ކުލިނިކަށް ދާން ނައިޝާ ތައްޔާރު ވާން އުޅުނު ވަގުތު ކޮޓަރީގައި މީހަކު ޓަކިޖެހިއެވެ. ނައިޝާ ކޮޓަރި ދޮރު ހުޅުވާލިއިރު، ދޮރުމަތީ ހުރީ ސައިފެވެ. “ދީބަ ދެހާސް ރުފިޔާ” އާދައިގެމަތިން ސައިފް ނައިޝާ ކައިރިން ރުފިޔާ ދޭން ބުންޏެވެ.
ކުރިން، ދެހާހުން، ތިންހާހުން، ފަސްހާހުން ނައިޝާ އަތުން ސައިފް ރުފިޔާ އަތުލާއިރުވެސް އެއީ ކީއްކުރާ ރުފިޔާއެއްތޯ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަސައިފް ކައިރި ދުވަހަކުވެސް ނައިޝާ ނާހައެވެ.އެހެންނަމަވެސް މިފަހަރު ނައިޝާ އަހާލަން ބޭނުން ވިއެވެ. ” ކީއްކުރާ ރުފިޔާއެއް” ރީތިކޮށް ނައިޝާ އަހާލިއެވެ. ” މިހާރަކަށް އައިސް ހާދަ ސުވާލެކޭ ދޯ ތިކުރަނީ؟…ދެންޏާ ދީ….ނުދެންޏާ ނުދޭނަމޭ ބުނޭ!” ރުޅިވެރިކަމާއި އެކު ސައިފް ބުންޏެވެ. ” ނުދޭނަމެކޭ ނުބުނަމެއްނު” ދެރަވެފައި ހުރެ ނައިޝާ ބުންޏެވެ. “އެހެންވީމަ ދޭންވީ މާގިނަ ސުވާލުތަކެއް ނުކޮށް…މަންމަ ބުނެގެން ގެއަށް އެއްޗެހިކޮޮޅެއް ގަންނަން ވެގެން ހޯދާ ރުފިޔާ މީ” ހިތްހަމަ ނުޖެހި ހުރެ ސައިފް ބުންޏެވެ.
ނައިޝާ އޭނާގެ ފޯނު ހުޅުވާލުމަށްފަހު މޮބައިލް ބޭންކިންގ އެޕަށް ވަދެ ސައިފް ގެ އެކައުންޓަށް 2000ރުފިޔާ ޓްރާންސްފަރ ކޮށްލިއެވެ. “އިންނާނެ އެކައުންޓަށް ރުފިޔާ ފޮނުވާފަ ކޮނޑުގައި އަތްދަބަސް އަޅުވާލައި ކޮޓަރިން ނިކުންނަމުން ނައިޝާ ބުންޏެވެ.
“މަންމަ ގުޅިތަ؟”ސައިފް ނައިޝާ ކައިރި އެހެން އަހާލުމުން ނުގުޅާ ކަމަށް ނައިޝާ ބުންޏެވެ. “ސަނާ ކޮއްކޮ ފޫހިވެގެން އުޅޭތީ އެއް ހަފްތާ އަށް މާލެ އަންނާނެ…އަހަރެން ނިދާ ކޮޓަރި އޭނައަށް ތައްޔާރު ކުރޭ…މާދަންރޭ އޭނަ އަންނާނެ” ސައިފް އެހެން ބުނުމުން ނައިޝާ ބޯޖަހާލުމަށްފަހު ކުލިނިކަށް ދާން ގެއިން ނިކުތެވެ.
ކުލިނިކުގެ ރިސެޕްޝަން ބަޔަށް ވަދެ ނައިޝާ އޭނާގެ ހޭންޑު ބޭގު ބާލައި، ކޮމްޕިއުޓަރު ދޮށުގައި އިށީނދެލުމަށްފަހު، އާދައިގެ މަތިން ނައިޝާ މެމޯހައްދަމުން ދިޔައެވެ.ލިބުނު ތިރީސް މިނެޓް ބުރޭކުގައި ނައިޝާ އޭނާގެ ފޯނު ނަގާ ހުޅުވާލިއެވެ. ޚަބަރުތައް ކިޔާލުމަށްފަހު މެސެޖު ބަޔަށް ވަނެވެ.ފަހަރަކު މެސެޖެއް ސްކްރޯލް ކުރަމުން ގޮސް ސައިފް ގެ މެސެޖު ބަޔަށް ނައިޝާ ވަނެވެ.
ސައިފް ކުރިން ނައިޝާ އަށް ފޮނުވާފަ ހުރި ލޯބި މެސެޖުތައް ނައިޝާ ބަލައިލި އެވެ. ނައިޝާ އަށް ވުރެ ސައިފް ފޮނުވާފައިވާ ހުރި މެސެޖުތައް ގިނައެވެ. ކޮންމެ ސިކުންތަކުން ކަހަލަ ގޮތަކަށް ނައިޝާއަށް އޭނާ މެސެޖް ކޮށްފައިވެއެވެ.
މެސެޖުތައް ކިޔާލުމަށްފަހު ނައިޝާ ފެންކަޅިވިއެވެ. ކުރިން ލޯބިން އުޅުނު ހަނދާންތައް އާވުމުން ނައިޝާގެ ހިތަށް އަސަރުކުރިއެވެ.މަޑުމަޑުން ނައިޝާގެ ކޯތާފަތް މަތިން ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހޮރިގެން ދިޔަ އެވެ.
އެވަގުތު ސައިފްގެ މަންމަގެ ކޯލެއް އައެވެ.ލޯ ފުހެލުމަށްފަހު ނައިޝާ އެ ކޯލަށް ޖަވާބު ދިނެވެ. ސައިފްގެ މަންމަ ގުޅީ މާދަންރޭ ސަނާ ކޮއްކޮ އަންނަ ވާހަކަ ބުނާށެވެ.ސައިފްގެ މަންމަ ގެ ކޯލު ނިމުމުން ސައިފަށް ނައިޝާ ގުޅާލިއެވެ.އޭނާ އާއި ވާހަކަ ދައްކާލާ ހިތުންނެވެ.ނަމަވެސް ފޯނުގެ ރިންގު ރަނގަޅަށް ނުވަނީސް އެކޮޅުން ބިޒީ ކޮށްލިއެވެ.ސައިފް ނައިޝާ އާއި ވާހަކަ ދައްކަން ބޭނުން ނުވާ ކަން ނައިޝާ އަށް އެނގުނެވެ.
އާދައިގެ މަތިން މެންދުރު 11ޖެހުމުން ނައިޝާ ގެއާ ދިމާއަށް ހިނގައިގަތެވެ.ސައިފް ނުގުޅާނެކަން އެނގިހުރެވެސް ، ގެޔަށް ދިޔަ މަގުމަތީގައި ނައިޝާ ދޭތެރެއަކުން ސައިފް ގެ ކޯލެއް އާދޭތޯ ފޯނަށް ބަލައިލައެވެ.
ގެއަށްވަދެ އެއްޗެހި ބަދަލުކޮށްލައިގެން މެންދުރަށް ކައްކަން ނައިޝާ ބަދިގެއަށް ވަނެވެ.ނައިޝާ ކައްކަން ހުއްޓާ ސައިފްވެސް ގެއަށް ވަނެވެ. “ކީއްކުރަންތަ ގުޅީ” ފޫހި ރާގަކަށް ނައިޝާ ގާތު ސައިފް އަހާލިއެވެ. “މިރޭ ވިޔަސް….ސައިފަށް ފަސޭހަ އިރަކުން ދުއްވާލަންދާން ހިނގާބަލާށޭ ބުނަންވެގެން…ވަރަށް ދުވަސް ވެއްޖެ އެއްނު ދުއްވާާލަންވިޔަސް ދެމީހުން އެއްކޮށް ބޭރަށް ނުދާތާ” ނުކެރި ހުރެފައިވެސް ކުރީގެ ހަނދާންތައް އާވުމުން ނައިޝާ ބުނެލި އެވެ. “އަދިވެސް ދުއްވަންތަ ދާންވީ..މީހާ ހުރި ސިފަ ނުފެނޭތަ؟…ފަލަވެގެންގޮސް ހީވަނީ ވިހި ތިރީސް ކުދިންގެ މުސްކުޅި މަންމައެއްހެން” ސައިފް ނައިޝާ އަށް ނުރުހުންވެ ހުރެ ބުންޏެވެ.
ނައިޝާގެ ލޮލުން ހޯސްލާފައި ކަރުނަތައް އޮހޮރިގެން ދިޔަ އެވެ.ދުވަހަކުވެސް ސައިފްގެ ފަރާތުުން އެކަހަލަ މަލާމާތެއް ރައްދުވެފައި ނުވުމުން ނައިޝާ ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ. “އެއްޗެކޭ ބުނާއިރަށް ރޯން ފަށާނެ އަދި…މަ މި ބުނީ ގޯސް އެއްޗެއްތަ؟” ކުރިއަށް ވުރެ ބާރަށް ސައިފް ބުންޏެވެ. “ނައި އުޅެންޖެހޭ ބުރަކަމުން ހަށިގަނޑަށް ނުބެލެވެނީ” ރޮމުން ނައިޝާ ޖަވާބު ދިނެވެ. “ތީ ނައިޝާ އަމިއްލައަށް ކުރާ ކަމެއް…. ކައިވެނި ކޮށްގެން މި އެޕާޓްމެންޓަށް ބަދަލުވި ދުވަހު މަ ބުނިން ދޯ ގޭގެ ކަންކަން ބަލަހައްޓާނެ މީހަކު ގެންނާށޭ… އެކަމަކު ތިމަންނަ މީހުނަށް ކަންކަން ކުރަން ހަވާލުކުރާ ހިތެއް ނުވޭ އަނެކައްޗޭ ކިޔައިގަތީ ތި ނައިޝާ އެއް ނޫންތަ؟” ރުޅިއައިސްފައި ހުރެ ކޮޓަރިއާ ދިމާއަށް ދަމުން ސައިފް ބުންޏެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





