އަބަދުވެސް ހިތުގައި (3)
‘ހޫމްމ.. ބަލާބަ ހުރި ވަރެއް ގައިގަ..’ މަލާކްގެ އަޑަށް ސިއްސައިގެން ގޮސް މަލްކާ އޭނާގެ ހިނިތުންވުން ފޮރުވާލިއެވެ.
‘އޭ ދޮނާ.. ފައިނަލީ ކުޗް ކުޗް ހޯތާހޭތަ.. އޯއެމްޖީ ކާކުތަ ޅިއަންބެ އަކީ.. އޫމް..’ މަލާކް ކުޑަވެލާފައި އައިސް ޖެހިގެންހުރި ޖޯއްޔަށް ވެއްޓިގަތެވެ. ‘ނޮންސެންސް.. އެކަހަލަ ކަމެއްގަ ނޫޅެން ދޮނާއެއް އަދި..’ ބޯހޫރާލަމުން މަލްކާ ބުނެލިއެވެ.
‘ދެން ކޮންއިރަކުތަ އަހަންނަށް ޅިއަންބެއެއް ހޯދަދޭނީ.. އެއްމެން ނުވާނެދޯ އެ ޝައިލްއަށް.. ދެން ތިހެން ހުހަށް ހުއްޓާތަ އަހަރެން މީހަކާ އިންނާނީވެސް..’ މަލާކް ކުސްތަޅާލިއެވެ. ‘މަލާ ޕްލީސް..އެ ޝައިލްއަކާ އަހަރެން އިންނަން އުޅުނީ ކޮންމެހެން އޭނަ ރަންވެގެން ނޫން.. އަހަންނަށް އެނގޭ ހުރިހާ މީހުން އެއްގޮތެއް ނުވާނެ ކަންވެސް އެކަމް.. އަދި އަހަރެން ޔަންގް އޭ އެންމެ އެކާވީސް އަހަރު އަދި މީހަކާ އިނދެވިދާނެއްނު.. އައި ސްޓިލް ނީޑް ޓައިމް..’ މަލާކް ފެއްޓި ވާހަކައަކުން މަލްކާ އަށް އުދަނގޫ ވާތީ ކޮޅަށް ތެދުވެލިއެވެ. ‘ސޮރީ.. އައި ޑިޑިންޓް މީން އިޓް..’ މަލާކް މާފަށް އެދުނެވެ. ‘އިޓްސް އޯކޭ.. ޖަސްޓް އޭނަގެ ނަން އިވުނީމަ ބޮލަށް އުދަނގޫ ވާތީ..’ މަލްކާ ގޭތެރެއަށް ދާން ހިނގައިގަތެވެ.
ކޮޓަރިއަށް ވަދެ ދޮރު ލެއްޕުމާއެކު މަލްކާގެ ބޮލުގައި އެބުރިގަތީ ދެއަހަރު ކުރީގެ ހަދާންތަކެވެ.
‘ސްޓޮޕް އިޓް ނައު..’ ބޮލުގައި އަތް އަޅައިގެން އިދެ މަލްކާ އަށް ބުނެވުނެވެ. އޭނާ މާޒީގެ ސަފްހާތައް އަލުން ހުޅުވާކަށް ބޭނުމެއް ނޫނެވެ.
ކުޑަދޮރު ހުޅުވާލައި އެތާ ކައިރީގައި ހުރި ގޮޑީގައި އިށީނދެލިއެވެ. ޖެހެމުންދިޔަ މަޑުމަޑު ފިނި ވައިރޯޅިތަކާއެކު ގަސްތަކުގެ ފަތްތައް ނަށަމުން ދިޔަ މަންޒަރު ބަލަން މަލްކާ ފޫހިކަމެއްނެތި އިނެވެ. ކޮޓަރިން ބޭރަށް ހުރި ކުޑަ ޓެރަސް އަށް އޭނާ ނުކުމެލީ އެމަންޒަރުތައް ގާތުން ދެކިލުމުގެ ނިޔަތުގައި އެވެ.
ޓެރަސްގައި ހައްދާފައި ހުރި އެކި މާގަސްތަކުގެ ވަހުން އެތަނުގައި ވަނީ ހުވަދު ލެވިފައެވެ. މަލްކާ ނޯއް ދަމާލަމުން ރެއިންގް ގައި ލެގިލިއެވެ.
******
‘ހާއްޗުސް..’ މޫދުން ގެއަށް އައިފަހުން ޒައިކްއަށް ކިބިހި އެޅުން ނޫންކަމެއް ނުވެއެވެ. ‘ދަރިފުޅާ މި ބޭސްގުޅަ ކާލާފަ ނިދާލާ.. ނޫނީ ކިބިހި އަޅަ އަޅާ ހަލާކުވެދާނެ..’ ބޭސް ގުޅައަކާއި ފެންތައްޓެއް ހިފައިގެން އައިސް ސޯފާގައި އިން ޒައިކް އަށް ސަނާ ދިއްކޮށްލިއެވެ. ސަނާއަށް ހިނިތުންވުނެއް ހަދިޔާކުރަމުން ބޭސްގުޅަ ކާލާފައި ޒައިކް ކޮޓަރިއަށް ދާން ހިނގައިގަތެވެ.
ސަނާ އަކީ ޒައިކްގެ ދޮން މަންމައެވެ. ޒައިކް ދުނިޔެއަށް އުފަންވުމުގެ ތެރޭގައި އޭނާގެ އަސްލު މަންމަ މައިޝާ ދުނިޔެއާ އަލްވަދާއު ކީއެވެ. އޭރު ޒާވީއަށް އެންމެ ދެ އަހަރެވެ. ދެކުދިންނަށް މަންމައެއްގެ ލޯބި އެހިސާބުން ދޭން ފެށީ ޒައީމްގެ ހަނގު އަބި ސަނާއެވެ. ދެއަނބަށް ސަނާއާ ޒައީމް އިންތާ އޭރު މާގިނަ ދުވަސްތަކެއް ނުވެއެވެ. ކަން ދިމާކުރިގޮތުން ސަނާ އަކީ ދަރި މައިނުވާ އަންހެނެކެވެ. ޒައިކް އާއި ޒާވީ އަމިއްލަ ދަރިންހާ ލޯބިން ބެލުނީ ވެސް އެހެންވެ ކަންނޭނގެއެވެ.
އެދުގައި އޮށޯވެ އޮވެ އެބުރެމުން ދިޔަ ފަންކާއަށް ޒައިކް ބަލާލިއެވެ. ‘މަލްކާ..’ ދެލޯ މައްޗަށް މަލްކާ ސިފަވުމުން އޭނާވެސް އަޖައިބު ވިއެވެ. މިއީ ދުވަހަކުވެސް އޭނާއަށް ވީ ގޮތެއް ނޫނެވެ. އަންހެން ކުއްޖަކަށް ގޮވާނުލާ ތާގައި އިސްއުފުލާ ބަލާވެސް ނުލާ ޒައިކް މިއަދު މަލްކާ ފެނިފައި ސިކުންތުކޮޅެއްގައި އޭނާއަށް އައި ބަދަލުން ހައިރާން ވާވަރުގެ ވިއެވެ.
މަލްކާ އަކީ ކޮންކަހަލަ ޖާދޫއެއް ހެއްޔެވެ. ޒައިކް އަށް ނިދުނީވެސް މަލްކާގެ ދުނިޔޭގައި ޖެހިފަ އޮއްވާ އެވެ.
******
އިރު ދުނިޔެއަށް އަލްވަދާއު ކިޔާ ހަދަށް ތަންދައްކަމުން އުދަރެހާ ވަކިވެލިއެވެ. އުޑުމަތީގައި އުފެދިފަ ހުރި ރަތާ އޮރެންޖު ކުލައިން ހީވަނީ އުޑުގައި އަލިފާން ހިފާފައި ވާހެންނެވެ. ފަހަރަކަށް ވުރެ ފަހަރެއް އަނދިރި ވަމުން ދިޔައިރު ވާތައް ވެސް އެއެއްޗެހީގެ ގެތަކުން ނިކުމެ ދުނިޔެ މަތީގައި އެެބުރެން ފަށައިފިއެވެ.
މަގްރިބް ނަމާދުގެ ބަންގީގެ އަޑާއެކު މުޅި ފަޒާތެރެ ގުގުމާލީ ހުރިހާ މަހްލޫގުންގެ ހިތްތަކަށް އަމާންކަން ގެންނަމުންނެވެ. ވުޟޫ ކޮށްގެން ނިކުމެ ކަޅު އަބާޔާ ހެދުމެއް ބޮލަށް ވައްޓާލައި މުސައްލަ ނަގައިގެން މަލްކާ ތައްޔާރު ވެލީ ނަމާދު ކުރާށެވެ. މުސައްލަ އާއި ދޮޅިއާއި އިސްޓާކީނު ހިފައިގެން އޭނާ ވަނީ ޒުލްފާގެ ކޮޓަރިއަށެވެ.
އޭރު ޒުލްފާ އާއި މަލާކް ވެސް ނަމާދުކުރަން ތައްޔާރު ވެގެން ތިއްބެވެ. ތިން މައިން އެކީ ޖަމާތުގައި ދެ ނަމާދު ކުރުމަށްފަހު ކާންނުކުތް އިރު ހުރީ އަށެއް ޖަހަން މިނިޓްތަކަކަށް ވެފައެވެ.
ހަދާފައި ވާ ތަރުކާރީ ސަޓަންޏާއި މަސްފެނުގެ ވަސް ބަލާލި މީހަކުވެސް ބަޑުފުރޭނެކަން ކަށަވަރެވެ. އެކި ވާހަކަތަކުގައި ތިބެ ކެއުން ނިންމާލުމަށްފަހު ކޮޓަރިތަކަށް ވަދެލީ ރޭގަނޑުގެ ފޮނި މީރު ނިދި ހާސިލްކުރުމުގެ ނިޔަތުގައި އެވެ.
ދަންވަރުގެ ހިމޭން ވަގުތެވެ. ނިދިފައި އޮތް މަލްކާއަށް ތެދުވެވުނީ ފެންބޮވާގެންފައި އޮތް ވަރުންނެވެ. ތެދުވެ ސައިޑް ޓޭބަލްގެ މަތީގައި ހުރި ފުޅި ނަގާލަމުން އޭނާއަށް ޖެހުނީ ބޯހޫރާލާށެވެ. ނިދަން ވަންނަމުން ފުޅިއަށް ފެންނާޅާކަން ހަނދާންވުމުން ކުދިކިޔަމުން އެދުން ތެދުވެ ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަތެވެ.
ކުއްލިއަކަށް ކުޑަކުއްޖެއްގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ. ކައިރީ ހުރި ގެއަކުންނޭ ހިތަށް އަރާފައި އެހިސާބުގަޑުގައި އެވަރު ކުޑަކުއްޖަކު އުޅޭ ހަދާނެއް ނުވާތީ މަލްކާ ވިސްނާލިއެވެ. އަނެއްކާވެސް އެއަޑު ކަންފަތުގައި ޖެހުނެވެ. މިފަހަރު ހީވީ ހަމަ ގޭގެ ގޯތި ތެރެއިން އިވުނު އަޑެއްހެންނެވެ. ބިރުގެންފައި ހުއްޓެއް ކަމަކު ގެއިން ނުކުމެ ވެގެން އުޅޭގޮތެއް ބަލަން އޭނާ ހިތަށް އެރިއެވެ.
ދޮރާ ކައިރިއަށް އެޅޭ ކޮންމެ ފިޔަވަޅަކާ އެކު އޭނާގެ ހިތުގެ ތެޅުން ބާރުވެގެން ދެއެވެ. ‘މަންމާތް.!’ ދޮރު ހުޅުވާލި ކަމެއް ނޭނގެނީސް ފުރާޅުން ވެއްޓުނު ބޮޑު ކަޅު ބުޅާގޮސް ޖެހުނީ އޭނާގެ ފައިބުޑުގައިއެވެ. އޭތީގެ ހަށިގަނޑު އޮތީ ލެއިން ތަތްތެޅިފައެވެ. އޭތި ބިންމަތީގައި ޖެހުމާއެކު ހޭރިގަތެވެ. މަލްކާއަށް ކުރިން އިވުނީ އެބުޅަލުގެ އަޑެވެ.
‘ދަރިފުޅާ ކިހިނެތް ވީ.؟ ކޯއްޗެއް ފެނުނީ..’ މަލްކާ ހަޅޭލަވައިގަތް އަޑަށް ނިދިން ހޭލެވުނު ޒުލްފާ ކޮޓަރިން ނިކުތީ މަލްކާ އަށް ގޮވަމުންނެވެ. ‘މަންމާ.. އަހަރެން ފެންބޮވާގެން ނިކުތް އިރު ބޭރުން އަޑެއް އިވޭތީ ދޮރު ހުޅުވާލި އިރަށް މި ބުޅާ ކުރިމައްޗަށް ވެއްޓުނީ..’ ބުޅަލާ ދިމާއަށް އިޝާރާތް ކޮށްލަމުން ޒުލްފާ އާ ދިމާލަށް މަލްކާ ބަލާލިއެވެ.
‘ކޮން ބުޅަލެއް..؟’ ޒުލްފާ ބޭރަށް ބަލާފައި ބުނެލިއެވެ. ‘މިތާމި….’ ފަހަތަށް ބަލައިލި މަލްކާގެ އަޑު ބެދުނެވެ. ދެލޯ ބޮޑުކޮށްލައި މުޅި ތަނަށް އޭނާ ނަޒަރު ހިންގާލިއެވެ. އެ މުޅި ތަނުގައި ވެސް ބުޅަލެއް ކީއްކުރަން ލޭގެ ނިޝާނެއް ވެސް ނެތެވެ.
‘ދަރިފުޅު ބިރުގެންފަ ހުރީމަ ހީވި ގޮތަކަށް ވާނީ.. އަވަހަށް ދޭ ނިދަން.. މިހުރީ ފެންފުޅި..’ މަލްކާގެ އަތަށް ފެންފުޅި ލައިދީފައި ޒުލްފާ ގޭގެ ބޮޑު ދޮރު ލައްޕައި ތަޅުލިއެވެ. މަލްކާ ވެސް އެއީ އޭނާގެ ހީއެއް ކަމަށް ނިންމައި ކޮޓަރިއަށް ވަދެލިއެވެ.
އިރުގެ ދޯދިތައް ލޮލަށް އެޅެން ފެށުމުން މަލްކާ ދެލޯ ހުޅުވާލިއެވެ. ރޭގެ ހާދިސާއަށްފަހު ނިދުނީ މާ ވަރަކަށެވެ. ގަޑިއަށް ބަލާލާފައި އޭނާއަށް އެނދުމައްޗަށް ކޮޅަށްތެދުވެވުނު ގޮތެއްވެސް ނޭނގުނެވެ. އަށެއް ޖަހާ ފަނަރަ ހިނގައިފި އެވެ. ބޮލުގައި އަތް އަޅައިގެން ފާހާނާއަށް ވަންނަން މަލްކާ އަވަސްވެގަތެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Hi guys ?? Happy New Hijri Year to u all ?? hope this year brings you with lots of blessings from allah ❤️❤️ hope u guys are having fun reading my stry ?? anehbai submit kohlaafin, insha allah v avahah ebai annaane .. stay curious, stay safe and tc ??