Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހީވޭ ކަލާވާހެން-6

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
August 30, 2021 5 Mins Read
0 Comments

ދޯނި ރަށަށް ލެފުމާއެކު ގެނައި ތަކެތި ހިފައިގެން އެންމެންވެސް މިސްރާބުޖެހީ އުޅެން ހަމަޖެހިފައިވާ ކެބިން ތަކާއި ދިމާއަށެވެ. ރަށް ބެލެހެއްޓުން ހަވާލުކުރެވުފައިވާ ދެބައި އުމުރުން މަތީގެ ފިރިހެނަކު ސަދޫފް މެންނަށް ކެބިން ދައްކައިދީ ރަށާ ބެހޭ ބައެއް މަޢުލޫމާތު ދިނެވެ.

ހުކުރުން އައި ގޮތަށް އެންމެންވެސް ތިބީ ނުކައެވެ. އެހެންކަމުން އަންހެންވެރިން ކެބިންގެ ބަދިގެ ބައިގާ ކެއްކުމުގައި މަޝްޢޫލު ވެގެން އުޅުނެވެ. ފިރިހެންވެެރިން ގެނައި ހުރިހާ އެއްޗެއް އެ އެއްޗެއް ހުންނަން ޖެހޭ ތަނަކަށް ވެއްދުމަށްފަހު ދެން ކުރަން ހުރި ކަންކަމަށް ތަކެތި ތައްޔާރު ކުރަމުން ދިޔައެވެ. ކައްކާ ނިމުމާއެކު އެންމެންވެސް ކެއުމަށް އިންސާފު ކުރަން ނިކުތީ އަތިރިއާ ދިމާއަށެވެ. ފިލައިން އަޅާފައި ހުރި އަށީގައި ތަށިތައް އަތުރާލުމާއެކު އެންމެން ކާންފެށިއެވެ.

ދިޔާން އަށް ފުރަތަމަވެސް ނަޒަރު ހިންގާލެވުނީ ސަދޫފް މެންގެއިން އޭނާ ކޭ ކަހަލަ ޕާސްތާ ލިލިއަން ހަދާފައި ހުރި ތޯއެވެ. ޓްރޭ އެއްގައި ހުރި ޕާސްތާ އެތި ފެނުމުން ދިޔާންގެ ދެލޯ އެދިމާއަށް ދިޔައެވެ. އެހެނަސް މިއަދު ޕާސްތާ ހެދީ ކާކުކަމެއް ދިޔާން އަށް ލަފާކޮށްލާކަށްވެސް ނޭނގުނެވެ. އިރުކޮޅަކު ވިސްނަން ހުރުމަށްފަހު ޕާސްތާ ޓްރޭއިން ކުޑަ އެތިކޮޅެއް އޭނާގެ ތައްޓަށް ދިޔާން ލިއެެވެ. އެއަށްފަހު އުލެއް ނަގަމުން ޕާސްތާ ރަހަބަލައިލިއެވެ. ދިޔާންގެ ތުންފަތަށް ހިނިތުންވުން ވެރިވީ އެއީ ލިލިއަން ހެދި އެއްޗެއްކަން ޔަޤީންވުމުންނެވެ. އެދުވަހެކޭ މިއަދެކޭ ކެއްކުމުގަ ދޭ ރަހައިގާ ތަފާތެއް ނެތެވެ. ދެވަނަ ފަހަރަށް ލިލިއަން ގެ އަތުން ހެދި ކާއެއްޗެއް ކާން ލިބުމުން ދިޔާން ހުރީ ނުހަނު އުފަލުންނެވެ. ހިތްހަމަ ޖެހޭ ވަރަށް ތައްޓަށް ޕާސްތާ އަޅަމުން އެހެން ފިރިހެނުންނާއެކު ދިޔާންވެސް ކެއުމަށް އިންސާފު ކުރަން ފެށިއެވެ.

ކެއުން ނިމުމާއެކު އެންމެން މޫދަށް އެރެން ތައްޔާރުވާން ފެށިއެވެ. ފިރިހެން ވެރިން ފެންސާއި މަޑަ ހިފައިގެން ބޯވަ ހިފުމަށް ތައްޔާރުވިއެވެ. ދިޔާންވެސް އޭނާ ކޮށްއުޅޭ ކަމަކަށް ނުވުމުން އެމީހުން އެކަން ކުރާގޮތް ބަލައިލުމަށް ދާން އެއްބަސްވިއެވެ.

ބޯވަ ނެގުން ވެގެން ދިޔައީ ދިޔާން ހީކުރި ވަރަށްވުރެ އުނދަގޫ އެހެނަސް ޝައުގުވެރި މަސައްކަތަކަށެވެ. ދެތިން ބޯވަ ނެގުމާއެކު އެންމެން މިސްރާބުޖެހީ އަންހެންވެރިން މޫދަށް އެރި އުޅުނު ދިމާއަށެވެ. މޫދުގައި ސަކަރާތްޖަހަމުން ދިޔަ ގްރޫޕް ފެނުމާއެކު ދިޔާންގެ ލޯ ފުރަތަމަވެސް ދަތުރު ކުރީ ލިލިއަންގެ މޫނު ފެނޭތޯއެވެ. މާޔާ އާ އެހެން އަންހެން ކުދިންނާއެކު އެކަކު އަނެކެއްގެ ގަޔަށް ފެންބުރުވަމުން ދިޔަ ލިލިއަން އޭނާގެ ދެލޮލުގައި އަޅައިގަތެވެ. މީގެ ކުރިން އޭނާއަށް ފެނިފައި ނުވާފަދަ އުފާވެރި ފުޅާ ހިނިތުންވުމެއް ލިލިއަންގެ މޫނުގައި ވިއެވެ. އެ ހިނިތުންވުމުގެ ސަބަބުން ނޭނގި ނަމަވެސް ދިޔާންގެ ތުންފަތްވެސް އެއް އަރިއަކަށް ދެމިލިއެވެ. އިތުރު މީހަކަށް އެ މަންޒަރު ފެނުން ނަމަ ލިލިއަން އަށް ގެއްލިފައި ހުރި ދިޔާންގެ ލޮލުގައިވާ ކުލުނު ހުރަހެއް ނެތި ފެންނާނެކަން ޔަޤީނެވެ.

” ބްރޯ.. ހިނގާބަލަ އަހަންނާއެކު ކެނޯތައް ބަލައި ދާން.. ” ދިޔާން އަށް ސިހުން ގެނުވީ އޭނާގެ ކައިރީ ހުއްޓެމުން ސަދޫފްގެ އެކުވެރިޔާ ފަޔާޒް ގޮވާލުމުންނެވެ. އޭނާގެ އެދުމާއެކު ދިޔާން ފަހު ފަހަރަށް ލިލިއަންގެ އުޖާލާ މޫނަށް ބަލައިލަމުން ފަޔާޒްގެ ފަހަތުން ހިނގައިގަތެވެ.

ކެނޯތައް ހިފައިގެން ފަޔާޒް އާއި ދިޔާން އައިސް ރާޅުފެނުގައި ބަަހައްޓާލިއެވެ. އަންހެން ވެރިންނަށް ކެނޯތައް ފެނުމާއެކު މޫދުން އަރައިގެން އެދިމާއަށް އަންނަން ފެށިއެވެ. ދިޔާން ދެލޯ ހޯދަމުން ދިޔަ ނަމަވެސް ލިލިއަން ގެ ނިޝާނެއް ފެންނާކަށް ނެތެވެ. ދެބޮމަ ކައިރި ކޮށްލަމުން ދިޔާން ލިލިއަން އަށް ވީ ގޮތަކާމެދު ވިސްނަން ފެށިއެވެ.

” ޔޭ..!! ހިނގާ އަވަހަށް ކެނޯ ދުއްވަން ދާން..” މާޔާ ކެތްމަދު ގޮތަކަށް ބުނެލިއެވެ.

” ކޮބާ ލިލިއަން..” ވަށައިގެން ނަޒަރު ހިންގާލެވުނު ދިޔާން އަށް އިޙްތިޔާރަކާ ނުލާ މާޔާ އާ ސުވާލު ކޮށްލެވުނެވެ.

“ލިން..” މާޔާ ވިސްނަމުންދާފަދަ ގޮތަކަށް ލިލިއަންގެ ނަން ކިޔާލިއެވެ.

” އަހަރެމެންނާއެކު މޫދުގަ އުޅުން.. ނެތްތަ މިހާރު..” މާޔާ އަށްވެސް ވަށައިގެން ނަޒަރު ހިންގާލެވުނެވެ. އެންމެން އެންމެނަށް މަޖަލުގައި ޖެހިފައިވީލެއް ބޮޑުކަމުން މާޔާ އަކަށްވެސް ލިލިއަން އަށް ވީގޮތް ދެނެގަންނާކަށް ނޭނގުނެވެ. މާޔާ އޭނާގެ ދެތިން އެކުވެރިން ކައިރީވެސް ލިލިއަން ދުށިންތޯ ސުވާލު ކޮށްލިއެވެ. އެންމެނަށްވެސް ލިލިއަން އެންމެ ފަހުން ފެނުން ކަމަށްވީ މޫދުންނެވެ. މޫދުން އަރަނިކޮށް އެކަކުވެސް ލިލިއަން ދުށި ކަމަކަށް ނުވިއެވެ. ދިޔާންގެ ސިކުނޑީގައި ނުބައި ޚިޔާލުތައް ދަތުރު ކުރަން ފެށީ އެހިނދުންނެވެ. މޫދުގައި އުޅެނިކޮށް ލިލިއަން އަށް ކަމެއް ވީބާވައެވެ.

“ލިން..!” މާޔާ މުޅި ތަނަށް އަޑުއިވޭ ވަރަށް ލިލިއަން އަށް ގޮވާލިއެވެ.

” ދި.. ދިޔާން.. އަހަރެން ބިރުގަނޭ އެބަ..” މާޔާ މޭގައި އަތް އަޅާލަމުން ތުުރުތުރު ލަމުން ދިޔަ އަޑަކުން ހާމަކުރިއެވެ. މާޔާގެ ހާލު ފެނުމުން ދިޔާންގެ ސިކުނޑިއަށް އިތުރު ބިރުވެރިކަން ވަންނަމުން ދިޔައެވެ. އޭނާގެ ހިތް އެންމެ ބާރުމިނުގައި ތެޅެމުން ދިޔައިރު ހިތާއި ހިތުން ލިލިއަން ހެޔޮ ހާލުގައި ވުމަށް ދުޢާ ކުަރަމުން ދިޔައެވެ. ދިޔާން އިތުރު ވިސްނުމަކަށް ނުގޮސް މޫދާ ދިމާއަށް މިސްރާބު ޖެހިއެވެ.

މޫދުގެ ރާޅުތަކާއި ހަނގުރާމަ ކުރަމުން ދިޔައިރު ދިޔާންގެ ސިކުނޑީގައި ކުލަވަމުން ދިޔައީ މީގެ އިރުކޮޅެއް ކުރިން އޭނާއަށް ލިލިއަންގެ މޫނުމަތިން ފެނުނު ހިނިތުންވުމެވެ. ދަތްކުނޑި ވިކާލަމުން ދިޔާން އަށް އޭނާގެ ދެއަތް މުށްކަވާލެވުނެވެ. އަމިއްލަ ނަފްސާއެކު މޫދުގައި ލިލިއަން އާއެކު އުޅުނު އެންމެންވެސް ދިޔާން އަށް ކުށްވެރި ކުރެވެމުން ދިޔައެވެ. އޭނާ ފަޔާޒް އާއެކު ނުގޮސް ހުރި ނަމަ އޭނާގެ ލޮލުން ލިލިއަން ނުގެއްލުނީހޭ ކިޔާ އަމިއްލަ ނަފްސަށް އަޑުލަމުން ދިޔައެވެ.

“ލިލިއަން..!” ދިޔާން ބާރަށް ގޮވާލިއެވެ. އޭރު އޭނާ އައިސް ހުރީ ލިލިއަން މޫދަށް އެރި އުޅުނު ހިސާބަށެވެ.
އަދިވެސް ދުރަށް ފީނައިގަންނަމުން ދިޔާން މަސައްކަތް ކުރަމުން ދިޔައީ ލިލިއަން ކުޑަ ނަމަވެސް ލިސާނެއް ފެނޭތޯއެވެ.

މާޔޫސްކަމާއެކު ފެންމައްޗަށް މޫނު ހިތްލައިލަމުން ދިޔާން އެއްގަމަށް ނަޒަރު ހިންގާލިއެވެ. އޭރު އޭނާގެ ހިތުގައި މީހަކު ހިފާ ބާރު ކުރަމުން ދާފަދަ އިޙްސާސެއް ކުރެވެމުން ދިޔައެވެ. އެހެނަސް ހަމަ އެވަޤުތު އެއްގަމުން ފެނިގެން ދިޔަ މަންޒަރަށް ދިޔާންގެ ލޯ ހުއްޓިގެން ދިޔައެވެ.

ފެންފުޅިއެއް ހިފައިގެން އަތިރިމައްޗަށް ފައިބައިގެން އަންނަ އަންހެން ކުއްޖާ ދިޔާންގެ ލޮލުގައި އަޅައިގަތެވެ. ދުރުން ފެނުނު ނަމަވެސް އެެއީ ލިލިއަން ކަން ދިޔާން އަށް ދެނެ ގަންނާކަށް އުނދަގުލެއް ނުވިއެވެ. ލިލިއަން ފެނުމާއެެކު މާޔާ ދުވެފައިގޮސް ލިލިއަންގެ ގައިގާ ބައްދާލިއެވެ. ވަމުން ދިޔަކަމުގެ އެއްވެސް ހިލަމެއްނުވެ ހުރި ލިލިއަންގެ މޫނުމަތިން ފެންނަމުންދިޔައީ ސުވާލު މާކު ތަކެކެވެ. މާޔާގެ ދެލޯ ފެންކަޅިވެފައިވާއިރު އެހާ ބާރަށް އޭނާގެ ގައިގާ ބައްދައިގަނެގެން ހުންނަންޖެހުނު ސަބަބެއްް ލިލިއަން އަކަށް ނޭނގުނެވެ. ލިލިއަން ހޯދުމަށް މޫދަށް އެރި އުޅުން އެންމެންގެ މޫނުމަތިން ހިތްހަމަޖެހުން ފާޅުވެގެން ދިޔައެވެ.

” ލިން ކޮންތާކަށްތަ ދިޔައީ އެކަކު ކައިރީވެސް ނުބުނެ.. އައި ވޯޒް ސޯ ސްކެއަރޑް..” މާޔާ ލިލިއަންގެ ގައިން ދޫކޮށްލުމެއްނެތި ބުނެލިއެވެ.

” ފެން ބޮވައިގަނެގެން ފެން ފުޅިއެއް ބަލައޭ ދިޔައީ.. އެންމެންނަށް ކިހިނެތް ވެފަ ތިތިބީ..” އެންމެންގެ ނަޒަރު އޭނާއާ އަމާޒުވެފައިވުމުން ލިލިއަން އަށް އުނދަގޫ އިޙްސާސެއް ކުރެވިގެން ދިޔައެވެ.

” އަހަރެމެން ހީކުރީ ލިލިއަން އަށް ކަމެއްވީ ކަމަށް..! އެމީހުން މޫދަށް އެރިގެންވެސް އެ އުޅެނީ ލިލިއަން ފެނޭތޯ.. ލިލިއަން މޫދުން އެރިތަން އެކަކަށްވެސް ނުފެނޭވިއްޔަ..” ލިލިއަން އާއެކު މޫދަށް އެެރި އުޅުން އަންހެން ކުއްޖަކު ލިލިއަންގެ ސުވާލަށް ޖަވާބު ދެމުން ލިލިއަން ހޯދުމަށް މޫދަށް އެރި އުޅުނު ފިރިހެންވެރިން ދައްކާލަމުން ބުނެލިއެވެ.

ލިލިއަން އަށް މޫދުން އަރައިގެން އަންނަ ފިރިހެނުންނަށް ނަޒަރު ހިންގާލިއެވެ. އޭނާގެ ސަބަބުން އެފަދަ ބޮޑު ހައިޖާނެއް އުފެދި ދާނެކަމަށް ލިލިއަން ހިޔެއް ނުކުރެއެވެ. ކުއްލިއަކަށް ލިލިއަންގެ ނަޒަރު އަމާޒުވީ މޫދުގެ ވަކި ހިސާބެއްގައި ހުއްޓިގެން ހުރި ދިޔާން އަށެވެ. އެދެލޯ ލިލިއަންގެ މޫނުން ކަސިޔާރުވުމެއްނެތް އިރު ހަޤީޤަތުގައިވެސް އޭނާއަކީ ލިލިއަންކަން ޔަޤީންކުރަން ދިޔާން މަސައްކަތް ކުރަމުންދާފަދައެވެ.

” ސޮ.. ސޮރީ ނުބުނެ ދެވުނީމަ.. ހިޔެއް ނުކުރަން މި ކަހަލަ ކަމެއް ވާނެކަމަކަށް..” ލިލިއަން ލަދުވެތި ގޮތަކަށް އިސްޖަހާލަމުން ބުނެލިއެވެ.
” އިޓްސް ފައިން.. އެކަންތައް ދެން އެނިމުނީނު.. ލިލިއަން ހެޔޮ ހާލުގަ ހުރިކަން އެނގުން އެއީ އެންމެ މުހިއްމުކަމަކީ.. އަހަރެމެންނަށްވެސް ހާސްވެފަ ހުރި ވަރުން މާ އަވަހަށް ގޮތް ނިންމުނީ.. ” މާޔާ ހިނިތުންވެލަމުން ބުނެލިއެވެ.

މޫދުން އަރައިގެން އައި ދިޔާން އަށް އޭނާގެ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން އުނދަގޫވިއެވެ. ހިތް އެވަޤުތު ބޭނުންވީ ލިލިއަން ގެނެސް އޭނާގެ މޭގެ ތެރޭގައި ފޮރުވާލުމަށެވެ. މީގެ އިރުކޮޅެއް ކުރިން އޭނާގެ ހިތަށް ކުރަމުން ދިޔަ އަސަރަށް ލުޔެއް ހޯދުމަށެވެ.

” އެންމެން ކީއްވެ ތިތިބީ ކެނޯތައް ދުއްވަން ނުފަށާ..؟” ސަދޫފްގެ އަޑާއެކު އެންމެންނަށް އެދިމާއަށް ބަލައިލެވުނެވެ. ސަދޫފް އައީ އޭނާގެ ދެ އެކުވެރިންނާއެކު ބޯވަތަކުގެ ހަންނޮޅާ ސާފުކޮށްގެންނެވެ. އެހެންކަމުން އަތިރިމަތީގައި ހިނގި އެއްވެސް ކަމެއްގެ ހިލަމެއްް އެމީހުންނަކަށް ނުވެއެވެ.މާޔާ ސަދޫފް އަށް ވީގޮތް ކުރު ގޮތަކަށް ކިޔައިދިނެވެ. އޭނާ ނެތް ވަޤުތެއްގައި އެފަދަ ބޮޑު ކަމެއް ހިނގިކަން އެނގުމުން ސަދޫފްވެސް ހުރީ ޝޮކެއްގައެވެ.   އިރުކޮޅެއްގެ ތެރޭގައި ހުރިހާ ކަމެއް ހަމަޔަކަށް އެޅި، އޮޅުންއެރުންތައް ފިލައިގެން ދިޔައެވެ. އެންމެންވެސް ވީކަންތަށް ބާއްވަމުން ދަތުރުގެ މަޖާ ވައިގާ ހިފާތޯ މަސައްކަތް ކުރަން ފެށިއެވެ. އެންމެން އެކުގައި ކެނޯ ދުއްވުން ވެގެންދިޔައީ ނުހަނު މަޖާ ކަމަކަށެވެ. އެއްބަޔަކު އަނެއްބަޔަކާ ރޭސް ޖަހަމުން ކެނޯ ދުއްވުން ނިމުނު އިރު އަސުރުން ތިރިވެއްޖެއެވެ.

ހަވީރު ފެންވަރައިގެން ރަށުތެރެ ބަލައިލުމަށް އެންމެން އެކުގައި ނުކުތެވެ. ދިޔާންވެސް އޭނާގެ ކެމެރާގައި ރަށުގެ ހަނދާންތައް ރައްކާކުރަމުން ދިޔައެވެ. ހަވީރުގެ ސަޔަށް ލުއިގޮތަކަށް  އިންސާފުކުރުމަށްފަހު މަޣްރިބް ނަމާދަށް އެންމެން ތައްޔާރުވިއެވެ.

 ނަމާދު ވަޤުތު އައިސް ޖެހުމާއެކު އެންމެން ޖަމާޢަތް ހަދައިގެން ނަމާދު ކުރިއެވެ. އެއަށްފަހު އެންމެން ތައްޔާރުވާން ފެށީ ރޭގަނޑު ބާއްވަން އެންމެން އެއްބަސްކީ ބާބަކިއު އަށް އެއްޗެހި ތައްޔާރު ކުރުމަށެެވެ. ރަށުގެ ފަޅު ތެރޭން ބޭނި ފިލޮޅާއި މާ ރޮނޑު ފަދަ ފަރުމަސްތައް ހުޅުނބު ޖަހާ ފިހަން ތައްޔާރު ކުރިއެވެ. ސަދޫފްމެން ހިފި ބޯވަތައްވެސް  ފިހަން ތައްޔާރު ކުރެވުނެވެ. އަދި ރަށުން ގެނައި ސޮސެޖާއި ކުކުޅު އަދި އަލުވިއާއި ބިސްވެސް ފޮއިލް އޮޅުމަށްފަހު އަލިފާންގަނޑަށް ފިހަން ލިއެވެ. އަންހެންެވެރިން ރޮށި ފިހެ ގާލިކް ބްރެޑް ހެދުމުގެ މަސައްކަތް ކުރަމުން ގެންދިޔައެވެ.

 މުޅި ތަން އެއްވަސް ވެފަަައިވަނީ ފިހެވެމުން ދިޔަ ބާވަތްތަކުން އަރަމުންދާ ވަހުންނެވެ. އަލިފާންގަނޑުގެ ދޮށުގައި އެއްބަޔަކު ހަރަކާތްތެރި ވަމުން ދިޔައިރު އަނެއްބަޔަކު އުޅުނީ ސުފުރާމަތި ތައްޔާރު ކުރުުމުގައެވެ. ހުރިހާ އެއްޗެއް ފިހެ ނިމެ ކެއުމަށް އިންސާފުކުރުމަށްޓަކައި އެންމެން ބުރަކަށް އިށީނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ގާތުގާވުމަށް ހިތް އެދެނީ (16)

Next

ދޫކޮށްފައި ދިޔައީ އަހަރެން ކޮންކުށެއް ކޮށްގެން ހެއްޔެވެ؟

Next
August 31, 2021

ދޫކޮށްފައި ދިޔައީ އަހަރެން ކޮންކުށެއް ކޮށްގެން ހެއްޔެވެ؟

Previews
August 30, 2021

ގާތުގާވުމަށް ހިތް އެދެނީ (16)



All Right Reserved!