Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތި ސޫރަ ނޫން 15

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
August 28, 2021 7 Mins Read
10 Comments

* ހިނދަކަށްފަހު ހިނދަކުން އުދާސްވެ ހޫނުވަމުން ގެންދިޔަ އެތަން ހީވަނީ އަވަނެއް ހެންނެވެ. ދާހިއްލަމުންދިޔަ ނަމަވެސް ޔައުލާންއަށް އުނދަގުލެއް ނުވެއެވެ. ކިރެމުން ކަހަލަ ގޮތަކަށް ޔައުލާން ކުރިއަށް ދިޔައީ ބަނޑުގައި އަތް އަޅާ ކެއްސަމުންނެވެ. ދުންތައް އެތެރެހަށްޓަށް ވާސިލުވެ ނޭވާލުމަށް ދަތިވެއްޖެއެވެ. ފެނުން ފުސްވާން ފެށުމާއި އެކީގައި ޔައުލާންއަށް މަންޒަރު ދެނެގަންނަން އުނދަގޫވިއެވެ. ކިރެމުން ކިރެމުން ކަހަލަގޮތަކަށް ޔައުލާން އަދިވެސް ހިނގީ ކުރިއަށެވެ. އަލިފާނުގެ އަސަރު އޭނައާއި ހަމައަށް ފޯރާ ނުފޯރާ ހުއްޓާ މީހަކު އޭނަގެ މެދުހަށީގައި ބެއްދިގޮތަށް ފަހަތަށް ދަމައިގަތެވެ. “ނޫން..! މިލީން..! ލީން..! ލީން ވީ އެތަނުގެ ތެރޭ..” ޔައުލާން ގަދަހެއްޖެވެ. ގައިގެ ވަރުވެސް މިނެޓަކަށްފަހު މިނެޓަކުން ދަށްވަމުން ދިޔަސް ޔައުލާން ހަޅޭއްލެވިއެވެ. މޮޔައެއް ފަދައިން މިލީންގެ ނަމުން ގޮވިއެވެ. ވޮޝްރޫމަށް ދާން މަސައްކަތްކުރިއެވެ. އޭނަގެ ގައިގައި ހިފާއްޓާފައިވާ އަތް ފޮޅުވާލަން މަސައްކަތްކުރިއެވެ. ގައިން ވަރުދޫވަމުން ދޫވަމުން ގޮސް ޔައުލާންގެ ލޯމެރުނުއިރު ފެނުނީ ހުޅުގަނޑު ބޮޑުވެ އިތުރަށް ފެތުރިގަތް މަންޒަރާއި ސީލިންގ އިން ބޮޑުބައެއް ހަލާކުވެ ވޮޝްރޫމްގެ ދޮރުމައްޗަށް އޮހިގަތް މަންޒަރެވެ. ޔައުލާން ހަޅޭއްލަވައިގަތްތަނާހެން މުޅިތަން އަނދިރިވިއެވެ. “ލީން..!!!” *

ރީއަލް ލަގޭޖްތައް ބޭރަށް ނެރުނެވެ. އޭރު ކޮޓަރި ތެރޭގައި މިއަލް އިނީ ނުތަނަވަސްވެފައެވެ. މިއަދަކީ މެއި މަހުގެ ނަވާރަވަނަ ދުވަހެވެ. ނަވާޒް ކައިރިއަށް އޭނަ ފުރަން އޮތް ދުވަހެވެ. ހެނދުނު ހޭލީއްސުރެ ފަށައިގެން މިއަލްގެ ތެޅެމުން ދިޔަ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ޔައުލާން އަނބުރާ ރަށަށް ދިޔަތާ މަހެއް ވީއެވެ. ފާއިތުވީ ތިރީހަކަށް ދުވަސްތެރޭ ޔައުލާން މެސެޖް ކޮށްނުލިތާ ގުޅާފައެއްވެސް ނުވެއެވެ. މިއަލް ދެތިން ފަހަރަކު މެސެޖް ކުރި ނަމަވެސް ޖަވާބެއް ނާދެއެވެ.

ޔައުލާން ފުރި ދުވަހު އޭނައަށް ދިން ކަކުލާއި ހަމައަށް އަންނަ ކަޅުކުލައިގެ އަތްދިގު ހެދުން ލައިގެން މިއަލް އިނީ ތައްޔާރުވެގެންނެވެ. ހުދާއި ކަޅުކުލައިގެ ލޭސްފޮއްޗާއި ޝިފޯން މާތަކުން އަތް ހަދާލާފައި ވާއިރު ހެދުމުގެ މެދަށް ވާގޮތަށް ރީތިގޮތަކަށް ‘އެލް’ އޭ ޖަހާލާފައިވެއެވެ. އަރިމައްޗަކަށް ސްޓްރެއިޓް ބޯ ޓައީއެއް ހަރުކޮށްލާފައިވީއިރު ހެދުމުގެ ފަސްބައި ހަދާފައިވަނީ ކަރވް ވޭވީފްލޯކޮށެވެ. ރީތިގޮތަކަށް ހުޅިއެއް ޖަހާލާފައި ބައެއް އިސްތަށިތައް ހައްޔަރުކޮށްލީ ޔައުލާންގެ ފަރާތުން ލިބުނު ކަޅު ޑަސްޓްތަކެއް ބުރުވާލާފައިވާ ހުދު ދަތިންނެވެ. ޕޭސްޓެލް ލައިޓްގްރޭ ސްކްރަންޗީ އަތަށް ލައްވާލާފައި ވާއިރު ޔައުލާން ދިން އަޅިކުލައިގެ އެކްސް ވަދެއްލާފައިވާ ސްޓްރެޕް ވެޖަކަށް އަރައިގެން މިއަލް އެނދުގައި އިނީ ދެއަތް މޮޑެމޮޑެއެވެ.

“އެލް..” ކިއަނާ އެތެރެއަށްވަނެވެ. އެމޫނުމަތީގައި ހިތާމަވެރިކަމުގެ ސާލެއް އޮޅާލެވިފައިވާ ފަދައެވެ. ހިނިތުންވުން ގެއްލިފައިވީއިރު މޫނުމަތިންވެސް ފެންނަނީ މަޑުމޮޅިކަމެވެ. “އާނާ..” އެނދުގައި އިށީން ކިއަނާގެ އަތުގައި މިއަލް ހިފިއެވެ. “އެލް ހަމަ ދަނީތަ..؟” ކިއަނާ ދެރަވެފައިވާ ރާގަކަށް އެއްސެވެ. “އާނ އަހަރެން ދަނީ.. ވަރަށް މިސްވާނެ..” ހިތް ރޮއިލަރޮއިލަ އޮތަސް މިއަލް އިނީ ހީނލައިގެންނެވެ. އޭނަ ދެރަވެފައި އިނދެއްޖެނަމަ ކިއަނާ އިތުރަށް ދެރަވާނެކަން އިނގޭތީއެވެ. އޭނަގެ އެއްފަޅި އާއި ވަކިވާން ޖެހުމުން މިއަލްގެ ހިތަށް ކުރާ އަސަރުވެސް ވަކި ކުޑައެއް ނޫނެވެ. ކިއަނާ އަދި ރީއަލް ނުލާ އޭނަ އުޅޭނީ ކިހިނެތްކަންކަން ބަޔާންކޮށްދޭން ދައްޗެވެ. އެއީ އުމުރުދުވަހުވެސް އެކުގައިވީ ދެ މީހުންނެވެ. ލޯތްބާއި އަޅާލުމާއި އެކީ ހިތާމަވެރިކަމާއި މިއަލް އިންޗިއެއްހާވެސް ދުރުކޮށްދޭން އެހީތެރިވި ދެ ފަރާތެވެ. “އާނާ ދެން ހީނލަބަލަ.. އިޓްސް އޯކޭއޭ.. ޖަސްޓް އަ ފިއު ޑޭސް..” މިއަލް ބުނެލިއެވެ. “ޔޫ މީން އަ ފިއު އިޔަރސް..؟” ކިއަނާ ހިތްދަތި ރާގަކަށް ބުނެލިއެވެ. “އަހަރެމެން ދެމީހުން ވަރަށް އަވަހަށް ބައްދަލުވާނެ އިންޝާﷲ.. އާނާ ދެރަނުވޭ.. އަހަރެން އުޅޭނީ ރަނގަޅަށް..” މިއަލް ކަރުނަތައް ހިންދާލައިގެން ހުރެ ބުނެލިއެވެ. “މީ ހުސް އަހަންނާއި ހެދި ވީކަންތައް.. އެދުވަހު ކައިވެނި ހުއްޓުވަން ރަށުގައި ހުރެގެން އެލްއަށް ކުރެވޭނެކަމެއް އަހަންނަށް ބުނެވުނުނަމަ…” ކިއަނާ ކުށްވެރިކުރީ އަމިއްލަ ނަފްސެވެ. “އެއީ މައްސަލައެއް ނޫނޭ.. އެކަމަކު އާނާއަށް އިނގޭތަ..؟ މަށާއި މަންމަ އާއި ބައްދަލުވާން ދެން އޮތީ މަދު ދުވަސްކޮޅެއް.. ދޮންބެ ވަރަކަށް އުޅެގެން މަންމަވެސް އުޅެނީށް ހޯދައިގެން މަންމަވެސް އުޅެނީ ނަވާޒްބޭބެވެސް އުޅޭ ރަށުގައިކަން ހޯދައިފި..” އެހެން ދުވަސްތަކެކޭ ޚިލާފަށް މިއަދު މިއަލްގެ ވާހަކަ ގިނައެވެ. ވެފައިވާ ދެރަ އާއި އެކީހުރެވެސް މިއަލްގެ ހިތުގެ ކަނެއްގައި އުފާވެރިކަމުގެ މާތައް ފޮޅިފައިވެއެވެ. ވަކިވީފަހުން އެންމެ ފުރަތަމަ ފަހަރަށް މިޝްލާއާއި ބައްދަލުވެވެން އުޅޭކަމުގެ އޮރެންޖް ސިގްނަލް ލިބޭތީ އެހިތަށް ވަނީ ހަމަޖެހުމެއް ލިބިފައެވެ.

“އެހެންތަ..؟ އެލްއަށް ކިހާ އުފާވެރި ޚަބަރެއް..” ކިއަނާ މިއަލްގެ އުފާވެރިކަމުގައި ބައިވެރިވިއެވެ. “އެކޮޅަށް ގޮސްފައި އަހަރެން މަތިން ހަނދާން ނައްތާ ނުލައްޗޭ.. އާ އެކުވެރިން ލިބުނަސް އަހަންނަށް ގަވައިދުން ގުޅާތި.. ފްރީ ކޮންމެ އިރެއްގައި އަހަރެން ފޯނު ނަގާނަން..” ކިއަނާ މިއަލް ލައްވާ ވައުދު ކުރުވިއެވެ. އެ މަންޒަރު ބަލަން ދޮރުކަނީގައި އަތް ވިއްދާލައިގެން ރީއަލް ހުއްޓެވެ. ފެންކަޅިވެފައިވީ ނަމަވެސް ތުންފަތްމަތީގައި ވަނީ ފުން ހިނިތުންވުމެކެވެ. ވޭތުވެދިޔަ މަހުގެ ތެރޭ މިއަލް ދިޔަނުދީ ހިފޭއްޓޭތޯ ރީއަލް ބެއްޔެވެ. ނަމަވެސް މިޝްލާ އުޅެނީ އެރަށުގައިކަން އިނގޭތީ މިއަލްގެ އެދުމަށް ރީއަލް އެ މަސައްކަތް ހުއްޓާލީއެވެ. މަންމަ ދެކޭހިތް ރީއަލްވެސް ވެއެވެ. ނަމަވެސް އަދި އޭނައަށް ދެވޭކަށް ނެތެވެ. ނަވާލްގެ ނުރުހުމުގައި އެކޮޅަށް ދާކަށް ރީއަލްއަށް ލާހިކެއް ނޫނެވެ. އިރާދަކުރެއްވިއްޔާ މިއަލް އާއި މިޝްލާ ބައްދަލުވެއްޖެނަމަ އޭނަ އާއިވެސް ވަރަށް އަވަހަށް ދިމާވާނެކަމަށް ހިތް ބުނަމުން ގެންދެއެވެ.

“އެލް ފުރާގަޑި ޖެހެނީ..” ވިލުނޫކުލައިގެ ގަމީސް ރަނގަޅުކުރަމުން އައިސް ނަވާލް އެތެރެއަށް ބޯ ދިއްކޮށްލިއެވެ. “އަނހަ އާނާވެސް އެބައުޅެންތަ..؟” ނަވާލް ހީނލިއެވެ. “އަހަރެން ހުންނާނެތާ ދޯ އެލް..” ކިއަނާވެސް ފާޑަކަށް ހިނިތުންވިއެވެ. އެކަން ފަޅާއެރިފަހުންވެސް ނަވާލް ވާހަކަ ދައްކަމުން ދިޔައީ ކަމެއް ނުވާ ފަދައިންނެވެ. އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތައް ކިޔައިދޭކަށްވެސް ނޫޅެއެވެ. ފޮރުވުނު ސަބަބާއި މިޝްލާ އާއި ދުރުވާން ޖެހުނު ސަބަބުވެސް ނުބުނެދެއެވެ. މިއަލްވެސް އިސްވެ އަހާކަށް މަސައްކަތެއް ނުކުރެއެވެ. އެކޮޅަށް ގޮސް މިޝްލާ އާއި ބައްދަލުވިނަމަ އެވާހަކަތައް ސީދާ މިޝްލާގެ ދުލުން އަޑުއަހަން ބޭނުންވާތީއެވެ. މިހާރު ނަވާލް ދޮގެއް ހެދިޔަސް ފާހަގަކުރަން ނޭނގޭނެތީއެވެ.

ޖެޓީދޮށަށް ދިޔައިރު ފުރާމީހުން ގިނައެވެ. ވަދާއީ ސަލާމް ކުރަން ޖެހޭ ވަގުތު އައިސް ޖެހުމާއި އެކީ ކިއަނާގެ ކަރުނަތައް ހިފޭއްޓުމެއް ނެތި އޮހިގަތެވެ. “ވަރަށް ހަނދާންވާނެ.. ބީ ސޭފް އޯލްވޭސް..” މިއަލްގެ ގައިގައި ނިކަން ބާރަށް ބައްދާލަމުން ކިއަނާއަށް އެހެން ބުނެވުނީވެސް ގިސްލަމުންނެވެ. މިއަލްގެ ލޮލުންވެސް ކަރުނައައެވެ. ހިތުގައި މީހަކު ކުދިވިކުންތަކަކުން ވިކަމުން ދިޔަފަދަ އިހުސާސެއް މިއަލްއަށް ކުރެވެމުން ދިޔައެވެ. ރީއަލް ފެންކަޅިވެފައިހުރެ މިއަލްގެ މޫނަށް ބަލާލިއެވެ. “ދޮންބެވެސް ވަރަށް މިސްވާނެ.. ކުރިން ހީކުރީ އެލް ދޮންބެ އާއި ދުރަށް ކިޔަވަން ނޫނީ އެހެންކަމަކަށްވެސް ދިޔަސް އޯކޭވާނެކަމަށް.. އެކަމް މިއަދު އެބަ އިހުސާސްވޭ އެލް ދާން އުޅޭތީ ދޮންބެ ދެރަވާވަރު.. ރިއަލީ އައިމް ސޯ ހަރޓް.. މައި ހާރޓް އޭކްސް.. އެކަމް އެލްގެ ފައިދާއަށް ވިއްޔާ ދޮންބެގެ އެއްވެސް މައްސަލައެއް ނެތް.. ވިލް މިސް ޔޫ މައި ލިޓްލް ގާރލް.. ކިޔަވައިގެން މޮޅު މީހަކަށް ވާތި.. ދޮންބެ ފަޚުރުވެރިވާކަހަލަ ނަތީޖާއެއް ހޯދާތި..” އެހިސާބަށް ބުނެފައި ރީއަލް މިއަލްގެ ކޮނޑުގައި ދެއަތުން ހިފޭއްޓިގޮތަށް ގެނެސް ގާތްކޮށްލިއެވެ. “ގޯސްގޮތަކަށް ނޫޅޭތި.. ދޮންބެ ވަރަށް އިތުބާރުކުރަން އެލްއަށް.. ހިތާމަވެރިކަންވެސް އަންނާނެ.. އުފާވެރިކަން އައިސް އެ ހިތާމަތައް ވިއްސިވިހާލިކޮށްލާއިރަށް އަނެއްކާ ވެސް ހިތާމަވެރިކަން އައިސް އުފާވެރިކަމުގެ މައްޗަށް ގަދަވެގަންނާނެ.. އެފަދަ ދަނޑިވަޅުތަކުގައި އެލް ހިތްވަރުކުރާތި.. އުންމީދު ގެއްލުވާ ނުލާތި..” ރީއަލް މިއަލްއަށްދިނީ މުހިންމު މެސެޖްކޮޅެކެވެ. އޭނަގެ ބާރުގަދަ ދެއަތުގެ ހިމާޔާތް މިއަލްއަށް ދެމުން ރީއަލް ލޯމަރާލިއިރު ލޮލުން ކަރުނަތިއްކެއް ނީރާލިއެވެ. “އާދޭ އަރަން..” ނަވާލް މިއަލްގެ މުލައްދަނޑީގައި ހިފިއިރު އެމޫނުމަތިން ވަކި އަސަރެއް ދައްކުވައެއް ނުދެއެވެ. “އާނާ.. ޓޭކް ކެއަރ އޮފް ހިމް.. ދޮންބެވެސް އާނާއަށް އަޅާލާތި..” ދެމީހުންގެ އަތުގައި ހިފާ މިއަލް ކަރުނަވީ ހިނިތުންވުމަކުން ބުނެލިއެވެ. އަދި ފަސްއެނބުރިފައި ގޮސް ލޯންޗަށް އެރިއެވެ.

އޭރުވެސް އަތްފައި ތުރުތުރުއަޅާވަރުން މިއަލްއަށް ކޮޅަށް ހުރެވެނީ ކިރިޔާއެވެ. ކަނޑުދެކެ ގަންނަބިރާއި ހުރެއެވެ. އަތްފައިފިނިވެފައިރު އަތުގައި ފިނި ދަލެއް ހިއްލާފައިވެއެވެ. ނިތްކުރިމަތިންވެސް ދާތިކިތައް ފާޅުވަމުން ދިޔައެވެ. ކުޑަދޮރާއި ކައިރިއަށް ހުރި ސީޓްގައި މިއަލް އިށީނެވެ. އިށީނީކީއެއް ނޫނެވެ. ފައިން ވާގިދޫވެގެން ސީޓްގައި އިށީނދެވުނީއެވެ. އެތަނުގައި ހުރި ދަގަނޑުކޮޅެއްގައި އަތް ކަނޑައިގެން ދާހާ ބާރަށް ހިފާއްޓާލެވުނުއިރު މިއަލްގެ ދެލޮލަށް ކަރުނަ ގިނަވިއެވެ. ނޭވާތައް ފުންވަމުން ދިޔައިރު މިއަލް ލޯމަރާލާ ހަމަޖެހެން މަސައްކަތް ކުރިއެވެ. އޭރުވެސް ނޭވާހާސްވާފަދަ އިހުސާސެއް ކުރެވެމުން ދިޔައެވެ. ކަރުގައި މީހަކު ހިފައިގެން ހުރިނަމަ އެކުރެވޭ ނޭވާއުފުރޭކަމުގެ އިހުސާސް ކުރެވޭތީ މިއަލްގެ މޫނުގެ ކުލަ ދިޔައީ އޮއްސެމުންނެވެ. މިއަލް އާއި ޖެހިގެން އިން ސީޓްގައި އިށީން ނަވާލަށް އެކަން ފާހަގަވެގެން މިއަލްގެ އަތުގައި ބާރަށް ހިފާއްޓާލިއެވެ. ހިތްހަމަނުޖެހިފައި އިނަސް މިއަލް ނަވާލްގެ އަތުގައި ހިފާ ބާރުކޮށްލީ އެހެން މީހެއްގެ އެހީއަށް ބޭނުންވެފައިވާތީއެވެ.

ލޯންޗް ދުއްވާލުމުގެ ކުރިން މިއަލް ޖެޓީދޮށުގައި އަތުގުޅުވާލައިގެން ހުރި ކިއަނާ އާއި ރީއަލްގެ މޫނަށް އެންމެ ފަހުފަހަރަށް ބަލާލިއެވެ.

 

އެއް މަސް ކުރި

 

ހުއްޓުމެއް ނެތި އިވެމުން ދިޔައީ ހޯލްޓަރ މޮނީޓަރގެ އަޑެވެ. ހިތުގެ ކޮންމެ ވިންދެއްގެ އަޑު އިވެމުން ގެންދިޔައިރު މަޑު ގިސްލުމެއްގެ އަޑު ވެސް އިވެމުން ގެންދިޔަހެން ހީވިއެވެ. ނުސާފުކޮށް އެއަޑުތައް މަސްހުނިވެގެން އިވެމުން ދިޔައިރު ހުވަފެނެއްގެތެރޭގައި އުޅެވޭ ފަދަ އިހުސާސެއް ކުރެވެމުން ދިޔައެވެ. އުނދަގޫ ގޮތަކަށް ޔައުލާން ލޯ ހުޅުވާލިއެވެ. “ޔުއެލް..” މިޝްލާގެ ކުރަކިވެފައިވާ އަޑު އިވުނުހެން ޔައުލާނަށް ހީވިއެވެ. ދެތިންފަހަރަށް ޔައުލާންއަށް އެސްފިޔަ ތަޅުވާލެވުނީ މަންޒަރު ފެންނަލެއް ފުސް ކަމުންނެވެ. ހީވަނީ ފަރުވާލެއް ނެތްގޮތަކަށް ކުލަތަކެއް ބުރުވާލާފައިވާ ކުރެހުމަކަށް ބަލަން ހުރެވުނު ހެންނެވެ. އިތުރުން އަތެއް ފަޔެއް ހަރަކާތް ނުކުރެވޭކަން ޔައުލާނަށް އިހުސާސްވިއެވެ. “ޔުއެލް ހިތް ގަދަކުރޭ… މިކަން ނިމޭކަށް މާ ދުވަހެއް ނެތް..” މިޝްލާގެ އަޑާއި އެކީގައި އެ ސޫރަވެސް ނުލާހިކު ފަނޑުކޮށް ފެނުނުހެން ޔައުލާންއަށް ހީވިއެވެ. އަދި ކިރިޔަކިރިޔާ މީހަކު އޭނަގެ އަތުގައި އަތް ޖައްސާލި ކަމުގެ އިހުސާސްވިއެވެ. އަނެއްކާވެސް ޔައުލާންގެ ލޯ މެރުނެވެ. މުޅި މަންޒަރު އަނދިރިވެގެން ދިޔައީ ޔައުލާންގެ އެސްފިޔަތައް އޮޓޯމެޓިކްކޮށް ލެއްޕޭ ދޮރެއް ފަދައިން ޖެހުމުންނެވެ.

ޔައުލާން ހޭއެރީ އޭގެ ނުވަ ގަޑިއިރު ފަހުންނެވެ. އައިސީޔޫއިން ވާރޑަށް ޔައުލާން ބަދަލުކުރެވުނީ އަދިވެސް އިތުރު ޓެސްޓްތަކެއް ހަދަން ޖެހޭތީއެވެ. އަލިފާނުގެ ހިތާމަވެރި ހާދިސާގައި ޔައުލާންއަށްވެސް އޭގެން އަނިޔާވެ ވައަތާއި ބުރަކަށިން ބައެއް ވަނީ ފިހިފައެވެ. އެހާ އެހާ ބޮޑުވަރު ނުވިޔަސް އެ ޒަޚަމް ގިނަ ދުވަސްތަކެއް ވަންދެން ހުންނާނެކަން ގައިމެވެ. ބައެއް ޓެސްޓްތައް ހެދިއިރުވެސް ޔައުލާން އިނީ އަނގައިން ބަހެއް ނުބުނެއެވެ. ހީވާގޮތުން އޭނަގެ ސިކުނޑި އަދިވެސް ރަނގަޅަށް މަސައްކަތް ކުރަން ނުފަށަނީއެވެ. އެކަހަލަ ހާދިސާއަކަށްފަހު އެފަދައިން ކަން ހިނގުމަކީ އެކަށީގެންވާކަމެކެވެ. އެހުރިހާ އިރަކުވެސް އަލީސާ އޭނަގެ ގާތުގައި ހުއްޓެވެ.

ޔައުލާންގެ ސިކުނޑި ރަނގަޅަށް ހިނގަން ފެށީ ވާރޑަށް ބަދަލު ކުރެވުނު ފަހުންނެވެ. ވޮޝްރޫމްއަށް މިލީން ސަލާމަތްކުރަން ވަންނަން ދިޔަ ވަގުތު މީހަކު އޭނަ ދަމައިގަތްކަމާއި ވޮޝްރޫމްގެ ދޮރުމައްޗަށް ނުހުޅުވޭނެހެން ވެރުނުހާ އެއްޗެއްސެއްމަތިން ހަނދާންވެ ޔައުލާންއަށް އޮށޯވެ އޮވެއޮވެފައި ފުންމައިގެން ތެދުވެވުނެވެ. ބަލިމީހުން ބާއްވާ އެނދުގައި ބޯއަޅާލައިގެން އޮތް އަލީސާވެސް ތެދުވީ ސިހިފައެވެ. “މަންމާ.. ލީން.. ލީން ކޮބާ..؟ އެގަޑީ ވޮޝްރޫމް…. ވޮޝްރޫމަށް ކުރިމައްޗަށް އޭއްޗެހިތައް ވެރިގަތީ.. ފަޔަރ ރެސްކިއު އައިސް ލީން އެތަނުން ނެރުނުދޯ..؟ ލީންއަށް ކިހިނެތްވީ..؟ ވަރަށް ބޮޑުވަރުވެފައިތަ ހުރީ..؟” އެއްފައްޗަކަށް ޔައުލާން އަމުނާލީ އަލީސާގެ އަތުގައި ހިފާ ބާރުކޮށްލަމުންނެވެ. ގުޅާފައިވާ އައިވީއަށްވެސް ވާންވިއެވެ. ނަމަވެސް މިލީންގެ ހާލު އެނގެން ބޭނުންވެފައި ހުރިވަރުން ޔައުލާންއަށް އެކަން އަޅައެއް ނުގަތެވެ. އަތަށް ވާންވެ ވާނެ ތަދުގެ އިހުސާސްވެސް އެވަގުތު ނެތެވެ.

ޔައުލާންގެ މޫނަށް ބަލަން ހުރެހުރެފައި އަލީސާ ތުންފިއްތާލިއެވެ. އަދި އިސްޖަހާލިގޮތުން ރޮނީކަން ވަރަށް ރަނގަޅަށް އެނގުނެވެ. ރުއިމުގެ އަޑު ބޭރުވާން ފެށުމާއި އެކީގައި އަލީސާ ބާރަކަށް ތުންފަތުގައި ދައިގަތެވެ. ނަމަވެސް ކަރުނަތައް އޭގެ މަގާމްދޫކޮށް އަލީސާގެ ކޯތާފަތްމަތިން ޖާގައެއް ހޯދިއެވެ. އަލީސާގެ ރުއިމުގެ ބާރު އަޑު ވާރޑްގައި ހިފާލިއެވެ. ބައެއް ބަލިމީހުންނާއި އެހީތެރިންގެ ނަޒަރުވެސް ހުއްޓުނީ ޔައުލާން ގެނެސް މެޔާލާ ބޮނޑިކޮށްލި އަލީސާއަށެވެ. “ޔުއެލް..” ރޮވޭވަރުން އަލީސާގެ އަޑު ވެސް ނުކުތީ ކެނޑިކެނޑިގެންނެވެ. ހިތުގައި ޖެހިޖެހިފައި އަލީސާ ރޯތީ އަވަސް ނޭވާތަކުގެ އަޑުވެސް އިވެމުން ދިޔައެވެ. ޔައުލާން ހާސްވެ ކަންބޮޑުވިއެވެ. މަންމަ އެފަދައަކުން ރޮނިކޮށް އަދި އޭނަ ދުވަހަކު ވެސް ނުދެކެއެވެ. އަލީސާގެ މިއަމަލާއިހުރެ ޔައުލާންގެ ލޮލުން ކަރުނަ ފާއްދާލަން ނެގީ މިނެޓްިނެެ ލޮލުން ކަރުނަ ފާއްދާލަން ނެގީ މިނެޓުކޮޅެކެވެ. “މަންމާ..” އަލީސާގެ ހެދުމުގައި ކުޑަކުއްޖެއް ފަދައިން ހިފައިގަންނަމުން ކުރެހިފައިވާ އަޑަކުން ޔައުލާން ގޮވާލިއެވެ. “ހިތްވަރު ކުރާތި ޔުއެލް..” އަލީސާ ވަރަށް ހިތްވަރުކޮށްފައި ބުނެލިއެވެ. ދެން އަލީސާ ބުނެލި ޖުމްލައިން ޔައުލާންގެ މޫނުމައްޗަށް އަނދިރިވިއެވެ. ކިތަންމެ ހިތްގަދަޔަސް އެ ހިތްދަތި ޚަބަރު އިވި ޔައުލާންއަށް ކެތެއް ނުކުރެވުނެވެ. ކަނޑާލި ރުކެއް ފަދައިން ޔައުލާން އަލީސާ އާއި އެކީގައި އެނދަށް ގުޅައަކަށް ޖެހުނެވެ.

“މިލީން މިދުނިޔެއަށް އަލްވަދާއު ކިޔައިފި..”

 

އޭގެ ހަފްތާވީއިރުވެސް ޔައުލާން ކަރުނަނާޅާ ދުވަހެއް ނުދެއެވެ. މިލީންގެ އެ ކުއްލި ވަކިވުމާއި ހެދި އޭނަގެ ހިތަށް ފުން އަސަރުތަކެއް ކޮށްފިއެވެ. ފަސްއަހަރު ވަންދެން އެއްވެސް އުނިކަމަކާއި ނުލާ މިލީންދެކެ އޭނަ ލޯބިވިއެވެ. އިންތިހާއަށް އަޅާލިއެވެ. ކޮންމެ މީހެއްދެކެ މިލީން ލޯބިވިޔަސް ކުޑަ ހަސަދަވެރިކަމަކާއި އެކީގައިވެސް އެމީހަކަށް ޔައުލާން ހިތްހެޔޮކުރިއެވެ. އޭނައާއި އެކީގައި ނުވިޔަސް މިލީންއަށް އުފާވެރި ދިރިއުޅުމެއް ދެއްވާތޯ ރެއާއި ދުވާލު ދުއާކުރިއެވެ. މިލީންގެ ތުންފަތްމަތީގައި އެ ރީތި ހިނިތުންވުން އަބަދުމެއަބަދަށް ލަހައްޓަވާތޯ ހެއްދެވިފަރާތުގެ ހަޟްރަތަށް ދެންނެވިއެވެ. އެތައް ދުވަހެއް ވަންދެން އޭނަ މިލީންދެކެ ވީލޯބީގެ ފޮނިމޭވާގެ ލިބޭނެކަމަށް ހުއްޓާ އެ ލޯބި ހަފޫޓްއަޑީގައި ވަޅުލެވިގެން އެދިޔައީ އެލޯބީގެ ރަހަބަލާލަންވެސް ނުލިބި އުޅެނިކޮށެވެ. އެތައް ދުވަހެއްގެ މަސައްކަތުން އޭނަ ހެއްދި ބަގީޗާގެ މާތައް ވިހަ ކަށިތަކެއް ކަމުގައި ވެގެން އެދިޔައީ ސިކުންތުކޮޅެއްގެ ތެރޭގައެވެ. މަރަކީ އެކަކަށްވެސް ހިފޭއްޓޭނެ އެއްޗެއް ނޫނެވެ. ކިތަންމެ ބޭނުންވިޔަސް ނުވަތަ ނުވިޔަސް އެމީހެއްގެ ވަގުތު އައުމާއި އެކީގައި އެމީހަކު ގެންދަވާނެއެވެ. އެވަގުތު ކޮންމެ ތަނެއްގައި ކޮންމެ ކަމެއް ކުރަން ހުއްޓަސް އަޖަލު ޖެހުމާއި އެކީގައި އެމީހެއްގެ ފުރާނަ ވަކިވާނެއެވެ. އެކަން ގަބޫލު ކުރިޔަސް ޔައުލާންގެ ހިތުގައި ފުނިޖެހެމުން ދިޔައީ ޝަކުވާތަކެވެ. މިލީންގެ ބަދަލުގައި އޭނަ މަރުވިނަމައެވެ. މިލީން އާއި ނުލާ އޭނަ ހަޔާތުގެ ބާކީބައި ހޭދަކުރާނީ ކިހިނެތްހެއްޔެވެ.؟ އޭނަ ދުނިޔެއަށް ފުރަތަމަ ނޭވާލީ ދުވަހުން ފެށިގެން އެކުގައި ހޭދަކުރި އެކުވެރިޔާ އަދި ކުރިމަގުގައި އޭނަގެ ބައިވެރިޔާއަށް ވާނެކަމުގައި ހީކުރި ފަރާތް މިފަދަ ހިތްމަރުވާފަދަ ގޮތަކަށް ވަކިވެ އޭނަގެ ހަޔާތުން ދުރަށް ދިޔުމުން ޔައުލާންގެ ހިތް އަދިވެސް ދަނީ ފަޅިފަޅިވަމުންނެވެ. މިލީންގެ ސޫރައަށް ނުބަލަން ހުއްޓަސް ޔައުލާންއަށް ފޯނު ނަގައިގެން މިލީންގެ ފޮޓޯތަކަށް ބެލެއެވެ. އެއިން ކޮންމެ ފަހަރަކު ޔައުލާންގެ ހިތް ކުނޑިކުނޑިވެއެވެ. ދެލޮލުން ކަރުނަ ހުސްވާނަމަ ޔައުލާންގެ ލޮލުން ކަރުނަ ހުސްވާނެތާ އެތަންމެ ދުވަހެކެވެ. ހަންޖަރަކުން ދިރިހުއްޓާ ކޮންމެ ގުނަވަނެއް ވަކިވަކިން ޒަޚަމް ކުރިޔަސް މިހާރު ޔައުލާންގެ ހިތުގައި އެއަޅަމުންދާ ވޭނާއި ގާތްވެސް ނުވާނެކަން ޔަގީނެވެ. ގާތްމީހެއް ވަކިވެފައިވީ މީހެއްނަމަ ޔަގީނުންވެސް ޔައުލާންގެ ހިތަށް އެވާ ތަދު އަންދާޒާކުރެވޭނެއެވެ. އެ ވޭނީ ހިތި ތަޖުރިބާތައް އިހުސާސްވާނެއެވެ. އެ އޮއްސަމުން ގެންދާ ކަރުނަތަކުގެ ހޫނުކަމާއި ހިތްދަތިކަން އެނގޭނެއެވެ. އެހެންމީހުންނޭ ޚިލާފަށް ޔައުލާނަށް ކާގަޑީ ނުހަނު ގިނައިން ކެވެއެވެ. ކުރިން ނުކާހާ ގިނަކޮށެވެ. އެކަމާއިހުރެ ނުހަނު ވަރުގަދަކޮށް ހުރި އޭނަގެ ހަށިގަނޑުގެ ބައްޓަންވެސް މަޑުމަޑުން ދާންފެށިއެވެ. ފަލައޭ ކިޔާވަރަށް ފަލަ ނުވިޔަސް ޔައުލާންގެ ބަނޑެއްވެސް ލައިފިއެވެ. ހިލަގަނޑެއްހާ ހަރުކޮށް ހުންނަ މަސްތައް ޖެލީތަކަކަށްވާން އޮތީ މަދުދުވަސް ކޮޅެއް ކަންނޭނގެއެވެ. މިލީންގެ މަރާއި ހެދި ޔައުލާން ދުނިޔޭގައި ހުއްޓަސް އޭނަގެ ހިތްވަނީ އެތައް ހާސް މަރަކުން މަރުވެފައެވެ.

އޭގެ ދުވަސްކޮޅެއް ފަހެވެ. މަރުވެފައިވާ ހިތަކާއި އެކީގައިވެސް ޔައުލާން ދުނިޔެ އާއި ކުރިމަތިލިއެވެ. ތެރަޕިސްޓެއް ސައިކޭޓްރިސްޓެއް ނޫނީ ސިކުނޑީގެ މެންޓަލް ހާލަތާއި ގުޅުން ހުރި އެއްވެސް މީހެއްގެ އެހީއާއި ނުލާ ޔައުލާން ކޮޅަށް ތެދުވިއެވެ. ހިތްރޮމުން ދިޔަސް ޔައުލާން ހިތްގަދަކުރިއެވެ. އަލީސާވެސް ހުރީ ބަސްމަދުވެފައެވެ. އެ ފާއިތުވީ ދުވަސްތަކުތެރޭގައި ޔައުލާންއަށް އެހެން މީހެއްގެ މަތިން ހަނދާން ކުރާކަށް ވަގުތެއް ނުލިބުނެވެ. ރެއާއި ދުވާލުގެ ކޮންމެ ގަޑިއިރެއްގެ މިނެޓެއްގެ ތެރޭގައި ޔައުލާންގެ ސިކުނޑީގައި ވަނީ މިލީންގެ ނަމެވެ. މިލީންގެ އަލްވަދާއެވެ. ދުވަސްއެކީ ކަރުނައާއި ނުލާ ހޭދަކޮށްފައި ރޭގަނޑުވަގުތު މުޅި ދުނިޔެއަށް ސިއްރުން ޔައުލާން އޭނަގެ ކަރުނަތައް އޮއްސައެވެ. ހިތާމަތައް ހިތުގެ ތެރެއިން ބޭރަށް ފުރާނާލެވޭތޯ ބަލައެވެ. ނަމަވެސް އެއީ އަދި ނުވާނެކަމެކެވެ. ފުރާނައިން ބައެއް ޖަހައިގަތްފަދަ އިހުސާސެއް ޔައުލާނަށް ކުރެވެމުން ދިޔައެވެ. މިލީން އެއީ އޭނަގެ އަނެއް ފަޅިއެވެ. އޭނަގެ ހިނިތުންވުމުގެ ސަބަބެވެ. އޭނަގެ އުންމީދުތައް އަބަދުވެސް އާލާވޭވެ ހުންނަކަމުގެ މޭސްތިރިއެވެ. މައިންބަފައިންނަށްފަހު އޭނަ އެންމެ ލޯބިވާ ފަރާތެވެ.

ޔައުލާން ގެއަށް ދޫކޮށްލުމުން އެހަފްތާތަކުގެތެރޭގައި އޭނައަށް ނުލިބި ހުރި ޚަބަރުތައް ލިބިގެންދިޔައެވެ. ޒައިހާން ކޯމާއަކުން ހޭއެރީ ހަމަ ދެދުވަހެއް ކުރިންކަމާއި މިޝްލާވެސް ހިތާމަތަކުން ފުރިބާރުވެފައިވާ ހިތަކާއި އެކީގައި ޒައިހާންގެ ހިދުމަތުގައި ހުރިކަމެވެ. އެއީ އަންގާރަ ދުވަހެކެވެ. ޒައިހާން ޔައުލާން އާއި ބައްދަލުކުރަން ބޭނުންވެގެން ބުނީ އެދުވަހެވެ. ހޮސްޕިޓަލްތެރެއަށް ނެގި ފިޔަވަޅާއިއެކީގައި އޭނަގެ މޫނުމަތިން ފެންނަނީ ހުސްކަމެވެ. ދިރިއުޅުމުގެ މަގްސަދުވެސް ގެއްލުނީއެވެ. ޔައުލާންގެ ދެލޮލުގައި ހިތާމައިގެ ފުން ކަނޑެއް އޮއިދަމަމުންދިޔަފަދައެވެ. ހިކިފައިވާ ތުންފަތާއި ރަތްވެ ވަޅުވަންނަވަރުވެފައިވާ ދެލޯ ފެނިއްޖެނަމަ މީހެއްގެ ހިތް ހަމްދަރުދީއިން ފުރޭނެއެވެ.

އަލީސާ ޔައުލާން ގޮވައިގެން ޒައިހާން ބާއްވާފައި އޮތް ރޫމަށް ދިޔައިރު އެތަނުގައި އާދަޔާޚިލާފަށް ޑޮކްޓަރުންނާއި ނަރުހުން ހަރަކާތްތެރިވެ އުޅޭތަން ފެނުނެވެ. އަދި އެތެރެއިން މިޝްލާގެ ބާރު ރުއިމުގެ އަޑު އިވެމުން ދިޔުމާއިއެކީގައި ކަމެއް ގޯސްވެއްޖެކަން އަލީސާ އަދި ޔައުލާނަށްވެސް އެނގުނެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 5

Next

ހީވޭ ކަލާވާހެން-5

Next
August 28, 2021

ހީވޭ ކަލާވާހެން-5

Previews
August 28, 2021

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 5

10 Comments!

  1. SuPeR GaMeR says:
    August 28, 2021 at 1:35 pm

    Vaahaka kiyaa hih ehkoh keddije leen maruvumun leen marunuvi Nama vaahaka varah furihamavees

    1. Aishath Faruha Abdulla says:
      August 29, 2021 at 5:25 pm

      Dhw…? Ekm neynge ennu dhn vaane gotheh… ?

    2. yooon yooon says:
      August 29, 2021 at 9:31 pm

      Thankyou so much SuPeR GaMeR ?? Lets see dhw.. I’m still so thankful to you ?

    3. yooon yooon says:
      August 29, 2021 at 9:32 pm

      And thankyou so much Faruha ??

  2. Aishath Faruha Abdulla says:
    August 28, 2021 at 4:43 pm

    Alheyyyyy….. Nooooooo… Keehve lyn thi maraalee…? El aa lyn aa dhimaavx nuve ovva… ?
    By the way Masha Allah vrh reethi Mi part vx…… When next??? Curiously waiting….
    S S and T C❤️❤️

    1. yooon yooon says:
      August 28, 2021 at 9:57 pm

      Lets see ? Thankyou so much Faruha ? Means a lot.. Nxt insha allah 30th.. You too stay safe and tgc ?

  3. hawwa lamya says:
    August 28, 2021 at 6:23 pm

    What.. Lyn maruvee ?. can’t believe.plz don’t do that.mial dhanee mialge mom rashah tha?. anyways vrvr reethi mi part ves ??????????♥️?

    1. yooon yooon says:
      August 29, 2021 at 9:34 pm

      Thankyou so much hawwa lamya ? Lets c dhw hehe hope you read the upcoming parts ? Labba mial e dhany Misha mn ulhey rashah.. Mishla, Xaihaan, Navaal’s brother Navaaz and his family, e huriha enmen ulheny eh rashehga ? Once again tysm

  4. Eemyaa says:
    August 29, 2021 at 5:03 pm

    Bodah heevany mee mileen ge reyvumeh hen… Mileen aslu mareh nuvaane kanne ehn meehunah egothah heekuruvany kanne…
    Vaahaka v reethi Ma Sha Allah ❤❤❤

  5. Rooya Xek says:
    August 29, 2021 at 9:22 pm

    Speechless yaar hama speechless ? how do you even do it, any magic ? hama v salhi twist thigennany, anehka zaihaan ah deragotheh vybaa ? i’m not tensed abt milyn cause I guess she escaped ? u r impressing me to the deathhhhhh ? lv u fav author ? tc & stay safe ????

Comments are closed.

Next Episodeތި ސޫރަ ނޫން 16←


All Right Reserved!