އަބަދުވެސް ހިތުގައި (2)
‘ނޫން.’ ކުއްލިއަކަށް މަލްކާ އެއްލިގެން ގޮސް ނިދިން ހޭލެވުނެވެ. މާނޭވާ ލެވޭ ވަރުން މޭމަތީގައި އަތް އަޅައިގެން އިރުކޮޅަކު އިނުމަށްފަހު ތެދުވެ އޭސީ ޖައްސާލީ ހުނުވި ވަރުންނެވެ. އެހެން ހުރުމަށް ފަހު ކެތްނުވެގެން ފާހާނާއަށް ވަދެ ފެންވަރާލިއެވެ. މިއީ މިދޭތެރެއިން ވަރަށް ގިނައިން ވާ ކަމެކެވެ. ހުވަފެނެއް ފެނިގެން މަލްކާ އަށް ތެދުވެވޭނީ އެއްލިގެންނެވެ. ނަމަވެސް ފަހުން އެ ހުވަފެނުގައި ވާ އެއްވެސް ކަމެއް އޭނާގެ ހަނދާނުގައި ނުހުރެއެވެ. ނިދަން ލާ ހެދުން ގަޔަށް މަހާލަމުން އެދުގައި އިށީނދެ އޭނާ ހުވަފެނުގައި ވީ ކަންތައްތައް ހަދާންވޭތޯ ބެއްޔެވެ.
ބަންގީގެ އަޑު އިވުމުން ތެދުވެ މަލްކާ އަވަސްވެގަތީ ވުޟޫ ކޮށްގެން ނަމާދު ކުރާށެވެ. ނަމާދުކޮށް ނިމިގެން ގަދަ ފެހިކުލައިގެ ޖޮގްސޫޓެއް ލައިގެން މަލްކާ ގެއިން ނުކުމެ ވާރމް އަޕް ޖައްސާލިއެވެ. ވަޔަރލެސް ހެޑްސެޓް ކަންފަތަށް ޖަހާލަމުން މަގުގެ ދެފަރާތަށް ބަލާލުމަށްފަހު މަލްކާ ޖޮގް ކުރަމުން ރަށުގެ ވަށައިގެންވާ މަގަށް އަޅާލިއެވެ.
******
މިސްކިތުން ފައިބައިގެން ގެއަށް އައިސް ނޫ ޓީޝާޓް އަކާއި ޖިންސް ސޯޓެއް ލައިގެން ޒައިކް ނުކުތީ ރަށު ތެރޭގައި ހިގާލާށެެވެ. ޖިންސްގެ ޖީބަށް އަތް ޖަހާލައިގެން ހުރެ ހިގަމުން ދިޔަ ޒައިކްގެ ލޮލުގައި އަޅައިގަތީ އެ މަގުން ޖޮގް ކުރަމުން އައި މަލްކާ އެވެ. ހުރި ތަނުގައި ހުއްޓިލައިގެން މަލްކާ އަށް ބަލަން ހުރިއިރު އެސްފިޔަ ޖަހަންވެސް ހަދާންނެތް ކަހަލައެވެ.
މަލްކާގެ ޖާދުވީ ސިހުރެއްފަދަ ބޮޑު ދެލޯ ފެނުމުން އެތައް ފިރިހެނެއްގެ ހިތް ކަތިލެވޭނެ ކަން ކަށަވަރެވެ. އިސްތަށި ގިނަ އެސްފިޔަ އާއި ހިތިފަތު ބުމައެއް ލިބިފައިވާ މަލްކާ އަކީ ރީތި އިސްކޮޅަކާއި ބައްޓަމެއްގެ ވެރިއެކެވެ. ގަޔަށް ދޫ ފެހި ގަދަކުލައިގެ ޖޮގްސޫޓްއެއް ލައިގެން ހުރުމުން އޭނަގެ ހަމުގެ ކުލަ އިތުރަށް އަލިކަމަށް ދައްކައެވެ.
ދުވަމުންއައި މަލްކާގެ ލޮލުގައި ޒައިކް އަޅައިގަތީ އިރުކޮޅެއް ފަހުންނެވެ. ޒައިކް އާ އަރާ ހަމަވުމުން މަލްކާ ދުވުން ހުއްޓާލުމަށްފަހު ޒައިކް އަށް ގޮވާލިއެވެ.
‘ޒައިކް މޯރނިން ވޯކް ގަތަ..’ ހުއްޓުން އަރާފައި ހުރި ޒައިކް ގެ މޫނު މައްޗަށް އަތުން ‘ޓާޓާ’ ކިޔަމުން މަލްކާ ފެންފުޅި ނަގައިލިއެވެ.
‘އެންނ.. އާނނ.. މޯރނިން ވޯކް..’ އަޅައަޅައިގަންނަމުން ޒައިކް އޭނާގެ ޖުމްލަ ފުރިހަމަ ކޮށްލިއެވެ. ‘އެހެންވިއްޔަ ހިނގާ އަހަންނާއެކު..’ މަލްކާ ޒައިކް އާ ދިމާލަށް ބަލައިލިއެވެ.
ދެމީހުން އެކި ވާހަކަތަކުގައި ތިބެގެން މިސްރާބު ޖެހީ އެ މަގު ކޮޅަށެވެ. އެހިސާބަށް ދެވުމުން އަތިރިމަތީގައި ހުރި ޖޯއްޔެއްގައި އިށީދެލިއެވެ. އެވަގުތު އިރު އެއްކޮށް އަރާފައި ނެތުމުން އެތަން ފެންނަނީ ވަރަށް ހިތްގައިމު ކޮންނެވެ. ހަތްގަނޑި ބައިވުމުން ދެމީހުންވެސް ގެއަށްދާން މިސްރާބުޖެހީ އަދިވެސް ބައްދަލުވާނެކަމަށް އުންމީދު ކުރަމުންނެވެ.
‘ މަލް އޭ އަހަރެން ކިޔަސް އޯކޭ ދޯވްވ. މަލްގެ ގެ ހުންނާނީ ކޮންތާކުތަ.؟’ މަލްކާ ޒައިކް އާ އެކު އަންނާތީ އޭނާ އަހާލިއެވެ. ‘އާނނ ކިޔާ ތިނަން މާރީތި.. ހެހެ.. މިއާދެވުނީ’ މަލްކާ ހިނިތުން ވެލިއެވެ. މަލްކާ ގެއަށް ވަނުމުން ޒައިކް ވެސް ދިޔައީ ގެއަށެވެ.
******
ގެއަށް އައިސް ވައިން އިރު ޒުލްފާ ބަދިގޭގައި އުޅެއެވެ. ‘ މަންމާ.. އަހަރެން އެބަ އަންނަން ފެންވަރައިން އެނގޭ.. ހުރިހާ ކަމެއް ނިންމާނުލައްޗޭ..’ ޒުލްފާގެ ގޮތް އެގޭތީ މަލްކާ ހިނިތުންވަމުން ބުނެލިއެވެ. ‘އާނނ.. އަވަހަށް އާދޭ ދެންމެ މަލާވެސް ދިޔައީ..’ ޒުލްފާ އޭނާ މޮޑެން ހުރި ފުށް ތަށި ހިފައިގެން ބަދިގެއިން ނިކުތީ ހޫނުވާ ވަރުންނެވެ.
ފެންވަރާ ނިމިގެން ބާތްރޯބް އެއް ލައިގެން ނުކުތް މަލްކާ އަށް އޭނާގެ ހަށިގަނޑު ޑްރެސިންގް ޓޭބަލްގެ ލޯގަނޑުން ފެނުމުން ހުއްޓުން އެރިއެވެ. ބޮލުގައި ރިހުމެއް އުފެދުމުން އެދުގައި އޮށޯވެ ދެލޯ މަރާލިއެވެ.
******
ގައިގައި ވެލި ކަހަލަ އެއްޗެއް ހުރިހެން ހީވުމުން މަލްކާ ދެލޯ ހުޅުވާލިއެވެ. ދެވަނަ ސިކުންތުގަ އެސްފިޔަ ޖަހާލާފައި އަލުން ބަލައިލީ އޭނާއަށް އޮވުނީ ކޮންތަނެއްގައިކަން ހުދު އޭނާ އަށްވެސް ނޭގުމުންނެވެ. ރަށުގައި އުޅެ ބޮޑުވި އިރު ދުވަހަކުވެސް އޭނާ މިމަގު ދެކުނު ހަދާނެއް ނުވެއެވެ. ދެފަރާތުގައި ހެދިފައިވާ ބިޔަ ގަސްތައް ފެނުމުން ހީވަނީ ބޮޑު ޖަންގައްޔެއްގެ މެދުން ހަދާފައި ހުރި މަގެއް ހެންނެވެ. ހަނދުވަރުގެ ރިހި އަލި ފިޔަވާ އަލިކަމެއް ނެތުމުން އެތަން ފެންނަނީ ނާމާންކޮށެވެ. އެ މަގު ދިގުކަމުން މަގު ނިމޭތަން ލޮލަށް ފެންނަ ވަރެއްވެސް ނުވެއެވެ.
އަޑެއް އިވުނުހެން ހީވުމުން މަލްކާ ފަސްއެބުރި ބަލައިލީ ޖެހިލުންވެ ހުރެއެވެ. އޭރު ފަހަތުގައި ވަނީ ތަންދޮރު ނޭގޭހާ އަދިރިކަމެކެވެ. އިރުކޮޅަކު އެހެން ހުރުމުން ހީވީ އެ އަނދިރިކަން މަލްކާ އާ ދިމާލަށް އަންނަ ހެންނެވެ. ގަންނާ ކުރެއްވި ބިރަށް މަލްކާ މަގުން ކުރިއަށް ދާން ދުއްވައިގަތީ ގައި ހުރި ބާރެއް ލާފައެވެ. ދެވޭ ނުދެވޭ ތަނެއް ހުދު އޭނާ އަށްވެސް ނޭގޭހާލު ދުވަމުން ދިޔައިރު، އިރުއިރުކޮޅާ ފަހަތް ބަލާލައެވެ. އެހެންގޮސް ކުއްލިއަކަށް އެއްޗެއްގައި ޖެހިފައި މަލްކާ ބިންމައްޗަށް ވެއްޓުނެވެ.
ބަންޑުން ވެއްޓުނު މަލްކާ އިތުރަށް ބިރުގަތީ އެ ޖެހުނު އެއްޗެއް ހަމައެކަނި އޭނާގެ ބޮލުގައި ޖެހުމުންނެވެ. ތެޅިތެޅި އޮތް ހިތަކާ އެކު ފަހަތަށް އެނބުރިލި މަލްކާގެ ދެލޯ އަތަށް ނައީ ކިރިޔާއެވެ. މޫނުގައި އަތް އަޅައިގެން އިރުކޮޅަކު އިނުމަށްފަހު މަލްކާ މޫނު މަތިން އަތްނަގާ ބަލައިލިއެވެ.
އެއްފަރާތެއްގައި ހުރި ގަހުން މަގާ ދިމާއަށް ލެބިފައި އޮތް ގޮފިގަޑުގައި ދަންޖެހިފައި އޮތް އަންހެން ކުއްޖާ ބަލާބެލުމަށް ވާނީ މަލްކާ ވަރެވެ. އެ ހަށިގަނޑު ހަރުއަރާފަ އޮތުމުންނާއި ލޭހިކިފައި ވުމުން މަރުވިތާ ދުވަސްތަކެއް ވެއްޖެ ކަން އެނގެއެވެ.
ޖެހުނު ބާރު ވައިރޯޅިއާއިއެކު އެކުއްޖާގެ މޫނު މައްޗަށް ވެއްޓިފައިހުރި އިސްތަށިތައް ދުރު ވުމުން މަލްކާ އަށް ހީވީ މުޅި ދުނިޔެވެސް ހުއްޓުން ހެންނެވެ. އެއީ އޭނާނޫން ދެވަނަ މީހެއް ނޫނެވެ. ކަރުދަންޖެހިފައިވުމުން ސިފައަށް ބަދަލުތަކެއް އައިސްފައިވީ ނަމަވެސް އޭނާއަށް އަމިއްލަ ނަފްސު ވަކި ކުރަން އެނގޭނެ ނޫން ހެއްޔެވެ.؟
‘ނޫން..’ މަލްކާ އަށް ހަޅޭލަވައިގަނެވުނެވެ. ކަންފަތް މަތީ އަތްއަޅާ ދެލޯ މަރާ ތަގުޅިކޮށް ލެވުނެވެ.
******
ދެން އޭނާ ދެލޯ ހުޅުވާލި އިރު އޭނާއަށް އިދެވުނީ އޭނާގެ ކޮޓަރީގައި އެވެ. އޭރު ޒުލްފާ އާއި މަލާކް ދޮރުގައި ޓަކި ދީ ގޮވަމުން ދިޔަ އެވެ. މި ނުކުންނަނީ އޭ ބުނެ މަލްކާ ކަބަޑުން ކްރީމް ކުލައިގެ ކަކުލާ ހަމައަށް އަންނަ އަތްދިގު ގަމީސް ހެދުމަކާއި ނޫ ސްކިނީއެއް ނަގައިގެން ތައްޔާރު ވެލިއެވެ. ހުވަފެނަކީ ބިލާހެއްކަން އަމިއްލަ ނަފްސަށް ވިސްނައިދެމުން ކޮޓަރިން ނުކުތް އިރުވެސް އޭނާގެ އަތުގައި ތުރުތުރެއް އުފެދިފައި ހުއްޓެވެ.
‘ދަރިފުޅާ ކިހިނެތް ވީ.. މާގިނަ އިރުތަކެއް ވާތީ މަންމަމެން ދިޔައީ..’ ޒުލްފާ އައިސް މަލްކާގެ ބުރަކަށީގައި ފިރުމާލިއެވެ. ދުރުން ފެނުމުންވެސް މަލްކާގެ މޫނުގައި ހުރި އަބުއިކަން އޭނާއަށް ފާހަގަ ވީއެވެ. މައިންނަކީ އެކަހަލަ ބައެކެވެ. ތިމާގެ ދަރި އަގައިން ނުބުންޏަސް މޫނުމަތިން ހުރިހާ ކަމެއް ދެނެގަތުމަކީ މައިންނަށް އުދަނގޫ ކަމެއް ނޫނެވެ.
‘މާބޮޑު ކަމެއް ނުވޭ.. ބޮލުގަ ރިއްސާތީ އޮށޯތްތަނާ ނިދުނީ.. ބޮލަށް ބަރުވެފަ ހުރީމަ ކަމެއް ވީއޭ ހީތިވަނީ..’ ޒުލްފާ ހިތްހަމަ ޖައްސައިދޭން މަލްކާ ހިނިތުންވެލިއެވެ.
‘އެހެންވިއްޔަ ނުކައި ހުންނާކަށް ނުވާނެ.. ހިނގާ އަވަހަށް.. މަންމަ އާ މަލާ ވެގެން ސައި ހަދާފައި ހުންނާނެ..’ ޒުލްފާ މޭޒުމައްޗަށް ސައިނަގަން އަވަސްވެގަތެވެ. ‘ސޮރީ އަންނާނަމޭ ބުނެފަ ނާދެވުންދޯ..’ މަލްކާ މޭޒުމައްޗަށް ބަލައިލަމުން ބުނެލިއެވެ. ‘ އެ އޯކޭ ވާނޭ.. އެންމެ ދުވަހަކު ބަދިގެއަށް ދަރިފުޅު ނުވަނަސް އޯކޭވާނެ..’ ޒުލްފާވެސް މަލްކާ އާއެކު ސައިބޯން އިށީދެލިއެވެ.
******
ހެނދުނުގެ ނާސްތާ ކޮށްގެން ޒައިކް މިސްރާބު ޖެހީ އަދްޔަންގެ ގެއަށެވެ. ‘އަދްޔަން ގޭގަ އެބައުޅޭތަ.؟’ އަދްޔަންމެންގޭ ދޮރުގައި ޓަކި ދިނުމުން ދޮރު ހުޅުވި ނިހާއަށް މުހާތަބުކޮށް ޒައިކް ބުނެލިއެވެ. ‘ އާނނ.. ދެންމެ ކޮޓަރިއަށް އެ ދިޔައީ..’ އަދްޔަންގެ ކޮޓަރިއާ ދިމާއަށް އިޝާރާތް ކޮށްލަމުން ނިހާ ހިނިތުންވެލިއެވެ. ‘ތޭންކްސް..’ ނިހާއަށް ޝުކުރު އަދާ ކުރުމަށްފަހު ޒައިކް ގޮސް އަދްޔަންގެ ކޮޓަރިތެރެއަށް ދެމިގަތެވެ.
‘ހޭ.. ފާހާނާގަތަ..’ ކޮޓަރީގައި އަދްޔަން ފެންނަން ނެތުމުން ފާހާނާ ކައިރިއަށް އައިސް ޒައިކް ގޮވާލިއެވެ. ‘އާނނ.. މިނިކުންނަނީީ..’ އަދްޔަން އެހެން ބުނުމުން ޒައިކް އެދުގައި އިށީނދެ ލިއެވެ. އިރުކޮޅަކުން އަދްޔަން ފާހާނާ އިން ނުކުމެއްޖެ އެވެ. ދެމީހުން އެކީ މިސްރާބު ޖެހީ ރަށުގެ ސޮކަރ ފީލްޑް ކައިރީ ތިބޭ ޖޯލިފަތި ތަކާ ދިމާލަށެވެ. އޭރު ރާކިން އާއި ޒައިމަންގެ އިތުރުން އައިކަން ވެސް އެތާގައި ތިއްބެވެ.
‘އާދެވިއްޖެ ދޯ.. އަހަރެމެން މިތާ ތިބޭތާ ބައިގަޑިއިރު އެވަނީ..’ ފޯނުގެ ސްކްރީނުން ގަޑި ދައްކައިލަމުން ރާކިން ތުން ފިއްތާލިއެވެ. ‘އާނނ.. މި ކަބަލާ ފާހާނާ އިން ނުކުތީ ވިހި މިނެޓުން ވިއްޔާ..’ ޒައިކް ހިނިގަޑެއް ޖަހާލަމުން އަދްޔަންގެ އަތުގައި ޖަހާލިއެވެ. ‘ދެންވެސް ދާންވީނު ނޫނީ މޫދަށް ނޭރި ގެއަށް ދާން ޖެހޭނީ..’ ޒައިމަން ތެދުވެ މޫދާ ދިމާއަށް ހިނގައިގަތެވެ. ‘ތެދެެއް .. މަވެސް ބެޗީ..’ އައިކަންވެސް ޒައިމަންގެ ފަހަތުން ދުއްވައިގަތެވެ.
‘މި މީހުން އުޅޭ ގޮތެއް..’ ޕިސްޕިސް ކިޔަމުން ޒައިކްވެސް އެދިމާއަށް ދާން އަވަސްވެގަތެވެ.
******
މެންދުރުން އަނބުރާ ދޭއް ޖަހައިފި އެވެ. ގޯތިތެރޭގައި ހައްދާފައި ހުރި ބޮޑު އަބުޅޯ ގަހުގެ ގޮފިގަނޑެއްގައި އެލުވާފައި އޮތް ހެއްލޭ ޖޯލީގައި މަލްކާ އިނީ ހިޔާލަކަށް ގެއްލިފައެވެ. ކުއްލިއަކަށް ޒައިކް މަތިން ހަނދާން ވުމުން ބޭއިޚްތިޔާރުގައި ހިނިތުން ވެލިއެވެ. ޒައިކްގެ މިޒާޖު އެހާ ބޮޑަށް އެގިފަނުވިއެއް ކަމަކު މިއަދު އޭނާ މަލްކާ އާ ވާހަކަ ދެއްކުމުގައި ހުރި ގާތްގޮތް މަލްކާއަށް ކަމުދިޔައެވެ. މަޑުމަޑުން ދެލޯ މަރާލަމުން މަލްކާ ޒައިކްގެ ސޫރަ ސިކުޑީގައި ކުރަހާލިއެވެ.
ދިގު އިސްކޮޅަކާއި ރީތި ވަރެއްގެ ހަށިގަނޑެކެވެ. ފަން އިސްތަށި ކޮޅަކެވެ. މަލްކާގެ ދެލޯހާ ބޮޑުނުވިއަސް ޒައިކްގެ ‘ބްރައުން އައިސް’ އޭނާއަށް ވަރަށް ކަމުދެއެވެ. މަލްކާއަށް ޒައިކްގެ ގައިން އެންމެ ކަމުދާ ސިފައަކީ އޭނާ ހިނިތުންވުމުން ކޮލަށް އެޅޭ އަޑިކޮޅެވެ.
‘ހޫމްމ.. ބަލާބަ ހުރި ވަރެއް ގައިގަ..’ މަލާކްގެ އަޑަށް ސިއްސައިގެން ގޮސް މަލްކާ އޭނާގެ ހިނިތުންވުން ފޮރުވާލިއެވެ.
******
Beluntheringe samaalu kamah. Mi part in feshigen vaahakaiga supernatural kanthahthakaai sihuru fada kanthah annaane. N vaahaka 30-40 parts long vyma anna hafthaain feshigen komme hafthaa aku dhe part leveythw balaanan. Tuesday aai Saturday ga. If u have anny compliment or suggestions pls let me know…
❤️❤️❤️
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


I’ll follow the shedule next week onwards ok. This week ga ekam hama Saturday ekani ingey ????