްޓެމުން ދިޔަ އެއްޗެހިތައް އެއްފަރާތްކުރަމުން ޔައުލާން ހިނގިއެވެ. ހިނދަކަށްފަހު ހިނދަކުން އުދާސްވެ ހޫނުވަމުން ގެންދިޔަ އެތަން ހީވަނީ އަވަނެއް ހެންނެވެ. ދާހިއްލަމުންދިޔަ ނަމަވެސް ޔައުލާންއަށް އުނދަގުލެއް ނުވެއެވެ. ކިރެމުން ކަހަލަ ގޮތަކަށް ޔައުލާން ކުރިއަށް ދިޔައީ ބަނޑުގައި އަތް އަޅާ ކެއްސަމުންނެވެ. ދުންތައް އެތެރެހަށްޓަށް ވާސިލުވެ ނޭވާލުމަށް ދަތިވެއްޖެއެވެ. ފެނުން ފުސްވާން ފެށުމާއި އެކީގައި ޔައުލާންއަށް މަންޒަރު ދެނެގަންނަން އުނދަގޫވިއެވެ. ކިރެމުން ކިރެމުން ކަހަލަގޮތަކަށް ޔައުލާން އަދިވެސް ހިނގީ ކުރިއަށެވެ. އަލިފާނުގެ އަސަރު އޭނައާއި ހަމައަށް ފޯރާ ނުފޯރާ ހުއްޓާ މީހަކު އޭނަގެ މެދުހަށީގައި ބެއްދިގޮތަށް ފަހަތަށް ދަމައިގަތެވެ. “ނޫން..! މިލީން..! ލީން..! ލީން ވީ އެތަނުގެ ތެރޭ..” ޔައުލާން ގަދަހެއްޖެވެ. ގައިގެ ވަރުވެސް މިނެޓަކަށްފަހު މިނެޓަކުން ދަށްވަމުން ދިޔަސް ޔައުލާން ހަޅޭއްލެވިއެވެ. މޮޔައެއް ފަދައިން މިލީންގެ ނަމުން ގޮވިއެވެ. ވޮޝްރޫމަށް ދާން މަސައްކަތްކުރިއެވެ. އޭނަގެ ގައިގައި ހިފާއްޓާފައިވާ އަތް ފޮޅުވާލަން މަސައްކަތްކުރިއެވެ. ގައިން ވަރުދޫވަމުން ދޫވަމުން ގޮސް ޔައުލާންގެ ލޯމެރުމުގެ ކުރިން ފެނުނީ ހުޅުގަނޑު ބޮޑުވެ އިތުރަށް ފެތުރިގަތް މަންޒަރާއި ސީލިންގ އިން ބޮޑުބައެއް ހަލާކުވެ ވޮޝްރޫމްގެ ދޮރުމައްޗަށް އޮހިގަތް މަންޒަރެވެ. ޔައުލާން ހަޅޭއްލަވައިގަތްތަނާހެން މުޅިތަން އަނދިރިވިއެވެ.
“ލީން..!!!”
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.





Noooo….. Alhey yuel aai lyn ah gotheh nuhadhahcheyy…? By the way Masha Allah vrh reethi Mi part vx…… ?When next??? Curiously waiting for the next part…… ❤️
Ehehe lets c dhw ? Thankyou so much Faruha ?? Ur comments never fail to put a smile on my face.. Next part insha allah 28th ga ✨ Keep waiting dear
Wow.. great..vrvr reethi mi part ves.. next part avahah up kohdeycchey please.. TC Yoon dear..?
Yoon thee male ga ulhey kujjeh tha??